}

Monday, December 1, 2008

އެއިޑްސްގެ ނުރައްކާތެރިކަން – ހައްލަކީ އިސްލާމީ ރިވެތި އަޚްލާޤު


އަބްދުﷲ ޝާކިރު މުޙައްމަދު

އޭނާ މި ފަނާވެދަނިވި ދުނިޔެއާއި ވަކިވެގެންދިޔައީ އޭނާގެއުފާވެރި ހިނިތުންވުން އެނުބައި ބަލީގެ ޝިކާރައަކަށްވެގެންނެވެ. މަގުތައްމަތީގައި އަވާރާކަންމަތީ މަގުއޮޅިފައިވާ ކުއްޖެއްފަދައިން އޭނާ އުޅުމަށް މަޖުބޫރުކުރުވީ ޅައުމުރުގައި އޭނާއާ ކުރިމަތިވި ޖިންސީ ހާނިކަތަކެވެ. ނަތީޖާއެއްގެގޮތުން އޭނާއުޅެންޖެހިފައިވަނީ ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ބިރުވެރިކަމެއްގެ ތެރޭގައެވެ. އަދި މި ހިތާމަވެރި ތަޖުރިބާގެ ސަބަބުން އޭނާގެ ސިކުނޑި ފުރިހަމަވެ ބޮޑުމީހަކަށްވުމުގެ ފުރުޞަތު އޭނާއަށް ގެއްލިގެން ދިޔައެވެ. އަދި ނަފްސާނީ އެތަކެއް ބަލިތަކެއްގެ ޝިކާރައަކަށްވެ އެކަމަށްޓަކައި އެތަކެއް ފަރުވާތަކެއް ކުރަންޖެހުނެވެ. އޭނާގެ ދުވަސްވީ މައިންބަފައިން އޭނާއަށް އެހީތެރިވުމަށް ކޮށްދިންމަސައްކަތްތައް ބޭކާރުކޮށް ތަކުރާރުކޮށްފިލައިގެން މަގުމަތީގައި އުޅެންފެށިއެވެ. އަދި އޭނާގެ މި ނިކަމެތި ހާލުގެ ބޭނުން އެތައްބަޔަކު ނާޖާއިޒުގޮތުގައިހިފާ، އެންމެފަހުން ނުރައްކާތެރި އެއިޑްސް ބަލީގެ ޝިކާރައަކަށްވެ އޭނާގެ ފުރާނަ ދުނިޔެއާއި ވަކިވެގެން ދިޔައީއެވެ. މިއީ އެފްރިކާގައި ދިރިއުޅެމުންދިޔަ މުސްލިމް އުޚްތަކަށް ދިމާވި ހިތްދަތި ތަޖުރިބާއެވެ.
2007 ވަނަ އަހަރު އެކަނިވެސް އެއިޑްސްބަލީގައި 2 މިލިއަނަށް ވުރެ ގިނަ މީހުން މިދުނިޔެ ދޫކޮށްފައިވެއެވެ. އަދި 2.7 ލައްކައަށްވުރެ ގިނަ ކުޑަކުދިން މިބަލީގެ ޝިކާރައަކަށްވެ މިދުނިޔެދޫކޮށްފައިވެއެވެ.
އަޅުގަނޑުމެން ދެނެގަންނަންޖެހޭ ހަޤީގަތަކީ އެއިޑްސްބައްޔަކީ އަޅުގަނޑުމެންގެ މަތިވެރި ދީނާއި ބީރައްޓެހި ބައްޔެއްކަމެވެ. އިސްލާމް ދީނަކީ ހަމައެކަނި ދީނެއް ނޫނެވެ. އިސްލާމްދީނަކީ ދިރިއުޅުމުގެ މަތިވެރި ނިޒާމެކެވެ. އެ ނިޒާމުގެ ތަށުން ތިމާއާއި އަނެކާއަށް ރައްކާތެރިކަން ލިބިދޭ އެންމެހާކަންކަން ކަންޑައަޅުއްވައި އެގޮތުގައި ދިރިއުޅުމަށް އަންގަވާފައިވެއެވެ. ކަންމިހެން އޮތްނަމަވެސް ކުރިން އަޅުގަނޑު ދެންނެވި ވާހަކައިގައި މިދުނިޔެ ދޫކުރި އުޚްތު ފަދައިން އަޅުގަނޑުމެންގެ މި މުސްލިމް މުޖުތަމައުގައިވެސް އެއިޑްސްބަލި އަންނަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

އދ ގެ އެއިޑްސް ބައްޔާއިބެހޭ ޕްރޮގްރާމްގެ ފަރާތުން ނެރެފައިވާ ރިޕޯޓް ބުނާގޮތުން ދެކުނު އެފްރިކާއާއި، މެދުއިރުމައްޗާއި، އޭޝިއާގެ މުސްލިމް އާބާދީތަކުގައި ޖުމްލަ އެއް މިލިއަނަށްވުރެ ގިނަ މީހުން އެއިޑްސްބަލީގައި ދިރިއުޅެމުން އެބަގެންދެއެވެ.
މުސްލިމުންގެ ތެރެއިން ގިނަބަޔަކު ސިފަކުރާގޮތުގައި އެއިޑްސް ބައްޔަކީ ތިމާކުރާ ނުބައި ޢަމަލުތަކެއްގެ ސަބަބުން ތިމާއަށް އަދަބުލިބިގެންދާ ހަރުގެއެކެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމާއި ނަހަމަޖިންސީ ގުޅުންތަކަކީ މިބަލީގެ ޝިކާރައަކަށް މީހާ ހުށަހަޅައިދޭ ސަބަބުތަކެވެ. އެހެންނަމަވެސް މިބަލީގައި ހަތަރުލައްކައަށްވުރެ ގިނަ ކުޑަކުދިން އުޅެމުންދާކަމީ މިބަލި މިއަދު އަޅުގަނޑުމެންގެ ތެރޭގައި ފެތުރިފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.
އެއިޑްސްބަލި އިސްލާމީ މުޖުތަމައުގެ ތެރޭގައި ފެތުރެމުންމިދާ ނިސްބަތުން މިކަމަށްޓަކައި މުޅި އިސްލާމީ އުންމަތްމިވަނީ ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައެވެ. އިސްލާމީ މުޖުތަމަޢު ހޭލުތެރިކުރުވަން ޖެހިފައެވެ. އެއިޑްސް ބައްޔާ ދެކޮޅަށް މަސައްކަތްކުރާ ހުޅަނގުގެ އަމިއްލަޖަމިއްޔާތަކުން ހާމަކޮށްފައިވާ ގޮތުގައި އިސްލާމީ މުޖުތަމައުން އެއިޑްސްބަލި ނައްތާލުމަށްޓަކައި އެމީހުންގެ ދީނީ އަޤީދާ ހަރުދަނާކޮށް އީމާންތެރިކަން ވަރުގަދަކުރުން ފުދެއެވެ. އިސްލާމީ ރިވެތި އަޚްލާގުން ޒީނަތްތެރިވެއްޖެނަމަ އެކަންކުރުމަކީ އުނދަގޫކަމަކަށް ނުވާނެކަން ކަށަވަރެވެ.
އިސްލާމްދީން ބިނާވެފައިވަނީ ރިވެތި އަޚްލާގާއި ސުލޫކުން ޒީނަތްތެރިވެ ފާހިޝް ނުބައި އަމަލުތަކާއި ޝައިތާނީ ޢަމަލުތަކުން ދުރުވުމުގެ މައްޗަށެވެ. އެގޮތުން ތިމާގެ އަމިއްލަ ނަފުސާއި އާއިލާ އާއި މުޖުތަމައު އެންމަހައި ފާސިގު ނުބައިކަމަކުން ރައްކާތެރިކުރަންޖެހެއެވެ. ތިމާ އިޞްލާހުވެހުރެ އަނެކާ އިޞްލާޙްކުރުމަށް މަސައްކަތްކުރަންޖެހެއެވެ.
"ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް އަމުރުކުރާ، އަދި ނުބައިކަންތައްނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ" (آل عِمرَان 104)
މި ސަބަބާއިހުރެ މުސްލިމް މުޖުތަމަޢުއެއްގައި އިސްލާމީ ގިއުގަނޑުން ބޭރުގައި އެއިޑްސްބައްޔާއި ބެހޭގޮތުން ވާހަކަދެއްކުމަކީ ކޮށްގެންވާނޭ ކަމެއްނޫނެވެ. ޝައްކެތްނެތްގޮތުގައި އެއީ ކޮންމެ ބައްޔެއްކަމުގައި ވީނަމަވެސް އެބައްޔެއްޖެހިފައިވާ ބަޔަކަށް އަޅާލާ ކަމޭހިތުމަށާއި ބަލިވުމުން އެބައްޔަކަށް ފަރުވާކުރުމަށް އިސްލާމްދީން ބާރުއަޅާފައިވެއެވެ. އެހެންނަމަވެސް އެބަލިން ރައްކާތެރިވުމަށްޓަކައި އިސްލާމީ އުޞޫލާއި ޚިލާފް ކަންތައްތައް ތަޢާރަފުކުރުމާއި އިސްލާމީ ރިވެތި އުޞޫލުތަކުން މީހުން އެއްކިބާކުރުމަށް މަގުފަހިވާނޭހެން ކަންކަން ކުރުމީ ކޮށްގެން ވާނޭ ކަމެއްނޫނެވެ. އަދި އެބަލިން މުޖުތަމައު ރައްކާތެރިކުރުމަށް ދެކެވޭ ވާހަކަތަކުގައި އިސްލާމްދީނުގައި ކަނޑައެޅިގެން މަނާކުރައްވާފައިވާ ކަންކަންކުރުމަށް މަގުފަހިވާނޭހެން މީހުންނަށް މަޢުލޫމާތުދީ ޅަސިކުނޑިތައް ހާނުވައިގެން ނުވާނެއެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި ޒިނޭކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ ކަންކަމެވެ. ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އަދި ތިޔަބައިމީހުން ޒިނޭއާ ކައިރިނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަންބޮޑުވެގެންވާ ފާފައެއްކަމުގައިވިއެވެ. އަދި މަގެއްގެގޮތުން އެކަން ހާދަހާ ނުބައިވެގެންވެއެވެ" ( الإسرَاء 32 )
އިސްލާމްދީނުގައި ޒިނޭކުރުމާއި، އެއްޖިންސުން ގުޅުންހިންގުމާއި، ރާބުއިންފަދަކަންކަން ހަމައެކަނި ހަރާމް ކުރައްވާފައިވަނީއެއްނޫނެވެ. އެފަދަކަންތައްތަކަށް މަގުފަހިވާނޭ އެންމެހާކަންތައްތަކުން ދުރުވުމަށްވެސް އަންގަވާފައިވެއެވެ.
ކަންމިހެން އޮތްނަމަވެސް މިއަދު އަޅުގަނޑުމެންގެ ތެރެއިން ފެންނަމުންދަނީ ތަފާތު މަންޒަރުތަކެކެވެ. އެއިޑްސްފަދަ ނުރައްކާތެރި ބަލިތަކުގެ ހައްލެއްގެގޮތުގައި ޅަ ސިކުނޑިތަކަށް ވިސްނައިދެނީ ހުރަސްބޭނުން ކުރުމަށެވެ. ނުވަތަ މަސްތުވާތަކެތިބޭނުންކުރާއިރު ކަށިފަދަ ތަކެތި ބޭނުންކުރުމަށެވެ. މިއީ ހިތާމަހުރިކަމެކެވެ. އިސްލާމީ ރިވެތި އުޞޫލުތަކަށް މަގުދައްކައިދީ އެކުދިންނަށް އެގޮތަށް ޢަމަލުތައް ސީދާކުރުމަށް ދަސްކޮށްދިނުމުގެބަދަލުގައި އިސްލާމްދީނުގެ ދުޝަމަނުންނާއި ހުޅަނގުގެ ހަމަތައް އެކުދިންނަށް މިގެންދެވެނީ ދަސްކޮށްދެމުންނެވެ. ސްކޫލްތަކުގައި ޖިންސީގުޅުމާއިބެހޭ ތަޢުލީމްދަނީ ފަތުރަމުންދާއިރު ރައްކާތެރިކަމާއެކު ޖިންސީގުޅުން ހިންގުމަށް އެކުދިންނަށް ފިލާވަޅުތައްދަނީ ނަގައިދެމުންނެވެ.
މިއަދު އަޅުގަނޑުމެން މިކަންކަމަށް ހޭ އަރަންވެއްޖެއެވެ. އަޅުގަނޑުމެންގެ ތަޢުލީމުގެތެރޭގައި މިފަދަ ވާހަކަތައް ބުނެދެވޭއިރު އިސްލާމީ ގިއުގަނޑުގެތެރެއިން އެކުދިންނަށް މަޢުލޫމާތުތައް ފޯރުކޮށްދޭންޖެހެއެވެ. އިސްލާމްދީން އަމުރުކުރަނީ ތިމާގެ ޢަމަލުތައް ސީދާކުރުމަށާއި ތިމާގެ ނަފުސު ޠާހިރު ކުރުމަށެވެ. ތިމާއަކީ އިއްފަތްތެރިއަކަށް ވުމަށެވެ. މިއަދު އަޅުގަނޑުމެން ކުރަންވީކަމަކީ މިއުޞޫލު ހުޅަނގުގެ އަހުންނާ އުޚުތުންނައްވެސް ފޯރުކޮށްދޭންވީއެވެ. އަޅުގަނޑުމެންގެ ޅަދަރިންގެ ހިތްތަކުގައި ދީނީ ލޯބި އިތުރުކުރުމަށް މަސައްކަތްކުރަންވީއެވެ. ދީނީ އިލްމުވެރިންގެ އަގުހުރި ނަސޭހަތްތައް ތަކުރާރުކޮށް އެކުދިންނަށް އިއްވުމަކީ އެކުދިން އިޞަލާޙްވުމަށް އެޅިގެންދާނޭ މުހިންމު ފިޔަވަޅެކެވެ.
އިސްލާމީ މުޖުތަމަޢެއްގައި އެއިޑްސްފަދަ އަޚްލާޤީ ނުބައި އާދަތަކުން ފެތުރޭބަލިތަކާއި ބެހޭގޮތުން މަޢުލޫމާތުފަތުރާ ނަސޭހަތްދޭއިރު އިސްލާމްދީނަކީ ތައުބާގެ ދޮރު އަބަދުވެސް ހުޅިވިފައިވާދީނެއްކަން ހާމަކޮށްދޭންޖެހެއެވެ. މުޖުތަމައުގައި ފެތުރިފައިވާ ނުބައި ފާހިޝް ޢަމަލުތަކުން ދުރުވެ ތަޢުބާވުމަށް ބާރުއަޅަންޖެހެއެވެ. އެގޮތުން އެފަދަ އަމަލުތަކުންދުރުވެ އެފަދަ އަމަލުތަކަށް ދެވަނަފަހަރަށް ހުރަހެޅިނުގަތުމަށް ބާރުއަޅާ ނަސޭހަތްދޭންޖެހެއެވެ. ތަޢުބާގެ ދޮރަކީ އެއްވެސް އިންސާނަކަށް ބަންދުކުރެވޭނޭ ދޮރެއްނޫނެވެ.
"ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފްކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲއީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." (الزُّمَر 53)
އިސްލާމްދީނަކީ ރަޙްމަތުގެ ދީނެކެވެ. ދިރިއުޅުމުގެ ހުރިހާ މަންހަޖުތަކެއް އެންމެފުރިހަމަގޮތުގައި ބަޔާންވެގެންވާ މަތިވެރި ދީނެކެވެ. އެެހެންކަމުން އަޚްލާޤީ ސިފަތަކުގެ ތެރެއިން އެންމެހާ ނުބައި ސިފަތަކާއި އެކަމަށް މަގުފަހިވާނޭ ކަންކަން އެދީނުގައި ވަނީ މަނާކުރައްވާފައެވެ. މިގޮތުގައި އަޅުގަނޑުމެންނަށް ސާބިތުވެ ތިބެވިއްޖެނަމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޤައުމުންނާއި އިސްލާމީ މުޖުތަމައިން އެއިޑްސްފަދަ ބަލިތައް ނައްތާލުމަކީ އުނދަގޫކަމަކަށް ނުވާނެއެވެ. މާތް ﷲ އެކަމުގައި އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤްދެއްވާށިއެވެ. އާމީން

No comments: