}

Sunday, June 27, 2010

ހަމަހިމޭން ދަރުސް

މީގެ ކުރިން މިސްކިތުގައި ނަމާދުގެ ޖަމާޢަތުގައި ބައިވެރިވަމުންދިޔަ މީހަކު ކުއްލިއަކަށް ޖަމާއަތުން ގެއްލިއްޖެއެވެ. މިކަން މިސްކިތުގެ އިމާމަށް ފާހަގަކުރެވުނުތާ ދުވަސްކޮޅެއްފަހުން މިކަމުގެ ހަޤީޤަތް ބެލުމަށް އޭނާއަށް ޒިޔާރަތް ކުރުމަށް އިމާމް ނިންމިއެވެ.
އެރެޔަކީ އާދައިގެ ރޭތަކަށްވުރެ ފިނި ރެޔެކެވެ. އިމާމަށް އެމީހާގެ ގެއާއި ހަމައަށް ދެވުނުއިރު އޭނޭ އޭނާގެ ގޭގައި އެކަނިވެރިކަމާއި ހަމަހިމޭންކަމާއެކު އަލިފާންގަނޑެއް ރޯކޮށްގެން އޭގެ އެހީގައި ހީފިލުވަމުންދިޔައެވެ. އިމާމް އޭނާގެ ގޭގެ ދޮރުމަށްޗަށް ހުއްޓި ސަލާމް ގޮވާލުމާއެކު އޭނާ ސަލާމުގެ ޖަވާބުދީ އިމާމް ގޭތެރެއަށް ވައްދާ އިށީނުމަށް ގޮނޑިއެއް ދެއްކިއެވެ. އިމާމް އެތެރެއަށް ވަނުމަށްފަހު ގޮނޑީގައި އިށީންދެ ހަމަޖެހިލިއެވެ. ނަމަވެސް ދެމީހުންކުރެ އެކަކުވެސް ބަހެއް ނުބުނެއެވެ. ކުރިމަތީގައި ރޯވަމުންދާ އަލިފާނުގެ ހޫނާއި އަލިކަމުން ދެމީހުންމެ ހަމަޖެހުން ހޯދަމުންދިޔައެވެ.
އިމާމް އިރުކޮޅަކު މިހެން އިނުމަށްފަހު ރޯކޮށްފައިވާ އަލިފާނުގެ ތެރެއިން ރަނގަޅަށް ރޯވެ އަނދަމުންދާ ދަރުގަނޑެއް ނަގާ ވަކިން ދުރުގައި ބޭއްވިއެވެ. އަދި އެނބުރި އައިސް އަނެއްކާވެސް ގޮނޑީގައި އިށީނެވެ. އެއްވެސް ބަހެއް ބުނުމެއް ނެތިއެވެ.
އެމީހާ އިމާމްގެ މިހަރަކާތްތައް ފަރުވާތެރިކަމާއެކު ބަލަމުން ދިޔައެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އިމާމް ވަކިން ބޭއްވި ދަރުގަނޑުގައި ރޯވެފައިވާ އަލިފާންގަނޑު ނިވި އޭގެ އަލިކަން ގެއްލިއްޖެއެވެ. މިހާރު އެދަރުގަނޑުގެ އެއްވެސް ބޭނުމެއްނެތްފަދައެވެ.

މި ދެމީހުންގެ ދެމެދުގައި އެންމެފުރަތަމަ ދެމީހުން ބައްދަލުވިއިރު ކުރެވުނު ސަލާމް މެނުވީ އިތުރު އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އިމާމް އިރުކޮޅަކު މަޑުކޮށްލުމަށްފަހު އޭނާގެ އަތުގައި އޮތް ގަޑިޔަށް ބަލާލިއެވެ. އަދި އެނޭ އެނބުރިދާންޖެހޭ ވަގުތު އަތުވެއްޖެކަމުގައި ދެކި ގޮނޑިން ތެދުވިއެވެ. އަދި ރޯކޮށްފައިވާ އަލިފާންގަނޑާއި ވަކިން ދުރުގައި ބޭއްވި ދަރުގަނޑު ނަގާ އަނެއްކާވެސް އަލިފާންގަނޑުގެ ތެރެއަށް ލިއެވެ. އިސާ ހިތަކު އެދަރުގަނޑުގައި ރޯވެ އަލިފާންގަނޑުގެ ހޫނުކަމާއި އަލިކަން އެދަރުގަނޑުގައި ހިފައިފިއެވެ. އަދި އެ އަލިފާންގަނޑަށް ދިރުން ލިބިގެން ދިޔައެވެ.
އިމާމް ބޭރަށް ނުކުތުމަށްޓަކައި ދޮރާ ދިމާއަށް ހިނގައިގަތެވެ. އެވަގުތު އެމީހާ އޭނާގެ ކޯތާފަތް ކަރުނައިން ތެމިފައިވާ ޙާލު އިމާމްގެ ގާތަށްގޮސް ދެންނެވިއެވެ. "އޭ އިމާމެވެ. ތިބާގެ ތި ޒިޔާރަތަށް ޝުކުރުވެރިވަމެވެ. އަދި ޚާއްޞަކޮށް އަލިފާނުގެ ހިމޭން ދަރުސަށްޓަކައި ވަރަށްބޮޑަށް ޝުކުރުވެރިވަމެވެ. އިރާދަކުރެއްވިއްޔާ މާދަމާގެ ފަތިސްނަމާދުންފެށިގެން އަހަރެން އަނެއްކާވެސް ނަމާދުގެ ޖަމާއަތުގައި ބައިވެރިވުމަށް މިސްކިތައް ދާނަމެވެ."
އަޅުގަނޑުމެން މިއަދު ދިރިއުޅެމުންމިދާ ދުނިޔޭގައި ގިނަމީހުން އެބައިމީހުންގެ މެސްޖް ރައްދުކުރުމަށް ގިނަ ބަސްތަކެއް ބޭނުންކުރެއެވެ. މި ބަސްތަކުގެ އަޑު ގިނަބަޔަކު ކަނުލާ ފަރުވާތެރިކަމާއެކު ނާހައެވެ. އެބައިމީހުންގެ ވިސްނުމާ ފިކުރު އެއަށްވުރެބޮޑަށް ތަފާތު އެހެނިހެން ކަންތައްތަކުގެ މައްޗަށް ހަރަކާތްތެރިވެއެވެ. ވީއިރު މިފަދަ ހަމަހިމޭން ދަރުސަކުން ޚާޞިލްކުރެވޭ ފިލާވަޅު މާފުރިހަމައެވެ.

1 comment:

Mishfau said...

Masha Allah, v iburaiytheri liyumeh. May Allah guide us to the right path. May we be among those who engage in doing good deeds.