}

Monday, November 24, 2008

ދިރިއުޅުމުގެ އެންމެ އަސާސީ ސުވާލް


އެމީހުން ހެދިފައިވަނީ ހެއްދެވިފަރާތަކާ ނުލާހެއްޔެވެ؟ ނުވަތަ (އެމީހުންގެ އަމިއްލަ ނަފްސުތައް) ހެދި ބަޔަކީ އެމީހުންހެއްޔެވެ؟ ނުވަތަ އުޑުތަކާއި ބިން ހެދީ އެމީހުންހެއްޔެވެ؟ (އެހުރިހާތަކެތި ހެއްދެވީ ޚާލިގުވަންތަ މާތްﷲ އެވެ.) އަދި ކިއެއްހެއްޔެވެ! އެމީހުން އެކަން ޔަޤީނެއް ނުކުރެތެވެ. ނުވަތަ ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ރަސްކަލާންގެ ޚަޒާނާތައްވަނީ އެމީހުންގެ ކިބައިގައިހެއްޔެވެ؟ ނުވަތަ ކަންތައްތަކުގެ މައްޗަށް ބާރު ހިންގާ ބަޔަކީ އެމީހުން ހެއްޔެވެ؟ (سورة الطور 35-37)

ދީނީ ކަންކަން މިނާ ވަޒަންކުރުމުގައި ބައެއް ފަރާތްތަކަށް ހެދޭ އެންމެބޮޑު ގޯހަކީ މާތް ﷲ ވޮޑިގެންވާކަމާ އެކަލާނގެ ކުޅަދުންވަންތަކަމާމެދު ފިކުރުކުރުމަކާނުލާ އެފަދަ ކަންކަން ވަޒަންކުރެވޭކަމެވެ. މިސާލެއްގެގޮތުން ދަންނަވަނީނަމަ އިޖްތިމާޢީ ޢިލްމުވެރިން ދީނާގުޅޭގޮތުން ކަމެއް ހޯދާދިރާސާކުރާނަމަ، ތަފާތު ދީންތައް އުފެދޭގޮތާއި ދީނުގެ ސަބަބުން މުޖުތަމަޢަށް އިޖްތިމާއީގޮތުންކުރާ އަސަރުތަކާގުޅޭގޮތުން ކިތަންމެ ފޮތެއްވެސް ލިޔެވިދާނެއެވެ. ނަމަވެސް ހަޤީޤީ ދީނުގެ އިމުގެތެރޭގައި ދިރިއުޅޭމީހަކަށް، ދީނާމެދު އެނގޭމިންވަރާ ގާތަށްވެސް އެހުރިހާ ޢިލްމީ ދިރާސާތަކަކުންވެސް ދީނީކަންކަން އެފަދަމީހަކަށް ދެނެއެއްނުގަނެވޭނެއެވެ.
އެފަދަ މީހުންނަކީ މާތްﷲގެ ކަށުކުޅަދުންވަންތަކަމާ އެކަލާންގެ ވޮޑިގެންވާކަން ދެނެގަނެވޭނޭ ބައެއްކަމުގައެއްނުވެއެވެ. ނަމަވެސް މިއީ ދީނުގެ އަސާސެކެވެ. ދީން އެނގެން ބޭނުން ކޮންމެމީހަކުވެސް އެންމެފުރަތަމަކަމަކަށް މާތްﷲ ވޮޑިގެންވާކަން ޤަބޫލްކުރަންޖެހެއެވެ. އެމީހަކީ މާތްﷲ ވޮޑިގެންވާކަން ޤަބޫލްނުކުރާމީހެއްނަމަ އޭނާ ޤުރުޢާނާ މުސްލިމުން ވަޒަންކުރަމުންގެންދާނީ އޭނާގެ އަމިއްލަ ވިސްނުމުގެ ހައްދުގެ ތެރެއިންނެވެ.
ނަމަވެސް ޤުރުޢާނުގައި ވަނީ އެފަދަމީހުންނަށް ވަޢީދުގެ ބަސްފުޅު އިއްވަވާފައެވެ.
އަދި ކިއެއްތަ! އެމީހުން (އެޤުރުއާން) ދޮގުކުރުމަށް އަވެސްވެގަތީ އެމީހުންނަށް އޭގެ މާނަވެސް ނޭންގެނީހެވެ. އަދި އެފޮތުގައިވާ ވަޢީދުތަކުގެ ޙަޤީޤަތް އެމީހުންނަށް ނޭންގެނީހެވެ. ހަމައެފަދައިން އެބައިމީހުންގެ ކުރީގެ (އުންމަތްތަކުގެެ) މީހުންވެސް (ރަސޫލުން) ދޮގުކުރޫއެވެ. ފަހެ އަނިޔާވެރިންގެ ނިމުންވަނީ ކިހިނަކުންކަން ކަލޭގެފާނު ބައްލަވާށެވެ. (سورة يونس 39)

އިސްލާމްދީނަކީ އެއްވެސް އަސާސެއްނެތް ނިންމުންތައް އެތައްމިތަނުން ދީނުގެ ތެރެއަށް ވެއްދޭނޭފަދައިން އިންސާނުންގެ ވިސްނުމާ ފިކުރުން ރަނގަޅަށްރޯނުފިލާ ޚިޔާލުތަކާ އުޞޫލުތަކެއް ހިމަނައިގެން އުފައްދާފައިވާ ދީނެއްނޫނެވެ. ނުވަތަ އެއީ ސިޔާސީވިސްނުމާ ފިކުރުން އުފެދިފައިވާ ދީނެއްނޫނެވެ.

މާތްﷲ ގެ ކުޅަދުންވަންތަކަމާމެދު ޝައްކުކުރާ ކަންކަން ނެންގޭ މީހުންނަށް ރައްދުދެއްވާނޭގޮތް އެކަލާނގެ ރަސޫލާއަށް އަންގަވައިދެއްވައި ވަޙީކުރައްވާފައިވާ އާޔަތްތަކުގެ ތެރެއިން އެއް އާޔަތެއްގެ މާނާގައިވެއެވެ.

ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ދެކެމުހޭ؟ (އެބަހީ، ތިޔަބައިމީހުންގެ ވިސްނުމަށް ގެނެވޭހޭ؟) މާތް ﷲ، ތިޔަބައިމީހުންގެ (ކަންފަތްތަކަށްއިވޭ) އިވުމާއި، ތިޔަބައިމީހުންގެ (ލޯތަކަށް ފެންނަ) ފެނުން ގެންދަވައި، ތިއަބައިމީހުންގެ ހިތްތަކުގައި ސިއްކަޖައްސަވައި ބަންދުކުރައްވައިފިނަމަ، އެކަންތައް އަލުން ތިޔަބައިމީހުންނަށް ގެނެސްދޭނީ މާތް ﷲ މެނުވީ އިލާހަކުކަމުގައިވާ ކާކުހޭ؟ ތިމަންސުވާމީންގެ އާޔަތްތައް ބަޔާންކޮށްދެއްވަނީ، ކިހިނަކުން ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ދެން އެއަށްފަހުންވެސް އެބައިމީހުން (ކާފިރުން) އެ އާޔަތްތަކުން ދުރުހެލި ވެއެވެ.( سورة الأنعام 46)

އަޅުގަނޑުމެންގެ ވިސްނުން ތަނަވަސްކޮށް ސިކުނޑިހުޅުވާލުމަށް ކުޑަ މިސާލެއް ލިޔެލާނަމެވެ.
އެމީހެއްގެ ސިކުނޑިން ހުރިހާ ކަމެއްފުހެވިފައިވާ މީހެއްވާކަމުގައި ހީކުރަމާހެއްޔެވެ؟ އޭނާއަށް ޢިލްމެއް ލިބިފައެއްނުވެއެވެ. އަދި އޭނާގެ އަމިއްލަ ނަފްސާ ހަށިގަނޑުވާކަންވެސް އޭނާޔަކަށް ނޭންގެއެވެ. އެފަދަ މީހަކު ދުނިޔޭގައި ލައްވާފައިވާނަމަ އޭނާއަށް އިޙްސާސްވާނީ ކޮންކަންތައްތަކެއްތޯއެވެ؟ ހަމަ ކަށަވަރުންވެސް އެފަދަމީހަކުވަނީ އެމީހެއްގެ ސިކުނޑި ސުމަކަށްދާފަދަ ޙައިރާންކަމެއްގެ ތެރޭގައެވެ. އެފަދަ މީހަކަށް އެންމެ ފުރަތަމަ ސިފަވެގެންދާ އެއްޗެއްކަމުގައިވާނީ އޭނާގެ ހަށިގަނޑެވެ. އެންމެފުރަތަމަ އޭނާއަށް އޭނާގެ ހަށިގަނޑަކީ އޭނާގެ އަމިއްލަ އެއްޗެއްކަން ދެނެއެއް ނުގަނެވޭނެއެވެ. އޭނާ ހީކުރާނީ އެ ހަށިގަނޑަކީ ދުނިޔޭގައި ވާ އެފަދަ އެހެނިހެން ތަކެތިފަދަ އެއްޗެއްކަމުގައެވެ. އެއަށްފަހު އޭނާގެ ހަށިގަނޑު ޙަރަކާތްކުރުވާ އޭނާ އެދޭގޮތަކަށް އެތަކެތި ތަބާކުރުވުންވާނީ އޭނާ އަށް ވަރައް ޝަޢުޤުވެރިކުރުވާ ކަމެއްކަމުގައެވެ. އެގޮތުން އޭނާގެ އަތާފައިފަދަ ގުނަވަންތަކުގެ ބޭނުމަކީ ކޮބާތޯ ދެނެގަތުމަށް މައްޗަށާއި ތިރިއަށް ހޫރުވާނެއެވެ.

އޭނާ އޭނާގެ ހަށިގަނޑަށް އެކަށީގެންވާ މާޙައުލެއް ހޯދާނެއެވެ. އޭރުވެސް އޭނާ އުފެއްދެވިގެންވަނީ ކީއްކުރަންކަން އޭނާއަކަށް ނޭންގޭނެއެވެ. އޭނާއަށް ކޮޅަށްހުރުމަށް އެކަށޭނަ ބިމެއްވެއެވެ. ސާފު ތަނަވަސް މަންޒަރުތަކެއް ކުރިމަތިން ފެނިގެންދެއެވެ. މީރު ވަހާ ރީތި މަންޒަރުތަކާއި، ހަށިގަނޑައް އެކަށޭނަ ފިނިހޫނުމިނެއް ވެއެވެ. އަނގަޔައްމީރު، ފައިދާހުރި މޭވާއާއި ކަރުހިއްކުން ފިލުވުމަށް ސާފު ފެން ލިބިގެންވެއެވެ. މިފަދަ އެތައް އެތައް ނިޢުމަތްތަކެއް އޭނާއަށްޓަކައި ވެއެވެ.

ކުޑަ ހިނދުކޮޅަކަށް އަޅުގަނޑުމެންނީ މިދެންނެވި މީހާ ކަމުގައި ހީކުރަމާ ހިނގާށެވެ. އެފަދަ ތަނެއްގައެވެ. އެހެންވެއްޖެނަމަ އެންމެ ފުރަތަމަވެސް އެޅުގަނޑުމެން އެތަނުގެ އަރާމުކަމާ ހިތްހަމަޖެހުމާ ފައިދާތައް ހޯދުމަށް އުޅެގަންނާނީތޯއެވެ؟ ނުވަތަ އެފަދަ ހާލަތެއްގައި އަޅުގަނޑުމެންގެ ހިތައް މުހިންމު ސުވާލުތަކެއްގެ ޖަވާބު ބޭނުންނުވާނޭތޯއެވެ؟ އަހަރެންނަކީ ކާކުކަމާއި، މިތަނަށްފޮނުވުނީ ކޮންބޭނުމެއްގައިކަމާއި، ވަށައިގެން ދައުރުވާ ކަންކަމުގެ ސިއްރަކީ ކޮބައިތޯ އޮޅުންފިލުވުމަށް ބޭނުންވާނެއެވެ.

އެފަދަ ހާލަތެއްގައި އަޅުގަނޑުމެންގެ ސިކުނޑިއަށް ވެރިވެެގެންދާނެ ސުވާލުތަކަކީ އަންނަނިވި ސުވާލުތައް ނޫންބާވައެވެ؟

އަހަރެންނަކީ ކާކު؟
އަހަރެން ހެއްދެވީކާކު؟ އަދި އަހަރެންގެ މިފުރިހަމަ ހަށިގަނޑު އުފެއްދެވީ ކާކު؟
އަހަރެންގެ ވަށައިގެން ދައުރުމިވާ ކަންކަން އެހާ ފުރިހަމަގޮތުގައި ލެއްވީ ކާކު؟
މިހުރިހާ އެއްޗެއް އުފެއްދެވި ފަރާތުން އަހަރެންގެ ކިބައިން ބޭނުންވަނީ ކޮންކަމެއް؟ އަދި އެފަރާތުން އަހަންނަށް ސިފަކޮށްދެއްވަން ބޭނުންވަނީ ކޮންކަމެއް؟

އެންމެ ބުއްދި ދެރަ އާދައިގެ މީހާވެސް އެފަދަ ހާލަތެއްގައި މިސުވާލުތަކުގެ ޖަވާބު ބޭނުންވާނެކަން ޔަޤީނެވެ. މި ކަންކަމާމެދު ފިކުރުކުރުމެއްނެތި އޭނާގެ މާއްދީ އެދުންތައް ފުއްދައި ދުވާލު އޭނާގެ ނަފްސް އެކަންކަމުގައި މަޝްޢޫލުކޮށް ރޭގަނޑުވުމުން ނިދާމީހެއްނަމަ އޭނާވާނީ އެއްވެސް ބުއްދިއެއް ވިސްނުމެއްނެތް މަޚްލޫގަކަށެވެ. އެކަމަކު އޭނާއާއި އޭނާގެ ވަށައިގެންވާ މާޙައުލު އުފެއްދެވި ފަރާތެއްވާނެއެވެ. އަދި މިހުރިހާކަމެއް އުފައްދަވާފައިވަނީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އޭނާ އުފެއްދެވުމަށްފަހު އޭނާގެ ހަޔާތުގެ ކޮންމެ ސިކުންތެއްވެސް ހަމަކަށަވަރުންވާނީ އެނާ ހެއްދެވިފަރާތެއްގެ ބާރުގެ ދަށުގައެވެ. އެހެންކަމުން އެފަދަ ކުޅަދާނަކަމެއް ލިބިގެންވާ ފަރާތެއް ހޯދުންވާނީ ކިހާ މުހިންމުކަމަކަށްތޯއެވެ؟

އަޅުގަނޑު ކުރިންމިދެންނެވި މިސާލާއިގެން ކުރިއަށް ދަމާތޯއެވެ. އިސްވެ ދެންނެވުނުމީހާ ބިމުގައި ހިނގަމުންދަނިކޮށް އަވަށްގަނޑަކަށް ނުވަތަ ސަހަރަކަށް އާދެވުނީކަމަށް ހީކުރަމާތޯއެވެ. އެތަނުގައި ތަފާތު ބާވަތުގެ މީހުން ދިރިއުޅެމުންދެއެވެ. އޭގެތެރެއިން ގިނަ މީހުންނަކީ ރީތި، ގޮތްކުޑަ، އެދުންވެރިކަމުން ފުރިގެންވާ، އިޚްލާސްތެރިކަމެއްނެތް ބަޔެކެވެ. އޭގެތެރެއިން ހަމަ އެކަކުވެސް އޭނާގެ ވެރިފަރާތާމެދު ނުވިސްނައެވެ. އަދި އޭނާ އުޅެމުންދާ ވެއްޓާމެދުވެސް ނުވިސްނައެވެ. އެއިން ކޮންމެ މީހަކީ ކުރާނެ މަސައްކަތެއް ލިބިފައިވާ، އަމިއްލަ ވިސްނުމާ ފިކުރާ ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައިވާ މީހެއްކަމުން އެ މާހައުލުގައި ހަމަޖެހޭ އުޞޫލެއް ޤާއިމްވެފައެއް ނެތެވެ. ކޮންމެ މީހަކުމެ އުޅެމުންދަނީ އޭނާގެ އަމިއްލަ ކަންކަމުގައި އަމިއްލަ ހަމަތަކެއްގައި މަޝްޢޫލުވެގެންނެވެ.

ކުރިން މިދެންނެވި މީހާޔަށް އެސަހަރުން ބަޔަކާ ބައްދަލުވެއްޖެއެވެ. އެބައިމީހުންނަކީ އެ ސަހަރުގެ ގިނަމީހުން ނަފްރަތުކުރާ ބަޔަކުކަމުގައި ވިއެވެ. މި މީހާއަށް އެބައިމީހުންނަކީ އެ ސަހަރުގެ އެހެންމީހުންނާ ގިނަގޮތްގޮތުން ތަފާތުބައެއްކަން ޔަޤީންވިއެވެ. އަދި އެމީހުންނަކީ ރަނގަޅު ރަޙްމަތްތެރި އިތުބާރުުކުރެވޭ ބަޔަކުކަމުގައި އެމީހާއަށް ހީކުރެވުނެވެ. އެމީހުންނަކީ މަޑުމައިތިރި ބަސްމޮށުމުގައި ބަލާޣާތްތެރި ބަޔެކެވެ. އަދި މި މީހާއަށް އެމީހުންގެ ފަރާތުން ގޯސްކަމެއް ނުފެނުނެވެ. އެހެންކަމުން އޭނާއަށް ޙައިރާންކަން ލިބުނެވެ، އެއީ އެ ސަހަރުގެ އެހެންމީހުން މިދެންނެވިމީހުންފަދައިން ނުވާތީއެވެ.

އެމީހާ އެތަނުން މީހަކާ ވާހަކަދައްކަން ފެށިއެވެ. އެމީހުން ބުންޏެވެ. "އަހަރެމެން ދިރިއުޅުމުގައި އެހެންމީހުންނާ ތަފާތުގޮތްތަކެއްގެންގުޅެ ތަފާތު ވިސްނުމެއް ގެންގުޅެނީ އަހަރެމެންނާ އަހަރެމެންގެ ވަށައިގެމިހިނގާ ކަންކަމާއި ވަށައިގެންވާ ތަންތަނުގެ ވެރިފަރާތެއް ވާނޭކަމަށް އަހަރެމެން ޤަބޫލުކުރާތީއެވެ. އަދި އަހަރެމެން އަހަރެމެންގެ ވެރި ފަރާތަކީ ހުރިހާ އެއްޗަކާ ކަމަކަށްވުރެ ބާރުގަދަ ފަރާތެއްކަން ޤަބޫލުކުރަމެވެ. އަދި އެފަރާތުން އަހަރެމެންނާއި މި ބިން އުފައްދަވާފައިވަނީ އަހަރެމެން މިތަން ދޫކޮށްދިއުމާ ހަމައަށް އަހަރެމެންނަށް ކަންކަން ދަސްކޮށްދީ އިމްތިޙާން ކުރުމަށްޓަކައެވެ. އަހަރެމެންނަށް އަހަރުމެންގެ ވެރި އިލާހުގެ ހަޟްރަތުން ފޮތެއް އައިސްފައިވެއެވެ. އަދި އަހަރެމެން އަހަރެމެންގެ ދިރިއުޅުން އާރާސްތުކުރަމުން މިގެންދަނީ އެފޮތުގައިވާ ގޮތުގެ މަތިންނެވެ."

މިފަަދަ ޙާލަތެއްގައި ކުރިން މިދެންނެވި މީހާއަށް އެމީހުން އެދައްކާ ވާހަކައިގެ ތެދުކަން އެންމެ ފުރިހަމައަށް ޤަބޫލުނުކުރެވިދާނެއެވެ. ނަމަވެސް އޭނާއަށް އެމީހުން އެދެއްކި ވާހަކަތަކަކީ މުހިންމު ވާހަކަތަކެއްކަން ވަޒަންކުރެވޭނެއެވެ. އަދި މިމީހުންނާ ބެހޭ އިތުރު ކަންތައްތަކާ މަޢްލޫމާތު ހޯދުން އެއީ މުހިންމު ކަމެއްކަމުގައި ދެކޭނެއެވެ. އަދި އެމީހުން އެބުނާ ފޮތުގެ ކަންތައްތައް ބެލުމަށް އޭނާގެ ހިތުގައި ޝައުޤުވެރިކަން އިތުރުވެގެން ދާނެއެވެ.

އިސްވެދެންނެވުނު މިސާލުގައި ވާ މީހާފަދައިން އެކަންކަން ހޯދުމަށް އަޅުގަނޑުމެންގެ ޝައުޤުވެރިކަން ކުޑަކުރުވާ ހަމައެކަނި ސަބަބެއްކަމުގައި ވާނީ އަޅުގަނޑުމެންނަށް ދުނިޔޭގައި ގިނަދުވަސްތަކެއް ވަންދެން ދިރިއުޅެވިފައިވުމެވެ. މިސާލުގައި ވާ މީހާއާއި ޚިލާފަށް އަހަރެމެން ދުނިޔެއަށްއަންނަނީ ކުޑަކުއްޖެއްގެ ގޮތުގައެވެ. އަދި ފުރާފުރިހަމަ މީހެއްގެ ގޮތުގައިވަނީ، ކަންތައްތައް ދަސްކޮށް ތަޖުރިބާ ކުރެވިގެންނެވެ. ކުއްލިއަކަށް ބޮޑުމީހެއްގެގޮތުގައި އުފަންވަނީއެއްނޫނެވެ. އެސަބަބައްޓަކައި އަޅުގަނޑުމެންގެތެރެއިން ގިނަމީހުންގެ ދިރިއުޅުމުގެ އާދަތަކާ ވިސްނުން ބައްޓަން ކުރެވިފައިވަނީ އިސްވެދެންނެވުނު މިސާލުގައި އުޅުނު ސަހަރުގެ އާންމުން ފަދައިންނެވެ. އެހެނީ ޚަލްޤުކުރެއްވުމާއި ދިރިއުޅުމާމެދު އެފަދަ ސުވާލުތަކެއް އަޅުގަނޑުމެން ނުކުރަމުއެވެ. މި ތަނުގައި ފާހަގަ ކޮށްލަންޖެހޭ އަނެއްކަމަކީ ސަހަރުގައި ދިރިއުޅުނު އެ މީހުންނަކީވެސް މިލިޔުމުގައި އަޅުގަނޑު ކުރިން ކޮށްފައިވާ ސުވާލުތަކާމެދު ހަޤީޤަތުގައި ވިސްނާފައިވާ ބަޔެއްނޫނެވެ. އެބައިމީހުން އެމީހުންގެ އަމިއްލަ ވިސްނުމާ ފިކުރުން އޭނާއަށް ޤަބޫލްކުރެވުނުގޮތަކަށް އެ ސުވާލުތަކުގެ ޖަވާބު ހޯދާ ކުޅަދުންވަންތަ، ހުރިހާ އެއްޗެއްގެ ވެރި، އެބައިމީހުން ޚަލްޤު ކުރެއްވި މާތްﷲ ގެ މަތިން ހަނދާން ނައްތާލީއެވެ. ނުވަތަ އޭގެތެރެއިން ގިނަ މީހުން މިސުވާލުތަކާމެދުވެސް ވިސްނުމެއް ނުބަހެއްޓިއެވެ. އެ ސުވާލުތައް އެއްފަރާތްކޮށް އެމީހުންގެ ޖާހިލުކަމުން އޭގެ މަތިން ހަނދުމަކުރުން ހުއްޓާލީއެވެ.

އަޅުގަނޑުމެންނަށް މިއަދު ލޯހުޅުވިފައިމިވާ ތަފާތު ޚިޔާލުތަކާ ވިސްނުންތަކުގެ މުޖުތަމަޢުތަކުގެ ސަބަބުން ކުރިންދެންނެވި ސުވާލުތަކަށް ޖަވާބުހޯދުމުގެ ބަދަލުގައި މާއްދީ ސުވާލުތަކަށް ޖަވާބުހޯދުމުގައި އަޅުގަނޑުމެން މިވަނީ މާބޮޑަށް މަޝްޢޫލުވެފައެވެ. މިރޭ ކާނީ ކޮންއެއްޗެއްތޯ؟ އަދި މާދަމާ ލާނީ ކޮންހެދުމެއްތޯ؟ އޭނާ އަހަރެންނާމެދު ހީކުރަނީ ކިހިނެއްތޯ؟ އަދި އޭނާ ގާތުބުނާނީ ކީކޭތޯ؟ ފަދަ ސުވާލުތަކާމެދު ވިސްނާ ފިކުރުކުރުމުގައެވެ. ހިތާމައަކީ މިފަދަ ކަންކަމުން ހަޤީޤަތުގައި އަޅުގަނޑުމެންގެ ނޭންގުމުގެ އުނިކަން އިތުރުވެގެންދިއުންނޫންކަމެއް ނުފެންނަކަމެވެ. މަޢުލޫމާތުގެ ޒަމާނެއްކަމަށް އަޅުގަނޑުމެން ދަޢުވާ ކުރިނަމަވެސްމެއެވެ.

އެހެންކަމުން މިފަދަ ތަފާތު ވިސްނުމާ ކަންކަން ވަޒަންކުރުމަށް ނުކުޅެދޭ މުޖުތަމަޢުއެއްގެ އާދަތަކަށް އަޅުގަނޑުމެން ހުޅުވިފައިވާއިރު އެކަމުން އަޅުގަނޑުމެންގެ ޖާހިލުކަން އިތުރުވެގެން ދާނެ މިންވަރާއިމެދު ވިސްނާލަމާތޯއެވެ. އަދި މީގެ ކުރިން ތިމާގެ އަމިއްލަ ނަފްސާ ތިމާ ކޮށްފައިނުވާ މިސުވާލު ތިމާގެ ނަފްސާއި ކޮށްލަމާތޯއެވެ. ތިބާ އުފެދިގެންވަނީ ކިހިނަކުންހެއްޔެވެ؟

އިސްވެދެންނެވުނު ސުވާލަށް ފުރިހަމައަށް ޖަވާބުދިނުމުގެގޮތުން ޖިސްމާނީގޮތުން އަހަރެމެން އުފެދުނުގޮތާމެދު ފިކުރުހިންގާލުމަކީ ވަރަށްމުހިންމު ކަމެކެވެ. އެގޮތުން އަހަރެމެން ދުނިޔެއަށް އައުމުގެ އަޖައިބުކުރުވަނިވި މުޢުޖިޒާތަށް ނަޒަރު ހިންގާލަމާތޯއެވެ.

އިންސާނާ އުފެދުމުގެ ކުރު ތާރީޚެއް ތިރީގައި މިވާފަދައިން ބަޔާންކޮށްދެވިދާނެއެވެ.

އުސޫލެއްގެގޮތުން ދަންނަވަނީނަމަ އިންސާނާއުފެދުމުގެ އެއް އަސްލުކަމުގައިވާ ދަރިފަނި އުފިދިގެން އަންނަނީ ފިރިހެނާގެ ހަށިގަނޑުގެ ބޭރުގައެވެ. އެހެނީ މި ދަރިފަނި އުފެދުމަށްޓަކައި އެކަމަށް އެކަށޭނަ ފިނިހޫނުމިނެއް ބޭނުންވެއެވެ. އެ ފިނިހޫނުމިނަކީ ގާތްގަނޑަކަށް 35 ޑިގްރީ ސެލްސިއަސްއެވެ. މިއީ އާންމު އިންސާނެއްގެ ހަށިގަނޑުގެ ފިނިހޫނުމިނަށްވުރެ ދެދަރަޖަ ދަށް ފިނިހޫނުމިނެކެވެ. ހަށިގަނޑުގެ ބޭރަށް ވާނޭހެން ހައްދަވާފައިވާ ފިރިހެނާގެ ޖިންސީ ގުނަވަނަކީ މިދެންނެވި ފިނިހޫނުމިނުގައިވާ ހަމައެކަނި ގުނަވަނެވެ. އަދި މި ފިނިހޫނުމިން ކަނޑައެޅިފައިވާ ދަރަޖައަށް ގެނައުމަށްޓަކައި އެހެން ނިޒާމެއްވެސް ކަނޑައެޅިފައިވާ ގޮތުގެ މަތިން މަސައްކަތްކުރެއެވެ. އެގޮޮތުން ފިރިހެނާގެ ޖިންސީ ގުނަވަނުގެ ވަށައިގެންވާ ހަންގަނޑު އިސްވެދެންނެވުނު ފިނިހޫނުމިން އެއްމިންވަރެއްގައި ހިފެހެއްޓުމަށް މުޙިންމު ދައުރެއް އަދާކުރެއެވެ. ފިނިހޫނުމިން ދައްވެއްޖެނަމަ ހަންގަނޑު ކުޑަވެ އަދި މަތިވެއްޖެނަމަ ދާހިއްލާއުދާސް އުފައްދައެވެ. ފިރިހެނާގެ ޖިންސީ ގުނަވަނުން ކޮންމެ މިނެޓަކު ގާތްގަނޑަކަށް އެއްހާސް ފަނި އުފައްދައެވެ. މި ފަނިތަކަކީ އެފަނިތައްދަތުރުކުރުމަށް ހަމަޖެހިފައިވާ މަންޒިލްކަމުގައިވާ އަންހެނާގެ ބިހާއިހަމައަށް ދިއުމަށްޓަކައި ޚާއްޞަ ސިފަތަކެއްލިބިފައިވާ ފަނިތަކެކެވެ. ކޮންމެ ފަންޏަކަށް ބޮލަކާއި، ކަރެއް އަދި ނިގުލެއް ލިބިފައިވެއެވެ، އެހެންކަމުން މަހެއް ދަތުރުކުރާފަދައިން އަންހެނާގެ ރަހިމްގެ ތެރެއަށް އެފަނި ދަތުރުކުރެއެވެ.

ފަނީގެ ބޮލުގައި އިންސާނާގެ ޖެނެޓިކް ބައިތައް ހިމެނިފައިވާކަމަށްޓަކައި ޚާއްޞަ ރައްކާތެރިކަމުގެ ފަށަލައެއް ލެވިފައިވެއެވެ. މި ފަށަލައިގެ މުހިންމުކަން ހާމަވެގެންދަނީ އެފަނި މައިމީހާގެ ރަހިމުގެތެރެއަށް ވަންނަ ވަގުތުއެވެ. މައިމީހާގެ ރަހިމަކީ އެރަހިމުގެ ތެރެއަށް ވަންނަ ތަފާތު މައިކްރޯބްތަކާއި އެހެނިހެން ބީރައްޓެހި ބައިތަކުން ދިފާއުކުރުމަށްޓަކައި އެސިޑްގެބައި ވަރަށްބޮޑަށް ހިމެނިގެންވާ ގުނަވަނެކެވެ. ނަމަވެސް ކުރިންދެންނެވުނު ރައްކާތެރިކަމުގެ ފަށަލައިގެ ސަބަބުން ގިނަ ފަނިތަކަށް ރައްކާތެރިކަމާއެކު ދިރިހުރުމުގެ ފުރުޞަތު ލިބިދެއެވެ.

މައިމީހާގެ ރިހިމުގެތެރެއަށް ނުވަތަ ޔުޓެރަސްގެ ތެރެއަށް ފޮނުވާލެވެނީ ހަމައެކަނި ދަރިފަންޔެއްނޫނެވެ. ނަމަވެސް އެއާއެކު މަޛްޔު (އެތައްބައިވަރު ދިޔާތަކެތިން އުފެދިފައިވާތެއްކަމެއް) ވެސް ފޮނުވާލެވެއެވެ. މަޛްޔު ގައިވާ ހަކުރުގެ ސަބަބުން ދަރިފަންޏައް ބޭނުންވާ ހަކަތަ ލިބިދިނުމަށް އެހީތެރިވެދެއެވެ. އަދި އޭގާވާ ކެމިކަލްތަކުގެ ސަބަބުން މައިމީހާގެ ރަހިމަށް އެތެރެވުމުގައިވާ އިސިޑިކް ބައިތަށް ދަށްކޮށްދީ ދަރިފަންޏަށް އެކަށޭނަ މާޙައުލެއް ތަނަވަސްކޮށްދެއެވެ. އަދި އެ ސަރަޙައްދުގެ ތެތްކަން އިތުރުކޮށް ދަރިފަންޏަށް ފަސޭހައިން އުޅެވޭނޭ މަގު ތަނަވަސްކޮށްދެއެވެ. މައިމީހާގެ ހަށިގަނޑުގައިވާ ބިހާއިހަމައަށް ފޯރުމަށް ފަންޏަށް އުނދަގޫ ދަތުރެއް ކަޑައްތުކުރަންޖެހެއެވެ. ނަމަވެސް މި ބުރަމަސައްކަތްކޮށްގެންވެސް ރައްކާތެރިކަމާއެކު ބިހާހަމައަށް ފޯރަނީ 200 އާއި 3000 މިލިއަނާ ދެމެދުގެ ފަނީގެތެރެއިން އެންމެ ހާހެއްހާ ފަންޏެވެ.

މި ކުޑަ މަޢްލޫމާތުކޮޅުގެ އަލީގަައި އަޅުގަނޑުމެންގެ ހިތުގައި އުފެދޭ ބައެއް ސުވާލުތަކުގެ ޖަވާބު ލިބެތޯ ހިންގަވާށެވެ. ކުރިން އެއްވެސްކަމެއް ނޭންގޭ މި ފަނި ރައްކާތެރިކަމާއެކު މަައިމީހާގެ ރަހިމުގެތެރެއަށް އެކަނި ދަތުރުކުރަން އެނގުނީ ކިހިނެއްހެއްޔެވެ؟
އަދި ކުރިން އެއްވެސް ކަމެއްނޭންގޭ މި ފަނި ފިރިހެނާގެ ޖިންސީ ގުނަވަނުން އުފެދި އަންހެނާގެ ހަށިގަނޑުގައިވާ ދިފާއީ ނިޒާމްހުރަސްކޮށް އެތެރެއަށް ވަންނާނީ ކިހިނެއްހެއްޔެވެ؟ މިކަންކަން މިހެން ވާނީ ކިހިނެއްހެއްޔެވެ؟

ދަރިފަންޏަކީ ކުރިން އެއްވެސް ކަމެއް އެނގިފައިނުވާ އެއްޗަކަށް ވާއިރު އެއަށް އެކަންކުރެވޭނީ އެފަދަ ނިޒާމެއްގެދަށުން އެ އުފައްދަވާފައިވާތީކަން ކަށަވަރެވެ.

އަނެއްކާވެސް އިންސާނާ އުފެދުމުގެ ކުރު ތާރީޚާއިގެން ކުރިއަށް ދަމާތޯއެވެ.

އަންހެނާގެ ހަށިގަނޑުގައިވާ ބިހަކީ ގާތްގަނޑަކަށް ލޮނުފުކެއްގެ ދެބައިކުޅައެއްބައިގެ މިންވަރެވެ. ދަރިފަންޏާއި ބިސް ބައްދަލުވާ ހިސާބަށް ކިޔާނަމަކީ "ފެލޮޕިއަން ޓިއުބް" އެވެ. ދަރިފަނި ބިހާހަމައަށް ގެންދިއުމަށްޓަކައި ބިހުން ޙާއްސަ ދިޔާއެއްޗެއް ފޮނުވައެވެ. އަދި ފަނި ބިހާއި ކައިރިވާވަރަކަށް އޭގައިވާ އެހެން ދިޔާ އެއްޗެއްގެ ސަބަބުން ފަނީގައިވާ ރައްކާތެރިކަމުގެ ފަށަލަ ވިރުވާލައެވެ. އޭގެ ނަތީޖާއެއްގެގޮތުން އެންޒައިމްތަކަކުން އުފެދޭ ދިޔައެއް ފަނީގެ ބޮލުގެ ބޭރު ފޮރުވާލައެވެ. މި އެންޒައިމްސް ތަކުގެ އެހީގައި ބިހުގެ މެމްބްރޭން އަށް ބާރުފޯރުވައެވެ. އަދި ފަނިތައް ބިހުގެ ވަށައިލައިގެން ބިހުގެ ތެރެއަށް ވަނުމަށްޓަކައި ވާދަކުރަންފަށައެވެ. ނަމަވެސް ގިނަފަހަރު ބިހުގެ ތެރެއަށްވަދެވެނީ އެންމެ ފަންޏަކަށެވެ. އަދި އެފަނި ބިހުގެ ތެރެއަށްވަނުމަށްފަހު އެހެން ފަނިތަކަކަށް އެބިހުގެ ތެރެއަށް ނުވަދެވޭނެއެވެ. ބިސް ފަރޓިލައިޒް ވުމުގެ ކުރިން ނުވަތަ ފަންޏާއިބިސް ގުޅުމުގެކުރިން ބިހާއި ފަނީގެ ދެމެދުގައިވާާ ކަރަންޓްގެ ބާރުތައް ހަރަކާތްކުރަނީ އިދިކޮޅުދެ ހަރަކާތެއްގެގޮތުގައިކަމުން އެކަތިއަނެކައްޗާ ގުޅުމަށް ބާރުލިބެއެވެ. ނަމަވެސް އެއްފަނި ބިހުގެ ތެރެއަށް ވަނުމަށްފުހު ބިހުގައިވާ ކަރަންޓްގެބާރު ބަދަލުވެ އެހެން ފަނިތައް އެއާދުރަށް ފޮނުވާލައެވެ.

މިކަންތައްތައް މިގޮތުގައި ހިނގުމަށްފަހު ފަނީގައިވާ ފިރިހެނާގެ ޑީއެންއޭ އަންހެނާގެ ޑީއެންއޭއާއި އެއްވެއެވެ. އަދި އެހިދުން އިތުރު ސެލްއެއް (ޒިގޯޓް) އުފެދިގެންދެއެވެ. އަދި އެއީ މައިމީހާގެ ރަހިމުގައި އުފެދޭ މުޅިންއާ އިންސާނެކެވެ.

ކުރިން ދެންނެވުނު ތައާރުފްގައިވާ ކަންތައްތަކަށްފަހު އަޅުގަނޑުމެންގެ ސިކުނޑިއަށް އިތުރު ސުވާލެއް ވެރިކުރުވައެވެ. އެއީ އަންހެނާގެ ހަށިގަނޑުގައިވާ ބިހަކަށް ދަރިފަންޏެއް އެއާ ބައްދަލުވާނޭކަން ކުރިން އެނގޭފަދައިން، އެ ދަރިފަންޏަށް މަރުޙަބާ ކިޔަނީ ކީއްވެގެން ކިހިނެތްތޯއެވެ؟ މިސުވާލުގެ ހަމައެކަނި ޖަވާބަކީ ފަންޏަށް އެކަށޭނަގޮތަކަށް އެބިސްހެއްދެވީ އެ ފަނިވެސްހެއްދެވި އަދި އެފަންޏާއި ބިހުގެ މައްޗަށް ބާރުހިންގަވާ ކުޅަދުންވަންތަ ކީރިތި މާތްﷲ ކަމެވެ.

މި ހުރިހާކަމަކުން އަދި އިންސާނާ އުފަންވުމުގެ އާދަޔާ ޚިލާފް މުޢުޖިޒާތް ނިމުނީއަކީ ނޫނެވެ. އެއަށްފަހު ދަރިމައިވެފައިވާ ބިސް އޭގައިވާ ވައް ވަކިތަކެއްގެ އެހީގައި މައިމީހާގެ ރަހިމުގެ ތެރޭގައި ހަރުލާނޭހެން ހިފަހައްޓައެވެ. ބިހުގައިވާ އިސްވެދެންނެވުނު ވަކިތަކުން ބިމުގައިވާ ގަހެއްގެ މޫތައްފަދައިން މައިމީހާގެ ރަހިމުގެ އެންމެ އެތެރެއާހަމައަށް ފެތުރިގަނެއެވެ. އަދި މައިމީހާގެ ހަށިގަނޑުގައި ރައްކާކުރެވިފައިވާ ހޯމޯންސްތަކުގެ އެހީގައި އަލައްއުފެދުނު ސެލް (ޒެގޯޓް) އުފެދި ފުރިހަމަވާންފަށައެވެ. އެހިނދު ބިހަށްބޭނުންވާ ކާނާ މައިމީހާގެ ފުށުން ލިބިދެއެވެ.

ގިނަ ވަގުތު ވީވަރަކަށް އެސެލް ބައިބަޔަށްބެހި ފުރިހަމަވާންފަށެއެވެ. އެ ސެލް ބައިވެގެންދަނީ ދޭކުން ގުނަކުރެވޭ ޢަދަދަކުންނެއެވެ. އެގޮތުން ބައިވެގެންދަނީ ދޭކުން ހަތަރަކުން އަށަކުން ސޯޅައިންނެވެ. އެންމެ ފުރަތަމަ އަލައް އުފެދޭ ސެލްތަކުގައިވެސް އެންމެ ކުރީގެ ސެލްގައިހިމެނޭބައިތައް ހިމެނިގެންވިނަމަވެސް ކޮންމެވެސްގޮތަކުން ފަހުންއުފެދޭ ސެލްްތައް ކުރީގެ ސެލްތަކާ ތަފާތުވެ، އޭގެ ސިފަތައް ބަދަލުވެގެންދެއެވެ. އަދި ފީޓަސްގެ (އުފެދުމުގެ އެންމެފުރަތަމަ މަރުޙަލާގައި އޮންނަ އިންސާނެއް) ގުނަވަންތަކުގެ ސިފަތަކަށް އެ ސެލްތައް ބަދަލުވެގެންދެއެވެ. އެންމެފަހުގެ ސައިންސްގެ ހޯދުންތަކުންވެސް އެސެލްތައް ވަކިވެ އޭގެ ސިފަތައް ބަދަލުވެގެންގޮސް އިންސާނާގެ ގުނަވަންތައް އެހާ ތަރުތީބުގޮތެއްގައި އުފެދުމަށް ދިމާވަނީ ކޮންސަބަބެއްކަންވަނީ ހޯދައިނުގަނެވިފައެވެ.

ދުވަސްވަމުން ދިޔަވަރަކަށް ޖެލީ ކޮޅެއްފަދަ ފީޓަސްއަށް ބޮޑެތި ޚައިރާންކުރުވަނިވި ބަދަލުތަކެއް އަންނަންފަށައެވެ. އަދި އެމަޑު އެތިކޮޅު(ފީޓަސް) ގެ ތެރޭގައި ކުދިކުދި ކަށިތަކެއް އުފެދެންފަށައެވެ. މި ކަށިތައް އުފެދިގެންދަނީ އިންސާނާގެ ހަށިގަނޑުގެ ކަށިތައް ހުންނަންޖެހޭ ގޮތައް އެ ތަރުތީބުންކަމެވެ. ޙައިރާންވާންޖެހޭކަމަކީ އިސްވެދެންނެވުނު ސެލްތައް ބައިވެ އެކި ސެލްތަކަށް އެކި ސިފަތައްލިބިގެންދާއިރު ބައެއް ސެލްތައް ބަދަލުވެގެންދަނީ އިންސާނާގެ ލޮލުގެ ސެލްތަކަށެވެ. އަދި އެ ސެލްތައް ވަނީ އައްޔައް ސެންސިޓިވް ސެލްތަކެއްކަމުގައެވެ. އަނެއްބައިސެލްތައް ނާރުގެ ސެލްތަކަށް ބަދަލުވެގެންދާއިރު އެ ސެލްތަކުގެ ތެރެއިން ބައެއްސެލްތަކަށް ފިނިހޫނުމިން ދެނެގަތުމުގެ ކުޅަދާނަކަން ލިބިފައިވާއިރު އަނެއްބައި ސެލްތަކަށް އަޑާއި ވައިބްރޭޝަން ދެނެގަތުމުގެ ކުޅަދާނަކަން ލިބިފައިވެއެވެ.
މި ހުރިހާ ކަންތައްތަކެއް އޭގެ އެންމެ ފުރިހަމަގޮތުގައި ހިނގުމަށްފަހު އެންމެފަހުން ފީޓަސްގެ އުފެދުން ފުރިހަމަވެ، ކުޑަ ކުއްޖެއްގެ ސިފައިގައި އިންސާނާ ދުނިޔެއަށް އުފަންވެއެވެ. އިންސާނާ ދުނިޔެއަށް އުފަންވާއިރު އޮންނަނީ އެންމެ ފުރަތަމަ ދަރިމައިވެފައިވާ ބިހެއްގެ ސިފައިގާ އިންސާނާ ވީއިރައްވުރެ 100 މިލިއަން ގުނަ ބޮޑުކޮށެވެ. އަދި ހަބިލިއަން ގުނަ ބަރުކޮށެވެ.

އިސްވެދެންނެވުނު އިންސާނާ އުފަންވުމުގެ "ކުރު ތާރީޚް" އެއީ އަޅުގަނޑުމެން ޚައިރާންކުރުވަނިވި ކަންތައްތަކެކެވެ. އެހެނީ އެއީ އަހަރެމެން ޚަލްޤުކުރެވިފައިވާ ގޮތެވެ. މި ބޮޑު މުޢުޖިޒާތުގެ ތެރެއިން އަހަރެމެން ޚަލްޤު ކުރެއްވި ކުޅަދުންވަތަ ފަރާތެއް ހޯދުމަށްވުރެ މުހިންމުކަމެއް އެބައޮތްތޯއެވެ؟ ނަމަވެސް ކުރިން ދެންނެވުނު ކުރު ތާރީޚްގެ ތެރެއިންވެސް މާއްދިއްޔަތުގެ ބާރުގެ ދަށުގައިވާ މިޒަމާނުގެ ކުރިއަރާފައިވާ ސައިންސައްވެސް ޖަވާބު ނުދެވޭ އެތައްއެތައް ކަމެއް ވަނީ ހިނގާގޮއްސައެވެ.

ދެންނެވުނު ތަޢާރުފްގައި ފާހަގަވެގެންދިޔަ ކަންތައްތަކުގެތެރެއިން ޖަވާބުބޭނުންވާ ގިނަ ސުވާލުތަކުގެ ތެރެއިން އެއްސުވާލަކީ، އެއްގޮތަކަށް އެއް ސިފަތަކަކުން އުފެދިފައިވާ ސެލްއެއް ތަފާތު ބައިތަކަކަށް ބެހި ގިނަވެގެންގޮސް ކޮންމެސެލްއަކަށް ވަކި ސިފަތަކެއް ލިބުނީ ކިހިނަކުންބާވައެވެ؟
ނަމަވެސް އިންސާނާ ޚަލްޤުކުރެއްވުމުގައިވާ މި އަޖައިބުކުރުވަނިވި ކަންތައްތަކުން ކުޅަދުންވަންތަ ޚާލިޤަކު ވޮޑިގެންވާކަން ޤަބޫލްކުރުންފިޔަވާ ދޭނޭ އިތުރު ޖަވާބެއްނެތެވެ. މި ކަންތައްތަކަކީ އެތަކެތި އަމިއްލައަށް އުފެދިގެން އަންނަ އައުމެއްކަމަށް ނުވަތަ އެއީ އިއްތިފާގެއްކަމަށް ޤަބޫލްކުރުންވާނީ ބޮޑު ގޯހަކަށެވެ. އެ ސެލްތައް އިންސާނެއްގެ ވަކިވަކި ގުނަވަންތަކެއްގެ ސިފައިގައި އުފެދުމަށް އެއްބަސްވާނީ ކިހިނަކުންހެއްޔެވެ؟ މިކަމާއިމެދު ތަންކޮޅެއް ފުންވިސްނުމަކުން ވިސްނާލުމަށްޓަކައި އަންނަނިވި މިސާލައް ނަޒަރުހިންގާލަމާތޯއެވެ.

ވިސްނުންތޫނު ދެމީހަކު އިންޖިނިއަރިން މަޝްރޫއެއް ފެށުމަށް އެއްބަސްވެ އެމަސައްކަތް ކުރިއަށް ގެންދާއިރު އެދެމީހިންގެމެދުގައި ޙައްލުކުރަން އުނދަގޫ ބޮޑެތި މައްސަލަތައް ކުރިމަތިވެ އެމަޝްރޫޢު ކުރިއަށްގެންދިއުމުގައި ގިނަފަހަރަށް ދަތިތައް ކުރިމަތިވެއެވެ. މިއީ މިގޮތައް ގިނަބަޔަކު ހިއްސާވާ މިފަދަކަންކަމުގައި އާންމުކޮށް ކަންހިނގާގޮތެވެ. ނަމަވެސް އެތައް މިލިއަން ސެލްތަކެއް އެއްވެސް މައްސަލައެއްޖެހުމަކާނުލާ އެސެލްއެއްގެ ވާޖިބު ފުރިހަމަކޮށް އިންސާނެއް އުފެއްދުމުގެ އަޖާއިބުކުރުވަނިވި މަސައްކަތް ފުރިހަމަކުރާނީ ކިހިނެތްތޯއެވެ؟ މި ސުވާލުގެ ޖަވާބުގައި އެއީ އިއްތިފާގެއްކަމަށް ޖަވާބުުދޭންކެރޭނެތޯއެވެ. މިޒަމާނުގެ ސައިންސްވެރިން އިންސާނާ ޚަލްޤުކުރެއްވުމުގެ މިފުރިހަމަ މުއުޖިޒާތް "މާއްދީ ވެށީގެ ޖާދޫ" ގެ ގޮތުގައި ސިފަކުރެއެވެ. ނަމަވެސް މާއްދީ ވެއްޓަކީ ކޮބައިތޯއެވެ؟ އެއީއެވެސް އުފެއްދެވިފައިވާ އެއްޗެއްނޫންތޯއެވެ؟

އިންސާނާ އުފެދުމާ ގުޅޭގޮތުން ކުރެވޭ ސުވާލަށް ބަޔެއްފަރާތްތަކުން ދޭ އަނެއް ޖަވާބަކީ އެއީ މަންމައާއި ބައްޕަ ކަމުގައެވެ. ނަމަވެސްމިއީ އެއްވެސް ބުރަދަނެއްނެތް ޖަވާބެކެވެ. އެހެނީ އިންސާނަކު ދުނިޔެއަށް އައުމުގައި މަންމައާއި ބައްޕަ ނުވަތަ އަންހެނަކާއި ފިރިހެނެއްގެ ދައުރަކީ އުނި ނުކުރެވޭނޭފަދަ ދައުރަކަށްވީނަމަވެސް، ޖިންސީ ސެލްތައްއުފެދި ބިސް ދަރިމައިވެ ފީޓަސްއެއް އުފެދިގެންއަންނަ އައުމަކީ އެކަމާގުޅޭގޮތުން އެދެފަރާތައްވެސް އެއްވެސް އެނގުމަކާނުލާ ނުވަތަ އެދެފަރާތުގެ ބާރަކާނުލާ ހިނގާދާ ކަންތައްތަކެކެވެ. ކުޑަ ދަރިފުޅު ދުނިޔެއަށް އުފަންކުރުވުމުގެ އެއްވެސް ބާރެއްނުވާ މަންމައަށް އެދަރިފުޅު ދުނިޔެއަށް އުފަންވާނޭ ސީދާ ދުވަސް ބުނެދޭކަށް ނޭންގޭނެއެވެ. ނަމަވެސް މި ހުރިހާ ހެކިތަކާއެކުވެސް އިސާނާ އުފަންވުމުގެ އަސްލަކީ މަންމައާއި ބައްޕަ ކަމުގައި ބުނެވިދާނެތޯއެވެ؟

ކޮންމެ ކުއްޖަކައްވެސް މަންމައާއި ބައްޕައަކީ ވަރަށް މުހިންމު ދެފަރާތެވެ. އެހެނީ އެދެފަރާތުން އިންސާނާ އުފަންވުމުގައި މުހިންމު ދައުރެއް އަދާކުރެއެވެ. ނަމަވެސް އެއްވެސް މީހަކު އޭނާ ހަޤީޤަތުގައި ޚަލްޤުކުރެއްވީ ކޮންފަރާތްކުންތޯ ނުވިސްނައެވެ. ނަމަވެސް މި ހުރިހާކަމެއްގެ މައްޗައް ބާރުހިންގަވާ އިންސާނާ އުފައްދަވާ އަދި މަރުގަންނަވާ ފަރާތާއިމެދު ލޯބިކޮށް އިޚްތިރާމްކުރުން މާ ޚައްޤުކަން ބޮޑުނޫންތޯއެވެ. އެކަލާންގެ ވޮޑިގެންވާކަން މި ހެކިތަކުން ޔަޤީންކޮށްދެއެވެ. އަދި އެކަލާންގެ ވޮޑިގެންނުވާނަމަ އެހެންއެއްޗެއް ނުވީސްކަން ކަށަވަރެވެ. އަލް އިޚްލާސް ސޫރަތުގެ ތިންވަނަ އާޔަތުގައި އެކަލާންގެ ބަޔާންކުރައްވާފައިވާ ފަދައިން ދުނިޔެއާއި ދުނިޔޭގައި ވާހާއެއްއެއްޗެއް ހެއްދެވިފަރާތަކީ ކުޅަދުންވަންތަ އެއްކައުވަންތަ މާތް ﷲ ފިޔަވާ އެހެން އެއްވެސް ފަރާތެއްނޫނެވެ. އެކަލާންގެއީ ފެށުމެއް އަދި ނިމުމެއްނުވާ ރަސްކަލާންގެއެވެ.

ޤުރުއާނުގައި އިންސާނާ ޚަލްޤުކުރެއްވުމުގެ ވާހަކަ އެކަލާންގެ ބަޔާންކޮށްދެއްވާފައިވަނީ މިފަދައިންނެވެ.

"މަށީން އުފެދިގެންއައި އުފެދުމަކުން ހަމަކަށަވަރުން ތިމަންރަސްކަލާންގެ އިންސާނާ އުފައްދަވައި ހެއްދެވީމެވެ.

ދެން އެއަށްފަހު ރައްކައުތެރިވެގެންވާ ތަނެއްގައިވާ ތިއްކެއް ކަމުގައި ތިމަންރަސްކަލާންގެ އެ އިންސާނާ ލެއްވީމެވެ.

ދެން އެއަށްފަހު ގަނޑުލޭކޮޅެއްކަމުގައި، ތިމަންރަސްކަލާންގެ އެތިކި ލެއްވީމެވެ. ދެން، ކުޑަކުޑަ މަސްކޮޅެއްގެސިފަ، އެގަނޑުލޭކޮޅަށް ތިމަން ރަސްކަލާންގެ ގެންނެވީމެވެ. ދެން އެ މަސްކޮޅުގައި ތިމަން ރަސްކަލާންގެ، ކަށި ލައްވައި ހެއްދެވީމެވެ. ދެން މަސްތަކަކުން ތިމަން ރަސްކަލާންގެ އެ ކަށިތަކުގައި ފޭރާން ލެއްވެވީމެވެ. ދެން އެއަށްފަހު އެހެން އުފެއްދެވުމަކުން ތިމަން ރަސްކަލާންގެ އެ އިންސާނާ އުފެއްދެވީމެވެ. (އެއީ ފުރާނަ އަޅުއްވާ މި ދުނިޔެ މައްޗަށް ފޮނުއްވުމެވެ.) ފަހެ އުފެއްދުންތެރީންކުރެ އެންމެމޮޅު އުފެއްދުންތެރި މާތް ﷲ ގެ މާތްކަމާއި ކުޅަދުންވަންތަކަމެވެ! (އަލް މުއުމިނޫން 12-14) (سورة المومنون 14-12)

އިސްވެދެންނެވުނު ވާހަކަތަކުން އަހަރުމެންނާއި އެންމެ ފުރަތަމަ ދެންނެވުނު މިސާލުގައި ކުއްލިއަކަށް ބޮޑުމީހެއްގެގޮތުގައި ދުނިޔެއަށް އައި މީހާއާއި އަޅުގަނޑުމެންނާ އެއްވެސް ތަފާތެއް ނެތެވެ. އަދި އެމީހާއެކޭ އެއްފަދައިން އަހަރެމެން ކޮންމެމީހަކުވެސް ދުނިޔެއަށް އަންނަނީ މަންމައާއި ބައްޕައެއްގެ ފަރާތުންނޫންކަން ސާފުކޮށް ދޭހަވެއެވެ.

މިފަދަ ހާލަތެއްގައި އެންމެ މުހިންމުކަމަކީ ހެޔޮނިޔަތުގައި ޙައްޤުހޯދުމަށް މަސައްކަތްކުރުމެވެ. ޙައްގު ދެނެގަތުމަށް ބޭނުންވާ އިލްމާއި ހުއްޖަތް ހުރިކަމަށް ބުނާމީހުންގެ ބަހާއި އިސްވެ ގޮސްފައިވާ ވާހަކަތަކާއިމެދު ވިސްނާ ފިކުރުކޮށްލައްވާށެވެ. އެންމެ ފުރަތަމަ ދެންނެވުނު މިސާލުގައިވާ މީހާގެ މިސާލު އަނެއްކާވެސް ނަގަމާތޯއެވެ. އެ ސަހަރުން އޭނާއާއި ބައްދަލުވިމީހުންގެ ތެރެއިން ބަޔަކު އޭނާ ގާތު އޭނާއާއި އޭނާގެ ވަށައިގެންވާ ހުރިހާ އެއްޗެއްހެއްދެވި ފަރާތެއްވާކަމާއި އެފަރާތުން ބާއްވާލެއްވިފޮތެއްވާކަމުގައި އޭނާގާތު ބުންޏެވެ. ދެން އޭނާ ކަންތައްކުރާނީ ކިހިނެއްތޯއެވެ. އޭނާ އެމީހުންގެ އަޑު އަހާނެތޯއެވެ. ނުވަތަ އެމީހުންނަށް ފުރަގަސްދީ ކޮންމެދުވަހަކު އަޅުގަނޑުމެން ތަކުރާރުކޮށްމިއުޅޭފަދަ ސުވާލުތަކައިގެން މަޝްއޫލުވެގަންނާނީތޯއެވެ. މިރޭ ލާނީ ކޮން ހެދުމެއްތޯއާއި، އޭނާގާތު ބުނާނީކީކޭތޯ ފަދަ ކޮންމެ ދުވަހެއްގެ އާންމުސުވާލުތައްކުރުމުގައި ވަގުތުނަގާލާނީތޯއެވެ. އެފަދަ ސުވާލުތަކަކީ ތިމާއާ ތިމާގެ އެންމެފަހު ދުވަސް ނުވަތަ ތިމާއާ ތިމާގެ މަރުބައްދަލުވާހިންދު ތިމާއަށް އެއްވެސް މާނައެއްނެތް ސުވާލުތަކެކެވެ. އެހެންކަމުން މިދެ ސުވާލުގެތެރެއިން މުހިންމީ ކޮންސުވާލެއްތޯއެވެ. ހަމަޔަޤީނުންވެސް މިސާލުގައިވާ މީހާއަށް މުހިންމު ސުވާލު ތިބާއަށް އެނގޭނޫންތޯއެވެ. އެކަމަކު ތިބާގެ އަމިއްލަ ނަފްސައް މުހިންމީ ކޮން ސުވާލެއްތޯއެވެ.

އިންސާނާ ޚަލްޤުކުރެއްވުމުގެ މުޢުޖިޒާތް މާތްﷲ ކީރިތިގުރުއާނުގެ އަންނަނިވި އާޔަތްތަކުގައި ބާޔާންކުރައްވާފައިވެއެވެ.

"އެއްވެސް ގޮތެއްފޮތެއްނެތި އިންސާނާ ދޫކުރެއްވޭނޭކަމަށް އެ އިންސާނާ ހީކުރަނީހޭ؟

މައިބަނޑެއްގެތެރެއަށް އޮހަރާލެވޭ މަނީގެތެރެއިން ތިއްކެއްކަމުގައި އެ އިންސާނާ ނުވޭހޭ؟

ދެން އެއަށްފަހު ގަނޑުގެންފައިވާ ލޭކޮޅެއްކަމުގައި އެ އިންސާނާވިއެވެ. އެއަށްފަހު، އެއިންސާނާ ހައްދަވައި ސިފަގެންނެވިއެވެ. އެއަށްފަހު ގުނަންތައް ހަމަކުރެއްވިއެވެ.

ދެން އެއަށްފަހު، އެ އިންސާނާގެ ކިބައިން، ފިރިހެން، އަންހެން ދެބާވަތުގެ (ދެޖިންސުގެ) މީހުން ލެއްވިއެވެ.

އެކަން އެގޮތައްކުރެއްވި ކަލާނގެއީ، މަރުވެފައިވާމީހުން އަލުން ދިރުމަކަށް ގެންނެވުމަށް ކުޅަދުންވަންތަ ކަލަކު ކަމުގައި ނުވޭހޭ؟
(އަލް ޤިޔާމް – 36-40) (سورة القيامة 40-36)

ވެލީން، ދެން އެއަށްފަހު، ތިއްކަކުން ތިޔަބައިމީހުން ހެއްދެވީވެސް މާތް ﷲ އެވެ. ދެން، އެއަށްފަހު، އަންހެންފިރިހެން، ދިޖިންސުގެ މީހުންކަމުގައި، އެކަލާނގެ ތިއަބައިމީހުން ލެއްވިއެވެ. އަދި، އެކަލާންގެ ދެނެވޮޑިގަތުމާއިއެކުގައި މެނުވީ، އަންހެނަކު، މައިބަނޑުނުވެއެވެ. އަދި، ނުވެސް ވިހާމެއެވެ. އަދި، ފޮތެއްގައި ކަނޑައެޅިގެންވާގޮތުން މެނުވީ، އުމުރުދިގު އެއްވެސް މީހެއްގެ އުމުރު ދިގުވެ އިތުރުވެގެން ނުދެއެވެ. އަދި، އޭނާގެ އުމުރު ކުރުވެ އުނިވެގެންވެސް ނުމެދޭމެއެވެ. ހަމަކަށަވަރުން އެކަންކަމީ މާތް ﷲ އަށް ލުއިފަސޭހަވެގެންވާ ކަންކަމެވެ. (ފާތިރް 11) (سورة الفطار 11)

އިންސާނާ ހެއްދެވިފަރާތަކީ މާތް ﷲ އެވެ. އަދި ހެއްދެވިގެންވާ މާޚްލޫގެއްގެގޮތުގައިހުރެ މި ޚަޤީޤަތް އިންސާނާއަކަށް ބަދަލެއް ނުކުރެވޭނެއެވެ. އަދި އޭނާގެ އަމިއްލަ ނަފްސު އުފެދުމަށް އެހެން އިތުރު ގޮތްތަކެއް އޭނާއަށް ބަޔާންކޮށެއްނުދެވޭނެއެވެ. އިސްވެ ލިޔެވިދިޔަ އާޔަތުގެ މާނައިގައިވާފަދައިން އެއްވެސް ގޮތެއްފޮތެއްނެތި އިންސާނާ ދޫކޮށްލެވިގެން ނުވެއެވެ. އިންސާނާ އުފައްދަވައި ޚަލްޤުކުރެއްވުމުގެ ސަބަބުތަކެއްވެއެވެ. އޭގަޖަވާބު އިންސާނާއަށް ލިބޭނީ އިންސާނާ އެންމެ ފުރިހަމަގޮތުގައި އުފައްދަވާ ޚަލްޤުކުރެއްވި ކީރިތި މާތް ﷲ ބާއްވާލެއްވި އެކަލާންގެ ކަލާމްފުޅުންނެވެ. -ނިމުނީ-

އަސްލު ލިއުއްވީ: ޚާރޫން ޔަޙްޔާ

No comments: