}

Thursday, December 24, 2009

އާދު ޤައުމުގެ މީހުން ޙަލާކުކުރެއްވީ ވައިގެ ޠޫފާނަކުންނެވެ.

އާދު ޤައުމުގެ މީހުން ނުވަތަ އާދު ބާގައިގެ މީހުން ހަލާކުކުރެއްވުނީ މާތްﷲ އެބައި މީހުންގެ މައްޗަށް ހަތް ރެއާއި އަށްދުވަސް ވަންދެއް މެދުކެނޑުމެއްނެތި ފޮނުއްވި ވައިގެ ޠޫފާނެއްގެ ސަބަބުންނެވެ.
"އަދި އާދު ބާގައިގެ މީހުން ދަންނާށެވެ! ފަހެ، ގަދަފަދަ ފިނިވަޔަކުން އެއުރެން ހަލާކުކުރެއްވިއެވެ. އެކަލާނގެ އެއުރެންގެ މައްޗަށް ހަތްރެޔާއި، އަށްދުވާ ވަންދެން ވިދިވިދިގެން އެ ވައި ފޮނުއްވިއެވެ. ފަހެ، އެ ޤައުމުގެ މީހުން ހޭނެތިގެން ވެއްޓިފައިވާތީ ތިބާ ދެކޭނޫއެވެ. އެއުރެންނެކޭ، ހޮއިހެދިފައިވާ ކަދުރު ރުކުގެ ބުޑުތަކެކޭ އެއްފަދައެވެ. ފަހެ، އެއުރެންގެ ތެރެއިން ސަލާމަތްވި އެކަކުވެސް ތިބާއަށް ފެނޭހެއްޔެވެ؟" (الحَاقَّة 8-6)

Saturday, December 12, 2009

ޖުލައިބީބް (رضي الله عنه) – - މާޔޫސްވެފައިވާ ހިތްތަކަށް އިބްރަތްތެރި ފިލާވަޅެއް

މި އުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ސަހާބީންގެ ތެރޭގައި ރަން އަކުރުން ފާހަގަކުރެވޭފަދަ އެތަކެއް ސަހާބީންނެއްވަނީ މިއުންމަތުގެ އަލިގަދަ ތާރީޚްގެ ތެރޭގައި ހިމެނިގެންގޮސްފައެވެ. އޭގެތެރެއިން ބައެއް ބޭކަލުންނަކީ އެބޭކަލުންނަށް އިސްލާމީ ތާރީޚްގައި ދެވިފައިވާ މަޤާމާއި ހައިޞިއްޔަތުގެ ގޮތުން ބަޠަލުންގެ ދަރަޖަ ތާރީޚްގައި ދެވިފައިވާ ބޭކަލުންނެވެ. އަދި އަނެއްބައި ބޭކަލުންނަކީ އެބޭކަލުންގެ ޒާހިދު ސާދާ ދިރިއުޅުއްވުމުގެ ސަބަބުން ތާރީޚްގެ ޞޮފްހާތަށް އުކަމުންދާ ދިއުމުގައި އެންމެ އެކަށޭނަގޮތުގައި އެބޭކަލުންގެ ޒިކުރުނުކުރެވިވާ ބޭކަލުންނެވެ. އެހެންނަމަވެސް އެބޭކަލުންނަކީ އިސްލާމީ އުންމަތުގައި ޚާއްޞަގޮތެއްގައި އުންމަތުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ އަރިހުގައި ޚާއްޞަ ޤަދަރަކާއި މަތިވެރިކަމެއް ލިބިގެންވާ ބޭކަލުންތަކެކެވެ. މިގޮތުން ޖުލައިބީބް (رضي الله عنه) އަކީ އިސްލާމީ ތާރީހުގައި ކުރިން ދެންނެވުނު ފަދަ ރަން އަކުރުންލިޔެވިގެން ހަނދުމަކުރެވިގެންދާ ބަޠަލުންގެ ތެރޭގައި ހިމެނިވަޑައިނުގެންނެވިނަމަވެސް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ އަރިހުގައި ލޮބުވެތިކަމާ މާތްކަން ލިބިވަޑައިގެންފައިވާ ސަޙާބީބޭކަލެކެވެ.

Friday, December 4, 2009

ހަސަދަވެރިކަން އަދި އޭގެ ފަރުވާ

"ހަސަދަވެރިކަމުން ރައްކާތެރިވާށެވެ. ހަމަކަށަވަރުން އެއީ އަލިފާނުން ދަރު އަންދާފަދައިން ހެޔޮކަންތައްތައް އަންދާލާކަމެކެވެ."



ހަސަދަވެރިކަމަކީ އެއްއިންސާނަކު އަނެއްއިންސާނަކާއިމެދު އުފެދޭ ޖަޒުބާތުތަކާއި އިޙްޞާސްތަކުގެ ތެރެއިން އިންސާނާއަށް އެންމެ ގެއްލުންކުރަނިވި ޖަޒުބާތެވެ. މި ޖަޒުބާތުގެ ސަބަބުން އަނެކާގެ މައްޗަށް މުސީބާތްކުރިމަތިވުމަށް އެދުންވެރިވެ އަނެކާއަށް ކުރިމަތިވާ މުސީބާތްތަކުގެ ސަބަބުން ތިމާގެ ހިތައް އުފާވެރިކަމުގެ އިޙްސާސްވެރިކުރުވައެވެ. ހަސަދަވެރިކަމުގެ ނުބައިކަމުން ރައްކާތެރިވުމަށް މިއުންމަތައް އިރުޝާދުދެއްވަމުން މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ހަސަދަވެރިކަން ސިފަކުރައްވާފައިވަނީ އެއަލިފާނަކަށްލެވޭ ދަރުތަށް އެކީ އަނދާހުސްކޮށްލާ މިސާލުގައެވެ. އެކަލޭގެފާނުގެ ހަދީޘްފުޅުގެ މާނައިގައިވެއެވެ. "ހަސަދަވެރިކަމުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން އެއީ އަލިފާނުން ދަރު އަންދާފަދައިން ހެޔޮކަންތައްތައް އަންދާލާކަމެކެވެ." (އަބޫ ދާވޫދް)

Thursday, November 12, 2009

ޕޮމްޕޭގެ ނިމުން ފާޅުވެ ފެންނަންހުރި މިސާލެއް


ކީރިތި ޤުރުއާނުގެ އަންނަނި އާޔަތުގައި މާތްﷲ ވަނީ އެކަލާނގެ ޤާނޫނަށް ބަދަލެއް ނާންނާނެކަން އަންގަވާފައެވެ.

"އެއުރެންގެ އެންމެ ގަދަ ހުވައިން ﷲ ގަންދީ އެއުރެން ހުވާކޮށް ބުނޫއެވެ. ހަމަކަށަވަރުން، އެއުރެންގެ ގާތަށް ބިރުވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ވަޑައިގެންފިނަމަ، އެހެން ކޮންމެ އުންމަތަކަށްވުރެން ތެދުމަގު ލިބުން ބޮޑުބަޔަކު ކަމުގައި އެއުރެން ވާނެކަން ކަށަވަރެވެ. ފަހެ، ބިރުވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު އެއުރެންގެ ގާތަށް ވަޑައިގެންނެވިހިނދު، އެއިން ނަފުރަތުވެ، ދުރުހެލިވުންމެނުވީ، އެއުރެންނަކަށް އިތުރެއް ނުވިއެވެ.
އެއީ ބިންމަތީގައި ބޮޑާވެގަތުމުގެ ގޮތުންނެވެ. އަދި ނުބައި މަކަރުވެރި ރޭވުމުގެ ގޮތުންނެވެ. އަދި ނުބައި މަކަރުވެރި ރޭވުން އޭގެ އަޙުލުވެރިންނަށް މެނުވީ ނުޖެހޭނެތެވެ. ފަހެ އިސްވެދިޔަ މީހުންނާމެދު، ﷲ ކަންހިންގެވިގޮތަށް މެނުވީ އެއުރެން އިންތިޒާރު ކުރޭހެއްޔެވެ؟ ފަހެ، ﷲ، ކަންހިންގަވާގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ. އަދި ﷲ، ކަންހިންގަވާގޮތް އެހެން ފަރާތަކަށް އަނބުރައިލެވޭތީވެސް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ. (فَاطِر 42-43)

Sunday, November 1, 2009

ޤުރުއާނުގެ ވާހަކަތަކުން:



އަޅުވެރި ބަރްސީސާއާއި ޝައިޠާނާ


كَمَثَلِ الشَّيْطَانِ إِذْ قَالَ لِلإِنْسَانِ اكْفُرْ فَلَمَّا كَفَرَ قَالَ إِنِّي بَرِيءٌ مِنْكَ إِنِّي أَخَافُ اللَّهَ رَبَّ الْعَالَمِينَ (16)
فَكَانَ عَاقِبَتَهُمَا أَنَّهُمَا فِي النَّارِ خَالِدَيْنِ فِيهَا وَذَلِكَ جَزَاءُ الظَّالِمِينَ (17)

"ޝައިޠާނާގެ މިސާލުގައެވެ. އެކަލޭގެ އިންސާނާއަށް ކާފިރު ވާށޭ ބުނިހިނދެވެ. ފަހެ، އެ އިންސާނާ ކާފިރުވީހިނދު ޝައިޠާނާ ބުންޏެވެ. ހަމަކަށަވަރުން، ތިމަންވަނީ، ތިބާގެ ކިބައިން ބަރީއަވެގެންނެވެ. ހަމަކަށަވަރުން، ޢާލަމްތަކުގެވެރި ﷲ އަށް ތިމަން ބިރުގަނެތެވެ.
އެ ދެމީހުންގެ ނިމުމެއް ކަމުގައިވާނީ. އެ ދެމީހުން ނަރަކައަށް ވަނުމެވެ. އެތާނގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އަދި އެއީ އަނިޔާވެރިންގެ ޖަޒާއެވެ." (الحَشر 16-17)

Friday, October 30, 2009

ދުނިޔޭގެ ފަނާވަނިވި ޒީނަތަށް ހެއްލުންތެރިނުވާށެވެ!


އެއްދުވަހަކު މީހަކަށް ހުވަފެނުގައި އޭނާގެ ފަހަތުން ސިންގާއެއް ދުވާތީ ފެނުނެވެ. އަދި އޭނާ ދުވެފައިގޮސް ގަހަކަށްއަރާ އެއިން ސަލާމަތްވުމަށް ގަހުގެ އޮފިގަނޑެއްގެ މަތީގައި އިށީނެވެ. އިރުކޮޅަކަށްފަހު އޭނާ ތިރި ބަލާލިއިރު އަދިވެސް އެއްކަލަ ސިންގާ ދުރަށްނުގޮސް އޭނާގެ އިންތިޒާރުގައި އޮތަތީ ފެނުނެވެ.
ބިރުން ހުރެ އޭނާ ގަހުގެ އޮފިގަނޑު ގަހާއި ގުޅިފައިވާތަނަށް ބަލާލިއިރު އޭނާއަށްފެނުނީ ދެމީދާ އެކަތިފަހާ އަނެކަތި އެ އޮފިގަނޑުގެ ވަށައިގެން ކަމުން ދުވާތީއެވެ. އޭގެ ތެރެއިން އެއް މީދަލަކީ ހުދު މީދަލެކެވެ. އަދި އަނެއް މީދަލަކީ ކަޅު މީދަލެކެވެ. މީދާތަކުގެ މި ޢަމަލުގެ ސަބަބުން އޮފިގަނޑު އިސާހިތަކު ކަނޑައިގެން ވެއްޓިދާނެކަން އޭނާއަށް ޔަޤީންކުރެވުނެވެ.

Thursday, October 29, 2009

ތިބާގެ ވާހަކަތައް ތިންފުރޭނިން ފުރާނާލާށެވެ.

އައްބާސީ ޚިލާފަތުގެ ރަންދުވަސްވަރުގައި، އެ ޚަލީފާކަމުގެ ވެރިރަށް ކަމުގައިވާ ބަޣުދާދުގައި ވަރަށް ވިސްނުންފުޅު ތޫނު އިލްމުވެރިއަކު ދިރިއުޅުއްވިއެވެ.
އެއްދުވަހަކު ޝޭޚްގެ އަރިހުގައި ދިރިއުޅޭ މީހަކު ޝޭޚްގެ ގާތަށް ހާޟިރުވެ ދެންނެވިއެވެ. "އޭ ޝޭޚްއެވެ، ޝޭޚްގެ ރަޙްމަތްތެރިޔާއާއިގުޅޭގޮތުން ދެންމެ އަޅުގަނޑަށް އަޑުއިވުނު ވާހަކައެއް ދަންނަވަންތޯއެވެ؟"
ޝޭޚް ކުއްލިއަކަށް ހުއްޓިވަޑައިގެން ވިދާޅުވިއެވެ. "އެހަށް މަޑުކޮށްލައްވާށެވެ." ތިބާ ތިޔަ ވާހަކަ ބުނުމުގެކުރިން ތިމަންނާ މިދޭ އިމްތިޚާނުން ތިޔަ ވާހަކަ ފާސްވޭތޯ ބަލާލަން ބޭނުމެވެ. މި ޓެސްޓަކީ ތިން ފުރޭނީގެ އިމްތިޚާނެކެވެ."

Monday, October 26, 2009

އިސްލާމީ ޝަރީއަތް: ހިކްމަތްވަންތަ ރަޙްމާންވަންތަ ރަޙީމްވަންތަ ރައްބުލް ކާއިނާތުގެ ޤާނޫނު.

އިސްލާމް ދީނަކީ މުޅިދިރިއުޅުމުގެ އެންމެހާ ކަމަކަށް ރިޢާޔަތްކުރެވިފައިވާ ދިރިއުޅުމުގެ އެންމެހާ އުޞޫލުތަކާއި ހަމަތައް ކަނޑައެޅިބަޔާންކުރެވިފައިވާ މަތިވެރިދީނެކެވެ. އެދީނުގައިވަނީ ފަރުދީ ގުޅުންތަކާއި، އިޖްތިމާއީ ގުޅުންތަކާއި، އެހެނިހެން ދީންތަކުގެ މީހުންނާއިމެދު އޮންނަންޖެހޭ ގުޅުންތަކާއި، އިޖްތިމާއީ އިޤްތިޞާދީ އަދި އެނޫންވެސް ދުނިޔަވީ އަދި އުހުރަވީ އެންމެހާ އަސާސްތަކަކަށް ފާޅުވެ އެނގިގެންވާ ހަމަތަކާއި އުޞޫލުތަކެއް ކަނޑައަޅުއްވާފައެވެ. އިންސާނީ ހައްޤުތައް ރައްކާތެރިކުރުމާއި، އަނެކާއަށް އިޚްތިރާމްކުރުމާއި، އަމިއްލަ ނަފްސު ދިފާއުކޮށް ރައްކާތެރިކުރުމަށް އިސްލާމްދީންވަނީ އެންމެފުރިހަމަ ނަމޫނާ އަމަލީގޮތުން އިންސާނުންނަށް ދައްކައިދީފައެވެ. ހަމައެހެންމެ ތިމާގެ ހައްޤުތައް ރައްކާތެރިކުރުމުގައި އަނެކާގެ ހައްޤުތަކަށް ސަމާލުވުމާއި ކުއްވެރިންނަށް އެމީހަކު ކުރިކުށަކަށްވުރެ ބޮޑެތި އަދަބުތައް ނުދިނުމަށް އިސްލާމްދީންވަނީ އަމުރުކުރައްވާފައެވެ.
ވީއިރު އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެހާ ކަމަކަށް މަގުކޮށައިދީފައިވާ އިންސާފުވެރި މަތިވެރި އިލާހީ ދުސްތޫރެއް މީސްތަކުންގެ މައްޗަށް ލާޒިމްކުރައްވާފައިވާ ދީނެކެވެ.

Thursday, October 8, 2009

މަދު ފިޔަވަޅުކޮޅަކުން އެތައްމިލިޔަން ހެޔޮކަމަކާއި ދަރުމައެއް

الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وأصحابه أجمعين، وبعد :
ދުވަސްތަކާއި، މަސްތަކާއި، އަހަރުތައް ފާއިތުވަމުން ތިބާގެ ހަޔާތުން ވަކިވަމުން ދެއެވެ. އެހެންނަމަވެސް ގިނަ އިންސާނުންވެފައިވަނީ އެކަމާއިމެދު ނުވިސްނާ ފަރުވާލެއްނެތް ބައެއްކަމުގައެވެ. ހަމަކަށަވަރުން މާތް ﷲ އެފަދަ މީހުންނާއިމެދު އެބައިމީހުން ހަނދާންނައްތާލާ ފަރުވާކުޑަކުރި ދުވަސްތަކާއިމެދު އެބައިމީހުންނާއި ސުވާލުކުރައްވާނެތެވެ. އެބައިމީހުން ދީނާއިމެދު ފަރުވާކުޑަކޮށް ދުނިޔަވީ ކަންކަމުގައި ވަގުތުތައް ބޭކާރުކުރުމުގެ ނަތީޖާއެއްގެގޮތުން މަދު ވަގުތުކޮޅަކުންވެސް ހޯދިދާނޭ އެތައް ހެޔޮކަމަކުން އެބައިމީހުންވަނީ މަހްރޫމްވެފައެވެ. މިފަދަ ހެޔޮކަންތައްތަކަކީ މަތިވެރިވެގެންވާ ދަރުމަ ލިބިގެންވާ ހެޔޮކަންތައްތަކެކެވެ. އެގޮތުން އެކަމުން ލިބިގެންދާ ހެޔޮދަރުމަޔާއި ސަވާބަކީ އެކަމަށް ތިމާ ހޭދަކުރާ ވަގުތާއި އަޅާކިޔޭ މިންވަރަށްވުރެ އެ އަމަލުތަކެއްގެ އަޖުރު އެތައްގުނައަކަށް އިތުރުވެގެންދާނޭ ހެޔޮކަންތައްތަކެކެވެ.

Sunday, October 4, 2009

(ބަނގު)ރާ ހުރިހާ ނުބައިކަމެއްގެ އަސްލު! އަޅުގަނޑުމެން ޖެހިލަންވީ އެއާ ކައިރިއަށްތޯއެވެ؟

އިސްލާމް ދީނުގައި މައިގަނޑު ފަސްކަމެއް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަމުރުވެވިފައިވެއެވެ. އެއީ ތިމާގެ ފުރާނަޔާއި، ބުއްދިއާއި، މުދަލާއި، ދަރިފަސްކޮޅާއި ދީނެވެ. މިސަބަބުތަކަށްޓަކައި އިސްލާމްދީނުގައިވަނީ ގަސްތުގައި މީހަކު މެރުމާއި، ވައްކަންކުރުމާއި، ރާ ބުއިމާއި، ޒިނޭކުރުމާއި މުރުތައްދުވުމަށް ހަރުކަށި އަދަބު ކަނޑައަޅުއްވާފައެވެ.
މިއަދުގެ ދުނިޔޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރަލާއި މަސްތުވާ އެހެނިހެންތަކެތީގެ ނުރައްކާ އަންނަނީ ހައްދެއްނެތި އިތުރުވަމުންނެވެ. މި ވަބާގެ ސަބަބުން ގެއްލިގެންދާ ފުރާނައިގެ އަދަދު ވަނީ ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވެފައެވެ. ހަމައެކަނި އެމެރިކާގައިވެސް ރަލާއި މަސްތުވާތަކެތީގެ ސަބަބުން އަހަރަކު 100،000 (އެއްލައްކަ) މީހުންމަރުވެއެވެ. ރަލުގެ ސަބަބުން އިންސާނާގެ ނޭވާލުމުގެ ނިޒާމް ގަޑުބަޑުކޮށްލައެވެ. އަދި އޭގެ އަސަރު ސީދާ ލޭގެތެރެއަށް ފެތުރުމުގެ ސަބަބުން ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށްވެސް އޭގެ ނޭދެވޭ އަސަރުކުރުމަކީ އެކަށީގެންވާކަމެކެވެ.
ރަލުގެ ސަބަބުން މީހާގެ ސިކުނޑީގައިވާ ވިސްނުމުގެ ބާރު ދައްކޮށްލާ ހޭވެރިކަން ކުޑަކުރުވައެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ޢަމަލުތައް ބަދަލުވެގެންދަނީ އޭނާއަށް ރައްކާތެރިނޫން ގޮތްތަކަކަށެވެ. ރަލަކީ އޭގައި ތަފާތު ނޭދެވޭ އެތައް އަސަރުތަކެއް އެކުލެވިގެންވާ އެއްޗެކެވެ. އެގޮތުން ތިމާގެ ލޮލުގެ ފެނުމަށް ބަދަލުއައުމާއި، ހިއްސުތަކުގެ ބާރު ކަނޑުވާލުމާއި، ހަށިގަނޑު މިސަރާބުކުރުމުގެ ބާރު ހަލާކުކޮށްލުމާއި، ސިކުނޑީގެ މަސައްކަތްތައް ހުއްޓުވުން ހިމެނެއެވެ. އަދި ގިނަ ޢަދަދަކަށް ރާ ނުވަތަ މަސްތުވާ ބާވަތްތައް ބޭނުންކުރުމުން ބަނޑުގެ ތަފާތު ބަލިތައް ޖެހުމާއި، ޖިންސީގޮތުން ތިމާ ބަލިކަށިވުމާއި، ހިތާއި ނޭވާލުމުގެ ނިޒާމު ހަލާކުވެއެވެ.

Sunday, August 30, 2009

ކޮންމެ މުސްލިމަކީވެސް ތަޤުވާވެރިއަކަށް ވާންޖެހެއެވެ.

އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވިފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤުވާވެރިވުމަށްޓަކައެވެ. (2: 183)
މި އާޔަތުން ޖުމްލަގޮތެއްގައި ދެކަމަކަށް އިޝާރާތްކުރައްވާފައިވެއެވެ. ފުރަތަމަ ކަމަކީ ރޯދައަކީ ހުރިހާ އެންމެންގެ މައްޗަށް ފަރުޟުކުރެއްވިގެންވާ އަޅުކަމެއްކަމެވެ. ދެވަނަ ކަމަކީ ރޯދައަށް ހުރުމުގެ މަޤްޞަދަކީ ތަޤުވާވެރިކަން އިތުރުކުރުންކަމެވެ. އެހެންކަމުން އޮޅުމެއްނެތްގޮތުގައި ތަޤުވާވެރިވުމަކީ ހުރިހާ އެންމެންގެ މައްޗަށް ލާޒިމްކުރާ ސިފައެއްކަން ދޭހަވެއެވެ.

Tuesday, August 11, 2009

އަލުން ގޮސް ނަމާދު ކުރާށެވެ! އެހެނީ ތިބާ އަދި ނަމާދެއް ނުކުރެއެވެ.

މުޢުމިނުންގެ އަމީރު އުމަރު ބުން ޚައްޠާބު އަވަހާރަކޮށްލުމުގެ ޝައިޠާނީ ރޭވުމާއިގެން އަބޫ ލުއު
ލުއު އަލް މަޖޫސީ އަނދިރީގެތެރޭގައި ފިލާހުއްޓެވެ. އުމަރުގެފާނު މީސްތަކުންނާއިގެން ފަތިސްނަމާދުކުރެއްވުމުގައި ވަރަށް ދިގުކޮށް ކިޔަވާ ވިދާޅުވެވަޑައިގަންނަވައެވެ. އެއީ ގަނަބަޔަކަށް ނަމާދުގެ ޖަމާއަތުގައި ބައިވެރިވުމަށް ވަގުތު ދެއްވުމުގެ ގޮތުންނެވެ. އެކަލޭގެފާނު ނަމާދުކުރެއްވުމަށް ހުންނަވަނިކޮށް މަޖޫސީ ކަލޭގެ ފިލާހުރިތަނުން ނުކުމު އުމަރުގެފާނުގެ ކުރިފުޅުމައްޗަށް އަރާ ވިހަލާފައިވާ ޚަންޖަރަކުން އެކަލޭގެފާނަށް ހަމަލާދިނެވެ. އަދި އަބޫ ލުއު ލުއު ޖަމާއަތުގައި ތިބި މީހުންނާއި ދިމާއަށް ހަންޖަރު ހޫރަމުން ކުރިމަތިން ދިމާވިއެތައް ބަޔަކު ޝަހީދުކުރަމުން ފިލަން ދުއްވައިގަތެވެ. އެހިނދު އެޖަމާއަތުގެ މީހަކު އޭނާއާދިމާއަށް ފޮތިގަނޑެއްއެއްލާ އޭނައި މަޑުކުރުވިއެވެ. އެތަންވަޅު އަބޫ ލުއު ލުއު އަށް އޭނާ ހައްޔަރުވީކަން ޔަޤީންވުމުން އެހަންޖަރުން އޭނާއަމިއްލައަށް ޤަތުލުކޮށްފިއެވެ. އުމަރުގެފާނު ނަމާދާއިގެން ކުރިއަށް ވަޑައިގެން ނަމާދު ފުރިހަމަ ކުރެއްވެވިއެވެ. އަދި ފަހުން އެކަލޭގެފާނުގެ އެނދުދާންކޮޅުގައި އޮންނަވާ އަވަހާރަވީއެވެ.

Tuesday, July 21, 2009

ދަރިން ތަރުބިއްޔަތުކުރުން ޙާޞިލްކުރަންޖެހޭ ލަނޑުދަނޑިއާއި ފިކުރީ ޚިޔާލްތައް

يَاأَيُّهَا الَّذِينَ ءَامَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلاَئِكَةٌ غِلاَظٌ شِدَادٌ لاَ يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ (التّحْریم 6)

މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސު ތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުން ވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ."

އިސްވެދެންނެވުނު އާޔަތުގައި މާތް ﷲ އަޅުގަނޑުމެންނަށް ހާމަކޮށްދެއްވާފައި އެވަނީ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމުގެ މުހިންމުކަމާއި އެކަމުގައި އަޅުގަނޑުމެން ހާޞިލްކުރަންޖެހޭ ލަނޑުދަނޑިއެވެ. އެއީ އަޅުގަނޑުމެން ކޮންމެ އިންސާނެއްގެ މައްޗަށް ދާއިމަށް ދެމިގެންދާނޭ މުސްތަޤްބަލެވެ. އެކަމުގައި ކާމިޔާބުލިބުމަށް ކަނޑައެޅިގެންވަނީ ހަމަ އެންމެ މަގެކެވެ، އެއީ އަހަރެމެން ހައްދަވާ ގެންގުޅުއްވާ ޚާލިޤުވަންތަ މާތްﷲ އަށް ހައްޤުގޮތުގައި ކިޔަމަންތެރިކަން އަދާކުރުމުގެ މަގެވެ. އެހެންކަމުން އަހަރެމެންނާއި އަހަރެމެންގެ އަނބިދަރިންނާއި އަހުލުން މިނޫން އެހެން މަގެއް ޚިޔާރުކުކުރުމުން ރައްކާތެރިކޮށްދޭންޖެހޭނެއެވެ. އެހެނީ މިނޫން ކޮންމެ މަގަކީ އެމަގެއްގެ މަންޒިލްގައި ވޭންދެނިވި ނަރަކައިގެ އަލިފާނުގެ އަޒާބު އެމަގުން ދަތުރުކުރިބަޔަކަށް ކަނޑައެޅިގެންވާ މަގުތަކެކެވެ. އެހެންކަމުން ރޯވެ އަނދަމުންދާ އަލިފާންގަނޑަކާއި ދިމާލަށް އަހަރެމެންގެ ދަރިން ދާންފެށުމުން އެކުދިން އެކަމުން ރައްކާތެރިކުރުމަށް އަވަސްވާފަދައިން އެކުދިން ނަރަކައިގެ އަޒާބުން ރައްކާތެރިކުރުމަށް ރަނގަޅުމަގަށް އެކުދިން ގެންދިއުމަށް އަޅުގަނޑުމެން މިވަނީ އަވަސްވާން ޖެހިފައެވެ.

Sunday, June 14, 2009

ނަބިއްޔާ ލޫޠު އަލައިހިއްސަލާމް އާއި ބިންގަނޑު މިފުއް އެފުށަށް ޖެއްސެވުނު ރަށުގެ ވާހަކަ


ލޫޠު ގެފާނުގެ ޤައުމުގެ މީހުންވެސް، އިންޒާރުތައް ދޮގުކުޅައޫއެވެ.
ހަމަކަށަވަރުން، އެބައިމީހުންގެ މައްޗަށް، ތިމަންސުވާމީންގެ، ހިލަވާރޭ ފޮނުއްވީމެވެ. ލޫޠުގެފާނުންގެ އަހުލުވެރީން ފިޔަވައި އެހެންމީހުންގެ މައްޗަށެވެ. ރޭގަނޑެއްގެ ވަގުތުގައި ތިމަންރަސްކަލާންގެ އެބައިމީހުން ނަޖާކުރެއްވީމެވެ.
ތިމަންރަސްކަލާނގެ ހަޟުރަތުން ދެއްވި ނިޢުމަތެއްގެ ގޮތުގައެވެ. ޝުކުރުވެރިވާމީހަކަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ، އެފަދައިންނެވެ.
ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އަޒާބުގެ ވާހަކައިން އެކަލޭގެފާނު (ލޫޠުގެފާނު) އެބައިމީހުންނަށް އިންޒާރުކުރެއްވިއެވެ. ދެން އެބައިމީހުން އެއިންޒާރުތަކާއިމެދު ދޮގުކޮށް ޖަދަލު ކުޅައޫއެވެ. (سورة القمر 33-36)

ލޫޠުގެފާނާއި އިބްރާހިމްގެފާނަކީ އެއްދުވަސްވަރެއްގައި އުޅުއްވި ދެބޭކަލުންނެވެ. އެހެނީ ލޫޠުގެފާނަކީ އިބްރާހިމްގެފާނުންގެ ކޮއްކޯފުޅުގެ ދަރިކަލެކެވެ. އެކަލޭގެފާނަށް ބޮޑުބޭބެ ވިދާޅުވާ ބޭކަލެކެވެ. ލޫޠުގެފާނު ބަލާ ބޮޑުކުރައްވާ ތަރުބިއްޔަތު ކުރެއްވީ އިބްރާހިމްގެފާނާއި އެކަލޭގެފާނުންގެ އަނބިކަބަލުން ސާރާއެވެ.
ލޫޠުގެފާނުން ނަބީކަމާއިގެން ފޮނުއްވުނީ އިބްރާހިމްގެފާނުންގެ ޤައުމާއި ކައިރީގައި ދިރިއުޅެމުންދިޔަ ބައެއްގެ ގާތަށެވެ. ޤުރުޢާނުން ދޭހަވާފަދައިން އެބައިމީހުންނަކީ މިއަދާ ހަމައަށްވެސް ދުނިޔެ ދެކެފައިނުވާފަދަ ނުބައި ނުލަފާ ފާހިޝް ޢަމަލުތަކެއް ކުރަމުން ގެންގޮސްފައިވާ ބައެކެވެ. އެއީ ސަދޫމް އޭ ކިޔުނު ރަށެކެވެ. ދެންފަހެ ލޫޠުގެފާނުން އެބައިމީހުންގެ ގާތައް ވަޑައިގެން އެބައިމީހުން ހިންގަމުންދިޔަ ނުބައި ފާހިޝް ޢަމަލުތައް ހުއްޓާ މާތްﷲ އަށް އީމާންވުމަށް ގޮވާލައްވާ އެކަލާންގެ ފޮނުއްވާފާނޭ އަޒާބުގެ އިންޒާރުކުރެއްވެވިއެވެ. އެކަމަކު އެބައިމީހުން އެކަލޭގެފާނަށް އިންކާރުކޮށް އެބައިމީހުންގެ ނުބައި ޢަމަލުތަކުގެ މަތީގައި ދެމިތިބުމުގެ ނަތީޖާއެއްގެގޮތުން ވޭންދެނިވި ބިރުވެރި އަޒާބެއް އެބައިމީހުންގެ މައްޗަށް ބާއްވާލައިވާ އެމީހުން ހަލާކުކޮށް ނެތިކުރެއްވެވިއެވެ.

Tuesday, May 26, 2009

ނޫޙް އަލައިހިއްސަލާމާއި ފެންގަނޑު ބޮޑުވެ އުތުރިއެރުން




"ހަމަކަށަވަރުން ތިމަންރަސްކަލާންގެ ނޫޙުގެފާނު އެކަލޭގެފާނުގެ ޤައުމަށް ރަސޫލެއްގެ ގޮތުން ފޮނުއްވެވީމެވެ. ފަހެ އެކަލޭގެފާނު އެބައިމީހުންގެ މެދުގައި ފަންސާސް އަހަރު ފިޔަވައި އެއްހާސް އަހަރު ހުންނެވިއެވެ. ފަހެ އެބައިމީހުން އަނިޔާވެރިކަމާއި ޡުލްމުވެރިކަމުގައިވާ ޙާލު ޠޫފާނުގެ އަޒާބު އެބައިމީހުންނަށް ފޮނުއްވެވިއެވެ. "(سورةالعنكبوت 14)

"ހަމަކަށަވަރުން ނޫޙުގެފާނު، އެކަލޭގެފާނުންގެ ޤައުމުގެ މީހުންގެގާތަށް ރަސޫލުކަމާއިގެން ތިމަންރަސްކަލާންގެ ފޮނުއްވީމެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ތިމަންގެ ޤައުމުގެ މީހުންނޭވެ! ތިއަބައިމީހުން، މާތްﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ރަސްކަންފުޅުނޫން އިލާހެއް ތިއަބައިމީހުންނަކަށް ނުވެއެވެ. ތިއަބައިމީހުން ފަހެ ބިރުވެތި ނުވަނީހޭ؟

ދެން، އެކަލޭގެފާނުގެ ޤައުމުގެ މީހުންކުރެ ކާފިރުވީ ބޮޑުން ބުންޏެވެ. މިއީ، ތިއަބައިމީހުންކަހަލަ އާދަމުގެ ދަރި އިންސާނަކުކަމުގައި ނޫނީ ނުވެއެވެ. އޭނާ ބޭނުންވަނީ ތިޔަބައިމީހުންގެ މައްޗަށް މާތްވެގަތުމަށެވެ. (ތިއަބައިމީހުންގެ ވެރިއަކަށް ވުމަށެވެ.) މާތްﷲ އިރާދަކުރެއްވިނަމަ (ރަސޫލުކަމާއިގެން) މަލާއިކަތަކު ފޮނުއްވައިފީސްކަން ކަށަވަރެވެ. ތިމަންމެންގެ ކުރީގައި އުޅުނު ކާބަފައިންގެތެރޭގައިވެސް، މިފަދަ ކަމެއްގެ ވާހަކަ ތިމަންމެން ނާހަމުއެވެ.

އޭނާގައި މޮޔަކަމެއްވާމީހަކު ކަމުގައި ނޫނީ، އޭނާ ނުވެއެވެ. ފަހެ، ދުވަސްކޮޅަކަށް ދާންދެން އޭނާ ބަލަހައްޓައި އޭނާއާމެދު، ތިއަބައިމީހުން، އިންތިޒާރުކުރާށެވެ.

އެކަލޭގެފާނު ވިދާޅުވިއެވެ، ދުޢާ ކުރެއްވިއެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އެބައިމީހުން ތިމަންގެ ބަސް ދޮގުކުޅަކަމަށްޓަކައި، ތިމަންއަޅާއަށް ނަސްރުދެއްވައިފާނދޭވެ! (سورةالمؤمنون 26-23)

މި އާޔަތްތަކުން ދޭހަވާފަދައިން ނޫޙް ގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނުގެ ރިސާލަތާއިގެން ވަޑައިގެންނެވުމުން އެބައިމީހުންގެ މައްޗަށް ވެރިވެގަންނަން އެކަލޭގެފާނު މަސައްކަތްކުރައްވަނީކަމަށް ބުނަންފެށިއެވެ. އަދި އެކަލޭގެފާނަކީ ބުއްދިއެއްނެތް މޮޔައެއްކަމުގައި އެބައިމީހުން ބުނަންފެށިއެވެ. އަދި އެކަލޭގެފާނަށް އެކިއެކި ދުއްތުރާތަކާއި އަނިޔާތައް ދޭންފެށިއެވެ.

Sunday, February 15, 2009

ކާމިޔާބު ލިބޭނީ ކާކަށް؟

އުމަރުގެފާނު އެކަލޭގެފާނު ޚަލީފާކަމުގެ ދުވަސްވަރު ޝާމަށް ދަތުރުފުޅެއް ކުރެއްވުމަށްޓަކައި އަބޫއުބައިދާއާއިއެކު ނުކުމެވަޑައިގެންނެވިއެވެ. މިދަތުރުފުޅުގެ މަގުމަތީގައި އެކަލޭގެފާނަށް ކޯރެއް ހުރަސްކުރައްވަންޖެހިވަޑައިގަތެވެ. އެހެންކަމުން އުމަރުގެފާނު އެކަލޭގެފާނުގެ ފައިވާންޖޯޑުކޮޅު ބާލުއްވާ އެކަލޭގެފާނުގެ ކޮނޑުފުޅުމަތީގައި ބޭއްވެވިއެވެ. އަދި ޖަމަލުގެ ލަގަނުގައި ހިއްޕަވައިގެން ކޯރަށް އެރިވަޑައިގެން ހިންގަވަންފެއްޓެވިއެވެ. އެހިނދު އަބޫއުބައިދާއަށް މިމަންޒަރު ފެނިވަޑައިގެން މުސްލިމުންގެ ޚަލީފާގެ ހާލުކޮޅާއިމެދު ކަންބޮޑުވެވަޑައިގެން ވިދާޅުވިއެވެ. "ކަލޭގެފާނު ތިގޮތުގައި ހުންނަވަނިކޮށް މިއަވަށުގެ އަހުލުވެރިންނަށް ފެނި ކަލޭގެފާނާމެދު ޤަދަރުކުޑަކޮށްފާނެކަމާމެދު ތިމަން ބިރުގަންނަމެވެ." އެހިނދު އުމަރުގެފާނު ވިދާޅުވިއެވެ. "އޭ އުބޭދާއެވެ! ކަލޭގެފާނުފަދަ ޢިލްމުވެރިބޭކަލަކު ތިޔަފަދަ ވާހަކަފުޅެއް ވިދާޅުވަނީތޯއެވެ. އަހަރެމެންނީ އިންސާނުންގެ ތެރެއިން އެންމެ ޤަދަރުކުޑަވެ މަލާމާތްލިބި ބަލިކަށިވެފައިވާ ބަޔަކަށްވެފައިވަނިކޮށް އިސްލާމްދީނުގެ ސަބަބުން މާތްﷲ ވަނީ އަހަރެމެންނަށް ގަދަރާއި މަތިވެރިކަން ދެއްވާފައެވެ. ނަމަވެސް މާތްﷲ ދެއްވި މަތިވެރިކަމާއި މާތްކަން ފިޔަވާ އެހެންބައެއްގެ ފަރާތުން އެ ޤަދަރު ހޯދަން އުޅެފިނަމަ އަނެއްކާވެސް މާތްﷲ އަހަރެމެން ކުރިންތިބި ހާލަތަށް ރުޖޫޢަކުރައްވަފާނެއެވެ."
މުސްލިމް އަޚުންނާއި އުޚްތުންނޭވެ. އަހަރެމެން އުންމީދުކުރާގޮތުގައި މާތްﷲ ވަޢުދުވެވޮޑިގެންފައިވާ ނަސްރާއި ކާމިޔާބު ލިބުުންވަނީ ވަރަށް ކައިރީގައެވެ. އެހެންނަމަވެސް އަހަރެމެންގެތެރެއިން ބައެއްމީހުން މާތްﷲ އިސްލާމްދީނަށް ނަޞްރާއި ކާމިޔާބުދެއްވާނޭކަން ހިތުގެއަޑިން ޤަބޫލެއްނުކުރެއެވެ. އަދި ބައެއް މީހުން ހީކުރާގޮތުގައި މާތްﷲގެ ހަޟްރަތުން ލިބޭނޭ މިނަސްރަކީ ހަމައެކަނި މުއުމިނުންގެ ތެރެއިން ވަކިބަޔަކަށް ލިބިގެންދާނޭ ނަޞްރެކެވެ. ނުވަތަ ތާރީޚްގެ ވަކި ދުވަސްވަރެއްގައި ލިބިގެންގޮސްފައިވާ ނަޞްރެކެވެ.

Tuesday, January 27, 2009

ލޮލުން ލޮލަށް







(ފަލަސްޠީނުގެ ޒުވާނެއްގެ ދުލުން)

އަހަރެންގެ ލޮލަށް ބަލާލާށެވެ.
ތިބާއަށް ފެންނައެއްޗެއް ބުނެދީބަލާށެވެ.
ތިބާއަކަށް އެކަޗެއްވެސް ނުފެންނާނެއެވެ.
އެހެނީ އަހަރެންނާއި ތިބާއާދެމެދު އެއްވެސް ގުޅުމެއްނެތެވެ.

ލޮލުން ލޮލަށް

(ފަލަސްޠީނުގެ ޒުވާނެއްގެ ދުލުން)

އަހަރެންގެ ލޮލަށް ބަލާލާށެވެ.
ތިބާއަށް ފެންނައެއްޗެއް ބުނެދީބަލާށެވެ.
ތިބާއަކަށް އެކަޗެއްވެސް ނުފެންނާނެއެވެ.
އެހެނީ އަހަރެންނާއި ތިބާއާދެމެދު އެއްވެސް ގުޅުމެއްނެތެވެ.



ތިބާވަނީ ކަނުވެފައެވެ.
އަހަރެމެންގެ ކިބައިގައިވާ ތަފާތުތަކުގެ ސަބަބުންނެވެ.
އަހަރެންގެ ދިރިއުޅުމުގައި ތިބާއަށް އަސަރެއްކުރާނޭ އެއްވެސް ކަމެއްނެތެވެ.
އަހަރެންނަކީ ކުއްވެރިންކަމުގައިވެފައިވާ ފަލަސްޠީނުގެ ނިކަމެއްޗަކީމެވެ.
ތިބާއަކީ ރަތާއި ހުދާއި ނުލުގެވެރި އެމެރިކާގެ ބާރުވެރިއެކެވެ.















ކޮންމެ ދުވަހަކު ތިބާހޭލަނީ އަމާންކަމާ ހިތްހަމަޖެހުމާއި އެކުގައެވެ.
ތިބާގެ ލޮލުގެ ކުރިމަތީގައި ބިރުގަންނާނޭކަމެއް ނުހިނގައެވެ.
އަހަރެން ކޮންމެ ދުވަހަކު ހޭލަނީ ހަމްދުކުރަމުންނެވެ.
އަހަރެންނަށް އާދުވަހަކަށް ހޭލެވުނުކަމުގެ މައްޗަށް މާތްﷲ އަށް ޝުކުރުކުރަމުންނެވެ.










ތިބާ ކަންބޮޑުވެފައިވަނީ ތަޢުލީމީ ކުރިމަގާއިމެދުގައެވެ.
އަދި ދައްކަންހުރި ބިލްތަކާއިމެދު ފިކުރުކުރުމުގައެވެ.
އަހަރެން ކަންބޮޑުވަނީ އަހަރެންގެ ދިރިއުޅުމުގެ ނާޒުކުކަމާއިއެވެ.
އަދި ދެވަނަދުވަހަކަށް ރައްކާތެރިކަމާއެކު ހޭލެވޭނޭކަމާއި މެދުގައެވެ.















ތިބާ އެންމެ ބިރުގަންނަނީ ފުލުހުން ތިބާ ހުއްޓުވާފާނެތީއެވެ.
ތިބާގެ ދުނިޔަވީ ސަވާރީތަކުގައި ބާރުދުވެލީގައި ދާދިއުމުގައެވެ.
އަހަރެން ބިރުގަންނަނީ ދެންމެ އަހަރެންނާއި ފުރަގަސްދިން ބޮޑުބަޑީގެ ޓޭންކަރާއިމެދުގައެވެ.
އަނބުރާލާފައި އަތުވެދާނެ ކަމަށްޓަކައެވެ.














އެމެރިކާގެ ރައްޔިތުންނޭވެ.
ތިބާ ސަރުކާރަށް ދައްކާ ޓެކްސްގެ ހަޤީޤަތަކީ ކޮބާތޯއެވެ؟
އެފައިސާ ހޭދަވެދަނީ އަނިޔާވެރި ފަހުލަވާނުންތަކެއްގެ މައްޗަށެވެ.
އަހަރެންގެ ހަޔާތުގެ ކޮންމެ ދުވަހެއް ބިރުވެރިކަމުގައި ނިމިދިއުމަށެވެ.













ބުލްޑޯޒަރުތަކާއި ޓޭންކަރުތަކެވެ.
ނުރައްކާތެރި ގޭސްތަކާއި ބަޑިތަކެވެ.
އަހަރެންގެ ގޭގެ ކުރިމަށްޗަށް އޮހެމުންދާ ބޮންތަކަވެ.
މިއީ ތިބާމެންގެ ޚަރަދުގައި އަހަރެންނަށް ލިބެމުންދާ ހަދިޔާއެވެ.















އެކަމަކު ތިބާއަށް ހަޤީޤަތް އެނގޭހެއްޔެވެ؟
ތިބާގެ ފައިސާ ޚަރަދުކުރެވިގެންދަނީ ކޮންތަނަކަށްހެއްޔެވެ؟
މީޑިޔާގެ ދޮގުބަސްތަކަށް ތިބާގެ ސިކުނޑި ހެއްލުންތެރިކުރުވަނީހެއްޔެވެ؟
މިއީ އޮޅިފައިވާ ހަޤީޤަތެއްހެއްޔެވެ؟














ތިބާއަހަރެން ކުއްވެރިކުރަނީ އަހަރެންގެ ނަފުސު އަހަރެން ދިފާޢުކުރާތީއެވެ.
ޒަޔޮނިސްޓުންގެ އުޞޫލުތަކަށް އަހަރެން ނުރުހޭތީއެވެ.
އަހަރެންގެ އަމިއްލަ ވަޒަނުގައި އަހަރެމެންމިވަނީ އަޅުވެތިކުރެވިފައެވެ.
މި އަޅުވެތިކަމުގައި ޓެރަރިސްޓަކީވެސް އަހަރެންނެވެ!؟














ތިބާ ހީކުރަނީ ތިބާއަށް ޓެރަރިސްޓުންގެ ހުރިހާކަމެއް އެނގޭކަމަށެވެ.
އެކަމަކު ތިބާއަށް އެނގިފައިވަނީ އަހަރެން ދަންނަގޮތަކަށްނޫނެވެ.
އަހަރެން މިބަސް ތިބާއަށް ސާފުކޮށްދޭނަމެވެ.
އެއީ ތިބާ މޮޅަށް ދަންނަކަމުގައި ހީކުރާ ނުރައްކާތެރި ލަފުޒެކެވެ.

ޓެރަރިސްޓުން އެތަކެއް ޒަމާންތަކެއްވަންދެން އަހަރެންނަށްވަނީ ދަސްވެފައެވެ.
ފަންސާސް ހަތަރުއަހަރަށްވުރެ ދިގު ތާރީޚަކުންނެވެ.
އެއީ އަހަރެންގެ ގޭގައި ގޯތިތެރޭހެދިފައިވާ މޭވާއެއް މަލެއްނުލިބޭ ބަގީޗާއެކެވެ.
އެއީ އަހަރެންގެ ގޭގެ ކުރިމަތީ ރުކުރުވާލެވިފައިވާ ބުލްޑޯޒަރުތަކެވެ.












ޓެރަރިޒަމްލަނީ އަހަރެންމިލާ ނޭވާއެވެ.
އެއީ އަހަރެން މަދަރުސާއަށްދާމަގުގައިވާ ޗެކްޕޮއިންޓެވެ.
އެއީ އަހަރެންގެ އަމިއްލަގެ ހަރުގެއެއްކަމުގައިހެދި ކާފިއު އަމުރެވެ.
އަދި އެ ކާފިއާ ޚިލާފުވުމުން ލިބިގެންދާ ވޭންހުރި އަދަބުތަކެވެ.
















އެއީ އަހަރެންގެ އުފަންބިން ފޭރިގަތް ފޭރިގަތުމެވެ.
އަހަރެންގެ މަންމައަށް ޖައްސަމުންދިޔަ ވޭންހުރި ކެކުޅުންތަކެވެ.
އަހަރެންގެ ކުށެއްނެތް ބައްޕަ ހައްޔަރުކުރި ކަސްތޮޅުތަކެވެ.
އަހަރެންގެ މަޢުސޫމް ކޮށްކޮގެ މޭ ފޫއަޅުވާލި އުންޑައެވެ.













އޭ އެމެރިކާގެ އުހުލުވެރިންނޭވެ!
ތިބާއަށް އެނގޭކަމުގައި ނުބުނާށެވެ.
އަހަރެންމިވަނީ އަހަރެންގެ ވަޒަނުގައި އަނިޔާލިބިފައެވެ.
އަދި އެކަމުގެ ޒިންމާއަޅުވާފައިވަނީވެސް އަހަރެންގެ ބޮލުގައެވެ.
އެކަމަކު އަހަރެން އަރާމެއް ނުކުރާނަމެވެ. ހަމަޖެހިލައިގެން ހަނުނުހުންނާނަމެވެ.
އަހަރެންގެ އަހުލުންނަށް ކުރިމަތިވަމުންދާ ނާއިންސާފަށް އަހަރެން ހޭލާހުންނާނަމެވެ.
ފަލަސްޠީނަކީ އަހަރެންގެ ބިމެވެ. އެބިމުގައި ދެމިހުންނާނަމެވެ.
އެ ބިމަކީ އަހަރެމެންގެ އަމިއްލަ ބިމެއްކަމުގައި ހަދާނަމެވެ.




އެދުވަސް އަހަރެންނާއި ބައްދަލުނުކުރާނެކަމުގައި ތިބާދެކެމުހެއްޔެވެ.
އެހެނެއްނުވާނެއެވެ. އެދުވަހާހަމައަށް އެމީހުންނަކަށް އަމާންކަމެއް ނުލިބޭނެއެވެ.
އަހަރެން އަހަރެންގެ އަމިއްލަ ގެއިން ބޭރަށް އެއްލައެއްނުލެވޭނެއެވެ.
އަދި ހައްޤުގެ މަގުގައި ކުރަމުންދާ ހަނގުރާމަ ހުއްޓައެއްވެސް ނުލާނަމެވެ.














އަހަރެންމަރުވެއްޖެނަމަ އަހަރެން މަރުވެގެންދާނީ ފަލަޠީނަށްޓަކައެވެ.
އެކަންވަނީ އަހަރެންގެ ނޭވާގައި ލިޔެވިފައެވެ.
ވީއިރު ތިބާގެ ޤައުމީ ޝަރަފްކަމުގައިވި ބަސްތަކުގެ ރޫޙް އާކުރާށެވެ.
އަހަރެންނަށް އަމާންކަމާއި ހަމަޖެހުން ގެނެސްދޭށެވެ. ނުވަތަ އަހަރެން ޤުރުބާންކުރަން ތައްޔާރުވާށެވެ.

Wednesday, January 7, 2009

ފިތުނައިގެ ގަދަ ފިނި


ގަދަ ފިނީގައި ބެދިފައިވާ ހަމީހުންނެވެ.
ކުރިމަތީގައި އަނދަމުންދާ އަލިފާންގަނޑު ހުލިވަމުން ދަނީއެވެ.
ކޮންމެ މީހެއްގެ އަތުގައިމެ އެ އަލިފާން ދިރުވާދޭނޭ ދަރުގަނޑެއް އޮތެވެ.
އެކަކު އަލިފާންގަނޑަށް ފުރަގަސްދީގެން ބުރަކަށި ހޫނުކުރަމުން ދިޔައެވެ.
އެޖަމާއަތުގައިވާ ކަޅުމީހަކަށް ކުރެވޭ ނަފުރަތެއްގެ ސަބަބުންނެވެ.
އެނެއްމީހާ އެއްލިކަޅިއަކުން ފެނުނީ އޭނާގެ މަޒްހަބާއި ޚިލާފު މީހެކެވެ.
އޭނާގެ ހީފިލުވުމަށް އަތުގައިވާދަރުގަނޑުން އެއަލިފާންގަނޑަށް ދިރުމެއް ނުދޭނެއެވެ.
ތިންވަނަމީހަކީ ފަގީރު ނިކަމެއްޗެކެވެ. ވީދިފައިވާ ހެދުމުން ފިނީގެ އިޙްސާސް އިތުރުވެގެން ދެއެވެ.
އެހެނަސް އޭންދަ ފައިސާވެރިޔާގެ ހީފިލުވުމަށް އޭނާގެ ދަރުގަނޑު އަލިފާނަކަށް ނުލާނެއެވެ.
ފައިސާވެރިޔާ އޭނާއަށް ލިބިފައިވާ މުދާވެރިކަމާއިމެދު ވިސްނަމުންދިޔައެވެ.
ފަޤީރުނިކަމެތިންގެ އަތުން ހޯދާފައިވާ މުދާ ރައްކާކުރުމާމެދު ފިކުރުކުރަމުން ދިޔައެވެ.
ކަޅުމީހާ އޭނާގެ ކުރިމަތީގައި ނިވެމުންދިޔަ އަލިފާނަށް ބަލަންއިނެވެ.
އަތުގައިވާ ދަރުގަނޑުން ހީފިލުވައިދެވޭނީ އޭންދަ ދޮންމީހާގެކަމަށް އޭނާ ހީކުރަމުން ދިޔައެވެ.
މި އެކަނިވެރި ޖަމާއަތުގައިވާ ހަވަނަ މީހާއަކީ ފަލްސަފާވެރިއެކެވެ.
އެހެންމީހަކު ނުދޭ އެއްޗެއް ތިމާ އެހެންމީހަކަށް ދޭންނުޖެހޭނެކަމުގައި އޭނާ ޤަބޫލުކުރެއެވެ.
މަރުވެގެން ހުއްޓިފައިވާ ކޮންމެ މީހެއްގެ އަތުގައި ދަރުގަނޑެއް އޮތެވެ.
ފިތުނަވެރި އިންސާނާގެ މިސާލެއްކަމުގައި އެދަރުގަނޑުވިއެވެ.
އެމީހުންމަރުވެދިޔައީ ބޭރުން ޖެހުނު ފިނީގެ ސަބަބުންނެއް ނޫނެވެ.
އެކަމަކު އެމީހުންގެ ހިތުގައިވާ ފިތުނައިގެ ގަދަ ފިނީގެ ސަބަބުންނެވެ.

އާޝޫރާ ދުވަހުގެ ރޯދަ

އާޝޫރާގެ މާނައަކީ 10 ވަނައެވެ. އެގޮތުން އާޝޫރާ ދުވަސް ފާހަގަކުރެވެމުންދަނީ ހިޖްރީ ކަލަންޑަރުގެ އެންމެ ފުރަތަމަ މަސްކަމަށްވާ މުޙައްރަމް މަހުގެ 10 ވަނަ ދުވަހުއެވެ. އާޝޫރާދުވަހަކީ އިސްރާއީލްގެ ދަރިން ފިރުއައުނުގެ އަނިޔާވެރިކަމުން މާތްﷲ ސަލާމަތްކުރެއްވެވި ދުވަހެވެ. އެދުވަހާއި ގުޅިގެން މާތްﷲ ގެ ހަޟްރަތަށް ޝުކުރުކުރެއްވުމުގެ ގޮތުން މޫސާ އަލައިހިއްސަލާމް އެދުވަހު ރޯދަފުޅު ހިއްޕެވިއެވެ. އަދި އޭގެފަހުން އިސްރާއީލްގެ ދަރިކޮޅުގެ މީހުން އެގޮތުގައި އެކަން ކުރަމުން ގެންގޮސްފައިވެއެވެ.
އާޝޫރާދުވަހާއި އިސްލާމީ ވަރަށް ގިނަ ހާދިސާތަކަކާއި ގުޅުވިފައިވެއެވެ. އެގޮތުން ތަފާތު ރަސޫލުބޭކަލުންގެ ހަޔާތްޕުޅުގައި ދިމާވެފައިވާ މުހިންމު ފާހަގަކޮށްލެވޭ ހާދިސާތަކާއި މިދުވަހާއި ގުޅުވާފައިވެއެވެ. ނަމަވެސް މިއުންމަތުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަގެ ދުވަސްވަރުގެ ފަހުން މިދުވަހު ފާހަގަކުރެވޭ މުހިންމު ކަމަކަށް ހިނގާފައިވަނީ ކަރުބަލާގައި އިތުރު އެކަލޭގެފާނުގެ ކާފަދަރިކަލުން ޝަހީދުކުރެވުނު ހާދިސާއެވެ. ރަސޫލުﷲ ޞައްލަﷲއަލައިހިވަސައްލަމަ ސުވަރުގެ ވަޑައިގެންނެވުމަށްފަހު އިސްލާމުންގެ މެދުގައި އުފެދިގެންދިޔަ ބައިބައިވުންތަކުގައި ހިނގާދިޔަ މި ހަނގުރާމައިގައި ހުސައިންގެފާނު ޝަހީދުވެވަޑައިގަތުމާއި ގުޅިގެން ޝީޢީންވަނީ އެދުވަހަކީ މުޤައްދަސް ދުވަހެއްގެ ގޮތުގައި ފާހަގަކޮށް އެކަލޭގެފާނުގެ މަޤްބަރާއަކީ އެބައިމީހުން ހައްޖުވުމަށް ދާތަނެއްކަމުގައި ހަދާ އެދުވަހުގައި އެކަމަށް ޚާއްޞަ އަޅުކަންތަކެއް ކުރަންފަށާފައެވެ. މިއީ އިސްލާމްދީނުގެ އަސްލު އުޞޫލުތަކާއި ޚިލާފަށް އެބައިމީހުންގެ ތެރޭގައި ފެތުރިގެން ގޮސްފައިވާ ކަންތައްތަކެކެވެ. އެހެންނަމަވެސް އާޝޫރާދުވަސް މުސްލިމުން ފާހަގަކުރަމުން ގެންދަނީ އެކަމުގެ ހަނދާންއާކުރުމުގެ ގޮތުންނެއްނޫނެވެ. ރަސޫލާގެ ލޮބުވެތި ކާފަ ދަރިކަލުން އަނިޔާވެރި ގޮތެއްގައި މުނާފިގުންގެ އަތްދަށުވެ ޝަހީދުވެގެންދިޔަކަމީ މިއުންމަތައް ލިބިގެންދިޔަ ބޮޑު ހިތާމައެކެވެ. އެކަލޭގެފާނަކީ މިއުންމަތުގެ ހައްޤުގައި ބޮޑެތި ޤުރުބާނީތަކެއް ވެވަޑައިގެންނެވި މަތިވެރި ބޭކަލެކެވެ.

އާޝޫރާ ދުވަހުގެ ރޯދަ

އާޝޫރާގެ މާނައަކީ 10 ވަނައެވެ. އެގޮތުން އާޝޫރާ ދުވަސް ފާހަގަކުރެވެމުންދަނީ ހިޖްރީ ކަލަންޑަރުގެ އެންމެ ފުރަތަމަ މަސްކަމަށްވާ މުޙައްރަމް މަހުގެ 10 ވަނަ ދުވަހުއެވެ. އާޝޫރާދުވަހަކީ އިސްރާއީލްގެ ދަރިން ފިރުއައުނުގެ އަނިޔާވެރިކަމުން މާތްﷲ ސަލާމަތްކުރެއްވެވި ދުވަހެވެ. އެދުވަހާއި ގުޅިގެން މާތްﷲ ގެ ހަޟްރަތަށް ޝުކުރުކުރެއްވުމުގެ ގޮތުން މޫސާ އަލައިހިއްސަލާމް އެދުވަހު ރޯދަފުޅު ހިއްޕެވިއެވެ. އަދި އޭގެފަހުން އިސްރާއީލްގެ ދަރިކޮޅުގެ މީހުން އެގޮތުގައި އެކަން ކުރަމުން ގެންގޮސްފައިވެއެވެ.
އާޝޫރާދުވަހާއި އިސްލާމީ ވަރަށް ގިނަ ހާދިސާތަކަކާއި ގުޅުވިފައިވެއެވެ. އެގޮތުން ތަފާތު ރަސޫލުބޭކަލުންގެ ހަޔާތްޕުޅުގައި ދިމާވެފައިވާ މުހިންމު ފާހަގަކޮށްލެވޭ ހާދިސާތަކާއި މިދުވަހާއި ގުޅުވާފައިވެއެވެ. ނަމަވެސް މިއުންމަތުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަގެ ދުވަސްވަރުގެ ފަހުން މިދުވަހު ފާހަގަކުރެވޭ މުހިންމު ކަމަކަށް ހިނގާފައިވަނީ ކަރުބަލާގައި އިތުރު އެކަލޭގެފާނުގެ ކާފަދަރިކަލުން ޝަހީދުކުރެވުނު ހާދިސާއެވެ. ރަސޫލުﷲ ޞައްލަﷲއަލައިހިވަސައްލަމަ ސުވަރުގެ ވަޑައިގެންނެވުމަށްފަހު އިސްލާމުންގެ މެދުގައި އުފެދިގެންދިޔަ ބައިބައިވުންތަކުގައި ހިނގާދިޔަ މި ހަނގުރާމައިގައި ހުސައިންގެފާނު ޝަހީދުވެވަޑައިގަތުމާއި ގުޅިގެން ޝީޢީންވަނީ އެދުވަހަކީ މުޤައްދަސް ދުވަހެއްގެ ގޮތުގައި ފާހަގަކޮށް އެކަލޭގެފާނުގެ މަޤްބަރާއަކީ އެބައިމީހުން ހައްޖުވުމަށް ދާތަނެއްކަމުގައި ހަދާ އެދުވަހުގައި އެކަމަށް ޚާއްޞަ އަޅުކަންތަކެއް ކުރަންފަށާފައެވެ. މިއީ އިސްލާމްދީނުގެ އަސްލު އުޞޫލުތަކާއި ޚިލާފަށް އެބައިމީހުންގެ ތެރޭގައި ފެތުރިގެން ގޮސްފައިވާ ކަންތައްތަކެކެވެ. އެހެންނަމަވެސް އާޝޫރާދުވަސް މުސްލިމުން ފާހަގަކުރަމުން ގެންދަނީ އެކަމުގެ ހަނދާންއާކުރުމުގެ ގޮތުންނެއްނޫނެވެ. ރަސޫލާގެ ލޮބުވެތި ކާފަ ދަރިކަލުން އަނިޔާވެރި ގޮތެއްގައި މުނާފުގުންގެ އަތްދަށުވެ ޝަހީދުވެގެންދިޔަކަމީ މިއުންމަތައް ލިބިގެންދިޔަ ބޮޑު ހިތާމައެކެވެ. އެކަލޭގެފާނަކީ މިއުންމަތުގެ ހައްޤުގައި ބޮޑެތި ޤުރުބާނީތަކެއް ވެވަޑައިގެންނެވި މަތިވެރި ބޭކަލެކެވެ.
އެހެންނަމަވެސް އާޝޫރާދުވަހަކީ އެ ހާދިސާއަށްވުރެ އެތަކެއް ޒަމާންތަކެއް ކުރީގެ ކަންތައްތަކަކާއި ގުޅިފައިވާ ދުވަހެކެވެ. ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވުމުގެ ކުރިންވެސް އަޝޫރާ ދުވަހު ރޯދައަށް ހުންނަވާކަމުގައި އިމާމް ބުޚާރީގެ ސަހީހުންނާއި އެހެނިހެން ޞައްޙަ ހަދީސްފުޅުތަކުން ސާބިތުވެއެވެ.
ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ މަދީނާއަށް ވަޑައިގެންނެވިއިރު އެތަނުގައި ދިރިއުޅެމުންދާ ޔަހޫދީން މުޙައްރަމް މަހުގެ 10 ވަނަ ދުވަހު ރޯދައަށް ހުންނާތީ ދެކެވަޑައިގެން އެކަމުގެ ސަބަބުން އޮޅުން ފިލުއްވިއެވެ. އެބައިމީހުން ދެންނެވިއެވެ. "މިއީ ބަރަކާތްތެރި ދުވަހެކެވެ. އެދުވަހަކީ އިސްރާއީލްގެ ދަރިން ފިރުއަޢުނުގެ އަނިޔާވެރިކަމުން މާތްﷲ ސަލާމަތްކުރެއްވެވި ދުވަހެވެ. އެހެންކަމުން އެކަމަށްޓަކައި މާތްﷲ އަށް ޝުކުރުއަދާ ކުރެއްވުމުގެ ގޮތުން މޫސާ އަލައިހިއްސަލާމް އެދުވަހު ރޯދަފުޅަށް ހުންނެވިއެވެ." އެހިނދު ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމަގެ ހަދީސްފުޅުކުރެއްވިއެވެ. "އެބައިމީހުންނަށްވުރެ ތިމަންމެން މޫސާގެފާނާއި ގާތްކަންބޮޑެވެ އަދި މޫސާގެފާނު އެދުވަހު ރޯދަފުޅު ހިއްޕެވިއެވެ." އަދި އެކަލޭގެފާނުގެ އުންމަތަށް އެދުވަހު ރޯދަހިފުމަށް އެންގެވިއެވެ. (އަލްބުޚާރީ - 1865)
ކުރިން އާޝޫރާދުވަހުގެ ރޯދައަކީ މުސްލިމުންގެ މައްޗަށް ފަރުޟުކުރެވިފައިވާ ރޯދައެއް ނަމަވެސް ހިޖުރައިން ދެވަނަ އަހަރު މުސްލިމުންގެ މައްޗަށް މުޅި ރަމަޟާން މަސް އެއްކޮށް ރޯދަހިފުން ފަރުޟުކުރެއްވުމާއެކު އާޝޫރާދުވަހުގެ ރޯދަ ސުންނަތްވެގެން ދިޔައީއެވެ.
މުސްލިމްއާއި އަބޫދާވޫދް ރިވާކުރެއްވި ހަދީސްފުޅެއްގައިވެއެވެ. އިބްނު އައްބާސް ވިދާޅުވިއެވެ. އިތުރު އެކަލޭގެފާނު އާޝޫރާދުވަހު ރޯދައަށް ހުންނަވާ މީސްތަކުންނަށް އެގޮތަށް ޢަމަލުކުރުމަށް އެންގެވިއެވެ. އެހިނދު އެކަލޭގެފާނަށް ސުވާލުކުރެވުނެވެ. "އޭ މާތްﷲ ގެ ރަސޫލާއެވެ. އެދުވަހަކީ ޔަހޫދީންނާއި ނަޞާރާއިން މުގައްދަސް ދުވަހެއްގެގޮތުގައި ދެކޭދުވަހެކެވެ." އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. "އިރާދަކުރެއްވިއްޔާ ދެންއަންނަ އަހަރެއްގެ ނުވަވަނަ ދުވަހުވެސް އަހަރުމެން ރޯދައަށް ތިބޭނީއެވެ."
އިމާމް އަލް ތިރްމިޒީ (ރަޟިﷲއަންހު) ރިވާކުރެއްވިއެވެ. އިބްނު އައްބާސް (ރަޟިﷲއަންހު) ވިދާޅުވިއެވެ. "ޔަހޫދީންނާއި ތަފާތުވެ ގަތުމަށްޓަކައި މުޙައްރަމް މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދަ ހިފާށެވެ."
ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި އާޝޫރާ ދުވަހުގެ ރޯދަ ހިފުމުގައި ޖެހިޖެހިގެން ތިންދުވަހު ރޯދައަށް ހުރެވިދާނެއެވެ. އެގޮތުން 9، 10 އަދި 11 ވަނަ ދުވަހު ރޯދަހިފިދާނެއެވެ. ނުވަތަ ދެދުވަހު ރޯދަހިފިދާނެއެވެ. އެގޮތުން 9 އަދި 10 ވަނަ ދުވަހު ރޯދަ ހިފިދާނެއެވެ. އަދި ހަމައެކަނި 10 ވަނަ ދުވަހު ރޯދަ ހިފުމަކީވެސް އެންމެރަނގަޅުކަމެކެވެ. ނަމަވެސް އިސްވެދެންނެވުނު ހަދީސްފުޅުން ސާބިތުވާފަދައިން ޔާހޫދީންނާއި ނަޞާރާއިންގެ އާދަތަކާއި އަޅުގަނޑުމެން މުސްލިމުން ތަފާތުވެގަތުމީ އެދެވިގެންވާ ގޮތެވެ. އަދި ރަސޫލޫﷲ ޞައްލަﷲ އަލައިހިވަސައްލަމަ ވަނީ އެގޮތަށް ޢަމަލުކުރުމަށް އުންމަތަށް އިރުޝާދުދެއްވާފައެވެ.
އާޝޫރާ ދުވަހުގެ ރޯދައިގެ މާތްކަމާއި ބެހޭގޮތުން އެތަކެއް ހަދީސެއް ވާރިދުވެގެންވެއެވެ. އެހެންކަމުން އެދުވަހު ރޯދައަށް ހުރުމަކީ ގިނަގުނަ ސަވާބާއި ދަރުމަ ލިބިގެންދާނޭ މަތިވެރި ސުންނަތެކެވެ.
އަބޫ ހުރައިރާގެ އަރިހުން ވާރިދުވެފައިވާ ހަދީސްފުޅެއްގައިވެއެވެ. ތިމަންކަލޭގެފާނު ރުސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމައަށް ދެންނެވީމެވެ. "ފަރުޟު ނަމާދަށްފަހު އެންމެ ރަނގަޅު ނަމާދަކީ ކޮބައިތޯއެވެ؟" އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. "ރޭގަނޑުގެ ދަމުނަމާދެވެ" ދެން ތިމަން ދެންނެވީމެވެ. "ރަމަޟާންމަހުގެ ފަރުޟު ރޯދައަށްފަހު އެންމެ ރަނގަޅު ރޯދައަކީ ކޮބައިތޯއެވެ؟" އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. "އެއީ މާތްﷲ ގެ މަސް ނުވަތަ މުހައްރަމްމަހުގައި ހިފާ ރޯދައެވެ" (އަޙްމަދު، މުސްލިމް އަދި އަބޫ ދާވޫދް)
އާޝޫރާ ދުވަހާއި ގުޅޭގޮތުން ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމަ ހަދީސްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އާޝޫރާދުވަހު ރޯދަހިފުމަކީ ގިނަގުނަ ދަރުމަލިބެނިވި ކަމެކެވެ. އަދި އެދުވަހު ހިފާ ރޯދައިގެ ސަބަބުން ފާއިތުވެ ގޮސްފައިވާ އަހަރުގެ ފާފަތަށް މާތްﷲ ފުއްސަވާދެއްވާނެއެވެ."
ކަންމިހެން އޮތްނަމަވެސް އަޅުގަނޑުމެން ދެނެގަންނަން ޖެހޭ ހަޤީޤަތަކީ މިފަ އަޅުކަންތަކުގެ ސަބަބުން ފޮހެވިގެންދާނީ އަޅުގަނޑުމެންނަށް ކުރެވޭ ކުދި ފާފަތައްކަމެވެ. އެހެންކަމުން ބޮޑެތި ފާފަތަކުން ދުރުވެ އެފަދަ ފާފަތަކުން ތަޢުބާވެ ރައްކާތެރިވެގެން ތިބުމީ އަބަދުމެ އަޅުގަނޑުމެން ކުރަންޖެހޭނޭ ކަމެކެވެ. މިގޮތުން އަހަރަކު އެއްފަހަރު ހިފާ ރޯދައަކުން ނުވަތަ ކޮށްލާ ނަމާދަކުން ތިމާކުރިނަމަ ކޮށްފައިވާ ހުރިހާ ފާފައެއް ފުހެވިގެންދާނޭ ކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. އެފަދަ މީހުންނަކީ ހަމައެކަނި އެމީހެއްގެ ދުލުކުރިން މާތްﷲ އަށާއި އެކަލާންގެ ރަސޫލާއަށް އީމާންވާމީހުންނެވެ. އަދި ހަމަ އެއާއިއެކު ފަރްޟު އަޅުކަންތަކަށް ސަމާލުކަންދީ މާތްﷲ ހަރާމްކުރައްވާފައިވާ އެންމެހާ ފާފަތަކާ މުންކަރާތްތަކުން ތިމާ ދުރިހެލި ވާންޖެހޭނެއެވެ. މިފަދަ އަޅުކަންތަކުގެ ހަޤީޤީ ފައިދާ ލިބޭނީ އޭރުންނެވެ.
ކަން މިހެން އޮތުމާއިއެކު މިފަދަ ދުވަސްތަށް އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓާ އެދުވަސްތަކުގެ ފައިދާ ލިބިގަތުމަކީ ކޮންމެހެންވެސް ކުރަންޖެހޭނޭ ކަމެކެވެ. ޚާއްޞަގޮތެއްގައި މުޙައްރަމްމަހުގެ ދުވަސްތަކުގައި ރޯދަހިފުމަށް މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމަ ވަނީ ބާރުއަޅުއްވާފައެވެ.