}

Wednesday, February 3, 2010

އީމާނުގެ އަހުލުވެރިންނަށް އެބައިމީހުން ހީވެސްނުކުރާގޮތްގޮތުން މާތް ﷲ ރިޒުޤު ތަނަވަސްކޮށްދެއްވައެވެ.

ﷲ ސުބުހާނަހޫ ވަތައާލާއަށް ހަމްދު ހުއްޓެވެ. އެކަލާނގެއީ އެކަލާނގެއަށް ހައްޤުގޮތުގައި ކިޔަމަންތެރިކަން އަދާކުރާ އަޅުތަކުންނަށް އޯގާވެރިވެވޮޑިގަންނަވާ އެބައިމީހުންނަށް ކުރިމަތިވާ ކޮންމެ ކަމެއްގައިމެ އެބައިމީހުންނާއެކު ވޮޑިގެންވާ މަތިވެރި އިލާހެވެ.
މާތްﷲ ބަޤަރާ ސޫރަތުގެ 257 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ.
"ﷲ އީ، އީމާންވިމީހުންނަށް އެހީތެރިވެ، ވާގިވެރިވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ، އަނދިރިކަމުގެ ތެރެއިން އަލިކަމަށް އެއުރެން ނެރުއްވައެވެ. އަދި، ކާފިރުވި މީހުންގެ އެކުވެރި ވާޤިވެރިންނަކީ، ޝައިޠާނުންނެވެ. އަލިކަމުގެ ތެރެއިން އަނދިރިކަމަށް، ޝައިޠާނުން އެއުރެން ނެރެތެވެ. އެއުރެންނީ، ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެން އެ ނަރަކައިގައި އަބަދަށް ދެމިތިބޭހުއްޓެވެ."


އުންމަތުގެ ސަލަފުއްޞާލިހުންނަކީ އެބައިމީހުންގެ އީމާންތެރިކަމުގައި ކުރިއަރާގޮސްފައިވާ ބައެކެވެ. އަދި އެބައިމީހުންނަކީ މުންކަރާތްތަކާއި ފާހިޝް އަމަލުތަކާ ބީރައްޓެހި ބައެކެވެ. އެބައިމީހުން ކޮންމެ ކަމެއްގައިމެ ވަކީލުކުރަނީ އެބައިމީހުން ޚަލްޤުކުރެއްވި ﷲ ތަބާރަކަ ވަތަޢާލާއަށެވެ. އޭގެ ސަބަބުން އެބައިމީހުންވެގެން ގޮސްފައިވަނީ ނަފްސުގެ އަމާންކަން ލިބިފައިވާ ފުދުންތެރިބައެއްކަމުގައެވެ.
ނަމަވެސް މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި ދިރިއުޅޭ ގިނަމީހުންވަނީ ހައްޤުގޮތުގައި ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވުން ދޫކޮށްލާފައެވެ. ﷲ އަށް ތިބާ އީމާންތެރިކަން ހުސްކޮށްފިނަމަ އަދި އެކަލާނގެ ހަޟްރަތައް ފުރިހަމަގޮތުގައި އިތުބާރާއެކު ވަކީލުކޮށްފިނަމަ އެބައިމީހުންގެ ބޭނުންތައް އެބައިމީހުންނަށް ފުއްދަވައިދެއްވާ ދަތި އުނދަގޫތަކުން އެބައިމީހުން ސަލާމަތް ކުރައްވާނޭކަމާމެދު އެބައިމީހުން ޝައްކުކުރެއެވެ. އެފަދަ މީހުން ބުނާގޮތުގައި އެކަންކަން އެގޮތުގައި ފެނިފައިވަނީ ހަމައެކަނި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޒަމާނުގައެވެ. ނުވަތަ އިތުރު އެކަލޭގެފާނުގެ ސަހާބީންނާއި ތާބިއީންގެ ޒަމާނުގައެވެ. ނަމަވެސް މިއަދުގެ ޒަމާނަކީ ތަފާތު ޒަމާނެއްކަމުގައި އެބައިމީހުން ބުނެއެވެ. އަދި މިއަދުގެ ދުނިޔޭގައި ފާހިޝް ކަންތައްތަކާ މުންކަރާތްތަކުން ކޮންމެ ނަފުސެއް ވަށާލެވިފައިވާކަމަށާއި އޭގެސަބަބުން މުންކަރާތްތަކާއި ފާހިޝް ޢަމަލުތަކުން ދުރުވެ ފުރިހަމަ ގޮތުގައި ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަކީ ދަތި އުނދަގޫ ކަމެއްކަމުގައިވެސް އެފަދަމީހުން ބުނަމުންދެއެވެ.
ކަންމިހެން އޮތްނަމަވެސް ﷲ سبحانه وتعالى ގެ ރަޙްމަތާއި އެކަލަނގެ މަދަދަކީ ވަކިވަގުތަކަށް ވަކި ބަޔަކަށް ޚާއްޞަ ކުރެވިގެންވާކަމެއްނޫނެވެ. ތިބާގެ އީމާންތެރިކަން އެފަރާތައް ޚާލިސްކޮށްފިނަމަ އެކަމުގެ ހެކި ﷲ سبحانه وتعالى ތިބާއަށް ދައްކަވާނެތެވެ. އަދި ތިބާއަށް ކުރިމަތިވާ ކޮންމެ ކަމަކުން ސަލާމަތައްއެދި ﷲ ގެ ހަޟްރަތައް ރުޖޫއަވާނަމަ އެކަލާނގެ ތިބާއަށް ރަޙްމަތްލައްވާ އަދި ތިބާއަށް ކުރިމަތިވާ ކޮންމެ މުސީބާތަކަުން ތިބާ ސަލާމަތުގެ މަންޒިލަކަށް ގެންގޮސްދެއްވާނެތެވެ. ނަމަވެސް ޝަރުތަކީ ތިބާ އެކަލާނގެއަށް ހައްޤުގޮތުގައި ކިޔަމަންތެރިވުމެވެ. އަދި ތެދުވެރިކަމާ އިޚްލާޞްތެރިކަމާއެކު އެކަލާނގެ ހަޟްރަތުން އެދި ދެންނެވުމެވެ.
ތިރީގައި މިބަޔާންކުރެވޭ ވާހަކައަކީ އައްޝައިޚް މުޙައްމަދު ޙަސަން ދެއްވާފައިވާ ދަރުސެއްގައި ވިދާޅުވެދެއްވާފައިވާ ހަޤީޤީ ހާދިސާއެއްގެ ވާހަކައެވެ. މިވާހަކަ ޝޭޚަށް ކިޔައިދެއްވީ މިހާދިސާ ތަޖުރިބާކޮށްފައިވާ މިސްރުގެ އުޚްތެކެވެ.
އޭނާ ޝޭޚަށް ކިޔައިދިނެވެ. ތިމަންނަގެ ފިރިމީހާ ކޮންމެވެސް ސަބަބަކާހުރެ ރަށުންބޭރަށް ދާންޖެހުނެވެ. ތިމަންނަގެ ބެލުމުގެ ދަށުގައި ތިމަންމެންގެ ކުޑަ އަންހެން ދަރިފުޅާއި ބައްޕަ ހުއްޓެވެ. ތިމަންމެންނަކީ ވަރަށްފަޤީރު ބައެކެވެ. ނަމަވެސް ތިމަންމެންގެ މުޅި އާއިލާއަކީވެސް އީމާންތެރިބަޔަކީމެވެ. ނަމާދުގެ ވަގުތައް ފަރުވާތެރިވަމެވެ. އަޅުކަމުގައި ވަގުތު ހޭދަކުރުމެވެ.
އެއްދުވަހަކު އަހަރެންގެ ކުޑަ ދަރިފުޅު ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. އަހަރަމެންގެ އަތުގައި ބޭހަށް ޚަރަދުކުރާނޭ ފައިސާއެއްނެތްތާ، ގިނަރޭރޭ އަހަރެމެން ތިންމީހުން ހޭދަކުރަނީ ބަނޑުހައިހޫނުކަންމަތީގައެވެ. އަދި އެދުވަސްތަކުގައި ދަރިފުޅުގެ ހުން ދިޔައީ ދުވަހެއް ދުވަހެއް ގަދަވަމުންނެވެ. އެހިނދު ތިމަން ކަންތައްކުރަމުންދިޔައީ މިފަދައިންނެވެ.
ތިމަން ދަރިފުޅުގެ ބޮލުގައި ތެތް ފޮތިގަނޑަކުން ބޮނޑިތާންކުރުމަށްފަހު އެ ފޮތިގަނޑު ނިތްކުރިމަތީގައި ބާއްވަމެވެ. އަދި ތެދުވެ ދެރަކުއަތް ނަމާދެއް ކުރަމެވެ. އަދި އަނެއްކާވެސް ފޮތިގަނޑު ބަދަލުކޮށް ހަމައެފަދައިން ތެތްފޮތިގަނޑަކުން ބޮނޑިތާންކޮށް ތެދުވެ ދެރަކުއަތް ނަމާދެއް ކުރަމެވެ. އަދި މިހެން މިކަން ތަކުރާރުކުރަމުން ދިޔައީމެވެ. ދެން އެ އުޚްތާ ބުންޏެވެ. އޭ ޝޭޚެވެ. ﷲ ހުސްދުރުވެވޮޑިގެންވެއެވެ. ތިމަން މިގޮތުގައި ޢަމަލުކުރަމުންދަނިކޮށް ރޭގަނޑުގެ 1:30 ނުވަތަ 2:00 ހާއިރު މީހަކު ދޮރުގައި ޓަކި ދީފިއެވެ. ދެން ތިމަންގެ ބައްޕަ އަވަސްއަވަހަށް އެއީ ކާކުތޯ ބެލުމަށް ދޮރުހުޅުވުމަށް ދިޔައެވެ. ތިމަންވެސް ބައްޕަގެ ފަހަތުން ދަންވަރުގެ މިވަގުތުގައި ދަޮރުގައި ޓަކިދެނީ ކާކުތޯ ބެލުމަށް ދޮރު ކައިރިއަށް ދިޔައީމެވެ. ބައްޕަ ދޮރުހުޅުވާލިއެވެ. އެހިނދު ދޮރުމަތީގައި ބްރިފްކޭހެއް ހިފައިގެން ޑޮކްޓަރަކު ހުއްޓެވެ. ދޮރުހުޅުވާލުމުން އޭނާ ސަލާމް ގޮވާލުމަށްފަހު ސަލާމުގެ ޖަވާބުލިބުމުން އެތެރެއަށް ވަނެވެ. އަދި ބަލިވެފައިވާ ދަރިފުޅު ކޮބައިތޯ ސުވާލުކުރިއެވެ. ތިމަން ހައިރާން ކަމާއެކު ޑޮކްޓަރާ ދިމާލަށް ބަލާލުމަށްފަހު ޑޮކްޓަރު ގޮވައިގެން ދަރިފުޅުގެ ގާތައް ދިޔައީމެވެ. ޑޮކްޓަރު ވަރަށް ރަނގަޅަށް ދަރިފުޅު ބަލާ ބޭސް ލިޔެދެއްވިއެވެ. އަދި އަހަރެންގެ އަތަށް ބޭސްސިޓީ ދިނުމަށްފަހު ސާމާނުތައް ފޮއްޓަށް އަޅައިގެން ނުކުތުމަށް ހިނގައިގަތެވެ. އަހަރެންވެސް މަޑުމަޑުން ޑޮކްޓަރުގެ ފަހަތުން ދިޔައީމެވެ. ނަމަވެސް ދޮރުން ބޭރަށް ނުކުތުމަށްފަހު ޑޮކްޓަރު އެތަނުގައި މަޑުކޮށްގެން ހުއްޓެވެ. އެއްމިނެޓް ދެމިނެޓެއްހާއިރު އޭނާ ދޮރުމަތީގައި މަޑުކޮށްގެން ހުއްޓެވެ. ނަމަވެސް އިރުކޮޅަކު މަޑުކޮށްލުމަށްފަހު އަހަރެން ދޮރުލައްޕާލީމެވެ. ހަމަ އެވަގުތު ޑޮކްޓަރު ގޮވާލެއްވި އަޑު އިވުނެވެ. އޭ އުޚްތާއެވެ. ތިމަންގެ ފީކޮބާހެއްޔެވެ؟ ތިމަން ވަރަށް ކަންބޮޑުވިއެވެ. އަދި ޖަވާބުދިނީމެވެ. ޑޮކްޓަރެވެ. ﷲ ގަންދީ ހުވާކޮށްފައިބުނަމެވެ. އަހަރެންގެ އަތުގައި އެންމެ ވަކިލާރިއެއްވެސް ނެތެވެ. އަހަރެންގެ އަތުގައި ޑޮކްޓަރުގެ ތިޔަ ޚިދުމަތަށް ދޭނޭ ފައިސާއެއްނެތެވެ. ޑޮކްޓަރު ބުންޏެވެ. އަތުގައި އެންމެ ފައިސާއެއްވެސް ނެތްއިރު ރޭގަނޑުގެ މި ދަންވަގުތުގައި އަހަރެންނަށް ގުޅާ ގެންނަށް ތިބާ ލަދު ނުގަނޭހެއްޔެވެ؟ އަދި ތިބާގެ އަތުގައި ފައިސާ ނެތްއިރު ފޯނުން އަހަރެންނަށް ގުޅީ ކިހިނެތްހެއްޔެވެ؟ ތިމަން ޖަވާބުދިނީމެވެ. ޑޮކްޓަރެވެ. އަހަރެން ޑޮކްޓަރަކަށް ނުގުޅަމެވެ. އަދި ކިއެއްތަ މިގޭގައި ފޯނެއް ނުވެސް ހުންނާނޭމެއެވެ. އެހިނދު ޑޮކްޓަރު ބުންޏެވެ. ކީކޭހެއްޔެވެ. މިއީ އެވެނި މީހެއްގެ ގެޔެއް ނޫންހެއްޔެވެ. އަހަރެން ބުނީމެވެ. ނޫނެކެވެ. އެއީ ޖެހިގެންހުރި ގެއެވެ. ޑޮކްޓަރު ހައިރާންކަމާއެކު ބުންޏެވެ. އެހަށް މަޑުކޮށްބަލާށެވެ. އަދި އެއްފަހަރު އަހަރެން އެތެރެއަށް ވަނުމުގެ ހުއްދަ ދީބަލާށެވެ. އެހެނީ ރޭގަނޑުގެ މިވަގުތުގައި މި ގެއަށް އަހަރެން ހާޟިރުކުރުމަށް ﷲ މެދުވެރިކުރެއްވީ ތިބާއާއި ތިބާގެ ދަރިފުޅުގެ ސަބަބުންނެވެ. ވީމާ ތިބާގެ ވާހަކަތައް އަހަރެންނަށް ކިޔައިދީބަލާށެވެ. އެހިނދު އަހަރެންނަށް ރޮވުނެވެ. އަދި ދޮރުހުޅުވާލުމަށްފަހު ޑޮކްޓަރު އެތެރެއަށް ވަނުމުގެ ހުއްދަ ދިނީމެވެ. އަދި އަހަރެން އެވާހަކަތައް ޑޮކްޓަރަށް ކިޔައިދިނީމެވެ. އެހިނދު ޑޮކްޓަރުގެ ލޮލުންވެސް ކަރުނައިގެ އަސަރު ފާޅުވިއެވެ. އޭނާ އެނބުރި ދިއުމަށްފަހު އިރުކޮޅަކުން އަތުވެއްޖެއެވެ. އޭރު އޭނާގެ އަތުގައި ދަރިފުޅުގެ ބޭސް ހުއްޓެވެ. އަދި ރޭގަނޑުގެ ކެއުމަށް ފުދޭވަރަށް ކާތަކެތިވެސް ހުއްޓެވެ. އަދި އެދުވަހަށްފަހު ޑޮކްޓަރު ތިމަންމެންގެ އާއިލާއަށް ކޮންމެ މަހަކުވެސް މުސާރައެއް ދެމުން ގެންދިޔައެވެ.
ޝޭޚެވެ. ދުވަސްތައް މިގޮތުގައި ދިއުމަށްފަހު ތިމަންގެ ފިރިމީހާ އެނބުރި އައުމުން ތިމަންމެން އެ ޑޮކްޓަރުގެ ގާތައް ޝުކުރުއަދާ ކުރުމަށް ދިޔައީމެވެ. އަދި އޭނާގެ ފަރާތުން ލިބެމުންދިޔަ އެހީތެރިކަން މިހާރު ބޭނުންނުވާކަމުގައި ބުނީމެވެ. ޝޭޚެވެ. ތިމަންމެންނަކީ ފަޤީރު ނިކަމެތި ބައެއްކަމުގައި ވީނަމަވެސް އަދި ބައެއްރޭރޭ ކާނޭ އެއްޗެއް ނެތިގެން ބަނޑުހައިހޫނުކަންމަތީ ތިބެން ޖެހުނު ކަމުގައިވިއަސް މާތްﷲ ތިމަންމެންނަށް އޯޤާތެރިވެވޮޑިގަންނަވައެވެ. އަދި އެ ދަތިތަކުން އެކަލާނގެ ތިމަންމެން ނެރެދެއްވައި ހިތްހަމަޖެހުން ދެއްވަވައެވެ.
މާތްﷲ ކީރިތި ޤުރުއާނުގެ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"......އަދި ﷲ އަށް ތަޤުވާވެރިވާ މީހާ (ދަންނާށެވެ!) އެކަލާނގެ އޭނާއަށް ނުކުންނާނޭ މަގެއް ދައްކަވާނެތެވެ.
އަދި ހީވެސް ނުކުރާ ފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒުޤު ދެއްވާނެތެވެ. އަދި ﷲ އަށް ވަކީލުކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲއީ، އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ." (65:2-3)
އޭ އަޚުންނާއި އުޚްތުންނެވެ. މި އިބްރަތްތެރި ހާދިސާއިން ދޭހަކޮށްދެނީ ތިބާ ﷲ سبحانه وتعالى އަށް ފުރިހަމަގޮތުގައި އިތުބާރުކުރާނަމަ އެކަލާނގެ ތިބާއަށް އެހީތެރިވެވޮޑިގަންނަވާނެކަމެވެ. އަދި ތިބާއަށް ކުރިމަތިވާ އެންމެހާ ދަތިކަމަކުން ތިބާ ސަލާމަތްކޮށްދެއްވާނެކަމެވެ. މާތް ﷲ އަޅުގަނޑުމެންނީ އެކަލާނގެއަށް ހައްޤުގޮތުގައި ކިޔަމަންތެރިކަން އަދާކުރާ ތެދުވެރި އިޚްލާޞްތެރި ބަޔަކު ކަމުގައި ލައްވާށިއެވެ. އާމީން.

No comments: