}

Wednesday, April 30, 2014

ތިމާ އެބަޔަކަށްޓަކައި އަދާކުރަންޖެހޭ ހައްޤު އަދާކުރާށެވެ.

ބުޚާރީ ރިވާކުރެއްވި ހަދީޘްފުޅެއްގެ މާނައިގައިވެއެވެ. އަބޫ ޖުހައިފާ ވިދާޅުވިއެވެ. ރަސޫލުﷲ ސައްލަﷲއަލައިހި ވަސައްލަމަ ސަލްމާން އާއި އަބުއްދަރުދާއި ދެމެދު ގާތް އަޚްވަންތަކަމުގެ ގުޅުމެއް ގާއިމްކޮށްދެއްވިއެވެ. އެއްދުވަހަކު ސަލްމާން އަބުއްދަރުދާއަށް ޒިޔާރަތްކުރެއްވިއެވެ. އަދި އެހިނދު އުމުއްދަރުދާ ބާވެފައިވާ ހެދުމެއް ތުރުކުރައްވައިގެން ހުންނެވިތަން ފެނިވަޑައިގެން އެކަމާގުޅޭގޮތުން ސުވާލުކުރެއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ. "ތިބާގެ އަޚް އަބުއްދަރުދާ ދުނިޔޭގެ ޒީނަތަށް ޝައުޤުވެރިވެވަޑައިނުގަންނަވައެވެ." އެވަގުތު އުބުއްދަރުދާ އެތަނަށް ވަޑައިގަންނަވައިފިއެވެ. އަދި ވަޑައިގެން ސަލްމާންއަށް ފަރިއްކޮޅު ތައްޔާރުކޮށްދެއްވިއެވެ. އެހިނދު ސަލްމާން އުބުއްދަރުދާއަށް އޭނާއާއިއެކު ފަރިއްކުޅުވުމަށް ދަޢުވަތު ދިނެވެ. އަބުއްދަރުދާ ވިދާޅުވިއެވެ. ތިމަން މިހުރީ ރޯދައަށެވެ. ސަލްމާން ވިދާޅުވިއެވެ. އުބުއްދަރުދާއާއިއެކު ނޫނީ ނުކާނަމެވެ. އަދި ދެބޭކަލުން ފަރިއްކުޅުއްވައިފިއެވެ. ރޭގަނޑުވެ ރޭގަނޑުގެ ދެބައިކުޅައެއްބައި ފާއިތުވުމުން އަބުއްދަރުދާ ރޭއަޅުކަން ކުރެއްވުމަށް ތެދުވެވަޑައިގެންނެވިއެވެ. ނަމަވެސް ސަލްމާން އޭނާއަށް ނިދުމަށް އެންގެވިއެވެ. އަނެއްކާވެސް އިރުކޮޅެއްފަހުން އަބުއްދަރުދާ ތެދުވެވަޑައިގެންނެވިއެވެ. މިފަހަރުވެ ސަލްމާން އޭނާއަށް ނިދުމަށް އެންގެވިއެވެ. ރޭގަނޑުގެ ފަހުބައި ޖެހުމާއިއެކު ސަލްމާން ތެދުވެވަޑައިގެން އަބުއްދަރުދާ ނެންގެވިއެވެ. އަދި ދެބޭކަލުން ނަމާދުކުރެއްވިއެވެ. އެއަށްފަހު ސަލްމާން އަބުއްދަރުދާއަށް ވިދާޅުވިއެވެ. "ތިބާގެ ކަލާނގެއަށް ތިބާގެ ހައްޤުތަކެއްވެއެވެ. ތިބާބެ ނަފުސަށް ތިބާގެ ހައްޤުތަކެއްވެއެވެ. ތިބާގެ އާޢިލާގެ މައްޗަށް ތިބާގެ ހައްޤުތަކެއްވެއެވެ. ތިބާ އެބައެއްގެ މައްޗަށް އަދާކުރަންޖެހޭ ހައްޤު އަދާކުރާށެވެ." އަބުއްދަރުދާ ވަޑައިގެން މިވާހަކަ ކީރިތި ރަސޫލާ صلی اللہ علیہ وسلم އަށް ވިދާޅުވެދެއްވިއެވެ. އެހިނދު އެކަލޭގެފާނު ހަދީޘްފުޅުކުރެއްވިއެވެ. ސަލްމާން އެ ވިދާޅުވީ ތެދުފުޅެކެވެ."

No comments: