}

Sunday, December 7, 2008

ހައްޖަކީ ދިރިއުޅުމުގެ ހަޤީޤީ މަޤްޞަދު ހާމަކޮށްދޭ އަޅުކަމެކެވެ.

އަބްދުﷲ ޝާކިރު މުޙައްމަދު ((Abdullashakir@hotmail.com

މިއަދު އަޅުގަނޑުމެންގެތެރެއިން ގިނަބައެއްގެ ދިރިއުޅުމަކީ އެއްވެސް އަސްލެއްނެތް އަދި އެއްވެސް މަޤްޞަދެއްނެތް ހަރަކާތްތަކެކެވެ. އަހަރެމެންގެ ދިރިއުޅުން ކޮންމެދުވަހެއްގެ ހެނދުނު ފަށައިގަންނަނީ ރޭގަނޑު އެދުވަހެއްގެ ކަންތައްތައް ނިންމާލުމަށެވެ. އަދި ރޭގަނޑެއް ފެށެނީ ފަތިސްވުމުން އެރެއެއް ނިންމާލުމުގެ އުންމީދުގައެވެ. ނުވަތަ ކުޅިވަރުގައި އޭނާގެ ވަގުތުތައްދުއްވާލާއިރު އޭނާގެ ހަޔާތުގެ ފަށްތައް ކައިހުސްވަމުންދާކަމެއް އޭނާއަކަށް އިޙްސާސެއް ނުކުރެވޭނެއެވެ.
އަހަރުމެންގެ މިއަދުގެ ދިރިއުޅުމަކީ ތިއޭޓަރެއްފަދައެވެ. އެއްވެސް މަޤްޞަދެއްނެތް ދުވަސްތަކާއި ރޭތައް އިންސާނާ ބަލަމުންގެންދެއެވެ. ކަމެއްބޭނުންވުމުން އެކަމެއް ޙާޞިލްކުރުމަށް އެދުންވެރިވެ އަކަމެއް ޙާޞިލްކުރުމަށް ގަދައަޅާ މަސައްކަތްކުރަމުންގެންދެއެވެ. އަދި އެކަމެއް ޙާޞިލްވުމުން ތިމާ އެކަމެއް ޙާޞިލްކުރުމަށް ކުރިން ކުރި މަސައްކަތްތައް ހިތްހަމަޖެހުމާއިއެކު ބަލަމުންގެންދެއެވެ. މިއީ ތިމާގެ ދިރިއުޅުން އާބާދުކުރަން އެންމެ އެކަށޭނަ ހަމަތޯއެވެ؟
ދުވަހުން ދުވަހަށް ތިމާ ދިރިއުޅެމުން ގެންދާއިރު ތިމާއަށް ހަޤީޤީ މަޤްޞަދެއް ނުވަތަ ދާންވީ ދިމާއެއް ޔަޤީނެއްނުވެއެވެ. އެފަދަ މީހެއްގެ މަޤްޞަދަކީ ހަމައެކަނި ދިރިއުޅެމެވެ. އެއީ ދިރިހުރި ހަށިގަނޑެއްގައިވާ މަރުވެފައިވާ ރޫހެކެވެ. އެހެންނަމަވެސް، އިންސާނާގެ މިއާދަ ބަދަލުކޮށްލަދޭ އެއް ތަޖުރިބާއަކީ އިސްލާމްދީނުގައި ކުޅަދާނަކަންލިބިގެންވާ ކޮންމެ މުކައްލިފެއްގެ މައްޗަށް ފަރުޟުކުރައްވާފައިވާ ހައްޖުގެ މަތިވެރި އަޅުކަމެވެ.
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ތިމާ ނިޔަތްގަނެ އެ އަޅުކަމަށް ތައްޔާރުވާންފެށުމުން ތިމާއަށް ހައްޖުގެ އަޅުކަމުގެ މަޤްޞަދުތަކުގެ ތެރެއިން މަޤްޞަދަކާއިދިމާއަށް ދެވުނީއެވެ. ހައްޖުގެ އަޅުކަމަށް ދަތުރުފެށުމުގެ ކުރިން ތިމާ ތިމާގެ ގޭގައި އެކަހެރިވެ އެކަމާއިމެދު ވިސްނާ ފިކުރުކުރަންފަށައެވެ. ހައްޖުގެ އަޅުކަން އަދާކުރުމަށް ތިމާ ތައްޔާރުވާންޖެހޭކަން ތިމާގެ ހިތާއި ސިކުނޑިން ޤަބޫލުކުރެވުމާއިއެކު އާންމު ދިރިއުޅުމުގައި ތިމާކުރަމުންއައި އެތައްކަމެއް ހުއްޓުމަކަށްއާދެއެވެ. އެއަށްފަހު ތިމާގެ ޢަމަލުތައް ސީދާކޮށް އެހެންމީހުންގެ ހައްޤުތައް ފުރިހަމަކުރުމުގެ މުހިންމުކަން ތިމާއަށް ވިސްނިގެންދެއެވެ.

ހައްޖަކީ މަޤްޞަދެއްނެތުން އައްސިކޮށްލާ އަޅުކަމެކެވެ. އަދި ތިމާއަށް މަގުދައްކަމުންދާ އެންމެހާ ނުބައި ޝައިޠާނީ ރޭވުންތަކާދެކޮޅަށް ހަނގުރާމަކުރާ ހަނގުރާމަވެރިއެކެވެ. ހައްޖުގެ އަޅުކަމަކީ ދިރިއުޅުމުގައި ތިމާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ސުވާލުނުލިބިފައިވާ އެތައް އެތައް ކަންތައްތަކެއްގެ މައްޗަށް ހައްލުގެނެސްދީ ތިމާ ހެއްދެވިފަރާތުގެ ކުޅަދުންވަންތަކަމާއި އެފަރާތައް ތިމާ ރުޖޫޢަވުމުގެ މުހިންމުކަމުގެ ސާފު އުދަރެސް ދައްކުވައިދޭނޭ އަޅުކަމެކެވެ. ދުނިޔަވީ އެދުންވެރިކަމާއި މަގާމާއި ޖާހު ހޯދުމުގެ ބަދަލުގައި ދިރިއުޅުމުގެ އަސްލު މަޤްޞަދާއި ބޭނުން ހައްޖުގެ އަޅުކަމުގެ ސަބަބުން ތިމާއަށް ސާފުވެގެންދާނެއެވެ.
ތިމާގެ އަމިއްލަގެއާއި އަނބިދަރިން ދޫކޮށް މާތް ﷲ ގެ ގެކޮޅަށް ޒިޔާރަތްކުރުމުން ތިމާއަށް ތިމާގެ އަސްލުސިފަ ފެނިގެން ދާނެއެވެ. ތިމާއަކީ އިންސާނެއްކަމާއި، އާދަމުގެ ދަރިއެއްކަމާއި، ބިމުގައިވާ މާތް ﷲ ސުބުޙާނަހޫވަތަޢާލާގެ ޚަލީފާއެއްކަމާއި، މާތްﷲ އަށް ހުރިހާގޮތަކުންމެ ކިޔަމަންތެރިވާންޖެހޭ އެކަލާނގެ އަޅެއްކަމާއި، އެކަލާންގެ ތިމާއަށް ކަންތައްތަކެއް އޮޅުންފިލުއްވައިދެއްވާ ނަންތަކެއް ދަސްކޮށްދެއްވިކަމާއި، އެކަލާންގެ އެހެން މަޚްލޫގާތުތަކުގެ މައްޗަށް ތިމާ މަތިވެރިކުރެއްވިކަމާއި، އެކަލާނގެ ތިބާއަށް އަބަދުމެ އޯގާވެރިވެވޮޑިގަންނަވާކަމާއި، މި ދުނިޔެއާއި މި ކާއިނާތުގައި ލެއްވި އެންމެހާ ތަކެތި ހެއްދެވިގެންވަނީ ތިބާއަށްޓަކައިކަމާއި، އެކަލާނގެ އަބަދުމެ ތިބާއަށް ބައްލަވައިވޮޑިގެންވާކަމުގެ އިޙްޞާސްތައް ތިބާއަށް ކުރެވިގެން ދާނެއެވެ. އެހިނދު އެކަލާނގެ އަމުރުފުޅުތަކާއި އެއްގޮތަށް ތިމާއަށް އަމަލުކުރެވިފައިވޭތޯ ތިމާގެ ހިތައްއަރާނެއެވެ. އެކަން އެގޮތުގައި ވެފައިވޭބާވައެވެ؟
ކީރިތި ރަސޫލާ ހަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ﷲ ވޮޑިގެންވަނީ މުޢުމިނުންގެ ހިތްތަކުގައެވެ"
ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތްތަކުގެ މާނައަށް ނަޒަރުހިންގާ ބަލާލަމާތޯއެވެ.

"އަދި ހަމަކަށަވަރުން، އެއުރެންގެ ކުރީގެ އުންމަތްތަކުގެ މީހުން، ތިމަންރަސްކަލާނގެ އިމްތިޚާންކުރެއްވީމެވެ. ފަހެ (އީމާންކަމުގައި) ތެދުވެރިވިމީހުން، ހަމަކަށަވަރުން، ﷲ ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، ދޮގުވެރިންވެސް އެކަލާނގެ ދެނެވޮޑިގެންވެތެވެ." (العَنکبوت 3)


"އަދި ހަމަކަށަވަރުން، ފާޅުވެގެންވާ ހެކިތަކާއެކު ތިމަންރަސްކަލާނގެ ރަސޫލުން ފޮނުއްވީމެވެ. އަދި އެ ރަސޫލުންނާއެކު، ފޮތާއި ޢަދުލް އިންސާފުގެ ތިލަފަތް ބާވައިލެއްވީމެވެ. (އެއީ) މީސްތަކުން ޢަދުލް އިންސާފު ޤާއިމްކުރުމަށްޓަކައެވެ. އަދި ތިމަން ރަސްކަލާނގެ ދަގަނޑު ބާއްވާލެއްވީމެވެ. އޭގައި ނުހަނު ގަދަފަދަކަމާއި، މީސްތަކުންނަށް މަންފާތަކެއްވެއެވެ. އަދި އެއީ ނުފެންނަތާނގައި ﷲ އާއި، އެކަލާނގެ ރަސޫލުންނަށް ނަޞްރުދެނީ ކާކުކަން ﷲ ދެނެވޮޑިގެންވެ، އެކަން އެންގެވުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲ އީ، ބާރުވެރިވަންތަ، ޢަޒީޒުވަންތަ ރަސްކަލާނގެއެވެ." (الحَدید 25)


"އެކަލާނގެއީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޚާނުކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ޢަޒީޒްވަންތަ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ." (المُلک 2)


ފާއިތުވަމުންދާވަގުތާއިއެކު އިންސާނިއްޔަތުކަމާއި ވާޖިބުތައް އަދާކުރުމާ ތިމާ ދުރުކުރުވާ އިޖްތިމާއީ ތަފާތު ބާރުތަކުގެސަބަބުން ތިމާގެ އަމިއްލަ ޝަޙްޞިއްޔަތު ގެއްލިގެންދެއެވެ. ދިރިއުޅުމުގެ ހަޤީޤީ މަޤްޞަދުތަކާއި އަސާސްތައް އޮޅުމުގެ ސަބަބުން ތިމާ އިންސާނީވަންތަކަމަށް ބީރައްޓެހިކުރުވާ ޣާފިލްކުރުވައެވެ. ޚާއްޞަގޮތެއްގައި މާތް ﷲ ސުބުޙާނަހޫވަތަޢާލާ ތިމާގެ ހިތުގައިވީހިނދު ތިމާގެ ކޮނޑުގައި އެޅިފައިވާ ވާޖިބަކީ އެކަލާނގެ ރުހިވޮޑިގަންނަވާ އަޅެއްގެގޮތުގައި ދުނިޔޭގެ ހަޔާތް ވޭތިކުރުމެވެ. އެކަމަށްޓަކައި މާތްﷲ ތިމާއަށް ވަގުތުދެއްވިއެވެ. ގުނާ ޢަދަދުނުކުރެވޭ އެތަކެއް ނިޢުމަތްތައް ދެއްވިއެވެ. އެހެންނަމަވެސް ތިމާގެ ވާޖިބު އަދާކުރުމުގައި ތިމާ ނާކާމިޔާބުވެގެންދިޔައީ އެ ނިޢުމަތްތައް އެންމެފުރިހަމަގޮތުގައި ބޭނުންނުކުރުމުގެ ސަބަބުންނެވެ. ނުވަތަ އެ ނިޢުމަތްތަކަށް ޣާފިލްވުމުގެ ސަބަބުންނެވެ.

"ޒަމާން ގަންދެއްވަމެވެ. ހަމަކަށަވަރުން އިންސާނާވަނީ ގެއްލުމެއްގައިކަން ކަށަވަރެވެ. އީމާންވެ ޞާލިޙް ޢަމަލުކޮށް އަދި އެކަކު އަނެކަކަށް ހައްޤަށް ވަޞިއްޔަތްކޮށް، އަދި އެކަކުއަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކޮށްއުޅުނު މީހުން މެނުވީއެވެ." (العَصر 1-3)

އަޅުގަނޑުމެން ވޭތިކުރަމުންމިދަނީ ޙަޔާތެކެވެ. އެހެންނަމަވެސް ހަޤީޤަތުގައި މި ހަޔާތުން އަޅުގަނޑުމެންނަށް ހާޞިލްކުރެވުނީ ކޮންކަމެއްހެއްޔެވެ؟ މި ދިރުއުޅުމަށް ބިނާކުރަނިވިގޮތުގައި އަޅުގަނޑުމެންނަށް ކުރެވުނީ ކޮންކަމެއްހެއްޔެވެ؟ ލިބުނީ ކޯޗެއްހެއްޔެވެ؟ އަގުހުރި އެތަކެއް އަހަރުތަކެއް ނިމި ގެއްލިގެން ހިނގައްޖެއެވެ. އެކަމަކު މިހުރެވުނީ ކޮންހިސާބެއްގައި ކިހިނެތްހެއްޔެވެ؟
މާތްﷲ ނިޢުމަތްދެއްވާ އެކަލާނގެ ޚަލީފާއިންކަމުގައި ލެއްވި އިންސާނުން މިވަނީ ފައިސާއާއި ޖިންސީ އެދުންވެރިކަމާއި މަކަރާއި ހީލަތާއި އަމިއްލަ އެދުންވެރިކަމަށް ހެއްލިގެންގޮސްފައެވެ. މާތްﷲ އެކަލާންގެ ރަޙްމަތްވަންތަކަމުން މަތިވެރިކަމާއެކު އުފެއްދެވި އިންސާނުން މިދަނީ އެ ނިޢުމަތްތަކަށް ހަރާންކޯރުވަމުންނެވެ. އޭ އިންސާނާއެވެ. ޣާފިލްކަމުގެ ނިދިން ހޭލާ ހަޤީޤީ ދުނިޔެއަށް އަންނާށެވެ. ތިބާގެ ހައްޤު ފުރިިހަމަގޮތުގައި އަދާކުރާށެވެ. ކޮންމެ ނަފްސަކަށްވެސް ހަމަހަމަކަމާއެކު އިންސާފުކުރެވޭނޭ ދުވަހަށް ތައްޔާރުވާށެވެ. ދުނިޔަވީ އެދުންވެރިކަމުން ދުރުވެ ހައްޖުގެ މަތިވެރިއަޅުކަމުން އިބްރަތް ލިބިގަންނާށެވެ. އެއީ ﷲ އަށް ތަޤްވާވެރިވުމާއި އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންކަން އަދާކުރުމުގެ ނަމޫނާއެކެވެ. ފިލާވަޅެކެވެ. ހައްޖުގެ އަޅުކަން ފުރިހަމަގޮތުގައި އަދާކުރުމަށް އަބަދުމެ ވިސްނާ އެކަމަށް ތައްޔާރުވާށެވެ. މައްކާގެ މާތްވެގެންވާ ބިމުން ތިމާގެ ނަފްސާއި ރޫޙަށް ޠާހިރުކަން ލިބިދޭނެއެވެ. އެތަނުން ތިބާއަށް ތިބާގެ އަމިއްލަ ނަފުސު ފުރިހަމަގޮތުގައި ފެންނާނެއެވެ.
ހައްޖުގެ އަޅުކަން އަދާކުރެވެނީ ޒުލް ހައްޖާމަހު މައްކާގެ މާތްވެގެންވާ ބިމުގައެވެ. އެތަނަކީ މާތްﷲ އަށް އަޅުކަންކުރާ އެންމެހާފަރާތްތަކަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާތް ބިމެކެވެ. އިބްރާހިމްގެފާނުގެ ގޮވާލެއްވުމުގެ މަތިން ހަނދުމަކުރައްވާށެވެ. މާތްﷲ ކިރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.

"އަދި ކަލޭގެފާނު މީސްތަކުންނަށް ހައްޖަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރުތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ." (الحَجّ 27)

އިންސާނާގެ ދިރިއުޅުމަކީ އެ ދިރިއުޅުމުގައި ހަޤީޤީ މަޤްސަދެއް އޮތްނަމަ މާތް ﷲ ސުބުޙާނަހޫ ވަތައާލާގެ ރަޙްމަތާއި ދިންނެވުމާއި މަގްފިރަތް ހޯދުމުގެ މައްޗަށް ބިނާވެގެންވާ ދިރިއުޅުމެކެވެ. މިގޮތުގައި ތިމާގެ އަމިއްލަ އެދުންތަކުން ދުރުވެ ހައްޖުގެ އަޅުކަމުގެ ތެރެއަށް ވަންނަންޖެހެއެވެ.
ހައްޖުގެ އަޅުކަމުގެ ދަތުރަށް ފެށުމުގެ ކުރިން ތިމާގެ އެންމެހާ ދަރަންޏެއް ޚަލާޞްކޮށް އެހެންމީހުންގެ މައްޗަށްވާ ހައްޤުތައް އަދާކުރަންޖެހޭނެއެވެ. ތިމާގެ ހިތުގައި ތިމާފަދަ އަނެއް އަޚާގެމައްޗަށްވާ ނަފުރަތާއި ރުޅިވެރިކަން ދޫކޮށްލާ ހިތްހެޔޮކުރަންޖެހޭނެއެވެ. އެއީ ތިމާގެ ގާތްތިމާގެ މީހަކަށްވިއަސް ނުވަތަ ދުރުމީހަކަށް ވީނަމަވެސްމެއެވެ. މިހުރިހާކަމަކީ ތިމާ މަރަށް ތައްޔާރުވެފައިވާއިރު ފުދިފައިހުންނަންޖެހޭނެ މުހިންމު ކަންކަމެވެ. މަރަކީ ދިރިހުރި ކޮންމެ އެއްޗެގެ މައްޗަށް ކޮންމެވެސް ދުވަހަކުން ގަދަވެގަންނާނޭ އެއްޗެކެވެ. ކުރިން ދެންނެވުނު ކަންތައްތައް ފުރިހަކުރުމުން ތިމާގެ ނަފުސް ޠާހިރުވެ ހަޤީޤީ އިންސާނެއްގެސިފަ ތިމާއަށް ލިބިގެންދާނެއެވެ.
އެހިނދު ތިމާ ހުންނާނީ ނިމުމެއްނެތް ހަޔާތާއި ކުރިމަތިލުމަށް ތައްޔާރުވެގެންނެވެ. ޤިޔާމަތްދުވަހުން މާތްﷲ ގެ އަދާލަތުގެ މައިދާނުގައި ތިމާއަށް އެއްވެސް ބާރެއްލިބިފައިނުވާދުވަހު ތިމާގެ ލޮލާއި، ކަންފަތާއި، ހިތް ތިމާގެ ޢަމަލުތަކަށް ހެކިބަސްދެމުން ގެންދާނެއެވެ.

"އަދި ހަމަކަށަވަރުން އެކަމަކާމެދު އެނގުމެއްނުވާ ކަމަކަށް ތިބާ ތަބަޢަ ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު ސުވާލުކުރައްވާނޭ ކަމެއްކަމުގައިވިއެވެ." (الإسرَاء 36)

ހައްޖުގެ އަޅުކަމަކީ ތިމާ ހެއްދެވި ފަރާތަށް އެނބުރިއައުން ރަމްޒުކޮށްދޭ އަޅުކަމެކެވެ. އެކަލާނގެ ހަޞްރަތައް އެނބުރި އައުމަކީ ހެވާއި، ލާބައާއި، ދަރުމަ އެކަމެއްގައި ހިމެނިގެންވާ މަތިވެރިކަމެކެވެ. އެކަމުގައި ކޮންމެ މީހަކަށްމެ ﷲ ސުބުހާނަހޫ ވަތަޢާލާ މަގުދައްކަވާދެއްވާނެތެވެ.މިދެންނެވުނު މަތިވެރި ސަބަބުތަކަށްޓަކައި ހައްޖުގެ އަޅުކަމަކީ ތިމާގެ ނަފްސު ޠާހިރުކޮށްދީ ތިމާއަށް ދިރިއުޅުމުގެ ހަޤީޤީ މަޤްޞަދު އަނގައިދޭ މަތިވެރި ފިލާވަޅުތަކެއް ލިބެނިވި އަޅުކަމެކެވެ. އެހެންކަމުން ހައްޖަށްގޮސް ތިމާ ހެއްދެވި ޚާލިޤުވަންތަ ﷲ ސުބުހާނަހޫ ވަޠައާލާއަށްޓަކައި ތިމާގެ އެންމެހާ ޢަމަލުތައް ސީދާކުރާށެވެ. ދުނިޔޭގެ ހެއްލުންތެރިކުރުވަނި ކުލަތަކާއި މަންޒަރުތަކުން ދުރުވެ ހަޤީޤީ ބުއްދީގެ އަހުލުވެރިއަކަށްވެވޭތޯ މަސައްކަތްކުރައްވާށެވެ.

3 comments:

Anonymous said...

Test Comment

♥♥āphúя §hāfÿú♥♥ said...

a very interestin blog.. why do u use dhivehi font?
hehe anyway, il keep visitin^^ keep it up

އަބްދުﷲ ޝާކިރު މުޙައްމަދު said...

Salaam

Thanks For the comments. Well after all this site is for Maldivians.

Please keep visiting. May Allah Bless you and me.