}

Monday, March 21, 2011

އަލް-މިސްކީ

އަބޫބަކުރު އަލް މިސްކީ (رضي الله عنه) ގެ އަރިހުގައި އެއްދުވަހަކު ސުވާލުދެންނެވުނެވެ. "ކަލޭގެފާނުގެ ގައިކޮޅުން ތިމަންމެންނަށް އަބަދުމެ މީރުވަސް ދުވަދުވާ ހުރެއެވެ. އެކަމުގެ ޚަބަރު ތިމަންމެންނަށް ދެއްވަބައްލަވާށެވެ." އެކަލޭގެފާނު ވިދާޅުވިއެވެ. " ﷲ ގަންދީ ބުނަމެވެ. ތިމަން އެއްވެސް އަތަރެއް ބޭނުންނުކުރާތާ އެތައް އަހަރެއްވެއްޖެއެވެ، އެހެނަސް ތިމަންގެ ގައިން މިދުވާ މީރުވަހަކީ ތިމަންނާއަށް ކުރިމަތިވި އިމްތިޚާނެއްގެ ސަބަބުން ލިބުނު މީރުވަހެކެވެ. އެހެނީ އެއްދުވަހަކު އަންހެނަކު އަހުރެންނަށް އޮޅުވާލުމެއްގެ ތެރޭގައި އެކަނބުލޭގެގެއަށް އަހުރެން ގެންދިޔައެވެ. ދެން އޭނާ އަހުރެންގެ ފަހަތުން ގޭގެ ދޮރު ލައްޕާ ތަންޑު އެޅުވިއެވެ. އަދި އެއަށްފަހު އެކަބުލޭގެއާއިއެކު ފާހިޝް ޢަމަލުކުރުމަށް އަހުރެން ހައްލަމުންގެންދިޔައެވެ. އެހިނދު އަހުރެން ހަދާނެގޮތްހުސްވެ ވިސްނަމުން ދިޔައީމެވެ. ދެން އަހުރެން އެކަނބުލޭގެއަށް ބުނީމެވެ. އަހުރެން ފާޚާނާއަށްގޮސް ޠާހިރުވެލުމަށް ބޭނުންވެއެވެ. ދެން އެކަނބުލޭގެ އޭނާގެ ޚާދިމުންނަށް އަމުރުކޮށް އަހުރެން ފާޚާނާއަށް ގެންދިޔައެވެ.

އަހުރެން ފާޚާނާއަށްވަދެ ބޮޑުކަމު ދިއުމަށްފަހު އެނަޖިސް އަހަރެންގެ އަތުން ނަގާ މުޅި ހަށިގަނޑުގައި އުނގުޅީމެވެ. އަދި އެހާލަތުގައިހުރެ ފާޚާނާއިން ނުކުމެ އަކަނބުލޭގެ ގާތައް ދިޔައީމެވެ. އެކަނބުލޭގެ އަހަރެންހުރި ހާލަތު ފެނި އަހުރެން އެގެއިން ނެރެލުމަށް އަމުރުކުރިއެވެ. އަހުރެން އަވަހަށް ނުކުމެ ވަގުތުން ހަށިގަނޑު ދޮވެ ފެންވެރީމެވެ. ހަމައެރޭ އަހުރެންނަށް ހުވަފެނެއް ފެނުނެވެ. އެހުވަފެނުގައި އަހުރެންނަށް މުހާތަބުކޮށް ބުނެވުނެވެ. ތިބާ ތިޔަކުޅަ ކަމަކީ މީގެ ކުރިން އެއްވެސްމީހަކު ކޮށްފައިވާފަދަ ކަމެއްނޫނެވެ. އެކަމުގެ ސަބަބުން ތިބާގެ ހަށިގަނޑުގެވަސް މިދުނިޔޭގައާއި އާޚިރަތުގައި މީރުވަހެއްކަމުގައި ލައްވަވާނެތެވެ. ދެން އަހުރެން ހޭލިއިރު އަހުރެންގެ ހަށިގަނޑުން މީރުވަސް ދުވަދުވާ ހުއްޓެވެ. އަދި އެވަސް އެގޮތުގަައި މިވަގުތާއިހަމައަށްވެސް ދުވަމުން އެދަނީއެވެ."

No comments: