}

Sunday, June 14, 2009

ނަބިއްޔާ ލޫޠު އަލައިހިއްސަލާމް އާއި ބިންގަނޑު މިފުއް އެފުށަށް ޖެއްސެވުނު ރަށުގެ ވާހަކަ


ލޫޠު ގެފާނުގެ ޤައުމުގެ މީހުންވެސް، އިންޒާރުތައް ދޮގުކުޅައޫއެވެ.
ހަމަކަށަވަރުން، އެބައިމީހުންގެ މައްޗަށް، ތިމަންސުވާމީންގެ، ހިލަވާރޭ ފޮނުއްވީމެވެ. ލޫޠުގެފާނުންގެ އަހުލުވެރީން ފިޔަވައި އެހެންމީހުންގެ މައްޗަށެވެ. ރޭގަނޑެއްގެ ވަގުތުގައި ތިމަންރަސްކަލާންގެ އެބައިމީހުން ނަޖާކުރެއްވީމެވެ.
ތިމަންރަސްކަލާނގެ ހަޟުރަތުން ދެއްވި ނިޢުމަތެއްގެ ގޮތުގައެވެ. ޝުކުރުވެރިވާމީހަކަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ، އެފަދައިންނެވެ.
ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އަޒާބުގެ ވާހަކައިން އެކަލޭގެފާނު (ލޫޠުގެފާނު) އެބައިމީހުންނަށް އިންޒާރުކުރެއްވިއެވެ. ދެން އެބައިމީހުން އެއިންޒާރުތަކާއިމެދު ދޮގުކޮށް ޖަދަލު ކުޅައޫއެވެ. (سورة القمر 33-36)

ލޫޠުގެފާނާއި އިބްރާހިމްގެފާނަކީ އެއްދުވަސްވަރެއްގައި އުޅުއްވި ދެބޭކަލުންނެވެ. އެހެނީ ލޫޠުގެފާނަކީ އިބްރާހިމްގެފާނުންގެ ކޮއްކޯފުޅުގެ ދަރިކަލެކެވެ. އެކަލޭގެފާނަށް ބޮޑުބޭބެ ވިދާޅުވާ ބޭކަލެކެވެ. ލޫޠުގެފާނު ބަލާ ބޮޑުކުރައްވާ ތަރުބިއްޔަތު ކުރެއްވީ އިބްރާހިމްގެފާނާއި އެކަލޭގެފާނުންގެ އަނބިކަބަލުން ސާރާއެވެ.
ލޫޠުގެފާނުން ނަބީކަމާއިގެން ފޮނުއްވުނީ އިބްރާހިމްގެފާނުންގެ ޤައުމާއި ކައިރީގައި ދިރިއުޅެމުންދިޔަ ބައެއްގެ ގާތަށެވެ. ޤުރުޢާނުން ދޭހަވާފަދައިން އެބައިމީހުންނަކީ މިއަދާ ހަމައަށްވެސް ދުނިޔެ ދެކެފައިނުވާފަދަ ނުބައި ނުލަފާ ފާހިޝް ޢަމަލުތަކެއް ކުރަމުން ގެންގޮސްފައިވާ ބައެކެވެ. އެއީ ސަދޫމް އޭ ކިޔުނު ރަށެކެވެ. ދެންފަހެ ލޫޠުގެފާނުން އެބައިމީހުންގެ ގާތައް ވަޑައިގެން އެބައިމީހުން ހިންގަމުންދިޔަ ނުބައި ފާހިޝް ޢަމަލުތައް ހުއްޓާ މާތްﷲ އަށް އީމާންވުމަށް ގޮވާލައްވާ އެކަލާންގެ ފޮނުއްވާފާނޭ އަޒާބުގެ އިންޒާރުކުރެއްވެވިއެވެ. އެކަމަކު އެބައިމީހުން އެކަލޭގެފާނަށް އިންކާރުކޮށް އެބައިމީހުންގެ ނުބައި ޢަމަލުތަކުގެ މަތީގައި ދެމިތިބުމުގެ ނަތީޖާއެއްގެގޮތުން ވޭންދެނިވި ބިރުވެރި އަޒާބެއް އެބައިމީހުންގެ މައްޗަށް ބާއްވާލައިވާ އެމީހުން ހަލާކުކޮށް ނެތިކުރެއްވެވިއެވެ.

ލޫޠުގެފާނުގެ ޤައުމުގެ މީހުން ދިރިއުޅުނު ރަށަކީ ރަތްކަނޑުގެ އުތުރުގައިވާ ރަށެއްކަމުގައިވާ ސަދޫމެވެ. އެބައިމީހުން ހަލާކުކުރެވުނުކަމަށް ތާރީޚީ ހޯދުންތަކުން ހޯދިފައިވާ ހޯދުންތަކާއި މާތްﷲ މީގެ އެތައްހާސް އަހަރެއްކުރިން ބާއްވާލެއްވި ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ގޮތާއި އެއްގޮތެވެ. ތާރީޚީ ހޯދުން ތަކުން އެނގި ސާބިތުވާގޮތުގައި ސަދޫމޭ ކިޔުނު ރަށް އޮންނަނީ ފަލަސްޠީނާއި އުރުދުންގެ ބޯޑަރު ސަރަޙައްދުގައި "މަރުގެ ކަނޑު" ނުވަތަ ޑެޑްސީ އެވާ ހިސާބުގައެވެ.
ލޫޠުގެފާނުގެ ޤައުމުގެ މީހުން ހަލާކުކޮށް ނެތިކުރެވުނު ހާދިސާގެ ތާރީޚީ ހެކިތަކަށް ބަލާލުމުގެ ކުރިން އެބައިމީހުން އެފަދަ ގޮތަކަށް ހަލާކުކޮށް ނެތިކުރެއްވުނީ ކީއްވެގެންތޯ ބަލައިލާނަމެވެ. ކީރިތި ޤުރުއާނުގައި ލޫޠުގެފާނު އެކަލާގެފާނުގެ ޤައުމަށް ކުރެއްވި އިންޒާރާއި އެއިންޒާރަށް ދެއްވި ޖަވާބާއި ގުޅޭގޮތުން ބަޔާން ކުރައްވާފައިވަނީ މިފަދައިންނެވެ.

"ލޫޠު ގެފާނުގެ ޤައުމުގެ މީހުން ރަސޫލުބޭކަލުން ދޮގުކުރޫއެވެ.
އެއީ އެބައިމީހުންގެ އަޚް ލޫޠުގެފާނު އެބައިމީހުންނަށް ވިދާޅުވި ހިނދުގައެވެ. ތިއަބައިމީހުން (މާތް ﷲ ގެ ކިބައަށް ބިރުވެތިވެ) ތަޤްވާވެރި ނުވާނޫހެއްޔެވެ؟
އަހުރެންނަކީ ތިޔަބައިމީހުންގެ ގާތަށް ފޮނުވުނު އަމާނާތްތެރި ރަސޫލެކެވެ.
ތިޔަބައިމީހުން މާތް ﷲ ގެ ކިބައަށް ބިރުވެތިވެ ތަޤްވާވެރިވާށެވެ! އަދި (ތިއަބައިމީހުންނަށް މި އަމުރުކުރާ ކަންތަކުގައި) ތިޔަބައިމީހުން އަހުރެނަށް ކިޔަމަންތެރިވާށެވެ!
އަހުރެން (މި ރަސޫލުކަން އިއްވުމަކަށް) ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. ޢާލަމްތަކުގެވެރި ރަސްކަލާނގެ ކިބަފުޅުންމެނުވީ އަހުރެނަށް (އެކަމުގެ) ސަވާބު ދެއްވުމެއް ނުވެއެވެ.
ތިޔަބައިމީހުން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ހައްދަވައި ޙަލާލު ކުރައްވާފައިވާ އަނބީން ދޫކޮށް ތިޔަބައިމީހުން މީސްތަކުންގެތެރެއިން ފިރިހެނުންނާއި ގާތްވަނީ ހެއްޔެވެ؟ އަދި ކިއެއްހެއްޔެވެ! ތިޔަބައިމީހުންނަކީ (މާތް ﷲ ގެ ޙުދޫދުތައް) ފަހަނައަޅައިދާ ބައެކެވެ.
އެމީހުން ދެންނެވިއެވެ. އޭ ލޫޠުގެފާނެވެ! ކަލޭގެފާނު (އަޅުގަނޑުމެންނާއި ދެކޮޅުހެއްދެވުން) ހުއްޓާނުލެއްވިނަމަ (ރަށުން) ބޭރުކުރެވޭ މީހުންގެތެރެއިން ކަލޭގެފާނު ވާހުއްޓެވެ.
ލޫޠުގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން އަހުރެންވަނީ ތިޔަބައިމީހުންގެ މި ޢަމަލަށް (ޔަޢުނީ ލިވާޠުގެ ޢަމަލަށް) ރުޅިއަރާ މީހުންގެ ތެރެއިންނެވެ." (سورة الشعراء 160-168)
ލޫޠުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ތެދުމަގަށް ގޮވާލެއްވިހިނދު އެބައިމީހުން އެކަލޭގެފާނަށް ބިރުދައްކާ ދެކޮޅުވެރިކަން ފާލުކުރިއެވެ. އެބައިމީހުން އެކަލޭގެފާނު އިންކާރުކޮށް އެކަލޭގެފާނާއި އެކަލޭގެފާނަށް އީމާންވެވަޑައިގެންނެވި ބޭކަލުން ރަށުން ބޭރުކުރުމަށް އުޅުނެވެ. މި ވާހަކަ ކީރިތި ޤުރުއާނުގެ އެހެން އާޔަތެއްގައި ބަޔާންކުރައްވާފައިވަނީ މިފަދައިންނެވެ.

"އަދި ލޫޠު ގެފާނުން (ގެވާހަކަ ކިއައިދެއްވާށެވެ.) އެކަލޭގެފާނުންގެ ޤައުމުގެ މީހުންނަށް ވިދާޅުވިއެވެ. ފަހެ ތިޔަ ފާހިޝް ނުބައި ކަންތައް ތިޔަބައިމީހުން ކޮށްގަންނަނީހެއްޔެވެ؟ ޢާލަމްތަކުގެ އެކަކުވެސް ތިޔަބައިމީހުންގެކުރިން އެކަން ކޮށްފައެއް ނުވެއެވެ.
ތިޔަބައިމީހުން ޝަހުވަތުގެ ގޮތުން އަންހެނުންނުލައި ފިރިހެނެންނާއި ގާތްވަމުއެވެ. ފަހެ، ތިޔަބައިމީހުންނީ (ފާފަކުރުމުގައި ހައްދުފަހަނަ އަޅައި) އިސްރާފުކުރާ ބަޔަކީމެވެ.
އެމީހުންގެ މިބުނުން ނޫން އެހެން ޖަވާބެއް އެމީހުން ނުދެއެވެ. (ލޫޠުގެފާނާއި އޭނާގެ އަހުލުން) ތިޔަބައިމީހުންގެ ރަށުން ބޭރުކުރާށެވެ. އެމީހުންނީ ޠާހިރުވެގަންނަބައެކެވެ." ((سورالأعراف 80-82)

"ލޫޠުގެފާނު އެކަލޭގެފާނުގެ ޤައުމަށް ވިދާޅުވިއެވެ: ޢާލަމްތަކުގެ ތެރެއިން އެއްވެސް މީހަކު މީގެކުރީން ނުގެންނަ ފާޙިޝްތު (ލިވާޠުގެ ފާޙިޝަތު) ތިޔަބައިމީހުން ހަމަކަށަވަރުން ގެނެސްގަންނަނީހެއްޔެވެ؟
ހަމަކަށަވަރުން ތިޔަބައިމީހުން (އަންހެނުން ދޫކޮށް) ލިވާޠު ކުރުމާއި، އަދި މުދައު ފޭރިގަތުމާއި، އެހެނިހެން ނުބައި ކަންތައްތަކާއި، އަދި ތިޔަބައިމީހުންގެ މުޖްތަމަޢުގައި ނަހީކުރައްވާފައިވާ މުންކިރު ކަންތައް ކުރަނީހެއްޔެވެ. "ކަލޭގެ ފާނުގެ ބަސްފުޅު ތެދުކަމުގައި ވަނީނަމަ މާތް ﷲ ގެ ޙަޟްރަތުން ތިމަންމެންނަށް އޭގެ އަޒާބު ދައްކަވާށެވެ." މިހެން ބުނުންނޫން އެހެން ޖަވާބެއް. އެކަލޭގެފާނުގެ ޤައުމުގެ ފަރާތުން ލިބިވަޑައެއް ނުގަތެވެ. (سورة العنكبوت 28-29)
އިސްވެ ދެންނެވުނު ޖަވާބު އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ފަރާތުން ލިބިވަޑައިގެންނެވި ހިނދު އެކަލޭގެފާނުން އެކަލޭގެފާނުންގެ ވެރިރަސްކަލާނގެ މަދަދަށް އެދިވަޑައިގެން ދުޢާފުޅުކުރެއްވިއެވެ.


"އެކަލޭގެފާނު ވިދާޅުވިއެވެ: މާތްރަސްކަލާކޮ! ފާސިދު މީހުންގެ ކިބައިން ތިމަންކަލޭގެފާނަށް ނަސްރު ދެއްވަވާންދޭވެ! (އެބައިމީހުން އެދުނު އަޒާބު ބާއްވައިލެއްވެވުމުން) (سورة العنكبوت 30)

"އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޯއެވެ! އެމީހުން އެކުރާ ޢަމަލުގެ (އަޒާބުން) ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ އަހުލުވެރިން ސަލާމަތްކުރައްވާންދޭވެ! (سورة الشعراء 169)

ލޫޠު އަލައިހިއްސަލާމްގެ މި ދުޢާފުޅަށްފަހު މާތް ﷲ އުޑުން ދެމަލާއިކަތުން އިންސާނުންގެ ސިފައިގައި ބިމަށް ފޮނުއްވިއެވެ. އެބޭކަލުން ލޫޠުގެފާނުގެ ގާތަށް ވަޑައިގެންނެވުމުގެ ކުރިން އިބްރާހިމްގެފާނުގެ އަރިހަށް ވަޑައިގެން އެކަލޭގެފާނަށް ދަރިކަލަކު ލިބިވަޑައިގަންނަވާނޭ ކަމުގެ އުފާވެރި ޚަބަރު ދެއްވިއެވެ. އަދި އެބޭކަލުން އެބޭކަލުން ބިމަށް ފޮނުއްވުނު ސަބަބު ވިދާޅުވެދެއްވާ ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ ނުބައި ޢަމަލުތަކުގެ ވާހަކަ އެކަލޭގެފާނަށް ވިދާޅުވެދެއްވިއެވެ.

"އިބްރާހިމްގެފާނު (އެމަލާއިކަތުންނަށް) ވިދާޅުވިއެވެ. އޭ ރަސޫލުންނޭވެ! ތިޔަބޭކަލުން ތިޔަވަޑައިގަންނަވަނީ ކޮންބޭނުމަކު ކޮންކަމަކާތޯއެވެ؟
އެބޭކަލުން ދެންނެވޫއެވެ. ތިމަން ބޭކަލުން ފޮނުވިގެންވަނީ ކާފިރު ޤައުމެއްގެ ކައިރިއަށެވެ. (އެއީ ލޫޠުގެފާނުގެ ޤައުމުގެ މީހުންނެވެ)
އެއީ އެމީހުންގެ މައްޗަށް (އަލިފާނުން ފިހެވިފައިވާ) މަށީގެ ހިލަ އުއްކެވުމަށެވެ. (سورة الزاريات 31-34)

"ލޫޠުގެފާނުންގެ އަހުލުވެރީން މެނުވީ އެހެންމީހުންގެ ގާތަށެވެ. ހަމަކަށަވަރުން އެ އެންމެން އެކުގައި (ލޫޠުގެފާނުގެ އަހުލުވެރީން އެކުގައި) ތިމަންމެން ސަލާމަތްކޮށް މިންޖުކުރައްވާ ހުށީމުއެވެ.
އެކަލޭގެފާނުގެ އަނބިކަނބަލުން ނޫން އެހެންމީހުންނެވެ. ތިމަންމެން (ނުވަތަ ތިމަން ރަސްކަލާނގެ) ނިޔާކުރައްވާ ނިންމަވާފައިވަނީ، ހަމަކަށަވަރުން އެކަނބުލޭގެއީ އަޒާބުގެ ތެރެއަށް ދޫކުރެވިގެންވާ މީހުންގެ ތެރެއިންވާ މީހަކުކަމުގައެވެ. (سورة الحخر 59-60)

ލޫޠު (عليةالسلام) ގެ އަރިހަށް އެބޭކަލުން ވަޑައިގެންނެވި ޚަބަރު ލިބިވަޑައިގެންނެވުމާއިއެކު އެކަލޭގެފާނުގެ ޤައުމުގެ މީހުން ލޫޠުގެފާނުގެ ގެކޮޅުގެ ކައިރިއަށް ޖަމާވެ އެހެން މީހުންނާއި ބައްދަލުކުރާ އުުޞޫލުން އެމީހުންނަށް ފާރަލާންފެށިއެވެ. އެހިނދު ލޫޠު ގެފާނު އެބައިމީހުންނަށް ދެންނެވިކަމުގައި ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައިވަނީ މިފަދައިންނެވެ.

"އެކަލޭގެފާނު، (ލޫޠުގެފާނު) ވިދާޅުވިއެވެ. ހަމަކަށަވަރުން، މިބައިމީހުންނީ، ތިމަންގެ މެހުމާނުންނެވެ. ފަހެ، ތިޔަބައިމީހުން ތިމަން ފަޟީހަތް ނުކުރާށެވެ!
އަދި، ތިއަބައިމީހުން މާތްﷲ އަށް ތަޤްވާވެރިވެ، ބިރުވެތިވާށެވެ. އަދި، ލަދުގައި ނުބައްދާށެވެ!" (سورة الحخر 68-69)

އެހިނދު ލޫޠުގެފާނުގެ ޤައުމުގެ މީހުން ޖަވާބުދިނީ މިފަދައިންނެވެ.

"އެބައިމީހުން ދެންނެވޫއެވެ: މީސްތަކުންނާއި ބައްދަލުވެއުޅުން، ތިމަންމެން ކަލޭގެފާނަށް ނަހީނުކުރަމުތޯއެވެ؟" (سورة الحخر 70)

އެހިންދު އެކަލޭގެފާނާއި އެކަލޭގެފާނުގެ ގާތަށް ޒިޔާރަތްކުރެއްވި ބޭކަލުންނަށް އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ފަރާތުން އަތުވެދާނޭ ނުރައްކަލަކަށް ބިރުވެތިވެވަޑައިގެން ވިދާޅުވިއެވެ.

"ލޫޠު (عليةالسلام) ވިދާޅުވިއެވެ. (ތިއަބައިމީހުންނާއި ދެކޮޅުހެދުމަށް) ތިމަންނާއަށް ބާރެއް ލިބިގެންވާނަމައެވެ. ނުވަތަ، ބާރުވެރި، (އެހީތެރި) ފަރާތަކަށް ދެވޭނޭ ނަމައެވެ." (سورة هود 80)

އެހިނދު އެކަލޭގެފާނުގެ ގާތަށް ޒިޔާރަތްކުރެއްވި ބޭކަލުން އެބޭކަލުންނަކީ މާތްﷲ ގެ ހަޟްރަތުން ފޮނުއްވުނު ބައެއްކަން އެކަލޭގެފާނަށް އެންގެވިއެވެ. އަދި ވިދާޅުވިއެވެ.
"(ފޮނުއްވިގެންވާ މަލާއިކަތުން) ދެންނެވޫއެވެ. އޭ ލޫޠުގެފާނެވެ! ހަމަކަށަވަރުން ތިމަންމެންނީ، ކަލޭގެފާނުންގެ ސާހިބުވަންތަ ރަސްކަލާނގެ ފޮނުއްވި ރަސޫލުންނެވެ. ކަލޭގެފާނާއި ހަމައަކަށް އެބައިމީހުންނެއް ނުފޯރާނެއެވެ! ފަހެ، ކަލޭގެފާނުންގެ އަހްލުވެރީންނާއިގެން ރޭގަނޑުން ބައަކާއިއެކު ނިކުމެވަޑައިގެން ހިންގަވާށެވެ! އަދި ތިޔައިގެތެރެއިން އެކަކުވެސް އެނބުރި ފަސްނުބަލާހުށިކަމެވެ. ކަލޭގެފާނުންގެ އަނބިކަނބަލުން ފިޔަވައި އެހެން މީހުންނެވެ. ހަމަކަށަވަރުން އެބައިމީހުންނަށް ކުރިމަތިވާ ކަންތައް، އެކަމަނާއަށް ކުރިމަތިވާނެއެވެ. ހަމަކަށަވަރުން އެބައިމީހުންނަށް ކަނޑައެޅިގެންވާ ވިގުތަކީ ހެނދުނު ފަތިހެވެ. ފަތިހުގެ ވަގުތަކީ ގާތުގައިވާ ވަގުތެއް ކަމުގައި ނުވޭހޭ؟" (سورة هود 81)

"އަދި ހަމަކަށަވަރުން، އެކަލޭގެފާނުންގެ މެހުމާނުންނާއިމެދު ނުބައިކަންތައް ކުޅައުމަށްޓަކައި، އެކަލޭގެފާނުންގެ އަރިހުން އެދިގަތެވެ. ދެން ތިމަންރަސްކަލާނގެ އެބައިމީހުންގެ ލޯތައް ކަނުކުރެއްވީމެވެ. (އަދި އެންގެވީމެވެ.) ފަހެ، ތިމަންރަސްކަލާނގެ އަޒާބާއި، އިންޒާރުގެ ރަހަ ތިއަބައިމީހުން ދެކޭށެވެ!
އަދި، ހަމަކަށަވަރުން، ފަތިހެއްގެ ފަތިސްވަގުތުގައި ދެމިހުންނަނިވި އަޒާބު އެބައިމީހުންގެ ގާތަށް އައިސް ކުރިމަތިވިއެވެ." (سورة القمر 37-38)


ފަހެ އިސްވެދެންނެވުނު ފަދައިން އެބައިމީހުންނަށް އިންޒާރުކުރެވި އެބައިމީހުންގެ ޢަމަލުތަކަށް މާތްﷲ ފޮނުއްވި އެކަލާންގެ މަލާއިކަތުން މެދުވެިކުރައްވާ ލޫޠުގެފާނު ހެކިވެވަޑައިގެންނެވުމަށްފަހު އެބައިމީހުން ހަލާކުކޮށް ނެތިކުރެއްވުނުގޮތުގެވާހަކަ އަންނަނިވި ކީރިތި ޤުރުއާނުގެ އާޔަތްތަކުގައި މާތްﷲ ބާޔާންކޮށްދެއްވާފައިވެއެވެ.

ދެންފަހެ. އިރުއެރިވަގުތުގައި، އެބައިމީހުންގެ މައްޗަށް އައި، ކޯފާގެ އަޑުފަށްގަނޑު އައިސް އެބައިމީހުން ގެންދިޔައެވެ.
ދެން، އެރަށުގެ މައްޗަށް އޮތްފުއް، ވަތަށް އޮތްފުށްކަމުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި، ކެކިކެކި ހޫނުވެގެންވާ މަށިން އުފެދިފައިވާ ހިލައިން، އެބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ވާރޭ ވެއްސެވީމެވެ.
އެފަދަ ކަންކަމުގެ ނިޝާންތައް ދެކެ، ޢިބްރަތްތެރި ލޮލުން ބަލާމީހުންނަށް، ހަމަކަށަވަރުން އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.
އަދި، ހަމަކަށަވަރުން އެތަންވަނީ، އިންދިރާސްނުވެ އޮތް މަގެއްގައިކަން ކަށަވަރެވެ. (އެބަހީ: ލޫޠުގެފާނުންގެ ޤައުމުގެ މީހުން އުޅުނު ސަދޫމުއެވެ ކިއުނު ރަށް އޮންނަނީ، ފޮރުވިގެންނުގޮސް، އަދިއަދަށް ދާނދެންވެސް ފެންނާންއޮތް މަގެއްގައެވެ. އެއީ، ޤުރައިޝުން، ޝާމްކަރައަށް ދަތުރުކޮށް އުޅުނުމަގެވެ.) (سورة الحخر 73-76)

"ދެންފަހެ، ތިމަންސުވާމީންގެ އަމުރުފުޅުއައިހިނދު (އެބައިމީހުން އުޅޭރަށުގެ) މައްޗަށް އޮތްފުށް ދަށަށް ތިމަންސުވާމީންގެ ލެއްވީމެވެ. އަދި، (ކެކިކެކިހުރި) އަދި އެކަމަށް ތައްޔާރުވެގެންވާ، މަށީގެހިލައިން އެރަށަށް ތިމަންރަސްކަލާންގެ ވާރޭފޮނުއްވީމެވެ.
ކަލޭގެފާނުންގެ ސާހިބުވަންތަ ރަސްކަލާނގެ ޙަޟުރަތުގައި ފާހަގަވެވިގެންވާ ގޮތުގައެވެ. އަނިޔާވެރިންގެ ކިބައިން ދުރުގައިވާ ކަމެއް ކަމުގައި އެކަންތައް ނުވެއެވެ. (سورة هود 82-83)

"ދެން ތިބިމީހުން ތިމަންރަސްކަލާންގެ ހަލާކުކުރެއްވީމެވެ.
އަދި ތިމަންރަސްކަލާނގެ އެމީހުންގެ މައްޗަށް (ހިލައިގެ) ވާރޭއެއް ވެއްސެވީމެވެ. އިންޒާރު ކުރެވުނު މީހުންގެ (މައްޗަށް ވެހުނު) ވާރޭގެ ނުބައިކަން ބޮޑުކަމާއެވެ.
ހަމަކަށަވަރުން އެކަންތައްތަކުގައި (ނަސޭހަތް ލިބިގަންނާނޭ މީހަކަށް) ޢިބްރަތާއި ނަސޭހަތް ވެއެވެ. (އެކަމަކު) އޭގެތެރެއިން ގިނަމީހުން އީމާނެއް ނުވެއެވެ.
ހަމަކަށަވަރު ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ރަސްކަލާންގެއީ (ކާފިރުންގެ ކިބައިން އިންތިޤާމު ހިއްޕަވާ) ޢިއްޒަތްތެރިވަންތަ ރަސްކަލާނގެއެވެ. (މުއުމިންތަކުންނަށް) ރަޙްމަތް ލައްވާ ރަސްކަލާނގެއެވެ." (سورة الشعراء 176-175)

"އަދި ލޫޠުގެފާނުން (ގެވާހަކަ ކިއައި ދެއްވާށެވެ.) އެކަލޭގެފާނުންގެ ޤައުމުގެ މީހުންނަށް ވިދާޅުވިއެވެ. ފަހެ ތިޔަ ފާޙިޝް ނުބައި ކަންތައް ތިޔަބައިމީހުން ކޮށްގަންނަނީހެއްޔެވެ؟ ޢާލަމްތަކުގެ އެކަކުވެސް ތިޔަބައިމީހުންގެ ކުރިން އެކަން ކޮށްފައެއްނެތެވެ.
ތިއަބައިމީހުން ޝަހުވަތުގެ ގޮތުން އަންހެނުންނުލައި ފިރިހެނުންނާއި ގާތްވަމުއެވެ. ފަހެ، ތިޔަބައިމީހުންނީ (ފާފަކުރުމުގައި ހައްދުފަހަނައަޅައި) އިސްރާފުކުރާ ބަޔަކީމެވެ.
އެމީހުންގެ މިބުނުން ނޫން އެހެން ޖަވާބެއް އެމީހުން ނުދެއެވެ. (ލޫޠުގެފާނާއި އޭނާގެ އަހުލުން) ތިޔަބައިމީހުންގެ ރަށުން ބޭރުކުރާށެވެ. އެމީހުންނީ ޠާހުރުވެގަންނަ ބައެކެވެ.
ދެންފަހެ އެކަލޭގެފަނުގެ އަނބިކަނބަލުން ފިޔަވައި، އެކަލޭގެފާނާއި އެކަލޭގެފާނުގެ އަހުލުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އޭނާވީ (އަޒާބުގައި) ދެމިތިބޭ މީހުންގެ ތެރެއިންނެވެ.
އަދި އެމީހުންގެ މައްޗަށް (ކޯފާގެ) ވާރޭ އަކުން ތިމަންސުވާމީންގެ ވާރޭ އޮއްސެވީމެވެ. ފަހެ ފާފަވެރި މުޖުރިމުންގެ ނިމުން ހުންނަގޮތް ކަލޭގެފާނު ބައްލަވާށެވެ. (سورالأعراف 80-84)

ލޫޠުގެފާނުގެ ޤައުމުގެ މީހުން ހަލާކުކޮށް ނެތިކުރެއްވުނުއިރު އެކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވައި އެކަލޭގެފާނާއި އެކަލޭގެފާނުގެ އަހުލުންވެރިން މި އަޒާބުން ސަލާމަތްކުރައްވާ ރައްކާތެރިކުރެއްވިއެވެ. މި ހާދިސާއަށްފަހު ލޫޠު އަލައިހިއްސަލާމް އެކަލޭގެފާނުންގެ ބޮޑުބޭބޭފުޅު އިބްރާހިމް އަލައިހިއްސަލާމާއިއެކު ހިޖުރަކުރައްވައި ވަޑައިގެންނެވީއެވެ. އެކަލޭގެފާނުގެ ރިސާލަތު ދޮގުކޮށް އެބައިމީހުންގެ ނުބައިކަން ހައްދުފަހަނައަޅައި ދިޔަ މީހުން ހަލާކުކުރައްވާ އެބައިމީހުން އުޅުނު ރަށް ބަންޑުންޖެއްސެވީއެވެ.

ލޫޠު ގެފާނުގެ ޤައުމުގެ މީހުން ދިރިއުޅުނު ހިސާބުގައިވާ ސާފުހެކިތައް

ކީރިތި ޤުރުއާނުގެ ހޫދު ސޫރަތުގައި މާތްﷲ ލޫޠުގެފާނުގެ ޤައުމުގެ މީހުންނަށް ކުރިމަތިކުރެއްވި އަޒާބުގެ ވާހަކަ ބަޔާންކޮށްދެއްވާފައިވެއެވެ.

"ދެންފަހެ، ތިމަންސުވާމީންގެ އަމުރުފުޅުއައިހިނދު (އެބައިމީހުން އުޅޭރަށުގެ) މައްޗަށް އޮތްފުށް ދަށަށް ތިމަންސުވާމީންގެ ލެއްވީމެވެ. އަދި، (ކެކިކެކިހުރި) އަދި އެކަމަށް ތައްޔާރުވެގެންވާ، މަށީގެހިލައިން އެރަށަށް ތިމަންރަސްކަލާންގެ ވާރޭފޮނުއްވީމެވެ. (سورة هود 82)

އިސްވެދިޔަ އާޔަތުގައި މައްޗަށްއޮތްފުށް ދަށަށް ޖެއްސެވީމޭ އޮތް ބަސްފުޅުން އެޤައުމަށް ވަރުގަދަ ބިންހެލުމެއް އައިކަމަށް ހެކިދެއެވެ. ހަމައެފަދައިން "ލޭކް ލޫޠު" ނުވަތަ މި ހާދިސަ ހިނގައިދިޔަ ސަރަހައްދުކަމަށްވާ ލޫޠުގެފާނުގެ ނަންފުޅުން ނަންދެވިފައިވާ ކޯރުގައި މިކަމަށް ހެކިދޭނޭ އެތަކެއް ހެކިތަކެއް ވަނީ ފެނިފައެވެ.
ޖަރުމަނުގެ ތާރީޚީ ހޯދުންތައް ހޯއްދަވާ އާކިއޮލޮޖިސްޓެއް ކަމަށްވާ ވާނާ ކެލަރގެ ވިދާޅުވެފައިވަނީ މިފަދައިންނެވެ.
މިބޮޑު ފުން ރެނދާއި މިތަނުން އުފެދިފައިވާ ބޮޑު ކޯރުގެހެކިތަކަށް ބުރަވެބަލާލާއިރު އެއްޒަމާނެއްގައި މިތަނުގައި މިވާ ސިއްދީމް ވާދީ (ސަދޫމާއި ގުމުއްރާޙް ހިމެނޭނޭހެން ހަލާކުވެގެން ގޮސްފައިވެއެވެ. އެބައިމީހުން ހަލާކުކުރެއްވުނީ އެބައިމީހުންގެ މައްޗަށް އައި ވަރުގަދަ ބިންހެލުމެއްގެ ސަބަބުންނެވެ. އެބިންހެލުމާއިއެކު ވަރުގަދަ ގޮވުންތަކާއެކު ހޮނުއަޅާ ގުދުރަތީގޮތުން ތަފާތުބާވަތްތަކުގެ ވިހަ ގޭސްތައް އުތުރިގެންފައިވެއެވެ.
ސާބިތު ހެކިތަކުން އެނގޭގޮތުގައި ލޫޠުގެފާނުންގެ ކޯރު ނުވަތަ ގިނަމީހުން ދަންނަނަމުންނަމަ ޑެޑްސީ އެވާ ސަރަޙައްދަކީ ސެސްމިކް ރީޖަނެކެވެ. ނުވަތަ ބިންހެލުން ގިނަ ހިސާބެކެވެ.
ޑެޑްސީގެ ސަތަހަ އެކުލެވިގެންވަނީ ތިރިއަށް ފައިބާފައިވާ ޓެކްޓޯނިކް ޕްލޭޓެއްގައެވެ. އަދި މި ވާދީއަކީ އުތުރުން ތަބޭރިޔާ ކޯރާއި ދެކުނުން އަރަބާ ވާދީގެ މެދުތެރޭހިސާބަށް ދެމިފައިވާ ބާރުބޮޑު ހިސާބެކެވެ.


ކުރިންދެންނެވުނު ހޫދު ސޫރަތުގެ އާޔަތުގެ ފަހުބައިގެ މާނައިގައި މި ހާދިސާ ސިފަކޮށްދެއްވާފައިވެއެވެ.
".... އަދި، (ކެކިކެކިހުރި) އަދި އެކަމަށް ތައްޔާރުވެގެންވާ، މަށީގެހިލައިން އެރަށަށް ތިމަންރަސްކަލާންގެ ވާރޭފޮނުއްވީމެވެ."

މިއާޔަތުގެ މާނައިން ދޭހަވާގޮތުގައި އެ ސަރަހައްދުގައި އަލިފާންފަރުބަދައެއްގޮވައި އޭގެ ހިލަތައް އެބައިމީހުންގެ މައްޗަށް ބާއްވާލެއްވިކަމަށް ހެކިދެއެވެ. އެގޮތުން އެބައިމީހުންގެ މައްޗަށް ބާއްވާލެއްވުނު ހިލަކޮޅުތަކަކީ ދޮންވެ ފިހެވިފައިވާ ހިލަކޮޅުތަކެއްކަމުގައި ވިއެވެ. މާތްﷲ ކިރިތިޤުރުއާނުގެ سورة الشعراء ގެ 173 ވަނަ އާޔަތުގައި މިހާދިސާގެ ވާހަކަ އިތުރަށް ބަޔާންކޮށްދެއްވާފައިވެއެވެ.

"އަދި ތިމަން ރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރޭއެއް ވެއްސެވީމެވެ. ފަހެ، އިންޒާރުކުރައްވާފައިވާ މީހުންގެ (މައްޗަށް ވެހުނު) ވާރޭގެ ނުބައިކަމާއެވެ!"

މި މަޢުލޫއަށް އިޝާރާތްކުރައްވާ ތާރީޚް ދިރާސާކުރައްވާ ފަރާތެއްކަމުގައިވާ ވަރނަރ ކެލަރ ލިއުއްވަނީ އަލިފާންފަރުބަދަ ގޮވުމުގެ ސަބަބުން އެއިން ނުކުތް އަޅިއާއި މިނޫންވެސްތަކެތިން ކުރިން އިޝާރާތްކުރެވުނު ރެނދު މުޅިންހެން ފޮރުވިފައިވާކަމަށެވެ. އެގޮތުން ބަޝާންގެ ކައިރީގައިވާ އުރުދުންގެ އުސްވާދީއާއި ދިމާއަޑިން އަދިވެސް މިފަދަ ކަމެއްގެ އަސަރުތައްކަމަށްވާ ދިޔާ އަލިފާނާއި އެނޫންވެސް ބާވަތްތައް މިސަރަހައްދުގެ އުވަގަނޑުގެތެރޭގައި ފާހަގަވާން އެބަހުއްޓެވެ. އެހެންކަމުން މިސަރަހައްދުގައި ވަރުގަދަ ގޮވުމެއްގޮވައި އެސަރަހައްދުއެއްކޮށް ފަނާވެނެތި ގޮސްފައިވާކަމުގެ ސާބިތުހެކި ލިބިފައިވާކަމަށް އޭނާ ލިޔެފައިވެއެވެ. އެހެންކަމުން ޤުރުއާނުގައި މާތްﷲ އަންގަވާފައިއެވަނީ މިވާހަކަކަމަށް ބެލެވެއެވެ. މޮޅަށް ދެނެވޮޑިގެންވާނީ އާލަމްތަކުގެވެރި މާތްﷲ އެވެ.
ޤުރުއާނުގައި ބަޔާންވެގެންވާ ލޫޠުގެފާނުގެ ޤައުމުގެ މީހުންނަށްދިމާވި ހާދިސާ ހިނގާފައިވާކަމަށް ބެލެވޭ ތާރީޚަކީ އީސާގެފާނުގެ 1800 އަހަރު ކުރިއެވެ. ވަރނަރ ކެލަރގެ ހޯދުންތަކުން ދޭހަވާގޮތުގައި ސަދޫމާއި ގުމުއްރާޙް ހިމެނޭ ސަރަހައްދަކީ ސިއްދީމް ވާދީއެވެ. ސިއްދީމް ވާދީއަކީ ލޫޠު ކޯރުގެ އެންމެދުރު ހިސާބުގައިވާ ސަރަހައްދެކެވެ. އަދި އެސަރަހައްދުގައި ކުރިން މީހުން ދިރިއުޅެފައިވާ ބިޔަ ސަހަރުތަކެއް ހުރިކަމުގައި ވެއެވެ.
ޤުރުއާނުގައި ނަންގަނެވިގެންމިވާ ހާދިސާތައް ހިނގާފައިވާ ސަރަހައްދަކީ މެދުއިރުމައްޗާއި، އަރަބިއަން ޕެނިސިއުލާއާއި މިސްރު ހިމެނޭ ސަރަހައްދެވެ. ލޫޠު ކޯރު ނުވަތަ ލޭކް އޮފް ލޫޠު ވާ ސަރަހައްދަކީ މިދެންނެވުނު ސަރަހައްދުތަކުގެ މެދެވެ. ލޭކް އޮފް ލޫޠު ނުވަތަ މި ހާދިސާތައް ހިނގާދިޔަ ސަރަޙައްދަކީ ޖިއޮލޮޖީގެ ގޮތުންވެސް ފާހަގަކޮށްލެވޭ ޚާއްޞަ ކަންތައްތަކެއް ހިމެނިގެންވާ ސަރަހައްދެކެވެ. މި ލޭކް ނުވަތަ ކޯރަކީ މެޑިޓެރޭނިއަންގެ ބިމުންފެށިގެން 400 މީޓަރު އަޑީގައިވާ ތަނެކެވެ. އަދި މި ކޯރުގެ އެންމެފުން ހިސާބުގެ ފުންމިނަކީ 400 މީޓަރު ކަމުގައި ވީހިނދު މި ކޯރުގެ އެންމެމަތީ ފަށަލަވަނީ މެޑިޓެރޭނިއަން ސަރަހައްދުގެ ބިމަށްވުރެ 800 މީޓަރު އަޑީގައެވެ. މިއީ މުޅިދުނިޔޭގެ ބިމުގެ ސަތަހައަށް ބަލާއިރު ދުނިޔޭގައިވާ އެންމެ ތިރި ހިސާބެވެ. ލޭކް އޮފް ލޫޠުގައި ފާހަގަކޮށްލެވޭ އަނެއްކަމަކީ އެތަނުގައިވާ ފެނުގައިވާ ލޮނުގެ މިންވަރެވެ. އެތަނުގައިވާ ފެނުގެ ޑެންސިޓީއަކީ ގާތްގަނޑަކަށް 30 އިންސައްތައެވެ. މި ސަބަބައްޓަކައި މިތަނުގައި މަސްމަހާއިމެއްސާއި އެނޫންވެސް އެފަދަ ދިރޭ އެއްޗަކަށް ދިރުއުޅުމަކީ މުސްތަހީލުކަމެކެވެ. އިސްވެ ދެންނެވުނު ސަބަބުތަކަށްޓަކައި ހުޅަނގުގެ އަދަބިއްޔާތުގައި މިތަނައް ދީފައިވާ ނަމަކީ ޑެޑްސީއެވެ.

ލޭކް ލޫޠު ނުވަތަ ލޫޠު ކޯރުގައިވާ ފާހަގަކޮށްލެވޭ މުހިންމު އަނެއްކަމަކީ ޤުރުއާނުގައިވާ ފަދައިން ލޫޠުގެފާނުގެ ޤައުމުގެ މީހުންނަށް ކުރިމަތިވި މުސީބާތް ސިފަކޮށްދޭގޮތުން އެތަނުގެ ވެއްޓަށް އައިސްފައިވާ ބަދަލުތަކެވެ.
ޑެޑްސީގެ އިރުމަތީ ފަރާތުން އެވާ އަލްލިސާން ޕެނިސިއުލާވަނީ ދުލެއްފަދައިން އެ ފެންގަނޑުގެ ތެރެއަށް ދެމިގެންނެވެ. އަރަބިބަހުގައި "އަލްލިސާން" ގެ މާނައަކީ ދުލެވެ. މި ހިސާބުންފެށިގެން އެތަނުގެ ބިންގަނޑު ކެނޑިގެން ފެންގަނޑުގެ އަޑިއާހަމައަށް ގޮސް ގެއްލިފައިވެއެވެ. މިގޮތުން މި ޕެނިސިއުލާގެ ކަނާތްފަރާތުން މި ކެނޑުން ގާތްގަޑަކަށް 1200 ފޫޓަށް ކަނޑައިގެންގޮސްފައިވެއެވެ. ނަމަވެސް މި ސަރަހައްދުގެ ވާތްފަރާތުން ފެންނަނީ ވަރަށްތިލަ ފެންގަނޑެކެވެ. އެގޮތުން ވޭތުވެދިޔަ އަހަރުތަކުގައި ކުރެވިފައިވާ ދިރާސާތަކުން ދައްކާގޮތުގައި މިސަރަހައްދުގެ ފުންމިނަކީ ގާތްގަނޑަކަށް 50 ފޫޓާއި 60 ފޫޓާއި ދެމެދުގެ ޢަދަދެކެވެ. އެސަރަހައްދުގައިވާ އަލްލިސާން ޕެނިސުއިލާއިން ފެށިގެން އެންމެ ދެކުނުގައިވާ ތުނޑާއިހަމައަށްވާ މިދެންނެވުނު ތިލަ ސަރަހައްދަކީ ސިއްދީމްއެވެ.
ވަރނަރ ކެލަރ ވިދާޅުވާގޮތުގައި މި ސަރަހައްދުން ހޯދިފައިވާ މި ތިލަ ސަރަޙައްދުތަކަކީ ކުރިންދެންނެވުނު ބިންހެލުމާއި އެ ބިންހެލުމުގެ ސަބަބުން ބިންގަނޑުކަނޑައިގެން ދިއުމުގެސަބަބުން އުފެދިފައިވާ ސަރަހައްދުތަކެކެވެ. އެ ސަރަހައްދަކީ ސަދޫމާއި ގުމުއްރާޙް ހިމެނޭ ސަރަހައްދެވެ. އަދި ލޫޠުގެފާނުގެ ޤައުމުގެ މީހުން އުޅުނު ސަރަހައްދަކީ އެއީއެވެ.
މި ސަރަހައްދުން ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ އަސަރުތައް ފެންނާން އެބަހުއްޓެވެ. މިގޮތުން ބޮއްކުރައެއްގައި ލޭކް އޮފް ލޫޠުގެ ދެކުނުފަރާތުކޮޅަށްގޮސް ބަލާލުމުން އިރުގެ އަލި ރަނގަޅުދިމާއިން ލިބޭކަމަށްވާނަމަ ހައިރާންކުރުވަނިވި މަންޒަރުތަކެއް ފެނިގެންދާނެއެވެ. އެގޮތުން އެތަނުގައިވާ ލޮނުގެ ޑެންސިޓީގެ މަތިކަމުން ރައްކާތެރިކުރެވިފައިވާ ވާގަސްތަކުގެ އަސަރުތައް އެދިމާއިން ފެނިވަޑައިގަންނަވާނެއެވެ. މިގޮތުން ގަސްތަކުގެ ގޮފިތަކާއި މޫތައް ފެހިކުލައިގެ މިފެންގަޑުގެ އަޑިން ސިފަވެގެންދާނެއެވެ. ސިއްދީމް ވާދީގައި ހެދިފައިވާ މިގަސްތައް ހިމެނޭ ސަރަހައްދަކީ އެއްޒަމާނެއްގައި ދުނިޔޭގައިވި އެންެމެ ރީތީ ސަރަހައްދުގެ ގޮތުގައި ފާހަގަކުރެވިފައިވާ ހިސާބެކެވެ.

No comments: