}

Wednesday, April 30, 2014

ދިރިއުޅުމުގެ އެންމެ އަސާސީ ސުވާލު 1

އެމީހުން ހެދިފައިވަނީ ހެއްދެވިފަރާތަކާ ނުލާހެއްޔެވެ؟ ނުވަތަ (އެމީހުންގެ އަމިއްލަ ނަފްސުތައް) ހެދި ބަޔަކީ އެމީހުންހެއްޔެވެ؟ ނުވަތަ އުޑުތަކާއި ބިން ހެދީ އެމީހުންހެއްޔެވެ؟ (އެހުރިހާތަކެތި ހެއްދެވީ ޚާލިގުވަންތަ މާތްﷲ އެވެ.) އަދި ކިއެއްހެއްޔެވެ! އެމީހުން އެކަން ޔަޤީނެއް ނުކުރެތެވެ. ނުވަތަ ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ރަސްކަލާންގެ ޚަޒާނާތައްވަނީ އެމީހުންގެ ކިބައިގައިހެއްޔެވެ؟ ނުވަތަ ކަންތައްތަކުގެ މައްޗަށް ބާރު ހިންގާ ބަޔަކީ އެމީހުން ހެއްޔެވެ؟ (سورة الطور 35-37)ދީނީ ކަންކަން މިނާ ވަޒަންކުރުމުގައި ބައެއް ފަރާތްތަކަށް ހެދޭ އެންމެބޮޑު ގޯހަކީ މާތް ﷲ ވޮޑިގެންވާކަމާ އެކަލާނގެ ކުޅަދުންވަންތަކަމާމެދު ފިކުރުކުރުމަކާނުލާ އެފަދަ ކަންކަން ވަޒަންކުރެވޭކަމެވެ. މިސާލެއްގެގޮތުން ދަންނަވަނީނަމަ އިޖްތިމާޢީ ޢިލްމުވެރިން ދީނާގުޅޭގޮތުން ކަމެއް ހޯދާދިރާސާކުރާނަމަ، ތަފާތު ދީންތައް އުފެދޭގޮތާއި ދީނުގެ ސަބަބުން މުޖުތަމަޢަށް އިޖްތިމާއީގޮތުންކުރާ އަސަރުތަކާގުޅޭގޮތުން ކިތަންމެ ފޮތެއްވެސް ލިޔެވިދާނެއެވެ. ނަމަވެސް ހަޤީޤީ ދީނުގެ އިމުގެތެރޭގައި ދިރިއުޅޭމީހަކަށް، ދީނާމެދު އެނގޭމިންވަރާ ގާތަށްވެސް އެހުރިހާ ޢިލްމީ ދިރާސާތަކަކުންވެސް ދީނީކަންކަން އެފަދަމީހަކަށް ދެނެއެއްނުގަނެވޭނެއެވެ.އެފަދަ މީހުންނަކީ މާތްﷲގެ ކަށުކުޅަދުންވަންތަކަމާ އެކަލާންގެ ވޮޑިގެންވާކަން ދެނެގަނެވޭނޭ ބައެއްކަމުގައެއްނުވެއެވެ. ނަމަވެސް މިއީ ދީނުގެ އަސާސެކެވެ. ދީން އެނގެން ބޭނުން ކޮންމެމީހަކުވެސް އެންމެފުރަތަމަކަމަކަށް މާތްﷲ ވޮޑިގެންވާކަން ޤަބޫލްކުރަންޖެހެއެވެ. އެމީހަކީ މާތްﷲ ވޮޑިގެންވާކަން ޤަބޫލްނުކުރާމީހެއްނަމަ އޭނާ ޤުރުޢާނާ މުސްލިމުން ވަޒަންކުރަމުންގެންދާނީ އޭނާގެ އަމިއްލަ ވިސްނުމުގެ ހައްދުގެ ތެރެއިންނެވެ.ނަމަވެސް ޤުރުޢާނުގައި ވަނީ އެފަދަމީހުންނަށް ވަޢީދުގެ ބަސްފުޅު އިއްވަވާފައެވެ.އަދި ކިއެއްތަ! އެމީހުން (އެޤުރުއާން) ދޮގުކުރުމަށް އަވެސްވެގަތީ އެމީހުންނަށް އޭގެ މާނަވެސް ނޭންގެނީހެވެ. އަދި އެފޮތުގައިވާ ވަޢީދުތަކުގެ ޙަޤީޤަތް އެމީހުންނަށް ނޭންގެނީހެވެ. ހަމައެފަދައިން އެބައިމީހުންގެ ކުރީގެ (އުންމަތްތަކުގެެ) މީހުންވެސް (ރަސޫލުން) ދޮގުކުރޫއެވެ. ފަހެ އަނިޔާވެރިންގެ ނިމުންވަނީ ކިހިނަކުންކަން ކަލޭގެފާނު ބައްލަވާށެވެ. (سورة يونس 39)އިސްލާމްދީނަކީ އެއްވެސް އަސާސެއްނެތް ނިންމުންތައް އެތައްމިތަނުން ދީނުގެ ތެރެއަށް ވެއްދޭނޭފަދައިން އިންސާނުންގެ ވިސްނުމާ ފިކުރުން ރަނގަޅަށްރޯނުފިލާ ޚިޔާލުތަކާ އުޞޫލުތަކެއް ހިމަނައިގެން އުފައްދާފައިވާ ދީނެއްނޫނެވެ. ނުވަތަ އެއީ ސިޔާސީވިސްނުމާ ފިކުރުން އުފެދިފައިވާ ދީނެއްނޫނެވެ.މާތްﷲ ގެ ކުޅަދުންވަންތަކަމާމެދު ޝައްކުކުރާ ކަންކަން ނެންގޭ މީހުންނަށް ރައްދުދެއްވާނޭގޮތް އެކަލާނގެ ރަސޫލާއަށް އަންގަވައިދެއްވައި ވަޙީކުރައްވާފައިވާ އާޔަތްތަކުގެ ތެރެއިން އެއް އާޔަތެއްގެ މާނާގައިވެއެވެ.ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ދެކެމުހޭ؟ (އެބަހީ، ތިޔަބައިމީހުންގެ ވިސްނުމަށް ގެނެވޭހޭ؟) މާތް ﷲ، ތިޔަބައިމީހުންގެ (ކަންފަތްތަކަށްއިވޭ) އިވުމާއި، ތިޔަބައިމީހުންގެ (ލޯތަކަށް ފެންނަ) ފެނުން ގެންދަވައި، ތިއަބައިމީހުންގެ ހިތްތަކުގައި ސިއްކަޖައްސަވައި ބަންދުކުރައްވައިފިނަމަ، އެކަންތައް އަލުން ތިޔަބައިމީހުންނަށް ގެނެސްދޭނީ މާތް ﷲ މެނުވީ އިލާހަކުކަމުގައިވާ ކާކުހޭ؟ ތިމަންސުވާމީންގެ އާޔަތްތައް ބަޔާންކޮށްދެއްވަނީ، ކިހިނަކުން ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ދެން އެއަށްފަހުންވެސް އެބައިމީހުން (ކާފިރުން) އެ އާޔަތްތަކުން ދުރުހެލި ވެއެވެ.( سورة الأنعام 46)

No comments: