}

Tuesday, July 21, 2009

ދަރިން ތަރުބިއްޔަތުކުރުން ޙާޞިލްކުރަންޖެހޭ ލަނޑުދަނޑިއާއި ފިކުރީ ޚިޔާލްތައް

يَاأَيُّهَا الَّذِينَ ءَامَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلاَئِكَةٌ غِلاَظٌ شِدَادٌ لاَ يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ (التّحْریم 6)

މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސު ތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުން ވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ."

އިސްވެދެންނެވުނު އާޔަތުގައި މާތް ﷲ އަޅުގަނޑުމެންނަށް ހާމަކޮށްދެއްވާފައި އެވަނީ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމުގެ މުހިންމުކަމާއި އެކަމުގައި އަޅުގަނޑުމެން ހާޞިލްކުރަންޖެހޭ ލަނޑުދަނޑިއެވެ. އެއީ އަޅުގަނޑުމެން ކޮންމެ އިންސާނެއްގެ މައްޗަށް ދާއިމަށް ދެމިގެންދާނޭ މުސްތަޤްބަލެވެ. އެކަމުގައި ކާމިޔާބުލިބުމަށް ކަނޑައެޅިގެންވަނީ ހަމަ އެންމެ މަގެކެވެ، އެއީ އަހަރެމެން ހައްދަވާ ގެންގުޅުއްވާ ޚާލިޤުވަންތަ މާތްﷲ އަށް ހައްޤުގޮތުގައި ކިޔަމަންތެރިކަން އަދާކުރުމުގެ މަގެވެ. އެހެންކަމުން އަހަރެމެންނާއި އަހަރެމެންގެ އަނބިދަރިންނާއި އަހުލުން މިނޫން އެހެން މަގެއް ޚިޔާރުކުކުރުމުން ރައްކާތެރިކޮށްދޭންޖެހޭނެއެވެ. އެހެނީ މިނޫން ކޮންމެ މަގަކީ އެމަގެއްގެ މަންޒިލްގައި ވޭންދެނިވި ނަރަކައިގެ އަލިފާނުގެ އަޒާބު އެމަގުން ދަތުރުކުރިބަޔަކަށް ކަނޑައެޅިގެންވާ މަގުތަކެކެވެ. އެހެންކަމުން ރޯވެ އަނދަމުންދާ އަލިފާންގަނޑަކާއި ދިމާލަށް އަހަރެމެންގެ ދަރިން ދާންފެށުމުން އެކުދިން އެކަމުން ރައްކާތެރިކުރުމަށް އަވަސްވާފަދައިން އެކުދިން ނަރަކައިގެ އަޒާބުން ރައްކާތެރިކުރުމަށް ރަނގަޅުމަގަށް އެކުދިން ގެންދިއުމަށް އަޅުގަނޑުމެން މިވަނީ އަވަސްވާން ޖެހިފައެވެ.