}

Monday, July 30, 2012

އަހަރެމެން ހުނަރު ހޯދަންވީ ކީއްވެ؟

އެއްފަހަރަކު އަހަރެން ފަޤީރު އަވަށަކަށް ދަރުސެއްދިނުމަށް ދިޔައީމެވެ. ދަރުސް ނިމުނުތަނާ އެވަށުން ބޭރުގައި ދިރިއުޅޭ މުދައްރިސަކު
އަހަރެންނާއި ބައްދަލުކުރިއެވެ. އަދި އޭނާ ބުންޏެވެ. "އަހަރެމެންގެ ބައެއް ކިޔަވާކުދިންގެ ކިޔެވުމަށް ޚަރަދުކުރުމަށް ޝޭޚައް އެހީތެރިވެވިދާނެކަމަށް އަހަރެން އުންމީދުކުރަމެވެ." އަހަރެން ހައިރާންކަމާއެކު ބުނީމެވެ. "ތިޔަ އަވަށުގެ މަދަރުސާތަކަކީ ސަރުކާރު މަދަރުސާތަކެއް ނޫންހެއްޔެވެ؟ އަދި އެހެންވީމާ އެތަނުގައި ކިޔަވައިދެނީ ހިލެއެއް ނޫންހެއްޔެވެ؟" އޭނާ ޖަވާުބުދިނެވެ. "ތިޔަ ބުނީތެދެކެވެ. އެކަމަކު އެހީތެރިކަން ބޭނުންވަނީ އެކުދިންގެ ޔުނިވަރސިޓީ ތަޢުލީމަށެވެ." އަނެއްކާވެސް އަހަރެން ބުނީމެވެ. "ޔުނިވަރސިޓީތަކަކީވެސް ސަރުކާރު ތަންތަން ނޫންހެއްޔެވެ. އަދި އެތަންތަނުން ކުދިންނަށް އެހީތެރިވެދޭނޫންހެއްޔެވެ؟" އޭނާ ބުންޏެވެ. "ތިމަންނާ މިކަންވާގޮތް ކިޔައިދިނުމަށް ފުރުޞަތުދޭށެވެ" އަހަރެން އެކަމުގެ ހުއްދަ ދިނުމުން އޭނާ ކުރިއަށް ގެންދިއައެވެ. "އަހަރެމެންގެ ކިޔަވާކުދިންގެ ތެރެއިން 99 އިންސައްތަ ކުދިން ޘާނަވީ މަދަރުސާ ފުރިހަމަކުރެއެވެ. އެކުދިންނަކީ ސިކުނޑި ތަނަވަސް ވިސްނުންތޫނު ކުދިންތަކެކެވެ. އެހެންކަމުން އެކުދިންގެ ހިކުމަތާއި ވިސްނުން މުޅި އުންމަތައް ބަހާލައިފިނަމަ ހަމަޔަޤީނުންވެސް މުޅިއުންމަތައް އެމިންވަރު ފުދޭނެއެވެ. އެކަކަމު ކުއްޖަކު އިންޖިނިއަރިން، ބޭސްވެރިކަން، އިސްލާމީ ޝަރީޢާ، ކޮމްޕިއުޓަރ ސައިންސް ފަދަ ޢިލްމެއް ދަސްކުރުމަށް އެނާގެ އަމިއްލަ ރަށުންބޭރަށް ދާން ބޭނުންވެއްޖެނަމަ އެކުދިންގެ ބައްޕަ އެކުދިން ހުއްޓުވައެވެ. އަދި ބުނެއެވެ. "ތިކުދިންނަށް އެނގިފައިތިވާ މިންވަރު ފުދެއެވެ. ތިމަންނައާއިއެކު މަޑުކުރާށެވެ.
އަދި ތިމަންނަފަދަ ޖަނަވާރު ހުއިހައްޕާމީހަކަށްވާށެވެ." އަހަރެން ހައިރާންކަމާއެކު ބުނީމެވެ. "ޖަނަވާރު ހުއިހައްޕާމީހަކަށޭ؟!" އޭނާ އަހަރެންނަށް އިވުނީ ރަނގަޅަށްކަން ޔަޤީން ކޮށްދިނުމުގެގޮތުން ބުންޏެވެ. "އާ! ޖަނަވާރު ހުއިހައްޕާމީހަކަށްވާށޭ!" "ދެން ހަމަ ހަޤީގަތުގައިވެސް އެކުދިން ރަށުންބޭރަށްނުގޮސް ރަށުގައި މަޑުކުރޭ އަދި ބައްޕަމެންގެ މަސައްކަތުގައި ބައިވެރިވެ ޖަނަވާރު ހުއިހައްޕަންފަށާ، ނަތީޖާއެއްގެ ގޮތުން އޭނާއަށްލިބިފައިވާ ހުރިހާ ހުނަރެއް ބޭކާރުވެގެންދޭ، ދެން އޭނާ ކައިވެނިކޮށް ދަރިން ހޯދަފާނެ. ދެން އެކުދިންނާމެދުވެސް އޭނާ ޢަމަލުކުރަނީ އޭނައާއިމެދު އޭނާގެ ބައްޕަ ޢަމަލުކުރިފަދައިން. ނަތީޖާއަކީ އޭނާގެ ހުރިހާ ކުދިންނަކީވެސް ޖަނަވާރު ހުއިހައްޕާކުދިންކަމުގައި ވެގެން ދިއުން." "ތިކަމުގެ ހައްލަކީކޮބާ؟" އަހަރެން ސުވާލުކުރީމެވެ. އޭނާ ޖަވާބުދިނެވެ. "މިކަމުގެ ހައްލަކީ އެކުދިންގެ ބައްޕައިންނަށް އެމީހުންގެ އެމަސައްކަތުގައި އެހީތެރިވެދޭނޭ މީހަކު މުސާރަދޭގޮތަށް ގެންގުޅުމަށް ބާރުއެޅުން އަދި އެ ފައިސާ އަހަރެމެން އެމީހުންނަށް ހޯދަދިނުން. އަދި އެކުދިން އެކުދިންނަށް ލިބިވާ ހުނަރުތައް އެންމެފުރިހަމަގޮތުގައި ބޭނުންކުރުމުގެ ފުރުޞަޠު ހޯދަދިނުން. ހަމަ އެހެންމެ އެކުދިންގެ ޔުނިވަރސިޓީ ނިމެންދެން އެކުދިންގެ ތަޢުލީމަށްވެސް އަހަރެމެން ޚަރަދުކޮށްދޭނަން." ދެން އެ މުދައްރިސް އިސްދަށަށްޖަހަލާފާ މަޑުމޮޅިކަމާއެކު ބުނި. "އެކުދިން އެކުދިންނަށް ލިބިވާ ހުނަރާ ޤާބިލިއްޔަތު ތަރައްޤީކޮށް އެންމެފުރިހަމައަށް ބޭނުންކުރުމަށް ދަހިވެތިވެފައިވާއިރު އެކަންކަން ފުރިހަމަކޮށްނުކޮށް ބޭކާރުކޮށްލުމަކީ ޤަބޫލުކުރެވޭނޭކަމެއްނޫން." އަހަރެން މުދައްރިސްދެ އެ ވާހަކަތަކާއިމެދު ވިސްނާލީމެވެ. އަދި އަހަރެމެންނަށް ލިބިވާ ހުނަރާއި ޤާބިލްކަން ތަރައްޤީނުކޮށް އަދި އިތުރު ހުނަރުތައް ނުހޯދާ އަހަރެމެންނަކަށް ކުރިއެރުމެއް ނުލިބޭނެއެވެ. ދިރިއުޅުމުގެ ކޮންމެ ރޮނގަކުންވިއަސް، އެއީ، ތަޢުލީމީގޮތުން، ވާހަކަދެއްކުމުގެ ރޮނގުން، ވިޔަފާރީގެ ރޮނގުން، ޞިއްހީރޮނގުން، އިންޖިނިއަރިންގ ގެ ރޮނގުން، ނުވަތަ އަމިއްލަ އާއިލީ ދިރިއުޅުމުގައި ކާމިޔާބު ބައްޕައަކަށް ވުންކަމުގައި ވީނަމަވެސް، ނުވަތަ ކާމިޔާބު އަންބެއްކަމުގައިވީނަމަވެސް، ނުވަތަ އިޖްތިމާއީ ގުޅުންތަކުގެތެރެއިން އަވައްޓެރިންނާ މުޢާމަލާތުކުރުންކަމުގައިވީނަމަވެސް، ނުވަތަ އެކުގައި މަސައްކަތްކުރާމީހުންނާ މުޢާމަލާތުކޮށް ގުޅުން އުފެއްދުންކަމުގައި ވީނަމަވެސް ހަޤީޤީ ކާމިޔާބު ހޯދާ މީހުންނަކީ އެނގިގެން ނަމަވެސް ނުވަތަ ނޭންގިނަމަވެސް އެމީހުންނަށް ލިބިފައިވާ ތަފާތު ހުނަރުތައް ތަރައްޤީކޮށް އެ ހުނަރުތަކުގެ ބޭނުން ޢަމަލީގޮތުން ހިފާމީހުންކަން ޔަޤީނެވެ. ބައެއް މީހުންނަކީ މިޒާޖުގައި އެފަދަ ހުނަރުތައް ލިބިފައިވާ ބައެކެވެ. އަނެއްބައިމީހުންނަކީ ކާމިޔާބު މީހަކަށް ވުމަށްޓަކައި އެފަދަ ހުނަރުތައް ދަސްކޮށް ތަރައްޤީކުރަން ޖެހޭބައެކެވެ. ފަހުން މިދެންނެވުނު ފަދަ މީހުންނަކީ އެމީހުން ކާމިޔާބުހޯދީ ކިހިނެތްކަން ބަލާ ދިރާސާކޮށް އެމީހުންގެ ދިރިއުޅުމާއި ދިރިއުޅުމުގެ ހުނަރުތަކުން ކާމިޔާބީގެ އުކުޅުތައް އަހަރެންމެން ދަސްކުރަންޖެހޭ މީހުންނެވެ. އަދި އެމީހުން ކާމިޔާބުހޯދި މަގުން ހިނގައިގެން ކާމިޔާބުހޯދިދާނެތޯ އަހަރެމެން ދެނެގަންނަންޖެހެއެވެ. މީގެ ކުޑައިރުކޮޅެއްކުރިން އަހަރެން ދުނިޔޭގެ އެންމެ ނުފޫޒުގަދަ މީހުންގެ ތެރޭގައި ހިމެނޭ އައްޝައިޚް ސުލައިމާން އަލް ރާޖިހީގެ ބަސްދީގަތުމެއް އަޑުއެހީމެވެ. އެ ބަސްދީގަތުމުން އޭނާއަކީ އޭނާގެ އަޚްލާގާ މިޒާޖާއި، ވިސްނުމާއި ފިކުރުގެގޮތުން ފަރުބަދައެއްކަމުގައި އަހަރެންނަށް ފެނުނެވެ. އޭނާއަކީ ބޮޑު ފައިސާވެރިއެކެވެ. ގިނަ ބިމާއި، ގެދޮރު ލިބިފައިވާ ބޭކަލެކެވެ. ގިނަ މިސްކިތްތަކެއް ބިނާކުރައްވާފައިވާ ބޭކަލެކެވެ. އެތަކެއް ޔަތީމުންނެއް ބެލެހެއްޓެވުމަށް ޚަރަދުކުރައްވާ ބޭކަލެކެވެ. އެއީ ވަރަށް ކާމިޔާބު ޝަޙްސިއްޔަތެކެވެ. އޭނާ މީގެ ފަންސާސް އަހަރުކުރިން އޭނާގެ ކާމިޔާބީގެ ފެށުމުގެ ވާހަކަ ބަޔާންކޮށްދިނެވެ. އޭރު އޭނާއަކީ ކިރިޔާ އޭނާގެ އަމިއްލަ ބަނޑުފުރާނަ މުއްތިކުރެވޭވަރުގެ މީހެކެވެ. ނުވަތަ އެވަރުވެސް ގިނަ ފަހަރު ހާޞިލްނުކުރެވެއެވެ. އެގޮތުން އޭރު އޭނާ މީސްމީހުންގެ ގޭގެ ސާފުކޮށްދީގެން ކާތަކެތި ހޯދިއެވެ. މީސްމީހުންގެ ފިހާރަތަކުގައި ރޭގަނޑުގެ ވަގުތު މަސައްކަތްކުރަން ދިޔައެވެ. އޭނާގެ ވާހަކައިގައި އޭނާ ކާމިޔާބުގެ ފަރުބަދައިގެ އެންމެ އުހަށް ބިމުންފެށިގެން އެރިގޮތް ކިޔައިދިނެވެ. އަހަރެން އޭނާގެ ހުނަރާއި ޤާބިލްކަމާއިމެދު ވިސާނީލެމެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް މާތް ﷲ ގެ އިރާދަފުޅާއެކު އެފަދަ ކާމިޔާބު މީހަކަށް ވެވިދާނެ މީހެކެވެ. އެކަމަކު އެކަމަށްޓަކައި ތިމާގެ ހުނަރާއި ޤާބިލިއްޔަތުތައް ދެނެގަނެ އެ ކަންކަން ތަރައްޤީކުރުމަށް މަސައްކަތްކުރަންޖެހޭނެއެވެ. އަދި އެ ހުނަރުތަކާއި ޤާބިލިއްޔަތުތައް އާންމު ދިރިއުޅުމުގައި ބޭނުންކޮށް ކާމިޔާބުހޯދުމުގައި ގަދައަޅައި މަސައްކަތްކުރަންޖެހޭނެއެވެ. އޭރުން ޝޭޚްފަދަ ކާމިޔާބު މީހަކަށް ކޮންމެ މީހަކަށްވެސް ވެވިދާނެއެވެ. އަރެމެންގެ މިޒާޖުގައިވާ މިފަދަ ހުނަރުތައް ހޯދާ ދެނެގަންނަންޖެހޭ އަނެއްސަބަބަކީ އަހަރެމެންގެ މިޒާޖުގައި މިފަދަ މުހިންމު އެެތަކެއް ހުނަރުތަކެއް އަމިއްލައަށް ދެނެނުގަނެވި ނުވަތަ އެހެންމީހެއްގެ ފަރާތުންވެސް އެފަދ ކަމެއް ފާހަގަނުކުރެވިވާ އެތަކެއް ހުނަރުތަކެއް އަމިއްލަ މިޒާޖުގައި ފޮރުވިފައިވެދާނެކަމަށްޓަކައެވެ. މަދުބަޔަކަށް މިފަދަ ހުނަރުތައް އެމީހުންގެ މުދައްރިސުން، ނުވަތަ ވަޒީފާގައި އެކީއުޅޭ މީހުން ނުވަތަ އެހެން އެކުވެރި އަޚެއްގެ ފަރާތުން ދެނެގަނެވުނުކަމުގައިވީނަމަވެސް ގިނަބަޔަކީ އަމިއްލަ މިޒާޖުގައި ފޮރުވިފައިވާ މިފަދަ ހުނަރުތައް ދެނެގަތުމަށް ނުކުޅެދިފައިވާ މީހުންނެވެ. ނަތީޖާއެއްގެގޮތުން އުންމަތް ކުރިއަރުވާނޭ އިތުރު ލީޑަރެއް ގެއްލިގެން ދިޔައީއެވެ. މޮޅު ބަސްމޮށުންތެރިއެއް ނުވަތަ މޮޅު ދާޢީއެއް ގެއްލުނީއެވެ. ކާމިޔާބު ފިރިއެއް ނުވަތަ އެހީތެރި އޯގާތެރި ބައްޕައެއް ގެއްލުނީއެވެ. އެހެންކަމުން މި މަޢުލޫގައި ކިޔުންތެރިންނަށް ހަނދާންކޮށްދެވޭނީ ދިރިއުޅުމުގެ ހުނަރުތަކުގެ ތެރެއިން ތިބާއަށް ލިބިފައިވާ ހުނަރުތަކާއިމެދުގައެވެ. އަދި ތަމްރީންކޮށްދެވޭނީ ދިރިއުޅުމުގެ ހުނަރުތަކުގެ ތެރެއިން ތިބާއަށް ލިބިފައިނުވާ ހުނަރުތަކަށެވެ. ވިސްނާލުމަށް.... ތިބާ ފަރުބަދައަށް އަރާއިރު ވިސްނަންވީ ތިބާގެ ވަށައިގެން ލެވިފައިވާ ބޮޑެތި ހިލަތަކަކަށްނޫނެވެ. އެކަމަކު ފަރުބަދައިގެ ކޮޅަށެވެ. އެހެންނަމަވެސް ތިބާ އެ ދަތުރުގައި ފައި އަޅާ ހިލަތަކަށް ފަރުވާތެރިވާށެވެ. އަދި އަވަސް އަރުވާނުލާށެވެ. އެހެންނޫނީ ތިބާގެ ފައި އޮޅި ވެއްޓިދާނެއެވެ.

No comments: