"ހަސަދަވެރިކަމުން ރައްކާތެރިވާށެވެ. ހަމަކަށަވަރުން އެއީ އަލިފާނުން ދަރު އަންދާފަދައިން ހެޔޮކަންތައްތައް އަންދާލާކަމެކެވެ."
ހަސަދަވެރިކަމަކީ އެއްއިންސާނަކު އަނެއްއިންސާނަކާއިމެދު އުފެދޭ ޖަޒުބާތުތަކާއި އިޙްޞާސްތަކުގެ ތެރެއިން އިންސާނާއަށް އެންމެ ގެއްލުންކުރަނިވި ޖަޒުބާތެވެ. މި ޖަޒުބާތުގެ ސަބަބުން އަނެކާގެ މައްޗަށް މުސީބާތްކުރިމަތިވުމަށް އެދުންވެރިވެ އަނެކާއަށް ކުރިމަތިވާ މުސީބާތްތަކުގެ ސަބަބުން ތިމާގެ ހިތައް އުފާވެރިކަމުގެ އިޙްސާސްވެރިކުރުވައެވެ. ހަސަދަވެރިކަމުގެ ނުބައިކަމުން ރައްކާތެރިވުމަށް މިއުންމަތައް އިރުޝާދުދެއްވަމުން މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ހަސަދަވެރިކަން ސިފަކުރައްވާފައިވަނީ އެއަލިފާނަކަށްލެވޭ ދަރުތަށް އެކީ އަނދާހުސްކޮށްލާ މިސާލުގައެވެ. އެކަލޭގެފާނުގެ ހަދީޘްފުޅުގެ މާނައިގައިވެއެވެ. "ހަސަދަވެރިކަމުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން އެއީ އަލިފާނުން ދަރު އަންދާފަދައިން ހެޔޮކަންތައްތައް އަންދާލާކަމެކެވެ." (އަބޫ ދާވޫދް)
ހަސަދަވެރިކަމަކީ ހިތުގެ ބައްޔެކެވެ. އޭގެސަބަބުން ތިމާގެ ހިތުގެ ސާފުކަން ކިލަނބުކޮށްލައެވެ. މި އުންމަތުގައިވާ އެންމެ ހެޔޮބަޔަކީ ކޮބައިތޯ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އާއި ސުވާލުދެންނެވުނުހިނދު ހަދީސްފުޅުކުރެއްވިބަސްފުޅެއްގެ މާނައިގައިވަނީ "އެއީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ހިތްސާފު އަދި ތެދުވެރި ދުލެއްގެ ވެރިންނެވެ." އެބައިމީހުން ސުވާލުކުރިއެވެ. ދުލުގެ ތެދުވެރިކަމަކީ ކޮބައިކަން ތިމަންމެން ދަންނަމުއެވެ. އެކަމަކު ސާފުހިތަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ހަދީސްފުޅުކުރެއްވެވިއެވެ. "އެއީ އީމާންތެރި ޞާލިޙް ކުއްތަކުން ސަލާމަތްވެފައިވާ އަދި ހަސަދަވެރިކަމާއި ދެކޮޅުވެރިކަމުން މިނިވަންވެފައިވާ
ހިތެއްގެ ވެރިންނެވެ." (އިބްނު މަޖާހް)
ހަސަދަވެރިކަމުގެ ނުރައްކާތެރިކަން ބޮޑުކަމުން އެކަމުން ސަލާމަތްވުމަށްއެދި ދެންނެވުމަށްޓަކައި ކީރިތި ޤުރުއާނުގައި އާޔަތްތަކެއް ބާއްވާލައްވާފައިވެއެވެ.
قُلْ أَعُوذُ بِرَبِّ الْفَلَقِ () مِنْ شَرِّ مَا خَلَقَ () وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ () وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ () وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ ()
"ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރިރަސްކަލާނގެ ހަޟްރަތުން ތިމަންކަލޭގެފާނު ރައްކާތެރިކަން ލިބިގަންނަމެވެ. () އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނެވެ. () އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެ ރޭގަނޑުގެ ނުބައިކަމުންނެވެ. () އަދި ގޮށްތަކަށްފުމޭ މީހުން (އެބަހީ ސިހުރުވެރިން) ގެ ނުބައިކަމުންވެސް މެއެވެ. () އަދި ހަސަދަވެރިޔަކު ހަސަދަވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ. ()"
ހަސަދަވެރިކަމަކީ އެކަމުގެ ސަބަބުން އިންސާނާގެ އީމާންތެރިކަމާއި މުޅިން އެކަހެރިކޮށްލާ ކަމެކެވެ. އެހެނީ ހަސަދަވެރިކަމުގެ ސަބަބުން މާތްﷲ އެމީހަކަށް ރަޙުމްކުރުމުގައި ބޭއިންސާފުވެވޮޑިގެންފައިވާކަމުގެ އިޙްސާސްއެމީހަކަށް ކުރެވެންފަށައެވެ. އަދި މާތްﷲ އޭނާއަށް ދެވި ގިނަގުނަ ނިޢުމަތްތަކުގެ މަތިން ހަނދާންނެތޭގޮތް މެދުވެރިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ހަދީސްފުޅުކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. "އެބައިމީހުންނަކީ މާތްﷲ ދެއްވި ނިޢުމަތްތަކާމެދު ދެކޮޅުވެރިވެފައިވާބައެކެވެ." އެބޭކަލުން ދެންނެވިއެވެ. "އެއީ ކޮންބައެއްތޯއެވެ؟" އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. "އެއީ ﷲ ގެ ރަޙްމަތުން އަނެކާއަށް ލިބިގެންވި ނިޢުމަތްތަކާއިމެދު ހަސަދަވެރިވާމީހުންނެވެ." (އައްތަބަރާނީ)
މާތް ﷲ އެކަލާނގެ އިލްމުފުޅުގެ މަތިވެރިކަމަށް އެއްބަޔަކަށް އަނެއްބަޔަކަށްވުރެ މުދާވެރިކަމާއި، ޢިލްމާއި، ރީތިކަމާއި، ޖާހާއި، ދަރިން އިތުރުކޮށްދެއްވެވިއެވެ. އެހެންނަމަވެސް ޞާލިޙް އަޅުތަކުން ވާންޖެހެނީ އެބައިމީހުން ހައްދަވާ ގެންގުޅުއްވާ އިލާޙް އެބައިމީހުންނަށް މިންވަރުކުރެއްވި މިންވަރަށް ފުދިގެންވާބައެއްކަމުގައެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ.
وَاللَّهُ فَضَّلَ بَعْضَكُمْ عَلَى بَعْضٍ فِي الرِّزْقِ فَمَا الَّذِينَ فُضِّلُوا بِرَادِّي رِزْقِهِمْ عَلَى مَا مَلَكَتْ أَيْمَانُهُمْ فَهُمْ فِيهِ سَوَاءٌ أَفَبِنِعْمَةِ اللَّهِ يَجْحَدُونَ (النّحل 71)
މާނައީ: "އަދި މާތް ﷲ، ރިޒްޤު ދެއްވުމުގައި، ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކުގެ މައްޗަށް މާތްކުރައްވައި، އިތުރުކުރެއްވިއެވެ. ފަހެ، އެއުރެންނަށް މިލްކުވެގެންވާ އަޅުންނަށް، އެއުރެންގެ ރިޒްޤު ރައްދުކޮށްދޭބަޔަކުކަމުގައި، އިތުރުކުރެއްވި މީހުން ނުވެތެވެ. ފަހެ، އެކަމުގައި އެއުރެންނަށް ހަމަހަމަވެގެންވެއެވެ. ފަހެ، އެއުރެން އިންކާރުކޮށް ދެކޮޅުހަދަނީ، ﷲ ދެއްވި ނިޢުމަތާއި މެދުގައި ހެއްޔެވެ؟"
أَمْ يَحْسُدُونَ النَّاسَ عَلَى مَا ءَاتَاهُمُ اللَّهُ مِنْ فَضْلِهِ فَقَدْ ءَاتَيْنَا ءَالَ إِبْرَاهِيمَ الْكِتَابَ وَالْحِكْمَةَ وَءَاتَيْنَاهُمْ مُلْكًا عَظِيمًا (النِّسَاء 54)
މާނައީ: "ނުވަތަ، ﷲ ގެ ފަޟުލަވަންތަވެރިކަމުގެ ތެރެއިން، އެކަލާނގެ މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާމެދު އެއުރެން (އެބަހީ: ޔަހޫދީން) މީސްތަކުންނަށް ހަސަދަވެރި ވަނީހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން، އިބްރާހީމްގެފާނުގެ އާލުވެރިންނަށް، ފޮތާއި ހިކުމަތް، ތިމަންރަސްކަލާނގެ ދެއްވީމެވެ. އަދި، ބޮޑުވެގެންވާ ވެރިކަމެއް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވީމެވެ."
އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.
أَهُمْ يَقْسِمُونَ رَحْمَةَ رَبِّكَ نَحْنُ قَسَمْنَا بَيْنَهُمْ مَعِيشَتَهُمْ فِي الْحَيَاةِ الدُّنْيَا وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَاتٍ لِيَتَّخِذَ بَعْضُهُمْ بَعْضًا سُخْرِيًّا وَرَحْمَةُ رَبِّكَ خَيْرٌ مِمَّا يَجْمَعُونَ (الزّخرُف 32)
މާނައީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ ރަޙްމަތް ބަހައިދެނީ އެއުރެންހެއްޔެވެ؟ ދުނިޔޭގެ ދިރިއުޅުމުގައި އެއުރެންގެ މެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަންރަސްކަލާނގެއެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންކުރެ ބައެއްމީހުން، އަނެއްބައިމީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލެވީމެވެ. (އެއީ) އެއުރެންކުރެ އެއްބަޔަކު އަނެއްބަޔެއްގެ ޚިދުމަތްތެރިކަން ހިފުމަށްޓަކައެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ރަޙްމަތް އެއުރެން އެއްކުރާ ތަކެއްޗަށްވުރެ ހެޔޮކަން ބޮޑެވެ."
މިއާޔަތުން ދޭހަވާފަދައިން ދުނިޔޭގެ ޒީނަތާއި މުދަލަށްވުރެ މާތްﷲ ގެ ރުހިވޮޑިގަތުމާއި ރަޙްމަތް އަޅުތަކުންނަށްޓަކައި މާބޮޑެވެ. ދުނިޔޭގައި ތިމާގެ މުދާގިނަވުމަކުން ނުވަތަ އެނޫންވެސް ދުނިޔަވީކަމަކުން އަނެކާއަށްވުރެ ތިމާ ކުރިއަރާ ދިއުމަކުން ޤިޔާމަތްދުވަހު ﷲގެ ހަޟްރަތުގައި އެމީހަކު މަތިވެރިވެގެންނުދާނެއެވެ. ހަޤީޤީ މަތިވެރިކަން ބިނާވެގެންވަނީ އެކަލާނގެ އަޅުތަކުންގެ ތަޤުވާވެރިކަމުގެ މައްޗަށެވެ.
يَاأَيُّهَا النَّاسُ إِنَّا خَلَقْنَاكُمْ مِنْ ذَكَرٍ وَأُنْثَى وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا إِنَّ أَكْرَمَكُمْ عِنْدَ اللَّهِ أَتْقَاكُمْ إِنَّ اللَّهَ عَلِيمٌ خَبِيرٌ (الحُجرَات 13)
މާނައީ: "އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު ޤައުމުތަކަށާއި، ޤަބީލާތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރުފްވުމަށްޓަކައެވެ. ހަމަކަށަވަރުން ﷲ ގެ ހަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ."
وَزُخْرُفًا وَإِنْ كُلُّ ذَلِكَ لَمَّا مَتَاعُ الْحَيَاةِ الدُّنْيَا وَالآخِرَةُ عِنْدَ رَبِّكَ لِلْمُتَّقِينَ (الزّخرُف 35)
މާނައީ: "އަދި (އެތަކެއްޗަށް) ޒީނަތްތެރިކަން ލެއްވީމުހެވެ. އެހުރިހާ ތަކެއްޗަކީ، ދިނިޔޭގެ ދިރިއުޅުމުގެ ވަގުތީ އަރާމެއްކަމުގައި ނޫނީ ނުވެއެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަޟްރަތުގައި ތަޤުވާވެރިންނަށް އާޚިރަތުގެ ނިޢުމަތް ހުށްޓެވެ."
ދުނިޔޭގެ ފަނާވެދަނިވި މަންޒަރުތަކާއި ޒީނަތަކީ މާތް ﷲގެ ހަޟްރަތުގައި އެއްވެސް އަގެއްހުރި އެއްޗެއްނޫންކަން ހާމަކޮށްދެއްވުމުގެ ގޮތުން މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ހަދީސްފުޅުކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ﷲ ގެ ހަޟްރަތުގައި މި ދުނިޔެއަކީ މަދިރިއެއްގެ ފިޔަގަނޑުހާ އަގެއްހުރި އެއްޗެއްކަމުގައި ވީނަމަވެސް ކާފަރަކަށް މިދުނިޔެއިން ފެންފޮދެއްގެމިންވަރުވެސް އަކަލާނގެ ނުދެއްވީހެވެ." (އައް ތިރްމިޒީ)
މިދުނިޔެމަތީގައި މާތް ﷲ އިންސާނުންނަށް ދެއްވާ ނިޢުމަތްތަކަކީ އެބައިމީހުންނަށްޓަކައިވާ އިމްތިޚާނެކެވެ. އެމީހަކަށް ނިޢުމަތް އިތުރުކުރެއްވި މިންވަރަކުން އެމީހެއްގެ އިމްތިޚާން އިތުރުވެގެންދެއެވެ. އަލް ހަސަން އަލް ބަސްރީ ވިދާޅުވެފައިވެއެވެ. އުމަރުބުން ޚަތާބު އަބޫ މޫސާ އަލް އަޝްއަރީއަށް ފޮނުއްވެވި ސިޓީފުޅެއްގައި ލިޔުއްވާފައިވެއެވެ. "ތިބާއަށް ދުނިޔެއިން ލިބިފައިވާމިންވަރާއިމެދު ތިބާ ރުހޭހުށިކަމެވެ. ހަމަކަށަވަރުން ރަޙްމާންވަންތަ ރަސްކަލާންގެ އެކަލާނގެ އަޅުތަކުންގެ ތެރެއިން އެއްބަޔަކަށް އެކަލާނގެ ނިޢުމަތް އިތުރުކޮށްދެއްވާ އަނެއްބަޔަކަށް އުނިކުރެއްވީ އެދެބައިމީހުން އިމްތިޚާން ކުރެއްވުމަށްޓަކައެވެ. އެބައިމީހުންގެ ތެރެއިން ނިއުމަތް އިތުރުކުރެއްވިމީހުން އިމްތިޚާން ކުރެވޭ ހުށީ އެބައިމީހުން އެނިޢުމަތަށް ޝުކުރުވެރިވޭތޯ ބެއްލެވުމާއި އެބައިމީހުންގެ މުދާވެރިކަމުން އެބައިމީހުންގެ މައްޗަށް އެކަލާނގެ ކަނޑައަޅުއްވާފައިވާ ކަންތައްތައް ފުރިހަމަކުރޭތޯބެއްލެވުމަށެވެ." (އިބްނު ހާތިމް)
އިސްވެދެންނެވުނު ސަބަބުތަކަށްޓަކައި އެހެންމީހުންނަށް މާތްﷲ ދެއްވާފައިވާ މުދާވެރިކަމާއި ދުނިޔޭގެ ނިޢުމަތްތަކަށް އެދުންވެރިނުވުމަށް މާތް ﷲ ވަނީ އެކަލާނގެ އަޅުތަކުންނަށް އަންގަވާފައެވެ.
وَلاَ تَتَمَنَّوْا مَا فَضَّلَ اللَّهُ بِهِ بَعْضَكُمْ عَلَى بَعْضٍ لِلرِّجَالِ نَصِيبٌ مِمَّا اكْتَسَبُوا وَلِلنِّسَاءِ نَصِيبٌ مِمَّا اكْتَسَبْنَ وَاسْأَلُوا اللَّهَ مِنْ فَضْلِهِ إِنَّ اللَّهَ كَانَ بِكُلِّ شَيْءٍ عَلِيمًا (النِّسَاء 32)
މާނައީ: "(އެކަމެއްގެ ސަބަބުން) ތިޔަބައިމީހުންގެ ތެރެއިން އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު މާތްކުރައްވައި، މޮޅުކުރެއްވި ކަންތަކަށް ތިޔަބައިމީހުން ނޭދޭށެވެ! ފިރިހެނުންނަށްވެސް، އެއުރެން ހޯދިކަމެއްގެ (ހެޔޮ) ޖަޒާވެއެވެ. އަދި، އަންހެނުންނަށްވެސް، އެކަނބަލުން ހޯދި ކަމެއްގެ (ހެޔޮ) ޖަޒާ ވެއެވެ. އަދި، ﷲ ގެ ފަޟުލަވަންތަކަމުގެ ތެރެއިން، (ދެއްވުމަށް) ތިޔަބައިމީހުން އެދޭށެވެ! ހަމަކަށަވަރުން، ﷲ އީ، ކޮންމެކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ކަމުގައިވެއެވެ."
ހަސަދަވެރިވުމުން ދުރުވެގަތުމަށް ބާރުއެޅުއްވުމުގެ ގޮތުން އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ހަދީސްފުޅުކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ތިޔަބައިމީހުންގެ މަތީގައިވާ މީހުންނަށް ދެއްވާފައިވާ ނިޢުމަތްތަކަށް ނުބަލާށެވެ. އެކަމަކު ތިޔަބައިމީހުންގެ ދަށުގައިވާމީހުންނަށް ތިޔަބައިމީހުން ބަލާހުށިކަމެވެ. އޭގެސަބަބުން މާތް ﷲ ތިޔަބައިމީހުންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ މަތިން ތިޔަބައިމީހުން ހަނދާންވާނެއެވެ. (ބުޚާރީ) އަދިވެސް އެކަލޭގެފާނު ހަދީސްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިޔަބައިމީހުންގެ ތެރެއިން މީހަކު މުދާވެރިކަމާއި ޖާހުގެ ގޮތުން ތިބާއަށްވުރެ މަތިވެރި މީހަކަށް ބަލައިފިނަމަ ތިމާއަށް ވުރެ މުދާވެރިކަމާއި ޖާހުގެ ގޮތުން ދެރަ ނިކަމެތި މީހަކަށްވެސް ބަލާހުށިކަމެވެ." (މުސްލިމް)
އިސްލާމްދީނުގައި ހަސަދަވެރިނުވުމަށް އެހާމެބޮޑަށް ބާރުއަޅުއްވާފައިވާއިރުވެސް އެކަމުގެ ސަބަބުން ތިމާއަށް ފައިދާކުރުވަނިވި ބައެއްކަންކަމުގައި އަނެކާއަށް ދެރައެއް ލިބުމަށް ނޭދޭހާލު ހަސަދަވެރިވުން ހުއްދަކުރައްވާފައިވެއެވެ. އެ ހަސަދަވެރިކަމަކީ ތިމާފިޔަވާ އެކަން ޙާޞިލްވެފައިވާ މީހުންގެ އަތުން އެކަން ނެތިދިއުމަށް ނޭދުމާއި އެކު އަދި އޭނާއަށް އެ ނިޢުމަތް ލިބިފައިވާކަމަށްޓަކައި ތިމާ އޭނާއަށް ނަފުރަތު ނުކުރާ ޙާލު ތިމާއަށްވެސް އެ ނިޢުމަތް ލިބުމަށް އެދުމެވެ.
ﷲ ގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ހަދީޘްފުޅުކުރައްވާފައިވެއެވެ. ދެހާލަތެއްގައި ހަސަދަވެރިވުން ހުއްދައެވެ. އެއްހާލަތަކީ މާތްﷲ އެކަލާނގެ އަޅަކަށް ކީރިތި ޤުރުއާނުގެ ޢިލްމު ދެއްވާ މުޅި ރޭގަނޑު ޤުރުއާން ކިޔެވުމުގައި ހޭދަކުރާމީހާގެ މައްޗަށް ތިމާއަށްވެސް އެނިޢުމަތް ލިބި އެގޮތުގައި ޢަމަލުކުރުމަށް އެދި ހަސަދަވެރިވުމެވެ. އަދި އެމީހަކަށް މާތްﷲ މުދާވެރިކަމާއި ތަނަވަސްކަންދެއްވާ އެމުދާވެރިކަމާއި ތަނަވަސްކަން މާތްﷲ ގެ މަގުގައި ރެއާއިދުވާލު ހޭދަކުރާމީހާގެ މައްޗަށް ތިމާއަށްވެސް އެތަނަވަސްކަމާއި ނިޢުމަތް ލިބުމަށްއެދި އަދި އެގޮތުގައި ހޭދަކުރުމަށް އެދި ހަސަދަވެރިވުމެވެ." އަދިވެސް އިތުރު އެކަލޭގެފާނު އިތުރަށް ހަދީޘްފުޅުކުރައްވާފައިވެއެވެ. "ތިމަންނާއަށް އޭނާއަށް އެލިބުނު ނިޢުމަތްލިބި އޭނާ ޢަމަލުކުރިފަދައިން ޢަމަލުކުރުމަށް ލިބޭނެނަމައެވެ" (ޞަހީހް ބުޚާރީއާއި މުސްލިމް)
މާތް ރަސޫލުﷲ صلى الله عليه وسلم ހަދީޘްފުޅުކުރެއްވި އެހެން ބަސްފުޅެއްގެ މާނައިގައިވެއެވެ. މިއުންމަތުގެ މީހުގެ މިސާލު ހަތަރު ބަޔަކަށް ބެހިގެންވެއެވެ. އޭގެ ތެރެއިން އެއްބަޔަކީ މާތްﷲ އެމީހަކަށް މުދާވެރިކަމާއި ހިކުމަތް ދެއްވި މީހުންނެވެ، އެގޮތުން އޭނާ އޭނާގެ މުދާ ހިކުމަތްތެރިކަމާއިއެކު ހޭދަކުރެއެވެ. އަބަޔަކަށް ހިކުމަތް ދެއްވާ އެކަމަކު މުދާވެރިކަން ނުދެއްވާ މީހުންނެވެ. އޭނާ ބުނާނެއެވެ، ތިމަންނާއަށް މާތްﷲ މުދާވެރިކަން ދެއްވިނަމަ އެވެނި މީހަކު ހޭދަކުރި ފަދައިން ހޭދަކުރާހުށީމެވެ. އެދެބައިމީހުންނަށްވެސް މާތްﷲ އެއްފަދައަކުން ޖަޒާދެއްވާނެތެވެ. އެހެނީ އޭނާ މުދާވެރިއާއަށް ލިބިފައިވާ ތަނަވަސްކަން އޭނާގެ އަތުން ބީވުމަކަށް ނޭދެއެވެ. އެކަމަކު އެފަދަ މުދާވެރިކަމެއް ލިބި އޭނާފަދައިން ހޭދަކުރުމަށް އެދެއެވެ. އަނެއްބަޔަކީ އެބަޔަކަށް މާތްﷲ މުދާވެރިކަން ދެއްވާ އެހެންނަމަވެސް ޢިލްމައި ހިކުމަތް ނުދެއްވާ މީހުންނެވެ. އޭނާ އޭނާގެ މުދާ ހޭދަކުރަނީ އޭނާ ހިތުހުރިގޮތުގައެވެ. އަދި އެންމެ ފަހު ބާވަތަކީ އެބަޔަކަށް މުދާވެރިކަންވެސް އަދި ޢިލްމުވެރިކަންވެސް ނުދެއްވާ މީހުންނެވެ. އެބައިމީހުން ބުނާނެއެވެ. ތިމަންނާއަށް އޭނާފަދައިން މުދާވެރިކަން ލިބުނުނަމަ އޭނާ އެމުދާ ހޭދަކުރާފަދައިން ހޭދަކުރާ ހުށީމެވެ. މާތްﷲ އެދެބާވަތުގެ މީހުންނަށްޓަކައިވެސް އެކަމުގެ ނުބައިކަން ލިއުއްވާހުއްޓެވެ. (އައް ތިރްމިޒީ އަދި އިބްނު މާޖާ)
އިންސާނުން ހަސަދަވެރިވުމަށް ކުރިމަތިވާ ބައެއް ސަބަބުތައް
ރުޅިވެރިކަމާއި ނަފުރަތު: މީހެއްގެ ފަރާތުން ކޮންމެވެސް ސަބަބަކާއިހުރެ ގެއްލުމެއްލިބިފައިވާމީހާ އޭނާއަށް އެގެއްލުމެއް ދިން މީހަކުދެކެ ރުޅިއާދެއެވެ. އަދި މިރުޅިވެރިކަމުގެ ސަބަބުން އޭނާގެ ހިތުގައި އަނެކާއިމެދު ނަފުރަތު އުފެދެއެވެ. އަދި އޭނާގެ ފަރާތުން ބަދަލުހިފުމަށް ބޭނުންވެއެވެ. އެގޮތުން އޭނާއަށް އަނިޔާކުޅަ މީހާއަށް ދެރައެއް ލިބުމުން އޭނާ އެކަމާ އުފާކުރެއެވެ. އަދި އޭމީހާއަށް އެލިބުނު ދެރައަކީ އޭނާއަށް އޭނާ ކުރި އަނިޔާގެ ބަދަލުގައި މާތްﷲ އޭނާއަށް ދެއްވާ އަޒާބެއްކަމުގައި އެނޭ ދެކެއެވެ.
ހަމަ އެފަދައިން އެމީހަކަށް އުފަލެއް ލިބިއްޖެނަމަ އޭނާ އެކަމާ ހިތާމަކުރެއެވެ. އެއީ ހަސަދައެވެ. އެހެނީ އޭގެ ސަބަބުން އޭނާއަށް ދެރަ ލިބުނު މީހާއަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. ނަމަވެސް އެ ހަސަދަވެރިވާ މީހާގެ ހިތުގައި ނަފުރަތުގެ އަލިފާން ރޯވެ އޭނާގެ އަމިއްލަ ނަފުސަށް އެތަކެއް ނޭދެވޭ އަސަރުތަކެއް އެކަމުން ކުރުވައެވެ.
އިސްވެދެންނެވެނު ހަސަދައިގެ ނުބައިކަމުން ސަލާމަތްވުމަށްޓަކައި އިސްލާމްދީނުގައި ވަނީ އަނެކާއަށް މަޢާފުކޮށް އެމީހެއްގެ ރުޅި ކޮންޓްރޯލްކުރުމަށް އިރުޝާދުދެއްވާފައެވެ. މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
الَّذِينَ يُنْفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ وَاللَّهُ يُحِبُّ الْمُحْسِنِينَ (آل عِمرَان 134)
"އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތިހާލުގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިހްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ."
ޖާހިލުކަމާއި، ބޮޑާވެގަތުމާއި ތިމާގެ މޮޅުކަންދެއްކުން: ދުނިޔޭގައި ނުވަތަ އެމީހަކު ދިރިއުޅޭ މުޖުތަމައުގައި އެހެންމީހަކަށް ލިބިފައިނުވާފަދަ މަޤާމެއް ނުވަތަ މަތިވެރިކަމެއް ލިބުމުން އެހެންމީހަކަށް އެފަދަ މަތިވެރިކަމެއް ނުވަތަ މަޤާމެއް ލިބުމަށް އެފަދަ ބައެއް މީހުން ނޭދޭނެއެވެ. ތިމާއާއި އެކަމުގައި އެހެންމީހުން ވާދަކޮށް އެމީހުންނަށް މުޖުތަމައުގެ ފަރާތުން ތަޢުރީފްލިބުމަކަށްވެސް އެފަދަމީހަކު ނޭދޭނެއެވެ. އެހެންކަމުން އަނެކާތިމާއާއި ވާދަކޮށް ކުރިއަރާދާނަމަ އެމީހަކަށް އޭނާ ނަފުރަތުކުރާނެއެވެ. އަދި ހަސަދަވެރިވާނެއެވެ.
މިކަމުގެ އެންމެ ރަނގަޅު މިސާލަކީ ޔަހޫދީން މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް މާތް ﷲ ދެއްވެވި މަތިވެރި ނަބީކަމުގެ ސަބަބުން އެކަލޭގެފާނަށް ނަފުރަތުކޮށް ހަސަދަވެރިވި ހަސަދަވެރިވުމެވެ. މި ހަސަދަވެރިކަމުގެ ސަބަބުން އެކަލޭގެފާނަށް މާތްﷲ ސުބުޙާނަހޫ ވަޠައާލާދެއްވެވި މަތިވެރި އިލާހީ ބަސްފުޅުތަކަށް އެބައިމީހުން އިންކާރުކުރިއެވެ. އެހެނީ އެކަލޭގެފާނަކީ އަރަތްބަކަށް ވުމާއި ބަނީއިސްރާއީލުން ވަޑައިގެންނެވި ބޭކަލަކަށް ވެވަޑައިނުގަތުމެވެ. ނަތީޖާއެއްގެގޮތުން ކީރިތި ޤުރުއާނުގައި މާތް ﷲ ބަޔާންކޮށްދެއްވާފައިވާ ފަދައިން އެބައިމީހުންގެ ދޫތަކުން މިފަދަ ބަސްތައް ބޭރުވެގެންދިޔައެވެ.
وَكَذَلِكَ فَتَنَّا بَعْضَهُمْ بِبَعْضٍ لِيَقُولُوا أَهَؤُلاَءِ مَنَّ اللَّهُ عَلَيْهِمْ مِنْ بَيْنِنَا أَلَيْسَ اللَّهُ بِأَعْلَمَ بِالشَّاكِرِينَ (الاٴنعَام 53)
މާނައީ: "އެއުރެން އެއްބަޔަކު އަނެއްބަޔަކު މެދުވެރިކުރައްވައި އިމްތިހާން ކުރައްވަމުން ތިމަންރަސްކަލާނގެ ގެންދެވީ އެފަދައިންނެވެ. އެއީ އަހުރެމެންގެ ތެރެއިން ﷲ ނިޢުމަތް ދެއްވާފައިވާ ބަޔަކީ މިބައިމީހުންނޭ؟ އެއުރެން ބުނުމަށްޓަކައެވެ. ޝުކުރުވެރިވާ މީހުން އެންމެބޮޑަށް ދެނެވޮޑިގެންވަނީ، ﷲ ކަމުގައި ނުވޭ ހެއްޔެވެ؟"
وَقَالُوا لَوْلاَ نُزِّلَ هَذَا الْقُرْءانُ عَلَى رَجُلٍ مِنَ الْقَرْيَتَيْنِ عَظِيمٍ (الزّخرُف 31)
މާނައީ: "އަދި އެއުރެން ބުނޫއެވެ. އެ ދެރަށުގެ (އެބަހީ: މައްކާއާއި ޠާއިފް ގެ) މީހުންކުރެ، މާތްމީހަކަށް މި ޤުރުއާން ބާއްވާނުލެއްވީ ކީއްވެގެން ހެއްޔެވެ؟"
ހަސަދަވެރިކަމުގެ ނުބައިކަން މިހާދިސާތަކުންވެސް ދޭހަވެގެންދެއެވެ. އެގޮތުން ހަސަދަވެރިކަމުގެ ސަބަބުން ތިމާއަށް ހައްޤުގޮތް ޤަބޫލުކުރުމަށް ހުރަސްއަޅައެވެ. އަދި އަނެކާގެ ނަސޭހަތް ޤަބޫލުނުކުރުމަށް މަޖުބޫރުކުރުވައެވެ. ޔަހޫދީން އެބައިމީހުންގެ ބާޠިލް އަޤީދާ ދޫކޮށް މާތްﷲ ގެ ރަސޫލާގެ ހައްޤުބަސްފުޅާއިމެދު ޝައްކުކުރިފަދައިންނެވެ.
މީހާގެ ގައިގައި އަށަގަނެފައިވާ ނޭދެވޭ އާދަތަށް: ބައެއްމީހުން އަނެކާއަށް ލިބިފައިވާ މަތިވެރިކަމެއްގެ ސަބަބުން ނުވަތަ ނިއުމަތެއްގެ ސަބަބުން ތިމާއަށް ގެއްލުމެއް ނުވަތަ އެއްވެސް އަސަރެއް ނުކުރާއިރުވެސް އަނެކާއަށް ނިޢުމަތް ލިބުމުން އެކަމާ ނަފްރަތުކޮށް ހިތާމަކުރެއެވެ. އަދި އަނެކާއަށް ދެރައެއް ލިބުމުން އެކަމާ އުފާކުރެއެވެ. އެފަދަމީހުން އެމީހުންގެ އަމިއްލަ ކުރިއެރުމަށް މަސައްކަތެއްނުކުރެއެވެ. އަދި އަނެކާގެ ކުރިއެރުމަކަށްވެސް ނޭދެއެވެ. މިއީ ހަސަދަވެރިކަމާއި ގުޅިފައިވާ ބަލިތަކުގެ ތެރެއިން ފަރުވާލިބުމަށް އެންމެ އުނދަގޫ ބާވަތެވެ. އެހެނީ މި ނުބައި އާދައަކީ އޭނާގެ މިޒާޖުގައި އަށަގަނެފައިވާ ނޭދެވޭ ސިފައަކަށް ވާކަމެވެ. އެހެންކަމުން އަނެކާއަށް ކުރިއެރުމެއް ނުވަތަ ނިޢުމަތެއް ލިބުމަށް އޭނާ އެއްގޮތަކަށްވެސް ނުރުހޭނެއެވެ.
ހަސަދަވެރިކަމުގެ ނުބައިކަމުން ސަލާމަތްވެ ތަޢުބާވުން
ހަސަދަވެރިކަމުގެ ނުބައިކަމުން ސަލާމަތްވެ ތަޢުބާވުމަށް ކުރަންޖެހޭ ފުރަތަމަކަމަކީ އެކަމުގައި ތިމާ އިޙްލާޞްތެރިވުމެވެ. ރަސޫލުﷲ صلى الله عليه وسلم ހަދީޘްފުޅުކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "މުއުމިނެއްގެ ހިތުގައި އެކަންތައްތަކެއް ވުމަށް ނުރުހުންތެރިވެގެން ނުވާނޭ ތިންކަމެއް ވެއެވެ. އެއީ ޢަމަލުގައި އިޙްލާޞްތެރިވުމާއި، ވެރިންނަށް ނަޞީހަތްތެރިވުމާއި، މުސްލިމުންގެ ޖަމާއަތް ދޫކޮށްނުލުމެވެ. އެހެނީ އެބައިމީހުންގެ ދުޢާގައި އެބައިމީހުންނާއި އެކު ވާ އެންމެން ޝާމިލްވެގެންވެއެވެ." (އަޙްމަދު އިބްނު މާޖާ)
ދެވަނަ ކަމަކީ ހަސަދަވެރިވުމަށް މަގުފަހިކޮށްދޭ އެންމެހާ ކަންކަމުން ދުރުވެގަތުމެވެ. އެގޮތުން ރުޅިވެރިކަމާއި އަނެކާއަށް ނުރުހުންތެރިވުމާއި، ދުނިޔޭގެ ޒީނަތްތެރިކަމަށް ލޯބިކުރުމުންނާއި ޝަހުވަތަށް ލޯބިކުރުމުން ތިމާ ދުރުވާންޖެހޭނެއެވެ. ހަމަ އެހެންމެ ހިތްނުތަނަވަސްވެ މާޔޫސްވުމުންވެސް ތިމާ ދުރުވާންޖެހޭނެއެވެ.
އިންސާނާ ހިތްނުތަނަވަސްވެ މާޔޫސްވުން އިތުރުކުރުވަނީ އިންސާނާ އޭނާ ހެއްދެވި ވެރި އިލާހާއިމެދު ޣާފުލްވުން އިތުރުވިމިންވަރަކަށެވެ. އިންސާނާ އޭނާ ހެއްދެވި އިލާހު އެ އިލާހުގެ މަތިވެރި ސިފަފުޅުތަކާއި އެކަށީގެންވާގޮތުގައި އެއިލާހަށް އީމާންވާނަމަ އޭނާގެ ހިތްނުތަނަސްވެ މާޔޫސްވާކަށް ނުޖެހޭނެއެވެ. އެހެނީ އެ އިލާހަކީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ، އެކަލާނގެ އަޅުތަކުންނަށް އެންމެ އޯގާވެރި އަދި އެންމެ އިންސާފުރި އިލާހުކަން އޭނާ ޔަޤީންކުރާނަމަ އެއިލާހުގެ މިންވަރުފުޅާއިމެދު އޭނާ މާޔޫސްވަގެން ނުދާނެއެވެ. އަދި އޭނާގެ ހިތުގައި އެމާޔޫސްކަމާއި ހިތްނުތަނަވަސްކަން ނުވާނަމަ އަނެކާގެ މައްޗަށް އޭނާގެ ހިތުގައި ހަސަދަވެރިކަމެއް ނޯންނާނެއެވެ.
އިބްނު ޤައްޔިމް (ރަހިމުﷲ) ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ހިތުގެ ތަނަވަސްކަމާއި ހިތްހަމަޖެހުން އިންސާނާގެ ހިތުގައި އަމާންކަމާއި ރައްކާތެރިކަމުގެ ދޮރު ހުޅުވާދެއެވެ. އޭގެސަބަބުން ހަސަދަވެރިކަމާއި، ޖާހިލުކަމާއި، މަކަރުވެރިކަމުން އޭނާގެ ހިތް ޠާހިރުކޮށްދެއެވެ. އެމީހެއްގެ ހިތުގައި ހިތްހަމަޖެހުމާއި ތަނަވަސްކަން އިތުރުވީ މިންވަރަކަށް އޭނާގެ ހިތުގެ ޠާހިރުކަން ބޮޑުވެގެންދާނެއެވެ. އެހެންނަމަވެސް މީގެ މާނައަކީ އިންސާނާ އޭނާގެ ހާލަތު އިތުރަށް ތަރައްޤީކުރުމަށް މަސައްކަތް ނުކުރުމެއްނޫނެވެ. އިންސާނާ އޭނާގެ ދުނިޔަވީ ހަޔާތުގައިވެސް ކުރިއެރުމާއި ބާއްޖަވެރިކަން ހޯދުމަށް ގަދައަޅައި މަސައްކަތްކުރަންޖެހޭނެއެވެ. އެހެންނަމަވެސް އެ މަސައްކަތުގައި ތިމާއަށްވުރެ މަތިވެރި ބޮޑެތި ނިޢުމަތްތައް މާތްﷲ މިންވަރުކުރައްވާފައިވާމީހުންނަށް ހަސަދަލައި ނުރުހުންތެރިވެގެން ނުވާނެއެވެ. އެކަމަކު އޭނާ ވާންޖެހޭނީ މާތް ﷲ ގެ މިންވަރުފުޅާއިމެދު ހިތްހަމަޖެހި ރުހިގެންވާމީހެއްކަމުގައެވެ.
ހަސަދަވެރިކަމުގެ ނުބައިކަމުން ސަލާމަތްވެ ތައުބާވުމަށް ކުރަންޖެހޭ ތިންވަނަކަމަކީ މާތްﷲ އިންސާނުންގެ މައްޗަށް ބާއްވާލެއްވި މަތިވެރި ހިދާޔަތުކަމުގައިވާ އެކަލާންގެ މަތިވެރި ކަލާމްފުޅު ގިނަގިނައިން ކިޔެވުމެވެ. އެހެނީ ކީރިތި ޤުރުއާނަކީ ހިތުގެ ބަލިތަކަށްވާ ފަރުވާއެކެވެ. ޝިފާއެކެވެ.
يَاأَيُّهَا النَّاسُ قَدْ جَاءَتْكُمْ مَوْعِظَةٌ مِنْ رَبِّكُمْ وَشِفَاءٌ لِمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِلْمُؤْمِنِينَ (یُونس 57)
މާނައީ: "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ހަޟްރަތުން ތިޔަބައިމީހުންގެ ގާތަށް ވައުޟާއި، ހިތްތަކުގައިވާ ބަލިތަކަށް ޝިފާއަކާއި، މުއުމިން ތަކުންނަށް ތެދުމަގަކާއި، ރަޙްމަތެއް އަތުވެއްޖެކަން ކަށަވަރެވެ."
ހިތުގެ ޠާހިރުކަން އިތުރުކޮށްދެއްވުމަށް އެދި ގިނަގިނައިން މާތް ﷲ އަށް ދެންނެވުން
މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
وَالَّذِينَ جَاءُوا مِنْ بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلإِِخْوَانِنَا الَّذِينَ سَبَقُونَا بِالإِيمَانِ وَلاَ تَجْعَلْ فِي قُلُوبِنَا غِلًّا لِلَّذِينَ ءَامَنُوا رَبَّنَا إِنَّكَ رَءُوفٌ رَحِيمٌ (الحَشر 10)
މާނައީ: "އަދި އެއުރެންގެ ފަހުން އައި މީހުން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރިން އީމާންވި، އަޅަމެންގެ އަޚުންނަށް ފާފަފުއްސަވާނދޭވެ! އަދި އީމާންވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި ހަސަދަވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، ރަހީމްވަންތަ ރަސްކަލާނގެއެވެ."
ގިނަގިނައިން ޞަދަޤާތްދިނުން
ގިނަގިނައިން ޞަދަޤާންދިނުމަކީ ހިތް ސާފުކޮށްދީ ނަފްސު މަތިވެރިކޮށްދޭ ކަމެކެވެ. އެސަބަބައްޓަކައި މާތްﷲ އެކަލާނގެ ރަސޫލާއަށް އަންގަވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ.
خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِمْ بِهَا وَصَلِّ عَلَيْهِمْ إِنَّ صَلاَتَكَ سَكَنٌ لَهُمْ وَاللَّهُ سَمِيعٌ عَلِيمٌ (التّوبَة 103)
މާނައީ: "އޭގެ ސަބަބުން ކަލޭގެފާނު އެއުރެން ޠާހިރުކުރައްވާނޭ، އަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދޭނޭ ޞަދަޤާތެއް، އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ! އަދި އެއުރެންނަށްޓަކައި ކަލޭގެފާނު ދުޢާ ކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ދުޢާއަކީ، އެއުރެންނަށްއޮތް ހިތްހަމަޖެހުމެކާއި، ރަޙްމަތެކެވެ. ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
އިންސާނާ އޭނާގެ ސިކުނޑިއަށް ހަސަދަވެރިކަމުގެ ޝުޢޫރެއް ވެރިވާހިނދު ލަޢުނަތްލެއްވި ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުންއެތި އެދި މާތްﷲ ގެ ހަޟްރަތުން އެދެންޖެހޭނެއެވެ. އިންސާނާގެ ބުއްދިއަށް ވެރިވާ ކަންކަމުން އޭނާއަށް ޖަޒާދެއްވުމެއް ނުވެއެވެ. އޭނާއަށް ޖަޒާދެއްވާހުށީ އޭނާ ބުނާ ބުނުމަށާއި ކުރާ ޢަމަލުތަކަށެވެ.
ޝޭޚުލް އިސްލާމް އިބްނު ތައިމިއްޔާ (ރަހިމުﷲ) ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އެއްވެސްމީހަކީ ހަސަދަވެރިކަމުގެ ނުބައިކަމުން ސަލާމަތްވެފައިވާ މީހެއް ނޫނެވެ. އެކަމަކު ބައެއްމީހުން އެކަން ފާޅުކުރާއިރު ޞާލިހް މާތްމީހުން އެކަން ސިއްރުކުރެއެވެ. (އަމްރާދް އަލް ޤުލޫބް)
ތިމާގެ ހިތުގައި ވަކިމީހަކާއިމެދު ހަސަދަވެރިކަމެއް ވާނަމަ އެމީހަކަށް ހަދިޔާއެއް ގަނެދޭށެވެ. ނުވަތަ އޭނާއާއި އަތާއަތްޖޯޑުކޮށް ސަލާމްކުރާށެވެ. އެހެނީ ހަސަދަވެރިކަމުގެ އަސްލަކީ ރުޅިވެރިކަމެވެ. ރަސޫލުﷲ صلى الله عليه وسلم ހަދީޘްފުޅުކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ތިޔަބައިމީހުން ސަލާމް ފަތުރާހުށި ކަމެވެ. އެހެނީ އޭގެސަބަބުން ނަފްރަތާއި ދެކޮޅުވެރިކަން ފިލާދާނެއެވެ. އަދި ތިޔަބައިމީހުން ހަދިޔާ އާއި ލޯބި ބަދަލުކުރާހުށިކަމެވެ. އޭގެސަބަބުން ހަސަދަވެރިކަން ފިލާދާހުއްޓެވެ.
އަބޫ ހުރައިރާ (ރަޟިއަﷲ އަންހު) ރިވާކުރެއްވި ހަދީޘްފުޅެއްގެ މާނައިގައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ހަދީޘްފުޅުކުރެއްވެވިއެވެ. "އެފަރާތެއްގެ ބާރުގެ ދަށުގައި ތިމަން ކަލޭގެފާނުގެ ފުރާނަފުޅުވާ މާތް ﷲ ގަންދީ ވިދާޅުވަމެވެ. ތިބާގެ އީމާންކަން ފުރިހަމަ ނުވާހާހިނދަކު ތިބާ ސުވަރުގެ ނުވަންނަހުއްޓެވެ. އަދި ތިބާގެ އަޚާއަށް ލޯބިނުކުރާހާހިނދަކު ތިބާގެ އިމާންކަން ފުރިހަމަނުވާހުއްޓެވެ. އަދި އެއަށްފަހު ހަދީޘްފުޅުކުރެއްވެވިއެވެ. އެކަމެއް ކުރުމުން ތިޔަބައިމީހުންގެ މެދުގައި ލޯބި ފެތުރިގެންދާނޭ ކަމެއްގެވާހަކަ ވިދާޅުވެދެއްވަންހެއްޔެވެ؟ ފަހެ ތިޔަބައިމީހުން ތިޔަބައިމީހުންގެ މެދުގައި ސަލާމް ފަތުރާ ހުށިކަމެވެ."
އިބްނު އަބްދުލް ބައްރު ވިދާޅުވިއެވެ. "މިއިން ދޭހަކޮށްދެނީ ސަލާމް ފެތުރުމަކީ އޭގެސަބަބުން މީސްތަކުންގެ މެދުން ދެކޮޅުވެރިކަމާއި ނަފްރަތު ދުރުކޮށްދީ ލޯތްބާއި ރަހުމް އިތުރުކޮށްދޭކަމެއްކަމެވެ."
ރަސޫލުﷲ صلى الله عليه وسلم ހަދީޘްފުޅުކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން ބޭކަލަކު އެބަ ވަދެވަޑައިގަންނަވައެވެ..."
އަނަސް އިބްނު މާލިކް ވިދާޅުވިއެވެ. ތިމަން ކަލޭގެފާނާއި، އިތުރު ސަހާބީންގެ ބަޔަކު ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުގައި ތިބަވަނިކޮށް އެކަލޭގެފާނު ހަދީޘްފުޅު ކުރެއްވެވިއެވެ. "ސުވާރުގޭގެ އަހުލުވެރިންގެ ތެރެއިން ބޭކަލަކު މިހާރު އެބަ ވަޑައިގަންނަވައެވެ" އެހިނދު ވުޟޫކުރެއްވުމުގެ ސަބަބުން ތުނބުޅިފުޅުން ފެންތައް އޮހޮރެމުންދިޔަ އަންސާރިއްޔަ ބޭކަލަކު އެބޭކަލެއްގެ ވާތްޕުޅުން ފައިވާން ޖޯޑުކޮށްޅު ހިފައިގެން ވަދެވަޑައިގަންނަވަނީއެވެ.
ދެވަނަ ދުވަހުވެސް ރަސޫލުﷲ صلى الله عليه وسلم ކުރީދުވަހު ހަދީޘްފުޅު ކުރެއްވިފަދައިން ހަދީޘްފުޅުކުރެއްވެވިއެވެ. އަދި އޭރު ހަމަ ކުރިން ދުވަހުވެސް ވަޑައިގެންނެވެ އަންސާރުންގެ މީހާ ހަމަ އެހާލުކޮޅުގައި ވަދެވަޑައިގަންނަވަނީއެވެ.
ދެން ރަސޫލުﷲ صلى الله عليه وسلم އެނބުރި ވަޑައިގެންނެވުމުން އަބްދުﷲ އިބްނު އަމްރު (ރަޟިއަﷲ އަންހު) އެމީހާގެ ފަހަތުން ވަޑައިގެން ވިދާޅުވިއެވެ. "ތިމަން މިއައީ ތިމަންގެ ބައްޕައާއި ނުރުހުންވެ ދެބަސްވެ ތިންރޭ ތިންދުވާފަހުން މެނުވީ ގެއަށް ނުވަނުމަށް ހުވާކޮށްގެންނެވެ. ތިބާ އަހަރެން ތިންދުވަސްވަންދެން ތިބާގެ ގޭގައި ބަހައްޓާދީފާނަންހެއްޔެވެ؟" އެމީހާ ޖަވާބުގައި ދެންނެވިއެވެ. "އެންމެ ރަގަޅެވެ."
އަނަސް ވިދާޅުވިއެވެ. "އަބްދުﷲ އެމީހާއާއިއެކު އެމީހާގެ ގޭގައި ތިންރޭ ހޭދަކުރެއްވިކަމުގައި ވިދާޅުވިއެވެ. އެކަމަކު އެއިން އެންމެ ރެޔަކުވެސް އޭނާ ރޭއަޅުކަން ކުރުމަށް ތެދުވެވަޑައެއް ނުގަންނަވައެވެ. އެކަމަކު އޭނާ އޮށޯވެ އޮންނަގޮތްނޫން އެހެން ގޮތަކަށް ބަދަލުވާކޮންމެ ފަހަރަކު ﷲ އަކްބަރު ވިދާޅުވެ އެކަލާނގެ ޒިކުރުކުރެއެވެ. އަދި އެގޮތުގައި ފަތިސްނަމާދުވަގުތު ޖެހެންދެން ދެމިހުރެއެވެ."
"އަބްދުﷲ ވިދާޅުވިއެވެ. ތިމަން އޭނާގެ ފަރާތުން ހެޔޮބަހެއް ނޫނީ ނާހަމެވެ. މިގޮތުގައި ތިންރޭ ހޭދަވުމުން ތިމަން އޭނާއަށް ދެންނެވީމެވެ. "އޭ ﷲގެ އަޅާއެވެ. ތިމަން ހަޤީޤަތުގައި ތިމަންގެ ބައްޕައާއި ދެކޮޅުވެރިއެއް ނުވަމެވެ. އަދި ބައްޕަ ދޫކޮށެއްވެސް ނުލަމެވެ. އެކަމަކު ތިމަންނާއަށް ރަސޫލުﷲ صلى الله عليه وسلم ކަލޭގެފާނާއި ބެހޭގޮތުން ތިން ފަހަރެއްގެމަތިން ބަސުފުޅު ވިދާޅުވި އަޑުއެއްސެވީމެވެ. އެކަލޭގެފާނު ހަދީޘްފުޅުކުރެއްވިއެވެ. ސުވަރުގޭގެ އަހުލުވެރިންގެތެރެއިން ބޭކަލަކު އެބަވަޑައިގަންނަވައެވެ. އަދި އެއިން ކޮންމެފަހަރަކުވެސް ތިމަންނާއަށް ފެނުނީ ކަލޭގެފާނު ވަޑައިގަންނަވާތަނެވެ. އެހެންކަމުން ތިމަން ބޭނުންވީ ކަލޭގެފާނުކުރައްވާކަމެއް ބަލާ އެގޮތުގައި ކަލޭގެފާނަށް ތަބާވެވަޑައިގަތުމަށެވެ. އެކަމަކު ތިމަންމެންކުރާ ކަންތައްތައްފިޔަވައި އިތުރުކަމެއް ކަލޭގެފާނު ކުރައްވާތީއެއް ފެނިވަޑައެއްނުގަތެވެ. އެހެންކަމުން ކަލޭގެފާނާއިމެދު ﷲ ގެ ރަސޫލާ صلى الله عليه وسلم އެފަދަ ބަސްފުޅެއް ހިދީޘްފުޅުކުރެއްވުމުގެ ސިއްރަކީ ކޮބައިތޯއެވެ؟"
އެމީހާ ދެންނެވިއެވެ. "އެއީ ކަލޭގެފާނަށް ފެނިވަޑައިގެންނެވި ކަންތައްތައްފިޔަވައި އިތުރުކަމެއް ނޫނެވެ." ދެން އަބްދުﷲ އެނބުރި ދިއުމަށް ތައްޔާރުވެވަޑައިގެންނެވުމުން އެނޭ އެކަލޭގެފާނަށް ގޮވާގެންނަވާ ވިދާޅުވިއެވެ. "އާނއެކެވެ. އެއީ ކަލޭގެފާނަށް ފެނިވަޑައިގެންނެވި ކަންތައްތައްފިޔަވައި އިތުރުކަމެއް ނޫނެވެ. އެކަމަކު ތިމަންގެ ހިތުގައި އަނެއް މުސްލިމް އަޚަކާއިމެދު އަދި މާތްﷲ އެމީހަކަށް މިންވަރުކުރެއްވެވި ރަޙްމަތަކާއިމެދު އެއްވެސް ނުބައިކަމެއް އަދި ހަސަދަވެރިކަމެއް ނުބާއްވަވަމެވެ." އަބްދުﷲ ވިދާޅުވިއެވެ. "ކަލޭގެފާނަށް ސުވަރުގެ ލިބިވަޑައިގަތުމުގެ ސިއްރަކީ ތިއީއެވެ. އަދި އަހަރެމެންނަށް ކުރުމަށް ދަތިކަމަކީވެސް ތިއީއެވެ." (މުސްނާދު އަޙްމަދު)

No comments:
Post a Comment