}

Thursday, December 18, 2008

ހައްޤުގެ މަގު ދެނެގަތުން

މުސްލިމުންގެ ފުރަތަމަ ޖީލުކަމުގައިވާ މާތް ރަސޫލުﷲ ސައްލަﷲއަލައިހިވަސައްލަމްގެ ސަހާބީންނަކީ އޭގެ ކުރީގެ އެހެން އެއްވެސް އުންމަތަކަށްވެސް އަދި އޭގެފަހުން އަންނާނޭޖީލުތަކަށްވެސް ލިބިފައިނުވާނޭފަދަ މަތިވެރިކަމާއި ޝަރަފެއް ލިބިވަޑައިގެންނެވި ޖީލެކެވެ. މިއީ އެއްވެސް އިންސާނަކު ދެބަސްނުވާނޭ ހަޤީޤަތެކެވެ.
އަޅުގަނޑުމެން މުސްލިމުންގެ ތެރެއިން ޞާލިޙް އަޅުތަކުންގެ ހުވަފެނެއްކަމުގައިވެފައިވަނީ އިސްވެދެންނެވުނު ރަސޫލުﷲ ސައްލަﷲއަލައިހިވަސައްލަމަގެ ސަހާބީންގެ ކިބައިގައިވީފަދަ މަތިވެރި އީމާންތެރިކަމެއް އެބައިމީހުންގެ ހިތުގައި ބިންވަޅުނެގި އެގޮތުގައި ސާބިތުވެ ޢަމަލުކުރެވޭތޯބެލުމެވެ. އެހެންނަމަވެސް ހުވަފެނާއި ހަޤީޤަތަކީ ތަފާތުދެކަމެކެވެ. އިސްލާމްދީނަކީ މިއަދު ދުނިޔޭގައި އެންމެ ހަލުވި ބާރުމިނެއްގައި ފެތުރެމުންދާ ދީންނަމަވެސް އެންމެބޮޑަށް ބައިބައިވެފައިވާ ދީން ކަމުގައި ދެންނެވުމީ ކުށަކަށް ނުވާނެއެވެ. އެހެނީ ކީރިތި މާތް ރަސޫލާ ސައްލަﷲއަލައިހިވަސައްލަމަ އެކަން އެގޮތަށް ހިނގާނޭކަން ބަޔާންކޮށްދެއްވަމުން ހަދީސްފުޅުކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ޔަހޫދީން 71 ބަޔަކަށް ބެހިގެން ދިޔައެވެ. ނަޞާރާއިން 72 ބަޔަކަށް ބެހިގެން ދިޔައެވެ. އަދި ތިމަންކަލޭގެފާނުގެ އުންމަތް 73 ބަޔަކަށް ބައިވެގެންދާނެއެވެ. އޭގެތެރެއިން އެންމެބަޔަކުފިޔަވާ ހުރިހާ ބައެއްގެމީހުން ވާހުށީ ނަރަކައިގެ އަހުލުވެރިން ކަމުގައެވެ."
ކަންމިހެން އޮތްނަމަވެސް އިސްލާމްދީނުގެ ހަޤީޤީ އުޞޫލުތަކުގައި މިކަމަށް މަގު ހުޅުވާދެއްވާފައެއްނުވެއެވެ. މާތް ﷲ ވަނީ މުސްލިމުންނަށް އެއްބައިވެ އެކަތިގަނޑަކަށްވުމަށް އަމުރުކުރައްވާފައެވެ. ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.
"އަދި ތިޔަބައިމީހުން އެންމެން ﷲ ގެ ވާފަށުގައި (އެބަހީ: ﷲ ގެ ދީނުގައި) ހިފަހައްޓާށެވެ! އަދި ވަކިވަކިވެ ނުގަންނާށެވެ! އަދި، ތިޔަބައިމީހުން (އެއްބަޔަކު އަނެއްބަޔަކަށް) ޢަދާވާތްތެރިންކަމުގައި ވަނިކޮށް، ﷲ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރިކުރެއްވިއެވެ. ދެން، އެކަލާނގެ ދެއްވި ނިޢުމަތުގެ ސަބަބުން ތިޔަބައިމީހުންނީ އަޚުންތަކެއްކަމުގައި ވެއްޖައީމުއެވެ. އަދި، ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއެވެ. ދެން، އެކަލާނގެ ތިޔަބައިމީހުން އެއިން ސަލާމަތްކުރެއްވިއެވެ. ﷲ، އެކަލާނގެ އާޔަތްތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ، އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ. (3:103)

ރަސޫލުއްﷲ ސައްލަﷲއަލައިހިވަސައްލަމަ ސުވަރުގެ ވަޑައިގެންނެވުމަށްފަހު ކުޑަދުވަސްކޮޅެއްގެތެރޭގައި އިސްލާމުންގެ މެދުގައި ބައިބައިވުން އުފެދެން ފެށިއެވެ. އެހެނީ އިސްލާމީ އުންމަތުގެ ބާރުގަދަވެ ހަނގުރާމައިގެ ގޮތުން އެ އުންމަތް ބަލިނުކުރެވޭނޭކަން ދުޝްމަނުންނަށް އެނގުނުހިނދު އެބައިމީހުން މަސައްކަތްފެށީ ފިކުރީގޮތުން މުސްލިމުން ބައިބައިކުރުމަށެވެ. އެގޮތުން މީގެކުރިން އިސްލާމް ދީނުގައި ނުހިމެނޭ ތަފާތު ބީރައްޓެހި ކަންތައްތައް އިސްލާމްދީނުގެ އުޞޫލުތަކުގެ ތެރެއަށް ވައްދަންފެއްޓިއެވެ. ހާއްޞަގޮތެއްގައި އިސްލާމްދީނަށް އަލަށް ވަންނަމުންދިޔަ މުސްލިމުންގެ ހިތްތަކުގައި މިފަދަ ކަންތައްތަކާއިމެދު ޝައްކުއުފައްދަމުން ގެންދިޔައެވެ. އަދި ރަސޫލުއްﷲ ސައްލަﷲއަލައިހިވަސައްލަމަ ގެނެސްދެއްވި ކަންތައްތަކުގެ އިތުރަށް އެތަކެއް ބިދުޢަތަކެއް މުސްލިމުންގެ ސިކުނޑިތަކަށް ވައްދާ އެކަންކަން ފެތުރުމަށް މަސައްކަތްކުރަމުން ގެންދިޔައެވެ. ދުޝްމަނުންގެ މި ނުބައި ރޭވުންތަކުގެ ސަބަބުން އިސްލާމްދީނުގެ ހަޤީޤީ އުޞޫލުތައް މީސްތަކުގެ މެދުގައި ފެތުރުމަށް ދަތިތަކާއި ކުރިމަތިކުރުވާ ތަފާތު ފިކުރާއި ޚިޔާލުތަކާއި ބިދުޢަތަށް މުސްލިމުންގެ މެދުގައި ފެތުރުމަށް މަގުފަހިވެގެން ދިޔައެވެ. ނަތީޖާއެއްގެގޮތުން މިއަދު ދުނިޔޭގައި ދިރިއުޅެމުންދާ މުސްލިމުންގެ ބޮޑުބައެއް ދިރިއުޅެމުންދަނީ އިސްލާމްދީނުގެ ހަޤީޤީ އުޞޫލަތަކާއި ބީރައްޓެހި ބަޔަކު އިސްލާމްދީނުގެ ތެރެއަށް އިތުރުކޮށްފައިވާ ބިދުޢަތަކެއްގެ ތެރޭގައެވެ. އަދި އެކަމުގެ ސަބަބުން މުސްލިމުންގެ ތެރެއިން މިފަދަ އިތުރުކުރުންތަކަށް ތަބާވާމީހުންނަށް މަގުއޮޅުވާލާ ހަމަމަގުން އެއްކިބާކުރުމަކީ ދުޝްމަނުންނަށް ފަސޭހަކަމެއްކަމުގައިވަނީ ވެގެން ގޮސްފައެވެ. މީސްތަކުންނަށް ދީނުގެ ކަންކަމުގައި ޢަމަލުކުރަންވީ ރަނގަޅުގޮތް މިހާރުވަނީ އޮޅިފައެވެ. އެހެންކަމުން ދީނުގެ ހަޤީޤީ އުޞޫލުތަކަށް ޢަމަލުކުރުމާއިމެދު އެމީހުންގެ ހިތުގައިވަނީ ވަޙުމް އުފެދެންފަށާފައެވެ. ނަތީޖާއެއްގެގޮތުން ހައްޤުގެ މަގު ހޯދާ އަޤީދާގެ ފިލާވަޅުތައް ލިބިގަތުމަށްޓަކައި ކީރިތި ޤުރުއާނާއި ރަސޫލުﷲ ސައްލަﷲއަލައިހިވަސައްލަމަގެ ސުންނަތުން ފިލާވަޅު ލިބިގަތުމުގެ ބަދަލުގައި ގިނަބަޔަކު އެނބުރިގެންފައިވަނީ އިންސާނުންގެ ވިސްނުމާއި ފިކުރުން ލިޔެ ތައްޔާރުކޮށްފައިވާ ފަލްސަފާތައް ހިމެނޭ ފޮތްތަކާއި ލިޔުންތަކާއި ދިމާއަށެވެ. މިފަދަ ފޮތްތަކާއި ލިޔުންތަކަކީ މުސްލިމުންގެ ފަރާތުން އައިސްފައިވި ލިޔުންތަކެއްނަމަވެސް އެފަދަ ލިޔުންތަކާއި ފޮތްތައް ލިޔެފައިވާފަރާތްތަކުގެ ވިސްނުމާއި ފިކުރަށް ގްރީކާއި، ފާރިސީންގެ ފަލްސަފާތަކުން ބޮޑެތި އަސަރުތަކެއްކޮށްފައިވާކަމުގައި ދަންނަވަންޖެހެއެވެ.
އިސްލާމް ދީނުގެ ފިޤްހީ މައްސަލަތަކަކީ ހަމައެކަނި ހަތަރުއިމާމުންގެ ފަރާތުން ބަޔާންވެފައިވާއެއްޗެއްކަމުގައި ވެގެންގޮސްފައިވެއެވެ. އެކަމުގެ ސަބަބުން މުސްލިމުން އެމީހަކު ތަބާވާ އިމާމެއްގެ މަޒްހަބްގައި ބާރުލާ ހިފަހައްޓަމުންގެންދިޔައެވެ. ނަތީޖާއެއްގެގޮތުން މުސްލިމުންގެ މަތިވެރި ހަތަރު އިމާމުންނަކީ ރަސޫލުބޭކަލުންފަދަ ބައެއްކަމުގައި އެބައިމީހުންނަށް ހީކުރެވެންފެށިއެވެ. އަދި ހަތަރު އިމާމުންގެ ފަރާތުން ލިބިދޭ ފިލާވަޅުތަކަކީ އޭގައި އެއްވެސް ނުބައެއް ނުވާނޭ ފިލާވަޅުތަކެއްކަމުގައި އެމީހުން ޤަބޫލުކުރަންފެށިއެވެ. ނުވަތަ އެއީ ވަޙީއާއި އެއްފަދަ ބުނުންތަކެއްކަމުގައި ހީކުރެވެންފެށިއެވެ. މަޒްހަބީ ފިކުރު މިހާހިސާބުން ނިމުމަކަށް އައީއެއްނޫނެވެ. އިމާމުންގެ ފަތުވާއަކާއި ދެކޮޅަށް ކީރިތި ޤުރުއާނުންނާއި ރަސޫލާގެ ސުންނަތުން ހުތްޖަތްގެނައިނަމަވެސް އެ މަޒްހަބުގައި ހަރުކަށިކަމާއެކު ހިފަހައްޓައިގެންތިބި މީހުން އެމީހުންގެ އިމާމުގެ ބަހުގައި ހިފަހައްޓާ ޤުރުއާނާއި ސުންނަތް އެއްފަރާތްކޮށްފައިވެއެވެ.
މާތްﷲ ގެ ވަޙީ ބަސްފުޅާއި އެކަލާނގެ ރަސޫލާ މުޙައްމަދު ސައްލަﷲއަލައިހިވަސައްލަމަގެ ސުންނަތްދޫކޮށް އެހެނިހެން މަސްދަރުތަކަށް ބޯހަރުކަމާއި ކަނުކަމާއެކު މީސްތަކުން ޢަމަލުކުރަންފެށުން ވެގެންދިޔައީ އިސްލާމީ އުންމަތް ބައިބައިވެގެން ދިއުމުގެ އަސްލުކަމުގައެވެ. މިދެންނެވުނު ބައިބައިވުމުގެ ސަބަބުން އިސްލާމްދީނުގެ އުޞޫލުތައް ދެނެގަތުމުގެ މައިގަނޑު މަސްދަރެއްކަމުގައިވާ އިޖްތިހާދުކުރުމުގެ ދޮރުމިދަނީ ބަންދުކުރެވެމުންނެވެ.
އިސްލާމްދީނުގެ އުޞޫލުތައް މިގޮތުގައި ބައިބައިވަމުން ދިއުމުގެ ސަބަބުން މުސްލިމުންގެ ތެރެއިން ކޮންމެ މީހަކީ ފަތުވާދޭމީހެއްކަމުގައިމިވަނީ ވެގެންގޮސްފައެވެ. އިސްލާމް ދީނާއިމެދު ނުވަތަ ދީނުގެ ހުކުމްތަކާއިމެދު އޭނާގެ ހިތުހުރިގޮތަކަށް ވާހަކަދެއްކުމުގެ ފުރުޞަތުމިވަނީ ތަނަވަސްވެގެންގޮސްފައެވެ. އެހެނީ އިސްލާމްދީނުގެ ހުކުމްތައް މީސްތަކުންނަށް ބަޔާންކޮށްދޭއިރު އެހުކުމްތަކަށް ޤުރުއާނާއި ސުންނަތުން ހެކިހޯދުމަށް ގިނަބަޔަކު މަސައްކަތެއް ނުކުރެއެވެ. އަދި ހަމަ އެއާއެކު އެފަދަ ވާހަކަތަށް އަޑުއަހަން ތިބޭމީހުންނަށް އޭނާއެބުނާ ބަހެއްގެ ތެދުދޮގު ބަލާނޭއަސްލެއް އެނގިފައެއްނުވެއެވެ.
އިންސާނުންގެ މެދުގައި ފެތުރިގެންދާނޭ ޖާހިލުކަމުގެ މި މުސީބާތުގެ ވާހަކަތައްވެސް އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ސައްލަﷲއަލައިހިވަސައްލަމަ ބަޔާންކޮށްދެއްވާފައިވެއެވެ. އެކަލޭގެފާނުގެ ހަދީސްފުޅެއްގެ މާނައިގައިވެއެވެ.
އަބްދުﷲބިން އަމްރުބިން އަލް އާސްގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ސައްލަﷲއަލައިހިވަސައްލަމަ ހަދީސްފުޅުކުރެއްވިއެވެ. "މާތްﷲ މީސްތަކުންގެ ތެރެއިން ޢިލްމުގަދަކަމުން އަތުލައްވާކަމުގައި ނުވެއެވެ. އެހެނެއްކަމަކު ޞާލިޙް ޢިލްމުވެރިން އެބައިމީހުންގެ ތެރެއިން (ﷲގެ ހަޟްރަތައް) ގެންދަވަތެވެ. އަދި މީސްތަކުން އެބައިމީހުންގެ ބޮޑުންކަމުގައި ޖާހިލުން އިޚްތިޔާރުކުރެއެވެ. އަދި މީސްތަކުން އެމީހުންގެ ކިބައިން ދީނުގެ ކަންކަމުގައި މަޝްވަރާކުރާ ހިނދު އެބައިމީހުންނަށް ނުއެނގިތިބެ ދީނުގެ ފަތުވާ ދީއުޅޭނެއެވެ. އޭގެސަބަބުން އެބައިމީހުން މަގުފުރެދި އެހެންމީހުން މަގުފުރައްދާނެއެވެ." (މުސްލިމް)
އިސްވެ ބަޔާންކުރެވުނު ފަދައިން އިސްލާމީ އުންމަތް ބައިބައިވެފައިވާއިރު އެކަމުން ސަލާމަތްވާނީ ކިހިނަކުން ބާވައެވެ؟ ކީރިތި ރަސޫލާ މުޙައްމަދު ސައްލަﷲއަލައިހިވަސައްލަމަ ހަދީސްފުޅުކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އޭ މީސްތަކުންނޭވެ. ތިޔަބައިމީހުން އެއެއްޗެއްގައި ހިފަހައްޓައިފިނަމަ ދުވަހަކުވެސް މަގުއޮޅިގެން ނުދާނޭ ދެ އެއްޗެއް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށްޓަކައި ދޫކުރެއްވީމެވެ. އެއީ މާތް ﷲ ބާއްވާލެއްވި ކީރިތި ޤުރުއާނާއި ތިމަންކަލޭގެ ފާނުގެ ސިޔަރަތެވެ. ނުވަތަ ސުންނަތެވެ."
މިހަދީސުން އިންސާނުންގެ ތެރެއިން މަގުއޮޅި މަގުފުރެދިގެން ދާންބޭނުންނުވާމީހުންނަށް މިވަނީ ބިންގަލެއް އަޅުއްވާދެއްވާފައެވެ. އެހެންކަމުން ތިމާއަށް މަގުއޮޅިގެން ދާކަމަށް ހީވާކޮންމެފަހަރަކު ތިމާއަށް މިދެ ކަންތަކަށް ނުވަތަ މިދެކަމުންކުރެ ކޮންމެވެސް އެއްކަމަކަށް އިޙްމާލުކުރެވުނީއެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ބުނަމުންގެންދަނީ ތިމާ ސާބިތުވެ ހުރީ ކީރިތި ޤުރުއާނާއި ރަސޫލާ ސައްލަﷲއަލައިހިވަސައްލަމަގެ ސުންނަތުގެ މަތީގައިކަމަށެވެ. އެހެންނަމަވެސް މިއިން ހައްޤުބަސް ބުނަނީ ކާކުތޯ ދެނެގަންނާނީ ކިހިނަކުންތޯއެވެ؟
ރަސޫލުﷲ ސައްލަﷲއަލައިހިވަސައްލަމަ ހަދީސްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިމަންކަލޭގެފާނު ދޫމިކުރައްވަނީ ދުވާލުއެއީ ދުވާލުފަދައިން އަދި ރޭގަނޑު އެއީ ރޭގަނޑުފަދައިން އެނގޭނޭ ސާފުމަގެކެވެ. މިމަގުން އެއްކިބާވެއްޖެ މީހަކު ހަލާކުވެއްޖެއެވެ"
އެކަލޭގެފާނުގެ މި ހަދީސްފުޅުގައި ހަދީސްކުރައްވާފައިވާފަދައިން އެކަލޭގެފާނު ދޫކުރައްވާފައިވާ މަގަކީ ސާފުސީދާ މަގެކެވެ. އަދި އެމަގަކީ ކޮބައިކަން އުންމަތައް ހާމަކޮށްދެއްވުމުގެ ގޮތުން އެކަލޭގެފާނު ހަދީސްކުރައްވާފައިވެއެވެ.
"ޔަހޫދީން 71 ބަޔަކަށް ބެހިގެން ދިޔައެވެ. ނަޞާރާއިން 72 ބަޔަކަށް ބެހިގެން ދިޔައެވެ. އަދި ތިމަންކަލޭގެފާނުގެ އުންމަތް 73 ބަޔަކަށް ބައިވެގެންދާނެއެވެ. އޭގެތެރެއިން އެންމެބަޔަކުފިޔަވާ ހުރިހާ ބައެއްގެމީހުން ވާހުށީ ނަރަކައިގެ އަހުލުވެރިން ކަމުގައެވެ." އެހިނދު އަސްހާބުބޭކަލުން ދެންނެވިއެވެ. "އޭ ﷲ ރަސޫލާއެވެ، އެއީ ކޮންބައެއްތޯއެވެ؟" އެކަލޭގެފާނު ހަދީސްފުޅުކުރެއްވިއެވެ. "އެއީ ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ ސަހާބީން ފަދައިން ވީމީހުންނެވެ."
މިހަދީސްފުޅުގައި އިތުރު އެކަލޭގެފާނު އަޅުގަނޑުމެންނަށް އެ އަންގަވައިދެއްވަނީ ކީރިތި ޤުރުއާނާއި އެކަލޭގެފާނުގެ ސުންނަތް ދެނެގަނެވޭނީ އެކަލޭގެފާނުގެ ސަހާބީންއެކަން ދެނެގަނެ ޢަމަލުކުރައްވާފައިވާގޮތުންކަމެވެ. އެހެންކަމުން ކީރިތި ޤުރުއާނާއި ރަސޫލުﷲ ސައްލަﷲއަލައިހިވަސައްލަމަގެ ސުންނަތް އަޅުގަނޑުމެންގެ ތެރެއިން ބަޔަކަށް ސާފުވެފައިވާގޮތާއި އެކަލޭގެފާނުގެ ސަހާބީންނަށް އެކަން ސާފުވެފައިވާގޮތް އެއީ އެއްގޮތެއްކަމުގައިވެއްޖެނަމަ އެއީ ހައްޤުގެ ގޮތެވެ.
މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އަދި، އެމީހަކަށް ތެދުމަގު ބަޔާންވުމަށްފަހު، ރަސޫލާއާއި ދެކޮޅުވެރިވެ، މޫމިނުންގެ މަގުނޫން މަގަކަށް ތަބަޢަވާމީހާ (ދަންނާށެވެ!) އެމީހާ އިޚްތިޔާރުކުރި މަގަކަށް އެމީހާ ދޫކޮށްލައްވާ ހުށީމެވެ. އަދި، ތިމަންރަސްކަލާނގެ އެމީހާ ނަރަކަޔަށް ވައްދަވާހުށީމެވެ. އެއީ، ނުބައިވެގެންވާ ނިމިދިއުމެކެވެ. (4:115)
ކީރިތި ޤުރުއާން ބާއްވާލެއްވުނުއިރު މުއުމިނުންނަކީ އިތުރު މާތް ރަސޫލާ ސައްލަﷲއަލައިހިވަސައްލަމައާއި އެކަލޭގެފާނުގެ ސަހާބީންނަށް ވީހިނދު އިސްވެދެންނެވުނު އާޔަތުންދޭހަވާ މާނައަކީ ސީދާވެގެންވާ ހައްޤުމަގަކީ އެބޭކަލުންގެ މަގުކަމެވެ.
އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ ދުނިޔޭގެ ދިރިއުޅުމަކީ ދާދި އަވަހަށް ނެތިވެ ފަނާވެދަނިވި ދިރިއުޅުމެކެވެ. އެހެންކަމުން މަރުވުމުގެ ކުރިން ސުވަރުގޭގެ ތަޅުދަނޑި ހޯދުމަށް މަސައްކަތްކުރައްވާށެވެ. މާތް ﷲ ގެ ދީނަށް އަޅުގަނޑުމެންގެ އެދުންތަކާއި އެއްގޮތަށް ޢަމަލުކުރާބައެއްކަމުގައި ނުވާށެވެ. މިކަމަށްޓަކައި ފިސާރި ހޭލާތިބެ މާތްﷲ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު ސައްލަﷲއަލައިހިވަސައްލަމަގެނެސްދެއްވި މަތިވެރި ހިދާޔަތުގައި ހައްޤުގޮތުގައި ދިރިއުޅުން ވޭތިކުރާބައެއްކަމުގައި ލެއްވުންއެދި މާތްﷲ ގެ ހަޟްރަތުގައި ދުޢާކުރައްވާށެވެ. މާތްﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮ ރަޙްމަތްލައްވާ ސީދާމަގަށް މަގުދައްކަވާށިއެވެ. –އާމީން-

No comments: