}

Monday, December 17, 2012

އުފާވެރި ޙަޔާތަކަށް: ތިމާއަކީ ތަފާތު މީހެކެވެ.

ބައެއްމީހުން ކުރާ ބަހުސްތައް ޒުވާބަކުން ނިންމާލަންޖެހޭއިރު އަނެއްބައިމީހުން ހަމަ އެމަޢުލޫގައި ބަހުސްކޮށް ރަޙްމަތްތެރި
މާޙައުލެއްގައި އެ ބަހުސެއް ނިންމާލެވެނީ ކީއްވެގެންހެއްޔެވެ؟ އެހުރިހާކަމެއް ބިނާވެގެންވަނީ އެމީހަކަށް ނުވަތަ އެބަޔަކަށް ލިބިފައިވާ ބަހުސްކޮށް އަނެކާއާއި މުޢާމަލާތުކުރުމުގެ ހުނަރުގެ ސަބަބުންނެވެ. ތައްޔާރުކޮށްފައިވާ އެއް ޚުޠުބާއެއް ދެމީހުން ދޭއިރު އޭގެ ތެރެއިން އެކަކު ޚުޠުބާ ދޭއިރު އަޑުއަހަންތިބޭމީހުންގެ ތެރެއިން ބައެއް މީހުން އާފުރި ނިދިޖެހޭއިރު އަނެއްބަޔަކު ނަމާދު މުޞައްލައާއި ކުޅެލަކުޅެލާ ނުވަތަ ހަށިގަނޑުގެ ހަރަކާތްތައް ގިނަވެ ހަމަނުޖެހިވިގެން އުޅޭއިރު ހަމަ އެޚުޠުބާ އެހެން މީހަކު ދޭއިރު އަޑުއަހާ މީހުން އެއަށް ކަނުލާ އަޑުއަހަން އެސްފިޔަވެސް ޖަހާނުލާ ތިބެނީ ކީއްވެގެންހެއްޔެވެ؟ އެއީ ބަސްމޮށުންތެރިކަމުގެ ކުޅަދާނަކަމެވެ. މީހަކު އެއްވުމެއްގައި ވާހަކަދައްކާއިރު އެއްވެފައިވާމީހުން އޭނާގެ ވާހަކައަށް ކަނުލާ އަޑުއަހަން ތިބޭއިރު އެހެން މީހަކު ވާހަކަދައްކަންފެށުމުން އެއްވެފައިވާ މީހުން އެމީހުންގެ އަމިއްލަ ވާހަކަތައް ދައްކާ އެއްބަޔަކު ފޯނުގެ މެސެޖްތައް ކިޔާ އޭނާކާދައްކާ ވާހަކައާމެދު ސަމާލުކަމެއްނުދެނީ ކީއްވެހެއްޔެވެ؟ އެއީ ވާހަކަދެއްކުމުގެ ހުނަރުގެ ސަބަބުންނެވެ. ސްކޫލެއްގެ މުދައްރިސަކު ސްކޫލްގެ ކޮރިޑޯގައި ހިނގާފައި ދާއިރު ހުރިހާ ކުދިން އޭނާގެ ގާތައް ޖަމާވެ، ބައެއްކުދިން އޭނާއާއި ސަލާމްކޮށް، އަނެެއްބައިކުދިން އޭނާގެ ފަރާތުން ލަފާއަހާ، އަނެއްބައިކުދިން އެކި ކަންކަމުގެ ޝަކުވާ އުފުލާހަދާއިރު އަނެއް މުދައްރިސަކު އޭނާގެ އޮފީހުގައި ހުރިހާކުދިންނަށް ކަންކަމު އައުމަށް ދަޢުވަތުދީފައި އޮންނަ އިރުވެސް އެއްވެސް ކުއްޖެއް އެކަމަށް ޝައުޤުވެރިނުވެ އޮފީސް ފަޅުކޮށްއޮންނައިރު އަދި އެހެން މުދައްރިސަކު އެކަނި މާއެކަނި ކޮރިޑޯގައި ހިނގާފައި ދާއިރު ނުވަތަ ސްކޫލްގެ މިސްކިތުން ނުކުމެގެންދާއިރުވެސް އެއްވެސް ކުއްޖަކު އޭނާއާއި ސަލާމްކޮށްލުމަށްވެސް ބޭނުންނުވަނީ ކީއްވެގެންހެއްޔެވެ؟ އޭނާގެ އޮފީސް އިރު އެރީންސުރެ އިރު އޮއްސުމާ ހަމައަށް ކުދިންނަށް ހުޅުވާލިނަމަވެސް އެތަނަށް ކަމަކު ވަނުމަށް އެއްވެސް ކުއްޖަކު ބޭނުންނުވަނީ އަދި އޭނާއާއި އެކުވުމަށް ބޭނުންނުވަނީ ކީއްވެހެއްޔެވެ؟ މި ހުރިހާކަމެއް ގުޅިފައިވަނީ އޭނާއަށް ލިބިފައިވާ އަނެކުންނާއި މުޢާމަލާތުކުރުމުގެ ހުނަރުގެ މައްޗަށެވެ. ބައެއްމީހުން އާންމު އެއްވުމަކަށް ވަނުމާއެކު އެއްވެފައިވާ މީހުންގެ ސަމާލުކަން އޭނާއަށް ހުއްޓި އޭނާއާއި ބައްދަލުވުމުން އެމީހުންނަށް އުފާވެރިކަން ލިބިގެންދަނީ ކީއްވެގެންހެއްޔެވެ.

Tuesday, December 4, 2012

އުފާވެރި ޙަޔާތަކަށް: ބަންޑުންވި ކިރުފޮދާއިމެދު ހިތާމަނުކުރާށެވެ!

ބައެއްމީހުން ޤަބޫލުކުރާގޮތުގައި އެމީހުން ތަރުބިއްޔަތު ކުރެވުނު ގޮތާއި މީހުން އެމީހުންސިފަކުރާ ގޮތަކަކީ ބަދަލުކުރެވޭނޭ
ކަންކަމެއްނޫނެވެ. ބައެއްމީހުން މިފަދަ ކަންތައްތަކާއިމެދު ދެކެނީ އެއީ އޭނާގެ އިސްކޮޅާއި ގައިގެ ކުލަފަދައިންނެވެ. އަނެއްކޮޅުން ހިކުމަތްތެރިން ޤަބޫލުކުރާގޮތުގައި މިޒާޖުގައިވާ މިފަދަ ސިފަތަކަކީ ތިމާގެ ހެދުން ބަދަލުކުރާހާ ފަސޭހައިން ބަދަލުކޮށްލެވިދާނެކަމެއްކަމުގައެވެ. އަހަރެމެންގެ މިޒާޖަކީ ބަންޑުންވެ އޮހިގެންދާ ކިރުފޮދެއްފަދައިން އަލުން އަލުން ނުނެގޭނޭ އެއްޗެއްނޫނެވެ. އޭގެ ބަދަލުގައި އަހަރެމެންގެ މިޒާޖާއި ވިސްނުމަކީ އަބަދުވެސް އެ މައްޗަށް އަހަރެމެންނަށް ބާރުފޯރުވޭނޭ އެއްޗެކެވެ. އެކަންކަން ބަދަލުކުރެވޭނޭ އުޞޫލުތަކަކާއި ގޮތްތަކެއްވެއެވެ. އިބްނު ހަޒްމު އެކަލޭގެފާނު ލިޔުއްވި ސްޕެއިންގެ މަޝްހޫރު ވިޔަފާރިވެރިއެއްގެ ވާހަކައެއްކަމުގައިވާ ތަވްޤް އަލް ހަމާމާގައި ލިޔުއްވާފައިވެއެވެ. މި ދެންނެވުނު ވިޔަފާރިވެރިޔާއާއި އިތުރު އެހެން ހަތަރު ވިޔަފާރިވެރިއެއްގެ މެދުގައި ވާދަވެރިކަމެއް އުފެދުނެވެ. ނަތީޖާއެއްގެގޮތުން މި ހަތަރުމީހުން އޭނާއާއި ގަޔާނުވާގޮތްވިއެވެ. އެއްދުވަހަކު ހެނދުނު ވިޔަފާރިވެރިޔާ އޭނާ މަސައްކަތްކުރާތަނަށް ދިއުމަށް އޭނާގެ ގެއިން ނުކުތެވެ. އޭނާ ލައިގެންހުރީ ހުދު ގަމީހެކެވެ. އަދި ބޮލުގައި ހުދު ފަގުޑިއެއް އޮޅާލާފައިހުއްޓެވެ. ކުރިން ދެންނެވުނު ހަތަރު ވިޔަފާރިވެރިންގެ ތެރެއިން އެކަކު އޭނާއާއި ބައްދަލުވިއެވެ. އޭނާ ސްޕޭންގެ މި ވިޔަފާރިވެރިޔާއާއި ބައްދަލުކޮށް އޭނާއާ ސަލާމްކޮށް އޭނާގެ ބޮލުގައިވާ ފަގުޑިއަށް ބަލާލާފައިބުންޏެވެ. "ތިޔައީ ހާދަ ރީތި ރީންދޫ ފަގުޑިއެކެވެ." ވިޔަފާރިވެރިޔާ ޖަވާބުދިނެވެ. "ކަލޭ އަނދިރިހެއްޔެވެ؟ މިއީ ހުދު ފަގުޑިއެކެވެ!" އޭނާ ޖަވާބުދިނެވެ. "ނޫން ތިޔައީ ރީންދޫ ފަގުޑިއެކެވެ! ހަމަ ޔަޤީނުންވެސް ތިއީ ރީންދޫ ކުލައެވެ. އެކަމަކު ތި ފަގުޑި ވަރަށް ރީއްޗެވެ." ވިޔަފާރިވެރިޔާ އޭނާ ދޫކޮށް ހިނގަންފެށިއެވެ. ތަންކޮޅަކަށްދެވުނުތަނުން އޭނާއާއި ވާދަވެރި ދެވަނަ ވިޔަފާރިވެރިޔާއާއި ބައްދަލުވިއެވެ. އޭނާވެސް މި ސަލާމްކޮށްލުމަށްފަހު ވިޔަފާރިވެރިޔާގެ ބޮލުގައިވާ ފަގުޑިއަށް ބަލާލާފައިބުންޏެވެ.