}

Friday, November 28, 2008

ހަލާކުކޮށް ނެތިކުރެވުނު ޤައުމުތަކާއި އުންމަތްތައް


ތަޢާރުފް: ކުރީގެ އުންމަތްތައް
އެބައިމީހުންގެ ކުރީގެ މީހުންގެ ޚަބަރު އެބައިމީހުންނާއި ހަމައަށް ނާންނަނީ ބާވައެވެ؟ އެއީ، ނޫހުގެފާނުގެ ޤައުމުގެ މީހުންނާއި، ޢާދުބާގާ މީހުންނާއި، ثمود ބާގާ މީހުންނެވެ. އަދި އިބްރާހީމް ގެފާނުންގެ ޤައުމުގެ މީހުންނާއި، މަދުޔަނުގެ އަހުލުވެރީންނެވެ. (އެއީ ޝުއައިބުގެފާނުގެ ޤައުމުގެ މީހުންނެވެ.) އަދި، ފުށުން ޖެހިގެންދިޔަ ރަށްތަކެވެ. (އެއީ ލޫތުގެފާނުންގެ ޤައުމުގެ މީހުން އުޅުނު ރަށްތަކެވެ.) އެބައިމީހުންގެ ރަސޫލުން، އެބައިމީހުންގެ ގާތަށް، ފައުޅުވެގެންހުރި މުޢުޖިޒާތްތަކާއި ހެކިތަށް ގެންނެވިއެވެ. ދެން މާތްﷲ އެބައިމީހުންނަށް އަނިޔާކުރައްވާކަށް އިރާދައެއް ނުކުރެއްވިއެވެ. އެހެނެއްކަމަކު އެބައިމީހުން އަނިޔާކުރަމުން ގެންދިޔައީ އެބައިމީހުންގެ އަމިއްލަ ނަފްސުތަކަށެވެ. (سورةالتوبة 70)

އެތައް ޤަރުނެއް ވަންދެން ކުރީގެ ބައެއް އުންމަތްތައްވަނީ ދީނެއްގެ ގޮތުގައި އިސްލާމްދީން ޚިޔާރުކޮށްފައެވެ. އަދި ބައެއް އުންމަތްތައްވަނީ ކާފިރުވެގެންފައެވެ. މާތް ﷲ އެ އުންމަތަކަށް ރަސޫލަކު ފޮނުއްވި އުންމަތްތަކުގެތެރެއިން އެބޭކަލުންގެ ރިސާލަތަށް އިންކާރުކުރި ގިނަ އުންމަތްތަކެއްވިއެވެ. އެބޭކަލުންގެ ރިސާލަތައް ތަބާވެފައިވަނީ ވަރަށް މަދު ބަޔެކެވެ. އަދި އެންމަތްތަކުގެ އަހުލުވެރިންކުރެ ގިނަބަޔަކު ވަނީ އެބޭކަލުންގެ ރިސާލަތަށް އިންކާރުކޮށްފައެވެ. އެބައިމީހުން އެބޭކަލުންގެ ރިސާލަތަށް އިންކާރުކުރުމަކުން ފުއްދައެއް ނުލައެވެ. ނަމަވެސް އެބައިމީހުންގެ ގާތަށް ހައްޤު ދީނާއިގެން ވަޑައިގެންނެވި ރަސޫލުންނާއި ނަބިއްޔުންނާއި އެބޭކަލުންނަށް ތަބާވީމީހުންނަށް އެތަކެއް ބޮޑެތި އަނިޔާތަކާއި ތުރާތަށް ކުރިމަތިކުރުވިއެވެ. އަދި އެބޭކަލުންނަކީ ދޮގުވެރިން ކަމަށާއި ސިހުރުވެރިންކަމަށާއި މޮޔައިންކަމަށް އެބައިމީހުން ހެދިއެވެ. އަދި އެބައިމީހުންގެ ވެރިން އެބޭކަލުން ޤަޠުލުކުރުމަށްވެސް މަސައްކަތްކޮށްފައި ވެއެވެ.
މާތް ﷲ ފޮނުއްވި ކޮންމެ ރަސޫލަކުވެސް ގޮވާލައްވާފައިވަނީ އެބައިމީހުން މާތްﷲ ތަޤުވާވެރިވުމަށެވެ. އެބޭކަލުން އެކަމަށްޓަކައި އެބައިމީހުންގެ ފުށުން އުޖޫރައަކަށް ނުވަތަ މުދަލަކަށް ނޭދެއެވެ. ނުވަތަ އެބައިމީހުންގެ މައްޗައް ގަދަކަންދައްކާ އަޅުވެތިކުރާކަށްވެސް ބޭނުމެއް ނުވެއެވެ. އެބޭކަލުންގެ އެދުމަކަށްވެވަޑައިގަތީ އެބައިމީހުންނަށް ތެދުމަގަށް ގޮވާލުމެވެ. މާތް ﷲ އަށް އަޅުކަންކުރުމަށާއި އެކަލާންގެ އަމުރުފުޅުތަކަށް ކިޔަމަންވެ އެބޭކަލުންނާއި އެބޭކަލުންނަށް ތަބަޢަވީ މީހުންނާ އެކު ވުމަށެވެ.

ޝުޢައިބުގެފާނުންގެ ޤައުމުގެ މީހުންނަށް އެބައިމީހުން ކުރަމުންގެންދިޔަ އިންސާފުން އެއްކިބާވެފައިވާ ނުބައި ޢަމަލުތައް ހުއްޓާލާ މާތްﷲ އަށް އީމާންވުމަށް ގޮވާލެވުނު ހިނދު އެކަލޭގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނާއިމެދު ކަންތައްތައް ކުރީ ވަރަށްވެސް އިހާނެތި ގޮތެއްގައެވެ.

"މަދްޔަނަށް އެބައިމީހުންގެ އަޚް ޝުޢައިބުގެފާނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ތިމަންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން މާތްﷲ ގެ ކިބައަށް އަޅުކަންކުރާށެވެ! އެނޫން އެއްވެސް އިލާހަކު ތިޔަބައިމީހުންނަކަށްނެތެވެ. އަދި މިނުމާއި ކިރުމުގައި، ތިޔަބައިމީހުން، އުނިނުކުރާށެވެ. ތިޔަބައިމީހުންވަނީ، (އެފަދަ ކަމަކަށް ބޭނުންނުވާފަދަ) ހެޔޮ ޙާލުގައިކަމަށް، ތިމަން ތިޔަބައިމީހުން ދެކެމެވެ. އަދި، ތިޔަބައިމީހުންގެ ވަށައިގެން އަންނަ އަޒާބެއްގެ ދުވަހަކާއިމެދު ތިމަން ބިރުވެތިވަމެވެ.
ތިމަންގެ ޤައުމުގެ މީހުންނޭވެ. މިނުމާއި ކިރުން އިންޞާފަށް ތިޔަބައިމީހުން ފުއްދައި ހަމަކުރާށެވެ. މީސްތަކުންނަށް އެބައިމީހުންގެ ތަކެތި އުނި ނުކުރާށެވެ. އަދި ބިމުގައި ފަސާދަކުރާގޮތުގައި ތިޔަބައިމީހުން ނުބައިކަންތައް ނުކުރާށެވެ!
މާތްﷲ ތިޔަބައިމީހުންނަށް ދޫކުރަށްވާ ދެއްވިއެއްޗެއް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ! (އެބަހީ، ﷲ، ހުއްދަކުރައްވައި ޙަލާލުކުރައްވައިފައިވާ ގޮތުގައި ލިބޭ އެއްޗެއް ހެއުކަންބޮޑެވެ.) ތިޔަބައިމީހުންނީ މުއުމިނުންކަމުގައި ވާނަމައެވެ. އަދި، ތިޔަބައިމީހުންނާއިމެދު، ބަލަހައްޓައި ރައްކައުތެރިކުރާންހުރި މީހަކުކަމުގައި ތިމަން ނުވަމުއެވެ.
އެބައިމީހުން ދެންނެވޫއެވެ. ޝުޢައުބުގެފާނެވެ! ތިމަންމެންގެ ކާބަފައިންވެސް އަޅުކަންކޮށްއުޅޭތަކެތި ދޫކޮށްލުމަށް، ނުވަތަ ތިމަންމެންގެ މުދާތަކާއިމެދު ތިމަންމެން ބޭނުންހާގޮތެއްހެދުމަށް (ތިމަންމެންނަށް އަންގަވާން) ކަލޭގެފާނުންގެ ނަމާދުފުޅުތައް ކަލޭގެފާނާށް އަމުރުކުރަނީތޯއެވެ؟ ހަމަކަށަވަރުން ކެތްތެރި ބުއްދިވެރިއަކީ (ހަމައެކަނި) ކަލޭގެފާނުންކަން ކަށަވަރެވެ.
ވިދާޅުވިއެވެ. އޭ ތިމަންގެ ޤައުމުގެ މީހުންނޭވެ. ތިޔަބައިމީހުން ދުށީމުހޭ؟ (ތިޔަބައިމީހުން ބުނެދީބަލާށެވެ) ތިމަންގެ ސާހިބުވަންތަ ރަސްކަލާންގެ ޙަޟުރަތުން ޙަލާލުވެގެންވާ ރިޒުޤު ތިމަންނާއަށް އެކަލާންގެ ހަޟުރަތުން ދެއްވިހިނދު (އެކަންކަމަށް ފުރަގަސްދެވޭނެހޭ؟) އަދި، ތިޔަބައިމީހުންނަށް އެކަންތައް ނަހީކޮށް ތިމަން މިއުޅޭކަންކަމުގައި ތިއަބައިމީހުންނާއި ތިމަން ޚިލާފުވާކަށް ގަސްތެއް ނުކުރަމެވެ. ތިމަންނައަށް ކުޅަދާނަވީހާ ވަރަކުން އިޞްލާޙްކުރުންމެނުވީ ތިމަން ނޭދެމެވެ. ﷲ ގެ ހަޟްރަތުންމެނުވީ ތިމަންނާއަށް ތައުފީޤް ލިބުމެއް ނެތެވެ. ތިމަން ވަކީލުކުޅައީ އެކަލާންގެ ހަޟްރަތަށެވެ. އަދި، ތިމަން، ތައުބާވެ ރުޖޫޢަވާނީވެސް އެކަލާންގެ ހަޟްރަތަށެވެ.
އަދި، ތިމަންގެ ޤައުމުގެ މީހުންނޭވެ. ތިމަންނާއާއި ދެކޮޅުވެރިވެ ޚިލާފުވުންއެއީ، ނޫހުގެފާނުގެ ޤައުމުގެ މީހުންނަށް ނުވަތަ ހޫދުގެފާނުންގެ ޤައުމުގެ މީހުންނަށް، ނުވަތަ ޞާލިޙްގެފާނުންގެ ޤައުމުގެ މީހުންނަށް ޖެހުނުފަދަ ކަންތައް ތިޔަބައިމީހުންނަށްވެސް ޖެހުމަށް މެދުވެރިވާ ސަބަބެއް ކަމުގައި ލިބިނުގަންނާށެވެ! ތިޔަބައިމީހުންނާއި ދުރުބަޔަކުކަމުގައި (ތަނުގެ ގޮތުންނާއި ޒަމާނުގެގޮތުން) ލޫޠުގެފާނުގެ ޤައުމުގެ މީހުން ނުވެއެވެ.
އަދި، ތިޔަބައިމީހުންގެ ސާހިބުވަންތަ ރަސްކަލާންގެ ކިބައިން ތިޔަބައިމީހުންގެ ފާފަތައް ފުއްސެވުމަށް އެދޭށެވެ. އެއަށްފަހު، އެކަލާނގެ ކިބައަށް ތިޔަބައިމީހުން ތައުބާވާށެވެ! ހަމަކަށަވަރުން ތިމަންގެ ސާހިބުވަންތަ ރަސްކަލާންގެއީ ރަޙުމްތަވަންތަ، އޯގާވަންތަ، ރަސްކަލާންގެއެވެ.
އެބައިމީހުން ދެންނެވޫއެވެ. އޭ ޝުޢައިބުގެފާނެވެ. ކަލޭގެފާނު ތިޔަވިދާޅުވާ އެއްޗެއްގެ ތެރެއިން ގިނަތަކެތި ތިމަންމެންނަކަށް ނުވިސްނެއެވެ. އަދި، ހަމަކަށަވަރުންވެސް، ތިމަންމެންގެ ތެރޭގައި ކަލޭގެފާނު ތިމަންމެންދެކެނީ، ނިކަމެއްޗަކުކަމުގައެވެ. އަދި، ކަލޭގެފާނުންގެ ގާތްތިމާގެ މީސްކޮޅުނެތްނަމަ، ތިމަންމެން ކަލޭގެފާނުން ރަޖަމުކުޅައީސްކަން ކަށަވަރެވެ. ތިމަންމެންނަށް ކީރިތިކަމެއްހުރި މީހަކު ކަމުގައި ކަލޭގެފާނު ނުވަމުއެވެ.
(شعيب عليه السلام) ވިދާޅުވިއެވެ. ތިމަންގެ ޤައުމުގެ މީހުންނޭވެ! މާތް ﷲ އަށްވުރެން ތިޔަބައިމީހުންގެ ގާތުގައި، ކީރިތިކަންބޮޑީ ތިމަންގެ މީސްކޮޅުހޭ؟ އަދި، ތިޔަބައިމީހުންގެ ފުރަގަހަށް ދޫކުރެވިގެންވާ ފަރާތެއްކަމުގައި، އެކަލާންގެ ރަސްކަންފުޅު ތިޔަބައިމީހުން ލައިފީމުއެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ކަންތައްކުރާގޮތުގެ ވަށައިގެން، ތިމަންގެ ސާހިބުވަންތަ ރަސްކަލާންގެ ވޮޑިގެންވެއެވެ. (އެބަހީ، އެގޮތްތައް ރަނގަޅަށް ދެނެވޮޑިގެންވެއެވެ.)
އަދި، އޭތިމަންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުންގެ ގޮތުގެ މައްޗަށް ތިޔަބައިމީހުން ޢަމަލުކުރަމުން ގެންގޮސްބަލާށެވެ! ހަމަކަށަވަރުން ތިމަންވެސް ޢަމަލުކުރާހުށީމެވެ. އެމީހަކު ނިކަމެތިކުރަނިވި އަޒާބެއް އެމީހަކާހަމައަށް އަންނަމީހަކީ ކާކުކަމާއި، އަދި ދޮގު ހަދާ މީހަކު، އެއީ ކާކުކަން އަދި ފަހުން ތިޔަބައިމީހުންނަށް އެނގޭނެއެވެ. އަދި، ތިޔަބައިމީހުން ބަލަބަލާ ތިބޭށެވެ! ހަމަކަށަވަރުން ތިމަންވެސް ތިޔަބައިމީހުންނާއިއެކު، ބަލަބަލައި އެބަހުރީމެވެ.
ތިމަންސުވާމީންގެ އަމުރުފުޅު އައިހިނދު ޝުއައިބު (عليه السلام) އާއި އޭނާގެ އަރިހުގައި އީމާންވެގެންތިބި މީހުން، ތިމަންސުވާމީންގެ ހަޟްރަތުން (ލެއްވި) ރަޙުމަތާއިއެކު ތިމަންސުވާމީންގެ ސަލާމަތް ކުރެއްވީމެވެ. އަދި، (ބިރުވެރި) ގޮވައިލެއްވުމެއްގެ އަޑު އައިސް އަނިޔާވެރިވީމީހުން ގެންދިޔައެވެ. ދެން އެބައިމީހުންގެ ގޯތިގެދޮރުގައި، އެދުވަހު ހެނދުނު ވީއިރު އެބައިމީހުންތިބީ ކަކޫމައްޗަށް ތިރިވެ (މަރުވެ) ފައެވެ.
އެބައިމީހުން އެތާ އުޅެފައި ނުވާކަހަލައެވެ. ދަންނާށެވެ! މަދްޔަނުގެ މީހުންނަށް ހަލާކާއި ނެތިދިއުން ހުއްޓެވެ. ޘަމޫދުގެ މީހުންވެސް ހަލާކުވެ ނެތިދިއަ ފަދައިންނެވެ. (سورةهود 95-84)

އެބައިމީހުންނަށް ހައްޤުގެ މަގަށް ގޮވާލުންފިޔަވައި އެއްވެސް ގެއްލުމެއް އެބައިމީހުންނަށް ނުދޭ ޝުޢައިބު (عليه السلام) ރަޖަމުކުރުމަށް އެބައިމީހުންރޭވި ހިނދު މާތްﷲ އެބައިމީހުން ހަލާކުކުރައްވާ ނެތިކުރެއްވިގޮތުގެ ވާހަކަ މަތީގައި ބަޔާންކުރެވިދިޔަ އާޔަތްތަކުގައި އެވަނީއެވެ. ޝުއައިބުގެފާނު މަސައްކަތްޕުޅުކުރެއްވި ފަދައިން އެބޭކަލެއްގެ ޤައުމުގެ މީހުންނަށް އިސްލާމީ ރިސާލަތު ފަތުރައި މާތްﷲގެ ދީނަށް ގޮވާލެއްވި ބޭކަލުންނަށް ކުރިމަތިވެގެންދިޔަ އުންދަގުލާއި ދުއްތުރާތަކާއި އެ ޤައުމުތަކުގެ މީހުންގެ އުރެދުންތެރިކަމުން މަދްޔަނުގެ އަހުލުވެރިންގެ ކުރިންވެސް އެތަކެއް ޤައުމުތަކެއް މާތްﷲ ހަލާކުކުރައްވާ ނެތިކުރައްވާފައިވެއެވެ. އަދި މަދްޔަނަށްފަހުވެސް އެތަކެއް އުންމަތްތަކެއް ހަލާކުކުރައްވާ ނެތިކުރައްވާފައިވެއެވެ.
މި ލިޔުމުގައި އަލިއަޅުވާލެވޭތޯ މަސައްކަތްކުރާނީ އިސްވެދިޔަ އުންމަތްތަކުގެ ތެރެއިން ހަލާކުކޮށް ނެތިކުރެވުނު އުންމަތްތަކާއި އެފަދަރައްތަކުގެ އަސަރުތަކުގެ ތެރެއިން މިހާރަށް ފެންނަންހުރި ހެކިތަކުގެ މައްޗަށެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި މިފަދަ ޤައުމުތަކުގެ ވާހަކަތައް ވަނީ ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްދެއްވާ އެބައިމީހުން ނެތިވެ ހަލާކުވެގެންދިޔަގޮތްތައް އެއީ އެހެން އުންމަތްތަކަށް އިބްރަތެއްގެ ގޮތުގައިލައްވާފައެވެ.
ކީރިތިޤުރުއާނުގައި މާތްﷲ ބަޔާންކުރައްވާފައިވާ ފަދައިން ހަލާކުކޮށް ނެތިކުރެއްވުނު ގިނަ ޤައުމުތަކަކީ ނުވަތަ އުންމަތްތަކަކީ އެޒަމާނުގެ ނިސްބަތުން އާރާއިބާރާއި ތަރައްޤީއާއި މުއްސަނދިކަމުން ކުރިއަރާފައިވާ ރަށްތަކާއި އުންމަތްތަކެވެ. އެކަމަށް އިޝާރާތް ކުރައްވައި ކީރި ޤުރުއާނުގެ އަންނަނިވި އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

" އެމީހުންގެ ކިތައް އުންމަތް ތިމަން ރަސްކަލާންގެ ހަލާކުކުރެއްވީން ހެއްޔެވެ! އެމީހުންނަށްވުރެ އެ އިހުގެ މީހުން މާ ގަދަފަދައެވެ. (އެމީހުން (ފިލާން ދާނެތަނެއް އޮތްތޯ) ރަށްތައް ހޯދައި ބެލޫއެވެ. އެމީހުންނަށް (ފަހެ މަރަށް) ފިލަންދާނެތަނެއް ފެނުނު ހެއްޔެވެ؟" (سورة ق 36)

މި އާޔަތުގައި މާތްﷲ ދެބާވަތެއްގެ މީހުންނަށް އިޝާރާތް ކުރައްވާފައިވެއެވެ. އެގޮތުން އެއްބަޔަކީ އާރާއި ބާރުގެ ގޮތުން ބާރުގަދަ ބައެކެވެ. އެގޮތުން އެޤައުމުތަކުގެ އަހުލުވެރިންނަކީ އާރާއިބާރު ބޭނުންކޮށްގެން އެބައިމީހުންގެ ޤައުމުތަކަށް ރައްކާތެރިކަން ހޯދައިދީގެން އުޅުނު ގަދަފަދަ ބައެކެވެ. އަދި އަނެއްބައި މީހުންނަކީ އެމީހުންގެ ހުނަރާއި އާކިޓެކްޗަރގެ ފުރިހަމަކަމުގެ ސަބަބަން ބޮޑެތި އިމާރާތްތައް ހަދައި ރައްކާތެރިވުމަށް އެބައިމީހުންގެ ރަށްތައް ވަރުގަދައަށް ފަރުމާކޮށް ބިނާކުރި ބައެކެވެ.
މިތަނުގައި ފާހަގަ ކޮށްލަންޖެހޭ ހަޤީޤަތަކީ މި އާޔަތުގައި ބަޔާންކުރައްވާފައިވާ ސިފަތަކަކީ މިހާރުގެ ބައެއް ޤައުމުތަކާވެސް ގުޅުންހުރި ސިފަތަކެއްކަމެވެ. މިގޮތުން ބައެއް ޤައުމުތަކުންދަނީ މިޒަމާނުގެ ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި ތަފާތު ފަރުމާތައްކޮށް ވަރުގަދަ ބިނާތައްހަދައި އެބައިމީހުންގެ ސަހަރުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރަމުންނެވެ. އަދި އެފަދަ ގިނަ ޤައުމުތަކަކީ މާތްﷲ ގެ އެއްކައުވަންތަކަން ޤަބޫލުކުރާ ބައެއްކަމުގައެއް ނުވެއެވެ. އެކަމަކު އިސްވެ ބަޔާންކުރެވުނު އާޔަތުގައި ބަޔާންކުރެވުނު ފަދައިން ތަރައްޤީއާއި އިންސާނުންގެ އާރާއި ބާރުން ކުރީގެ އުންމަތްތަކަކަށް ސަލާމަތްކަމެއް ނުލިބުނެވެ. އެހެނީ އެބައިމީހުގެ އުންމަތްތައް ވެގެންގޮސްފައިވަނީ ޙައްޤުގެ މަގުން އެއްކިބާވެފައިވާ ބައެއްކަމުގައެވެ.
ހަލާކުކޮށް ނެތިކުރެވުނު އުންމަތްތައް ހަލާކުކޮށް ނެތިކުރެއްވުނު ގޮތާބެހޭގޮތުން ކީރިތި ޤުރުއާނުގައި ބަޔާންކޮށްދެއްވާފައިވާ ވަރަށްގިނަ ހެކިތައް މިޒަމާނުގެ ތާރީޚީ ހޯދުންތަކުންނާއި ސައިންޓިފިކް ތަޙްލީލުތަކުން ދަނީ އެނގި ހާމަވަމުންނެވެ. އެހެންކަމުން ޤުރުއާނުގައި ބަޔާންކޮށްދެއްވާފައިވާ މި ޙަޤީޤަތުގެ ތެދުކަން މިހޯދުންތަކުންވެސް އިންސާނުންނަށް ދެނެގަނެވޭނެއެވެ. މާތްﷲ ވަނީ ދުނިޔޭގައި ދަތުރުފަތުރުކުރުމަށާއި އަދި އަޅުގަނޑުމެންގެ ކުރީގެ އުންމަތްތަކުގެ މަޢުލޫމާތު ހޯދައި އެކަންތައްތަކާމެދު ވިސްނައި ފިކުރުކުރުމަށް އަންގަވާފައެވެ.

"ކަލޭގެފާނުގެ ކުރީންވެސް ތިމަންސުވާމީންގެ ފޮނުއްވީ ހަމަ އެކިރަށްރަށުގެ އަހުލުވެރީންގެ ތެރެއިން އެބައަކަށް ވަޙީ ބާވައިލައްވައި ފޮނުއްވި ބައެކެވެ. ފަހެ (ކަލޭގެފާނަށް އިދިކޮޅުހަދާ ކާފިރުން) ބިމުގައި ހިނގާ ދަތުރުކޮށް އެމީހުންގެ ކުރިން ތިބި މީހުން ނިމިދިޔަގޮތް ނުބަލާހެއްޔެވެ. ހަމަކަށަވަރުން ތަޤްވާވެރިވީ ބަޔަކަށް އާޚިރަތުގައި ލިބެނިވިތަން (ދުނިޔެއަށްވުރެ) މާހެޔޮކަން ބޮޑެވެ. ފަހެ، ތިޔަބައިމީހުންނަށް ނުވިސްނޭބަވައެވެ؟" ( سورةيوسف 111-109)

ޝައްކެއްނެތް ގޮތުގައި ކުރީގެ އުންމަތްތަކުގެ ޚަބަރުތަކުން އަޅުގަނޑުމެންނަށް އިބުރަތްތެރި ފިލާވަޅުތަކެއް ލިބިގެންދާނެއެވެ. އެ އުންމަތްތަކުގެ ތެރެއިން ފަނާކޮށް ނެތިކުރެވުނު އުންމަތްތަކުގެ ޖާހިލުކަމާއި މާތްﷲ އަށް އުރެދި އެކަލާންގެ އަމުރުފުޅުތަކަށް ފުރަގަސްދިނުމުގެ ސަބަބުން އެބައިމީހުންކުރިމަތިލާންޖެހު ކަންތައްތަކުގެސަބަބުން މާތްﷲ ގެ ޙަޟްރަތުގައި އެމީހުންނަކީ ކިހާ ނިކަމެތި އާރެއްބާރެއްނެތްބައެއްކަން ދޭހަވެގެންދެއެވެ. ކުރިއަށްހުރި ބައިތަކުގައި މިފަދަ އުންމަތްތަކުގެ ވާހަކަތަކާއި އެފަދަ އިންމަތަކާއި ބެހޭގޮތުން ލިބިފައިވާ ތާރީޚީ ހެކިތައް ތިޔަބޭފުޅުންނަށް ގެނެސްދޭނަމެވެ..

No comments: