}

Sunday, March 3, 2013

"ﷲ ސުބުހާނަހޫވަތަޢާލާ ދެކެ ލޯބިވާށެވެ"

އިންސާނާގެ ޠަބީއަތަކީ އޭނާގެ ހިތެވެ. އެ ހިތުގެ މަހަލްއަކީ ނުވަތަ އަސްލަކީ ލޯތްބެވެ. ލޯބީގެ ރަމްޒެއްކަމުގައި ނުވަތަ ނިޝާނެއްކަމުގައި
ހިތްވެފައިވަނީ އެހެންވެގެންނެވެ. އިބްނުލް ޤައްޔިމް (ރަހިމަހުﷲ) ވިދާޅުވާގޮތުގައި މީހެއްގެ ހިތުގައި އެހެންމީހެއް، ކަމެއް، ނުވަތަ އެއްޗެއްގެ މައްޗަށް އާދަޔާޚިލާފް ލޯތްބެއްވާނަމަ އެމީހަކާއިއެކު ފުރިހަމަގޮތުގައި ވާހަކައެއް ދައްކާ ނިންމާލުމަކީ ފަސޭހަކަމެއް ނޫނެވެ. އެކަލޭގެފާނުގެ އެބަސްފުޅުގެ މުރާދަކީ އެފަދަ މީހެއްގެ ވިސްނުން އަބަދުވެސް އެނބުރެމުންދާނީ އަދި އެދެކެވޭވާހަކައެއްގެ ނިމުމާއި ފެށުން ބިނާވެގެންދާނީ އެމީހަކު ލޯބިވާ މީހެއް، ކަމެއް، ނުވަތަ އެއްޗަކާއި ދިމާލަށެވެ. ނަތީޖާއެއްގެގޮތުން ކޮންމެ ވާހަކައެއް ދެއްކިނަމަވެސް އޭނާގެ ވިސްނުމާއި ފިކުރު ބައްޓަންވެގެންދަނީ އޭނާ ލޯބިކުރާކަމެއްގެ މައްޗަށެވެ. އިންސާނީ މި އިޙްސާސްތަކުގެ ނަތީޖާއަކީ ހުޝޫޢަތްތެރިކަން ކަމުގައި މާނަކުރެވިދާނެއެވެ. އިންސާނުންގެ ތެރެއިން ހުޝޫޢަތް ތެރިކަން އެންމެ ވަރުގަދައީ ލޯބިވެރިންގެ މެދުގައެވެ. އެމީހުންނަށް އެމީހަކު ލޯބިވާމީހެއްގެ ހަނދާންތައް ހިތުން ފޮހެލާ އެ ޚިޔާލްތަކާއި ދުރުވެހުރުމަކީ ދަތިކަމެކެވެ. ލައިލާ އާއި މަޖުނޫނަކީ އެފަދަ މިސާލެކެވެ. އެއްދުވަހަކު މަޖުނޫނު ނަމާދުގެ ޖަމާއަތުގެ އިމާމުގެ ކުރިމަތިން ހުރަސްކުރިއެވެ. ނަމާދައްފަހު އިމާމް މީހާ މަޖުނޫނާ ސުވާލުކޮށް ބުންޏެވެ. ބަލަ ތިބާއަށް ނަމާދައްހުންނަ މީހެއްގެ ކުރިމަތިން ހުރަސްކޮށް ދިޔައިރުވެސް ނޭންގުނުހެއްޔެވެ. މި ސުވާލަށް މަޖުނޫން ދިނީ ހާޟިރު ޖަވާބެކެވެ. އޭނާ ބުންޏެވެ. އޭ، ޝޭޚެވެ. އަހަރެންނަށް މަޢާފްކުރާށެވެ. އަހަރެން ހުރީ އަހަރެންގެ ލައިލާގެ ހަނދާނުގައި ދީވާނާވެފައެވެ. އެހެންކަމުން އަހަރެންނަށް ހުރަސްކުރެވުނީ ކޮންތާކުންކަންވެސް ނޭންގުނީއެވެ. އެކަމަކު ތިބާ ބުނެބަލާށެވެ. ތިބާއަށް އަހަރެން ތިބާގެ ކުރިމަތިން ހުރަސްކުރިކަން އެނގުނީ ކިހިނެތްހެއްޔެވެ. އެހެނީ އެވަގުތު ތިބާ ހުރީ ﷲ ހަދުމަކޮށް އެކަލާންގެއަށް ކުށްތަންވެ ނަމާދުކުރަން ނޫންހެއްޔެވެ؟ ތިބާގެ ހިތުގައި އަހަރެންގެ ހިތުގައި ލައިލާގެ މައްޗަށްވާ ލޯބިވެސް ﷲ އާއި މެދު ނެތީހެއްޔެވެ؟
މި މިސާލުން
ދޭހަވަނީ ތިމާގެ ހުޝޫޢަތްތެރިކަން ބިނާވަނީ ތިބާގެ ހިތުގައި އެކަމަކަށް ނުވަތަ އެފަރާތަކަށް ދެވިފައިވާ ލޯތްބެއްގެ މައްޗަށްކަމެވެ. ހަޤީޤަތުގައި މިއީ ތިބާއާއި ތިބާގެ ވެރި އިލާހު، ﷲ ސުބުހާނަހޫވަތަޢާލާ އާއި ދެމެދު އޮންނަންޖެހޭނޭ ގުޅުމެވެ. މިއަދު އަޅުގަނޑުމެން
 މުސްލިމުންގެ ތެރޭގައި ފަސްވަގުތު ނާޅާ ބަރާބަރައް ނަމާދުކޮށް ގިނަވަގުތު ޤުރުއާން ކިޔެވުމުގައި ހޭދަކުރާ ގިނަބަޔަކު އުޅެއެވެ. ބަލާބެލުމަށް އެއީ ފުރިހަމަ މުސްލިމެއްގެ ސިފަތަކެވެ. ނަމަވެސް އެފަދަ ބައެއް މީހުން އާންމު ދިރިއުޅުމުގައި ނުވަތަ ވިޔަފާރީގައި އުޅޭއުޅުމުގައި ދޮގުހެދުމާއި، މަކަރާއި ހީލަތް ހެދުމާއި، އެނޫންވެސް ނުބައިކަންތަކުގައި ޝާމިލްވާތީ ތިބާއަށް ފެންނާނެއެވެ. އޭގެ ސަބަބަކީ ކޮބައިތޯއެވެ. އެއީ އެފަދަ މީހުންގެ ހިތުގައި ﷲ ސުބުހާނަހޫވަޠަޢާލާގެ މައްޗަށް ހަޤީޤީ ލޯބި އަށަގަނެފައިނެތުމެވެ. ލޯބިވެރިން އެމީހުންގެ ހިތްތަކުގައި އެމީހަކު ލޯބިވާމީހެއްގެ މައްޗަށް އެއޮންނަ ފަދަ އަދި ކިއެއްތަ އެއަށްވުރެ މާމަތިވެރި ލޯތްބެއް ﷲ ސުބުހާނަހޫވަޠަޢާލާގެ މައްޗަށް އޮންނަންޖެހެއެވެ. އަނެއްކާވެސް އެހެން ވާހަކައެކެވެ. ޖަރުމަން ކިޔަވާކުއްޖެއްގެ މަންމަގެ ވާހަކައެވެ. އެ ކިޔަވާކުއްޖާ އޭނާގެ ރަށް ދޫކޮށް ދުރު ރަށަކަށް ކިޔަވަން ދިޔައެވެ. އެ ދުވަސްވަރަކީ އިންޓަނެޓާއި ފޯނުގެ ވަޞީލަތްތައް ފުޅާ ޒަމާނެއް ނޫންކަމުން އޭނާ އޭނާގެ މަންމައަށް ހާލުބުނެދީ ހަދަނީ ސިޓީގެ ޒަރިއްޔާއިންނެވެ. ނަމަވެސް އޭނާގެ މަންމައަކީ ލިޔަންކިޔަން ދަންނަ މީހެއް ނޫނެވެ. އެހެންކަމުން ފުރަތަމަ މަހުގައި އެކުއްޖާ ފޮނުވި ސިޓީ ހިފައިގެން އޭނާ ދިޔައީ އޭނާގެ އަވައްޓެރިއެއްގެ ގާތަށެވެ. އަދި އެސިޓީ އޭނާލައްވާ ކިއުއްވިއެވެ. ދެވަނަމަހުވެސް ވަރަށް ޝައުޤުވެރިކަމާއެކު އޭނާގެ ލޯބިވާ ދަރިފުޅު ލިޔެފައިވާ ބަސްތައް އަޑުއެހުމަށް ސިޓީ ހިފައިގެން ދިޔައީ އެއްކަލަ އަވައްޓެރިޔާގެ ގާތަށެވެ. ނަމަވެސް ތިންވަނަ މަހު އޭނާގެ ދަރިފުޅު ފޮނުވި ސިޓީ ކިޔުމަށް ދިޔައިރު އެއްކަލަ އަވަށްޓެރިޔާ ރަށަކުނެތެވެ. އެކުއްޖާގެ މަންމަ އެކަމާ ވަރަށް ހިތާމަކޮށް އެސިޓީގައި ބޮސްދީ ވަރަށް ފަރުވާތެރިކަމާއެކު ގެންގުޅުނެވެ. އަދި ވަރަށް ވަރުގަދަ އަޒުމެއް ކަނޑައެޅިއެވެ. އެއީ ލިޔަންކިޔަން ދަސްކުރުމެވެ. އެންމެފަހުން އޭނާ ލިޔަންކިޔަން ދަސްކުރިއެވެ. ކޮންބޭނުމެއްގައި ތޯއެވެ؟ ހަމައެކަނި އޭނާގެ ލޯބިވާ ދަރިފުޅު ފޮނުވަމުންދިޔަ ސިޓީތައް ކިޔުމުގެ ބޭނުމުގައެވެ. ފަހެ އެ އަންހެންމީހާ އޭނާގެ ދަރިފުޅު ދެކެ ލޯބި ވޭހެއްޔެވެ؟ ޔަޤީނެވެ. އެކަމާމެދު ޝައްކެތްނެތެވެ. އެއަށްފަހު އޭނާގެ މަންމަ އޭނާގެ އެ ދަރިފުޅު ފޮނުވަމުންދިޔަ ސިޓީތައް ދޭތެރެ ދޭތެރެއިން ބަލާ ކިޔާހަދައެވެ. އޭނާގެ ދަރިފުޅުގެ ހަނދާނުގައެވެ. އޭނާގެ ދަރިފުޅަށް އޭނާގެ ހިތުގައިވާ ލޯބީގެ ސަބަބުންނެވެ. މިއީ ހަޤީޤީ ލޯތްބެވެ. އެ ލޯބީގެ ސަބަބުން ތިމާ ދުވަހަކުވެސް ނުކުރާން ހުންނަ ނުވަތަ ނުކުރެވޭނޭ ހިތާ ހުންނަ އެތައް ކަމެއް ކުރުމަށް ތިމާގެ ނަފްސައް މަޖުބޫރުކުރުވައެވެ. ތިމާ ލޯބިވާފަރާތާއި ގުޅުން ދެމެހެއްޓުމަށް ހުރި ހުރިހާ ވަޞީލަތެއްގެ ބޭނުން ތިބާ ހިފާނެއެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންނަށް އަޅުގަނޑުމެން އެންމެ ލޯބިވާޖެހޭ ފަރާތް މިވަނީ ހަނދާންނައްތާލެވިފައެވެ. އެއްކަލަ ކުއްޖާގެ މަންމަ އޭނާގެ ދަރިފުޅުގެ ސިޓީ ކިޔުމަށް ހުރި ޝައުޤާއި އޭގެ މައްޗަށްހުރި ލޯބި މާތް ﷲ އަހަރެމެންނަށް ބާއްވާލެއްވި އެކަލާނގެ ބަސްފުޅުތައް ކިޔުމަށް އަހަރެމެންގެ ހިތުގައި ޝައުޤުވެރިކަން ނެތީ ކީއްވެގެން ހެއްޔެވެ؟ އެއީ އަހަރެމެންގެ ހިތުގައި އެ އިލާހުގެ ލޯބި އެންމެ ފުރިހަމަގޮތުގައި ނެތަތީއެވެ. ތިބާ އެފަރާތެއްދެކެ ލޯބިވާފަރާތެއްގެ ހަނދާންތައް ތިބާގެ ހިތާއި ސިކުނޑީގައި ހަރުލާ ހުންނާނެއެވެ. އަދި ތިބާގެ ވިސްނުންމާއި ޢަމަލުތަކުގެ އަމާޒު އެފަރާތަކަށް ބައްޓަންވެގެންދާނެއެވެ. ވިސްނާ ފިކުރުކޮށްލަމާހެއްޔެވެ! ތިބާ ލޯބިވާކަމެއް ތިބާގެ ސިކުނޑީގައި ހަރުލާ ހުރެއެވެ. އަދި އެކަމެއް ތިބާ ނަމާދައް ހުންނަހުރުމުގައިވެސް ތިބާގެ ހިތާއި ސުކުނޑީގައި ތިބާއާއި ވަކިނުވެހުރެއެވެ. ވިޔަފާރިވެރިއެއް އޭނާގެ ވިޔަފާރިއާއިމެދު އެފަދަ ލޯތްބެއްވާނަމަ އޭނާގެ ނަމާދުގައި އެކަންކަން ހަނދާންވެއެވެ. މީހަކު އޭނާގެ ވަޒީފާއާއިމެދު މާބޮޑަށް ގަޔާވެ ލޯބިކުރާނަމަ އެކަމެއް އޭނާގެ ނަމާދުގެ ވަގުތުގައި ހިތުގައި ހަރުލާހުރެއެވެ. އަދި މީހަކު އޭނާ މާބޮޑަށް ލޯބިވާ ކުއްޖަކު ހުންނަނަމަ އެކުއްޖެއްގެ މަތިން ނަމާދުގެ ވަގުތުގައި ހަނދާންވެދެއެވެ. މިއީ އިންސާނީ ތަބީޢަތެވެ. ތިމާ ލޯބިވާކަމެއްގެ ހަނދާން އެފަދަ ވަގުތުތަކުގައި އާވެގެން ދެއެވެ. ތިބާ ނަމާދައްހުންނައިރު ވިސްނާ ފިކުރުކުރެވޭ ކަންކަން އެއީ ހަޤީޤަތުގައި ތިބާ އެންމެ ލޯބިކުރާ ކަންތަކެވެ. އެހެންކަމުން ތިބާ ނަމާދައްހުންނައިރު އެންމެބޮޑަށް ހަނދާންވާ ފަރާތަކީ ﷲ ސުބުހާނަހޫވަތަޢާލާ ކަމުގައި ނުވާނަމަ ތިބާ ހިތުގައިވާ ކަންކަމާއިމެދު އަލުން ވިސްނާ ފިކުރުކުރަންޖެހޭނެއެވެ. އަދި ޚާއްޞަކޮށް އެކަމެއްގެ ސަަބުން ތިމާގެ ހިތުގައި ﷲ ހަދުމަކުރުމުން ދުރުކުރުވާ ކަމެއްނަމަ އެކަމާއިމެދު މާބޮޑަށް ވިސްނަންޖެހެއެވެ. ނަމާދުގައި ހުޝޫޢަތްތެރިކަން ލިބިގަތުމަށްޓަކައި ތިބާ ﷲ ސުބުހާނަހޫވަތަޢާލާދެކެ ލޯބިވާންޖެހޭނެއެވެ. މި ލޯބި ހާޞިލްކުރާނީ ކިހިނެތްހެއްޔެވެ؟ މި ސުވާލާއި މެދު ވިސްނާލުމަށް މިސާލެއްގެގޮތުން ތިބާއަށް ވާހަކައެއް ދަންނަވާލާނަމެވެ. އަހަރެންގެ ރައްޓެއްސެއް ހުރެއެވެ. އޭނާގެ ނަމަކީ އާމިރެވެ. އޭނާއަކީ މާލޭ މީހެކެވެ، އޭނާ ދިރިއުޅެނީ މައްޗަންގޯޅީގައެވެ. ދަންނަވަންތޯއެވެ. ތިބާ އޭނާދެކެ ލޯބިވޭހެއްޔެވެ؟ ނުވަތަ އޭނާދެކެ ރުޅިއާދޭ ހެއްޔެވެ؟ ޖަވާބަކީ ނޫނެކޭ ނޫންތޯއެވެ. އެކަމަކު އަހަރެން އޭނާދެކެ ލޯބިވެއެވެ. އަހަރެން އޭނާދެކެ ލޯބިވެފައި ތިބާ އޭނާދެކެ ލޯބިނުވަނީ ކީއްވެގެން ހެއްޔެވެ. ޝައްކެތްވެސްނެތްގޮތުގައި އެއީ ތިބާއަށް އޭނާ ނޭންގޭތީއެވެ. ތިބާ ނުދަންނަ ފަރާތެއްދެކެ ތިބާ ލޯބިވާނީ ކިހިނެތްހެއްޔެވެ؟ ތިމާ މީހަކުދެކެ ލޯބިވާނަމަ އޭނާ ދަސްކުރަން ބޭނުންވާނެއެވެ. ތިބާއަށް އޭނާގެ ރަނގަޅު ސިފަތައް ދަސްވަމުންދިޔަވަރަކަށް ތިބާ އޭނާދެކެ ލޯބިވާ މިންވަރު އިތުރުވާނެއެވެ. އަދި ލޯބި އިތުރުވަމުންދާވަރަކަށް އޭނާ އިތުރަށް ދަސްކޮށް އޭނާގެ ހަޤީޤަތް ދެނެގަތުމަށް ޝައުޤުވެރިވާނެއެވެ. މިއީ އިންސާނީ ތަބީޢަތެވެ. އެހެންކަމުން ތިބާ ﷲ ސުބުހާނަހޫވަތަޢާލާ ދެކެ ލޯބިވުމަށް ﷲ ސުބުހާނަހޫވަތަޢާލާ އެއީ ކޮންފަރާތެއްކަން ދެނެގަންނަން ޖެހެއެވެ. އެކަލާނގެ ސިފަފުޅުތައް އޭގެ އެންމެ ފުރިހަމަގޮތުގައި ދަސްކޮށް އެކަލާނގެ މަޢުރިފާކޮށް ދެނެގަންނަންޖެހެއެވެ. އެކަމަށްޓަކައި ހަމައެކަނި އެކަލާނގެ އިސްމުފުޅުތަކުގެ ތެރެއިން ނުވަދިހަ ނުވަ އިސްމުފުޅާއި އެ އިސްމުފުޅުތަކުގެ މާނަ ދެނެގަތުމަކުން ނުފުދެއެވެ. ނަމަވެސް އެ ސިފަފުޅުތައް ފުރިހަމަގޮތުގައި ދެނެގަނެ އެ ސިފަފުޅުތައް ތިބާގެ ހިތުގައި ހަރުލެއްވުމަށް ތިބާގެ އާންމުދިރިއުޅުމުން މިސާލު ހޯދަން ޖެހެއެވެ. އެއީ ތިބާގެ ހިތުގައި އެ ސިފަފުޅުތައް ބިންވަޅުނެގި އެ ސިފަފުޅުތަކުގެ ސަބަބުން ﷲ ސުބުހާނަހޫވަތަޢާލާގެ މައްޗަށް ތިބާގެ ހިތުގައި ލޯބި އުފެއްދުމަށްޓަކައެވެ. ހަމައެފަދައިން ކުރިން ދެންނެވުނު މަންމަ އޭނާގެ ދަރިފުޅުގެ ސިޓީ ކިއުމަށް ލޯބިކުރިފަދައިން ﷲ ސުބުހާނަހޫވަތަޢާލާ އަހަރެމެންގެ މައްޗަށް ބާއްވާލެއްވި ކީރިތި ޤުރުއާން ކިޔަވާ އެ ފޮތް އުނގެނި ދަސްކުރުމަށް ލޯބިކުރަންޖެހެއެވެ. އެކަމަށްޓަކައި ހަމައެކަނި އެފޮތުގައިވާ ލަފްޒުތައް ކިޔާލުމަކުން ނުފުދެއެވެ. އެއާއިމެދު ފުންކޮށް ވިސްނާ ފިކުރުކުރަންޖެހެވެ. ތިމާ އެންމެ ލޯބިވާ ފަރާތްކަމުގައި ﷲ ސުބުހާނަހޫވަތަޢާލާ ހެދޭނީ އެކަލާނގެ ފުރިހަމަގޮތުގައި މަޢުރިފާކޮށް ދެނެގަނެވިގެންނެވެ. އަދި ތިމާއަށް ތިމާގެ އަޅުކަންތަކުގައި ހުޝޫޢަތްތެރި ވެވޭނީ ތިމާ އެންމެ ލޯބިވާ ފަރާތަކީ ﷲ ސުބުހާނަހޫވަތަޢާލާ ކަމުގައި ވެގެންނެވެ. އަދި އެކަލާނގެއަށްފަހު ތިބާ ލޯބިވާފަރާތްތަކަކީވެސް ނުވަތަ ކަންކަމަކީވެސް އެ ފަރާތެއްގެ ސަބަބުން ނުވަތަ އެކަމެއްގެ ސަބަބުން ﷲ ސުބުހާނަހޫވަތަޢާލާއާއި ގާތްކޮށްދިނުމަށް އޮތް މަގެއްކަމުގައި ހަދައިގެންނެވެ. އެދި ތިމާގެ ހިތުގައިވާ އެހެނިހެން ލޯތްބަކީވެސް ﷲ އަށް ޓަކައި ވެވޭ ލޯތްބެއްކަމުގައި ވެގެންނެވެ. އޭ އަޚާއެވެ، އޭ އުޚްތާއެވެ. ތިބާގެ ދިރިއުޅުމުގެ ޝިޢާރަކަށް ވާންވީ "ﷲ ސުބުހާނަހޫވަތަޢާލާ ދެކެ ލޯބިވާށެވެ" މި ޝިޢާރެވެ. ތިބާގެ ގޭގެ ފާރުގައި މި ޝިއާރު ތަތްކޮށްލާށެވެ. އެއީ އެކަން އަބަދުމެ ތިބާގެ ހަނދާނުގައި ބެހެއްޓުމަށެވެ. އަދި ތިބާގެ ހިތް އަލުން މުރާޖާކޮށްލާށެވެ. މާތް ﷲ އަޅުގަނޑުމެން އެންމެނަށް ހެޔޮމަގަށް މަގުދައްކަވާށިއެވެ. އަދި އަޅުގަނޑުމެންނަކީ އެއިލާހައް ފުރިހަމަގޮތުގައި ތަބާވާ އެކަލާނގެއަށް އަޅުކަންކުރުމުގައި ހުޝޫޢަތްތެރިވާ ބައެއްކަމުގައި ލައްވާށިއެވެ. އަދި އަޅުގަނޑުމެން އެންމެ ލޯބިވާފަރާތަކީ ﷲ ސުބުހާނަހޫވަތަޢާލާ ކަމުގައި ލައްވާށިއެވެ. އާމީން.

No comments: