}

Wednesday, January 5, 2011

ދީނަކީ އެންމެ ވަރުގަދަ ހަތިޔާރެވެ. ތިބާއައް އެކަން ނޭންގެނީތޯއެވެ؟

އިންސާނުން ތަފާތު ޖަނަވާރާއި ދޫނިސޫފާސޫފި އެމީހުންގެ ޕެޓްގެ ގޮތުގައި އެމީހަކު ބޭނުންހާގޮތަކަށް ގެންގުޅޭއިރު ޖަނަވާރު އިންސާނުން އެސޮރުމެންގެ ޕެޓެއްގެ ގޮތުގައި ނުގެންގުޅެނީ ކީއްވެގެންތޯއެވެ؟ އިންސާނުންނަކީ ތަފާތު ޚާއްޞަ މަޚްލޫގެކެވެ. އެ މަހްލޫގެއްގެ މައްޗަށް ޒިންމާތަކެއްވާ އަދި އެ ޒިންމާތައް އަދާކުރުމުގެ ބާރާއި އިޚްތިޔާރު ލިބިދީފައިވާ މަޚްލޫގެކެވެ. އެހެން މަޚްލޫގާތުތަކުގެ މައްޗަށް މާތްކުރައްވާފައިވާ އިންސާނާގެ އެންމެ ޚާއްޞަ ސިފަޔަކީ އޭނާގެ ބުއްދިއާއި ދިރިއުޅުމުގައި އޭނާ ގެންގުޅޭ އުޞޫލުތަކާއި ހަމަތަކެވެ. މި ސިފަތައް އިންސާނާއަށް ލިބިފައިނުވާނަމަ ޖަނަވާރުން އިންސާނާ އަޅުވެތިކުރީސްކަން ކަށަވަރެވެ. އެހެނީ ޖަނަވާރުތަކުގެ ނަސްލުގައި އިންސާނުންނަށްވުރެ މާ ބިޔަ ބޮޑެތި ބާރުގެ ގޮތުން ވަރުގަދަ ޖަނަވާރު މާތްﷲ ވަނީ ލައްވަވާފައެވެ.

ޝައްކެތްނެތް ގޮތުގައި އިންސާނުން ދިރިއުޅުމުގައި ޢަމަލުކުރާ އުޞޫލުތަކާއި އޭނާގެ ފިކުރުގެ މިސްރާބު ބައްޓަންކުރާ ސަމުގާއަށް ބަސްމޮށުންތެރިކަމުގައި ބޭނުންކުރެވޭ ލަފަޒަކީ ދީނެވެ. ދީނަކީ އޭނާގެ ޤަބޫލުކުރާ ހަމަތާކާއި އުޞޫލުތަކާއި އޭނާގެ ދިރިއުޅުމުގެ މަޤްސަދު ކަނޑައަޅާ މިންގަނޑެވެ. ދިރިއުޅުމުގެ ފަލްސަފާ އަދި މަންހަޖެވެ. ދީން މިއީ ހަމައެކަނި ރޫހާނީގޮތުން އިންސާނާގެ ފިކުރު ބައްޓަންކުރާ އުޞޫލަށް ދީފައިވާނަމެއްނޫނެވެ. އަދި ކިއެއްތަ އެއީ ރުހާނީ ގޮތުންނާއި މާއްދީގޮތުން އިންސާނާގެ ފިކުރު ބައްޓަންކުރާ ސަމުގާއެވެ.
މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި އެންމެގިނައިން އިވޭ އެއް އަޑަކީ ދީން ހަތިޔާރެއްގެ ގޮތުގައިބޭނުންކުރާ ވާހަކައެވެ. ޚާއްޞަގޮތެއްގައި ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ބޭނުންކުރާ ވާހަކައެވެ. މިއީ ވަރައްބޮޑު ތެދެކެވެ. މިކަން މިގޮތައް ބުނާމީހުން އެހެން ބުނަނީ ހަޤީޤަތުގައި މިކަމުގެ ތެދުކަން ނޭންގޭތީ ކަމުގައިވެސް ވެދާނެއެވެ. ނަމަވެސް ނޭންގުމުގައިވެސް ތެދެއް ބުނެފިނަމަ އެވާނީ ހަމަ ތެދަކަށްނޫންތޯއެވެ؟ ދީނަކީ ޤައުމުތައް ފަތަހަކުރި ހަތިޔާރެކެވެ. ރުޅިވެރިކަމާއި، ނަފްރަތާއި، ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުގެ އަލިފާންގަނޑު ނިއްވާލި ހަތިޔާރެކެވެ. ގަދަފަދަކަމާއި ޖައްބާރުކަމާއި ޖާހިލުކަމާއި ދެކޮޅަށް ބޭނުންކުރެވުނު އެންމެ މިޒަމާނުގެ ފަނާކުރަނިވި ކެމިކަލް ހަތިޔާރުތަކަށްވުރެ ބާރުގަދަ ހަތިޔާރެކެވެ. ހިތްތަކަށް ހަމަޖެހުމާއި އަމާންކަމާއި މަޑުމޮޅިކަން ގެނުވި އަސަރުގަދަ ހަތިޔާރެކެވެ. މީސްތަކުންނާއި ޤައުމުތަކުގެ ސިޔާސަތުތައް ހަމަމަގައް ގެނައުމަށް ބޭނުންކުރެވުނު ވަރުގަދަ ދިފާއީ ހަތިޔާރެކެވެ. އަޅުގަނޑު އިތުރައް ބާޔާން ކޮށްނުދިންނަމަވެސް އިސްލާމީ ތާރީޚްގައި މިކަންވަނީ ވަރަށްސާފުކޮށް ފެނި ބަޔާންވެގެންނެވެ. އިސްލާމްދީން މި ބިންމަތީގައި ފެތުރިގެން ދިޔައީ އަދި ކިއެއްތަ އެދީނުގެ އަހުލުވެރިންނަށް އަމާންކަމާއި ހަމަޖެހުމާއި ސަކީނަތު ލިބިގެންދިޔައީ ހަތިޔާރާއި ޢަދަދުގެގޮތުން މަތިވެރިވެ ގަދަފަދަވެގެންނެއް ނޫނެވެ. އެކަމަކު އިސްލާމްދީންގެ މަތިވެރިކަމާއިއެކު އެދީނުގައި ސާބިތުވެ ހައްޤުގެމަގުގައި އެދީން ހަތިޔާރެއްގެ ގޮތުގައިބޭނުންކޮށްގެންކުރި މަތިވެރި ޖިހާދުގެ ސަބަބުންނެވެ.
މިއަދު ދުނިޔޭގައި ބޭނުންކުރެވޭ ތަފާތު ވިހަގަދަ ކެމިކަލް ހަތިޔާރުތަކެކޭ އެއްފަދައިން ނުވަތަ އެއައްވުރެވެސް ބޮޑަށް ދީނުގެ ހަތިޔާރަކީ އެއްބަޔަކު ވަރަށް ބިރުގަންނަ ހަތިޔާރެކެވެ. ޚާއްޞަގޮތެއްގައި ހަތްއުޑުގެމަތިން މިބިންމައްޗަށް ބާއްވާލެއްވުނު ހައްޤު ދީނުގެ ހަތިޔާރަކީ އެމީހުން އަދި މާ ބިރުގަންނަ ހަތިޔާރެކެވެ. އެގޮތުން ބަޔަކު މި ހަތިޔާރުގެ ބޭނުންކުރޭތޯ މިބައިމީހުން އަބަދުވެސް ފާރަލަމުންދެއެވެ. އެހަތިޔާރުގެ ބޭނުން ފުރިހަމަގޮތުގައި ހިފާން ދަންނަ މީހުން ތަމްރީންކުރާ މަރުކަޒުތަކައް ވަރައްބޮޑައް ކަޅިއަޅާ ފާރަވެރިވަމުން ދެއެވެ. އެކަން އެހެން ވިޔަ ނުދިނުމަށް މިބައިމީހުން އަމިއްލައައް އުފައްދާފައިވާ ތަފާތު "ދީނީ" ހަތިޔާރުތަކުން މިބައިމީހުންނަށް ނުރައްކާ ފޯރާފާނެ ކޮންމެ ޤައުމަކަށް ނުވަތަ ކޮންމެ ބަޔަކަށް މިބައިމީހުން ގެންދަނީ ކެނޑިނޭޅި ހަމަލާދެމުންނެވެ. ހިތާމައަކީ އެބައިމީހުންގެ މި ހަމަލާތަކުގެ ހަތިޔާރުތައް އުފުލުމުގައި އެބައިމީހުން ބޭނުންކުރަނީ އެފަދަ ޤައުމުތަކުގެ ރައްޔިތުންގެތެރެއިން ދީނުގެ ހަތިޔާރު ބޭނުންކުރަން ނުދަންނަ އަދި މާއްދިއްޔަތުގެ އަޅުންކަމަށްވީކަމެވެ. މިވެރިން އެމީހުންނަށް ދީފައިވާނަމަކީ ސިޔާސީ ލީޑަރުންނޯލައެވެ. އެކަމަކު ހަޤީޤަތުގައި އެއީ ސިޔާސަތެއް ކީއްކުރަންތޯއެވެ، ދިރިއުޅުމުގެ ހަމައެއް ލަމައެއްވެސް ދަންނަބައެއްނޫނެވެ. އެހެންނަމަ އެބައިމީހުންނަށްވެސް ހެޔޮނުބައި ވަކިވީސްތާއެވެ. އަމާންކަމާއި ހަމަޖެހުން ދިމާ ކުރިމަތީގައި ފެންނާން އޮއްވާ ހަނގުރާމައިގެ ހަތިޔާރެެއް ނުހިފީސްތާއެވެ.
ކުރިން ދެންނެވުނުހެން ދީނީ ހަތިޔާރުގެ ބާރުގަދަކަމާއި ނުރައްކާތެރިކަމުން ގިނަބަޔަކު އެ ހަތިޔާރުގެ ނަންދެކެވެސް ބިރުގަނެއެވެ. އެހެންކަމުން މިބައިމީހުން އެހަތިޔާރު ބޭނުންކުރަމުން ގެންދަނީ ފިކުރީ ހަނގުރާމައިގެ ނަމުގައެވެ. ހައްޤުދީނުގެ ހަތިޔާރު ލިބިފައިވާ ގައުމުތަކުގައި އެމީހުން ބައިތިއްބާފައިތިބޭ "ސިޔާސީ" ގޮނޑިކޮއްކޮއިން ލައްވާ މިބައިމީހުން އުފައްދާފައިވާ ދީނީ ހަތިޔާރުތަކުން އެޤައުމުތަކުގެ ރައްޔިތުންނަށް ގެންދަނީ ކެނޑިނޭޅި ހަމަލާދެމުންނެވެ. މި ހަތިޔާރުން ޒަހަމްވާމީހުންގެ ބޭރުފުށުން އެއްވެސް ޒަހަމެއް ނުފެނުނުނަމަވެސް އެބައިމީހުންގެ ނަފުސު ބަލިކަށިކޮށްލައެވެ. ދިރިއުޅުމުގެ މަޤްސަދާއިމެދު ސުވާލު އުފައްދާ މިހާ ދުނިޔެއިން މޮޔަކޮށްލައެވެ. މިފަދަ ހަމަލާތަކުން ދިފާޢުވުމަށް ރައްދުހަމަލާ އަޅުގަނޑުމެން ދޭންޖެހެއެވެ. އެހަމަލާ ދޭންޖެހެނީ އަޅުގަނޑުމެންނަށް ލިބިފައިވާ އަދި އެމީހުންނަށް ލިބިފައިނުވާ ވަރުގަދަ ހަތިޔާރުގެ ބޭނުންކޮށްގެންނެވެ. އެއީ އިސްލާމްދީނުގެ ހަތިޔާރެވެ. ދިރިއުޅުމާއި، ސިޔާސަތާއި، ފިކުރު ގުޅުވައިދޭ މަތިވެރި ހަތިޔާރެވެ.
އިސްލާމްދީނުގެ ހަތިޔާރަކީ ވަރަށް ބާރުގަދަ ހަތިޔާރެކެވެ. ހުޅަނގުން އެންމެ ބިރުގަންނަ ހަތިޔާރަކީވެސް އިސްލާމްދީނެވެ. އެ ހަތިޔާރު އުފެއްދިޔަ ނުދިނުމަށް ކެނޑިނޭޅި އެމީހުންދަނީ މަސައްކަތްކުރަމުންނެވެ. އެ ހަތިޔާރު އުފައްދާ ޤައުމުތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ މާއްދީ ތަފާތު ހަތިޔާރުތަކުން ގެންދަނީ ހަމަލާދެމުންނެވެ. ފަނާކުރަނިވި ވިހަ ކެމިކަލް ހަތިޔާރު އުފައްދާ ޤައުމުތަކައްވުރެވެސް މިބައިމީހުން އިސްލާމްދީން ދެކެ ބިރުގަނެއެވެ. އެހެނީ އަހަރެމެން މުސްލިމުންނަށްވުރެ ބޮޑައް އެދީނުގެ ބާރާއި އަސަރު އެމީހުންނަށް އެނގެނީ ތޯއްޗެކެވެ.
އާނއެކެވެ. ދިވެހިންނަކީ މީގެ އެތައް ސަތޭކަ އަހަރެއްކުރިން މިބާރުގަދަ ހަތިޔާރުގެ ކުޅަދާނަކަން ހޯދާފައިވާބައެކެވެ. ނޫންނަމަ ދުނިޔޭގެ ޗާޓުގައި ދިވެހިރާއްޖެ ހިމެނިފައިމިވާ ޖިއޮގްރަފިކަލް ސަރަހައްދާއި ޤައުމުގެ ކުޑަކަމާއި މީސްކޮޅުގެ މަދުކަމާއި ނިކަމެތިކަމަށް ބަލާއިރު ވޭތިވެދިޔަ ދުނިޔޭގެ ބޮޑު ބޮޑެތި ހަނގުރާމަތަކުގައި މި ދިވެހިރާއްޖެ މިގޮތުގައި އޮތުމަކީ މުސްތަހީލުކަމެކެވެ. ނަމަވެސް ހައްޤުދީނުގެ ބާރުގަދަކަމާއި އެ ހަތިޔާރުގެ ކުޅަދާނަކަމުން މިއަދާއި ހަމައަށްވެސް ދެގޮތެއްނުވެ ސާބިތުކަމާއެކު އަޅުގަނޑުމެން މިވަނީ ދުނިޔޭގެ ޗާޓުގައި ފައިހަމަކޮށްފައެވެ. ދުނިޔޭގެ ބޮޑު ބޮޑެތި ޤައުމުތައް ބައިބައިވެގެން ދިޔައިރުވެސް އަޅުގަނޑުމެންތިބީ ސާބިތުކަމުގައެވެ. ހައްޤުދީނުގެ ފުރިހަމަ ހިދާޔަތުގެ ހިމާޔަތުގައެވެ.
ކަންމިހެން އޮތްނަމަވެސް މިއަދު އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ޚާއްސަ ގޮތެއްގައި މިކިޔޭ "ސިޔާސީ ލީޑަރުން" ގެންދަވަނީ ހައްޤުދީނަކީ ހަތިޔާރެއް ނޫންކަމައް މީހުންނަށް ވިސްނައިދީ އެދީނުގެ އާރާއި ބާރު މީސްތަކުންގެ ހިތުން ފުހެލުމަށް މަސައްކަތްކުރަމުންނެވެ. ހައްޤުދީނާއި ދިވެހިވަންތަ މިނިވަން ދިވެހިންކަމުގެ ލޭބަލު ޖަހައިގެން ތިބެމެ ހުޅަނގުގެ ލާދީނީ ފިކުރާއި މާއްދިއްޔަތުގެ އަޅުންކަމުގައި އެމީހުންވަނީ ލޮލުންބޮލުން ބަލައިގެންފައެވެ. މިއައްވުރެ ދަށު ދަރަޖައަކައް އިންސާނަކު ވެއްޓޭނެތޯއެވެ؟ ހިތާމައަކީ ކިތަންމެ ޤަބޫލުކުރަން ބޭނުން ނުވިނަމަވެސް ހުޅަނގުނގެ "ތަރައްޤީވެފައިވާ" "ސުޕަޕަވަރުން" ކަމުގައި ބުނާބަޔަކު އަޅުގަނޑުމެން މުސްލިމުންގެ ތެރޭގައިތިބި އެދީނުގެ ހަތިޔާރު ބޭނުންކުރަންނޭންގޭމީހުން ޖަނަވާރާއި ދޫނިސުފާސޫފި ހިފައިގެން އޮޅުކުރާފަދައިން ހިފާ އެމީހުން ބޭނުންކަމެއް ހާސިލްކުރުމަށް ޕެޓްތަކެއްގެ ގޮތުގައި ބޭނުންކުރަމުންދާކަމެވެ. ޝައްކެތްނެތްގޮތުގައި މިއީ މުޅި އިންސާނިއްޔަތައް ހުރި ހިތާމައެކެވެ. ބޮޑު ލަދެކެވެ.
ދިވެހިރާއްޖޭގެ "ސިޔާސީ" ލީޑަރުން ދިނާއި ސިޔާސަތު ވަކިކޮށް ދީނަކީ ހަމައެކަނި މިސްކިތުގެ ހަތަރުފާރުތެރެކަމުގައި ހެދުމައް އެކުރާ މަސައްކަތަކީ އެމީހުންގެ އަމިއްލަ ހަލާކުކަމުގައި ވެގެންދާނޭދުވަހުގެ ގާތްތަކަން އެމީހުންނަށް ހަމަ ނުވިސްނެނީއެވެ. ދީނަކީ ވަރުގަދަ ހަތިޔާރެއްކަމާއި އެ ހިތޔާރުގެ ބާރުލިބިގެން ފަތަހަ ނުކުރެވޭނޭ ކަމެއް ނޯންނާނޭކަމާއި ދިފާޢުނުކުރެވޭނޭ ހައްްޤެއް ނޯންނާނޭކަން މިއަދުގެ ޖީލު އެބަ ދެނެގަންނަންޖެހެއެވެ. ނޫންނަމަ ހަލާކުއޮތީ ދިމާ ކުރިމަތީގައެވެ. އޭ އަޚާއެވެ! އޭ އުޚްތާއެވެ! އިސްލާމްދީނުގެ ހަތިޔާރުގެ ބޭނުންކުރަން ދަސްކުރާށެވެ. އެދީނުގެ ބާރުލިބިފައިވާ މުޖާހިދަކައްވާށެވެ. އެހަތިޔާރުން ތިމާގެ ނަފުސާއި، އަނބިދަރީންނާއި، މުދަލާއި، ޤައުމު ގެއްލުމާއި ހަލާކުން ދިފާއުކުރާށެވެ. މާތް ﷲ އެމަގުގައި އަޅުގަނޑުމެންނަށް ވާގިދެއްވާށިއެވެ. އާމީން

No comments: