}

Thursday, May 17, 2012

އެއީ އަހަރެންގެ ދައްތައެވެ

ި ވާހަކައަކީ އަޅުގަނޑު ކުރިން މި ބްލޮގްގައި ގެނެސްދީފައިވާ ވާހަކައެކެވެ. ނަމަވެސް އަލުން މިވާހަކަ މި ބްލޮގްގައި މި ހިމަނާލީ އެވާހަކައިގެ އޯޑިއޯ ރެކޯޑް ކުރެވިފައިވުމާއި އެކު ތިޔަބޭފުޅުންނާއި ހިއްސާކޮށްލުމަށެވެ. އަދި އޯޑިއޯއާއިއެކު ވާހަކަވެސް އަލުން ހިމަނާލީއެވެ. މިވާހަކައިގެ އޯޑިއޯއަށް އަޑު އަޅާދީފައިވަނީ އަޅުގަނޑުގެ ދެ ކޮއްކޮ ކަމުގައިވާ ފާޠިމަތު އުފާ ޝާކިރު އަދި މަރިޔަމް ރިފާ ޝާކިރެވެ.


 :: ވާހަކައިގެ އޯޑިއޯ އަޑުއެއްސެވުމަށް މަތީގައިވާ ފޮޓޯއަށް ފިއްތަވާލައްވާ::



 ނޯޓް: މިއީ އަބްދުލްމާލިކް އަލް ޤާސިމް ލިއުއްވާފައިވާ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް މުޙައްމަދު އަލް ޝަރީފް އިނގިރޭސި ބަހުން ލިއުއްވާފައިވާ ވާހަކައެއްގެ ދިވެހި ތަރުޖަމާއެކެވެ. އޭނާގެ ކޯވަނީ ވަޅުވަދެ ކުލަ ފަނޑުވެފައެވެ. އޭނާގެ ގައިގެ ހަންގަނޑު ކަށިތަކުގައި ތަތްވެފައިވާކަހަލައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކުން އޭނާގެ އަޒުމަކަށް ބަދަލެއްނާދެއެވެ. އޭނާ ޤުރުއާން ކިޔެވުމުގައި މަސްޢޫލުވެފައިވާ ވަގުތެއްގައިމެނުވީ ތިބާއަކަށް އޭނާއެއް ނުފެންނާނެއެވެ. ބައްޕަ އޭނާއަށްޓަކައި ތައްޔާރުކޮށްދިން ނަމާދުކުރާ ކޮޓަރީގައި ހީވާގިކަމާއެކު އަޅުކަމުގައި އަބަދުމެ މަސްޢޫލުވެއުޅެއެވެ. ރުކޫޢުކޮށް، ސަޖިދަކޮށް، ޚާލިޤުވަންތަ ﷲ އަށް ދުޢާދެންނެވުމުގައި އޭނާގެ ބަލިކަށި އަތަކަށް ވަރުބަލިކަމެއް ނުލިބެއެވެ. ފަޖުރު ލުމަށްފަހު އިރު އޮއްސުމަށްދާންދެން އޭނާ އެގޮތުގައި ސާބިތުވެހުރެއެވެ.
ފޫހިވުމަކީ އޭނާ ފިޔަވާ އެހެންމީހުންނަށް ލިބިފައިވާ ސިފައެއްފަދައެވެ. އަހަރެންގެ ހާލުހުރީ ކިހިނަކުންކަމަށްތޯއެވެ؟ ޒަމާނީ ފެޝަން ފޮތްތަކާއި ވާހަކަފޮތްތަކަށް އަހަރެންވަނީ ދެވިހިފާފައެވެ. އަހަރެންގެ ނަފްސު އަހަރެން މަސްޢޫލުކުރުވީ ފިލްމުތައްބެލުމުގައެވެ. އެގޮތުން އާފިލްމުތައް ހޯދުމަށް ފިލްމުކުއްޔަށްދޭތަނަށް އަހަރެން ކުރާ ދަތުރުތަކަކީ އެހަރެން ސިފަކޮށްދޭ ރަމްޒެއްކަމުގައިވިއެވެ. މީހަކު އެއްކަމެއް މާބޮޑަށް ތަކުރާރުކުރާނަމަ އެކަމަކީ އެމީހަކު ސިފަކޮށްދޭ ކަމެއްކަމުގައި މީހުންބުނެއުޅޭ ބީދައިންނެވެ. އަހަރެން އަހަރެންގެ ހަޤީޤީ ވާޖިބުތަކާ ޒިންމާތައް އެއްފަރާތްކުރީމެވެ. ކަންނެތްކަން އަހަރެންގެ އަޅުކަންތަކާއި ނަމާދުގެ މައްޗަށް ވެރިވަމުންދިޔައެވެ. އެއްރެޔަކު އަހަރެން ވީޑިއޯ ނިއްވާލީ ހުއްޓުމެއްނެތި ކުރިޔަށްދިޔަ މެރެތަން ރޭހެއްފަދައިން ތިން ގަޑިއިރުވަންދެން ފިލްމުބަލަން އިނުމަށްފަހުއެވެ. އޭރު ފަތިސް ނަމާދުގެ ބަންގީގެ އަޑު ރޭގަނޑުގެ ހަމަހިމޭންކަމުގެ ތެރެއަށް މަޑުމަޑުން ފޭދެމުންދިޔައެވެ. ނަމަވެސް އެއަޑަށް ސަމާލުކަމެއް ދިނުމެއްނެތި ރަޖާގަނޑުގެ ދަށަށް އަހަރެން ވަދެ ހިންދެމިލީމެވެ. ކުއްލިއަކަށް ނަމާދުކުރާ ކޮޓަރީގެ ތެރިން ނޫރާ ގޮވާލި އަޑު އިވުނެވެ. "ކީކޭ! އެއްވެސްކަމެއް ބޭނުންތަ ނޫރާ؟" ތޫނު ތިނޯހަކުން ފުއްޕާހަމެއް ފަޅާލާފަދައިން ނޫރާ އަހަރެންގެ ރޭވުން ހަލާކުކޮށްލިއެވެ. "ފަތިސްނަމާދުނުކޮށް ނުނިދާތި!" އާހް.... އަދި ފަތިސްވުމާހަމައަށް އެއް ގަޑިއިރު އެބައޮތް އެއީ އަދި ފުރަތަމަ ބަންގީގެ އަޑު! ނޫރާ އޭނާގެ ނިޔަނެތި އަޑުން އަހަރެން އޭނާގެގާތައް އައުމަށް އެދުނެވެ. އެއީ އޭނާގެ މިޒާޖެވެ. ނުރައްކާތެރިބަލީގައި ދުވަސްތައް ބަލިއެނދުގައި ގުނަންޖެހުމުގެ ކުރިންވެސް އޭނާގެ މިޒާޖުގައި ނިޔަނެތިކަމާއި މަޑުމައިތިރިކަން އެކުލެވިގެންވިއެވެ. "ހަނާން، މިތާ އަހަރެން ގާތަށް އައިސް އިށީންދެބަލަ" އަހަރެންނަށް އޭނާގެ އެއްވެސް އެދުމަކަށް ދެކޮޅުހަދާކަށް ނުކެރެއެވެ. އެފަދަ ކޮންމެ އެދުމެއްގައި ތެދުވެރިކަމާއި މަޑުމޮޅިކަން އެކުލެވިފައިވެއެވެ. "ކީކޭ ނޫރާ؟" "މިތާ އަހަރެން ގާތުގަ އިށީންދެބަލަ." "އާން މި އިށީންނަނިއްޔޭ! ކޮންވާހަކައެއް ހިތުގަ އޮވެގެންތަ ތިއުޅެނީ؟" ނޫރާ އޭނާއައްލިބިފައިވާ ރީތި އަޑުން ޤުރުއާން ކިޔަވަން ފެއްޓިއެވެ. { كُلُّ نَفۡسٍ۬ ذَآٮِٕقَةُ ٱلۡمَوۡتِ‌ۗ وَإِنَّمَا تُوَفَّوۡنَ أُجُورَڪُمۡ يَوۡمَ ٱلۡقِيَـٰمَةِ‌ۖ فَمَن زُحۡزِحَ عَنِ ٱلنَّارِ وَأُدۡخِلَ ٱلۡجَنَّةَ فَقَدۡ فَازَ‌ۗ وَمَا ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا مَتَـٰعُ ٱلۡغُرُورِ} (3:185) "ކޮންމެ ނަފްސަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުޅަ އަމަލުތަކަށް) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާދެއްވާނެކަން ކަށަވަރީ، ޤިޔާމަތް ދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ އެމީހަކު ނަޞީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ." އޭނާ އެއާޔަތާއިމެދު ވިސްނާލުމަށް މަޑުކޮށްލިއެވެ. އަދި ބުންޏެވެ. "މަރުވާނެކަން ޤަބޫލުކުރަންތަ؟" "އާން! އެއްވެސް ޝައްކެތްނެތް." "އެހެންވިއްޔާ އެމީހަކުކުރި ކޮންމެ ކަމަކަށް، އެއީ ކިތަންމެ ބޮޑުކަމަކަސް އަދި ކިތަންމެ ކުޑަކަމަކަސް، އެމީހަކު ޒިންމާވާންޖެހޭނެކަން ޤަބޫލުކުރަންތަ؟" "އާން. އަހަރެން ޤަބޫލުކުރަން. އެކަމަކު ﷲ އެއީ ފާފަފުއްސަވާ ރަޙްމާންވަންތަ ރަހީމްވަންތަ ރަސްކަލާނގެ. އަދި އަހަރެންގެ ހަޔާތުގައި ބާކީ ބައިވަރުދުވަސްތައް ކުރިއަށް އެބައޮތް" "ހުއްޓާލާ ހަނާން. ހަނާން މަރާއި މަރުގެ ސަކަރާތާއިމެދު ބިރެއްނުގަނޭތަ؟ ނިކަން ހިންދުއަށް ބަލާބަލަ. އޭނާ ހަނާންއަށްވުރެ ހަގެއްނު. އެކަމަކު އޭނާވަނީ ކާރު އެކްސިޑެންޓެއްގައި މަރުވެފައެއްނު. މިގޮތައް ހަނާންއަށްވެރު ހަގު ކިތައް ކިތައް މީހުން މަރުވެއްޖެ. މަރަކީ އުމުރެއް ދަންނައެއްޗެއްނޫން، އަދި ހަނާންގެ އުމުރަކީ ހަނާން މަރުވާނެ ދުވަސް ކަނޑައަޅާ މިންގަޑެއްވެސްނޫން." ކޮޓަރީގައިވާ އަނދިރިކަމުގެ ސަބަބުން އަހަރެންގެ ހިތައް ބިރުވެރިކަން ވެރިކުރުވާ ހީބިހިނަގައިގެން ދިޔައެވެ. "އަހަރެންމީ އަނދިރިއަށް ނުލާހިކު ބިރުގަންނަމީހެއް މިހާރު ނޫރާ ތި އަހަރެން މަރުދެކެ ބިރުގަންނަވާލީ" ދެން ކިހިނެތް އަހަރެން މިރޭ ނިދާނީ؟.. ނޫރާ އަހަރެން ހީކުރީ ނޫރާ އަހަރެމެންނާއެކު މިފަހަރުގެ ޗުއްޓީ ދަތުރުގައި ބައިވެރިވާނެކަމަށް." ނުރާގެ އަޑު ފަޅައިގެންދިޔައެވެ. އޭނާގެ ހިތައް ވެރިވި ބިރުވެރިކަމުގެ ސަބަބުން ތުރުތުރު އަޅަންފެށިއެވެ. "ހީވަނީ މިފަހަރު އަހަރެން ދާންޖެހޭނީ ވަރަށް ދިގު ދަތުރެއްގައިހެން. އެކަމަކު ހަނާންމެން ތިރާވާ ތާކަށްނޫން. މީ އަހަރެންނަށް ހީވާގޮތް. އަހަރެމެންގެ ފުރާނަތަކުގެ ވެރިފަރާތަކީ މާތް ﷲ، އަހަރެމެން އެނބުރި ދިއުންވަނީވެސް އެކަލާނގެ ހަޟްރަތައް." އެހިނދު އަހަރެންގެ ލޯފުރިގެން ދިޔައެވެ. އަދި ކަރުނަތަށް މަޑުމަޑުން ދެކޯތާފަތްމައްޗަށް ފޭދިިގެންދިޔައެވެ. އަހަރެން ހަނާންގެ ބަލިހާލާއިމެދު ވިސްނާލީމެވެ. އެދުވަހު ޑޮކްޓަރު ބައްޕަޔާއި ވަކިން ބައްދަލުކޮށް ބައްޔާއިމެދު ބުނެފައިވަނީ ނޫރާގެ ބަލި ރަނގަޅުވާނެކަމުގެ އެއްވެސް އުންމީދެއް ނެތްކަމަށެވެ. އެއްވެސްމީހަކު ނޫރާ ގާތު މިވާހަކައެއް ނުބުނެއެވެ. އެކަމަކު އެޚަބަރު ނޫރާއަށް ލިބުނީ ކިހިނެތްބާއެވެ؟ ދައްތައަށް ހަޤީޤަތަކީ އެއީކަމަށް ހީވަނީބާވައެވެ؟ "ކޮންކަމަކާ ތި ވިސްނަނީ؟" ދައްތަގެ އަޑުގައިވަނީ ހަމަޖެހުމާއި ޔަޤީންކަމެވެ. "ހަނާން ހީކުރީ އަހަރެން މިގޮތައް މި ވާހަކަދައްކަނީ އަހަރެން ބަލިވީމަކަމަށްތަ؟... އެކަމަކު ސިއްހަތު ރަނގަޅު މީހަކަށްވުރެ މާގިނަދުވަހު އަހަރެން ދުނިޔޭގައި ހުރެވެސްދާނެ. ހަނާންއަށް ދުނިޔޭގައި ހުރެވޭނީ ކިހާދުވަހަކު؟ ވިހި އަހަރު.. ނޫނީ ސާޅިސް އަހަރު؟ ދެން އެއަށްފަހު ވާނީ ކިހިނެތް؟" އަނދިރީގެ ތެރެއިން އޭނާ އަހަރެންގެ އަތުގައިހިފައި މަޑުމަޑުން ފިއްތާލިއެވެ. "އަހަރެމެން ދެމީހުންގެ މެދުގައި އެއްވެސް ތަފާތެއްނެތް. އަހަރެމެން ކޮންމެ މީހަކުވެސް މިދުނިޔެ ދޫކޮށް ސުވަރުގޭގެ އުފާވެރިކަން ނުވަތަ ނަރަކައިގެ އަޒާބު ލިބިގަންނާނެވެ. ﷲ ގެ ބަސްފުޅު ނިކަން އަހާބަލަ." {فَمَن زُحۡزِحَ عَنِ ٱلنَّارِ وَأُدۡخِلَ ٱلۡجَنَّةَ فَقَدۡ فَازَ‌ۗ وَمَا ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا مَتَـٰعُ ٱلۡغُرُورِ‌} "ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ އެމީހަކު ނަޞީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ." (3:185) އަހަރެން ދައްތަގެ ކޮޓަރިން ނުކުތުމަށް ހިނގައިގަތީމެވެ. "މާތް ﷲ ހަނާންއަށް ހެޔޮމަގަށް މަގު ދައްކަވާށި – ފަތިސް ނަމާދުގެ މަތިން ހަނދާންނައްތާނުލާތި" ނޫރާ އަރެންނަށްޓަކައި ހެޔޮދުޢާ ކޮށްދިނެވެ. އަށެއްޖެހިއިރު އަހަރެންނަށް ހޭލެވުނީ ދޮރުގައި މީހަކު ޖަހާއަޑަށެވެ. މިއީ އާންމުގޮތެއްގައި އަހަރެން ހޭލާ ގަޑިއެއްނޫނެވެ. "އަނެއްކާ ކިހިނެތްވީބާ؟" ފަތިސް ނަމާދަށްފަހު ނޫރާގެ ހާލުމާބޮޑަށް ދެރަވީއެވެ. އެމީހުން އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ. " إِنَّا لِلَّهِ وَإِنَّآ إِلَيۡهِ رَٲجِعُونَ " މިހާރު މެންދުރުން އަނބުރާ އެކެއް ޖަހަނީއެވެ. މަންމަ ނޫރާގެ ހާލުބެލުމަށް ހޮސްޕިޓަލުގައި ހުރި ބައްޕައަށް ފޯންކުރިއެވެ. "އާން. މިހާރު އައިސް ނޫރާއާ ބައްދަލުކުރެވިދާނެ" ބައްޕަގެ އަޑުގައިވާ ރާގު މިހާރު ބަދަލުވެއްޖެއެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމުގައި މަންމައަށް ޔަޤީންކުރެވުނެވެ. މަންމައާއި އެކު އަހަރެން ވަގުތުން ހޮސްޕިޓަލަށްދިއުމަށް ނުކުތީމެވެ. އަހަރެން ކޮންމެދުވަހަކުމެ އެއީ ވަރަށްކުރު މަގެއްކަމަށްދެކި އެމަގަކުން ދަތުރުކުރާ މަގު މިއަދު ވަރަށްދިގުވެއްޖެއެވެ. އަދި ކޮންމެ ދުވަހަކުމެ އެމަގަކުން ފެންނަ މީހުންތައް މިއަދު އަހަރެންނަކަށް ނުފެނެއެވެ. މީގެ ކުރިން އެމީހުން އަހަރެންނަށް މަގުން ތަންދައްކާކަމުގައި އަހަރެންނަށް ހީވިއެވެ. ހަލުވި ހިނގުމުގައި އަހަރެންނާއި މަންމަ ހިނގާފައިދިޔައިރު މަންމަ ދިޔައީ ލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުން ފޮހެމުންނެވެ. އަދި އަބަދުމެ ނޫރާއަށްޓަކައި ހެޔޮ ދުޢާކުރަމުންދިޔައެވެ. އަހަރެމެން ހޮސްޕިޓަލްގެ ދޮރުން އެތެރެއަށްވަނީމެވެ. ހޮސްޕިޓަލްގެ ތެރޭގައި އެކަކު ހިތާމަވެރިކަމާއި މޮޅިވެރިކަމާއެކު ރޮމުންދިޔައެވެ. އަނެކަކު އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ގޮވައިގެން ހޮސްޕިޓަލްގައި ހަރަކާތްތެރިވަމުންދިޔައެވެ. އަދި ތިންވަނަ މީހެއްގެ ލޮލުގައި ނަރުހުން އައިސް އަޅަމުންދިޔައެވެ. އޭނާ ދިރިހުރިކަމެއް ނުވަތަ މަރުވެފައިވާކަމެެއް ބުނާކަށްނޭންގެއެވެ. ހަލުވި ފިޔަވަޅުގައި އަހަރެމެން ނޫރާއޮތް ފްލޯއަށް އެރީމެވެ. ނޫރާ އޮތީ އިންޓެންސިވް ކެއަރ ޔުނިޓްގައެވެ. އެވަގުތު ނަރުހެއް އަހަރެމެންނާއި ބައްދަލުކުރިއެވެ. "ނޫރާ އޮތް ތަނަށް ގެންގޮސްދެންތަ؟" އަހަރެމެން ނަރުހާއި އެކު ހިނގަމުންދިޔައިރު އޭނާ ނޫރާގެ ރަނގަޅުކަމާއި މަޑުމައިތިރިކަމުގެ ވާހަކަ ދައްކަމުންދިޔައެވެ. އަދި މިއަދު ހެނދުނަށްވުރެ މިހާރު ނޫރާގެ ހާލު ރަނގަޅުކަމުގައި އޭނާ މަންމަގާތުބުންޏެވެ. "މާފުކުރޭ މިތާ އެތެރެޔަށް ވަދެވޭނީ ފަހަރަކު މީހަކަށް." މި އީ ހާލުބޮޑު ބަލިމީހުންނަށް ޚާއްޞަފަރުވާދެވޭ ތަނެވެ. ބޭރުގައި ހުރި ކުޑަދޮރުން ހަނިގޮތަކަށް އަހަރެންނަށް ނޫރާގެ މޫނު ފެނުނެވެ. މަންމަ ނޫރާގެ ގާތުގައި ހުއްޓެވެ. ދެމިނެޓެއްވަރުފަހުން މަންމަ ބޭރަށް ނުކުތެވެ. "މިހާރު ވަދެވިދާނެ. އެކަމަކު މާގިނައިރު ވާހަކަ ނުދައްކާތި" އެމީހުން އަހަރެންގާތު ބުންޏެވެ. "ދެމިނެޓްވަރު ރަނގަޅުވާނެ" "ނޫރާ. ހާލުކިހިނެތް؟ ރޭގައި ނޫރާގެ ހާލު ވަރަށް ރަނގަޅެއްނު. ކިހިނެތްވީ؟" އަހަރެމެން އެކަކު އަނެކަކުގެ އަތުގައި ހިފާ މަޑުމަޑުން ފިއްތާލީމެވެ. އެވަގުތު ނުރާ އުނދަގޫގޮތަކަށް ކެއްސާލިއެވެ. "މިހާރުވެސް، އަލްހަމްދު ލިއްލާހި، އަހަރެންގެ ހާލު ހަމަ ރަނގަޅު." "އަލްހަމްދު ލިއްލާހި... އެކަމަކު.... ދައްތަގެ އަތް ހާދަ ފިންޔޭ" އަހަރެން އެދުމަތީގައި އިށީންދެ ދައްތަގެ ކަކުލުގައި އަތްޖައްސާލީމެވެ. އޭނާ އަހަރެންގެ އަތް ވަގުތުން ދުރަށް ކޮށްޕާލިއެވެ. "މާފުކުރޭ ދައްތައަށް ތަދުވީތަ؟" "ނޫން ކުއްލިއަކަށް މާތް ﷲ ގެ ބަސްފުޅެއްގެ މަތިން ހަނދާންވީ" { وَٱلۡتَفَّتِ ٱلسَّاقُ بِٱلسَّاقِ } {އަދި (މަރުގެ ސަކަރާތުގައި) އެއްފައި އަނެއްފަޔާ އޮޅާލެވޭ ހިނދެވެ. – (29-75)} "ހަނާން. އަހަރެންނަށްޓަކައި ހެޔޮ ދުޢާކޮށްދީ. އަހަރެން ވަރަށް އަވަހަށް ދާއިމީ ދިރިހުރުމުގެ ފުރަތަމަ ދުވަހާއި ބައްދަލުކުރަން ޖެހިދާނެ. އެއީ ވަރަށްދިގު ދަތުރެއްއެދަތުރަށްޓަކައި އަހަރެންނަށް މާބޮޑު ހެޔޮކަމެއް ރައްކާކުރެވިފައެއްނެތް." ނޫރާގެ އެބަސްތަކުން އަހަރެންގެ ލޮލުން ހުދު އަހަރެންނަށްވެސް ނޭންގި ކަރުނަތައް ސިއްރުން ފައިބަން ފެށިއެވެ. އެންމެފަހުން އަހަރެންނަށް ރޮވެންފެށިއެވެ. އޭނާވެސް އަހަރެންގެ ރުއިމުގައި ބައިވެރިވިއެވެ. އަހަރެމެން ދެބެންމެ އެކަކު އަނެކަކުގެ އަތުގައި ހިފަހައްޓައިގެން ތިބެ ރޮމުން ދިޔައީމެވެ. އަހަރެންގެ ލޮލުން ފޭބި ކަރުނަ ތިކިތައް ދައްތަގެ އަތްމައްޗަށް ފައިބަމުން ދިޔައެވެ. މި މަންޒަރު ބަލަން ކަންބޮޑުވެފައި ބައްޕަ ހުއްޓެވެ. މީގެ ކުރިން އަހަރެން މިފަދައިން ރޮނިކޮށް ބައްޕައަށް ފެނިފައެއް ނުވާނެއެވެ. އަހަރެން ގޭގެ ކޮޓަރީގައި ހިތްދަތި ދުވަހެއްގެ އިރު އުދަރެހުން އޮބާލާ މަންޒަރު ބަލަން އިނީމެވެ. މުޅިގޭތެރޭގައިވެސް ރަސްކަންކުރަމުންދިޔައީ ހަމަހިމޭންކަމެވެ. އަހަރެންގެ ބޮޑުބޭބެގެ ކުއްޖެއް ކޮޓަރިއަށް އައިސް ވަނެވެ. އަދި މަޑުމަޑުން ގޭތެރޭގައި މެހުމާނުން އިތުރުވަމުންދިޔައެވެ. ހުރިހާ އެންމެންގެ އަޑުތައްވަނީ އެކަތިގަނޑަކަށްވެފައެވެ. އަހަރެންނަށް ޔަޤީންކުރެވުނީ ހަމަ އެންމެކަމެކެވެ. ދައްތަ ނޫރާ މި ދުނިޔެއާއި ވަކިވެއްޖެއެވެ! މިކޮޓަރިއަށް ވަދެނިކުމެވީ ކޮންބައެއްކަމެއް އަހަރެންނަކަށް ނޭންގެއެވެ. އަމުދުން އެމީހުން ދެއްކީ ކޮންވާހަކަތަކެއްކަމެއްވެސް އަހަރެންނަކަށް ނޭންގުނެވެ. މާތް ރަސްކަލާކޯއެވެ. އަހަރެންނަށް މިވަނީ ކިހިނެތްހެއްޔެވެ؟ އަހަރެންނަކަށް އިތުރަކަށް ނުވެސް ރޮވުނެވެ. އަހަރެންގެ ހަނދާނުގައި ހުރީ އެންމެ ކަމެކެވެ. އެއީ ނުރާ އޭނާގެ އެންމެ ފަހުގެ ވަގުތުތައް ބަލި އެނދުގައި އޮވެ ގުނަމުންދިޔަ ވަގުތެވެ. އެހިނދު ނޫރާ ކިޔެވި އާޔަތުގެމަތިން އަހަރެން ހަނދާންވިއެވެ: { وَٱلۡتَفَّتِ ٱلسَّاقُ بِٱلسَّاقِ } "އަދި (މަރުގެ ސަކަރާތުގައި) އެއްފައި އަނެއްފަޔާ އޮޅާލެވޭ ހިނދެވެ." – (29-75) އަހަރެންނަށް ޖެހިގެން އޮތް އާޔަތުގެ ތެދުކަން މާބޮޑަށްވެސް ޔަޤީންކުރެވުނެވެ. { إِلَىٰ رَبِّكَ يَوۡمَٮِٕذٍ ٱلۡمَسَاقُ } "އެދުވަހުން އެމީހަކު ގެންދެވުންވަނީ، ތިބާގެ ވެރިރަސްކަލާނގެ ހަޟްރަތަށެވެ." – (30-75)} އަހަރެން މަޑުމަޑުން ދައްތަގެ ނަމާދު ކޮޓަރިއަށް ވަނީމެވެ. އަދި ހަމަހިމޭންވެފައިވާ ނޫރާގެ ހެދުން އަލަމާރިއަށާއި، ބަސްހުއްޓިފައިވާ ލޯގަނޑަށް ބަލާލީމެވެ. އަހަރެން އަހަރެންނާއެކު މަންމަގެ ރަހިމް ހިއްސާކުރި ދައްތަގެ ހަނދާން އާކުރީމެވެ. ނޫރާއަކީ އަހަރެންގެ އެއްމާބަނޑު ދައްތައެވެ. އަހަރެން އަހަރެންގެ ހިތާމަތައް ހިއްސާކުރި ދައްތަގެ މަތިން ހަނދާންކުރީމެވެ. އެއީ އަހަރެންގެ ހަޔާތުގެ ބަނަ ދުވަސްތަކުގައި އަހަރެން މަސަލަސްކޮށްދިން ދައްތައެވެ. އަދި އަހަރެންނަށް ތެދުމަދު ލިބުމަށްއެދި ﷲ އަށް ދުޢާކުރުމުގައި ދެމިހުރި ލޯބިވާ ދައްތަގެ މަތިން ހަނދާންކުރީމެވެ. ދައްތަވަނީ އަހަރެންނަށްޓަކައި އެތަކެއް ދިގު ރޭތަކެއް ރުއިމުގައި ހޭދަކޮށްފައެވެ. މަރާއި ތިމާގެ ޢަމަލުތަކާމެދު ތިމާ ޒިންމާވާންޖެހޭ ދުވަހުގެ މަތިން ހަނދާންކޮށްދިނުމުގައެވެ. މާތް ﷲ އަހަރެމެން އެންމެން ނަރަކައިން ސަލާމަތްކުރައްވާށިއެވެ. މިއީ ނުރާ އޭނާގެ ކައްވަޅުގައި ހޭދަކުރާނޭ ފުރަތަމަ ރެޔެވެ. ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ ނޫރާއަށް ރަޙްމަތްލައްވާ އޭނާގެ ކައްވަޅު އަލިކޮށްދެއްވާފާންދޭވެ. މިއީ އޭނާ ކިޔަވަން ގެންގުޅުނު މުސްހަފެވެ. އަދި މިއީ އޭނާގެ ނަމާދު މުސައްލައެވެ. ދެން އެވަނީ މަޑު ފިޔާތޮށި ފިނިފެންމާ ކުލައިގެ ހެދުމެކެވެ. އެއީ ނޫރާ އޭނާގެ ކައިވެނީގެ ދުވަހަށްޓަކައި ރައްކާކޮށްފައިވާ ހެދުމެކެވެ. ހަމައެކަނި އޭނާގެ ފިރިމީހާއަށްޓަކައެވެ. އަހަރެން އަހަރެންގެ ދައްތަގެ މަތިން ހަނދާންކުރީމެވެ. އަދި ވޭތުވެދިޔަ ތަނުގައި އަހަރެން އިސްރާފުކޮށް ބޭކާރުކޮށްފައިވާ ދުވަސްތަކާއިމެދު ހިތާމަކޮށް ރުއިމެވެ. އަދި ﷲ ގެ ހަޟްރަތުން އަހަރެންނަށް ރަޙްމަތްލައްވާ ފާފަފުއްސަވައިދެއްވުން އެދި ދެންނެވީމެވެ. އަދި އަހަރެންގެ ދައްތައަށް ދައްތަ އޭނާގެ ދުޢާގައި އަބަދުމެ އެދޭފަދައިން ކައްވަޅުގައި ސާބިތުކަންދެއްވުންއެދި ދެންނެވީމެވެ. ކުއްލިއަކަށް އަހަރެންގެ ނަފްސައް ސިހުމެއް ވެރިވިއެވެ. އަދި ހަށިގަނޑު ތުރުތުރުލާންފެށިއެވެ. އަހަރެން އަހަރެންގެ ނަފުސާ ސުވާލުކުރީމެވެ. "މިއަދު އެމަރުވީ އަހަރެންނަމަ... ދެންވާނީ ކިހިނެތްހެއްޔެވެ؟ އަހަރެންގެ ނިމުންވާނީ ކޮންފަދައަކުން ހެއްޔެވެ؟ އަހަރެންގެ ހިތުގައި އުފެދިގެންދިޔަ ބިރުވެރިކަމުގެ ސަބަބުން އަނެއްކާވެސް ހޯސްލާފައި އަހަރެންގެ ލޮލުން ކަރުނަތައް އޮހިގަތެވެ. ﷲ އަކްބަރު، ﷲ އަކްބަރު... (އެންމެބޮޑީ ﷲ އެވެ. އެންމެބޮޑީ ﷲ އެވެ.) ރޭގަނޑުގެ ހަމަހިމޭން ކަމުގެ ތެރެއިން މިސްކުތުން ބަންގީގެ އަޑު ފާޅުވާންފެށިއެވެ. މިފަހަރު އެ އަޑުގައިވަނީ ކޮންފަ ޖާދޫއެއް ހެއްޔެވެ. މަތިވެރިކަމާއި ބާރު އެ ލަފްޒުތަކުން އަހަރެންނަށް މިރޭ ސިފަވަމުންދިޔައެވެ. މުއައްދިން އިއްވަމުންދިޔަ ބަންގީގެ ލަފްޒުތައް އަހަރެން މަޑުމަޑުން ތަކުރާރުކުރަމުންދިޔައިރު ހިތައް ހަމަޖެހުމާއި އަމާންކަން ވެރިވެގެންދިޔައެވެ. އަހަރެން އަހަރެންގެ ބުރުގާ ބޮލާއިއެކު އަޅާ ނިވާކޮށްލީމެވެ. އަދި ފަތިސްނަމާދުކުރުމަށް ތެދުވީމެވެ. އަހަރެން ނަމާދުކުރީ އެއީ އަހަރެންގެ ހަޔާތުގެ އެންމެފަހު ނަމާދުކަމުގައި ދެކިގެންނެވެ. އަހަރެންގެ އުޚްތު ނޫރާ އިއްޔެގެ ފަތިސްނަމާދު ކުރިފަދައިންނެވެ. އެއީ އޭނާގެ އެންމެފަހުގެ ފަތިސް ނަމާދެވެ. މިހާރު އަދި އިންޝާﷲ އަހަރެންގެ މުޅިއުމުރުގައިވެސް އަހަރެންނަށް ހެނދުނު ހޭލެވިއްޖެނަމަ ހަވީރުވަންދެން ދުނިޔޭގައި ހުރެވިދާނެކަމަށް އަހަރެން އުންމީދެއް ނުކުރަމެވެ. އަދި ހަވީރުވުމުން ހެނދުނުވަންދެން ދުނިޔޭގައި ހުރެވޭނެކަމަށް އަހަރެން އުންމީދެއް ނުކުރަމެވެ. އަހަރެމެން ކޮންމެ މީހަކީވެސް ނޫރާ އެކުރި ދަތުރާ ކުރިމަތިލާންޖެހޭނޭ މީހެކެވެ. މިއަދު ނީނޫ މާދަމައެވެ. ވީއިރު އެދަތުރައްޓަކައި އަހަރެމެން ތައްޔާރުކުރީ ކޮންއެއްޗެއްހެއްޔެވެ؟ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ އީމާންކަމުގެ ފޭރާމުން އަޅަމެން ޒީނަތްތެރިކުރައްވާފާންދޭވެ! އަދި އަޅަމެންނީ ހައްޤުގެ މަގުގައި ހިފައި ތެދުމަގަށް ގޮވާލާ ބަޔަކު ކަމުގައި ލައްވާފާންދޭވެ! - އާމީން

No comments: