}

Sunday, April 18, 2010

ކީރިތި ޤުރުއާނާއި މާތް ރަސޫލާ މުޙައްމަދު (صلى الله عليه وسلم) ގެ ސުންނަތައް ފުރިހަމަގޮތުގައި ތަބާވާންޖެހެއެވެ.


މާތް ﷲ އަޅުގަނޑުމެން އިންސާނުން ޚަލްޤުކުރައްވާ ދުނިޔެއާއި ދުނިޔޭގެ ވަށައިގެންވާހާ އެއްޗެއް އަޅުގަނޑުމެންގެ ޚިދުމަތުގައި ލައްވާ ގުނާ ޢަދަދު ނުކުރެވޭހާ ނިޢުމަތްތައް އަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވާފައިވަނީ އެކަންކަމުން އަޅުގަނޑުމެން ފިލާވަޅުތަކެއް ލިބިގަތުމަށާއި އެ ނިޢުމަތްތައް މެދުވެރިކުރައްވާ އަޅުގަނޑުމެން އިމްތިޚާން ކުރެއްވުމަށް ޓަކައެވެ. އެއީ ރައްބުލް ކާއިނާތު އެކަލާނގެ އެންމެ މާތްކުރެއްވި މަޚްލޫޤުން ކަމުގައިވާ އިންސާނުންގެ ތެރެއިން އެކަލާނގެއަށް ހައްޤުގޮތުގައި އަޅުކަންކޮށް އެކަލާންގެ އަމުރުފުޅުތަކަށް ކިޔަމަންވަނީ ކޮންބައެއްތޯ އިމްތިޚާން ކުރައްވާ އެބައިމީހުންނަށް ޖަޒާދެއްވުމަށެވެ.
މި އިމްތިޚާން ފުރިހަމަކުރެއްވުމަށްޓަކައި އިންސާނުންނަށް މަގުދައްކާނޭ އެތަކެއް "މުދައްރިސުންނެއް" އެކަލާނގެ ރަޙްމަތްފުޅުން އަޅުގަނޑުމެންގެ މައްޗަށް ފޮނުއްވާ އެކަލާނގެ ދީން ފުރިހަމަ ގޮތުގައި އެކަލާނގެ އަޅުތަކުންނަށް ބަޔާންކޮށްދެއްވާފައިވެއެވެ. އެގޮތުން މި އުންމަތައް ފޮނުއްވެވި މާތް ނަބިއްޔާ މުޙައްމަދު (صلى الله عليه وسلم) އަކީ މުޅި އުންމަތަށް ނަމޫނާއެއްކަމުގައި އަދި ރަޙްމަތެއްކަމުގައި އެކަލާނގެ ފޮނުއްވެވި ސާހިބާއެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. " އަދި އާލަމްތަކަށް ރަޙްމަތެއްކަމުގައިމެނުވީ، ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ." (الاٴنبیَاء 107) އަދިވެސް އެކަލާނގެ އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ ޚުލުޤުފުޅެއްގެ މަތީގައެވެ." (القَلَم 4)

މިއަދު އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގެ ބައެއް އަޚުންނާއި އުޚުތުންގެ ހިތްތަކުގައި ސުންނަތުގެ މުހިންމުކަމާއިމެދު ވަނީ އެތަކެއް ސުވާލުތަކެއް އުފެދިފައެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި ރަސޫލުﷲ (صلى الله عليه وسلم) ގެ ސުންނަތަކީ ހަމައެކަނި އިރުޝާދުތަކެކެވެ. ނުވަތަ ކުރުމާއި ނުކުރުން ހަމަހަމަ ކަންތައްތަކެއްކަމުގައެވެ. އަދި އެމައްޗަށް އަމަލުކުރުމަށް ވާޖިބުވެގެންވާ ކަންތައްތަކެއްނޫންކަމުގައެވެ. މިއީ ވަރަށްބޮޑު ކުށްހީއެކެވެ. ރަސޫލުﷲ (صلى الله عليه وسلم) ސުންނަތަކީ އިންސާނުން ދިރިއުޅުމަށް ކަނޑައަޅުއްވާފައިވާ އިންތަކެއް އަދި އޭގައި ހުކުމްތަކެއް ބަޔާންވެގެންވާ އެއްޗެކެވެ. އެއީ ކޮންމެ މުސްލިމެއްގެ މައްޗަށް އަމަލުކުރުމަށް ވާޖިބުވެގެންވާ އެއްޗެކެވެ. ރަސޫލުﷲ (صلى الله عليه وسلم) ގެ ސުންނަތުގައި ބައެއްކަންކަން ބަޔާންކުރައްވާފައިވަނީ ހަމައެކަނި އިރުޝާދެއްގެ ގޮތުގައެވެ. އަދި ބައެއްކަންކަމުގައި ކަނޑައެޅިގެން ވަކި ގޮތެއް ބަޔާންކުރެއްވުމުގެ ބަދަލުގައި އެކަން ކުރެވިދާނޭ އެތަކެއް މިސާލުތަކެއް އެކަލޭގެފާނުގެ މާތް ސުންނަތުގައި ދައްކަވާފައިވެއެވެ. އަދި އަނެއްބައި ކަންކަމުގައި އެކަން ނުކުރެއްވުމަށް އިންޒާރުކުރައްވާ ނުވަތަ ކޮށްފިނަމަ ލިބޭނޭ އަޒާބުގެ ވާހަކަ ބަޔާންކޮށްދެއްވާފައިވެއެވެ. ވީއިރު އަފަދަ އަމުރުތަކަށް ތަބާވުމަކީ މުސްލިމެއްކަމަށް ދަޢުވާކުރާ ކޮންމެ މީހެއްގެ މައްޗަށް ވާޖިބެކެވެ.
މި ލިޔުމުގައި އަޅުގަނޑު އަލި އަޅުވާލެވޭތޯ މި މަސައްކަތްކުރަނީ އާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވެވި މާތް ނަބިއްޔާ މުޙައްމަދު (صلى الله عليه وسلم) ގެ ސުންނަތަށް ތަބާވުމުގެ މުހިންމުކަމާއި އެކަމުގެ ވާޖިބުކަން ކީރިތި ޤުރުޢާނުންނާއި މާތް ނަބިއްޔާގެ ހަދީޘްފުޅުތަކުގެ ޢަލީގައި ނުކުތާތަކެއްގެ ގޮތުގައި ބަޔާންކޮށްދެވޭތޯއެވެ. މާތް ﷲ، މިކަމުގައި އަޅުގަނޑަށް ފަސޭހަކޮށްދެއްވާށިއެވެ. އަދި މިއީ އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި އެންމެހާ ދިވެހި އަޚުންނާ އުޚްތުންނަށް ހެޔޮ މަގަށް މަގުދައްކާނޭ ހެޔޮ ބަސްކޮޅެއްކަމުގައި ލައްވާށިއެވެ.
1- ﷲ ގެ ރަސޫލާ މުޙައްމަދު (صلى الله عليه وسلم) އަށް ތަބާވުންވަނީ ﷲ އަށް ތަބާވުމުގެ ތެރެއިންނެވެ. ﷲ (سبحانه وتعالى) ވަޙީކުރައްވާފައިވެއެވެ. މާނައީ: "ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން ﷲ އަށް ކިޔަމަންވެއްޖެއެވެ. އަދި، ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކުކަމުގައި ކަލޭގެފާނު ނުފޮނުއްވަމެވެ." (النِّسَاء 80) އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. މާނައީ: "ﷲ ގެ އިޒުނަފުޅާއެކު، ކިޔަމަންވުމަށްޓަކައި މެނުވީ، ތިމަން ރަސްކަލާނގެ އެއްވެސް ރަސޫލަކު ނުފޮނުއްވަމެވެ. އަދި، އެއުރެން އެއުރެންގެ އަމިއްލަ ނަފްސުތަކަށް އަނިޔާވެރިވީހިނދު، ކަލޭގެފާނުގެ އަރިހަށް އެއުރެން އައިސް، ފާފަފުއްސެވުމަށް ﷲ ގެ ހަޟްރަތުން އެދުނުނަމަ، އަދި، ރަސޫލާ އެއުރެންނަށް ފާފަފުއްސެވުމަށް އެދިވަޑައިގެން ދުޢާ ކުރެއްވިނަަމަ، ގިނަގިނައިން ތަވްބާ ޤަބޫލު ކުރައްވާ ރަޙީމްވަންތަ ކަލަކު ކަމުގައި އެއުރެން ﷲ ދެކޭނޭކަން ކަށަވަރެވެ" (النِّسَاء 64)

2- ﷲ ގެ ރަސޫލާ މުޙައްމަދު (صلى الله عليه وسلم) އަށް ކިޔަމަންވެ ތަބަޢަވުންވަނީ އީމާންތެރިކަމުގެ ރުކުންތަކުގެ ތެރެއިންނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. މާނައީ: "އެހެނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވަޙީކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު ހުކުމްވެރި ކޮށްފުމަށް ދާންދެން އެއުރެން އީމާނެއްނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވިގޮތާމެދު އެއުރެންގެ ހިތްތަކުގައި،ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން (އެ އަނިޔާއަށް) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ." (النِّسَاء 65)
އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. "އެއުރެން ތިޔަބައިމީހުން ރުއްސުމަށްޓަކައި، ﷲ ގަންދީ ތިޔަބައިމީހުން ގާތުގައި ހުވާކޮށް ހަދަތެވެ. އެއުރެންނީ، މުޢުމިނުންކަމުގައިވާނަމަ، އެއުރެންނަށް ހައްޤުކަންބޮޑީ ﷲ އާއި، އެކަލާނގެ ރަސޫލާ ރުއްސުމެވެ. (9:62)

3- އަދި ހަމަ އެހެންމެ އެކަލޭގެފާނަށް ކިޔަމަންވެ ތަބާވުން ހިމެނިގެންދަނީ އެބަޔަކަށް ތެދުމަގު ލިބި ހައްޤުގޮތް އެނގި ސާފުވުމުގެ މަގެއްކަމުގައެވެ. ﷲ (سبحانه وتعالى) ވަޙީކުރައްވާފައިވެއެވެ. މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށްވެސް ކިޔަމަންވާށެވެ! ފަހެ، އެއުރެން ފުރަގަސްދީ ހިނގައްޖެނަމަ، ފަހެ، އެކަލޭގެފާނުގެ މައްޗަށް އޮތްކަންކަށަވަރީ އެކަލޭގެފާނު މަތިކުރެއްވިކަންތަކެވެ. (އެއީ ރަސޫލުކަން އިއްވެވުމެވެ.) އަދި ތިޔަބައިމީހުންގެ މައްޗަށްއޮތީ ތިޔަބައިމީހުންނާ މަތިކުރެއްވި ކަންތަކެވެ. (އެއީ އީމާންވެ ކިޔަމަންގަތުމެވެ.) އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންވާނަމަ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭނެތެވެ. ބަޔާންވެގެންވާ އިއްވެވުން މެނުވީ ރަސޫލާގެ މައްޗަކަށް ނުވެއެވެ." (النُّور 54) އަދިވެސް އަކަލާނގެ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުން އެންމެންގެ ގާތަށް ﷲ ފޮނުއްވެވި ރަސޫލާއެވެ. އެކަލާނގެއީ، އުޑުތަކާއި ބިމުގެ ވެރިކަން އެކަލާނގެއަށް މިލްކުވެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ އިލާހަކު ނުވެއެވެ. ދިރުއްވަނީވެސް އަދި މަރުގަންނަވަނީވެސް އެކަލާނގެއެވެ. ފަހެ، ﷲ އަށާއި އުއްމިޔަ ނަބިއްޔާ ކަމުގައިވާ އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން އީމާންވާށެވެ! އެކަލޭގެފާނީ ﷲ އަށާއި އެކަލާނގެ ބަސްފުޅުތަކަށް އީމާންވެވަޑައިގަންނަވާ ނަބިއްޔާއެވެ. އަދި ތިޔަބައިމީހުން، އެކަލޭގެފާނަށް ތަބަޢަވާށެވެ! (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ." (الاٴعرَاف 158)

4- އަދި ހަމަ އެފަދައިން އިތުރު އެކަލޭގެފާނަށް ލޯބިކޮށް އެކަލޭގެފާނުގެ ސުންނަތަށް ފުރިހަމަގޮތުގައި ތަބާވެއްޖެނަމަ އޭގެ ސަބަބުން އެމީހަކު މަހުޝަރުކުރެވޭހުށީ އެންމެ ހެޔޮވެގެންވާ މީސްތަކުންނާއި އެކުގައެވެ. އެއީ، ރަސޫލުންނާއި، ސިއްދީޤުންނާއި، ޝަހީދުންނާއި، މާތް ﷲ އަށް ހައްޤުގޮތުގައި ކިޔަމަންގަތް ޞާލިހުންނާއިއެކުގައެވެ. އެކަން ބަޔާންކުރައްވާ މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.މާނައީ: "ﷲ އަށާއި، ރަސޫލާއަށް ކިޔަމަންވާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންވަނީ، ﷲ އެބަޔެއްގެ މައްޗަށް ނިޢުމަތްދެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި، ޞިއްދީޤުންނާއި، ޝަހީދުންނާއި، ޞާލިހުންނާ އެކުގައެވެ. އެބޭކަލުންނީ، އެކުވެރިންކަމުގައިވުމަށް ހާދަ ރަނގަޅު ބަޔެކެވެ." (النِّسَاء 69)

5- މާތް ﷲ އެކަލާނގެ މަތިވެރި ދީން ފުރިހަމަކުރެއްވުމަށް އެކަލާނގެ އަޅުތަކުންގެ މައްޗަށް ފޮނުއްވެވި އެންމެ ފަހުގެ ރަސޫލާ އަދި ނަބިއްޔާއަކީ މުޅި އުންމަތައް ނަމޫނާއެއްކަމުގައި އަދި ރަޙްމަތެއްކަމުގައި ފޮނުއްވެވި މަތިވެރި ބޭކަލެކެވެ. އެހެންކަމުން އެކަލޭގެ ފާނުގެ އެންމެހާ އަމުރުފުޅުތަކަށް ފުރިހަމައަށް ތަބާވުމަކީ ސުވަރުގެ ހާޞިލްކުރުމުގެ ޓިކެޓް ކަމުގައި މާތް ﷲ ވަނީ ކަނޑައަޅުއްވާފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. މާނައީ: "އެއީ ﷲ ކަނޑައަޅުއްވާފައިވާ އިންތަކެވެ. ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވާމީހާ، އެތާނގެ ދަށުން ފެންއާރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ވައްދަވާނެތެވެ. އެތާނގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ އެއީއެވެ." (النِّسَاء 13)

6- އަދި ހަމައެހެންމެ ކާމިޔާބުލިބިއްޖެ މީހަކީ އެއީ ކަމުގައި އެކަލާންގެ ވަޙީކުރައްވާފައިވެއެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގައިވެއެވެ. މާނައީ: "އަދި ﷲ އާއި، އެކަލާނގެ ރަސޫލާއަށް ކިޔަމަންވެ، އަދި ﷲ އަށް ބިރުވެތިވެ، އެކަލާނގެއަށް ތަގުވާވެރިވާމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ނަޞީބުލިބިގެންވާ މީހުންނެވެ." (النُّور 52)
އިސްވެދިޔަ ޤުރުއާނުގެ އާޔަތްތަކަކީ މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު (صلى الله عليه وسلم) އަށް ލޯބިކޮށް އަކަލޭގެފާނުގެ ރިސާލަތާއި ސުންނަތައް ތަބާވުމުގެ މުހިންމުކަން ވަރަށް ސާފުކޮށް ބާޔާންވެގެންދާ އާޔަތްތަކެކެވެ. ޤުރުއާނުގައި މިކަމަށް އެހާމެ ބޮޑަށް ބާރުއަޅުއްވާފައިވުމާއި އެކު އިތުރު އެކަލޭގެފާނުގެ އެތަކެއް ހަދީޘްފުޅުތަކެއްގައި އެކަލޭގެފާނުގެ ރިސާލަތާއި ސުންނަތައް ތަބާވުމުގެ މުހިންމުކަމާއި އެކަމުގެ ވާޖިބުކަން ބަޔާންކުރައްވާފައިވެއެވެ. އަދި އެފަދައިން ޢަމަލުނުކުރާ މީހުން އެބައިމީހުންގެ ނަފުސުތައް ހަލާކާ ގެއްލުމުގެ ތެރެއަށް އަމިއްލައަށް ހުށަހެޅިގެންފިކަމުގައި ބަޔާންކޮށްދެއްވާފައިވެއެވެ.
1- އަބޫ ހުރައިރާ (رضي الله عنه) ގެ އަރިހުން ރިވާވެގެންވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ރަސޫލުﷲ (صلى الله عليه وسلم) ހަދީޘްފުޅުކުރެއްވިއެވެ. "ތިމަންކަލޭގެފާނު މުޅި އުންމަތް ސުވަރުގެ ވަންނަހުއްޓެވެ. އެކަމަކު އެކަމަށް އިންކާރުކުރި ބަޔަކު މެނުވީއެވެ." ސަޙާބީން ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ. ސުވަރުގެ ވަނުމަށް އިންކާރުކުރާނީ ކޮންބައެއްތޯއެވެ؟" ރަސޫލުﷲ (صلى الله عليه وسلم) ހަދީޘްފުޅުކުރެއްވިއެވެ. "ތިމަންކަލޭގެފާނަށް ތަބާވެއްޖެމީހަކު ސުވަރުގެ ވަދެއްޖެއެވެ. އަދި ތިމަންކަލޭގެފާނަށް ފުރަގަސްދީފިމީހަކު ސުވަރުގެ ވަނުމަށް އިންކާރުކޮށްފިއެވެ." (އަލް-ބުޚާރީ)
2- އަބޫ މޫސާ ރިވާކުރެއްވިއެވެ. ﷲ ގެ ރަސޫލާ މުޙައްމަދު (صلى الله عليه وسلم) ހަދީޘްފުޅުކުރެއްވިއެވެ. "ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނު އެ ރިސާލަތަކާއިގެން ވަޑައިގެންނެވި ރިސާލަތުގެ މިސާލަކީ، ތިޔަބައިމީހުންގެ ދުޝްމަނުންގެ ލަޝްކަރު ތިޔަބައިމީހުން ހަލާކުކޮށްލުމަށް އަންނަ މަންޒަރު ފެނި ތިޔަބައިމީހުންގެ ގާތައް އައިސް އެކަމުގެ ޚަބަރުދީ އެކަމުން ސަލާމަތްވުމަށް އިންޒާރުކުރާމީހެއްގެ މިސާލެވެ. އެހިނދު ބައެއްމީހުން އޭނާގެ ބަސް ޤަބޫލުކޮށް އެކަމުން ސަލާމަތްވެގަތެވެ. އަދި އަނެއްބަޔަކު އެބަސް ދޮގުކޮށް އެތިބިގޮތުގައި ތިއްބާ އެބައިމީހުންގެ ދުޝްމަނުންއައިސް އެބައިމީހުން ޤަޠުލުކުރިއެވެ. ކުރިން ދެންނެވުނު މީހުންނަކީ ތިމަންކަލޭގެފާނުގެ ރިސާލަތު ތެދުކުޅަމީހުންނެވެ. އަދި ޤަޠުލުކުރެވުނު މީހުންނަކީ ހައްޤަށް ފުރަގަސްދީ ތިމަންކަލޭގެފާނަށް އުރެދުނު މީހުންނެވެ." (އަލް-ބުޚާރީ)
3- ރަސޫލުﷲ (صلى الله عليه وسلم) ހަދީޘްފުޅުކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިމަންކަލޭގެފާނު ސުންނަތާއި ތިމަންކަލޭގެފާނަށްފަހު ވަޑައިގަންނަވާނޭ ސީދާ މަގުގައި ތިއްބެވި ޚަލީފާއިންގެ އުޞޫލުތަކުގައި ތިޔަބައިމީހުން ހިފަހައްޓާށެވެ. އަދި އެގޮތުގައި ސާބިތުކަމާއެކު ހިފަހައްޓާށެވެ. އަދި ބިދުޢަތަކާއި ދުރުހެލިވާށެވެ. ފަހެ ދީނުގެ ނަމުގައި އުފައްދާ ބިދުޢަތަކަކީ މަގު ފުރެދުމެކެވެ. (އަބޫ-ދާވޫދް)
އިސްވެދެންނެވުނު ހަދީޘް ފުޅުތަކުގެ އިތުރުންވެސް އެތަކެއް ހަދީޘްފުޅުތަކެއް މިކަމަށް އިޝާރާތްކުރައްވާ ރަސޫލުﷲ (صلى الله عليه وسلم) ގެ އަރިހުން ވާރިދުވެފައިވެއެވެ.
ކަން މިހެން އޮތުމާއިއެކު ކީރިތި ޤުރުއާނާއި މާތް ރަސޫލާ މުޙައްމަދު (صلى الله عليه وسلم) ގެ ސުންނަތުގައި އެކަލޭގެފާނަށް ތަބާވެ އެކަލޭގެފާނު ގެނެސްދެއްވި އެންމެހާކަމެއްގައި ހިފުމަށާއި އެކަލޭގެފާނު މަނާކުރެއްވި އެންމެހާކަމަކުން ދުރުވުމަށް ނުހަނު މަތިވެރި ދަރަޖައަކަށް ބާރުއަޅުއްވާފައިވުމާއިއެކު މުސްލިމެއްކަމުގެ ދަޢުވާކުރާ އަދި ހައްޤުގޮތުގައި ﷲ އަށް ކިޔަމަންވަމޭ ބުނާ އެއްވެސް މީހެއްގެ މައްޗަށް އެކަލާނގެ ނަބިއްޔާ މުޙައްމަދު (صلى الله عليه وسلم) ގެ އަމުރުފުޅާއި ޚިލާފުވުމުގެ އެއްވެސް ފުރުޞަތެއް ދެއްވާފައެއްނުވެއެވެ. އަދި ކިއެއްތަ ކޮންމެ މުސްލިމެއްގެ މައްޗަށް އޭނާގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ﷲ އާއި އެކަލާނގެ ރަސޫލާގެ އެންގެވުންތަކާއި އަމުރުފުޅުތަކަށް ކިޔަމަންގަތުމަކީ ވާޖިބެކެވެ. އެކަން އޭނާއަށް ނޭންގޭނަމަ އިލްމުގެ އަހުލުވެރިންނާއި ސުވާލުކޮށް އެކަން އޮލުންފިލުވައި އެކަމުގައި ރަސޫލާ ގެނެސްދެއްވިގޮތުގައި ހިފެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭނޭކަމެކެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ފަހެ ތިޔަބައިމީހުން ނުދަންނަކަމުގައިވާނަމަ ތިޔަބައިމީހުން ޢިލްމުގެ އަހުލުވެރިންނާއި ސުވާލުކުރާށެވެ." ޢިލްމުވެރިންގެ ފަރާތުން އަޅުގަނޑުމެން ލިބިގަންނަންޖެހޭ ދަރުސަކީ ﷲ އާއި އެކަލާނގެ ރަސޫލާ އެކަމާއިމެދު އަންގަވާ ބަޔާންކޮށްދެއްވާފައިވަނީ ކީކޭތޯއެވެ.
އެހެންކަމުން އަޅުގަނޑުމެން މުސްލިމުންނަށް އޮތީ ކަންކަމުގައި މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް ރުޖޫޢަވުމެވެ. އެގޮތުން އިރުޝާދާއި ފިލާވަޅުލިބި އެގޮތުގައި އަޅުގަނޑުމެންގެ ޢަމަލުތައް ސީދާކުރުމެވެ. ކާމިޔާބު ލިބޭނީ އޭރުންނެވެ.
މާތްﷲ އަލް ބަޤަރާ ސޫރަތުގެ 257 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ.
"ﷲ އީ، އީމާންވިމީހުންނަށް އެހީތެރިވެ، ވާގިވެރިވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ، އަނދިރިކަމުގެ ތެރެއިން އަލިކަމަށް އެއުރެން ނެރުއްވައެވެ. އަދި، ކާފިރުވި މީހުންގެ އެކުވެރި ވާޤިވެރިންނަކީ، ޝައިޠާނުންނެވެ. އަލިކަމުގެ ތެރެއިން އަނދިރިކަމަށް، ޝައިޠާނުން އެއުރެން ނެރެތެވެ. އެއުރެންނީ، ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެން އެ ނަރަކައިގައި އަބަދަށް ދެމިތިބޭހުއްޓެވެ."

No comments: