}

Wednesday, October 3, 2012

އަނެކާ އޮރިޔާންކުރާ ވިޔަފާރި!؟

މާލޭގެ މަގުތަކަކީ މިއަދު އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ސިޓިންގރޫމްތަކުން މިފެންނަ ސެޓަލައިޓް ޓީވީ ޗެނަލްތަކުން ފެންނަ
ގިނަ މަންޒަރުތަކާއި ތަފާތު މަންޒަރުތަކެއްނޫނެވެ. "ނަންކިޔާ" ޔޫރަޕީ ތަމައްދުންގެ ތެރެއިން އަޅުގަނޑުމެންވެސްވަނީ މަތީ މިންވަރެއް ހާޞިލްކޮށްފައެވެ. އަދި ކިއެއްތަ ބައެއް ކަންތައްތަކުގައި އަޅުގަނޑުމެންވަނީ އެމީހުންނަށްވުރެ ކުރިއަރާގޮސްފައެވެ. ހިތާމައަކީ އެމީހުންގެ ފުށުން ނަކަލުކޮށް އަޅުގަނޑުމެންނަށް ކުރިއަރާ މިދެވުނީ އެބައިމީހުންގެ ތެރޭގައި ހުރި އުނި ކަންތަކުންނެވެ. ވިޔާނުދާ އަޚްލާޤީގޮތުން އަގެއްނެތް ކަންކަމުގައެވެ. ހިތާމައަކީ އެ ދަޅަތަކަކަށް ހެއްލި އަދި އެކުލަތަކެއްރީތިވެ އެފެޝަންތަކަށް އަޅުގަނޑުމެން ލޯބިކޮށްފައިމިވަނީ އެއިން ދުނިޔެއާއި އާޚިރަތުގައިވެސް މަންފާއެއްނުކުރާ އަދި އެއިން އާޚިރަތުގެ ހަލާކުނޫނީ ނުލިބޭނޭ ކުލަތަކާއި ފެޝަންތައްކަމެވެ. އަނެކާގެ ކުރިމަތީގައި ތިމާގެ އަމިއްލަ ނަފްސު "ބަރަހަނާކޮށް" ޒީނަތްތެރިކަން ހިލޭ ފިރިހެނުންގެ ކުރިމަތީގައި ދައްކަމުން ބޮޑާކަމާއިއެކު ތިމާ ހިނގަމުންދާއިރު އެއްބަޔަކު ލަދުވެތިކަމުގައި އިސްތިރިކޮށްލާއިރު އަނެއްބަޔަކު ތިބެނީ ތިމާ ޝިކާރަކޮށްލާނޭގޮތަކާއިމެދު ހިތުގައި ރޭވުންތައް ރާވާލަ ރާވާލައެވެ. ދުރުދުރުން މިވާހަކަ ބުނުމުގެ މާނައެއް ހަޤީޤަތުގައި ނެތްކަން އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. އެހެނީ މިއީ މިދައްކަނީ އާވާހަކައެއް ނޫނެވެ. މިއަދު އަޅުގަނޑުމެންގެ ތެރޭގައި ޢާންމުވެފައިވާ ކަމެއްގެ ވާހަކައެވެ.
ނޫކަށި ފުރައިގެ ޒުވާން ޖިންސުން ލަޠީފުން ޒުވާންކަމުގެ ޅަނދޮޅުކަމާއި އެކު އަމިއްލަ ނަފްސު އިޝްތިހާރުކުރަމުން "އޮރިޔާން" ހާލުގައި މާލޭގެ މަގުމަތީގައި ހިނގާ ބިނގާވެ އުޅޭ އުޅުމަކީ ސިއްރެއްނޫނެވެ. އަދި ކިއެއްތަ އެއީ ގިނަބަޔަކަށް މިއަދު ލަދުވެތިކަމެއްވެސް ނޫނެވެ. ކައިވަތެއްހާވަރުގެ ނަލަ ފޮތިކޮޅަކުން ނިވާވިތަނެއް ނިވާކޮށްލައިގެން އަނެއްކައިވަތުން ހަށިގަނޑުގެ ކުލަޔާއި ވަނާ އެގޭހައިވަރުގެ ތުނި ނުވަތަ "ޓްރާންސްޕޭރަންޓް" ދާކޮޅަކުން ވީވަރެއްކޮލައިގެން ބާކީބައި ހާމަކޮށްގެން ގޭގެ ދޮރުން ނުކުމުގެން އެދަނީ މައިންބަފައިންގެ ކުރިމަތިންނެވެ. ނުވަތަ އެއްބަޑު ތިމާގެ މީހުގެ ކުރިމަތިންނެވެ. ލަދުހަޔާތުގެ ކަންފުޅެއްނެތްތާ އަނެކާއަށް އިޚްތިރާމްކުރުމެއްވެސް ހަމަ ނެތީއެވެ. ކޮންމެއަކަސް އަޅުގަނޑު ދައްކަން މިއުޅޭ ހަޤީޤީ ވާހަކަ ނުބުނެވި ލައްކަ ވާހަކަ ދިގުވެއްޖެއެވެ. ސީދާ މަޢުލޫއަށް ދަމާ ހެއްޔެވެ. އަނެކާ އޮރިޔާންކުރާ ވިޔަފާރިއެވެ. ނުވަތަ ވިޔަފާރިވެރިންނެވެ. އާންއެކެވެ. ކުރިން އަޅުގަނޑު ދައްކަމުންދިޔަ ވާހަކައާއި ވިޔަފާރިވެރިންނާއި ހުރީ ކޮން ގުޅުމެއްހެއްޔެވެ؟ މާގިނަ ވާހަކަތަކެއް ނުދެއްކިނަމަވެސް މިހާރު މި މަޢުލޫއަށް އިންސާފުކުރެވިއްޖެ ކަމުގައި ދެކެމެވެ. ނަމަވެސް ދީނަކީ ނަސޭހަތެވެ. ބައެއް ފަރާތްތަކަށް އެކަން އެހެން އެކުރެވެނީ ނޭންގުމެއްގެ ތެރޭގައިކަމަށްވެސް ވެދާނެއެވެ. މިއަދުގެ މާލޭގައި އެންމެ ފުޅާދާއިރާއެއްގައި ކުރެވޭ ވިޔަފާރިއަކީ އަންނައުނުގެ ވިޔަފާރިއެވެ. އޭގެ ތެރޭގައި ރެޑީމޭޑް ހެދުން ވިއްކާ ފަރާތްތަކާއި ހެދުން ފެހުމަށް ބޭނުންވާ ތަފާތު ފޭރާން ވިއްކާ ފަރާތްތައްވެސް ހިމެނެއެވެ. މިއިން ގިނަ ފިހާރަތަކަށް ނަޒަރުހިންގާ ބަލާލާއިރު ފެންނަނީ ޔޫރަޕާއި އިންޑިޔާގެ ފަހުގެ ޒަމާނީ ޑިސައިންތަކެވެ. ކުރިން ދަންނަވާ ސިފަކޮށްދިންފަދަ އެ ލާމީހަކަށްވެސް ނޭންގި އަމިއްލައަށް "އޮރިޔާން" ވާފަދަ ހެދުންތަކެވެ. މިބުނި ފަދައިން އޮރިޔާން ހާލުގައި އައިސް އެ ހެދުމެއް ރީތިވެގެން ގަނެގެންދާ ހެދުން ލައިގެން އަނެއްކާވެސް ދުވަސްކޮޅަކުން އައިސް ފިހާރައިގެ ސޭޓަށް ދައްކާލާނައެވެ. އަމިއްލަ ނަފްސު "އޮރިޔާން" ހާލުގައި އިސްތިހާރުކޮށްލާނެއެވެ. ޝައްކެތްނެތެވެ. މިއީ ހަމަޔަޤީނުންވެސް ފާފަތަކަށް އަރައިގަތުމަށް އެހީތެރިވުންކަމުގައި ނޫނީ ނުވާނެއެވެ. ފޮތިވިއްކާ ފިހާރަތަކުގެ ހާލަކީވެސް ހަމަ މިއެވެވެ. ކުރިން ދެންނެވި ފަދައިން އައުރަ ނިވާނުވާވަރުގެ ތުނި އަދި ގެނތުން ދުރުކޮށް ގަތާފައިވާ ފޮތިތަކާއި ޒީނަތްތެރިކަމުން ހައްދަުފަހަނައަޅާފައިވާ ފޮތިތައް ކަނޑަމުން އެގެންދަނީ އެފަދަ ފޮތީގެ މަދު މިންވަރަކުން "ނަމުގައި" އައުރަ ނިވާކޮށްގެން ތިބި ކުދިންގެ ކުރިމަތީގައި އެކުދިންނަށްޓަކައެވެ. އަދި ކިއެއްތަ ބުމަ ހެދުމާއި އެނޫންވެސް އެކަންކަން އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަންކަން ކުރުމަށް ބޭނުން ކުރާ ތަފާތު އާލާތްތަކާއި ސާމާނު ވިއްކަމުން މިގެންދަނީވެސް ހަމަ އެފަދަ ހާލުގައި ތިބި ބަޔަކަށެވެ. ހިތާމަކުރަންޖެހޭ އަނެއްކަމަކީ މިފަދަ ގިނަ ފިހާރަތަކަކީ ސުންނަތައް ތަބާވެ ސުންނަތުގައިވާ ގޮތުގެ މަތިން ދިރިއުޅެވޭތޯ ބަލަމުންދާ ބަޔަކަށް ނިސްބަތްވާ ފިހާރަތަކެއް ކަމެވެ. އަދި އެފަދަ ފިހާރަތަކުގައި ސޭލްސް މަނުންގެ ގޮތުގައި ތިބޭ ގިނަ މީހުންނަކީވެސް ސުންނަތައް ލޯބިކުރާ އަދި ކިއެއްތަ ބޭރުފުށުން ސުންނަތުގެ ސިފަތައް ފާޅުވާ މީހުންނެވެ. އެހެންކަމުން ކަމުގެ ހަޤީޤަތް ނޭންގޭތީ އެފަދަ ކަންކަމުގައި އުޅެވެނީކަމުގައި ހަމައެކަނި ބުނެ ނިންމާލެވޭކަށް ނެތެވެ. މާތްﷲ ކީރިތި ޤުރުއާނުގެ އަލް މާއިދާ ސޫރަތުގެ 2 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ މާނައީ: "އަދި ހެތޮކަންތައް ކުޅައުމާއި، ތަޤްވާ ވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި، އަދާވާތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ!" ޢިލްމުވެރިން ބަޔާންކޮށްދެއްވާ އަންގަވައިދެއްވާފައިވަނީ ކޮންމެ ކަމެއްގެ ހުކުމްވެސްވަނީ އެކަމެއްގެ ނިމުމާއި ގުޅިފައެވެ. އެހެންކަމުން ހަރާމް ކަމަކަށް މަގުދައްކާކޮންމެ ކަމެއްވަނީ ހަރާމްކުރައްވާފައެވެ. އެކަމެއްގެ ފެށުމުގައި އެއީ ހުއްދަ ކަމެއް ނަމަވެސް އެކަން ފުރިހަމަވެ ނިމިގެންދާއިރު އެއީ ހަރާމްކަމެއްކަމަށް ބަދަލުވެގެންދާކަން ތިމާއަށް އެނގޭނަމަ އެކަމެއް ފެށުންވެސް ވާނީ ހަރާމްކަމެއްކަމުގައެވެ. މި ބަޔާންވެދިޔަ މައްސަލައާއި ގުޅޭގޮތުން ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ބަޔާންކުރައްވާފައިވެއެވެ. "މީހަކު އެމީހަކު ވިއްކާ ހެދުމެއް ނުވަތަ ފަހާދޭ ހެދުމެއް އެ ބޭނުންކުރާ ފަރާތަކުން ބޭނުންކުރާނީ ހަރާމްގޮތުގައިކަން އެނގޭހާލުގައި އެމީހަކަށް އެފަދަ ހެދުމެއް ވިއްކުން ނުވަތަ ފަހާ ދިނުން ހުއްދަވެގެންނުވެއެވެ." ޝަރަހުލް އުމްދާ، 386/4 އަޅުގަނޑުމެން މިކަމުން ރެކޭނީ ކިހިނެތްތޯއެވެ؟ އެހެނީ އެފަދަހެދުން ނުވަތަ އެފޮތިތައް އަޅުގަނޑުމެން މި ވިއްކަނީ އައުރަ ނިވާނުވާހާލުގައި އައިސްތިބި ބަޔަކަށެވެ. އެހެންކަމުން އެފޮތި ނުވަތަ ހެދުން އެ މީހަކު ބޭނުންކުރާނީ އޭނާގެ ފިރިމީހާއަށް ޒީނަތްތެރިކަން ދެއްކުުމުގެ ބަދަލުގައި މަގުމަތީގައި އާންމުގެ ތެރޭގައި އެ ލައިގެނ އުޅުމަށްކަން އެބަ ޔަޤީންވެއެވެ. އަޅުގަނޑު މިވާހަކަތައް މި ލިޔެލީ މިކަމާއިމެދު ކަންބޮޑުވާތީއެވެ. އަދި މިކަމުގައި އަޅުގަޑުމެންގެ މުސްލިމް އަޚުންނާއި އުޚްތުން ޤަރަގުވެފައިވާ މިންވަރު މިއަދު ބަލާލިކޮންމެ ދިމާލަކުން ފެންނަމުންދާތީއެވެ. ޝައްކެތްނެތެވެ. ވިޔަފާރިކުރުން ﷲ ވަނީ ހުއްދަކުރައްވާފައެވެ. ނަމަވެސް އެއީ އަނެކާ އޮރިޔާންކޮށް އަނެކާ ފާފައިގެ ތެރެއަށް ގެންދިއުމަށް މަގު ފަހިކޮށްދޭ ވިޔަފާރިއެއް ނޫނެވެ. އަޅުގަނޑުމެންގެ ކޮންމެ އަމަލެއް ވާންޖެހޭނީ ﷲ ރުހިވޮޑިގަންނަވާފަދަ މުއުމިނުންގެ ޢަމަލަކަށެވެ. މާތް ﷲ ތައުބާ ސޫރަތުގެ 71 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّهَ وَرَسُولَهُ أُولَٰئِكَ سَيَرْحَمُهُمُ اللَّهُ إِنَّ اللَّهَ عَزِيزٌ حَكِيمٌ މާނައީ: "މުޢުމިން ފިރިހެނުންނާއި، މުޢުމިން އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިންކަމުގައިވާ މީހުންނެވެ. އެއުރެން ހެޔޮކަންތަކަށް އަމުރުކުރެތެވެ. އަދި އެއުރެން ނުބައިކަންތައް ނަހީކުރެތެވެ. އަދި އެއުރެން ނަމާދު ޤާއިމްކޮށް، ޒަކާތްދީ، ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވެތެވެ. އެއުރެންނަށް ﷲ ރަޙްމަތްލައްވާހުއްޓެވެ. ހަމަކަށަވަރުން ﷲ އީ އަޒީޒްވަންތަ ހަކީމްވަންތަ ރަސްކަލާނގެއެވެ." އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ތިމާގެ އަމިއްލަ ނަފްސައް ނޭދޭ ކަންކަން އަނެކާއަށް ނޭދޭށެވެ. ތިމާ ހައްޤުގެ މަގުގައިހުރެ އަނެކާ މަގުފުރެދި ދިއުމަށް ވާގިވެރިނުވާށެވެ. ﷲ އަށް ބިރުވެތިވެ ފާފަތަކުން ޠާހިރުވެގެންވާ ބައެއްކަމުގައި އަޅުގަނޑާއި ތިޔަ ލޮބުވެތި އަޚުން ލައްވާށިއެވެ. ހަރާމް ކަންކަމުން ލިބޭފައިދާއަށް ވުރެ ބޮޑު ފައިދާއެއް އެކަން ތިބާ ދޫކޮށްލައިފިނަމަ ﷲ ތިބާއަށް ދެއްވާނެތެވެ. ސޫރަތުލް ޠަލާޤްގެ 2 ވަނަ އަދި 3 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "... އަދި ﷲ އަށް ތަޤްވާވެރިވާ މީހާ (ދަންނާށެވެ!) އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އޭނާއަށް ރިޒްޤު ދެއްވާނެތެވެ. އަދި ﷲ އަށް ވަކީލުކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲ އީ އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ."

No comments: