}

Monday, March 8, 2010

މުސީބާތުގެވަގުތަކީ ނާއުންމީދުވާންވީ ވަގުތެއްނޫނެވެ.

ތިބާގެ ދިރިއުޅުމުގައި ތިބާގެ މުޅި ހަޔާތް ބަރުބާދުކޮށްލާފަދަ ބަނަ ވިލާގަޑެއް ބޯމަތިވެއްޖެނަމަ ކަންތައްކުރާނީ ކިހިނެތްތޯއެވެ؟
އެ ވިލާގަނޑު ތިބާގެ ދިރިއުޅުން ހަލާކުކޮށް ބަރުބާދުކޮށްލުމަށް އިންތިޒާރުކޮށްގެން ހުންނާނީހެއްޔެވެ؟ އަދި އެ ވިލާގަނޑުގެ ނުރައްކާތެރި ތޫފާނުގައި ތިބާ މީހުންނާ އެކަހެރިކުރުވާ މާޔޫސްކުރުވަނިވި މަންޒިލަކަށް ގެންދިއުމަށް ރުހިގެން ހުންނާނީހެއްޔެވެ؟
ނޫންނަމަ ކުރިމަތިވަމުން އަންނަ ނުރައްކާތެރި ތޫފާނާއި ސާބިތުކަމާއެކު ކުރިމަތިލާ އެ ތޫފާނުގެ މެދުގައިހުރެމެ ރައްކާތެރި މަންޒިލެއް ލިބޭތޯ ﷲ سبحانه وتعالى ގެ ހަޟްރަތުން މަދަދަށް އެދޭ ހާލު، ތިބާގެ ބުއްދިއާއި ސިކުނޑީގެ ބޭނުންކޮށްގެން ކުރިއަށްދާނޭ ރަނގަޅުމަގެއް ހޯދުމަށް މަސައްކަތްކުރާނީހެއްޔެވެ؟

ޑޭލް ކާނޭޖީ ވިދާޅުވެފައިވެއެވެ:
- "އަމިއްލަ ނަފްސާއި ސުވާލުކުރާށެވެ: "ކުރިމަތިވާނޭ އެންމެބޮޑު މުސީބާތަކީ ކޮބާބާވައެވެ؟"
- އެކަން އެގޮތުގައި ދިމާވެއްޖެނަމަ އެކަމާއި ރުހިޤަބޫލުވުމަށް ތިބާގެ ނަފްސު ތައްޔާރުކުރާށެވެ.
- އަދި ކުރިމަތިވެދާނޭ އެންމެބޮޑު މުސީބާތުން އެންމެ ލުއިގޮތަކަށް ސަލާމަތްވެވޭނޭ މަގެއް ފެނޭތޯ ބަލާށެވެ."
އިސްވެދެންނެވުނު ޕްލޭނަކީ ދީނީގޮތުންވެސް އަދި އިންސާނީ އަމިއްލަ ވިސްނުމަށް ބަލާއިރުވެސް އެކަށޭނެ ރަނގަޅު ޕްލޭނެކެވެ. އަރަބިބަހުގެ އަދަބިއްޔާތުގައި އިންސާނާ އޭނާއަށް ކުރިމަތިވާ މުސީބާތްތަކުގައި ކެތްތެރިވުމާއި، އަދި އެފަދަ މުސީބާތްތަކުން އަރައިގަތުމަށްޓަކައި އޭނާގެ އިންސާނިއްޔަތުކަމަށް އުނިކަމެއް ނުގެނެސް ކޮށްފައިވާ މަސައްކަތްތަކުގެ އެތަކެއް މިސާލުތަކެއް ބާޔާންކޮށްފައިވެއެވެ.
ވިލިސް ކެރިއަރ ބުނެފައިވެއެވެ: "މުސީބާތެއް ކުރިމަތިވާ ހިނދުގައި އޭނާގެ އަމިއްލަ ނަފްސު ކޮންޓްރޯލްކޮށް ސާބިތުކަމާއެކު އެކަމާއި ކުރިމަތިލައިފި މީހަކީ އާޚިރުގައި އެ މުސީބާތުގެ މައްޗަށް ކާމިޔާބު ހޯދޭނޭ މީހެކެވެ."
އިސްވެދެންނެވުނު މިސާލުތަކާއި ޚިލާފަށް މުސީބާތެއް ކުރިމަތިވާ ހިނދު ތިމާގެ ހަމަބުއްދި ދޫކޮށްލާ އެއިން ފިލަންދުވުމަކުން އެއްވެސް ކާމިޔާބީއެއްނުލިބޭނެއެވެ. އެހެނީ އެގޮތަށް ޢަމަލުކުރުމަކުން ތަޤްދީރުގައި ރޭވިފައިވާކަމެއް ނުހުއްޓުވޭނެތީއެވެ. ސަހީޙް ބުޚާރީގައި، އަނަސް (رضي الله عنه) ގެ އަރިހުން ރިވާވެފައިވާ މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު (صلى الله عليه وسلم‎) ގެ ހަދީޘްފުޅެއްގެ މާނައިގައިވެއެވެ:
"ހަޤީޤީ ކެތްތެރިކަން ފެނިގެންދާނީ މުސީބާތެއް ކުރިމަތިވުމުގެ ފެށުމާއިއެކުގައެވެ."
އިންސާނަކަށް މުސީބާތެއް ކުރިމަތިވާކަމުގެ އިޙްޞާސްކުރެވުމާއިއެކު އެކަމާއި ކަންބޮޑުވެ އެކަން ކުރިމަތިވެދާނޭ ކަމަށްޓަކައި ބިރުގަނެއެވެ. މަރު އިންސާނާއާއި ބައްދަލުވެދާނޭކަމަށް އިންސާނާ ބިރުގަންނަފަދައިންނެވެ. މި ކަންބޮޑުވުމާއި ހާސްކަމުގެ ސަބަބުން ކަންކަމަށް ދޭ ޝައުޤުވެރިކަން ކުޑަވެ މޫނުމަތީގެ އުޖާލާކަން ގެއްލިގެންދެއެވެ. އަދި އޭގެސަބަބުން އޭނާގެ އަމިއްލަ ކުރިއެރުމަށް ހުރަސްއެޅި އޭނާ އަމިއްލައަށް ނިކަމެތިވެގަނެއެވެ.
މިއީ އިންސާނުންނަށް ހެދޭ ވަރަށްބޮޑު ގޯހެކެވެ. ނަމަވެސް ހަޤީޤީ އީމާންތެރިކަމެއް ލިބިފައިވާ މުސްލިމެއްނަމަ އޭނާއަށް ކުރިމަތިވެދާނޭ އެންމެ ބޮޑު މުސީބާތާ އޭނާއަށް ކުރިމަތިވާން އުޅޭކަމުގައިދެކި ކުރިމަތިވެދާނޭ މުސީބާތްތަކުން ސަލާމަތްވެ އޭނާގެ ހަޔާތަށް އުނިކަމެއް ވިޔަނުދިނުމަށާއި ހިތްހަމަޖެހުން ހޯދުމަށް ތައްޔާރުވާނެއެވެ.
ޞަހީޙް ބުޚާރީގައި، އަބޫ ހުރައިރާ (رضي الله عنه) ގެ އަރިހުން ރިވާވެފައިވާ ރަސޫލުﷲ (صلى الله عليه وسلم‎) ގެ ހަދީޘްފުޅެއްގެ މާނައިގައިވެއެވެ:
"މުއުމިނެއްގެ މިސާލަކީ ހެދިފައިހުރި ތާޒާ ގަހެއްގެ މިސާލެވެ. ގަދަވައިޖެހޭ ދިމާލަކަށް އެގަސް އަރިވެއެވެ. އެކަމަކު އެ ގަދަވައި ހިނދުމުން އަނެއްކާވެސް އިހުހުރިގޮތަށް ސީދާވެދެއެވެ. ހަމަ އެފަދައިން މުޢުމިނުންނަށްވެސް މުސީބާތްތަކާއި ކުރިމަތިވެއެވެ. އެކަމަކު މާތްﷲ سبحانه وتعالى އެބައިމީހުންގެ ފަރާތުން އެ މުސީބާތެއް ދުރުކުރައްވަންދެން ކެތްތެރިވެއެވެ. އެއާއި ޚިލާފަށް އީމާންތެރިކަން ބަލިކަށި ނުބައި މީހެއްގެ މިސާލަކީ ހަރު ލަކުޑިގަހެއްގެ މިސާލެވެ. އެ ވަރަށް ހަރުކަށިކަމާއިއެކު ސީދަލަށް ހެދިފައިހުރެއެވެ. އެހެންނަމަވެސް ގަދަ ވައިރޯޅިއަކާއިއެކު ފަރާތަކަށް ލެނބިލައިފިނަމަ އެ ބިނދިގެން ވެއްޓިދެއެވެ."
ﷲ سبحانه وتعالى ވަނީ އެއްވެސް ނަފްސަކަށް އެނަފްސަކަށް ކުޅަދާނެވެގެންނުވާވަރުގެ ތަކްލީފެއް ނުޖައްސަވާނޭކަމުގައި އަންގަވާފައެވެ. އެގޮތުން ކީރިތި މާތް ނަބިއްޔާ މުހައްމަދު (صلى الله عليه وسلم‎) ގެ މުޅި ހަޔާތްޕުޅަކީ އެކަލޭގެފާނުގެ ސަހާބީންނަށާއި އެއަށްފަހު އަންނާނޭހާ މުސްލިމުންނަށް އެގޮތުގައި ފުރިހަމަ ނަމޫނާއެކެވެ.
އިންސާނުންނަކީ އެބައިމީހުން ހިތް އެދޭ ނުވަތަ ލޯބިކުރާ އެއްޗެއް ގެއްލިދާނެކަމަށް ނުވަތަ ހިތް ނުރުހޭ ކަމެއް ދިމާވެދާނޭކަމަށް އަބަދުވެސް ބިރުގަންނަބައެކެވެ. ކަން މިހެން އޮތްނަމަވެސް މިދެހާލަތު ކުރިމަތިވެ އޭނާ ނާއުންމީދާއެކު ދުވަސްކޮޅަކު ހިތާމަކުރުމަށްފަހު އެކަންތައްތަކުގެމަތިން ހަނދާންނެތިދެއެވެ.
ޑޭލް ކާނޭޖީ ވިދާޅުވެފައިވެއެވެ. އެޕްލައިޑް ސައިކޮލޮޖީގެ ބައްޕަކަމުގައި ބެލެވޭ ޕްރޮފެސަރ ވިލިއަމް ޖޭމްސް އޭނާގެ ދަރިވަރުންނަށް ބުނެފައިވެއެވެ. "ކޮންމެ ކަމެއްވެސް އެކަމެއްގެ ހަޤީޤަތާއެކު ޤަބޫލުކުރާށެވެ.... ކޮންމެ ކަމެއްވެސް އޭގެ ހަޤީޤަތާއިއެކު ބަލައިގަންނާށެވެ. އެހެނީ، ތިމާއަށް ކުރިމަތިވެގެންދާ ކޮންމެކަމަކާއި ރުހި ޤަބޫލުވުމަކީ އެކަމަކުން ތިމާއަށް ކުރިމަތިވެދާނޭ އެންމެހާ މުސީބާތްތަކުން ސަލާމަތްވުމަށް އެޅޭ އެންމެ ފުރަތަ ފިޔަވަޅެވެ." ލިންގ ޔޫޓާންގ އޭނާލިއުއްވި މަޝްހޫރު ފޮތެއްކަމުގައިވާ "ދިރިއުޅުމުގެ މުހިންމުކަން" (The Importance of Living) މިފޮތުގައިވެސް ހަމަ މި މޭރުމުން ވާހަކަދައްކަވާފައިވެއެވެ. ޗައިނާގެ ފިލޯސަފަރު އޭނާގެ އެ ފޮތުގައި ބަޔާންކުރައްވާފައިވާ ގޮތުގައި ހަޤީޤީ އަމާންކަން ލިބިފައިވާ ސިކުނޑިއެއް ހާޞިލްކުރެވޭނީ ކުރިމަތިވެދާނޭ އެންމެ ބޮޑު ނުރައްކަލަށް ތައްޔާރުވެގެންކަމަށާއި އޭގެ ސަބަބުން މުސީބާތުގެ ސަބަބުން އުފެދޭ ނުތަނަވަސްކަން ކުޑަކޮށްދީ އަދި ނުތަނަވަސްކަމުގެ ސަބަބުން ހަށިގަނޑުގައި އިތުރުވެގެންދާ ހަކަތަ ބޭރުކޮށްދޭނެއެވެ. މި ބަހަކީ ވަރަށްބޮޑު ހަޤީޤަތެއް އޭގައި އެކުލެވޭ ބަހެކެވެ. އެހެނީ މިއަދުގެ މުޖުތަމަޢުގައި ތަފާތު މުސީބާތްތަކާއި ކުރިމަތިވެފައިވާމީހުން އެ މުސީބާތުގެ ސަބަބުން ހިތުގައި އުފެދޭ ނުތަނަވަސްކަމާއި ރުޅިވެރިކަމުގެ ސަބަބުން ދިރިއުޅުން ބަރުބާދުކޮށްފައިވެއެވެ. އެއީ އެފަދަ ކަންކަމަށް އޭނާގެ ސިކުނޑި ތައްޔާރުކުރެވިފައިނުވާތީއެވެ. ނުވަތަ އެ މުސީބާތެއްގެ ސަބަބުން ކުރިމަތިވެދާނޭ އެންމެ ބޮޑެތި އުނދަގޫތަށް ތަހައްމަލުކުރަން ބޭނުން ނުވާތީއެވެ. ނުވަތަ އެ މުސީބާތެއްގައި ތިމާއަށް ސަލާމަތްކުރެވުނު މިންވަރަކާއި ރުހުމަށް ތިމާގެ ސިކުނޑި ހޭލެއްވިފައިނުވާތީއެވެ. މިހާލަތުގައި އަލުން ދިރިއުޅުން އާރާސްތުކުރުމުގެ ބަދަލުގައި ކުރިމަތިވި މުސީބާތުގެ މޮޅިވެރިކަމާއި ހިތާމައިގައި މުޅި ދިރިއުޅުން ބަރުބާދުކޮށްލާ މާޒީގެ ހިތި ތަޖުރިބާގެ ސަބަބުން އުންމީދުގެއްލުވާލައެވެ.
އިސްލާމް ދީނުގައި އިންސާނާއާއި ކުރިމަތިވާ ތަފާތު މުސީބާތްތަކުގައި ދެރަވުމާއި ނާއުންމީދުވުމާއި، އޭގެ ސަބަބުން ތިމާގެ މުސްތަޤްބަލް ބަރުބާދުކުރުމަކީ މާތް ﷲ سبحانه وتعالى ގެ މިންވަރުފުޅާއި އެކަލާނގެ އިލާހީ ރޭވުންތެރިކަމާއިމެދު ތިމާގެ އުންމީދު ގެއްލުވާލުމެވެ. އީމާނުގެ ތިލަފަތުން މިފަދަ ކަންކަން ކިރާލާއިރު ދިރިއުޅުމުގައި ކުރިމަތިވާ ތަފާތު ހުރަސްތަކާއި މުސީބާތްތަކާ ރުހި އެކަންކަމުން އިބްރަތްލިބިގަނެ އެކަމުގެ ހިތާމަތަކާއި ހިތްދަތިކަމުން ދުރުވެ ދިރިއުޅުމާއިގެން ކުރިއަށް ދިއުމަށް މަސައްކަތްކުރުމަކީ ލާޒިމްކަމެކެވެ. އަދި ހަމަ އެހެންމެ ތިމާގެ އެދުންތަކާއި އުންމީދުތައް މައިތިރިކޮށް ﷲ سبحانه وتعالى އަށް ވަކީލުކޮށް ހިތްވަރާއި އަޒުމާއެކު ގަދައަޅާ މަސައްކަތްކުރުމަކީ މުހިންމުކަމެކެވެ. މާތް ﷲ سبحانه وتعالى ވަޙީ ކުރައްވާފައިވެއެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކާފިރުވި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! (އެއީ) އެއުރެންގެ އަޚުން ދަތުރު ފަތުރުކޮށް އުޅުނުހިނދު ނުވަތަ ހަނގުރާމަވެރިންކަމުގައި ވީހިނދު، ތިމަންމެންގެ ގާތުގައި އެއުރެން ތިބިނަމަ މަރެއްނުވީހޭ، އަދި ޤަތުލެއްވެސް ނުވީހޭ، އެއުރެންގެ އަޚުންނަށް ބުނިމީހުންނެވެ. (އެއުރެން އެ ބަސްބުނީ) ﷲ، އެބަސް އެއުރެންގެ ހިތްތަކުގައި ހިތާމަޔެއްކަމުގައި ލެއްވުމަށެވެ. ދިރުއްވަނީވެސް، މަރުގަންނަވަނީވެސް، ﷲ އެވެ. އަދި، ﷲ އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ." (آل عِمرَان 156)
އިންސާނެއްގެ ފުރިހަމަ މިނިވަންކަން ސިފަވެގެންދާ އެއް ހާލަތަކީ އޭނާއަށް މުސީބާތެއް ކުރިމަތިވާހިނދު އެކަމުން ރައްކާތެރިވުމަށް އޮތް ހަމައެކަނި މަގަކީ އެހެން އިންސާނުންގެ ފުށުން ސަލާންޖެހުމާއި މަދަދަށް އެދުން ކަމުގައި އޭނާނުދެކި އޭނާއާއި މުޅި ކާއިނާތު ހެއްދެވި ފަރާތުގެ މަދަދަށްއެދި ދުޢާކޮށް އެކަމުން ސަލާމަތްވާނޭމަގެއް ހޯދުމަށް އޭނާ އަމިއްލައަށް މަސައްކަތްކުރާކުރުމުންނެވެ. ނަމަވެސް އިންސާނާ އޭނާއަށް ލިބިފައިނުވާ ނިޢުމަތްތަކާއި ޒީނަތްތެރިކަމެއްގެ އަޅަކަށްވެއްޖެނަމަ ނުވަތަ އޭނާއަށް ލިބިފައިނުވާ ކަމަކަށް އެދުންވެރިވެ އެކަމާއި ދުރަށް ނުދެވިއްޖެނަމަ އޭނާގެ އިންސާނީ ވަންތަކަމުގައި އުނިކަމެއް ހުރިކަމުގައި ޤަބޫލުކުރަންޖެހެއެވެ. އަދި އޭގެ ސަބަބުން އޭނާގެ އީމާންތެރިކަމުގައި އެއިން ސަލާމަތްކަމެއް ލިބުމެއްނުވާ ބަލިކަށިކަމެއްއަށަގަތުމަކީ އެކަށީގެންވާކަމެކެވެ.
ހަޤީޤީ އީމާންތެރިކަމަކީ އިންސާނާއަށް ކަންކަން ތަހައްމަލުކުރުމުގެ ބާރު އިތުރުކޮށް ސާބިތުކަމާއި ކެތްތެރިކަން ގެނެސްދީ މާޔޫސްވުމާއި ދުރުކޮށްދޭ ކަމެކެވެ. އެފަދަ މީހަކީ ޖެހިލާ ވައިރޯޅިއަކުން ލެނބިލާލެނބިލުމަކުން ބިނދިގެން ދާނޭ މީހެއްނޫނެވެ. ދުނިޔަވީ ދިރިއުޅުމުގެ ޒީނަތްތެރިކަމާއިމެދު މާބޮޑު ފަރުވާލެއް ނުބަހައްޓާމީހާ އޭނާއަށް އެދިރިއުޅުމުގައި ކުރިމަތިވާ މުސީބާތްތަކާއިމެދުވެސް މާބޮޑު މާޔޫސްވުމެއްނުވާނޭކަމީ ބުއްދީގެ ހަމައިންވެސް ޤަބޫލުކުރެވޭނޭ ފަލްސަފާއެކެވެ.
ދުނިޔޭގެ ޒީނަތާއި ދަޅަތަކަކީ ދެމިގެންވާނޭ ޒީނަތްތެރިކަމެއްނޫނެވެ. ނަމަވެސް އެއީ އިންސާނާ އާޚިރަތާއިމެދު ޣާފިލްކުރުވާ އެ ޒީނަތާއި ލައްޒަތު ދެމިގެން ދިއުމަށް އެނދުންވެރިކުރުވާ އެއްޗެކެވެ. ނަތީޖާއެއްގެގޮތުން ދުނިޔޭގެ ތަބަޢީ ޤާނޫނުގެ ދަށުން ކުރިމަތިވެގެން އަންނަ ހިތާމަތަކާއި މުސީބާތްތަށް ތަޙައްމަލު ކުރުމަށް އޭނާ ނުކުޅެދުންތެރިކުރުވައެވެ. އަދި އޭގެ ސަބަބުން އޭނާއަކީ ދުނިޔޭގެ އަޅަކަށްވެ ފަޤީރު ނިކަމެއްޗެއްކަމުގެ އިޙްސާސް ކުރެވެންފަށައެވެ.
އަބްދުﷲ ބިން އަލް ޢާސް (رضي الله عنه)ގެ އަރިހުގައި އެއްދުވަހަކު މީހަކު ދެންނެވިކަމުގައި ރިވާވެގެންވެއެވެ. "ފަހެ ތިމަންމީ މުހާޖިރުންގެ ތެރެއިން ނިކަމެތި ފަޤީރަކުކަމުގައި ނޫނީ ނުވޭނޫންހެއްޔެވެ؟" އަބްދުﷲ ބިން އަލް އާސް (رضي الله عنه) ދެންނެވިއެވެ. "ތިބާއަށް ތިބާގެ ހަޔާތުގެ ބައިވެރިއެއްކަމުގައި އަންބަކު ލިބިފައިނުވޭހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "ނޫނެކެވެ. ތިމަންނައަށް ހަޔާތުގެ ބައިވެރިއަކު ލިބިފައިވެއެވެ." އަނެއްކާވެސް އަބްދުﷲ ބިން އަލް ޢާސް (رضي الله عنه) ދެންނެވިއެވެ. "ތިބާއަށް ތިބާގެ ދިރިއުޅުން ވޭތިކުރާނޭ ގެއެއް ލިބިފައިނުވޭ ހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "ނޫނެކެވެ. ލިބިފައިވެއެވެ." ދެން އަބްދުﷲ ބިން އަލް އާސް (رضي الله عنه) ދެނެވިއެވެ. "ވީ އިރު ތިބާ ވަނީ މުއްސަނދިންގެ ތެރެއިންނޫންހެއްޔެވެ؟" އެމީހާ ދެންނެވިއެވެ. "ތިމަންނައަށް ޚާދިމަކުވެސް ލިބިފައިވެއެވެ." އަބްދުﷲ ބިން އަލް ޢާސް (رضي الله عنه) ދެންނެވިއެވެ. "އެހެންކަމަށްވާނަމަ ތިބާވަނީ ރަސްކަލުންގެ ތެރެއިންނެވެ." (މުސްލިމް)
ނަފްސުގެ ފުދުންތެރިކަމާއި ލިބިފައިނުވާ ނިއުމަތްތަކަކަށް އިންތިޒާރުކުރުމަކާނުލާ ތިމާއަށް ލިބިފައިވާ ނިޢުމަތްތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަކީ ނަފްސު މަތިވެރިކޮށްދޭނޭ ބިންގަލެވެ. އަދި އެއީ މުސީބާތާއި ހިތާމަވެރި ހާލަތްތަކުން ތިމާ ރައްކާތެރިކޮށްދޭނޭ ހަތިޔާރުވެސް މެއެވެ. ދުނިޔޭގެ ދިރިއުޅުމަށް ދަހިވެތިވުމަކީ ދިރިއުޅުމުގައި ކުރިމަތިވާ މުސީބާތްތަކުން މީހާ ނާއުންމީދުކުރުވާކަމެކެވެ. އަދި އޭގެ ސަބަބުން ﷲ سبحانه وتعالى އަށް ބިރުވެތިވުމާއި އެކަލާނގެއަށް އޭނާގެ ހިތުގައި ދޭންޖެހޭ ލޯތްބާއި އެކަލާނގެ މިންވަރަށް ރުހުމުގައި އޭނާ ޣާފިލްކުރުވައެވެ. އެބައިމީހުންނަކަށް ދުނިޔޭގެ މި ފަނާވަނިވި ޒީނަތަކީ ހަމައެކަނި ދަޅަތަކެއްކަމެއް ޤަބޫލެއް ނުކުރެވޭނެއެވެ. އަދި ޞާލިޙުން ދުނިޔޭގެ ޒީނަތަށް ހެއްލުންތެރިވުމެއްނެތި ޤިޔާމަތުގެ ބިރުވެރިކަމުން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރާނެތެވެ. ހަޤީޤީ މުސީބާތުން ސަލާމަތްވުމަށް އެބައިމީހުން ތައްޔާރުވާނެތެވެ. އެބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ޤިޔާމަތްދުވަހުގައި މިފަދައިން ބުނާނެއެވެ.
"އެއުރެން ބުނާނެތެވެ. ހަމަކަށަވަރުން، ކުރިން ތިމަންމެން، ތިމަންމެންގެ އަހުލުވެރިންގެ ތެރޭގައި އުޅުނުއިރު (ﷲ ގެ އަޒާބަށް) ބިރުވެތިވެގެންވީމުއެވެ.
ދެން ﷲ ތިމަންމެންގެ މައްޗަށް ދަރުމަވަންތަވެވޮޑި ގެންނެވިއެވެ. އަދި ނަރަކައިގެ އަޒާބުން ތިމަންމެން ދިންނެވިއެވެ.
ހަމަކަށަވަރުން، ކުރިން ތިމަންމެން އެކަލާނގެއަށް އަޅުކަންކޮށް އުޅުނީމުއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އިޙްސާންތެރިވަންތަ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." (الطُّور 26-28)
މުސީބާތުގެ ވަގުތުގައި ތިމާ މާޔޫސްވެ ހަޔާތާއިމެދު ނާއުންމީދުވުމަކީ މުސީބާތުގެ ހައްލުކަމުގައި ބުއްދިވެރި ސިނކުނޑިއެއް ޤަބޫލެއްނުކުރާނެއެވެ. އެހެނެއްކަމަކު އެހާލަތާއި ކުރިމަތިލުމަކީ އޭގެ ފަރުވާކަމުގައި ޤަބޫލުކޮށް ﷲ سبحانه وتعالى ގެ ދީލަތި ރަޙްމަތުން ސަލާމަތްކަމާއި ރައްކާތެރިކަން އެދި ކެތްތެރިކަމުގެ މަގު ހިފައިފިމީހަކަށް މުސީބާތުގެ ވަގުތަކީ ދިގު ވަގުތެއްކަމުގައި ވެގެން ނުދާނެއެވެ. އެވަގުތު އޭނާއަށް ވެގެންދާނީ އޭނާގެ އީމާންތެރިކަން އިމްތިޚާންކޮށްލާ ދިރިއުޅުމުގެ ހަޤީޤީ މަޤްޞަދާއިމެދު ހޭލައްވާލާ އާޚިރަތަށް އޭނާގެ ނަފުސު ތައްޔާރުކޮށްދޭ ވަގުތެއްކަމުގައެވެ.

No comments: