}

Tuesday, May 26, 2009

ނޫޙް އަލައިހިއްސަލާމާއި ފެންގަނޑު ބޮޑުވެ އުތުރިއެރުން




"ހަމަކަށަވަރުން ތިމަންރަސްކަލާންގެ ނޫޙުގެފާނު އެކަލޭގެފާނުގެ ޤައުމަށް ރަސޫލެއްގެ ގޮތުން ފޮނުއްވެވީމެވެ. ފަހެ އެކަލޭގެފާނު އެބައިމީހުންގެ މެދުގައި ފަންސާސް އަހަރު ފިޔަވައި އެއްހާސް އަހަރު ހުންނެވިއެވެ. ފަހެ އެބައިމީހުން އަނިޔާވެރިކަމާއި ޡުލްމުވެރިކަމުގައިވާ ޙާލު ޠޫފާނުގެ އަޒާބު އެބައިމީހުންނަށް ފޮނުއްވެވިއެވެ. "(سورةالعنكبوت 14)

"ހަމަކަށަވަރުން ނޫޙުގެފާނު، އެކަލޭގެފާނުންގެ ޤައުމުގެ މީހުންގެގާތަށް ރަސޫލުކަމާއިގެން ތިމަންރަސްކަލާންގެ ފޮނުއްވީމެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ތިމަންގެ ޤައުމުގެ މީހުންނޭވެ! ތިއަބައިމީހުން، މާތްﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ރަސްކަންފުޅުނޫން އިލާހެއް ތިއަބައިމީހުންނަކަށް ނުވެއެވެ. ތިއަބައިމީހުން ފަހެ ބިރުވެތި ނުވަނީހޭ؟

ދެން، އެކަލޭގެފާނުގެ ޤައުމުގެ މީހުންކުރެ ކާފިރުވީ ބޮޑުން ބުންޏެވެ. މިއީ، ތިއަބައިމީހުންކަހަލަ އާދަމުގެ ދަރި އިންސާނަކުކަމުގައި ނޫނީ ނުވެއެވެ. އޭނާ ބޭނުންވަނީ ތިޔަބައިމީހުންގެ މައްޗަށް މާތްވެގަތުމަށެވެ. (ތިއަބައިމީހުންގެ ވެރިއަކަށް ވުމަށެވެ.) މާތްﷲ އިރާދަކުރެއްވިނަމަ (ރަސޫލުކަމާއިގެން) މަލާއިކަތަކު ފޮނުއްވައިފީސްކަން ކަށަވަރެވެ. ތިމަންމެންގެ ކުރީގައި އުޅުނު ކާބަފައިންގެތެރޭގައިވެސް، މިފަދަ ކަމެއްގެ ވާހަކަ ތިމަންމެން ނާހަމުއެވެ.

އޭނާގައި މޮޔަކަމެއްވާމީހަކު ކަމުގައި ނޫނީ، އޭނާ ނުވެއެވެ. ފަހެ، ދުވަސްކޮޅަކަށް ދާންދެން އޭނާ ބަލަހައްޓައި އޭނާއާމެދު، ތިއަބައިމީހުން، އިންތިޒާރުކުރާށެވެ.

އެކަލޭގެފާނު ވިދާޅުވިއެވެ، ދުޢާ ކުރެއްވިއެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އެބައިމީހުން ތިމަންގެ ބަސް ދޮގުކުޅަކަމަށްޓަކައި، ތިމަންއަޅާއަށް ނަސްރުދެއްވައިފާނދޭވެ! (سورةالمؤمنون 26-23)

މި އާޔަތްތަކުން ދޭހަވާފަދައިން ނޫޙް ގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނުގެ ރިސާލަތާއިގެން ވަޑައިގެންނެވުމުން އެބައިމީހުންގެ މައްޗަށް ވެރިވެގަންނަން އެކަލޭގެފާނު މަސައްކަތްކުރައްވަނީކަމަށް ބުނަންފެށިއެވެ. އަދި އެކަލޭގެފާނަކީ ބުއްދިއެއްނެތް މޮޔައެއްކަމުގައި އެބައިމީހުން ބުނަންފެށިއެވެ. އަދި އެކަލޭގެފާނަށް އެކިއެކި ދުއްތުރާތަކާއި އަނިޔާތައް ދޭންފެށިއެވެ.