
މާޙައުލެއްގައި އެ ބަހުސެއް ނިންމާލެވެނީ ކީއްވެގެންހެއްޔެވެ؟ އެހުރިހާކަމެއް ބިނާވެގެންވަނީ އެމީހަކަށް ނުވަތަ އެބަޔަކަށް ލިބިފައިވާ ބަހުސްކޮށް އަނެކާއާއި މުޢާމަލާތުކުރުމުގެ ހުނަރުގެ ސަބަބުންނެވެ. ތައްޔާރުކޮށްފައިވާ އެއް ޚުޠުބާއެއް ދެމީހުން ދޭއިރު އޭގެ ތެރެއިން އެކަކު ޚުޠުބާ ދޭއިރު އަޑުއަހަންތިބޭމީހުންގެ ތެރެއިން ބައެއް މީހުން އާފުރި ނިދިޖެހޭއިރު އަނެއްބަޔަކު ނަމާދު މުޞައްލައާއި ކުޅެލަކުޅެލާ ނުވަތަ ހަށިގަނޑުގެ ހަރަކާތްތައް ގިނަވެ ހަމަނުޖެހިވިގެން އުޅޭއިރު ހަމަ އެޚުޠުބާ އެހެން މީހަކު ދޭއިރު އަޑުއަހާ މީހުން އެއަށް ކަނުލާ އަޑުއަހަން އެސްފިޔަވެސް ޖަހާނުލާ ތިބެނީ ކީއްވެގެންހެއްޔެވެ؟ އެއީ ބަސްމޮށުންތެރިކަމުގެ ކުޅަދާނަކަމެވެ. މީހަކު އެއްވުމެއްގައި ވާހަކަދައްކާއިރު އެއްވެފައިވާމީހުން އޭނާގެ ވާހަކައަށް ކަނުލާ އަޑުއަހަން ތިބޭއިރު އެހެން މީހަކު ވާހަކަދައްކަންފެށުމުން އެއްވެފައިވާ މީހުން އެމީހުންގެ އަމިއްލަ ވާހަކަތައް ދައްކާ އެއްބަޔަކު ފޯނުގެ މެސެޖްތައް ކިޔާ އޭނާކާދައްކާ ވާހަކައާމެދު ސަމާލުކަމެއްނުދެނީ ކީއްވެހެއްޔެވެ؟ އެއީ ވާހަކަދެއްކުމުގެ ހުނަރުގެ ސަބަބުންނެވެ. ސްކޫލެއްގެ މުދައްރިސަކު ސްކޫލްގެ ކޮރިޑޯގައި ހިނގާފައި ދާއިރު ހުރިހާ ކުދިން އޭނާގެ ގާތައް ޖަމާވެ، ބައެއްކުދިން އޭނާއާއި ސަލާމްކޮށް، އަނެެއްބައިކުދިން އޭނާގެ ފަރާތުން ލަފާއަހާ، އަނެއްބައިކުދިން އެކި ކަންކަމުގެ ޝަކުވާ އުފުލާހަދާއިރު އަނެއް މުދައްރިސަކު އޭނާގެ އޮފީހުގައި ހުރިހާކުދިންނަށް ކަންކަމު އައުމަށް ދަޢުވަތުދީފައި އޮންނަ އިރުވެސް އެއްވެސް ކުއްޖެއް އެކަމަށް ޝައުޤުވެރިނުވެ އޮފީސް ފަޅުކޮށްއޮންނައިރު އަދި އެހެން މުދައްރިސަކު އެކަނި މާއެކަނި ކޮރިޑޯގައި ހިނގާފައި ދާއިރު ނުވަތަ ސްކޫލްގެ މިސްކިތުން ނުކުމެގެންދާއިރުވެސް އެއްވެސް ކުއްޖަކު އޭނާއާއި ސަލާމްކޮށްލުމަށްވެސް ބޭނުންނުވަނީ ކީއްވެގެންހެއްޔެވެ؟ އޭނާގެ އޮފީސް އިރު އެރީންސުރެ އިރު އޮއްސުމާ ހަމައަށް ކުދިންނަށް ހުޅުވާލިނަމަވެސް އެތަނަށް ކަމަކު ވަނުމަށް އެއްވެސް ކުއްޖަކު ބޭނުންނުވަނީ އަދި އޭނާއާއި އެކުވުމަށް ބޭނުންނުވަނީ ކީއްވެހެއްޔެވެ؟ މި ހުރިހާކަމެއް ގުޅިފައިވަނީ އޭނާއަށް ލިބިފައިވާ އަނެކުންނާއި މުޢާމަލާތުކުރުމުގެ ހުނަރުގެ މައްޗަށެވެ. ބައެއްމީހުން އާންމު އެއްވުމަކަށް ވަނުމާއެކު އެއްވެފައިވާ މީހުންގެ ސަމާލުކަން އޭނާއަށް ހުއްޓި އޭނާއާއި ބައްދަލުވުމުން އެމީހުންނަށް އުފާވެރިކަން ލިބިގެންދަނީ ކީއްވެގެންހެއްޔެވެ.