}

Monday, December 17, 2012

އުފާވެރި ޙަޔާތަކަށް: ތިމާއަކީ ތަފާތު މީހެކެވެ.

ބައެއްމީހުން ކުރާ ބަހުސްތައް ޒުވާބަކުން ނިންމާލަންޖެހޭއިރު އަނެއްބައިމީހުން ހަމަ އެމަޢުލޫގައި ބަހުސްކޮށް ރަޙްމަތްތެރި
މާޙައުލެއްގައި އެ ބަހުސެއް ނިންމާލެވެނީ ކީއްވެގެންހެއްޔެވެ؟ އެހުރިހާކަމެއް ބިނާވެގެންވަނީ އެމީހަކަށް ނުވަތަ އެބަޔަކަށް ލިބިފައިވާ ބަހުސްކޮށް އަނެކާއާއި މުޢާމަލާތުކުރުމުގެ ހުނަރުގެ ސަބަބުންނެވެ. ތައްޔާރުކޮށްފައިވާ އެއް ޚުޠުބާއެއް ދެމީހުން ދޭއިރު އޭގެ ތެރެއިން އެކަކު ޚުޠުބާ ދޭއިރު އަޑުއަހަންތިބޭމީހުންގެ ތެރެއިން ބައެއް މީހުން އާފުރި ނިދިޖެހޭއިރު އަނެއްބަޔަކު ނަމާދު މުޞައްލައާއި ކުޅެލަކުޅެލާ ނުވަތަ ހަށިގަނޑުގެ ހަރަކާތްތައް ގިނަވެ ހަމަނުޖެހިވިގެން އުޅޭއިރު ހަމަ އެޚުޠުބާ އެހެން މީހަކު ދޭއިރު އަޑުއަހާ މީހުން އެއަށް ކަނުލާ އަޑުއަހަން އެސްފިޔަވެސް ޖަހާނުލާ ތިބެނީ ކީއްވެގެންހެއްޔެވެ؟ އެއީ ބަސްމޮށުންތެރިކަމުގެ ކުޅަދާނަކަމެވެ. މީހަކު އެއްވުމެއްގައި ވާހަކަދައްކާއިރު އެއްވެފައިވާމީހުން އޭނާގެ ވާހަކައަށް ކަނުލާ އަޑުއަހަން ތިބޭއިރު އެހެން މީހަކު ވާހަކަދައްކަންފެށުމުން އެއްވެފައިވާ މީހުން އެމީހުންގެ އަމިއްލަ ވާހަކަތައް ދައްކާ އެއްބަޔަކު ފޯނުގެ މެސެޖްތައް ކިޔާ އޭނާކާދައްކާ ވާހަކައާމެދު ސަމާލުކަމެއްނުދެނީ ކީއްވެހެއްޔެވެ؟ އެއީ ވާހަކަދެއްކުމުގެ ހުނަރުގެ ސަބަބުންނެވެ. ސްކޫލެއްގެ މުދައްރިސަކު ސްކޫލްގެ ކޮރިޑޯގައި ހިނގާފައި ދާއިރު ހުރިހާ ކުދިން އޭނާގެ ގާތައް ޖަމާވެ، ބައެއްކުދިން އޭނާއާއި ސަލާމްކޮށް، އަނެެއްބައިކުދިން އޭނާގެ ފަރާތުން ލަފާއަހާ، އަނެއްބައިކުދިން އެކި ކަންކަމުގެ ޝަކުވާ އުފުލާހަދާއިރު އަނެއް މުދައްރިސަކު އޭނާގެ އޮފީހުގައި ހުރިހާކުދިންނަށް ކަންކަމު އައުމަށް ދަޢުވަތުދީފައި އޮންނަ އިރުވެސް އެއްވެސް ކުއްޖެއް އެކަމަށް ޝައުޤުވެރިނުވެ އޮފީސް ފަޅުކޮށްއޮންނައިރު އަދި އެހެން މުދައްރިސަކު އެކަނި މާއެކަނި ކޮރިޑޯގައި ހިނގާފައި ދާއިރު ނުވަތަ ސްކޫލްގެ މިސްކިތުން ނުކުމެގެންދާއިރުވެސް އެއްވެސް ކުއްޖަކު އޭނާއާއި ސަލާމްކޮށްލުމަށްވެސް ބޭނުންނުވަނީ ކީއްވެގެންހެއްޔެވެ؟ އޭނާގެ އޮފީސް އިރު އެރީންސުރެ އިރު އޮއްސުމާ ހަމައަށް ކުދިންނަށް ހުޅުވާލިނަމަވެސް އެތަނަށް ކަމަކު ވަނުމަށް އެއްވެސް ކުއްޖަކު ބޭނުންނުވަނީ އަދި އޭނާއާއި އެކުވުމަށް ބޭނުންނުވަނީ ކީއްވެހެއްޔެވެ؟ މި ހުރިހާކަމެއް ގުޅިފައިވަނީ އޭނާއަށް ލިބިފައިވާ އަނެކުންނާއި މުޢާމަލާތުކުރުމުގެ ހުނަރުގެ މައްޗަށެވެ. ބައެއްމީހުން އާންމު އެއްވުމަކަށް ވަނުމާއެކު އެއްވެފައިވާ މީހުންގެ ސަމާލުކަން އޭނާއަށް ހުއްޓި އޭނާއާއި ބައްދަލުވުމުން އެމީހުންނަށް އުފާވެރިކަން ލިބިގެންދަނީ ކީއްވެގެންހެއްޔެވެ.

Tuesday, December 4, 2012

އުފާވެރި ޙަޔާތަކަށް: ބަންޑުންވި ކިރުފޮދާއިމެދު ހިތާމަނުކުރާށެވެ!

ބައެއްމީހުން ޤަބޫލުކުރާގޮތުގައި އެމީހުން ތަރުބިއްޔަތު ކުރެވުނު ގޮތާއި މީހުން އެމީހުންސިފަކުރާ ގޮތަކަކީ ބަދަލުކުރެވޭނޭ
ކަންކަމެއްނޫނެވެ. ބައެއްމީހުން މިފަދަ ކަންތައްތަކާއިމެދު ދެކެނީ އެއީ އޭނާގެ އިސްކޮޅާއި ގައިގެ ކުލަފަދައިންނެވެ. އަނެއްކޮޅުން ހިކުމަތްތެރިން ޤަބޫލުކުރާގޮތުގައި މިޒާޖުގައިވާ މިފަދަ ސިފަތަކަކީ ތިމާގެ ހެދުން ބަދަލުކުރާހާ ފަސޭހައިން ބަދަލުކޮށްލެވިދާނެކަމެއްކަމުގައެވެ. އަހަރެމެންގެ މިޒާޖަކީ ބަންޑުންވެ އޮހިގެންދާ ކިރުފޮދެއްފަދައިން އަލުން އަލުން ނުނެގޭނޭ އެއްޗެއްނޫނެވެ. އޭގެ ބަދަލުގައި އަހަރެމެންގެ މިޒާޖާއި ވިސްނުމަކީ އަބަދުވެސް އެ މައްޗަށް އަހަރެމެންނަށް ބާރުފޯރުވޭނޭ އެއްޗެކެވެ. އެކަންކަން ބަދަލުކުރެވޭނޭ އުޞޫލުތަކަކާއި ގޮތްތަކެއްވެއެވެ. އިބްނު ހަޒްމު އެކަލޭގެފާނު ލިޔުއްވި ސްޕެއިންގެ މަޝްހޫރު ވިޔަފާރިވެރިއެއްގެ ވާހަކައެއްކަމުގައިވާ ތަވްޤް އަލް ހަމާމާގައި ލިޔުއްވާފައިވެއެވެ. މި ދެންނެވުނު ވިޔަފާރިވެރިޔާއާއި އިތުރު އެހެން ހަތަރު ވިޔަފާރިވެރިއެއްގެ މެދުގައި ވާދަވެރިކަމެއް އުފެދުނެވެ. ނަތީޖާއެއްގެގޮތުން މި ހަތަރުމީހުން އޭނާއާއި ގަޔާނުވާގޮތްވިއެވެ. އެއްދުވަހަކު ހެނދުނު ވިޔަފާރިވެރިޔާ އޭނާ މަސައްކަތްކުރާތަނަށް ދިއުމަށް އޭނާގެ ގެއިން ނުކުތެވެ. އޭނާ ލައިގެންހުރީ ހުދު ގަމީހެކެވެ. އަދި ބޮލުގައި ހުދު ފަގުޑިއެއް އޮޅާލާފައިހުއްޓެވެ. ކުރިން ދެންނެވުނު ހަތަރު ވިޔަފާރިވެރިންގެ ތެރެއިން އެކަކު އޭނާއާއި ބައްދަލުވިއެވެ. އޭނާ ސްޕޭންގެ މި ވިޔަފާރިވެރިޔާއާއި ބައްދަލުކޮށް އޭނާއާ ސަލާމްކޮށް އޭނާގެ ބޮލުގައިވާ ފަގުޑިއަށް ބަލާލާފައިބުންޏެވެ. "ތިޔައީ ހާދަ ރީތި ރީންދޫ ފަގުޑިއެކެވެ." ވިޔަފާރިވެރިޔާ ޖަވާބުދިނެވެ. "ކަލޭ އަނދިރިހެއްޔެވެ؟ މިއީ ހުދު ފަގުޑިއެކެވެ!" އޭނާ ޖަވާބުދިނެވެ. "ނޫން ތިޔައީ ރީންދޫ ފަގުޑިއެކެވެ! ހަމަ ޔަޤީނުންވެސް ތިއީ ރީންދޫ ކުލައެވެ. އެކަމަކު ތި ފަގުޑި ވަރަށް ރީއްޗެވެ." ވިޔަފާރިވެރިޔާ އޭނާ ދޫކޮށް ހިނގަންފެށިއެވެ. ތަންކޮޅަކަށްދެވުނުތަނުން އޭނާއާއި ވާދަވެރި ދެވަނަ ވިޔަފާރިވެރިޔާއާއި ބައްދަލުވިއެވެ. އޭނާވެސް މި ސަލާމްކޮށްލުމަށްފަހު ވިޔަފާރިވެރިޔާގެ ބޮލުގައިވާ ފަގުޑިއަށް ބަލާލާފައިބުންޏެވެ.

Wednesday, October 3, 2012

އުފާވެރި ހަޔާތަކަށް - އަމިއްލަނަފުސު ތަރައްޤީކުރުން

ތިބާ ވިހި އަހަރުގެ މީހަކާއި ބައްދަލުވެ އޭނާގެ ކިބައިގައި ހުރި އިންސާނާގެ ޠަބީއަތަކީ އޭނާގެ ހިތެވެ. އެ ހިތުގެ މަހަލްއަކީ ނުވަތަ އަސްލަކީ ލޯތްބެވެ. ލޯބީގެ ރަމްޒެއްކަމުގައި ނުވަތަ ނިޝާނެއްކަމުގައި ހިތްވެފައިވަނީ އެހެންވެގެންނެވެ. އިބްނުލް ޤައްޔިމް (ރަހިމަހުﷲ) ވިދާޅުވާގޮތުގައި މީހެއްގެ ހިތުގައި އެހެންމީހެއް، ކަމެއް، ނުވަތަ އެއްޗެއްގެ މައްޗަށް އާދަޔާޚިލާފް ލޯތްބެއްވާނަމަ އެމީހަކާއިއެކު ފުރިހަމަގޮތުގައި ވާހަކައެއް ދައްކާ ނިންމާލުމަކީ ފަސޭހަކަމެއް ނޫނެވެ. އެކަލޭގެފާނުގެ އެބަސްފުޅުގެ މުރާދަކީ އެފަދަ މީހެއްގެ ވިސްނުން އަބަދުވެސް އެނބުރެމުންދާނީ އަދި އެދެކެވޭވާހަކައެއްގެ ނިމުމާއި ފެށުން ބިނާވެގެންދާނީ އެމީހަކު ލޯބިވާ މީހެއް، ކަމެއް، ނުވަތަ އެއްޗަކާއި ދިމާލަށެވެ. ނަތީޖާއެއްގެގޮތުން ކޮންމެ ވާހަކައެއް ދެއްކިނަމަވެސް އޭނާގެ ވިސްނުމާއި ފިކުރު ބައްޓަންވެގެންދަނީ އޭނާ ލޯބިކުރާކަމެއްގެ މައްޗަށެވެ. އިންސާނީ މި އިޙްސާސްތަކުގެ ނަތީޖާއަކީ ހުޝޫޢަތްތެރިކަން ކަމުގައި މާނަކުރެވިދާނެއެވެ. އިންސާނުންގެ ތެރެއިން ހުޝޫޢަތް ތެރިކަން އެންމެ ވަރުގަދައީ ލޯބިވެރިންގެ މެދުގައެވެ. އެމީހުންނަށް އެމީހަކު ލޯބިވާމީހެއްގެ ހަނދާންތައް ހިތުން ފޮހެލާ އެ ޚިޔާލްތަކާއި ދުރުވެހުރުމަކީ ދަތިކަމެކެވެ. ލައިލާ އާއި މަޖުނޫނަކީ އެފަދަ މިސާލެކެވެ. އެއްދުވަހަކު މަޖުނޫނު ނަމާދުގެ ޖަމާއަތުގެ އިމާމުގެ ކުރިމަތިން ހުރަސްކުރިއެވެ. ނަމާދައްފަހު އިމާމް މީހާ މަޖުނޫނާ ސުވާލުކޮށް ބުންޏެވެ. ބަލަ ތިބާއަށް ނަމާދައްހުންނަ މީހެއްގެ ކުރިމަތިން ހުރަސްކޮށް ދިޔައިރުވެސް ނޭންގުނުހެއްޔެވެ. މި ސުވާލަށް މަޖުނޫން ދިނީ ހާޟިރު ޖަވާބެކެވެ. އޭނާ ބުންޏެވެ. އޭ، ޝޭޚެވެ. އަހަރެންނަށް މަޢާފްކުރާށެވެ. އަހަރެން ހުރީ އަހަރެންގެ ލައިލާގެ ހަނދާނުގައި ދީވާނާވެފައެވެ.

އަނެކާ އޮރިޔާންކުރާ ވިޔަފާރި!؟

މާލޭގެ މަގުތަކަކީ މިއަދު އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ސިޓިންގރޫމްތަކުން މިފެންނަ ސެޓަލައިޓް ޓީވީ ޗެނަލްތަކުން ފެންނަ
ގިނަ މަންޒަރުތަކާއި ތަފާތު މަންޒަރުތަކެއްނޫނެވެ. "ނަންކިޔާ" ޔޫރަޕީ ތަމައްދުންގެ ތެރެއިން އަޅުގަނޑުމެންވެސްވަނީ މަތީ މިންވަރެއް ހާޞިލްކޮށްފައެވެ. އަދި ކިއެއްތަ ބައެއް ކަންތައްތަކުގައި އަޅުގަނޑުމެންވަނީ އެމީހުންނަށްވުރެ ކުރިއަރާގޮސްފައެވެ. ހިތާމައަކީ އެމީހުންގެ ފުށުން ނަކަލުކޮށް އަޅުގަނޑުމެންނަށް ކުރިއަރާ މިދެވުނީ އެބައިމީހުންގެ ތެރޭގައި ހުރި އުނި ކަންތަކުންނެވެ. ވިޔާނުދާ އަޚްލާޤީގޮތުން އަގެއްނެތް ކަންކަމުގައެވެ. ހިތާމައަކީ އެ ދަޅަތަކަކަށް ހެއްލި އަދި އެކުލަތަކެއްރީތިވެ އެފެޝަންތަކަށް އަޅުގަނޑުމެން ލޯބިކޮށްފައިމިވަނީ އެއިން ދުނިޔެއާއި އާޚިރަތުގައިވެސް މަންފާއެއްނުކުރާ އަދި އެއިން އާޚިރަތުގެ ހަލާކުނޫނީ ނުލިބޭނޭ ކުލަތަކާއި ފެޝަންތައްކަމެވެ. އަނެކާގެ ކުރިމަތީގައި ތިމާގެ އަމިއްލަ ނަފްސު "ބަރަހަނާކޮށް" ޒީނަތްތެރިކަން ހިލޭ ފިރިހެނުންގެ ކުރިމަތީގައި ދައްކަމުން ބޮޑާކަމާއިއެކު ތިމާ ހިނގަމުންދާއިރު އެއްބަޔަކު ލަދުވެތިކަމުގައި އިސްތިރިކޮށްލާއިރު އަނެއްބަޔަކު ތިބެނީ ތިމާ ޝިކާރަކޮށްލާނޭގޮތަކާއިމެދު ހިތުގައި ރޭވުންތައް ރާވާލަ ރާވާލައެވެ. ދުރުދުރުން މިވާހަކަ ބުނުމުގެ މާނައެއް ހަޤީޤަތުގައި ނެތްކަން އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. އެހެނީ މިއީ މިދައްކަނީ އާވާހަކައެއް ނޫނެވެ. މިއަދު އަޅުގަނޑުމެންގެ ތެރޭގައި ޢާންމުވެފައިވާ ކަމެއްގެ ވާހަކައެވެ.

Monday, July 30, 2012

އަހަރެމެން ހުނަރު ހޯދަންވީ ކީއްވެ؟

އެއްފަހަރަކު އަހަރެން ފަޤީރު އަވަށަކަށް ދަރުސެއްދިނުމަށް ދިޔައީމެވެ. ދަރުސް ނިމުނުތަނާ އެވަށުން ބޭރުގައި ދިރިއުޅޭ މުދައްރިސަކު
އަހަރެންނާއި ބައްދަލުކުރިއެވެ. އަދި އޭނާ ބުންޏެވެ. "އަހަރެމެންގެ ބައެއް ކިޔަވާކުދިންގެ ކިޔެވުމަށް ޚަރަދުކުރުމަށް ޝޭޚައް އެހީތެރިވެވިދާނެކަމަށް އަހަރެން އުންމީދުކުރަމެވެ." އަހަރެން ހައިރާންކަމާއެކު ބުނީމެވެ. "ތިޔަ އަވަށުގެ މަދަރުސާތަކަކީ ސަރުކާރު މަދަރުސާތަކެއް ނޫންހެއްޔެވެ؟ އަދި އެހެންވީމާ އެތަނުގައި ކިޔަވައިދެނީ ހިލެއެއް ނޫންހެއްޔެވެ؟" އޭނާ ޖަވާުބުދިނެވެ. "ތިޔަ ބުނީތެދެކެވެ. އެކަމަކު އެހީތެރިކަން ބޭނުންވަނީ އެކުދިންގެ ޔުނިވަރސިޓީ ތަޢުލީމަށެވެ." އަނެއްކާވެސް އަހަރެން ބުނީމެވެ. "ޔުނިވަރސިޓީތަކަކީވެސް ސަރުކާރު ތަންތަން ނޫންހެއްޔެވެ. އަދި އެތަންތަނުން ކުދިންނަށް އެހީތެރިވެދޭނޫންހެއްޔެވެ؟" އޭނާ ބުންޏެވެ. "ތިމަންނާ މިކަންވާގޮތް ކިޔައިދިނުމަށް ފުރުޞަތުދޭށެވެ" އަހަރެން އެކަމުގެ ހުއްދަ ދިނުމުން އޭނާ ކުރިއަށް ގެންދިއައެވެ. "އަހަރެމެންގެ ކިޔަވާކުދިންގެ ތެރެއިން 99 އިންސައްތަ ކުދިން ޘާނަވީ މަދަރުސާ ފުރިހަމަކުރެއެވެ. އެކުދިންނަކީ ސިކުނޑި ތަނަވަސް ވިސްނުންތޫނު ކުދިންތަކެކެވެ. އެހެންކަމުން އެކުދިންގެ ހިކުމަތާއި ވިސްނުން މުޅި އުންމަތައް ބަހާލައިފިނަމަ ހަމަޔަޤީނުންވެސް މުޅިއުންމަތައް އެމިންވަރު ފުދޭނެއެވެ. އެކަކަމު ކުއްޖަކު އިންޖިނިއަރިން، ބޭސްވެރިކަން، އިސްލާމީ ޝަރީޢާ، ކޮމްޕިއުޓަރ ސައިންސް ފަދަ ޢިލްމެއް ދަސްކުރުމަށް އެނާގެ އަމިއްލަ ރަށުންބޭރަށް ދާން ބޭނުންވެއްޖެނަމަ އެކުދިންގެ ބައްޕަ އެކުދިން ހުއްޓުވައެވެ. އަދި ބުނެއެވެ. "ތިކުދިންނަށް އެނގިފައިތިވާ މިންވަރު ފުދެއެވެ. ތިމަންނައާއިއެކު މަޑުކުރާށެވެ.

Thursday, May 17, 2012

އެއީ އަހަރެންގެ ދައްތައެވެ

ި ވާހަކައަކީ އަޅުގަނޑު ކުރިން މި ބްލޮގްގައި ގެނެސްދީފައިވާ ވާހަކައެކެވެ. ނަމަވެސް އަލުން މިވާހަކަ މި ބްލޮގްގައި މި ހިމަނާލީ އެވާހަކައިގެ އޯޑިއޯ ރެކޯޑް ކުރެވިފައިވުމާއި އެކު ތިޔަބޭފުޅުންނާއި ހިއްސާކޮށްލުމަށެވެ. އަދި އޯޑިއޯއާއިއެކު ވާހަކަވެސް އަލުން ހިމަނާލީއެވެ. މިވާހަކައިގެ އޯޑިއޯއަށް އަޑު އަޅާދީފައިވަނީ އަޅުގަނޑުގެ ދެ ކޮއްކޮ ކަމުގައިވާ ފާޠިމަތު އުފާ ޝާކިރު އަދި މަރިޔަމް ރިފާ ޝާކިރެވެ.


 :: ވާހަކައިގެ އޯޑިއޯ އަޑުއެއްސެވުމަށް މަތީގައިވާ ފޮޓޯއަށް ފިއްތަވާލައްވާ::



 ނޯޓް: މިއީ އަބްދުލްމާލިކް އަލް ޤާސިމް ލިއުއްވާފައިވާ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް މުޙައްމަދު އަލް ޝަރީފް އިނގިރޭސި ބަހުން ލިއުއްވާފައިވާ ވާހަކައެއްގެ ދިވެހި ތަރުޖަމާއެކެވެ. އޭނާގެ ކޯވަނީ ވަޅުވަދެ ކުލަ ފަނޑުވެފައެވެ. އޭނާގެ ގައިގެ ހަންގަނޑު ކަށިތަކުގައި ތަތްވެފައިވާކަހަލައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކުން އޭނާގެ އަޒުމަކަށް ބަދަލެއްނާދެއެވެ. އޭނާ ޤުރުއާން ކިޔެވުމުގައި މަސްޢޫލުވެފައިވާ ވަގުތެއްގައިމެނުވީ ތިބާއަކަށް އޭނާއެއް ނުފެންނާނެއެވެ. ބައްޕަ އޭނާއަށްޓަކައި ތައްޔާރުކޮށްދިން ނަމާދުކުރާ ކޮޓަރީގައި ހީވާގިކަމާއެކު އަޅުކަމުގައި އަބަދުމެ މަސްޢޫލުވެއުޅެއެވެ. ރުކޫޢުކޮށް، ސަޖިދަކޮށް، ޚާލިޤުވަންތަ ﷲ އަށް ދުޢާދެންނެވުމުގައި އޭނާގެ ބަލިކަށި އަތަކަށް ވަރުބަލިކަމެއް ނުލިބެއެވެ. ފަޖުރު ލުމަށްފަހު އިރު އޮއްސުމަށްދާންދެން އޭނާ އެގޮތުގައި ސާބިތުވެހުރެއެވެ.

އުފާވެރި ޙަޔާތަކަށް - އަހަރުމެން ދަސްކުރަން މިއުޅެނީ ކޮންކަމެއް؟

އިންސާނުންނަކީ އެބައިމީހުންނަށް ކުރިމަތިވާ އުފާތަކާއި ހިތާމަތައް ހިއްސާކުރަން ބޭނުންވާ ބައެކެވެ. އެބައިމީހުން މުއްސަދިވުމުން
ނުވަތަ ފައިސާވެރިވުމުން އުފާކުރެއެވެ. އެބައިމީހުންގެ މަސައްކަތުގައި ކުރިއެރުން ލިބުމުން ނުވަތަ ވަޒީފާގެ ކުރިއެރުންލިބުމުން އުފާކޮށް އެކަން ފާހަގަކުރެއެވެ. ބަލިވުމަށްފަހު ފަސޭހަވުމުން އެބައިމީހުންނަށް ހިތްހަމަޖެހުން ގެނެސްދެއެވެ. އަދި ދުނިޔޭގެ ހުވަފެންތައް ހާޞިލްވުމުން އަދި އެހެންމީހުންގެ ހިނިތުންވުން ލިބުމުން އުފާވެރިކަން އެބައިމީހުންނަށް ލިބިގެންދެއެވެ. ހަމަ އެފަދައިން ބަލިވުމުން އެބައިމީހުން ދެރަވެ ހިތާމަކުރެއެވެ. އަތްމަތި ދަތިވެ ފަޤީރުވުމުން މާޔޫސްވެ ހިތްދަތި ކުރުވައެވެ. މިއީ ކަމުގެ ހަޤީގަތްކަމަށް ބަލައިގަނެ ހިތާމަތަކާއި ހިތްދަތިކަމުން އަރައިގަނެ އަހަރެމެންގެ އެކަންތައްތަކުގެ މައްޗަށް ބާރުފޯރުވޭނޭ ގޮތްތައް ހޯދަމާހެއްޔެވެ. ހަޤީގަތަކީ ދުނިޔޭގެ ދިރިއުޅުމަކީ އުފާވެރިކަމާއި ހިތާމަ އެކުވެ މަސްހުނިވެފައިވާ ދިރިއުޅުމެއްކަމެވެ. މި ހަޤީގަތައް އަޅުގަނޑުމެން އިންކާރެއް ނުކުރަމެވެ. ނަމަވެސް އަޅުގަނޑުމެންނަށް ކުރިމަތިވާ ހިތާމަތަކާއިމެދު މާބޮޑައް ވިސްނާ އެކަންކަމާމެދު މާޔޫސްވެ ހަޔާތާމެދު ނާއުންމީދުވުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ކަމަކާއިމެދު ދެރަވެ ހިތާމަކުރުމަށް ގަޑިއެއްހާއިރު ހޭދަކުރުމުން ފުދޭއިރުގައި އެތައް ދުވަސްތަކެއް، މަސްތަކެއް ނުވަތަ އަހަރުތަކެއް އެހިތާމައިގައި ވޭތުކުރަންވީ ކީއްކުރަންހެއްޔެވެ؟ އަޅުގަނޑަށް ފެނުނު ގޮތުގައި ހިތާމައާއި ހިތްދަތިވުން އަޅުގަނޑުމެންގެ ހިތްތަކަށް ވަންނަނީ އަޅުގަނޑުމެންގެ ހުއްދައެއްނެތިއެވެ. ނަމަވެސް ހިތާމަވެރިކަމަށް ހުޅުވޭ ކޮންމެ ދޮރެއް ބަންދުކުރުމަށް އެތަކެއްހާސް ގޮތްތަކަކާއި ސަބަބުތަކެއްވެއެވެ. މި ފޮތުގައި އަޅުގަނޑުމެން ދެނެގަންނަން ބޭނުންވަނީ މިކަންތައްތަކެވެ. މިތަނުގައި ތިބާގެ ސަމާލުކަމަށް އިތުރުކަމެއް ގެނެސްދޭނަމެވެ. ހުރިހާއެންމެންގެ ލޯބި ލިބިފައިވާ މީހަކު އަހަރެމެންނަށް ވަރަށްގިނައިން ފެނޭހެއްޔެވެ؟ ކޮންމެ މީހަކުވެސް އެފަދަ މީހަކާއި ބައްދަލުވުމަށް އުންމީދުކުރެއެވެ. އެފަދަ މީހަކާއެކުވުމަށް އުންމީދުކުރެއެވެ. އެކަމަކު ތިބާ އެފަދަ މީހަކަށް ވުމަށް ބޭނުމެއް ނުވޭހެއްޔެވެ؟

Wednesday, May 2, 2012

އުފާވެރި ޙަޔާތަކަށް - އެމީހުންނަށް ފައިދާއެއް ނުކުރިއެވެ...

އަހަރެންގެ މޮބައިލް ފޯނަށް އެއްފަހަރު އައި މެސެޖެއްގެ މަތިން ހަނދާންވެއެވެ. އެ މެސެޖުގައި ވެއެވެ. "އޭ، ޝޭޚެވެ، އަމިއްލައަށް މަރުވުމުގެ
ހުކުމަކީ ކޮބާތޯއެވެ؟" އަހަރެން އެ މެސެޖް ފޮނުވި ފަރާތައް ގުޅާލީމެވެ. ފޯނުނެގީ ވަރަށް ޒުވާން މީހެއްކަން އެނގުނެވެ. އަހަރެން އޭނާއާއި ސުވާލުކުރީމެވެ. "އަޅުގަނޑަށް މަޢާފްކުރާށެވެ. ތިބާގެ ސުވާލު އަޅުގަނޑަކަށް ރަނގަޅަކަށް ނޭންގުނެވެ. އަލުން އެސުވާލު ތަކުރާރުކޮށްދީބަލާށެވެ؟" އޭނާ މާޔޫސްކަމާއެކު ޖަވާބުދިނެވެ. "ސުވާލު ވަރަށް ސާފުނޫންތޯ؟، އަޅުގަނޑު ސުވާލުކުރީ އަމިއްލައަށް ފުރާނަ ދުއްވާލުމުގެ ހުކުމަކީ ކޮބައިތޯއޭ؟" އަހަރެން ގަސްދުކުރީ އޭނާ ހީނުކުރާފަދަ ޖަވާބެއްދީ އޭނާ ސިއްސުވާލުމަށެވެ. އަހަރެން ބުނީމެވެ. "ތިއީ އެންމެ ރަނގަޅުކަމެއް!" އޭނާ ހާސްވެފައި ޖަވާބުދިނެވެ. "ކީކޭ؟!" "އާނ! އެކަމަކު ތިކަން ކުރަން އެންމެރަނގަޅު ގޮތަކީ ކޮބައިތޯ މަޝްވަރާކޮށްލަމާ؟" ފޯނުން ވާހަކަދެއްކި ޒުވާނާގެ އަޑުމަޑުވިއެވެ. އަހަރެން ބުނީމެވެ. "އެންމެ ރަނގަޅު، ތިބާ އަމިއްލައަށް މަރުވާން ބޭނުންވަނީ ކީއްވެ؟" އޭނާ ޖަވާބުދިން "އަހަރެންނަށް ވަޒީފާއެއް ނުލިބުނު، މީހުން އަހަރެންދެކެ ލޯތްބެއްނުވޭ، ދެން ހުރިހާގޮތަކުންވެސް އަހަރެންނަކީ ބޭކާރު މީހެއް..." އެއަށްފަހު އޭނާ އޭނާގެ މާޔޫސްވެފައިވާ ހަޔާތުގެ ދިގު ވާހަކަ ކިޔައިދޭން ފެށިއެވެ. މީހުންނާއި މުޢާމަލާތުކޮށް މީހުންގެ ރުހުންހޯދަން އޭނާއަށް ނޭގޭންކަމާއި، އެ ހުނަރު އޭނާއަށް ތަރައްޤީނުކުރެވުނު ކަމުގައި އޭނާ ބުންޏެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކަށް ކުރިމަތިވާ ގޮންޖެހުމެކެވެ. އަހަރެމެންގެ ތެރެއިން ބައެއްމީހުން އެމީހުންގެ އަމިއްލަނަފްސު ދަށްކޮށްލަނީ ކީއްވެހެއްޔެވެ؟ ފަރުބަދައިގެ މަތީގައި ތިބި މީހުންނަށްބަލާ، އެމީހުން ފަދައިން އެހިސާބައް ނޭރޭނެކަމުގައި ހީކުރަނީ ކީއްވެހެއްޔެވެ؟ ފަރުބަދައަށް އަރަން ބިރުގަންނަ މީހާ އަބަދުވެސް ހުންނަންޖެހޭނީ ހަމަބިމުގައެވެ. އެއަށްވުރެ އުހަކަށް ނޭރޭނެއެވެ. މިފޮތުން ނުވަތަ މިފަދަ އެހެން ފޮތްތަކަކުން ފައިދާނުވާނީ ކޮންބައެއްކަން ތިބާއަށް އެނގޭހެއްޔެވެ؟ އެއީ އޭނާގެ އަމިއްލަ ނަފުސަށް ހެދޭ ކުއްތަކަށް އަޅުވެތިވެ، ލިބިފައިވާ މަދު ހުނަރުތަކަށް ރުހިގެން ހުންނަ މީހުންނެވެ. އެމީހުން ދެކޭގޮތުގައި، އެއީ އެބައިމީހުންގެ މިޒާޖެވެ. އެ މިޒާޖު ބަދަލެއް ނުކުރެވޭނެއެވެ. އެންމެންނަށްވެސް އެއީ އަހަރެންގެ މިޒާޖުކަން އެނގޭނެއެވެ. އަހަރެންނަށް ޚާލިދު ފަދައިން ވާހަކަ ނުދެއްކޭނެކަމާއި، އަޙްމަދުފަދަ އުފާވެރި މޫނެއްގެ ވެރިއަކަށް ނުވެވޭނެކަމާއި، ޒިޔާދު ފަދައިން އެންމެންގެ ލޯބި ލިބިފައިވާ މީހަކަށް ނުވެވޭނެކަމުގައި އޭނާ ޔަޤީންކުރެއެވެ. އެފަދަ މީހަކަށް މިފޮތުން އެއްވެސް މިންވަރެއް ހާޞިލެއްނުވާނެއެވެ. އަހަރެން އެއްފަހަރަކު އާންމު އެއްވުމެއްގައި ވަރަށް ދުވަސްވީމީހަކާއި އެކު އިނީމެވެ. އެތަނުގައި ޖަމާވެތިބި ގިނަ މީހުންނަކީ އާންމު އާދައިގެ ހުނަރުތައް ލިބިފައިވާ މީހުންނެވެ. ނަމަވެސް މި ދުވަސްވީ މީހާ އަވަދިނެތި އުޅުނީ އޭނާއާއި ގާތުގައި ތިބި މީހުންނާއި ވާހަކަދެއްކުމުގައެވެ. އޭނާގެ އުމުރުން ދުވަސްވުމުން ލިބިފައިވާ މާތްކަން ނޫން އިތުރު އެހެން ކަމެއް އޭނާގެ ކިބައިން ފާހަގައެއް ނުކުރެވުނެވެ. އަހަރެން އެތަނުގައި އެމީހުންނާ މުޚާތަބުކޮށް ވާހާކަދައްކަމުން ދިޔައީމެވެ. އަދި ވާހަކައިގެ ތެރޭގައި މަޝްހޫރު މާތް ޢިލްމުވެރިއެއްކަމުގައިވާ ޝައިޚް އަބްދުލް ޢަޒީޒް ބިން ބާޒްގެ ފަތުވާއެއްގެ ވާހަކަ ދެއްކީމެވެ. އަހަރެންގެ ވާހަކަ ނިމުމުން އެ ދުވަސްވީމީހާ ފަޚުރުވެރިކަަމާއިއެކު އަހަރެންގާތު ބުންޏެވެ. "ޝައިޚް އިބްނި ބާޒް އެއީ އަހަރެންނާއިއެކު އުޅުއްވި ބޭކަލެކެވެ. މީގެ ސާޅީސް އަހަރުކުރިން ޝައިޚް މުޙައްމަދު ބިން އިބްރާހިމްގެ އަރިހުގައި މިސްކިތުގައި އަހަރެން އެކަލޭގެފާނާއިއެކު ކިޔަވަން އުޅުނީމެވެ. އަހަރެން އެނބުރި އޭނާގެ މޫނަށް ބަލައިލީމެވެ. މިވާހަކަ ބުނިއިރު އޭނާގެ މޫނުމަތިން އެކަމަށްޓަކައި އުފާވާކަން ދޭހަވެއެވެ. އޭނާ އޭނާގެ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި އެފަދަ މަތިވެރި ޢިލްމުވެރިޔާކާއިއެކު އުޅުމުގެ ނަޞީބު ލިބުނުކަމަށްޓަކައި ފަޚްރުވެރިވިއެވެ. އަހަރެން އަމިއްލަ ނަފްސަށް ބުނީމެވެ. "އޭނައަށް ހިތާމަހުއްޓެވެ! ތިބާއަށް އިބްނު ބާޒްފަދަ މީހަކަށް ނުވެވުނީ ކީއްވެހެއްޔެވެ؟ ތިބާއަށް ކާމިޔާބުގެ މަގު އެނގުނު ހިނދު އެމަގުން ނުހިނގުނީ ކީއްވެހެއްޔެވެ؟ އިބްނު ބާޒް އަވަހާރަވުމުން އެކަލޭގެފާނުގެ ވަކިވެދިއުމާއިމެދު، މިމްބަރުތަކުންނާއި، މިސްކިތްތަކުންނާއި، ކިޔަވައިދޭ ބޮޑު ބޮޑެތި މަރުކަޒުތަކުންނާއި، އެތަކެއް ޤައުމުތަކުން ދެރަވެ ހިތާމަކުރަމުންދަނީ ކީއްވެހެއްޔެވެ؟ ތިބާގެ ވަކިވެދިއުމުން ހިތްހެޔޮކަމުން ނުވަތަ އާދަކާދައެއްގެ ގޮތުން މެނުވީ އެންމެ މީހަކުވެސް ކަރުނަތިކެއް ވައްޓާނުލާނެއެވެ!" އަޅުގަނޑުމެންގެ ދިރިއުޅުމުގައި ބައެއްފަހަރު އަޅުގަނޑުމެންނަށް އެވެނި މިވެނި މީހަކު އެނގޭކަމުގައި ނުވަތަ މިވެނި އެވެނި މީހަކާއިއެކު އުޅުނިންކަމުގައި ބުނެވެއެވެ. ނަމަވެސް އެއީ ފަޚްރުވެރިވާންވީ ކަމެއް ނޫނެވެ. ފަޚްރުވެރިވާންވީ އެމީހުންފަދައިން އެމީހުން ހާޞިލްކުރި އުސްހަރުފަތްތައް ހާޞިލްކުރެވުމުންނެވެ. ތިބާގެ އަޒުމް އާކުރާށެވެ. ތިބާއަށް ލިބިވާ ހުރިހާ ހުނަރަކާއި ޤާބިލްކަމެއްގެ ބޭނުން ފުރިހަމަގޮތުގައި ހިފާ ކާމިޔާބު މީހަކަށް ވާށެވެ. ތިބާގެ މޫނުގައިވާ މާޔޫސްކަން ފޮހެލާ ހިނިތުންވުމަކަށް ބަދަލުކޮށްލާށެވެ. ކަންބޮޑުވުމާއި ހާސްވުން އެއްފަރާތްކޮށް އުފާވެރިކަން ހޯދާށެވެ. ދަހިވެތިކަން ދޫކޮށްލާ ދީލަތިމީހަކަށްވާށެވެ. ރުޅި ކޮންޓްރޯލްކޮށް މައިތިރިކޮށް ހިކުމަތްތެރިއަކަށްވާށެވެ. ތިމާއަށް ކުރިމަތިވާ މުސީބާތްތަކަކީ އިމްތިޚާނެއް ކަމުގައިދެކި އެއިން އުފަލާއެކު ފިލާވަޅު ލިބިގަންނާށެވެ. އަދި ތިމާގެ ދިނާ އަޤީދާއަކީ ހަތިޔާރެއްކަމުގައި ހިފާށެވެ! ދިރިއުޅުން އުފާވެރިކުރާށެވެ. ދުނިޔޭގެ ދިރިއުޅުމަކީ މަދު ދުވަސްކޮޅެކެވެ. ނުރުހުންތެރިކަމާއި ނަފްރަތާއި ހިތްނުތަނަވަސްވުމުން މި ކުރުހަޔާތް ބޭކާރުކޮށްނުލާށެވެ. އެކަން ހާޞިލްކުރާނީ ކިހިނެތްބާއެވެ. މިފޮތުގެ މަޤްޞަދަކީ އެގޮތް ބަޔާންކޮށްދިނުމެވެ. ﷲ ގެ ވާގިފުޅާއެކު މިފޮތް ނިމެންދެން އަޅުގަނޑާއިއެކު ކުރިއަށް ހިންގަވާށެވެ. ތިބާއަށް އަޅުގަނޑާއިއެކު ކުރިއަށް ދެވޭނީ... ތިބާ އަކީ ތިބާއަށް ލިބިވާ ހުނަރުތައް ތަރައްޤީކޮށް އަދި އަނެކާއާއި މުޢާމަލާތްކޮށް އަނެކާއާއި އޮންނަ ގުޅުން ހަރުދަނާކުރުމުގެ ހުނަރުތައް ފުރިހަމަގޮތުގައި ބޭނުންކުރުމަށް ކެތްތެރިކަމާއެކު ފުރިހަމަ ޢަޒުމެއްގައި ސާބިތުވެ ހުންނަން ކެރޭ ހިތްވަރުގަދަ މީހެއްނަމައެވެ.

Monday, April 30, 2012

އުފާވެރި ޙަޔާތަކަށް - މުޤައްދިމާ

އަޅުގަނޑުގެ ދެތިން ބަހެއް....

 الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وأصحابه أجمعين، وبعد : "އުފާވެރި
ޙަޔާތަކަށް" މި ނަމުގައި އަޅުގަނޑު ތިޔަބޭފުޅުންނަށް މި ގެނެސްދެނީ ސައުދީ އަރަބިއްޔާގެ މަޝްހޫރު ޢިލްމުވެރިއެއްކަމުގައިވާ ޑރ. މުޙައްމަދު އަލް ޢަރީފީ ލިއުއްވާފައިވާ "އެންޖޯއީ ޔުއަރ ލައިފް" މި ފޮތުގެ ދިވެހި ތަރުޖަމާއެވެ. މިފޮތަކީ ދިރިއުޅުމުގެ ތަފާތު ހުނަރުތަކާއި އަމިއްލަ ނަފްސު ތަރައްޤީކޮށް ތިމާގެ ދިރިއުޅުމުގެ ހުނަރުތަށް ތަރައްޤީކުރުމަށްޓަކައި ބޭނުންވާ މުހިންމު ފިލާވަޅުތަކެއް ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހިވަސައްލަމައާއި އެކަލޭގެފާނުގެ ސަހާބީންންގެ ސިޔަރަތުން ގެނެސްދީފައިވާ އަގުހުރި ދަރުސްތަކެއް ލިއްބައިދޭ ފޮތެކެވެ. މިފޮތުގެ ތަފްޞީލު މި ލިޔުންތަކުގެ ފުރަތަމަ ބައެއްގެ ގޮތުގައި އަޅުގަނޑު ގެނެސްދޭ "އެންޖޯއީ ޔުއަރ ލައިފް" މިފޮތުގެ މުގައްދިމާގެ ތަރުޖަމާއި ލިބިވަޑައިގަންނަވާނެވެ. އަޅުގަނޑަށް ވަގުތު ވީ މިންވަރަކުން ﷲ ގެ އިރާދަފުޅާއި ވާގިފުޅާއެކު މި ފޮތުގެ މަޢުލޫތައް އެފޮތުގައި ގެނެސްދީފައިވާ ތަރުތީބުން ތިޔަބޭފުޅުންނާއި ހިއްސާކުރަމުންގެންދާނަމެވެ. ދުޢާއަކީ މި ލިއުންތަކުން އަޅުގަނޑަށާއި ތިޔަބޭފުޅުންނަށް އިބްރަތްތެރި ފިލާވަޅުތަކެއްލިބި އޭގެ ބޭނުން ޢަމަލީ ދިރިއުޅުމުގައި ބޭނުންކުރެވިގެން ދިއުމުގެ ތަޢުފީޤް ﷲ ސުބުޙާނަހޫ ވަޠަޢާލާ މިންވަރުކުރެއްވުމެވެ. މި މަސައްކަތަކީ ފައިދާހުރި އަދި ﷲ ގެ ހަޟްރަތުން ދަރުމަ ލިބިގެންދާނޭ މަސެއްކަތެއްކަމުގައި ލައްވާ މި މަސައްކަތް ލުއިކޮށް ފަސޭހަކޮށްދެއްވުން އެދި ދުޢާ ދަންނަވަމެވެ. އާމީން.