}

Thursday, August 26, 2010

ކާޅުގެ ދުލުން: އާދަމް عليه السلام ގެ ދެ ދަރިކަލުންގެ ވާހަކަ


"ދެން އޭނާގެ އަޚާގެ (ފުރާނަނެތް) މަސްގަނޑު ނިވާކުރާނީ ކޮންފަދަޔަކުންކަން އޭނާއަށް ދެއްކެވުމަށްޓަކައި، ބިން ހާވާނޭ ކާޅެއް ﷲ ފޮނުއްވިއެވެ. ދެން އޭނާ ބުންޏެވެ. އޭ، އަހުރެންނަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އަހުރެންގެ އަޚާގެ މަސްގަނޑު ނިވާކުޅައުމަށް، މި ކާޅު ފަދައިންވުމަށްވެސް، އަހުރެން ނުކުޅެދިގެން ވީހެއްޔެވެ؟ ދެން، އޭނާ ހިތާމަކުރާ މީހުންގެ ތެރެއިންވިއެވެ." (المَائدة : 31)
ވަގުތަކީ ގިނަ ކަންތައްތަކަކަށް ބަދަލުގެނުވާ އެއްޗެކެވެ. އިންސާނާގެ ހަށިގަނޑުގެ ބާރު ޒުވާންކަމާއިއެކު ގަދަވެގެންދިޔަނަމަވެސް ދުވަސްވީވަރަކުން އެ ބާރުދައްވަމުންދެއެވެ. މޫނުމަތީގެ ޝާއްބަކަން ގެއްލި ރޫ އަރަން ފަށައެވެ. އިސްތަށިތައް ހުދުވެ ނުރަވެގެންދެއެވެ. އެހެންނަމަވެސް ދުވަސްވުމުގެ ސަބަބުން އެއެއްޗަކަށް ކުޑަވެސް ބަދަލެއް ނާންނަ އެއްޗެއް ވެއެވެ. އެއީ ކާޅުގެ ފަތްތަކެވެ. އޭގެ ކުލައަކަށް އެއްގޮތަކަށްވެސް ބަދަލެއްނާދެއެވެ. ކަލޭމެންގެ ތެރެއިން އެއްވެސް އިންސާނަކަށް ކާޅަށް ކުރެވުނުފަދަ ތަޖުރިބާއެއް ކުރެވުނުނަމަ ކަލޭމެންގެ އިސްތަށިތަކުގެ ކުލައަކަށް ދުވަހަކުވެސް ބަދަލެއް ނައިހެވެ.

Sunday, August 15, 2010

އެއީ އަހަރެންގެ ދައްތައެވެ...

ނޯޓް: މިއީ އަބްދުލްމާލިކް އަލް ޤާސިމް ލިއުއްވާފައިވާ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް މުޙައްމަދު އަލް ޝަރީފް އިނގިރޭސި ބަހުން ލިއުއްވާފައިވާ ވާހަކައެއްގެ ތަރުޖަމާއެކެވެ.

އޭނާގެ ކޯވަނީ ވަޅުވަދެ ކުލަ ފަނޑުވެފައެވެ. އޭނާގެ ގައިގެ ހަންގަނޑު ކަށިތަކުގައި ތަތްވެފައިވާކަހަލައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކުން އޭނާގެ އަޒުމަކަށް ބަދަލެއްނާދެއެވެ. އޭނާ ޤުރުއާން ކިޔެވުމުގައި މަސްޢޫލުވެފައިވާ ވަގުތެއްގައިމެނުވީ ތިބާއަކަށް އޭނާއެއް ނުފެންނާނެއެވެ. ބައްޕަ އޭނާއަށްޓަކައި ތައްޔާރުކޮށްދިން ނަމާދުކުރާ ކޮޓަރީގައި ހީވާގިކަމާއެކު އަޅުކަމުގައި އަބަދުމެ މަސްޢޫލުވެއުޅެއެވެ. ރުކޫޢުކޮށް، ސަޖިދަކޮށް، ޚާލިޤުވަންތަ ﷲ އަށް ދުޢާދެންނެވުމުގައި އޭނާގެ ބަލިކަށި އަތަކަށް ވަރުބަލިކަމެއް ނުލިބެއެވެ. ފަޖުރު ލުމަށްފަހު އިރު އޮއްސުމަށްދާންދެން އޭނާ އެގޮތުގައި ސާބިތުވެހުރެއެވެ. ފޫހިވުމަކީ އޭނާ ފިޔަވާ އެހެންމީހުންނަށް ލިބިފައިވާ ސިފައެއްފަދައެވެ.

Wednesday, August 11, 2010

އަނެކާއަށް އަނިޔާވެރިނުވާށެވެ! އެހެނީ އަނިޔާލިބިފައިވާމީހާގެ ދުޢާ މާތްﷲ އިޖާބަނުކުރައްވާ ދޫކޮށްނުލައްވައެވެ.

އަޅުގަނޑުމެންނީ މުސްލިމުންނެވެ. ހައްޤުގެ މަގުގައި އަޅުގަނޑުމެން ތިބިކަމުގު ދަޢުވާ އަޅުގަނޑުމެން އަޑުހަރުކޮށް ކުރަމުންދާއިރު އަޅުގަނޑުމެންގެ އަމަލުތަށް ހަތް އުޑުގެ މަތިން ބައްލަވާފަރާތެއް ވާކަމާއިމެދު އަޅުގަނޑުމެންގެ ހިތުގައި ޔަޤީންކަމެއް ނެތެވެ. އެކަލާނގެ ކުޅަދުންވަންތަވެރިކަމާއި އެކަލާނގެ އިންސާފުވެރިކަމުގެ ފުރިހަމަކަމާއިމެދު އަޅުގަނޑުމެން ހަމަހިލާ ޔަޤީނެއްނުކުރެއެވެ. ތިމާގެ ފަރާތުން އަނެކާއަށް އަދާކުރަންޖެހޭ ހައްޤުތަކާއިމެދު އަޅުގަނޑުމެންތިބެނީ ޣާފިލްކަމެއްގައެވެ. އަނެކާގެ ގަދަރާއި، އިއްޒަތާއި، ކަރާމާތުގެ މައްޗަށް ތިމާގެ ނަފްސުގެ އެދުން އިސްކޮށް އަނެކާއާއިމެދު އިހާނެތިގޮތްތައްހަދަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައްކިތައް މީހުންތޯއެވެ؟ ތިބާގެ އަމަލުތަކުގެ ސަބަބުން އެމީހެއްގެ ދިރިއުޅުމާއި މުސްތަޤްބަލަށް ހިޔަނި އެޅިފައިވަނީ ކިތައްމީހުންތޯއެވެ؟ އިންސާފެއްނެތް ކިތައް ޖަރީމާ ތިބާގެ ކޮނޑުގައި އެޅިފައިވޭތޯއެވެ؟ ކިތައް މީހުންނާއިމެދު ތިބާ އިހާނެތިގޮތުގައި އަމަލުކޮށްފައިވޭތޯއެވެ؟ ކިތައް ކިތައް މީހުންގެ ފުރާނަ ތިބާގެ ޢަމަލުތަކުގެ ސަބަބުން ދުނިޔެއިން ވަކިވެގެން ގޮސްފައިވޭތޯއެވެ؟
"އަނިޔާވެރިން ކުރާކަންތަކާއިމެދު، ﷲ ޣާފިލްވެވޮޑިގެންވާކަމަށް ކަލޭގެފާނު ހީފުޅު ނުކުރައްވާހުށިކަމެވެ! އެކަލާނގެ އެއުރެން ފަސްކުރައްވާކަން ކަށަވަރީ (ކަންތައް ބޮޑުވެ) ލޯތައް ހުޅުވޭ ދުވަހަކަށެވެ." (14:42)
ތިރީގައި މި ބަޔާންކުރެވިދާ ވާހަކައަކީ އައްޝައިޚް މުޙައްމަދު ހަސަން އެބޭފުޅާގެ ދަރުސެއްގައި ގެނެސްދީފައިވާ ހަޤީޤީ ވާހަކައެއްގެ ތަރުޖަމާއެވެ.