}

Monday, December 17, 2012

އުފާވެރި ޙަޔާތަކަށް: ތިމާއަކީ ތަފާތު މީހެކެވެ.

ބައެއްމީހުން ކުރާ ބަހުސްތައް ޒުވާބަކުން ނިންމާލަންޖެހޭއިރު އަނެއްބައިމީހުން ހަމަ އެމަޢުލޫގައި ބަހުސްކޮށް ރަޙްމަތްތެރި
މާޙައުލެއްގައި އެ ބަހުސެއް ނިންމާލެވެނީ ކީއްވެގެންހެއްޔެވެ؟ އެހުރިހާކަމެއް ބިނާވެގެންވަނީ އެމީހަކަށް ނުވަތަ އެބަޔަކަށް ލިބިފައިވާ ބަހުސްކޮށް އަނެކާއާއި މުޢާމަލާތުކުރުމުގެ ހުނަރުގެ ސަބަބުންނެވެ. ތައްޔާރުކޮށްފައިވާ އެއް ޚުޠުބާއެއް ދެމީހުން ދޭއިރު އޭގެ ތެރެއިން އެކަކު ޚުޠުބާ ދޭއިރު އަޑުއަހަންތިބޭމީހުންގެ ތެރެއިން ބައެއް މީހުން އާފުރި ނިދިޖެހޭއިރު އަނެއްބަޔަކު ނަމާދު މުޞައްލައާއި ކުޅެލަކުޅެލާ ނުވަތަ ހަށިގަނޑުގެ ހަރަކާތްތައް ގިނަވެ ހަމަނުޖެހިވިގެން އުޅޭއިރު ހަމަ އެޚުޠުބާ އެހެން މީހަކު ދޭއިރު އަޑުއަހާ މީހުން އެއަށް ކަނުލާ އަޑުއަހަން އެސްފިޔަވެސް ޖަހާނުލާ ތިބެނީ ކީއްވެގެންހެއްޔެވެ؟ އެއީ ބަސްމޮށުންތެރިކަމުގެ ކުޅަދާނަކަމެވެ. މީހަކު އެއްވުމެއްގައި ވާހަކަދައްކާއިރު އެއްވެފައިވާމީހުން އޭނާގެ ވާހަކައަށް ކަނުލާ އަޑުއަހަން ތިބޭއިރު އެހެން މީހަކު ވާހަކަދައްކަންފެށުމުން އެއްވެފައިވާ މީހުން އެމީހުންގެ އަމިއްލަ ވާހަކަތައް ދައްކާ އެއްބަޔަކު ފޯނުގެ މެސެޖްތައް ކިޔާ އޭނާކާދައްކާ ވާހަކައާމެދު ސަމާލުކަމެއްނުދެނީ ކީއްވެހެއްޔެވެ؟ އެއީ ވާހަކަދެއްކުމުގެ ހުނަރުގެ ސަބަބުންނެވެ. ސްކޫލެއްގެ މުދައްރިސަކު ސްކޫލްގެ ކޮރިޑޯގައި ހިނގާފައި ދާއިރު ހުރިހާ ކުދިން އޭނާގެ ގާތައް ޖަމާވެ، ބައެއްކުދިން އޭނާއާއި ސަލާމްކޮށް، އަނެެއްބައިކުދިން އޭނާގެ ފަރާތުން ލަފާއަހާ، އަނެއްބައިކުދިން އެކި ކަންކަމުގެ ޝަކުވާ އުފުލާހަދާއިރު އަނެއް މުދައްރިސަކު އޭނާގެ އޮފީހުގައި ހުރިހާކުދިންނަށް ކަންކަމު އައުމަށް ދަޢުވަތުދީފައި އޮންނަ އިރުވެސް އެއްވެސް ކުއްޖެއް އެކަމަށް ޝައުޤުވެރިނުވެ އޮފީސް ފަޅުކޮށްއޮންނައިރު އަދި އެހެން މުދައްރިސަކު އެކަނި މާއެކަނި ކޮރިޑޯގައި ހިނގާފައި ދާއިރު ނުވަތަ ސްކޫލްގެ މިސްކިތުން ނުކުމެގެންދާއިރުވެސް އެއްވެސް ކުއްޖަކު އޭނާއާއި ސަލާމްކޮށްލުމަށްވެސް ބޭނުންނުވަނީ ކީއްވެގެންހެއްޔެވެ؟ އޭނާގެ އޮފީސް އިރު އެރީންސުރެ އިރު އޮއްސުމާ ހަމައަށް ކުދިންނަށް ހުޅުވާލިނަމަވެސް އެތަނަށް ކަމަކު ވަނުމަށް އެއްވެސް ކުއްޖަކު ބޭނުންނުވަނީ އަދި އޭނާއާއި އެކުވުމަށް ބޭނުންނުވަނީ ކީއްވެހެއްޔެވެ؟ މި ހުރިހާކަމެއް ގުޅިފައިވަނީ އޭނާއަށް ލިބިފައިވާ އަނެކުންނާއި މުޢާމަލާތުކުރުމުގެ ހުނަރުގެ މައްޗަށެވެ. ބައެއްމީހުން އާންމު އެއްވުމަކަށް ވަނުމާއެކު އެއްވެފައިވާ މީހުންގެ ސަމާލުކަން އޭނާއަށް ހުއްޓި އޭނާއާއި ބައްދަލުވުމުން އެމީހުންނަށް އުފާވެރިކަން ލިބިގެންދަނީ ކީއްވެގެންހެއްޔެވެ.
އަދި ކޮންމެ މީހަކުވެސް އެމީހެއްގެ ގާތުގައި އޭނާ އިށީނުމަށް ބޭނުންވަނީ ކީއްވެގެންހެއްޔެވެ؟ އަދި އަނެއްބައިމީހުންނަށް އެފަދަ އެއްވުންތަކުން މާބޮޑު ސަމާލުކަމެއްނުލިބެނީ ކީއްވެގެންހެއްޔެވެ؟ މިހުރިހާ ކަމެއް ބިނާވެގެންވަނީ އެމީހެއްގެ ކިބައިގައިވާ އަނެކާގެ މައްޗަށް ބާރުފޯރުވުމުގެ ކުޅަދާނަކަމުގެ މައްޗަށެވެ. އެހެންމީހުންގެ ރުހުމާއި މަޤްބޫލުކަން ހޯދައިގަތުމުގެ މައްޗަށެވެ. ހަމަ އެފަދައިން ބައެއް ބައްޕައިން ގެއަށް ވަނުމުން އޭނާގެ ކުދިންގެ ސަމާލުކަން އޭނާއަށް ހުއްޓޭއިރު އަނެއްބައި ބައްޕައިން ކިތައްމެ އިރަކު ބޭރުގައި އުޅުމަށްފަހު ގެއަށް އައިނަމަވެސް ކުދިންގެ ފުށުން ބައްޕައާމެދު މާބޮޑު ސަމާލުކަމެއް ނުލިބެނީ ކީއްވެގެންހެއްޔެވެ؟ އެއީ ބައްޕައިން އެމީހުންގެ ދަރިންނާމެދު މުޢާމަލާތްކުރާ ގޮތެއްގެ ސަބަބުންނެވެ. އެކަން ބިނާވެގެންދަނީ ކުދިންނާއި މުޢާލަމާތުކޮށް އެކުދިންގެ ރުހުން ހޯދުމުގެ ހުނަރު އެމީހަކަށް ލިބިފައިވާ މިންވަރެއްގެ މައްޗަށެވެ. އެކަން އެހެންދިމާވަނީ އެއްވެސް ހާލެއްގައި ދަރިންނާމެދު ބައްޕަގެ ހިތުގައި ލޯތްބާއި އޯގާތެރިކަން ނެތުމުގެ ސަބަބަކުންނޫނެވެ. ހަމަ މިއުޞޫލުން މިސްކިތުގެ މާހައުލުގަޔާއި، ތަފާތު ޕާޓީ ހަފްލާތަކުގެ މާޙައުލުވެސް ސިފަކުރެވިގެންދާނެއެވެ. ކޮންމެ މީހަކީވެސް އެމީހަކަށް ލިބިފައިވާ އެކަކު އަނެކަކާއި މުޢާމަލާތުކުރުމުގެ ހުނަރުގެ ސަބަބުން އެހެންމީހުންނާއި ތަފާތުތަކެއް ލިބިގެންވާ މީހެކެވެ. އަދި ހަމަ އެހުނަރުތަކުގެ ސަބަބުން އެހެންމީހުން ތިމާއާއި މެދު މުޢާމަލާތުކުރާގޮތައްވެސް އަސަރުތަކެއް ކުރެއެވެ. އެހެންމީހުންގެ މައްޗަށް ނުފޫޒުފޯރުވާ އެމީހުންގެ ރުހުމާއި ލޯބި ހޯދުމަކީ އަހަރުމެން މި ހީކުރާވަރަށްވުރެ މާ ފަސޭހަކަމެކެވެ. މިއީ ހަމަ ބުނެލާ ވާހަކައެއް ނޫނެވެ. އަހަރެންވަނީ މިކަން ތަފާތު އެކިއެކި ގޮތްގޮތުން ތަޖުރިބާކޮށްފައެވެ. ނަމަވެސް އެކަން ކުރެވޭނީ އެކަކު ނަކެކަކާއި މުޢާމަލާތުކުރާގޮތާއި މީހުންނާއި ގުޅިގެން އެމީހުންގެ ރުހުން ހޯދުމުގެ ހުނަރު އަމިއްލަ ނަފްސުގައި ތަރައްޤީކުރެވިގެންނެވެ. އެހެންމީހުނާއިމެދު ތިމާ އަމަލުކުރާ ގޮތްތަކަކީ އެ ކަންތައްތަކެއްގެ ސަބަބުން ހަޤީޤަތުގައިވެސް އެމީހުންނަށް އަސަރުތަކެއް ކުރުވާ ކަމެކެވެ. އަހަރެންނަކީ 14 އަހަރު ވަންދެން މިލިޓަރީ ކޮލެޖެއްގެ އިމާމްކަން ކުރި މީހަކީމެވެ. އަހަރެން މިސްކިތައް ދާން އޮންނަ މަގުގަކީ ބޮޑު ގޭޓެއް ހުރަސްކޮށް ދާން އޮންނަ މަގެކެވެ. އެގޮތުން އެ ގޭޓްގެ ކުރިމަތީގައި އަބަދުވެސް ފާރަވެރިއަކު ހުރެއެވެ. އެގޭޓް ހުރަސްކޮށް އެތެރެއަށް ވަންނަ ކޮންމެ ފަހަރަކުވެސް އަހަރެން އޭނާއަށް ހީލާ ސަލާމްކޮށްލުމުގެ ގޮތުން އަތް އުފުލާލަމެވެ. ނަމާދުކޮށް ނިމުމަށްފަހު ކޮންމެ ދުވަހަކުވެސް އަހަރެން ކާރަށް އަރައިގެން އެނބުރި ގެއަށް ދަނީއެވެ. އާންމު ގޮތެއްގައި އަހަރެން ނަމާދުކުރާ ވަގުތުގައި ގިނަ ޢަދަދެއްގެ މެސްޖާއި ފޯންކޯލް އަހަރެންގެ ފޯނަށް އައިސްފައިހުރުމުގެ ސަބަބުން އެގޭޓް ހުރަސްކޮށް އަހަރެން ދާއިރު އަހަރެންގެ ފޯނަށް ވަރަށްބޮޑަށް ސަމާލުކަން ދެވެއެވެ. އެހެންކަމުން އެނބުރި ނުކުމެގެން ދާއިރު އެ ގޭޓްގައި ފާރައަށް ހުންނަ ނީހާއަށް ހީލާކަށް އަހަރެން ހަނދާނެއް ނުހުރެއެވެ. ނަމަވެސް އެއްދުވަހަކު އަހަރެން ފޯނަށް ގެއްލިފައިހުއްޓާ އޭނާ އަހަރެން ހުއްޓުވިއެވެ. އަދި ބުންޏެވެ. "އޭ ޝޭޚެވެ. ތިހުރީ އަހަރެންދެކެ ނުރުހިފައި ހެއްޔެވެ؟" އަހަރެން ތިބާދެކެ ހިތްހަމަ ނުޖެހެންވީ ކީއްވެތޯ އަހާ އޭނާއަށް ޖަވާބުދިނީމެވެ. އޭނާ ބުންޏެވެ. ޝޭޚް އެތެރެއަށް ވަދެގެން ދާއިރު ދަނީ އަހަރެންނަށް ހީލާ ސަލާމްކޮށްލުމަށްފަހުއެވެ. ނަމަވެސް ނުކުމެގެން ދާއިރު ޝޭޚް މިކޮޅަށް ބަލާވެސް ނުލައެވެ. ހީވަނީ ނުރުހިފައި ހުންނަހެންނެވެ. އަހަރެން އޭނާއަށް އޭގެ ސަބަބު ކިޔައިދީ އޭނާގެ ގާތުން މާޢާފަށް އެދުނީމެވެ. އަހަރެމެންނަށް ލިބިފައިވާ ހުނަރުތައް ބޭނުންކުރަންފެށުމުން އެފަދަ ހުނަރުތަކަކީ އަހަރެންމެންގެ އާންމު ދިރިއުޅުމުގެ ބައެއްކަމުގައި ވެގެންދެއެވެ. އަދި އެކަންތައްތަކަކީ އަހަރެމެން އެއިން ކަމެއް ހަނދާންނެތިއްޖެނަމަ ނުވަތަ ފަރުވާ ކުޑަކުރެވިއްޖެނަމަ އެހެންމީހުންނަށް އެކަންކަން ފާހަގަކުރެވޭ ކަންތައްތަކެއް ކަމުގައި ވެގެން ދެއެވެ. ވިސްނުން ތާޒާކޮށްލުމަށް...ފައިސާއާއި މުދާވެރިކަން ހޯދުމުގެ މަގުގައި ރަޙްމަތްތެރިން ގެއްލުވާނުލާށެވެ. އެހެނީ އެހެން މީހުންގެ ލޯތްބާއި ގަދަރު ލިބުމަކީ މުއްސަނދިކަން ހޯދުމުގެ މަގެކެވެ.

No comments: