އާދު ޤައުމުގެ މީހުން ނުވަތަ އާދު ބާގައިގެ މީހުން ހަލާކުކުރެއްވުނީ މާތްﷲ އެބައި މީހުންގެ މައްޗަށް ހަތް ރެއާއި އަށްދުވަސް ވަންދެއް މެދުކެނޑުމެއްނެތި ފޮނުއްވި ވައިގެ ޠޫފާނެއްގެ ސަބަބުންނެވެ.
"އަދި އާދު ބާގައިގެ މީހުން ދަންނާށެވެ! ފަހެ، ގަދަފަދަ ފިނިވަޔަކުން އެއުރެން ހަލާކުކުރެއްވިއެވެ. އެކަލާނގެ އެއުރެންގެ މައްޗަށް ހަތްރެޔާއި، އަށްދުވާ ވަންދެން ވިދިވިދިގެން އެ ވައި ފޮނުއްވިއެވެ. ފަހެ، އެ ޤައުމުގެ މީހުން ހޭނެތިގެން ވެއްޓިފައިވާތީ ތިބާ ދެކޭނޫއެވެ. އެއުރެންނެކޭ، ހޮއިހެދިފައިވާ ކަދުރު ރުކުގެ ބުޑުތަކެކޭ އެއްފަދައެވެ. ފަހެ، އެއުރެންގެ ތެރެއިން ސަލާމަތްވި އެކަކުވެސް ތިބާއަށް ފެނޭހެއްޔެވެ؟" (الحَاقَّة 8-6)
ހާލާކުކޮށް ނެތިކުރެވުނު ޤައުމުތަކާއި އުންމަތްތަކުގެ ތެރެއިން ކީރިތި ޤުރުއާނުގެ ގިން އާޔަތްތަކެއްގައި ނަންގަނެވިގެންވާ އަނެއް ޤައުމަކީ އާދު ބާގައިގެ މީހުންނެވެ. އާދު ބާގައިގެ މީހުންގެ ވާހަކަ ކީރިތި ޤުރުއާނުގައި ބަޔާންވެގެންވަނީ ނޫޙުގެފާނުގެ ޤައުމުގެ މީހުންގެ ވާހަކައަށް ފަހުއެވެ. އާދު ބާގައިގެ މީހުންގެ ގާތައްވެސް މާތްﷲ އެކަލާނގެ ރިސާލަތު ހާމަކޮށްދެއްވުމަށް ރަސޫލަކު ފޮނުއްވިއެވެ. އެއީ އެކަލާނގެ ރަސޫލާ ހޫދު އަލައިހިއްސަލާމެވެ. އެހެން ރަސޫލުންނެކޭ އެއްފަދައިން އެކަލޭގެފާނުވެސް އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ހައްޤުގެމަގަށް ތަބަޢަވުމަށް ގޮވާލެއްވިއެވެ. އަދި އެކަލޭގެ ފާނަށް ތަބާވެ މާތްﷲ އަށް އީމާންވުމަށް ނަސޭހަތްދެއްވާ އިންޒާރުދެއްވިއެވެ. ނަމަވެސް އިސްވެދިޔަ ޤައުމުތަކުގެ މީހުންނެކޭ އެއްފަދައިން އާދު ބާގައިގެ މީހުންވެސް އެބައިމީހުންގެ ރަސޫލާ އިންކާރުކުރިއެވެ. އެކަލޭގެފާނަކީ ދޮގުވެރިއެއްކަމަށާއި ޖާހިލެއްކަމަށާއި އެބައިމީހުންގެ ކާބަފައިންގެ އުޞޫލުތަކާ އާދަތައް ނެތިކުރުމަށް މަސައްކަތްކުރާ ބޭކަލަކުކަމުގައި ބުންޏެވެ. ހޫދު އަލައިހިއްސަލާމާއި އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ މެދުގައި ހިނގާދިޔަ ވާހަކަތައް މާތްﷲ ކީރިތި ޤުރުއާނުގައި ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ. އެކަލާންގެ ވަޙީ ބަސްފުޅުގެ މާނައިގައިވެއެވެ.
"އަދި ތިމަންރަސްކަލާނގެ އާދު ބާގައިގެ މީހުންގެ ގާތަށް، އެއުރެންގެ އަޚް ހޫދުގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ތިޔަބައިމީހުންނީ، ދޮގުހަދާ ބަޔަކު ކަމުގައި ނޫނީ ނުވެއެވެ.
އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! އަހުރެން، ތިޔަބައިމީހުންގެ ކިބަޔަކުން އެކަމުގެ މައްޗަށް އުޖޫރައަކަށް ނޭދެމެވެ. އަހުރެންގެ އުޖޫރަ، އަހުރެން އުފެއްދެވި ފަރާތުން މެނުވީ ނުވެއެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟
އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ހަޟްރަތަށް ފާފަފުއްސެވުންއެދި ދަންނަވާށެވެ. ދެން އެކަލާނގެއަށް ތައުބާވާށެވެ! އޭރުން، ތިޔަބައިމީހުންގެ މައްޗަށް އުޑުން، ބޯކޮށް ގިނައިން (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. އަދި ތިޔަބައިމީހުންގެ ބާރުގެ ތެރެޔަށް ބާރު އިތުރުކޮށްދެއްވާނެތެވެ. އަދި ކުށްވެރިންގެ ގޮތުގައި ތިޔަބައިމީހުން ފުރަގަސްދީ ނުދާށެވެ!
އެއުރެން ދެންނެވޫއެވެ. އޭ ހޫދުގެފާނެވެ! ބަޔާންވެގެންވާ ހެތްކެއް ތިމަންމެންގެ ގާތަކަށް ކަލޭގެފާނާ ނުގެންނަވަމުއެވެ. އަދި (ހަމައެކަނި) ކަލޭގެފާނުގެ ބަސްފުޅަކަށް ތިމަންމެންގެ އިލާހުންތައް ދޫކޮށްލާނޭ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ. އަދި ކަލޭގެފާނަށް އީމާންވާ ބަޔަކުކަމުގައި ތިމަންމެން ނުވާހުށީމެވެ.
ތިމަންމެންގެ ބައެއް އިލާހުން ކަލޭގެފާނަށް ނުބައިކަމެއް ޖައްސައިފިކަމުގައި މެނުވީ ތިމަންމެން ނުބުނާނޫއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ޝަރީކު ކޮށް އުޅޭ ތަކެތިން، ތިމަންކަލޭގެފާނު ބަރީއަވެގެންވާކަމަށް ﷲ ހެކިކުރައްވަމެވެ. އަދި ތިޔަބައިމީހުންވެސް ހެކިވާށެވެ!
އެކަލާނގެ ފިޔަވައި އެހެން ފަރާތްތަކުންނެވެ. (އެބަހީ: އެހެން ފަރާތްތަކުން ތިމަންކަލޭގެފާނު ބަރީއަ ވެގެންވަމެވެ.) ފަހެ، ތިޔަބައިމީހުން އެންމެން ތިމަންކަލޭގެފާނަށް (ހަލާކުދިނުމަށް) ރޭވުންތައް ރާވާށެވެ! ދެން ތިމަންކަލޭގެފާނަށް ލަސްކުރާނެކަމެއް ނެތެވެ.
ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ވެރި އަދި ތިޔަބައިމީހުންގެ ވެރި ﷲ އަށް ތިމަންކަލޭގެފާނު ވަކީލުކޮށްފީމެވެ. އެއްވެސް ދިރޭއެއްޗެއް، އެ އެއްޗެއްގެ ނާސިޔަތްގައި އެކަލާނގެ ހިއްޕަވާ ހާލުގައިވާ ކަމުގައި މެނުވީ ނުވެއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ވޮޑިގެންވަނީ، ސީދާ ވެގެންވާ މަގުގައެވެ. (ނާސިޔަތް އަކީ ނިތްކުރިމަތީގެ އިސްތަށިގަނޑެވެ. ނާސިޔަތް ގައި ހިއްޕެވުމުގެ މުރާދަކީ ހުރިހާ ބާރެއް އެކަލާނގެއަށް މިލްކުވެވޮޑިގެންވުމެވެ.)
ފަހެ ތިޔަބައިމީހުން އެނބުރި، ފުރަގަސްދޭނަމަ (ދަންނާށެވެ!) ތިޔަބައިމީހުންގެ ގާތަށް، އެކަމާއިގެން ތިމަންކަލޭގެފާނު ފޮނުއްވެވި ކަންތައް، ހަމަކަށަވަރުން ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އިއްވަވައިފީމެވެ. އަދި ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންގެ ބަދަލުގައި، ތިޔަބައިމީހުން ނޫންބަޔަކު ގެންނަވާނެތެވެ. އަދި ތިޔަބައި މީހުންނަކަށް، އެއްވެސް ކަމަކުން އެކަލާނގެއަށް ގެއްލުމެއް ނުދެވޭ ހުއްޓެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ކޮންމެ އެއްޗެއް ރައްކާތެރިކުރައްވައި، ބަލަހައްޓަވާ ރަސްކަލާނގެއެވެ.
އަދި ތިމަން ރަސްކަލާނގެ އަޒާބުގެ އަމުރުފުޅު އައިހިނދު، ތިމަންރަސްކަލާނގެ ހޫދުގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި އީމާންވެގެންތިބި މީހުން، ތިމަންރަސްކަލާންގެ ހަޟްރަތުން އައި ރަޙްމަތާއެކު ސަލާމަތްކުރެއްވީމެވެ. އަދި ގަދަފަދަވެގެންވާ އަޒާބުން ތިމަންރަސްކަލާނގެ އެއުރެން ސަލާމަތް ކުރެއްވީމެވެ.
އެއީ އާދު ބާގައިގެ މީހުންނެވެ. އެއުރެންގެ ވެރިރަސްކަލާނގެ އާޔަތްތަކަށް އެއުރެން ދެކޮޅުހެދޫއެވެ. އަދި އެކަލާނގެ ރަސޫލުންނަށް އެއުރެން އުރެދުނޫއެވެ. އަދި ހަރުކަށި، ކޮންމެ ޖައްބާރު (އަނިޔާވެރި) އެއްގެ އަމުރަށް އެއުރެން ތަބަޢަވޫއެވެ.
މި ދުނިޔޭގައިވެސް، އަދި ޤިޔާމަތް ދުވަހުންވެސް، އެއުރެންނަށް ލަޢުނަތް ލެއްވިއެވެ. ދަންނާށެވެ! ހަމަކަށަވަރުން އާދު ބާގައި މީހުން، އެއުރެންގެ ވެރިރަސްކަލާނގެއަށް ކާފިރުވޫއެވެ. ދަންނާށެވެ! އާދު ބާގައިމީހުންނަށް ހަލާކާއި، ގެއްލުން ހުއްޓެވެ. (އެއީ) ހޫދު ގެފާނުގެ ޤައުމުގެ މީހުންނެވެ." (هُود 60-50)
އާދުބާގައިގެ މީހުންގެ ވާހަކަ ބަޔާންކުރައްވާފައިވާ ކީރިތި ޤުރުއާނުގެ އަނެއް ސޫރަތަކީ الشُّعَرَاء ސޫރަތެވެ. މި ސޫރަތުގައި އެބައިމީހުންގެ ބައެއް ސިފަތައް ބަޔާންކޮށްދެއްވާފައިވެއެވެ. އެ އާޔަތްތަކުގައި ބާޔާންކުރައްވާފައިވާގޮތުގައި އާދު ޤައުމުގެ އަހުލުވެރިންނަކީ އެބައިމީހުންގެ އުސް ބިންތަކުގައި ބޮޑެތި އިމާރަތްތައް ކޮށް އުޅުނު ބައެކެވެ. އަދި އެތަނުގައި އަބަދުމެ ދެމިތިބެވޭނޭކަމަށް އެބައި މީހުން ހީކޮށް އުސް ބޮޑެތި އިމާރާތްތައް އެބައިމީހުން ބިނާކޮށް އުޅުނެވެ. އަދި އެބައިމީހުން ބިމުގައި ފަސާދަކޮށް އަނިޔާވެރި ބަޔަކު ކަމުގައި ވިއެވެ. އަދި ހޫދު އަލައިހިއްސަލާމް އެބައިމީހުންގެ ގަތައް ވަޑައިގެން ގޮވާލެއްވި ގޮވާލެއްވުމަކީ ކާބަފައިންގެ ބޯދާ ޒަމާނުގެ އާދައެއްކަމުގައި ބުނެ އެބައިމީހުންނަށް އެއްވެސް ދެރައެއް ގެއްލުމެއް ނުދެވޭނޭކަމުގައި ބުނެ އުޅުނެވެ.
"އާދު ބާގައިގެ މީހުން ރަސޫލުން ދޮގުކުރޫއެވެ. އެއީ އެއުރެންގެ އަޚް، ހޫދުގެފާނު އެއުރެންނަށް ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (ﷲއަށް) ތަޤުވާވެރި ނުވަނީހެއްޔެވެ؟
ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ އަމާނާތްތެރި ރަސޫލަކީމެވެ.
ފަހެ، ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ.
އަދި އަހުރެން އެ ރަސޫލުކަން އިއްވުމަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. އާލަމްތަކުގެ ވެރިރަސްކަލާނގެ ހަޟްރަތުން މެނުވީ އަހުރެންނަށް ޘަވާބުދެއްވުމެއް ނުވެއެވެ.
ތިޔަބައިމީހުން ބޭކާރު ކުޅުންތައް ކުޅުމަށް ކޮންމެ އުސްތަނެއްގައި ބިނާއެއް ހަދަނީހެއްޔެވެ؟
އަދި ތިޔަބައިމީހުން (އެތަންތާނގައި މަރުނުވެ) އަބަދަށް ދެމިތިބޭނޭކަމަށް ގަނޑުވަރުތައް ހަދަނީ ހެއްޔެވެ؟
އަދި ތިޔަބައިމީހުން ގަދަފަދަކަން ދައްކާހިނދު (އެއްވެސް ރަހުމެއްނެތި) ޖައްބާރުންގެ ގޮތުގައި ގަދަފަދަކަން ދައްކަމުއެވެ.
ފަހެ، ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!
ތިޔަބައިމީހުން ދަންނަ ނިޢުމަތްތަކުން ތިޔަބައިމީހުންނަށް މުއްދަތު ދެއްވި ރަސްކަލާންގެއަށް ތަޤުވާވެރިވާށެވެ!
ނަޢަމް ސޫތްޕާއި، ދަރިންނާއި، ބަގީޗާތަކާއި، ފެންއާރުތަކުން އެކަލާނގެ ތިޔަބައިމީހުންނަށް ނިޢުމަތް ދެއްވިއެވެ.
ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ އަޒާބަށް ތިޔަބައިމީހުންނާމެދު ތިމަންކަލޭގެފާނު ބިރުފުޅުގަނެއެވެ.
އެއުރެން ދެންނެވޫއެވެ. ކަލޭގެފާނު ނަޞޭހަތް ދެއްވިޔަސް، ނުވަތަ ނަސޭހަތްދޭ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައި ނުގަތަސް، ތިމަންމެންނަށް ހަމަހަމަވެގެން ވެއެވެ.
މިއީ އިސްވެދިޔަމީހުންގެ އާދަ ކަމުގައި ނޫނީ ނުވެއެވެ.
އަދި އަޒާބު ލިބޭނޭ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.
ފަހެ، އެއުރެން އެކަލޭގެފާނު (އެބަހީ: ހޫދު ގެފާނު) ދޮގުކުރޫއެވެ. ދެން ތިމަންރަސްކަލާނގެ އެއުރެން ހަލާކު ކުރެއްވީމެވެ. ހަމަކަށަވަރުން، އެކަންތަކުގައި (ﷲ ގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، އީމާންވާ ބަޔަކު ކަމުގައި ނުވެއެވެ.
އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާންގެއީ، އިއްޒަތްވަންތަ، ރަހީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. (الشُّعَرَاء 140-123)
އާނއެކެވެ. ހޫދު އަލައިހިއްސަލާމްގެ ރިސާލަތު ދޮގުކޮށް އެކަލޭގެފާނު އިންކާރުކުރި އާދު ބާގައިގެ މީހުން ހަލާކުކުރައްވާ ނެތިކުރެއްވުނެވެ. ފިނި ވެލީގެ ޠޫފާނެއް އެމީހުންގެ މައްޗަށް ފޮނުއްވާ އެބައިމީހުންނަކީ ދުނިޔެގައި ދުވަހަކުވެސް ނޫޅޭ ބަޔަކު ކަމުގައި ލެއްވިއެވެ.
އާދުބާގައިގެ މީހުން ދިރިއުޅުނު ރަށް ކަމުގައި ބުނެވޭ އީރާމްއާއިބެހޭގޮތުން ހޯދިފައިވާ ތާރީޚީ ހެކިތައް (އާކިއޮލޮޖިކަލް ހޯދުންތައް)

1990 ވަނަ އަހަރުގެ ކުރީކޮޅު ދުނިޔޭގައި ނެރެވުނު މަޝްހޫރު ނޫސަތަކުގެ ފަލަސުރުހީތައް ޚާއްޞަކުރެވިގެންދިޔަ ސުރުޙީތަކަކީ "ގެއްލިފައިވާ އަޖއިބުކުރުވަނިވި އަރަބި ރަށެއް ފެނިއްޖެ" ތާރީޚީ ޚާދިސާތަކެއް ހިމެނޭ އަރަބި ސަހަރެއް ހޯދިއްޖެ" އަދި އެޓްލާންޓިކްގައިވާ ވެލީގެ ރަށް – އޫބަރ" ފަދަ ސުރުޙީތަކެވެ. ތާރީޚީގޮތުން ހޯދުނު މި ހޯދުންތަކުގެ މުހިންމުކަން އިތުރަށް ބޮޑުވެގެން ދިޔައީ މިރަށުގެވާހަކަ ކީރިތި ޤުރުއާނުގައި މާތްﷲ އެކަލާންގެ އަޅުތަކުންނަށް ޓަކައި އިބުރަތެއްގެ ގޮތުގައި ހާމަކޮށްދެއްވާފައިވުމެވެ. ގިނަމީހުން ކުރިން ހީކުރިގޮތުގައި އާދު ޤައުމުގެ މީހުންގެ ވާހަކައަކީ އެހެންވެސް ބައެއް ނަބީބޭކަލުންގެ ވާހަކަތައް ފަދައިން ހަމައެކަނި އިންސާނުންނަށް އެކަމުގެ ވާހަކަތަށް ބަޔާންކޮށްދެއްވުމުގެގޮތުން ޤުރުއާނުގައި ވާރިދުވެފައިވާ ވާހަކަތަކެއް ކަމަށެވެ. މިފަދަ ގޮތަކަށް އެޤައުމުގެ ވާހަކަތަކާއި އެޤައުމަކީ ކޮންތާކުވާ ކޮންޤައުމެއްކަން އެނގިގެން ހިނގައިދާނޭކަމަކަށް ދުވަހަކުވެސް ހީކޮށްފައެއްނުވެއެވެ. ޤުރުއާނުގެ އިތުރުން މި ރަށުގެ ވާހަކަތަށް ތާރީޚުގައި ފެންނަންއޮތީ ހަމައެކަނި ބަދަވީންގެ ތުންތުންމަތިން އައިސްފައިވާ ވާހަކަތަކެއްގެ ގޮތުގައެވެ. އެހެންނަމަވެސް ތާރީޚީ ދިރާސާތައްކޮށް ހޯދުންތައްހޯދަމުންދިޔަ އާކިއޮލޮޖިސްޓުންނަށް ހޯދިގެން މިދިޔަ ހޯދުންތަކުގެ ސަބަބުން މުޅިދުނިޔޭގެ ސަމާލުކަން އެކަމަށް ހުއްޓިގެން ދިޔައެވެ.
ކީރިތި ޤުރުއާނުގައި ބަޔާންވެގެންވާ މި ރަށް ހޯދައިފައިވާ އާކިއޮލޮޖިސްޓަކީ ނިކޮލަސް ކްލެޕް ކިޔާ މިދާއިރާގައި މުޅިންއާ ޒުވާން އާކިއޮލޮޖިސްޓެކެވެ. ދުނިޔޭގެ މަޝްހޫރުކަން ހޯދާ އަދި އެތަކެއް އެވޯޑްތަކެއް ހޯދާފައިވާ ތަފާތު އެތައް ޑޮކިއުމަންޓްރީތަކެއް ތައްޔާރުކޮށްފައިވާ ކްލެޕް އަރަބި ތާރީޚާއި ގުޅެގޮތުން ހޯދަންފެށި ހޯދުންތަކުގައި ވަރަށް ޝައުޤުވެރިވާފަދަ ފޮތަކާއި ދިމާވިއެވެ. އަރަބިއާ ފެލިކްގެ ނަމުން ނަންދެވިފައިވާ މިފޮތަކީ ތަފާތު ހޯދުންތައް ހޯއްދެވުުގައި ހަރަކާތްތެރިވަމުންދިޔަ އިނގިރޭސި ރައްޔިތެއްކަމުގައިވާ ބާޓްރާމް ތޯމަސް 1932 ވަނަ އަހަރު ލިޔުއްވާފައިވާ ފޮތެކެވެ. އަރަބިއާ ފެލިކްސްއަކީ އަރަބިއަން ޕެނިސިއުލާގެ ދެކުނުގައިވާ ރޯމަނުންގެ ސަރަހައްދުތަކަށް ދެވިފައިވާ ނަމެކެވެ. މިގޮތުން އެ ސަރަހައްދުގައި މިހާރު ހިމެނެނީ ޔަމަނާއި، އޮމާންގެ ބޮޑުބައެކެވެ. ގްރީކް މީހުން މިސަރަހައްދަށް ދީފައިވާ ނަމަކީ "އިއުޑެމޮން އަރަބިއާ" އެވެ. އަދި އިހުގެ އަރަބި ދަންނަބޭކަލުން މިސަރަހައްދަށް ދީފައިވާ ނަމަކީ "އަލް ޔަމްނަ އައް-ސައިދާ" އެވެ.
މި ހުރިހާ ނަންތަކެއްގެ އާންމު މާނައަކީ "އުފާވެރި ޔަމަން" އެވެ. އެހެނީ ކުރީގެ ޒަމާންތަކުގައި އެ ސަރަޙައްދުތަކުގައި ދިރިއުޅުނު މީހުންނަކީ އެޒަމާނުގެ ގޮތުން އެންމެ އުފާފާގަތިކަމުގައި ދިރިއުޅުނު މީހުން ކަމުގައި ވާތީއެވެ. އާއެކެވެ. އެބައިމީހުންނަށް އެފަދަ މަތިވެރި އަދި ޝަރަފުވެރި ލަގަބެއް ދެވިފައިވަނީ ކީއްވެގެންހެއްޔެވެ؟
އެބައިމީހުންނަށް ލިބިފައިވާ އެންމެބޮޑު ނަސީބެއްކަމުގައި ވެފައިވަނީ އެބައިމީހުންގެ ރަށް ހިމެނޭ ސަރަހައްދެވެ. އެހެނީ އެސަރަހައްދަކީ އަރަބި ޕެނިސިއުލާގެ ދެކުނުގައިވާ ރައްތަކާއި އިންޑިޔާ ގުޅުވައިދޭ ވިޔަފާރީގެ މައިމަގަށް ވީކަމަށްޓަކައެވެ. މީގެއިތުރުން އެރަށުގެ އަހުލުވެރިންނަކީ ކާފޫރުފަދަ ޚާއްސަކޮށް އެޒަމާނުގައި އާންމުކޮށް ދީނީ އަދި އެނޫނަށް އެފަދަ އިޙްތިފާލުތަކުގައި ވަސް ދުއްވުމަށް ބޭނުންކުރާ ބާވަތްތައް ހައްދާ އުޅުނު ބައެކެވެ. އެޒަމާނުގައި މި ބާވަތަކީ ރަނާއެއްފަދައިން އަގުބޮޑުއެއްޗެކެވެ.
އިނގިރޭސި ރިސަރޗަރ ތޯމަސް ހާމަކޮށްފައިވާ ގޮތުގައި އޭނާއަށް މިރަށުގައި ދިރިއުޅުނު މީހުންގެ ދިގުތާރީޚާއިބެހޭ މަޢުލޫމާތާއި އެބައިމީހުންގެ ތެރެއިން ބައެއް ދިރިއުޅުނު ރަށެއްގެ ވަނީ ހޯދިފައެވެ. މި ރަށަކީ ބަދަވީން ފާހަގަކުރާގޮތުގައި އޫބަރެވެ. މިގޮތުން މިސަރަހައްދައް އޭނާކޮށްފައި ދަތުރެއްގައި ސަހަރާގައި ދިރިއުޅުނު ބަދަވީންވަނީ އެރަށަށްދާނޭ މަގުކަމަށް ބުނާ މަގެއް އޭނާއަށް ކިޔައިދީފައެވެ. އެހެންނަމަވެސް ޝައުޤުވެރިކަމާއެކު މިމަސައްކަތައް ނުކުތް ތޯމަސްވަނީ މި ހޯދުމުގައި އިތުރަށް ކުރިއަށްދެވުމުގެ ކުރިން މަރުވެފައެވެ.
ކެލިފޯނިއާގެ ހަންޓިންޓަން ޔުނިވަރސިޓީގެ ލައިބްރަރީއަށް އިހުގެ ފަތްފުއްތައް ދިރާސާ ކުރުމަށް ކްލެޕް ދިޔައެވެ. އޭނާގެ މަޤުޞަދަކަށް ވެފައިވަނީ އެ ސަރަޙައްދުގެ ޗާޓެއް ހޯދުމެވެ. މިގޮތުން މާބޮޑެތި ދަތިތަކަކާއިނުލާ އޭނާއަށް ގްރީކް-އެޖިޕްޓް ގިއޮގްރަފަރ ޕްޓެލޮމީ ކުރަހާފައިވާ މިފަދަ ޗާޓެއްފެނުނެވެ. މި ޗާޓުގައި އެސަރަހައްދުގައިވާ އިހުގެ ރަށަކައި އެރަށަށްދާނޭ މަގު ފާހަގަކޮށްފައިވެއެވެ.
މިޗާޓްތަކާއިއެކު ކްލެޕް ނާސާއިން މި ސަރަހައްދުގެ ސެޓެލައިޓް ފޮޓޯތަކެއް ހޯދިއެވެ. އެފޮޓޯތަކުން އެރަށާއިދިމާއަށް ދަތުރުކޮށްފައިވާ ގާފިލާއެއްގެ އަސަރުފެންނާންހުއްޓެވެ. މިއީ ހަމަލޮލަށް ނުފެނުނަމަވެސް މިފަދަ ފޮޓޯއަކުން އެކީއެކައްޗަކަށް ސިފަވާންއޮތް ރޮނގެއް ފާހަގަކުރެވުނެވެ. ކްލެޕް އޭނާގެ އަތުގައިއޮތް ކުރީގެ ޗާޓާއި ސެޓެލައިޓް ފޮޓޯ އަޅާކިޔާ ބެލިބެލުމުން ކުރީގެ ޗާޓުގައި ފާހަގަކުރެވުނު ރޮނގާއި ސެޓެލައިޓް ފޮޓޯއިން ފެނުނު ރޮނގުގެ އަސަރުތަކަކީ ކުރިން މީހުން ދިރިއުޅެފައިވާ ބޮޑު ސަހަރައް ހިމެނޭ ސަރަހައްދަކަށް މަގުދައްކާދޭ ރޮނގެއްކަމުގައި ފާހަގަކުރެވިގެންދިޔައެވެ.
އެންމެފަހުން ބަދަވީންގެ ތުންތުންމަތިން ދެކެވެމުންދިޔަ އާސާރީ ސަހަރު ހިމެނިގެންވާ ހިސާބު ހޯދުނެވެ. މިސަރަހައްދައް ދަތުރުކުރުމަށްފަހު އެސަރަހައްދު ކޮންނަމުންދިޔަ ވަރަކަށް އިހުގެ އާސާރީ ބިނާތަކެއްގެ އަސަރުތައް ފާޅުވަމުންދިޔައެވެ. ގެއްލިފައިވާ މި ސަހަރައް ދީފައިވާ ނަމަކީ އޫބަރެވެ.
މިހާހިސާބުން އުފެދޭ ސުވާލަކީ މި ފެނުނު ސަހަރަކީ ޤުރުއާނުގައި ބަޔާންކުރައްވާފައިވާ އާދުބާގައިގެ މީހުންގެ ރަށްކަން އެނގެނީ ކިހިނަކުންހެއްޔެވެ
މި ސަރަހައްދު ކޮނުމުން ފާޅުވާންފެށި އާސާރުތަކާއި އިހުގެ ބިނާތަކުގެ ސަބަބުން މިތަނީ އާދުބާގައިގެ މީހުންނާއި އީރާމްގެ އަހުލުވެރިން ދިރިއުޅެމުންދިޔަ ތަންކަން ކަށަވަރުވަމުންދިޔައެވެ. އެހެނީ އެސަރަހައްދުން އާދާއި އީރާމްގައި ވާނޭކަމަށް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ތަނބުތަކާއި މުންނާރުތައް ފާޅުވަމުން ދިޔައެވެ. އަދި ޚާއްޞަގޮތެއްގައި ކީރިތި ޤުރުއާނުގައި ނަންގަނެވިގެންވާ ތަނބުތައް އެތަނުންފެނިފައިވެއެވެ. މި ހޯދުންތަކާއި ދިރާސާ ތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއްކަމުގައިވާ ޑރ. ޒާރިންސް ހާމަކޮށްފައިވާގޮތުގައި މި ސަރަހައްދުން ފެނިފައިވާ މުންނާރުތަކާއި އުސް ތަނބުތަކަކީ އޫބަރުގައިވާކަމަށް ބުނާ މިފަދަ ޓަވަރުތަކާއި މުންނާރުތަކަށްވެފައި، އަދި އީރާމްގައި މިފަދަ އުސް މުންނާރުތަކާއި ތަނބުތައް ވާކަމަށް ކީރިތި ޤުރުއާނުގައި ބަޔާންވެފައިވުމުން މިތަނުން ފެނުނު މިފަދަ ކަންތައްތަކަކީ އެރަށަކީ އީރާމް ނުވަތަ ޤުރުއާނުގައި ބަޔާންވެގެންވާ އާދުބާގައިގެ ޤައުމުކަމަށް ޔަޤީންކުރެވެއެވެ. ކީރިތި ޤުރުއާނުގައި އީރާމްގެ ވާހަކަ ބަޔާންވެގެން ވަނީ އަންނަނިވި އިބާރާތުންނެވެ.
"ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޢާދު ބާގައިގެ މީހުންނާމެދު ކަންތައް ކުރެއްވިގޮތް ކަލޭގެފާނަށް އެނގިވަޑައިނުގަންނަވާތޯއެވެ؟
އެއީ ތަނބުތަކުގެ ވެރި، އިރާމްއެވެ ކިއުނު ރަށުގެ އަހުލުވެރިންނެވެ.
އެ ބިނާތަކަކީ، ރަށްތަކުގައި އެފަދަ ބިނާތަކެއް ހެދިފައި ނުވާފަދަ ބިނާތަކެކެވެ." (الفَجر 8-6)
ޢާދުގެ އަހުލުވެރިން
އިސްވެދެންނެވުނު ވާހަކަތަކުން އޫބަރަކީ ކީރިތި ޤުރުއާނުގައި ނަންގަނެވިގެންވާ އީރާމްކަމުގައި ފާހަގަކުރެވިގެންދެއެވެ. ކީރިތި ޤުރުއާނުގައި ބަޔާންވެގެންވާފަދައިން އެރަށުގެ އަހުލުވެރިން އެބައިމީހުންގެ ގާތައް މާތްﷲގެ ހައްޤުދީނާއި ވަޑައިގެންނެވި އަދި އެބައިމީހުންނަށް އިންޒާރުކުރެއްވުމަށް ވަޑައިގެންނެވި، ހޫދު އަލައިހިއްސަލާމްގެ ބަސްފުޅު ދޮގުކޮށް އިންކާރުކުރިއެވެ.
އީރާމްގައި ދިރިއުޅެމުންދިޔަ އާދުބާގައިގެ އަހުލުވެރިންނާއިމެދު ގިނަ ބަހުސްތައް ކުރެވިފައިވެއެވެ. މިގޮތުން މިބައިމީހުންގެ ތަރައްޤީއާއި ތަމައްދުން އަދި ތަހުޒީބީ ދިރިއުޅުމާއިއެއްފަދަ ބަޔަކު މާޒީގެ ތާރީޚުގައި ދިރިއުޅެފާނުވާކަމަށް ތާރީޚް ހެކިދެއެވެ. އެހެންނަމަވެސް ހައިރާންވާންޖެހޭކަމަކީ އެފަދަ މަތިވެރި ދިރިއުޅުމެއްއުޅުނު ބައެއްގެ ސާފު ވާހަކަތަކާއި އެބައިމީހުންގެ ވެރިންގެ ނަންތައް ތާރީޚުގައި ރައްކާކުރެވިފައިނެތުމެވެ.
އަނެއްކޮޅުންބަލާއިރު އެބައިމީހުންގެ ޚަބަރުތައް ތާރީޚީ ލިއުންތަކާއި ފަތްފުއްތަކުގައި ނެތުމީ ހައިރާންވާންޖެހޭ ކަމެއްކަމުގައި ނުވެވެސް ދާނެއެވެ. އެހެނީ ދެކުނު އަރިބިކަރައިގައި ދިރިއުޅުނު މިމީހުންނަކީ މެސްޕޮޓޭމިއާ ސަރަހައްދާއި މެދު އިރުމަތީގައި ދިރިއުޅުނުމީހުންނާއި ބިމުގެ ގޮތުން ދުރު އަދި އެމީހުންނާއި ބީރައްޓެހި ބައެއްކަމުގައި ވުމެވެ. މިގޮތުން މިފަދަ ވަރުގަދަ ހަޟާރަތްތަކުގެ ބައެއްވާހަކަތައް ތާރީޚުގައި ރައްކާކުރެވިފައިނެތީކަމުގައި ވެދާނެއެވެ. ނުވަތަ މެދުއިރުމަތީގެ ތާރީޚުގައި މިބައިމީހުންގެ ވާހަކަތައް އެނގޭބަޔަކު ތިބުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އާދުބާގައިގެ މީހުންގެ ވާކަތައް ތާރީޚީ ފަތްފުއްތަކުގައި ލިޔެވިފައިނެތުމުގެ އެންމެބޮޑު ސިއްރަކީ އެޒަމާނުގައި ޚާއްޞަކޮށް އެސަރަހައްދުގައި މުވާޞަލާތުކުރުމުގައި ލިޔުމުން ތަކެތި ގެންގުޅުން އެހާއާންމުވެފައި ނުވުމެވެ.
އާދުޤައުމުގެ މީހުންގެ މާގިނަ ވާހަކަތަކެއް ތާރީޚީގޮތުން ހޯދިފައިނުވިނަމަވެސް އެޤައުމުގައި ދިރިއުޅުނު އަހުލުވެރިންގެ ދަރިފަސްކޮޅާއިބެހޭ ބައެއްމަޢުލޫމާތުން އެބައިމީހުންގެ އަސްލު ދެނެގަނެވޭނޭކަމުގައި އުންމީދުކުރަމެވެ.
ޢާދުބާގައިގެ ދަރިފަސްކޮޅު
ޢާދުގެ އަހުލުވެރިން ނުވަތަ އެމީހުންގެ ދަރިފަސްކޮޅާއިބެހޭގޮތުން މަޢުލޫމާތު ހޯދާނަމަ އެންމެފުރަތަމަވެސް ބަލާލަންޖެހޭނީ ވެލީގެ ވާދީކަމުގައިވާ އޫބަރު ނުވަތަ އިހުގެ ގްރީކް ލިޔުންތަކުގައި ބުނެފައިވާ "ނަސީބުގެ އަރަބިއާ" ހޯދުނު ޔަމަނުގެ ދެކުނު ސަރަހައްދަށެވެ. ޔަމަނުގެ ދެކުނުގައި އަޅުގަނޑުމެންގެ މި ޖީލުތަކުގެ ކުރިއަށް ހަތަރު ދަރިފަސްކޮޅެއް އައިސްފައިވެއެވެ. އެބައިމީހުންނަށް ގްރީކް ފަތްފުއްތަކުގައި ދީފައިވާ ނަމަކީ "ނަސީބުވެރި އަރަބިން" ނެވެ. އެބައިމީހުންނަކީ ހަޒްރަމައިތުން، ސަބާއިއަނުން، މައިނާއިއަނުން އަދި ޤަތަބާއިއަނުންނެވެ. މިބައިމީހުން ދިރިއުޅެފައިވަނީ އެއްދުވަސްވަރެއްގައި އެއްބަޔަކު އަނެއްބަޔަކާއި ކައިރި ހިސާބުތަކެއްގައެވެ.
ޔުނިވަރސިޓީ އޮފް އޮހިއޯގެ ރިސާޗަރއެއް ކަމަށްވާ ޑރ. މީކައިލް އެޗް ރަޙްމާން ޤަބޫލުކުރާގޮތުގައި އާދުގެ އަހުލުވެރިންނަކީ ދެކުނު ޔަމަނުގައި ދިރިއުޅުނުކަމަށް ކުރިން މިދެންނެވުނު ހަތަރު ޤަބީލާގެތެރެއިން ހަޒްރަމައިތުންގެ ކާބަފައިންނެވެ. އެއީ އީސާގެފާނުގެ 500 އަހަރު ކުރީގެ ޖީލުތަކެކެވެ. މިބައިމީހުން ޔަމަނުގެ ދެކުނުގެ ސަރަހައްދުގައި ގިނަ ދުވަސްތަކެއް ވަންދެން ވެރިކަންކޮށްފައިވެއެވެ. އަދި އެބައިމީހުންގެ ދަރިފަސްކޮޅުތައް މަދުވަމުންގޮސް ހުސްވެފައިވަނީ އީސާގެފާނުގެ 240 އަހަރު ފަހުންނެވެ.
އީސާގެފާނުގެ ފަހުން 87 ވަނަ އަހަރާއި 150 ވަނަ އަހަރާއިދެމެދު އުޅުނު ގްރީކް ޖިއޮގްރަފަރ ޕްޓޮލަމީ ދެކުނު އަރަބިކަރައިގެ ސަރަހައްދު ސިފަކޮށްފައިވަނީ އަދްރާމިއާއޭ ކިޔުނު ދަރިފަސްކޮޅެއް ދިރިއުޅުނު ސަރަހައްދެއްގެގޮތުގައެވެ. ފަހުގެ ތާރީޚާއި ޖެހެންދެން މިސަރަޙައްދައް ދެވިފައިވާ ނަމަކީ ހަޒަރަލް މައުތްއެވެ. ހަދްރާމީގެ ވެރިރަށް ކަމުގައިވާ ޝަބްވާ ވަނީ ހަޒަރަލްމައުތް ވާދީގެ ހުޅަނގުކޮޅުގައެވެ. އިހުގެ ވަރަށްގިނަ ވާހަކަތަކުން މާތްﷲ އެބައިމީހުންގެ ގާތަށް ފޮނުއްވި އެކަލާންގެ ރަސޫލާ ހޫދު އަލައިހިއްސަލާމްގެ މަޤުބަރާހުންނަނީ ހަޒަރަލްމައުތްގައެވެ.
ހަޒްރަމައިތުންނަކީ އާދުގެ ދަރިފަސްކޮޅުކަން ދޭހަކޮށްދޭ އަނެއް ހެއްކަކީ އެބައިމީހުންގެ މުއްސަނދިކަމެވެ. ގްރީކް މީހުން ދެކޭގޮތުގައި ހަޒްރަމައިތުންނަކީ ދުނިޔޭގައި ދިރިއުޅުނު އެންމެ މުއްސަދި ދަރިފަކޮޅެވެ. ތާރީޚީ ލިޔުންތަކުން އެނގޭގޮތުގައި ހަޒްރަމައިތުންނަކީ އެބައިމީހުންގެ ދުވަސްވަރުގައި ދުނިޔޭގައި އެންމެ އަގު އުފުލިގެންވާ ގަސްގަހުގެ ތަރެއިން ކާފޫރު ހެއްދުމުގައި ވަރަށްބޮޑަށް ކުރިއަރާފައިވާ ބައެކެވެ. އަޅުގަނޑުމެންގެ މިޒަމާނުގައި މިބާވަތުގެ ގަސްތައްހެއްދުމަށްވުރެ އެޒަމާނުގައި ހަޒްރަމައިތުން މިކަމުގައި ކުރިއަރާގޮސްފައިވާކަން ތާރީޚި ލިޔުންތަކުން ދޭހަވެއެވެ.
ހަޒްރަމައިތްގެ ވެރިރަށްކަމުގައިވާ ޝަބްވާގައި ކޮނެގެން ހޯދިފައިވާ ހޯދުންތަކުން ހައިރާންކުރުވަނިވި އަދި ޝައުޤުވެރުވަނިވި ކަންތައްތަކެއް ފެނިފައިވެއެވެ. 1975 ވަނަ އަހަރު ފެށި މިމަސައްކަތުގައި އާކިއޮލޮޖިސްޓުންނަށް މިރަށުގެ ފޮރުވިފައިވާ ބިނާތަކާއި އާސާރުތައް ހޯދުމަށް ކޮނުންވީ ވަރަށް ދަތި އުނދަގޫކަމަކަށެވެ. އެހެނީ އެތަނުގައި ހެދިފައިވާ ވެލިފުނިތަކުގެ ބޯކަމާއި ފުންކަމުންނެވެ. އެހެންނަމަވެސް މި ބުރަމަސައްކަތައްފަހު އެމީހުންނަށް ފެނިފައިވާ ސަހަރަކީ އެދުވަސްވަރަށް ދުނިޔެއިން ފެނިފައިވާ އެންމެ އަޖައިބުކުރުވަނަވި ސަހަރެވެ. ފާރުތަކަކުން ބިނާކުރެވިފައިވާ މި ސަރަހައްދުގައިވާ ގެތަކާއި ބިނާތަކަކީ ޔަމަނުގެ ތާރީޚީ މިފަދަ އާސާރީ ބިނާތަކާއަޅާބަލާއިރު ވަރަށްފުރިހަމަ ގެތަކަކާއި ބިނާތަކެކެވެ.
މި ސަބަބުތަކާހުރެ ހަޒްރަމައިތުންނަށް އާކިޓެކްޗަރއާއި ގުޅެގޮތުން މިފަދަ ހުނަރާއި ފަންނުވެރިކަން ލިބިފައިވަނީ އެބައިމީހުންގެ ކުރީގެ ޖީލުކަމުގައިވާ އާދުބާގައިގެ އަހުލުވެރިންގެ ފުށުންކަމުގައި ބެލެވެއެވެ. ޙޫދު އަލައިހިއްސަލާމް އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް އިންޒާރުދެއްވަމުން ވިދާޅުވެފައިވަނީ މިފަދައިންނެވެ.
"ތިޔަބައިމީހުން ބޭކާރު ކުޅުންތައް ކުޅުމަށް ކޮންމެ އުސްތަނެއްގައި ބިނާއެއް ހަދަނީހެއްޔެވެ؟
އަދި ތިޔަބައިމީހުން (އެތަންތާނގައި މަރުނުވެ) އަބަދަށް ދެމިތިބޭނޭކަމަށް ގަނޑުވަރުތައް ހަދަނީ ހެއްޔެވެ؟" (الشُّعَرَاء 129-128)
ޝަބްވާއިން ފެނުނު ޝައުޤުވެރިކުރުވަނިވި އަނެއް މަންޒަރަކީ އެރަށުގައިވާ އުސް ތަނބުތަކެވެ. މިތަނުން ފެނުނު ތަނބުތަކަކީ އެހެނިހެން މިފަދަ އާސާރީ ސަހަރުތަކުން ފެނިފައިވާ ތަނބުތަކާއި ތަފާތު ތަނބުތަކެކެވެ. ވަށްކޮށްފެންނަންހުރި މިތަނބުތައް އެތުރިފައިވަނީވެސް ވަށް ޕޯޓިކޯތަކެއްގައެވެ. މިއާޚިލާފަށް ޔަމަނުގެ އެހެންސަހަރުތަކުން ފެނިފައިވާ ގިނަ ތަނބުތައް ތައްޔާރުކުރެވިފައިވަނީ ހަތަރެސް ކަނަށެވެ.
"އެއީ ތަނބުތަކުގެވެރި އިރާމްއެވެ. (އިރާމްއަކީ، ޢާދުބާގައިގެ މީހުންނަށް ކިޔޭ އެހެން ނަމެކެވެ. ތަނބުތަކުގެ ވެރީންނޭ އޮތުމުގެ މުރާދަކީ، އެބައިމީހުންގެ ޢިމާރާތްތަކުގެ ގަދަފަދަކަމާއި އުސްކަން ބަޔާންކުރުމެވެ.)" (އަލްފަޖްރު 7)
އާދުގެ ބަގީޗާތަކާއި ކޯރުތަށް
މިއަދު އަރަބިކަރައިގެ ދުކުނުގެ ސަރަހައްދަށް ދަތުރުކުރާމީހަކަށް ފެނިގެންދާނީ މާސިންގާ ހަނަފަސް ސަހަރާތަކެކެވެ. އަރަބިކަރައިގައި ފަހުން ދަނޑުހައްދާ ގަސްއިންދާ ފެހިކުރެވިފައިވާ ސަރަހައްދުތައްފިޔަވާ ގިނަ ސަރަހައްދުތަކަކީ ވެލިން ފޮރުވިފައިވާ ސަރަހައްދުތަކެކެވެ. އެހެންކަމުން މި ވެލީގެ ސަހަރާތަކަކީ އެތައްސަތޭކަ ނުވަތަ އެތައްހާސް އަހަރުތަކެއް ވެފައިވާ ސަރަހައްދުތަކެކެވެ.
އެހެންނަމަވެސް އަންނަނި ކީރިތި ޤުރުއާނުގެ އާޔަތްތަކުގައި އާދު ޤައުމާއި ބެހޭގޮތުން މުހިންމު ވާހަކަތަކެއް މާތްﷲ ހާމަކޮށްދެއްވާފައިވެއެވެ. އެގޮތުން ހޫދު އަލައިހިއްސަލާމް އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް (އާދުބާގައިގެމީހުންނަށް) އިންޒާރުކުރައްވަމުން މާތްﷲ އެބައިމީހުންނަށް ދަރުމަކުރެއްވި ބަގީޗާތަކާއި ފެންއާރުތަކުގެ ވާހަކަހަނދުމަކޮށްދެއްވާފައިވެއެވެ.
"ތިޔަބައިމީހުން މާތްﷲ ގެ ކިބައަށް ބިރުވެތިވެ ތަޤްވާވެރިވާށެވެ. އަދި، (ތިޔަބައިމީހުން މިއަމުރުކުރާ ކަންތަކުގައި) ތިޔަބައިމީހުން އަހުރެނަށް ކިޔަމަންތެރިވާށެވެ!
ތިޔަބައިމީހުން ދަންނަ ނިޢްމަތްތަކުން ތިޔަބައިމީހުންނަށް މަދަދުދެއްވި ރަސްކަލާނގެ ކިބަޔަށް ތަޤުވާވެރިވާށެވެ!
މާތްﷲ ތިޔަބައިމީހުންނަށް އަންޢާމް ސޫފީންނާއި، ދަރިފަސްކޮޅުން ބަގީޗާތަކާއި ކޯރުތަކުން ނިޢުމަތް ދެއްވިއެވެ.
(ތިޔަބައިމީހުން ތިމަންކަލޭގެފާނަށް އުރެދިއްޖެނަމަ) ބޮޑުވެގެންވާ ދުވަހެއްގެ އަޒާބު ތިޔަބައިމީހުންގެ މައްޗަށް އަންނާނޭކަމަށް ބިރުފުޅުގެންވަޑައިގަންނަވަމެވެ." (الشُّعَرَاء 135-131)
އިސްވެދެންނެވުނުފަދައިން އޫބަރަކީ އީރާމްކަމުގައި ތާރީޚީ ހެކިތަކުން ސާބިތުވާއިރު އަދި މިއަދު އެތަނަކީ ވެލީގެ ފުނިވަރުތަކުން ފުރިފައިވާތަނަކަށްވީހިންދު އާދުބާގައިގެ މީހުންގެ ގާތަށް ފޮނުއްވުނު ހޫދުއަލައިހިއްސަލާމް އިސްވެ ދެންނެވުނު އާޔަތުގައި ވާފަދައިން އެބައިމީހުންނަށް އިންޒާރުކުރެއްވީ ކީއްވެގެންހެއްތެވެ؟
މި ސުވާލުގެ ޖަވާބުފޮރުވިފައިވަނީ ތާރީޚުގައި މޫސުމަށް އައިސްފައިވާ ބަދަލުތަކުގެ ތެރޭގައެވެ. ތާރީޚީ ލިޔުންތަކުން ހާމަވާގޮތުގައި މިހާރު މިސަރަހައްދުން މިފެންނަ ސަހަރާތަކަކީ ކުރީގެ ޒަމާންތަކުގައި ފެހި ދަނޑުވެރި ބިންތަކެކެވެ.
އަރަބިކަރައިގެ ދެކުނުގައި އާދުގެ އަހުލުވެރިން ދިރިއުޅުނު ސަރަޙައްދުން މިމަޢުލޫއަށް އަލިއަޅުވާލެވޭނޭ ބައެއް ހެކިތައް ވަނީ ފެނިފައެވެ. މިގޮތުން މިސަރަހައްދުން ފެނިފައިވާ ގަސްގަހާގެއްސަށް ފެންދިނުމަށް ބޭނުންކޮށްފައިވާ އިރިގޭޝަންގެ ނިޒާމް ފާހަގަކޮށްލެވެއެވެ. މިތަނުން ފެނިފައިވާ އިރިގޭޝަންގެ ނިޒާމަކީ މިޒަމާނުގެ ދަނޑުވެރިކަމުގައި ބޭނުންކުރާ ނިޒާމާއި ވަރަށްތަފާތު އަދި މިޒަމާނަށް ނުފެތޭ ނިޒާމެކެވެ.
ސެޓެލައިޓް ފޮޓޯތަކުން ފެނާންހުރިގޮތުގައި ރަމްލަތު އައް ސަބްއަތަޔާންގައި ވާ ޑެމްތަކާއި ކެނަލް ތަކަކީ ކައިރީގައިވާ ރައްތަކުގެ 200000 އެއްހާމީހުންނަށް ފެން ފޯރުކޮށްދެވޭ ނިޒާމެކެވެ. މި ދިރާސާތަކުގައި މަސައްކަތްކުރި ރިސަރޗަރ އެއްކަމުގައިވާ ޑޯ ހާމަކޮށްފައިވާ ގޮތުގައި "މާރިބްގެ ކައިރީގައިވާ ރައްތަކަކީ ވަރަށް ދަނޑުވެރި މުއްސަނދި ބިންތަކެކެވެ. އެހެންކަމުން މާރިބް އާއި ހަޒަރަލް މައުތާއި ދެމެދުވާ ބިންތަކަކީ ކުރިން ދަނޑުވެރިކަމުގައި ބޭނުންކޮށްފައިވާ ބިންތަކެއްކަން ދޭހަވެއެވެ."
އިހުގެ ގުރީކް ލިޔުންތެރިއެއްކަމަށްވާ ޕްލިނީ ސިފަކޮށްދީފައިވާ ގޮތުގައި މިސަރަހައްދަކީ ވަރަށް ފެހި ސަރަހައްދެކެވެ. ފެންކޯރުތަކާއި ޖަންގަލިތައް މިސަރަހައްދުގައިވެއެވެ. މިގޮތުން ހަޒަރަލްމައުތްގެ ވެރިރަށް ކަމުގައިވާ ޝަބްވާގައިވާ ފައްޅިއަކުން ފެނުނު ލިޔުންތަކެއްގައި އެސަރަހައްދުގައި މީހު ޝިކާރަކޮށް އުޅުނުކަމަށާއި އަދި މިފަދަ ޝިކާރަތައް ޤުރުބާންކޮށްއުޅުނުކަމަށް ލިޔެފައިވެއެވެ.
މި ސަރަހައްދަކީ ހަނަފަސް ސަހަރާއާއި ދަނޑުވެރިކަމުގައި މުއްސަނދި ބިންތަކެއް ހިމެނޭ ސަރަހައްދެކެވެ. ނަމަވެސް ސަހަރާގެ ޠޫފާންތަކާއިއެކު އެސަރަހައްދަށް ވެލީގެ އަސަރުފޯރާ ވަރަށް ބާރު ސްޕީޑެއްގައި ދަނޑުބިންތައް ވެލިން ފުރެމުންދާކަމުގައި ހޯދުންތަކުން ސާބޮތުވެއެވެ. މިސްރުގައިވާ އަޙްރާމްތައްވެސް އެއްދުވަސްވަރެއްގައި ވެލީގެ ފަރުބަދަތަކުން ފޮރުވިފައިވަނިކޮށް އެސަރަޙައްދުވަނީ އަލުން ކޮނެ ސާފުކުރެވިފައެވެ. އެހެންކަމުން މިހާރު ހަނަފަސް ސަހަރާގެ ގޮތުގައި ފެންނަމުންމިދާ ބިންތަކަކީ ކުރިން ތަފާތުގޮތަކަށް އޮތް ބިންތަކަކަށްވުމީ އެކަށީގެންވާކަމެކެވެ.
ޢާދު ހަލާކުވެދިޔައީ ކިހިނެތް؟
ކީރިތިޤުރުއާނުން ސާބިތުވާގޮތުގައި ޢާދުބާގައިގެ މީހުން ހަލާކުކުރެއްވީ އެބައިމީހުންގެ ގާތައް ފޮނުވުނު ގަދަ ވައެއްގެ ސަބަބުންނެވެ. އެގޮތުން ޤުރުއާނުގައި ބަޔާންކުރައްވާފައިވަނީ އެބައިމީހުންގެ މައްޗަށް ހަތްރޭ އައްދުވާވަންދެން މިވައިގެ ތޫފާން ދެމިއޮތްކަމުގައެވެ.
"ޢާދުބާގައިގެ މީހުން، (އެބައިމީހުންގެ ނަބިއްޔާ ހޫދުގެފާނުންގެ ބަސްފުޅު) ދޮގުކުޅައެވެ. ފަހެ، (އެބައިމީހުންނަށް އައި) ތިމަންރަސްކަލާނގެ އަޒާބާއި، ތިމަންސުވާމީންގެ ކުރެއްވި އިންޒާރުތައް އޮތީ ކޮންފަދައަކުންހޭ؟
ސުންޕާކަން ދެމިހުރި، ސުންޕާކަމުގެ ދުވަހެއްގައި، ގަދަ އަޑުތަކާއިއެކު އަންނަ ގަދަ ވައިރޯޅިއެއް އެބައިމީހުންގެ މަޗަށް ތިމަންރަސްކަލާނގެ ފޮނުއްވީމެވެ.
އެވައިރޯޅި އައިސް މީސްތަކުން (ތިބިތަނުން) ލުހެލައެވެ. ވެއްޓިގެންދާ ކަދުރު ރުއްތަކެއްފަދައިން އެބައިމީހުން ވާކަހަލައެވެ." (القَمَر 20-18)
"އަދި ޢާދު ޤައުމު މީހުން ވަރުގަދަ ވައިގެ އަޒާބުން ހަލާކުވެއްޖައޫއެވެ. އެ، ވައި، އެބައިމީހުންނަށް ހަތްރެއާއި އަށްޑުވަސް ވަންދެން ވިދިވިދިގެން ފޮނުވުނެވެ. ފަހެ ޤައުމުގެމީހުން ބިންމައްޗަށް ވެއްޓިފައި، ވަނިކޮށް ފެންނާނެތެވެ. މުލުން ލުހެވިގެން ވެއްޓިފައިވާ ކަދުރު ރުއްތަކެއް ފަދައިންނެވެ. އެބައިމީހުންގެ އެއްވެސް އަސަރެއް ފެންނާނެހެއްޔެވެ؟" (الحَاقَّ 7-6)
"ދެންފަހެ، އެބައިމީހުން ވާދީތަކަށް ކުރިމަތިލައި އުދަރެހުން އަރައިގެންއަންނަ ވިލައެއްގެ ސިފައިގައި އެބައިމީހުންނަށް އެކަންތައް (އަޒާބު) ފެނުނު ހިނދު، އެބައިމީހުން ބުންޏެވެ. މިއީ، ތިމަންމެންނަށް ވާރޭވެއްސައިދޭ ވިލައެކެވެ. (ބުނެވުނެވެ.) އަދި ކިއެއްތަ؟ އެއީ، އަވަސްވުމަށް ތިއަބައިމީހުން އެދިގެން އުޅުނު ކަންތަކެވެ. ވޭންހުރި އަޒާބު އޭގައި ހިމެނިގެންވާ ގަދަވައެވެ." (الحَاقَّ 24)
މި އާޔަތުގައިވާފަދައިން އެބައިމީހުންނަށް ހަލާކުގެނެސްދޭނޭ ވިލާގަނޑު އެބައިމީހުންނަށް ފެނުނުހިނދު އެބައިމީހުންނަކަށް އެކަމެއް ނޭންގުނެވެ. އެކަމަކު އެބައިމީހުން ހީކުރީ އެއީ އެބައިމީހުންނަށް ވާރޭ ވެއްސައިދޭނޭ ވިލާގަނޑެއްކަމަށެވެ. ސަހަރާގައި ކުރިމަތިވާ މިފަދަ ވެލީގެ ތޫފާންތައް ކުރިމަތިވެގެން އަންނައިރު ދުރުން ފެންނާނީ ވިއްސާރަ ވިލާގަނޑެއްގެގޮތުގައެވެ. އެހެންކަމުން ޢާދުބާގައިގެ މީހުންނަށްވެސް މި އަވާމެންދުރުފެނި އެއީ އެމީހުންގެ ނިމިދިއުންކަމުގައި ނުވިސްނުނީއެވެ. ތާރީޚީ ހޯދުންތައް ހޯއްދަވާ ޑޯ ވަނީ މި ވިލާގަނޑުއަންނައިރު ފެންނާނޭގޮތް އޭނާގެ އަމިއްލަ ތަޖުރިބާގެމައްޗަށް ބަޔާންކޮށްދެއްވާފައެވެ. އޭނާ ހާމަކޮށްފައިވާ ގޮތުގައި ސަހަރާގައި މިފަދަ ވެލީގެ ޠޫފާނެއް އަންނައިރު ވެލީގެ ފަށަލަތަކެއް ބޯވަޔާއިއެކު މައްޗަށް އުފުލި ގަދަވައިގެ ތެރޭގައި ވައްކޮށްއެނބުރި އެތައް ހާސް ފޫޓްމައްޗަށް އުފުލިގެންދާކަމުގައެވެ.
ޢާދުބާގައިގެ މީހުންގެ ރަށް ކަމުގައިވާ އޫބަރ ހޯދުނުއިރު އެތަންވެސްވަނީ އެތައް މީޓަރެއްގެއަޑިއަށް ވަޅުލެވިފައެވެ. އެހެންކަމުން ޤުރުއާނުގައި ވާފަދައިން ހަތްރޭ އަށްދުވާ ވަންދެން ކުރިމަތިވި މިޠޫފާނުގައި އެރަށުގެ މައްޗަށް އެތައްހާސް ޓަނެއްގެ ވެލިއެޅިފައިވެއެވެ. މިގޮތުން އެރަށުގެ ގެތަކާއި މީހުން އެވެލިގަނޑުގެ ދަށުގައި ވަޅުލެވިފައިވެއެވެ. ފަރަންސޭސި މަޖައްލާއެއްކަމަށްވާ "ކާ މެ-އިންޓެރޭސޭ" ގައި ބަޔާންކޮށްފައިވާ ގޮތުން އޫބަރު ވަޅުލެވިފައިވަނީ 12 މީޓަރުގެ ފުންވެލިފުނިތަކުގެ ދަށުގައެވެ.
ޢާދު ވަޅުލެވިފައިވަނީ ވެލީގެ ފުނިތަކެއްގެ ދަށުގައިކަން ސާބިތުކޮށްދޭ އަނެއް ހެއްކަކީ ކީރިތިޤުރުއާނުގައި ޢާދު ޤައުމު ވާތަން ފާހަގަކުރުމަށް "އަޙްޤާފް" މިފަދައިން ބަޔާންކޮށްފައިވުމެވެ. އަހްޤާފް ސޫރަތުގައި މާތްﷲ ބަޔާންކުރައްވާފައިވަނީ މިފަދައިންނެވެ.
"ޢާދުބާގައިގެ މީހުންގެ އަޚް (ހޫދުގެފާނުން) ގެ ވާހަކަ ކަލޭގެފާނު ކިޔައި ދެއްވާށެވެ! އެއީ، އަޙްޤާފުގައިވާ އެކަލޭގެފާނުންގެ ޤައުމުގެ މީހުންނަށް އިންޒާރުކުރެއްވިހިނދެވެ. (އަޙްޤާފަކީ، ޔަމަންކަރައިގައިވާ އުސް، ވެލިފަރުބަދަތަކެކެވެ. ޢާދު ބާގައިގެ މީހުން އުޅުނުތަނެވެ.) އޭގެ ކުރީންނާއި އަދި އޭގެފަހުން، އިންޒާރުތައްވަނީ ފާއިތުވެގޮސްފައެވެ. (ހޫދުގެފާނު އެންގެވިއެވެ.) ތިއަބައިމީހުން މާތްﷲ އަށް މެނުވީ އަޅުކަންނުކުރާށެވެ! ހަމަކަށަވަރުން ބޮޑުވެގެންވާ ދުވަހެއްގެ އަޒާބާއިމެދު ތިމަން ބިރުގަނެއެވެ." (الاٴحقاف 21)
އަރަބިބަހުގައި އަޙްޤާފްގެ މާނައަކީ ވެލީގެ ފަރުބަދަތަކެކެވެ. އެއީ ހިޤްފްގެ ގިނަގޮތެވެ. މިއިން ދޭހަކޮށްދެނީ ޢާދުބާގައިގެ އަހުލުވެރިން ދިރިއުޅެފައިވަނީ ވެލީގެ ފަރުބަދަތަކެއް ހިމެނޭ ރަށެއްކަމެވެ. އެހެންކަމުން އެބައިމީހުންގެ ޤައުމު ވެލީގެ ފަރުބަދަތަކަކުން ދޭހަކޮށްދެއެވެ.
އާދުބާގައިގެ މީހުންނަށް ކުރިމަތިވި އަޒާބުގެ ޠޫފާން އެބައިމީހުންނާއި ކުރިމަތިވީ ވަރަށް ކުއްލިގޮތެއްގައެވެ. އެގޮތުން އެބައިމީހުން ދަނޑުވެރަކަމުގައި ބޭނުންކުރި ބިންތަކާއި ޑޭމްތަކާއި ގެދޮރުފަދަ ތަންތައްވަނީ ހަމަނުޅިން ވަޅުލެވިފައެވެ. މި ހެކިތަކަށް ބަލާލާއިރު އާދުބާގައިގެ އަހުލުވެރިން ދިރިއުޅުނު އީރާމްގެ ހަޤީޤަތްތައް ޤުރުއާނުގައިވާފަދައިން ތާރީޚީ ހޯދުންތަކުން ހެކިދެއެވެ. އަދި ފަހުގެ ހޯދުން ތަކުން މިތަނުގައި ހަލާކުވެފައިވާ ބައެއްމީހުންގެ ބައިތައްވެސް ފެނިފައިވެއެވެ.
"ފަހެ ޢާދު ޤައުމު މީހުން ޙައްޤަކާއިނުލާ ބިމުގައި ކިބުރުވެރިވެ ބުންޏެވެ. ތިމަންމެންނަށްވުރެ ބާރުގަދައީ ކާކުހެއްޔެވެ. އެބައިމީހުން ޚަލްޤުކުރެއްވަައި އުފެއްދެވި މާތްﷲ އެބައިމީހުންނަށް ވުރެން ބާރުގަދަކަން ނުވިސްނެނީހެއްޔެވެ. ތިމަންސުވާމީންގެ އާޔަތްތައް އިންކާރުކުރާ ބައެއްކަމުގައި އެބައިމީހުންވިއެވެ." ( فُصّلَت 15)
ކޮންމެ އިންސާނަކުވެސް ހަނދާންކުރަންޖެހޭ ކަމަކީ އަދި ދެނެގަންނަންޖެހޭ ހަޤީޤަތަކީ ކޮންމެ ކަމެއްގައިވެސް އެންމެ ބާރުގަދަފަރާތަކީ އާލަމްތަކުގެ ވެރި ﷲ ސުބުޙާނަހޫ ވަތަޢާލާކަމާއި އެކަލާންގެ ރަޙްމަތާއި މިންވަރުފުޅުންމެނުވީ އެއްވެސްމީހަކަށް ރަޙްމަތެއް ނުވަތަ ނިޢުމަތެއް ލިބެންނެތްކަމެވެ.

1 comment:
Post a Comment