}

Sunday, August 30, 2009

ކޮންމެ މުސްލިމަކީވެސް ތަޤުވާވެރިއަކަށް ވާންޖެހެއެވެ.

އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވިފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤުވާވެރިވުމަށްޓަކައެވެ. (2: 183)
މި އާޔަތުން ޖުމްލަގޮތެއްގައި ދެކަމަކަށް އިޝާރާތްކުރައްވާފައިވެއެވެ. ފުރަތަމަ ކަމަކީ ރޯދައަކީ ހުރިހާ އެންމެންގެ މައްޗަށް ފަރުޟުކުރެއްވިގެންވާ އަޅުކަމެއްކަމެވެ. ދެވަނަ ކަމަކީ ރޯދައަށް ހުރުމުގެ މަޤްޞަދަކީ ތަޤުވާވެރިކަން އިތުރުކުރުންކަމެވެ. އެހެންކަމުން އޮޅުމެއްނެތްގޮތުގައި ތަޤުވާވެރިވުމަކީ ހުރިހާ އެންމެންގެ މައްޗަށް ލާޒިމްކުރާ ސިފައެއްކަން ދޭހަވެއެވެ.


އެހެން އިބާރަތަކުން ދަންނަވަނީނަމަ، އިސްލާމްދީނުގައި ތަޤުވާވެރިކަން (މާތްﷲ އަށް އީމާންކަން ޚާލިޞްކުރުމާއި، އެކަލާނގެއަށް ބިރުވެތިވުމާއި، ހެޔޮޢަމަލުތައްކުރުން) މިއީ ހަމައެކަނި ދީންވެރި ވަކިބައެއްގެ މައްޗަށް ލާޒިމްކުރާކަމެއްނޫނެވެ. އެއާއި ޚިލާފަށް ކޮންމެ މުސްލިމަކީވެސް ޞާލީހް އީމާންތެރި ތަޤުވާވެރިއަކަށް ވާންޖެހޭނެއެވެ. ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީ ބިނާވެގެންވަނީ އެމީހެއްގެ ކިބައިގައިވާ ތަޤުވާވެރިކަމެއްގެ މައްޗަށެވެ.
ހިންދީ ދީނުގެ ބައެއް މީހުން ޤަބޫލުކުރާގޮތުގައި އެދީނުގައި މަނާކޮށްފައިވާ ބައެއްކަންތައްތައް ނުވަތަ ނުކުރުމަށް އަންގާފައިވާ ބައެއްކަންތައްތައް (މިސާލަކަށް: އެއްގަމުމަސްކެއުން) އެއީ އެމީހާގެ މައްޗަށް ލާޒިމްކުރާ ކަމެއްނޫނެވެ. އެއީ އޭނާއަކީ އެބައިމީހުންގެ ބަހުންނަމަ "ބްރަހަމީން" އަކަށް ނުވާތީއެވެ. މިފަދަ ބައެއް ކަންތައްތައް ބުދުދީނާއި ކްރިސްޓިއަން ދީނުގައިވެސް ހިމެނިގެންވެއެވެ. އެންސައިކްލޮޕީޑިއާ ބްރިޓޭނިކާގައިވާފަދައިން ހިންދުއިޒަމް، ބުދިޒަމް އަދި ކްރިސްޓިއަނިޓީގައި (ޚާއްސަގޮތެއްގައި ރޯމަން ކެތޮލިކް އަދި އީސްޓަރން އޯތޮޑޮކްސްގެ ސެކްޓްތަކުގައި) އެމީހުންގެތެރެއިން މާތް ނުވަތަ ދީނީގޮތުން މަތިވެރި މަޤާމުތަކުގައި ތިބޭމީހުންނަކީ އެހެންމީހުންނާއި ތަފާތު ވަކި ދިރިއުޅުމެއް އުޅޭބައެއްކަމުގައިވުމަށް ލާޒިމްކުރުވައެވެ. އެހެންނަމަވެސް އިސްލާމްދީނުގައި ކަންއޮތީ އެހެނެއްނޫނެވެ. ތިމާއަކީ ޞާލިޙް ދީންވެރިއަކަށް ނުވާތީ ވަކި ކަންތައްތަކެއް ނުކޮށް ދޫކޮށްލުމަކީ އެކަމުގައި ތިމާއަށް އިޚްތިޔާރު ލިބިގެންވާކަމެއްނޫނެވެ.
މާތް ﷲ ގެ އިލާހީ ދުސްތޫރު ކީރިތިޤުރުއާނުގައި ތަޤުވާވެރިވުމަށް ވަރަށްބޮޑަށް ބާރުއަޅުއްވާފައިވެއެވެ. އެގޮތުން ތަޤުވާ އާއި ތަޤުވާގެ މާނަހިމެނޭގޮތުގައި 151 ފަހަރު މި ސިފަ ގެންނަވާފައިވެއެވެ. ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ކޮންމެ ނަފުސެއްމެ މާދަމާއަށްޓަކައި އިސްކޮށްފައިވާ ޢަމަލެއް ބަލާފާހުށިކަމެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (59: 18)

ހަމަ އެހެންމެ ކީރިތި ޤުރުއާނުގައި މާތްﷲ ވަނީ މީސްތަކުންނަށް ތަޤުވާވެރިވުމާއި ނުވުމުގެ ތަފާތު ދެއްކެވުމުގެ ގޮތުން ވަރަށް ބަލާޣާތްތެރި މިސާލެއް ގެންނަވާފައެވެ.

"ފަހެ، ހެޔޮކަންބޮޑީ، ﷲ އަށް ތަޤުވާވެރިވުމާއި، އެކަލާނގެ ރުހިވޮޑިގަތުން ލިބުމުގެ މައްޗަށް އެމީހެއްގެ ބިންގާ އެޅި މީހާ ހެއްޔެވެ؟ ނުވަތަ ވެއްޓިގެންދާ ގުންޑޮޅިއެއްގެ ތުންފަތްމަތީގައި (އެބަހީ: ނިފާޤު ކަންމަތީގައި) އެމީހެއްގެ ބިންގާ އަޅައި، އެބިނާއާއިއެކު ނަރަކައިގެ އަލިފާންގަނޑަށް ވެއްޓުނު މީހާހެއްޔެވެ؟ އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ." (9:109)

ހަމަ އެފަދައިން ކީރިތި ޤުރުއާނުގައި މާތްﷲ ވަނީ ދާއިމީ ރަޙްމަތާއި ސަލާމަތްކަން ވަނީ ތަޤުވާވެރިންނަށްކަން ބަޔާންކޮށްދެއްވާފައެވެ.

"އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ހަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ ތަޤުވާވެރިންނަށެވެ." (3:133)

އާނއެކެވެ، ކޮންމެ ވާދަވެރި ރޭހެއްގައިވެސް ކޮންމެވެސް އެއްބަޔަކު ކުރިހޯދާއިރު އަނެއްބަޔަކު ފަހަތުގައި ތިބޭނެއެވެ. ތަޤުވާގެ ރޭހުގައިވެސް ކަންއޮތީ ހަމަ މިފަދައިންނެވެ. ޝައްކެތްނެތް ގޮތުގައި އެއްބަޔަކު މާތް ﷲ އަށް ބިރުވެތިވެ ހެޔޮއަމަލުކުރުން ގިނަކޮށް ތަޤުވާވެރިކަން އިތުރަށް ހަރުދަނާކުރެއެވެ. ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާފައިވާ (22:32) ފަދައިން ތަޤުވާވެރިކަން ވަނީ އިންސާނާގެ ހިތުގައެވެ. އެހެންކަމުން އެހެންމީހުންގެ ތަޤުވާވެރިކަން ކިރާ ވަޒަންކުރުމަކީ އަޅުގަނޑުމެންނަށް ކުރެވޭނޭކަމެއް ނޫނެވެ. އެހެންނަމަވެސް ތަޤުވާއާއި ގުޅިފައިވާ އެތައް ސިފަތަކެއް ތަޤުވާވެރިންގެ ކިބައިން ފެނިގެން ދާނެއެވެ. އެހެންކަމުން ތަޤުވާގެ ރޭހުގައި ކުރިއަރަމުންދާ މީހުން އަޅުގަނޑުމެންނަށް ދެނެގަނެވޭނެއެވެ. އެހެންނަމަވެސް މިރޭހުގެ ފަހަތުގައި ތިބި ބަޔަކަށް އެމީހުންނަކީ މިރޭހުގައި ވާދަކުރަމުންދާބައެއް ނޫންކަމުގައި ބުނުމުގެ އެއްވެސް އިޚްތިޔާރެއް ލިބިފައެއްނުވެއެވެ. ނުވަތަ އެބައިމީހުންނަށް އެފަދައިން ނުބުނެވޭނެއެވެ. އެހެނީ ދުނިޔަވީ ދިރިއުޅުމުގައި މިރޭހުގައި ވާދަކުރުންނޫން އެހެން ހަޤީޤީ ވާދަކުރުމެއް ނެތެވެ!
އަހަރުމެން އެންމެންވެސް މިތިބީ ތަޤުވާގެ ރޭހުގައެވެ. ތަނަވަސްމީހާއާއި ފަޤީރު މީހާއާއި، ކިޔަވައިގެން ހުރި މީހާއާއި ނުކިޔަވާހުރި މީހާއާއި، ވެރިމީހާއާއި އޭނާގެ ފަހަތުގައި ވާ މީހުންނާއި، ލިޔާމީހާއާއި ކިޔާމީހާއާއި، ކިޔަވައިދޭމީހާއާއި ކިޔަވާ މީހާއާއި، ވެރިކަން ހިންގާ މީހާއާއި ވެރިކަން ހިންގޭ މީހުންނާއި، ދުވަސްވީމީހާއާއި ޒުވާނުންނާއި، އަންހެނުންނާއި ފިރިހެނުންނާއި، މި އެންމެންނަކީވެސް ތަޤުވާވެރިކަން އެބައިމީހުންގެ ކިބައިގައި އިތުރުކުރުމަށް މަސައްކަތްކުރަންޖެހޭ ބައެކެވެ. މާތް ﷲ ގެ ހަޟްރަތުގައި އެންމެ މަތިވެރިމީހަކީ ތަޤުވާވެރިކަމުގައި އެންމެ ކުރިހޯދާ މީހާއެވެ. އިސްލާމީ މުޖުތަމަޢު ވާންޖެހޭނީ ތަޤުވާވެރިވުމަށް އިސްކަންދޭ ތަޤުވާވެރިވުމަށް ލޯހުޅުވިފައިވާ މުޖުތަމަޢަކަށެވެ. އެގޮތުން އެބައިމީހުންގެ ތެރެއިން އެންމެބޮޑަށް ޤަދަރުކުރެވޭ މީހަކަށް ވާންޖެހޭނީ އެމީހެއްގެ ކިބައިގައި ތަޤުވާވެރިކަން އެންމެބޮޑު މީހެކެވެ. އެހެނީ ތަޤުވާވެރިކަމާއިނުލާ ދިރިއުޅުމުގެ އެހެނިހެން ކަންކަން ވެގެންދާނީ ބޭކާރު ކަންތައްތަކެއްކަމުގައެވެ.
އާންމު އުޞޫލެއްގެގޮތުން ކަންމިހެން އޮތްނަމަވެސް މިއަދުގެ އިސްލާމީ މުޖުތަމަޢުތަކުގައި ޤަބޫލުކުރެވިފައިވާ ވިސްނުމަކީ ޞާލިޙް އަޅުވެރިންނަކީ މުޅިން ތަފާތު ގިންތިއެއްގެ ބައެއްކަމެވެ، އަދި އެބައިމީހުންނަކީ އަހަރެމެންފަދަ "އާދައިގެ މުސްލިމުންނާއި" ތަފާތު ބައެއްކަމުގައެވެ. މި ފިކުރަކީ ހިންދީ ދީނާއި ކްރިސްޓިއަން ދީނުގެ ތެރެއިން އަހަރެމެންގެ މުޖުތަމަޢުގެ ތެރެއަށް "އިމްޕޯޓްކުރެވިފައިވާ" ވަރަށް ނޭދެވޭ ފިކުރެކެވެ. އިސްލާމީ ޝަރީއަތަކީ ޖުމްލަގޮތެއްގައި ދިރިއުޅުމުގެ ހުރިހާކަމަކާއި ހުރިހާ ފަންތިއަކާއި ގިންތިއަކަށް ކަނޑައެޅިފައިވާ އާންމު ޝަރީއަތަކަށް ވީހިނދު އިސްވެދެންނެވުނު ނޭދެވޭ ފިކުރުގެ ސަބަބުން އަހަރެމެންގެ ތެރެއިން ބައެއްމީހުން އިސްލާމްދީނުގެ އާންމު ޝަރީއަތް "އާދައިގެ މުސްލިމުންނަށް" ފެތޭނޭހެން ކޮށާމަށަމުން ގެންދެއެވެ. އިސްލާމީ ޝަރީއަތުގެ ތެރެއިން އެބައިމީހުން ބޭނުންބައިތަަކަށް ޢަމަލުކުރުމަށްފަހު އެހެންބައިތައް ދޫކޮށްލައެވެ. ނަތީޖާއަކަށް ވެގެންދަނީ އިސްލާމީ ޝަރީއަތުގެ ދާއިރާ އެބައިމީހުންގެ ދިރިއުޅުމުގައި ހަނިވެ ފާފަތަށް ކުރުމުގެ އުޒުރަކަށް އަކަން ވެގެން ދިއުމެވެ. އެފަދަ މީހުންގެ ބަހެއްކަމުގައި އެންމެފަހުން ވެގެންދަނީ ތިމަން މީ މާބޮޑު ދީންވެރިއެއް ނޫނޭ ބުނުމެވެ. އެކަމަކު އެޖުމްލައަކީ ތިމާ ދުނިޔެއަށް ފޮނުއްވުނު މަޤްޞަދު ހާޞިލުކުމަށް އެހީތެރިވެދިން ޖުމްލައެއް ހެއްޔެވެ. ނުވަތަ ތިމާ ދިރިއުޅުމުގައި ހާޞިލްކުރަންޖެހޭ ލަނޑުދަނޑި ޚާޞިލްކުރެވިއްޖެކަމުގެ ބިލާހެއްހެއްޔެވެ؟
ތަޤުވާގެ އިދިކޮޅުސިފައަކީ ފާފަކުރުމެވެ. އަދި މިޒަމާނުގެ ބައެއް މީހުންނަށް ތަގުވާވެރިވުމަކީ ބުރަކަމެއްކަމުގައި ވެގެންދިއުމަށް މަގު ފަހިކޮށްދެނީ އެބައިމީހުންގެ ވިސްނުމުގައި އެބައިމީހުންނަކީ ޞާލިޙް ބައެއްކަމުގައި ވިސްނިގެންދިއުމެވެ. އަދި މިކަން ވެގެންގޮސްފައިވަނީ މިޒަމާނުގައި ތަފާތު ބިދުޢަތައް ދީނުގެ ތަރަހައިގެ ތެރެއަށް ވަދެ ފެތުރުމަށް ކޮށޭ އިތުރުމަގެއްކަމުގައެވެ. އެހެނީ އެބައިމީހުންދެކޭގޮތުގައި އެބައިމީހުންނަކީ ޞާލިޙް އަޅުވެރިންނެވެ. އެހެންކަމުން އެބައިމީހުންގެ ހުރިހާ ޢަމަލުތަކަކާއިމެދު އެބައިމީހުން ފަޚުރުވެރިވެ އަމިއްލަ ނަފުސައް ތަޢުރީފްކުރެއެވެ.
މާތްﷲ ވަނީ ކީރިތި ޤުރުއާނުގައި އަމިއްލައަށް ތަޤްވާވެރިއެއްކަމުގައި ދެކި އަމިއްލަ ނަފުސައް ތަޢުރީފް ނުކުރުމަށް އަމުރުކުރައްވާފައެވެ.

الَّذِينَ يَجْتَنِبُونَ كَبَائِرَ الإِثْمِ وَالْفَوَاحِشَ إِلاَّ اللَّمَمَ إِنَّ رَبَّكَ وَاسِعُ الْمَغْفِرَةِ هُوَ أَعْلَمُ بِكُمْ إِذْ أَنْشَأَكُمْ مِنَ الأَرْضِ وَإِذْ أَنْتُمْ أَجِنَّةٌ فِي بُطُونِ أُمَّهَاتِكُمْ فَلاَ تُزَكُّوا أَنْفُسَكُمْ هُوَ أَعْلَمُ بِمَنِ اتَّقَى (النّجْم 32)

މާނައީ: "އެއުރެންނީ، ކުދި ފާފަތައްފިޔަވައި، ބޮޑު ފާފަތަކާއި، ފާހިޝް ކަންތަކުން ދުރުވެގަންނަމީހުންނެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ފާފަފުއްސެވުން ތަނަވަސް ރަސްކަލާނގެއެވެ. ތިޔަބައިމީހުން ބިމުން ހެއްދެވި ހިނދުގައްޔާއި، ތިޔަބައިމީހުންގެ މައިންގެ ބަނޑުތަކުގައި ޅަދަރިންގެ ގޮތުގައި ތިޔަބައިމީހުން ތިބިހިނދުގައިވެސް، އެކަލާނގެ ތިޔަބައިމީހުންގެ ކަންތައް ދެނެވޮޑިގަތުން ބޮޑެވެ. ފަހެ، ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށް ތާރީފުކޮށް ފަޚުރުވެރިނުވާށެވެ! ތަޤުވާވެރިމީހުންގެ ކަންތައް އެކަލާނގެ ދެނެވޮޑުގަތުން ބޮޑެވެ."
އެއްފަހަރަކު ގާދީ އިބްނު އަބީ ލައިލާ ވަނީ އެކަލޭގެފާނަށް ފެނިވަޑައިގެންނެވި ހާދިސާއަކާއިގުޅިގެން އިމާމް އަބޫހަނީފާގެ ހެކިބަސް ޤަބޫލުފުޅުކުރެއްވުމަށް ދެކޮޅުހައްދަވާފައެވެ. އެހެނީ އޭގެ ކުރީދުވަހު އެދެބޭކަލުން އެކުގައިވަޑައިގަންނަވަނިކޮށް ލަވަކިޔަންތިބި އަންހެނުންތަކެއް ހުރަސްކޮށް ވަޑައިގެންނެވިއެވެ. އެބޭކަލުން ފެނިވަޑައިގަތުމުން އެމީހުން ލަވަކިޔުން ހުއްޓާލިއެވެ. އެހިނދު އަބޫހަނީފާ ވިދާޅުވިއެވެ. "ރަނަގަޅެވެ." މާނައަކީ އެބައިމީހުން ލަވަކިޔުން ހުއްޓާލިކަން ރަނގަޅެވެ. އެހެންނަމަވެސް ގާދީ އިބްނު އަބީ ލައިލާ ހީފުޅުކުރެއްވީ އަބޫ ހަނީފާ އެމީހުންނަށް ތަޢުރީފުކުރެއްވީކަމުގައެވެ. އެހެންކަމުން އެކަމުގެ މައްޗަށްބައްލަވާ އަބޫ ހަނީފާއަކީ ފާސިގެއްކަމުގައި ނިންމަވާ އެކަލޭގެފާނުގެ ހެކިބަސް ޤަބޫލުނުކުރެވޭނެކަމުގައި ކަނޑައެޅުއްވެވިއެވެ. މިހާދިސާއިން ފެނިގެން އެދަނީ ތާރީޚްދުށް މަތިވެރި އިލްމުވެރި ޞާލިޙްބޭކަލަކު ފާސިގެއްކަމުގައި އާންމުކުރެވިގެން ދިޔަ ތަނެވެ. މިޒަމާނުގައިނަމަ އެފަދަ މީހެއްގެ ޢިލްމުވެރިކަމާއި ހެޔޮކަން މީސްތަކުންގެ މެދުގައި މަޝްހޫރުވެފައިވާ ފަރާތަކާއިމެދު އެފަދަ އިލްޒާމެއް ކޮށްފިނަމަ މީހުން އެއްކޮށް އެކަމާއި ދެކޮޅުހަދާ އެއައް ފާޅުގައި ރައްދުދެމުންގެންދާތަން ފެންނާނެއެވެ. އެހެންނަމަވެސް އިމާމް އަބޫ ހަނީފާ (ރަހިމުﷲ) ހެއްދެވީ ކިހިނެތްތޯއެވެ؟ އެކަލޭގެފާނު އެކަލޭގެފާނު އެދުވަހު ވިދާޅުވި ބަސްފުޅުމާނަކުރެއްވިގޮތް ބަޔާންކޮށްދެއްވުމަށްފަހު އެކަލޭގެފާނުގެ ހެކިބަހައިގެން ކުރިއަށް ވަޑައިގެންނެވީއެވެ. މިހާދިސާ މީސްތަކުންގެ މެދުގައި އާންމުވެގެން ގޮސްފައެއްނުވެއެވެ. އިސްލާމީ ތާރީޚުގައި އެމީހެއްގެ ތަޤުވާވެރިކަމާއިމެދު އަނެކާ ސުވާލުކުރުމުން ނުވަތަ އިންކާރުކުރުމުން އެކަމުގެ ދިފާޢުގައި އެ މީހަކާއި ދެކޮޅަށް ދަޢުވާކޮށް އެފަދަ ކަންކަމުގައި އާންމުންގެ ތެރޭގައި ފާޅުގައި ފާޅުގައި ވާހަކަދައްކާފައިވާކަމެއް ފެންނާކަށްނެތެވެ. އެހެނީ އެކަން ހިމެނިގެންދަނީ އަމިއްލައަށް ތަޤުވާވެރިއެއްކަމުގައި ކަނޑައަޅާ އަމިއައްލަ ނަފުސައް ތަޢުރީފްކުރުން ކަމުގައެވެ.
އިސްލާމީ އިލްމުވެރި ބޭކަލުން އެގޮތަށް ޢަމަލުކުރައްވާފައިނުވަނީ ކީއްވެގެންތޯއެވެ؟ އެހެނީ އެފަދަ ދަޢުވާތަކަކީ ދީނާއި އާންމު ދުނިޔަވީ ދިރިއުޅުން ވަރަށްފާޅުކަން ބޮޑުގޮތެއްގައި ވަކިވެފައިވާ ދުނިޔެއެއްގައި ކުރެވޭ ދަޢުވާތަކެއްކަމުގައި ވާތީއެވެ. ބައެއްމީހުން އެފަދަ ދަޢުވާތައް ކުރަނީ އަނެކާގެ އީމާންތެރިކަމާއިމެދު މީހުންގެ ހިތުގައި ސުވާލުއުފައްދާ މަތިވެރިމަޤާމެއް ހާޞިލްކުރުމުގެ ބޭނުމުގައި ކަމުގައިވެސް ވެދާނެއެވެ. އިސްލާމްދީނުގައި ވަނީ އެންމެ ޝަރީއަތެކެވެ. އަދި އީމާންތެރިކަން ވަޒަންކުރެވޭނީ އެންމެންވެސް އެއްމިންގަނޑަކުންނެވެ.

No comments: