}

Sunday, June 27, 2010

ހަމަހިމޭން ދަރުސް

މީގެ ކުރިން މިސްކިތުގައި ނަމާދުގެ ޖަމާޢަތުގައި ބައިވެރިވަމުންދިޔަ މީހަކު ކުއްލިއަކަށް ޖަމާއަތުން ގެއްލިއްޖެއެވެ. މިކަން މިސްކިތުގެ އިމާމަށް ފާހަގަކުރެވުނުތާ ދުވަސްކޮޅެއްފަހުން މިކަމުގެ ހަޤީޤަތް ބެލުމަށް އޭނާއަށް ޒިޔާރަތް ކުރުމަށް އިމާމް ނިންމިއެވެ.
އެރެޔަކީ އާދައިގެ ރޭތަކަށްވުރެ ފިނި ރެޔެކެވެ. އިމާމަށް އެމީހާގެ ގެއާއި ހަމައަށް ދެވުނުއިރު އޭނޭ އޭނާގެ ގޭގައި އެކަނިވެރިކަމާއި ހަމަހިމޭންކަމާއެކު އަލިފާންގަނޑެއް ރޯކޮށްގެން އޭގެ އެހީގައި ހީފިލުވަމުންދިޔައެވެ. އިމާމް އޭނާގެ ގޭގެ ދޮރުމަށްޗަށް ހުއްޓި ސަލާމް ގޮވާލުމާއެކު އޭނާ ސަލާމުގެ ޖަވާބުދީ އިމާމް ގޭތެރެއަށް ވައްދާ އިށީނުމަށް ގޮނޑިއެއް ދެއްކިއެވެ. އިމާމް އެތެރެއަށް ވަނުމަށްފަހު ގޮނޑީގައި އިށީންދެ ހަމަޖެހިލިއެވެ. ނަމަވެސް ދެމީހުންކުރެ އެކަކުވެސް ބަހެއް ނުބުނެއެވެ. ކުރިމަތީގައި ރޯވަމުންދާ އަލިފާނުގެ ހޫނާއި އަލިކަމުން ދެމީހުންމެ ހަމަޖެހުން ހޯދަމުންދިޔައެވެ.
އިމާމް އިރުކޮޅަކު މިހެން އިނުމަށްފަހު ރޯކޮށްފައިވާ އަލިފާނުގެ ތެރެއިން ރަނގަޅަށް ރޯވެ އަނދަމުންދާ ދަރުގަނޑެއް ނަގާ ވަކިން ދުރުގައި ބޭއްވިއެވެ. އަދި އެނބުރި އައިސް އަނެއްކާވެސް ގޮނޑީގައި އިށީނެވެ. އެއްވެސް ބަހެއް ބުނުމެއް ނެތިއެވެ.
އެމީހާ އިމާމްގެ މިހަރަކާތްތައް ފަރުވާތެރިކަމާއެކު ބަލަމުން ދިޔައެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އިމާމް ވަކިން ބޭއްވި ދަރުގަނޑުގައި ރޯވެފައިވާ އަލިފާންގަނޑު ނިވި އޭގެ އަލިކަން ގެއްލިއްޖެއެވެ. މިހާރު އެދަރުގަނޑުގެ އެއްވެސް ބޭނުމެއްނެތްފަދައެވެ.