}

Monday, April 30, 2012

އުފާވެރި ޙަޔާތަކަށް - މުޤައްދިމާ

އަޅުގަނޑުގެ ދެތިން ބަހެއް....

 الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وأصحابه أجمعين، وبعد : "އުފާވެރި
ޙަޔާތަކަށް" މި ނަމުގައި އަޅުގަނޑު ތިޔަބޭފުޅުންނަށް މި ގެނެސްދެނީ ސައުދީ އަރަބިއްޔާގެ މަޝްހޫރު ޢިލްމުވެރިއެއްކަމުގައިވާ ޑރ. މުޙައްމަދު އަލް ޢަރީފީ ލިއުއްވާފައިވާ "އެންޖޯއީ ޔުއަރ ލައިފް" މި ފޮތުގެ ދިވެހި ތަރުޖަމާއެވެ. މިފޮތަކީ ދިރިއުޅުމުގެ ތަފާތު ހުނަރުތަކާއި އަމިއްލަ ނަފްސު ތަރައްޤީކޮށް ތިމާގެ ދިރިއުޅުމުގެ ހުނަރުތަށް ތަރައްޤީކުރުމަށްޓަކައި ބޭނުންވާ މުހިންމު ފިލާވަޅުތަކެއް ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހިވަސައްލަމައާއި އެކަލޭގެފާނުގެ ސަހާބީންންގެ ސިޔަރަތުން ގެނެސްދީފައިވާ އަގުހުރި ދަރުސްތަކެއް ލިއްބައިދޭ ފޮތެކެވެ. މިފޮތުގެ ތަފްޞީލު މި ލިޔުންތަކުގެ ފުރަތަމަ ބައެއްގެ ގޮތުގައި އަޅުގަނޑު ގެނެސްދޭ "އެންޖޯއީ ޔުއަރ ލައިފް" މިފޮތުގެ މުގައްދިމާގެ ތަރުޖަމާއި ލިބިވަޑައިގަންނަވާނެވެ. އަޅުގަނޑަށް ވަގުތު ވީ މިންވަރަކުން ﷲ ގެ އިރާދަފުޅާއި ވާގިފުޅާއެކު މި ފޮތުގެ މަޢުލޫތައް އެފޮތުގައި ގެނެސްދީފައިވާ ތަރުތީބުން ތިޔަބޭފުޅުންނާއި ހިއްސާކުރަމުންގެންދާނަމެވެ. ދުޢާއަކީ މި ލިއުންތަކުން އަޅުގަނޑަށާއި ތިޔަބޭފުޅުންނަށް އިބްރަތްތެރި ފިލާވަޅުތަކެއްލިބި އޭގެ ބޭނުން ޢަމަލީ ދިރިއުޅުމުގައި ބޭނުންކުރެވިގެން ދިއުމުގެ ތަޢުފީޤް ﷲ ސުބުޙާނަހޫ ވަޠަޢާލާ މިންވަރުކުރެއްވުމެވެ. މި މަސައްކަތަކީ ފައިދާހުރި އަދި ﷲ ގެ ހަޟްރަތުން ދަރުމަ ލިބިގެންދާނޭ މަސެއްކަތެއްކަމުގައި ލައްވާ މި މަސައްކަތް ލުއިކޮށް ފަސޭހަކޮށްދެއްވުން އެދި ދުޢާ ދަންނަވަމެވެ. އާމީން.



 މުޤައްދިމާ

 ހަމްދުހުރީ އާލަމްތަކުގެ ވެރި ﷲ ސުބުޙާނަހޫވަތަޢާލާއަށެވެ. އަދި ނަބީކަން ޚަތިމްކުރެއްވި މާތް ނަބިއްޔާ މުޙައްމަދު (ޞައްލަﷲ އަލައިހިވަސައްލަމަ) އަށް ޞަލަވާތާއި ސަލާމާއި ބަރަކާތްލެއްވުން އެދި ދުޢާކުރަމެވެ. އަޅުގަނޑުގެ ޢުމުރުން ސަތާރައަހަރުގައި މަޝްހޫރު މުސައްނިފު ޑޭލްކާނޭޖީ ލިއުއްވާފައިވާފޮތެއް ލިބުނެވެ. އެފޮތުގެ ނަމަކީ “How to win Friends and Influence people” (ރަޙްމަތްތެރިންގެ ރުހުން ހޯދާ، މީހުންނަށް ނުފޫޒްފޯރުވާނެގޮތް) މިއެވެ. އެފޮތަކީ އަޅުގަނޑަށް ވަރަށްކަމުދިޔަ ފޮތެކެވެ. އެހެންކަމުން އަޅުގަނޑު އެފޮތް އެތައްފަހަރަކު ކީމެވެ. ފޮތުގެ މުސައްނިފް ބުނެފައިވަނީ ކޮންމެ މީހަކުވެސް އެފޮތް މަހަކު އެއްފަހަރު ކިއުމަށެވެ. އަޅުގަނޑު ކަންތައްކުރީވެސް އެފަދައިންނެވެ. އަދި ހަމަ އެފަދައިން އެފޮތުގައިވާ އުޞޫލުތައް އަޅުގަނޑު މީހުންނާއި މުޢާމަލާތްކުރުމުގައި ބޭނުންކުރަންފެށީމެވެ. އޭގެ ނަތީޖާވެސް ހައިރާންކުރާހާ ފުރިހަމައެވެ. ކާނޭޖީ އޭނާގެ ފޮތުގައި އުޞޫލުތައް ބަޔާންކުރާއިރު އެ އުޞޫލުތަކާއި ގުޅޭގޮތުން ތަފާތު މަޝްހޫރު ނުފޫޒުގަދަ މީހުންގެ ދިރިއުޅުމުގެ ވާހަކަތަކުން މިސާލުގެންނަވާފައިވެއެވެ. އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި ފޮތުގެ މުސައްނިފުގެ ލަނޑުދަނޑިއަކަށް ވެފައިއޮތީ ހަމައެކަނި ދުނިޔޭގެ އުފާވެރިކަން ހޯދުމެވެ. ނަމަވެސް އޭނާއަށް އިސްލާމްދީނާއި އެދީނުގައި މިރޮނގުން އުނގަންނައިދީފައިވާ އަގުހުރި ފިލާވަޅުތައް އެނގުނުނަމަ ހަމަ ޔަޤީނުންވެސް އޭނާވީހީ މިދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނޭމީހެއްކަމުގައެވެ. އެގޮތުން އެފޮތުގައިވާ މީހުންނާއި މުޢާމަލާތުކުރުމުގެ ހުނަރު މާތް ﷲ އަށް އަޅުކަންކަން ކުރުމުގައި ބޭނުންކޮށްފިނަމަ އޭގެ ސަބަބުން އެއިލާހާއި ކުއްތަންވުން އިތުރިވީސްކަން ކަށަވަރެވެ. ނަމަވެސް އަޅުގަނޑަށް ފަހުން އެނގުނުގޮތުގައި ކާނޭޖީ ދުނިޔެދޫކޮށް ދިޔައީ އަމިއްލައަށް ފުރާނަ ދުއްވާލައިގެންނެވެ. އެހެންކަމުން ހަމަޔަޤީނުންވެސް މިފޮތުގައިވާ އުޞޫލުތަކާއި ހުނަރުތަކުން އޭނާއަށް އެއްވެސް ފައިދާއެއް ވެފައިނުވާކަން ޔަޤީނެވެ. ދެން އަޅުގަނޑު މަސައްކަތްފެށީ އަޅުގަނޑުމެންގެ އަމިއްލަ ތާރީޚް ދިރާސާކުރާށެވެ. އެގޮތުން އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހިވަސައްލަމަ އާއި އެކަލޭގެފާނުގެ ޞަހާބީންނާއި، އަދި މިއުންމަތް ދެކެފައިވާ އެކި އެކި މާތް ޝަޚްސިއްޔަތުތަކުގެ ދިރިއުޅުމުގެ ތާފާތު ހާދިސާތަކަކީ އެ ހާދިސާތަކަކުން އަޅުގަނޑުމެންގެ ދިރިއުޅުމަށް ފުދި އިތުރުވާނޭ މިންވަރަށް އިބްރަތްތެރި ފިލާވަޅުތަކެއް ލިބިގެންދާނޭ ހާދިސާތަކެކެވެ. މިއީ އެހެންމީހުންނާއި މުޢާމަލާތްކުރުމުގެ ވައްޓަފާޅިއާއި ހުނަރަތައް ހިމެނޭ މިފޮތް ލިޔުމަށް އަޅުގަނޑު ފަށައިގަތް ހިސާބެވެ. މިފޮތަކީ މަސްތަކެއް ނުވަތަ އަހަރެއްހާދުވަހުގެ އެކަނި މަސައްކަތެއް ނޫނެވެ. ނަމަވެސް މިއީ ވިހި އަހަރުގެ ދިރާސާއާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށްފައިވާ ފޮތެކެވެ. ﷲ ސުބުހާނަހޫ ވަޠަޢާލާ އަޅުގަނޑަށް މިހާތަނަށް ވިހިފޮތް ލިޔެ ޝާއިޢުކުރުމުގެ ތަޢުފީޤްް ވަނީ ދެއްވާފައެވެ. އެގޮތުން އޭގެތެރެއިން ބައެއްފޮތްތައް ވަނީ މިލިއަނުން ޗާޕްކުރެވިފައެވެ. ނަމަވެސް މިހުރިހާ ފޮތްތަކުގެ ތެރެއިންވެސް އަޅުގަނޑު އެންމެ ގަޔާވާ އަދި އެންމެ ފައިދާ ކުރަނިވި ފޮތެއްކަމުގައި އަޅުގަނޑު ދެކެނީ މިފޮތެވެ. އެގޮތުން މިފޮތް ލިޔެފައިވަނީ އަޅުގަނޑުގެ ލެޔާއި އެކުވެފައިވާ ދެލިންނެވެ. މިފޮތުގެ ޖުމްލަތައް ލިޔުމަށް އަޅުގަނޑުގެ ރޫޙް ދޫކޮށްލީމެވެ. އަދި އަޅުގަނޑުގެ ހަނދާނުގެ ޞަފްހާތަކުން ދިޔަފެލީމެވެ. އަޅުގަނޑު މިފޮތުގެ ލަފްޒުތައް ލިޔެފައިވާނީ އަޅުގަނޑުގެ ހިތުގެ އެންމެ ފުން މިނުންނެވެ. އޭގެ ސަބަބުން މިފޮތްކިޔާމީހުންގެ ހިތްތައް އަތުލައި މިފޮތުގައިވާ ދަރުސްތަކުން ފިލާވަޅުލިބިގަނެ ދިރިޢުޅުމުގައި އެ ކަންކަން ބޭނުން ކުރުމަށް ބާރުއެޅި ދިރިއުޅުމުގެ ހުނަރުތައް އިތުރައް ތަރައްޤީވެ ދިރިއުޅުން ޝަޢުޤުވެރިކުރުވާނެ ކަމުގެ އުންމީދުގައެވެ. އަދި މިފޮތް ކިޔާ ފަރާތްތަކުން މި ފޮތާއިމެދު އެމީހެއްގެ ޝުޢޫރުތައް އީމެއިލްއަކުން ނުވަތަ އެސްއެމްއެސްއަކުން އަޅުގަނޑަށް ފޮނުވައިދެއްވައިފިނަމަ އެމީހަކަށްޓަކައި އެމީހަކު ނެތްތަނުގައި އެމީހަކަށްޓަކައި އަޅުގަނޑު ހެޔޮ ދުޢާކޮށްދިނުމަށް ހަނދާންކުރާނަމެވެ. އަޅުގަނޑުގެ ދުޢާއަކީ މިފޮތް ކިޔާމީހަކަށް މިފޮތުން މަންފާތަކެއް ހާޞިލްކުރެވިގެން ދިއުމެވެ. އަދި އަޅުގަނޑުގެ މި މަސައްކަތުން ޚުދު އެމީހެއްގެ އަމިއްލަ ނަފުސަށް ފައިދާތަކެއް ހާޞިލްވެގެން ދިއުމެވެ. މި ފޮތް ލިޔެފައިވަނީ ތިޔަ އެންމެހާ ފަރާތްތަކަށް އަބަދުވެސް އެންމެ ހެޔޮ މިންވަރުކޮށްދެއްވުންއެދި ދުޢާކުރުންމަތީ ދެމިހުރި ފަރާތެކެވެ. ޑރ. މުޙައްމަދު ބިން އަބްދުއްރަޙްމާން އަލް ޢަރީފީ

No comments: