}

Friday, December 26, 2008

ނަޞާރާއިންގެ ކުލަބޮކިތަކުގެ ދަޅައިގައި އަޅުގަނޑުމެންވެސް ޖެހެނީތޯއެވެ؟


އަޅުގަނޑުމެންގެ މުޖުތަމައު މިއަދު މިވަނީ ދުނިޔޭގެ ތަފާތު ކަންކޮޅުތަކުގައި ހިނގާ ތަފާތު ކަންކަމަށް ހުޅުވާލެވިފައެވެ. ދުނިޔޭގެ އިރުމަތީގައި ހިނގަމުންދާ ކަންތައްތަކާއި ހުޅަނގުގައި ހިނގަމުންދާ ކަންތައްތައް އެއްވެސް އުނދަގުލެއްނެތި އަޅުގަނޑުމެންނާ ހަމައަށް ދަނީ ފޯރަމުންނެވެ. މިގޮތުން ފެތުރެމުންދާ ބައެއް ކަންތައްތަކުގެ ތެރޭގައި ހުޅަނގުގެ ތަހުޒީބާއި އެމީހުންގެ އަޤީދާގެ ބައިތައް އަޅުގަނޑުމެންގެ ޒުވާނުންގެ މެދުގައި ފެތުރެމުންދާކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ.
މިދުވަސްވަރަކީ ދުނިޔޭގެ ކްރިސްޓިއަން ޤައުމުތަކުގައި ކްރިސްމަސް ފާހަގަކުރަމުންދާ ދުވަސްވަރެވެ. މިކަމުގެ ކުލަވަރުތައް ޓީވީ ޗެނަލްތަކުންނާއި އިންޓަނެޓްގެ ސައިޓްތަކުން ވަރަށް ފުޅާދާއިރާއެއްގައި ދަނީ ފެންނަމުންނެވެ. މިއަދު އަޅުގަނޑުމެންގެ ޒުވާނުންގެ ގިނަ ބަޔަކީ މިފަދަ ޗެނަލްތަކާއި އިންޓަނެޓްގެ ބޭނުން ފުޅާދާއިރާއެއްގައި ހިފަމުންދާ ބަޔަކަށް ވީހިނދު މިފަދަ ދުވަސްވަރެއްގައި އެކުދިންގެ މައިންބަފައިން ސަމާލުކަންދޭންޖެހޭ މުހިންމު ކަންތައްތަކެއް ހުންނާނެއެވެ. ހުޅަނގުގެ ނުވަތަ ނަޞާރާއިންގެ މިފަދަ ދީނީ ކަންކަމުގައި މަޖަލެއްގެ ގޮތުގައިވެސް ބައިވެރިވުމަކީ އަޅުގަނޑުމެން މުސްލިމުންނަށް ހުއްދަވެގެންވާނޭ ކަމެއްނޫންކަން އެކުދިންނަށް އަނގައިދޭންޖެހޭނެއެވެ.
ކްރިސްމަސްގެ ގޮތުގައި ނަޞާރާއިން ފާހަގަކުރާ ދުވަހަކީ އެމީހުންބުނާ ގޮތުގައި އީސާގެފާނު ދުނިޔެއަށް ވަޑައިގެންނެވި ދުވަހެވެ. ނުވަތަ އެމީހުންގެ އަޤީދާގައިވާގޮތުންނަމަ ކަލާންގެ ދަރިކަލުން އީސާގެފާނު ދުނިޔެއަށް ވަޑައިގެންނެވި ދުވަހެވެ. ނަމަވެސް މިއީ އަޅުގަނޑުމެންގެ އިސްލާމީ އަޤީދާއާއި މުޅިން އިދިކޮޅު ތަޢުހީދުގެ މަތިވެރި އުޞޫލާއި ޚިލާފު ފިކުރެކެވެ. އަޅުގަނޑުމެންގެ މަތިވެރި ދީނަކީ އެއްކައުވަންތަ މާތްﷲ އަށް އަޅުކަން ޚާލިޞްކުރާ އަޤީދާއެކެވެ. ކަލާންގެ ވަންތަކަމުގައި އެކަލާނގެއާ އެއްވެސް ފަރާތެއް ބައިވެރިކުރުމަކީ ކަނޑައެޅިގެން ހަރާމްކަމެކެވެ. އަދި އެފަދަ މީހަކީ މުސްލިމަކުކަމުގައި ނުވާނެއެވެ.
އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހާ ކަމަކަށް މަގުދައްކައިދޭ ދިރިއުލުމުގެ މަތިވެރި އުޞޫލެކެވެ. ފުރިހަމަ ނިޒާމެކެވެ. އެހެންކަމުން ދީނުން ބޭރުން އެދީނުގެ އުޞޫލުތަކުގެ ތެރެއަށް އެތެރެކުރެވޭ ކަންކަމަކީ ބިދުޢައެވެ. އިސްލާމްދީނުގެ ތެރެއަށް އާކަންކަން ވައްދާ އެގޮތުގައި ޢަމަލުކުރާމީހުންނަކީ ދީނުން ބޭރުވެފައިވާބައެއްކަމުގައި އަޅުގަނޑުމެންގެ މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲއަލައިހިވަސައްލަމަ ހަދީސްފުޅުކުރައްވާފައިވެއެވެ. މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހިވަސައްލަމަ ކްރިސްމަސްފަދަ ދުވަސްތައް ފާހަގަކުރައްވާފައެއްނުވެއެވެ. ނުވަތަ އީސާގެފާނު ނޫނަސް އެހެން އެއްވެސް ނަބިއްޔެގެވެސް ނުވަތަ ރަސޫލެއްގެވެސް އީދުމީލާދު ފާގަހަކުރައްވާފައެއްނުވެއެވެ. އަދި ހަމައެހެންމެ ރަސޫލުﷲ ޞައްލަﷲއަލައިހިވަސައްލަމައަށް ފުރިހަމަގޮތުގައި ތަބާވެވަޑައިގެން ތިއްބެވި އެކަލޭގެފާނު މާތް ސަހާބީންނައި ތާބިއީން އެކަން އެގޮތުގައި ކުރައްވާފައެއްނުވެއެވެ. މިގޮތުން ކްރިސްމަސްފަދަ ދުވަސްތައް ފާހަގަކުރުމަކީ ކަނޑައެޅިގެން ދީނާއި ޚިލާފްކަމެއްކަން ދޭހަވެއެވެ.

ކްރިސްމަސް އެދުވަހަކަށް ނިސްބަތްވާ ނަޞާރާއިންގެ ޤަދީމީ ތާރީޚްގައިވެސް އެއީ އެދީނުގެ ކަމެއްކަން އެނގޭކަށް ނެތެވެ. އަދި ވަކިން ޚާއްޞަގޮތެއްގައި އެދުވަހަކީ އީސާ އަލައިހިއްސަލާމް ދުނިޔެއަށް ވަޑައިގެންނެވިދުވަސްކަމާއިމެދުވެސް ޚިޔާލުތަފާތުވުން އުފެދިފައިވެއެވެ. ނަޞާރާއިންގެ އިސްފާދިރީންނާއި އިހުގެ އެދީނުގެ ބޮޑުން ކްރިސްމަސްގެ ގޮތުގައި އޭޕްރީލްމަހާއި މޭ މަހުގެ ދުވަސްތައް ފާހަގަކުރަމުންވެސް ގޮސްފައިވާކަން ތާރީޚުން ދޭހަވެއެވެ.
ކަން މިހެން އޮތްނަމަވެސް މިދުވަހަކީ ކަނޑައެޅިގެން ނަޞާރާއިން އެމީހުންގެ ޢީދެއްކަމުގައި ދެކެމުންއަންނަ ދުވަހަކަށް ވީހިނދު އެފަދަ ދުވަހެއް އަޅުގަނޑުމެންފަދަ އިސްލާމީ މުޖުތަމައެއްގައި ފާހަގަކުރުމަކީ ކޮށްގެންވާނޭ ކަމެއްނޫނެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲއަލައިހިވަސައްލަމަގެ ހަދީސްފުޅެއްގެ މާނައިގައިވެއެވެ. އެބަޔަކު އުޅޭގޮތް ނަކަލުކޮށް އެގޮތަށް އުޅޭބަޔަކީ އެބައެއްގެތެރެއިން ވާ މީހެކެވެ.
އިމާމް އަޙްމަދާއި އަންނިސާއީ ރިވާކުރައްވާފައިވާ ހަދީސްފުޅެއްގެ މާނައިގައިވެއެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲއަލައިހިވަސައްލަމައަށް އަންސާރީން ވަކި ޚާއްޞަ ދުވަހެއް ފާހަގަކުރަމުން ދާކަން އެނގިވަޑައިގެން އެކަމާއި ގުޅޭގޮތުން އެބޭކަލުންނާއި ސުވާލުކުރެއްވެވިއެވެ. އެބޭކަލުން ދެންނެވިއެވެ. މިއީ ތިމަންމެން ޖާހިލިއްޔަޒަމާނުންސުރެ ފާހަގަކުރަމުންއަންނަ ދުވަހެކެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲއަލައިހިވަސައްލަމަ ހަދީސްފުޅުކުރެއްވިއެވެ. މާތްﷲ ވަނީ ތިޔަބައިމީހުންނަށްޓަކައި އެދުވަހުގެ ބަދަލުގައި އެއަށްވުރެ މާތް ދެދުވަސް ކަނޑައަޅުއްވާފައެވެ. އެއީ ފިޠްރު ޢީދާއި އަޟްހާއީދު ދުވަހެވެ. އެހެންކަމުން މިހަދީސްފުޅުތަކުންވެސް އަޅުގަނޑުމެން އެފަދަ ދުވަސްތައް ފާހަގަކުރުމީ އިސްލާމީ އުޞޫލާއި ޚިލާފްކަމެއްކަން ދޭހަވެއެވެ.
އަޅުގަނޑުމެން މުސްލިމުންނަކީ އަޅުގަނޑުމެންގެ އަމިއްލަ އުޞޫލުތަކަކާއި ދިރިއުޅުމުގެ މިންގަނޑުތަކެއް ހިފަހައްޓަންޖެހޭ މަތިވެރި ހިދާޔަތެއްގެ ވެރިބައެކެވެ. އެހެންކަމުން އެހެނިހެން ދީންތަކުގެ މިފަދަ ކުލަތަކާއި މަޖަލަށް އަޅުގަނޑުމެން ހިތް އެދޭގޮތްވެއްޖެނަމަ އެކަމަކީ އަޅުގަނޑުމެންގެ ދީނުގެ މަތިވެރި އުޞޫލުތަކާއި ދުރައް ދިއުމަށް އެޅޭބާރެއްކަމުގައި ނޫނީ ނުވާނެއެވެ. ޚާއްޞަގޮތެއްގައި އަޅުގަނޑުމެންގެ ޒުވާނުންނާއި ކުޑަކުދިން މިފަ ކަންތައްތަކުގައި ހަމައެކަނި ބައިވެރިވެލުމުގެ ނަމުގައިވެސް ޝާމިލްކުރުވޭނަމަ އޭގެސަބަބަބުން އެކުދިންގެ ހިތްތަކުގައި އަޅުގަނޑުމެންގެ އަޤީދާއާއި ބީރައްޓެހި އުޞޫލުތަކެއް އަށަގަތުމަކީ އެކަށީގެންވާކަމެކެވެ.
އިސްވެދެންނެވުނު ހަދީސްފުޅުން އެނގިގެން ދިޔަފަދައިން އަޅުގަނޑުމެން މުސްލިމުންނަށްޓަކައި މާތްﷲ ވަނީ ދެދުވަހެއް އިޚްތިޔާރުކޮށްދެއްވާފައެވެ. ފިތުރުއީދާއި އަޟްޙާއީދު ދުވަހަކީ އަޅުގަނޑުމެންގެ ގެދޮރު ޒީނަތްތެރިކޮށް ހަދިޔާބަދަލުކުރުމާއި ތަޙްނިޔާ ބަދަލުކޮށް އުފާފާޅުކުރުމަށް ލިބިފައިވާ ދުވަހެކެވެ. އެހެންކަމުން އަޅުގަނޑުމެންގެ ޅަދަރިންނަށް މިކަމާއިބެހޭގޮތުން ފުރިހަމައަށް މަޢުލޫމާތުދެވި ކްރިސްމަސްއަކީ އަޅުގަނޑުމެންގެ ދުވަހެއްނޫންކަމާއި އެދުވަހާއިގުޅިގެން އުފާފާޅުކޮށް ނުވަތަ އެމީހުންގެ އުފަލުގައި ބައިވެރިވެ އުޅުމަކީ ރަނގަޅުކަމެއްނޫންކަން އަންގައިދޭންޖެހޭނެއެވެ. އެފަދައިން އެމީހުންގެ މި ދުވަސްތަކުގައި އަޅުގަނޑުމެން ބައިވެރިވާކަމުގައި ވާނަމަ އެމީހުންގެ އުޞޫލުތަކަށް މަޑުމަޑުންނަމަވެސް އަޅުގަނޑުމެންގެ ހިތް ލެނބިގެންދިއުމަކީ އެކަށީގެންވާކަމެކެވެ. އަދި މަޑުމަޑުންނަމަވެސް އަޅުގަނޑުމެންގެ ދީނާއި ދުރަށްދިއުމަށް އެޅޭ ކަތި ފިޔަވަޅުތަކެއްކަމުގައި އެކަން ވެގެންހިނގައިދާނެއެވެ.
އަޅުގަނޑުމެންގެ މަތިވެރި އަޤީދާ ހަލާކުކޮށްލުމަށް މަސައްކަތްކުރަމުންދާ ފަރާތްތަކުން މިއަދު މަސައްކަތްކުރަމުންދަނީ ކްރިސްމަސްއާއި ވެލަންޓައިންސްޑޭއާއި އީސްޓަރ ފަދަ ދުވަސްތަކަކީ ވަކި ދީނަކަށް ނިސްބަތްނުވާ އުފާފާޅުކުރުމުގެ ބަންދެއްގެ ގޮތުގައި ސިފަކުރަމުންނެވެ. އެއީ ކުރިން ދެންނެވުނު ފަދައިން ދުނިޔޭގެ މިފަދަ ކަންކަމީ އެކަންކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ނަފްސާނީގޮތުން އަސަރުތަކެއް ކުރުވާނޭ ކަންކަމެވެ. އަދި އަޅުގަނޑުމެންގެ މަތިވެރި އިސްލާމީ އަޤީދާއާއި ދުރަށް ގެންގޮސް ދުނިޔަވީ މަންޒަރުތަކަށް ހެއްލުންތެރިކުރުވާނޭ ކަންކަންކަމުގައި ވާތީއެވެ. އޭގެ ހެއްކެއްގެ ގޮތުން އިސްލާމްދީނުގެ މަތިވެރި ޝަހަރެއްކަމުގައި ޒަމާންތަކަކަށް ދެމިއޮތް އީރާޤް ނުވަތަ ބަޤްދާދުގައި މިހާރުވަނީ ޑިސެމްބަރ 25 ވަނަ ދުވަސް، އާދެ! ކްރިސްމަސް ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައެވެ. މިއީ އަޅުގަނޑުމެންގެ ދުޝަމަނުން އަޅުގަނޑުމެން ބައިބައިކޮށް އެމީހުންގެ ފާސިޤު އަޤީދާ އަޅުގަނޑުމެންގެ ތެރޭގައި ފެތުރުމަށް އަޅުގަނޑުމެންގެ ތެރޭގައި ތިބެގެން ރާވަމުންދާ މަކަރުވެރި ސިލްސިލާ ރޭވުންތަކުގެ ބޮޅެކެވެ. އެހެންނަމަވެސް އަޅުގަނޑުމެން މިއަދު އެމީހުންގެ މި ރޭވުންތަކަށް ފާރަވެރި ވާންޖެހޭނެއެވެ. ޔަހޫދީންނާއި ނަޞާރާއިންގެ ރޭވުންތަކުން ސަލާމަތްވެ އެމީހުންގެ ދީނީ އަޤީދާގެ އެއްވެސްކަމެއް އަޅުގަނޑުމެންގެ ދިރިއުޅުމުގައި އަށަގަތަދީގެން ނުވާނެއެވެ.
އަލްމަސީޙް އީސާ އަލައިހިއްސަލާމަކީ މާތްﷲ ގެ މަތިވެރި ރަސޫލެކެވެ. އެހެން ރަސޫލުބޭކަލުންނެކޭ އެއްފަދައިން އެކަލޭގެފާނު ގެނެސްދެއްި ތަޢުހީދުގެ އަޤީދާއަށް އަޅުގަނޑުމެން ފުރިހަމަގޮތުގައި ތަބަޢަވާންޖެހޭނެއެވެ. ނަމަވެސް ހައްޤު ދީނުގެ އުޞޫލުތަކާއި ޚިލާފަށް އިންސާނީ ވިސްނުމާއި ފިކުރުން ބަދަލުކުރެވިގެން އުފައްދާފައިވާ ދީނެއްގެ ބަޔަކު އެކަލޭގެފާނަށް ނިސްބަތްކޮށް ތަފާތު ދޮގުތައް ހަދަމުންދާއިރު އެކަމުގައި އަޅުގަޑުމެން ބައިވެރިވުން ހެޔޮވެގެން ނުވާނެއެވެ.
މިއަދު އަޅުގަނޑުމެންގެ ޒުވާނުން ތަހުޒީބު މާނަކުރަނީ ހުޅަނގުގެ ނަންހިގާ ތަހުޒީބުގެ ގޮތުގައެވެ. އެގޮތުން ރާއްޖޭގެ ބައެއް ރިސޯޓްތަކުގައްޔާއި ބޭރުގެ ޤައުމުތަކުގައި ބޭއްވޭ ކްރިސްމަސް ދުވަހުގެ ހަފުލާތަކުގައި ބައިވެރިވެ އެމީހުންގެ މި ހަފްލާތައް ފަޅުފިލުވަމުންދާކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. ކްރިސްމަސްގެ ކުލަބޮކިތަކާއި ނަޞާރާދީނުގެ ލަވަތަކާއި ރަލުގެ މަސްތުގައި އަންހެނުންނާއި ފިރިހެނުން ގައިގޯޅިކަމުގައި އުޅެމުންދާއިރު އަޅުގަނޑުމެން ދިވެހިންގެ ތެރެއިން ބައެއް މީހުން ޚާއްޞަގޮތެއްގައި ޒުވާނުން މިފަދަ ހަފްލާތަކުގައި ބައިވެރިވަމުންދާއިރު އެއީ އެންމެ ރަނގަޅު ކަމެއްކަމުގައި ދެކި އެކަމަށް މައިންބަފައިންނާއި މުޖުތަމައުގެ ފަރާތުން ބައިވެރިވުން ދޭނަމަ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ލާދީނީ ކަންކަމަށް އެތަކެއް ދޮރުތަކެއް ހުޅުވިގެން ދާނެއެވެ. ޔަހޫދީންނާއި ނަޞާރާއިންގެ މިފަދަ ދަޅަތަކުގެ ކެހިވެރިކަމުގައި ޖެހިއްޖެނަމަ ދުނިޔޭގެ މިފަދަ ޒީނަތްތަކަށް ހެއްލި އެމީހުންގެ ދީނާ އާދަކާދަތަކަށް ހިތްޖެހި އިސްލާމްދީނުގެ އުޞޫލުތަކާ ފެޔަށް އަޅުގަނޑުމެންގެ ޒުވާންޖީލު ގެންދާނޭކަން ޔަޤީނެވެ. ކީރިތި މާތް ރަސޫލާ މުޙައްމަދު ޞައްލަﷲއަލައިހިވަސައްލަމަ ހަދީސްކުރައްވާފައިވާ ހަދީސްފުޅެއްގެ މާނައިގައި ވެއެވެ. "ތިޔަބައިމީހުންގެ ކުރީގެ އުންމަތްތައް ކޮޕީކޮށް އެމީހުންގެ ގޮތަކަށް ތިޔަބައިމީހުން ތަބާވަމުންގޮސް އެންމެފަހުން އެބައިމީހުން ކުޑަ ހޮރަކަށް ވަތްކަމުގައި ވީނަމަވެސް އެބައިމީހުންގެ ފަހަތުން ގޮސް އެހޮރުގެ ތެރެއަށް ވަންނާނެއެވެ. ސަހާބީން ދެންނެވިއެވެ. އެއީ ޔަހޫދީންނާއި ނަޞާރާއިންތޯއެވެ؟ ރަސޫލުﷲ ޞައްލަﷲއަލައިހިވަސައްލަމަ ހަދީސްކުރެއްވިއެވެ. އެނޫން ކޮންބައެއްތޯއެވެ؟
މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
"ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުންގެ ދީނާއިމެދު ހައްޤުނޫންގޮތުގައި ތިޔަބައިމީހުން ހައްދުފަހަނައަޅައި ނުދާށެވެ! އަދި ހަމަކަށަވަރުން، ކުރިން މަގުފުރެދިފައިވާ، އަދި ގިނަބަޔަކު މަގުފުރައްދާފައިވާ، އަދި ހަމަމަގުން އެއްކިބާވެ، މަގުފުރެދިފައިވާ ބަޔެއްގެ އެދުންތަކަށް ތިޔަބައިމީހުން ތަބަޢަނުވާށެވެ!" (المَائدة 77)
މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ރުހިވޮޑުނުގަންނަވާ ކަންކަމަށް އަރައިގަތުމުގައި މަޖަލެއް ހިތްހަމަޖެހުމެއް ނުވެއެވެ. އެހެންކަމުން މިފަދަ ދުވަސްތަކާއި ދިމާކޮށް ޓީވީތަކުންނާއި އިންޓަނެޓްފަދަ ވަޞީލަތްތަކުން ދައްކުވައިދޭ މަންޒަރުތަކަށް މައިންބަފައިން ސަމާލުވެ އަޅުގަނޑުމެންގެ ދަރިން އެފަދަ އާދަތަކުން ދުރުހެލިކުރާންޖެހޭނެއެވެ. މާތްﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުންދެއްވާ އެކަލާންގެ މަތިވެރި ހިދާޔަތުގައި އަބަދަށްމެ ލަހައްޓަވާށިއެވެ. އީމީން

No comments: