}

Tuesday, November 9, 2010

ޑިމޮކްރަސީ: ދިވެހިންގެ އާ ދީންބާ؟

ދީނަކީ ދިރިއުޅުމުގެ މަންހަޖެވެ. އަގީދާއާއި ތިމާ ޤަބޫލުކުރާ ކަންތައްތަކާއި ތިމާގެ ފިކުރު ބައްޓަންކުރާ ސަމުގާއެވެ. ކުރުގޮތަކަށް ބުނާނަމަ ދީނަކީ ދިރިއުޅުމުގެ އުޞޫލެވެ. އަސާސެވެ. ދީނަކަށް ތަބާވުމަކީ ކޮންމެ އިންސާނެއްގެ ތަބީޢަތުގައިވެސް ލައްވާފައިވާ ސިފައެކެވެ. އެގޮތުން ބައެއް މީހުން އެބައިމީހުން ޚަލްޤު ކުރެއްވި ﷲ سبحانه وتعالى‎ ބާއްވާލެއްވި ހައްޤުދީނުގެ މަތީގައި ދިރިއުޅުމުގެ އަސާސްތައް ބިނާކުރެވޭތޯ މަސައްކަތްކުރާއިރު އަނެއްބަޔަކު ހިފާފައިވަނީ އިސްވެދިޔަ އުންމަތްތަކުގެ މައްޗަށް ބާއްވާލެއްވުނު އަޤީދާތަކުގެ ތެރެއިން މަންސޫޙްކުރެވި އަދި އެ އަޤީދާތަކުގެ އަސްލު އޮޅިފައިވާ ދީންތަކަކަށް ތަބާވުމުގައެވެ. އަނެއްބަޔަކު އެބައިމީހުންގެ އަމިއްލަ އަތުން ކޮށާމަށާ ޒީނަތްތެރިކޮށްފައިވާ ތަކެއްޗަށާއި މާތް ﷲ ޚަލްޤުކުރެއްވި މަޚްލޫޤުންނާއި އިންސާނުންގެ ފިކުރުން އުފައްދާފައިވާ ތަފާތު ދެކޮޅުނުޖެހޭ ފިލޯސަފީތަކަށް ތަބާވެ އެއަށް އަޅުކަންކުރުމުގައިވަނީ ކުރިއަރާ ގޮސްފައެވެ. އަދި އަނެއްބަޔަކު ދީނެއް ޤަބޫލުނުކުރާކަމުގެ ދަޢުވާކުރަމުން ދާހިނދުމެ ވަނީ މާއްދިއްޔަތުގެ އަޅުންނަށްވެނިމިފައެވެ.