}

Thursday, May 17, 2012

އުފާވެރި ޙަޔާތަކަށް - އަހަރުމެން ދަސްކުރަން މިއުޅެނީ ކޮންކަމެއް؟

އިންސާނުންނަކީ އެބައިމީހުންނަށް ކުރިމަތިވާ އުފާތަކާއި ހިތާމަތައް ހިއްސާކުރަން ބޭނުންވާ ބައެކެވެ. އެބައިމީހުން މުއްސަދިވުމުން
ނުވަތަ ފައިސާވެރިވުމުން އުފާކުރެއެވެ. އެބައިމީހުންގެ މަސައްކަތުގައި ކުރިއެރުން ލިބުމުން ނުވަތަ ވަޒީފާގެ ކުރިއެރުންލިބުމުން އުފާކޮށް އެކަން ފާހަގަކުރެއެވެ. ބަލިވުމަށްފަހު ފަސޭހަވުމުން އެބައިމީހުންނަށް ހިތްހަމަޖެހުން ގެނެސްދެއެވެ. އަދި ދުނިޔޭގެ ހުވަފެންތައް ހާޞިލްވުމުން އަދި އެހެންމީހުންގެ ހިނިތުންވުން ލިބުމުން އުފާވެރިކަން އެބައިމީހުންނަށް ލިބިގެންދެއެވެ. ހަމަ އެފަދައިން ބަލިވުމުން އެބައިމީހުން ދެރަވެ ހިތާމަކުރެއެވެ. އަތްމަތި ދަތިވެ ފަޤީރުވުމުން މާޔޫސްވެ ހިތްދަތި ކުރުވައެވެ. މިއީ ކަމުގެ ހަޤީގަތްކަމަށް ބަލައިގަނެ ހިތާމަތަކާއި ހިތްދަތިކަމުން އަރައިގަނެ އަހަރެމެންގެ އެކަންތައްތަކުގެ މައްޗަށް ބާރުފޯރުވޭނޭ ގޮތްތައް ހޯދަމާހެއްޔެވެ. ހަޤީގަތަކީ ދުނިޔޭގެ ދިރިއުޅުމަކީ އުފާވެރިކަމާއި ހިތާމަ އެކުވެ މަސްހުނިވެފައިވާ ދިރިއުޅުމެއްކަމެވެ. މި ހަޤީގަތައް އަޅުގަނޑުމެން އިންކާރެއް ނުކުރަމެވެ. ނަމަވެސް އަޅުގަނޑުމެންނަށް ކުރިމަތިވާ ހިތާމަތަކާއިމެދު މާބޮޑައް ވިސްނާ އެކަންކަމާމެދު މާޔޫސްވެ ހަޔާތާމެދު ނާއުންމީދުވުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ކަމަކާއިމެދު ދެރަވެ ހިތާމަކުރުމަށް ގަޑިއެއްހާއިރު ހޭދަކުރުމުން ފުދޭއިރުގައި އެތައް ދުވަސްތަކެއް، މަސްތަކެއް ނުވަތަ އަހަރުތަކެއް އެހިތާމައިގައި ވޭތުކުރަންވީ ކީއްކުރަންހެއްޔެވެ؟ އަޅުގަނޑަށް ފެނުނު ގޮތުގައި ހިތާމައާއި ހިތްދަތިވުން އަޅުގަނޑުމެންގެ ހިތްތަކަށް ވަންނަނީ އަޅުގަނޑުމެންގެ ހުއްދައެއްނެތިއެވެ. ނަމަވެސް ހިތާމަވެރިކަމަށް ހުޅުވޭ ކޮންމެ ދޮރެއް ބަންދުކުރުމަށް އެތަކެއްހާސް ގޮތްތަކަކާއި ސަބަބުތަކެއްވެއެވެ. މި ފޮތުގައި އަޅުގަނޑުމެން ދެނެގަންނަން ބޭނުންވަނީ މިކަންތައްތަކެވެ. މިތަނުގައި ތިބާގެ ސަމާލުކަމަށް އިތުރުކަމެއް ގެނެސްދޭނަމެވެ. ހުރިހާއެންމެންގެ ލޯބި ލިބިފައިވާ މީހަކު އަހަރެމެންނަށް ވަރަށްގިނައިން ފެނޭހެއްޔެވެ؟ ކޮންމެ މީހަކުވެސް އެފަދަ މީހަކާއި ބައްދަލުވުމަށް އުންމީދުކުރެއެވެ. އެފަދަ މީހަކާއެކުވުމަށް އުންމީދުކުރެއެވެ. އެކަމަކު ތިބާ އެފަދަ މީހަކަށް ވުމަށް ބޭނުމެއް ނުވޭހެއްޔެވެ؟
ހަމައެކަނި އެފަދަ މީހެއް ފެނުމުން އެކަމާ އުފާވެ ހިތްހަމަޖައްސާ ހައިރާންވުމުގެ ބަދަލުގައި ތިމާއަމިއްލައަށް ތިމާގެ ނަފްސުގެ މައްޗަށް ރުހި ހައިރާންވުން ކިހިނެތްވާނެތޯއެވެ؟ މިތަނުގައި އަޅުގަނޑުމެން ދަސްކުރާނީ އަމިއްލަ ނަފްސައް ލިބިފައިވާ އެހުނަރުތަކާއިމެދު ރުހި އެހުނަރުތަކުގެ ބޭނުންތެރިކަމާ މޮޅުކަމުގެ މައްޗަށް ހައިރާންވުމަށެވެ. ތިބާގެ ބޮޑުބޭބޭގެ ދަރިފުޅު ޖަމާޢަތެއްގައި ވާހަކަ ދައްކާއިރު ހުރިހާއެންމެން އޭނާގެ ވާހަކައަށް ސަމާލުވެ ތިބެނީ ކީއްވެހެއްޔެވެ؟ އޭނާގެ ވާހަކަ ދެއްކުމުގެ އަދަބުތަކުގެ ފުރިހަމަކަމާއިމެދު އެމީހުން ހައިރާންކުރުވީ ކީއްވެހެއްޔެވެ؟ އަދި ތިބާ އެމީހުންނާއި ވާހަކަދައްކަން ފެށުމުން އެނބުރި އެމީހުންގެ އަމިއްލަ ވާހަކަތަކާމެދު މަސްޢޫލުވެގަންނަނީ ކީއްވެހެއްޔެވެ؟ ތިބާ އަކީ ކަންކަން މާބޮޑަށް ރޯފިލާ އޭނާއަށްވުރެ ތަޢުލީމު ލިބިފައިވާ މަޤާމުގެ ގޮތުން މަތީމީހެއްކަމުގައިވެސް ވެދާނެއެވެ. އެކަމަކުވެސް މިހުރިހާ ކަންތައްތަކެއް ތިމާއަށް ލިބިހުރެމެ އޭނާ ތިމާއަށްވުރެ ބޮޑަށް މީހުންގެ ސަމާލުކަން އެ ހޯދަނީ ކިހިނެތްހެއްޔެވެ؟ އަދި ތިބާ އެކަމުގައި ނާކާމިޔާބުވެފައިވަނީ ކީއްވެހެއްޔެވެ؟ އެއްބައްޕައަކީ އޭނާގެ ދަރިންގެ ކުރިމަތީގައި މާބޮޑަށް އިޚްތިރާމްކުރެވޭ އެކުދިން މާބޮޑަށް ލޯބިވާ އަދި ބައްޕައާއިއެކު އެކުދިން ވަގުތު ހޭދަކުރަންބޭނުންވާ ބައްޕައެއްކަމުގައިވެ އަނެއް ބައްޕައަކީ އޭނާގެ ދަރިންގެ ކިބައިން އޭނާއާއިއެކު ވުމަށް ކުދިންގެ ކިބައިން އާދޭސްކުރަންޖެހި އެކުދިންގެ އެފަދައިން އޭނާއާއިއެކު ނުވުމަށް ތަފާތު އުޒުރުތައްދައްކާ ހަދަނީ ކީއްވެގެންހެއްޔެވެ؟ އެ ދެމީހުންނަކީވެސް ބައްޕައިން ނޫންހެއްޔެވެ؟ މިތަނުގައި އަަހަރެމެން ދަސްކުރާނީ ދިރިއުޅުމުގައި ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދާނެ ގޮތްތަކެވެ. އަދި އެހެންމީހުންގެ ޝައުޤުވެރިކަން ހޯދާ، އަނެކާގެ މައްޗަށް ނުފޫޒުފޯރުވާ، އަނެކާގެ ނޭދެވޭ ސިފަތަކުން ދުރުވެ، ރިވެތި އަދަބުތައް ލިބިފައިނުވާ މީހުންނާއިއެކު މުޢާމަލާތްކުރާނެ ގޮތްތަކެވެ. އަޅުގަނޑުގެ ބަހެއް... ކާމިޔާބީއަކީ އެނެކާ ޝަޢުޤުވެރިވާ ކަންތައްތައް ދެނެގަތުމެއްނޫނެވެ. ނަމަވެސް އަނެކާގެ ރުހުމާއި ލޯބި ހޯދުމަށް ތިމާ ބޭނުންވާ ހުނަރުތައް ދެނެގަނެ އެ ހުނަރުތައް ބޭނުންކުރުމެވެ.

No comments: