}

Tuesday, May 26, 2009

ނޫޙް އަލައިހިއްސަލާމާއި ފެންގަނޑު ބޮޑުވެ އުތުރިއެރުން




"ހަމަކަށަވަރުން ތިމަންރަސްކަލާންގެ ނޫޙުގެފާނު އެކަލޭގެފާނުގެ ޤައުމަށް ރަސޫލެއްގެ ގޮތުން ފޮނުއްވެވީމެވެ. ފަހެ އެކަލޭގެފާނު އެބައިމީހުންގެ މެދުގައި ފަންސާސް އަހަރު ފިޔަވައި އެއްހާސް އަހަރު ހުންނެވިއެވެ. ފަހެ އެބައިމީހުން އަނިޔާވެރިކަމާއި ޡުލްމުވެރިކަމުގައިވާ ޙާލު ޠޫފާނުގެ އަޒާބު އެބައިމީހުންނަށް ފޮނުއްވެވިއެވެ. "(سورةالعنكبوت 14)

"ހަމަކަށަވަރުން ނޫޙުގެފާނު، އެކަލޭގެފާނުންގެ ޤައުމުގެ މީހުންގެގާތަށް ރަސޫލުކަމާއިގެން ތިމަންރަސްކަލާންގެ ފޮނުއްވީމެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ތިމަންގެ ޤައުމުގެ މީހުންނޭވެ! ތިއަބައިމީހުން، މާތްﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ރަސްކަންފުޅުނޫން އިލާހެއް ތިއަބައިމީހުންނަކަށް ނުވެއެވެ. ތިއަބައިމީހުން ފަހެ ބިރުވެތި ނުވަނީހޭ؟

ދެން، އެކަލޭގެފާނުގެ ޤައުމުގެ މީހުންކުރެ ކާފިރުވީ ބޮޑުން ބުންޏެވެ. މިއީ، ތިއަބައިމީހުންކަހަލަ އާދަމުގެ ދަރި އިންސާނަކުކަމުގައި ނޫނީ ނުވެއެވެ. އޭނާ ބޭނުންވަނީ ތިޔަބައިމީހުންގެ މައްޗަށް މާތްވެގަތުމަށެވެ. (ތިއަބައިމީހުންގެ ވެރިއަކަށް ވުމަށެވެ.) މާތްﷲ އިރާދަކުރެއްވިނަމަ (ރަސޫލުކަމާއިގެން) މަލާއިކަތަކު ފޮނުއްވައިފީސްކަން ކަށަވަރެވެ. ތިމަންމެންގެ ކުރީގައި އުޅުނު ކާބަފައިންގެތެރޭގައިވެސް، މިފަދަ ކަމެއްގެ ވާހަކަ ތިމަންމެން ނާހަމުއެވެ.

އޭނާގައި މޮޔަކަމެއްވާމީހަކު ކަމުގައި ނޫނީ، އޭނާ ނުވެއެވެ. ފަހެ، ދުވަސްކޮޅަކަށް ދާންދެން އޭނާ ބަލަހައްޓައި އޭނާއާމެދު، ތިއަބައިމީހުން، އިންތިޒާރުކުރާށެވެ.

އެކަލޭގެފާނު ވިދާޅުވިއެވެ، ދުޢާ ކުރެއްވިއެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އެބައިމީހުން ތިމަންގެ ބަސް ދޮގުކުޅަކަމަށްޓަކައި، ތިމަންއަޅާއަށް ނަސްރުދެއްވައިފާނދޭވެ! (سورةالمؤمنون 26-23)

މި އާޔަތްތަކުން ދޭހަވާފަދައިން ނޫޙް ގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނުގެ ރިސާލަތާއިގެން ވަޑައިގެންނެވުމުން އެބައިމީހުންގެ މައްޗަށް ވެރިވެގަންނަން އެކަލޭގެފާނު މަސައްކަތްކުރައްވަނީކަމަށް ބުނަންފެށިއެވެ. އަދި އެކަލޭގެފާނަކީ ބުއްދިއެއްނެތް މޮޔައެއްކަމުގައި އެބައިމީހުން ބުނަންފެށިއެވެ. އަދި އެކަލޭގެފާނަށް އެކިއެކި ދުއްތުރާތަކާއި އަނިޔާތައް ދޭންފެށިއެވެ.


މިސަބަބަށްޓަކައި މާތްﷲ އެކަލާންގެ ރަސޫލާ ނޫޙް އަލައިހިއްސަލާމަށް ނަވެއް ބަނުމަށް އަމުރުކުރެއްވިއެވެ. އެއީ މާތްﷲ އަށާއި އެކަލާންގެ ރަސޫލާގެ ބަހަށް އިންކާރުކޮށް އުރެދުނު މީހުން ޣަރަޤުކޮށް ނެތިކޮށް އެކަލޭގެފާނާއި އެކަލޭގެފާނަށް އީމާންވީ މީހުން ސަލާމަތްކުރެއްވުމަށެވެ.

ކަނޑައެޅިފައިވާ ވަގުތު ޖެހުނުހިނދު ކޯރުތަކާއި ވާދީތައް ފުރި ބަންޑުންވެގެންދިޔައެވެ. ބިމުގެ އަޑިން ފެންއަރަންފެށިއެވެ. އަދި ބޯކޮށް ވާރޭވެހި ފެންގަޑު ބޮޑުވެ އުތިރިއަރައިގެން ދިޔައެވެ. އެހިނދު މާތް ﷲ ނޫޙްގެފާނަށް ނަވަށް އެރުމަށް އަމުރުކުރެއްވިއެވެ. އަދި އެކަލާންގެ ޚަލްޤު ކުރެއްވި މަޚްލޫޤުންގެ ތެރެއިން ވައްތަރަކުން ޖޯޑެއް ނަވަށް އެރުވުމަށް އެންގެވިއެވެ. އަދި އެބައިމީހުންނަށްޓަކައި އެބަމީހުންގެ ވަގުތު ހަމަވެފައިވާ މީހުންފިޔަވައި އެކަލޭގެފާނުގެ ޢާއިލާއާއި އެކަލޭގެފާނަށް އީމާންވީމީހުން އެނަވަށް އެރުވުމަށް އެންގެވިއެވެ. އެހިންދު އެނަވުގައި ތިބި މީސްތަކުންނާއި ޖަނަވާރުތައްފިޔަވައި ދުނިޔޭގައިވާ ހުރިހާ މީހުންނާ ތަކެތި ފެންގަނޑުގެ ތެރެއަށް ޣަރަޤުވެގެން ދިޔައެވެ. އަދި ޣަރަޤު ކުރެއްވުނު މީހުންގެތެރޭގައި ނޫޙުގެފާނުގެ ދަރިކަލުން ވިއެވެ. އޭނާ ހީކޮށްގެން ހުރީ އެހިސާބުކައިރިގައިވާ ފަރުބަދައަކުން އޭނާއަށް ހިމާޔަތް ހޯދޭނޭކަމަށެވެ.

ޠޫފާނުގެ އަސަރު ކުޑަވެ ފެންގަނޑު ހިނދުމުން ނޫޙް ގެފާނާއި އެކަލޭގެފާނަށް އީމާންވީމީހުން ދަތުރުކުރި ނައު ޖޫދީ އޭ ކިޔުނު ހިސާބެއްގައި މަޑުޖެހުނެވެ. ޤުރުއާނުން އެނގޭގޮތުގައި އެއީ އުސް ބިމެކެވެ.

އާކިއެލޮޖީއާއި ޖިއޮލޮޖީ އަދި ތާރީޚީ ހޯދުންތަކުން ސާބިތުވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ޤުރުއާނުގައި އެހާދިސާހިނގިކަމަށް ބަޔާންކުރައްވާފައިވާ ދުވަސްވަރުކަން ދޭހަވެއެވެ. އަދި ކުރީގެ ލިޔުންތަކުންނާއި ތާރީޚީ ދިރާސާތަކުން އެ ޠޫފާނުގެ ޚަބަރުތައް ޤުރުއާނުގައި ސިފަކޮށްދެއްވާފައިވާ ގޮތާ އެއްގޮތަށް ބަޔާންކޮށްފައިވެއެވެ.

ޔަހޫދީންގެ ތައުރާތާއި ނަޞާރާއިންގެ އިންޖީލުގައިވާ ވާހަކަތަކުގެ އިތުރަށް ސޫމާރީންނާއި ބާބިލާއި އަސީރިއަންގެ ފަތްފުށްތަކުގައާއި އިހުގެ ގްރީކް ފޮތްތަކާއި، ޝަތަޕަތާ، ބްރަޙްމާނާ، މަހާބަރާތާއި، އިންޑިޔާގެ ވާހަކަތަކުގައާއި، އިނގިރޭސި ޖަޒީރާތަކާއި ލިތުއޭނިއާ އަދި ޗައިނާގެ އިހުގެ ފޮތްތަކުގައިވެސް މި ވާހަކަތައް އެގޮތުގައި ބަޔާންކޮށްފައިވެއެވެ.

މިހާހިސާބުން އުފެދޭ ސުވާލަކީ ނޫޙްގެފާނުގެ ޒަމާނުގައި ހިނގި މިހާދިސާގެ ވާހަކަތައް އެތަކެއް ރާސްތާގެ ދުރުމިނުގައިވާ ތަފާތު ޤަބީލާތަކާއި ތަފާތު އާދަތަކެއްގެ ވެރިބަޔަކަށް އެހާ ސާފުގޮތެއްގައި އެނގިފައިވަނީ ކިހިނެއްހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ވަރަށް ފަސޭހައިން ދެވިދާނެއެވެ. އެހެނީ މުވާސަލާތުގެ ގޮތުން ދަތި ދުވަސްވަރެއްގައި އަދި އެތަކެއްހާސް މޭލުދުރުގައިވާ ބަޔަކަށް އެފަދަ ޚަބަރުތައް ލިބިގެންދާނީ މާތްﷲ އެބައިމީހުންނަށް އެކަމުގެ ޚަބަރުތައް ސާފުކޮށްދެއްވުމުންކަމެވެ. އެގޮތުން ދުނިޔޭގެ ތާރީޚްގައިހިނގި އެންމެބޮޑު އަދި އެންމެ ނުރައްކާތެރި ޠޫފާނުގެ ޚަބަރުތައް އެބައިމީހުންގެ ގާތަށް ފޮނުއްވުނު ރަސޫލުން އެބައިމީހުންނަށް އިބްރަތެއްގެގޮތުގައި ހާމަކޮށްދެއްވާފައިވެއެވެ. އެގޮތުން ތަފާތު ޤަބީލާތަކަށާއި ރަށްތަކަށް އެޚަބަރުތައް ފެތުރިގެން ދިޔައީއެވެ.


ނޫޙް އަލައިހިއްސަލާމާއި ޤުރުއާނުގައި ބަޔާންވެގެންވާ ފެންބޮޑުވުމުގެ ހާދިސާ

ނޫޙްގެފާނުގެ ޤައުމުގެ މީހުންނަށް ކުރިމަތިވި ފެންބޮޑުވުމުގެ ވާހަކަތައް ވަރަށް ތަފްޞީލްކޮށް އެ ހާދިސާގެ ކަންތައްތައް ހިނގައިދިޔަ ތަރުތީބުން މާތް ﷲ ވަނީ ކީރިތި ޤުރުއާނުގައި ބަޔާންކޮށްދެއްވާފައެވެ.

ނޫޙްގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ޙައްޤު ދީނަށް ގޮވާލެއްވިއެވެ.

"އެކަލޭގެފާނުގެ ޤައުމަށް ނޫޙުގެފާނު ތިމަންރަސްކަލާންގެ ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭމަގޭ ޤައުމުގެ މީހުންނޭވެ. މާތްﷲ ކިބަފުޅަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ. އެކަލާނގެ ފިޔަވައި ތިޔަބައިމީހުންނަށް އިލާހަކު ނުވެއެވެ. ފަހެ ބޮޑުވެގެންވާ ދުވަހެއްގެ އަޒާބު ތިޔަބައިމީހުންނަށް ލިބިދާނެކަމަށް ތިމަންނާ ބިރުފުޅުގެން ވަޑައިގަނެއެވެ." (سورةالأعراف 59)

"އަހުރެންނަކީ ތިއަބައިމީހުންގެ ގާތަށް ފޮނުވުނު އަމާނާތްތެރި ރަސޫލެކެވެ.

ތިއަބައިމީހުން މާތް ﷲގެ ކިބައަށް ބިރުވެތިވެ ތަޤްވާވެރިވާށެވެ! އަދި، (ތިއަބައިމީހުންނަށް މި އަމުރުކުރާ ކަންތަކުގައި) ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!

އަހުރެން (މި ރަސޫލުކަން އިއްވުމަކަށް) ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. ޢާލަމްތަކުގެ ވެރިރަސްކަލާންގެ ކިބަފުޅުން މެނުވީ އަހުރެންނަށް (އެކަމުގެ) ސަވާބު ދެއްވުމެއްނުވެއެވެ.

ތިޔަބައިމީހުން މާތްﷲގެ ކިބައަށް ބިރުވެތިވެ ތަޤްވާވެރިވާށެވެ. އަދި، (ތިއަބައިމީހުންނަށް އަހުރެން އަމުރުކުރާ ކަންތަކުގައި) ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ." (سورةالشعراء 105-107)

"ހަމަކަށަވަރުން ނޫޙުގެފާނު، އެކަލޭގެފާނުންގެ ޤައުމުގެ މީހުންގެގާތަށް ރަސޫލުކަމާއިގެން ތިމަންރަސްކަލާންގެ ފޮނުއްވީމެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ތިމަންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން، މާތް ﷲ އަށް އަޅުކަންކުރާށެވެ! އެކަލާންގެ ރަސްކަންފުޅުނޫން އިލާހެއް ތިޔަބައިމީހުންނަކަށް ނުވެއެވެ. ތިއަބައިމީހުންފަހެ، ބިރުވެތިނުވަނީހޭ؟" (سورةالمؤمنون 23)

ނޫޙްގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް މާތް ﷲގެ ޙަޡްރަތުން އަޒާބުގެ އިންޒާރުދެއްވިއެވެ.

"ހަމަކަށަވަރުން ތިމަންރަސްކަލާންގެ ނޫޙުގެފާނު ރަސޫލެއްގެ ގޮތުން އެކަލޭގެފާނުގެ ޤައުމަށް ފޮނުއްވެވީމެވެ. އެބައިމީހުންނަށް އުނދަގޫ އަޒާބު އައުމުގެ ކުރިން އިންޒާރުކޮށް އެންގެވުމަށްޓަކައެވެ." (سورةنوح 1)

"ނިކަމެތިކަން އެމީހަކަށް ދެނިވި އަޒާބު އެމީހަކާ ހަމައަށް އަންނަނީ އަދި، ދެމިހުންނަނިވި އަޒާބު އެމީހަކަށް ކުރިމަތިވެގެން އަންނަނީކާކަށްކަން އަދިފަހުން ތިޔަބައިމީހުންނަށް އެނގޭނެއެވެ. (سورة هود 39)

"އެއީ، ﷲ ފިޔަވައި އެހެންފަރާތަކަށް ތިޔަބައިމީހުން އަޅުކަންނުކުރާ (ންއެންގުމަ) ށެވެ. އެހެނީ ހަމަކަށަވަރުން ތިޔަބައިމީހުންނާމެދު ވޭންދެނިވި ދުވަހެއްގެ އަޒާބަށް ތިމަން ބިރުވެތިވަމެވެ. (سورة هود 26)

ނޫޙުގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނު ދޮގުކޮށް އިންކާރުކުރިއެވެ.

"އެކަލޭގެފާނުގެ ޤަުމުގެ ކުރިއަށް ތިބި މީހުންބުންޏެވެ. ފާޅުވެގެންވާ ފުރެއްދުމެއްގައި ކަލޭގެފާނުވާތަން ތިމަންމެނަށް ފެނެއެވެ." (سورة الأعراف 60)

"އެބައިމީހުން ދެންނެވޫއެވެ. އޭ ނޫޙުގެފާނޭވެ! ހަމަކަށަވަރުން، ކަލޭގެފާނު ތިމަންމެންނާއި، ޖަދަލު ކުރައްވައިފީމުއެވެ. އަދި ޖަދަލުކުރެއްވުން ގިނަ ކުރައްވައިފީމުއެވެ. ފަހެ، ތިމަންމެންނަށް ވަޢުދު ކުރައްވައި ތިޔަ އަންގަވާ ކަންތައް ތިމަންމެންނާއި ހަމައަށް ގެންނަވާ ބައްލަވާށެވެ. ތެދުވެރިންގެތެރެއިން ކަލޭގެފާނު ވާނަމައެވެ." (سورة هود 32)

"ދެން އެކަލޭގެފާނު ނައުކޮޅު ބަންނަވަމުންގެންދެވިއެވެ. އެކަލޭގެފާނުގެ ޤައުމުގެ ތެރެއިން ބޮޑުންގެ ބައަކު، އެކަލޭގެފާނުން އަރިހުން ފަސްދީ ހިނގައްޖެ ކޮންމެ ހިނދަކު، އެކަލޭގެފާނަށް މަލާމާތްކުރެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިމަންމެނަށް މަލާމާތްކުޅަޔަސް، ތިމަންމެންވެސް ތިޔަބައިމީހުންނަށް މަލާމާތްކުރާނޫއެވެ. ތިޔަބައިމީހުން މަލާމާތްކުރާ ފަދައިންނެވެ." سورة هود 38)

"ދެން އަކަލޭގެފާނުގެ ޤައުމުގެ މީހުންކުރެ ކާފިރުވީ ބޮޑުން ބުންޏެވެ. މިއީ، ތިއަބައި މީހުންކަހަލަ އާދަމުގެދަރި އިންސާނަކުކަމުގައި ނޫނީނުވެއެވެ. އޭނާ ބޭނުންވަނީ ތިއަބައިމީހުންގެ މައްޗަށް މާތްވެގަތުމަށެވެ. (ތިއަބައިމީހުންގެ ވެރިއަކަށް ވުމަށެވެ.) މާތްﷲ އިރާދަކުރެއްވިނަމަ (ރަސޫލުކަމާއިގެން) މަލާއިކަތަކު ފޮނުއްވައިފީސްކަން ކަށަވަރެވެ. ތިމަންމެންގެ ކުރީގައި އުޅުނު ކާބަފައިންގެ ތެރޭގައިވެސް މިފަދަ ކަމެއްގެ ވާހަކަ ތިމަންމެން ނާހަމުއެވެ.

އޭނާގައި މޮޔަކަމެއްވާ މީހަކު ކަމުގައި ނޫނީ، އޭނާ ނުވެއެވެ. ފަހެ، ދުވަސްކޮޅަކަށް ދާންދެން އޭނާ ބަލަހައްޓައް، އޭނާއާއިމެދު، ތިއަބައިމީހުން، އިންތިޒާރުކުރާށެވެ" (سورة المؤمنون 24-25)

"އެބައިމީހުން (މައްކާގެ ކާފިރުން) ގެ ކުރީން، ނޫޙުގެފާނުންގެ ޤައުމުގެމީހުންވެސް، އެކަލޭގެފާނުންގެ ބަސްފުޅު ދޮގުކުޅައެވެ. ފަހެ، އެބައިމީހުން، ތިމަންރަސްކަލާންގެ އަޅާ ދޮގުކުޅައެވެ. އަދި، އެބައިމީހުން ބުންޏެވެ. މޮޔައެކެވެ. އަދި މޮޔައެކެވެ. އަދި އެކަލޭގެފާނަށް މަލާމާތް ރައްދުވެވި ނަހީވެވުނެވެ." (سورة القمر 9)

ނޫހުގެފާނަށް ތަބާވީމީހުންނަށް ނޫޙުގެފާނުގެ ގައުމުގެ މީހުން ލައުނަތްދީ ހެދިއެވެ.

"ދެން އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ތެރެއިން ކާފިރުވީބޮޑުން ބުނެފޫއެވެ. ތިމަންމެންކަހަލަ، އާދަމުގެ ދަރިއަކު ކަމުގައި މެނުވީ، ތިމަންމެން، އެކަލޭގެފާނު ނުދެކެމުއެވެ. އަދި، އެކަލޭގެފާނަށް ތަބާވީ މީހުންނަކީ، ތިމަންމެންގެތެރެއިން އެންމެ ދެރަ ނިކަމެތީން ކަމުގައި ނޫނީ ކަލާގެފާނާއިމެދު ތިމަންމެން ނުދެކެމުއެވެ. އެއީ، (އެބައިމީހުން ތަބާވީ ވިސްނާލުމެއްނެތި) ފުރަތަމަ ފެނުނު ފެނުމަށެވެ. އަދި، ތިމަންމެންގެ މައްޗަށް އެއްވެސް މޮޅުކަމެއް ތިއަބައިމީހުންނަށް ލިބިގެންވާކަމަކަށް ތިމަންމެން ނުދެކެމެވެ. އަދި ކިއެއްތަ! ތިއަބައިމީހުންނާއިމެދު، ތިމަންމެން ހީކުރަނީ، ދޮގުހަދާ ބައަކު ކަމުގައެވެ." (سورة هود 27)

"އެމީހުން ދެންނެވޫއެވެ. އަހުރެމެން އީމާންވާނެ ހެއްޔެވެ؟ ކަލޭގެފާނަށް ތަބަޢަވެގެންވަނީ ދެރަ ނިކަމެތީންނެވެ.

ނޫޙުގެފާނު ވިދާޅުވިއެވެ. އެމީހުން ކޮށްއުޅޭ މަސައްކަތެއް އެއީ އަހުރެންނަށް އެނގިގެންވާ އެއްޗެއް ނޫނެވެ.

އެމީހުންގެ ހިސާބުބައްލަވައި (ޖަޒާދެއްވުން) އަހުރެން ހައްދަވާ ބޮޑުކުރެއްވި ކަލާންގެ ރަސްކަންފުޅަށް މެނުވީ ނުވެއެވެ. ތިޔަބައިމީހުންނަށް (އެގޮތް) އެނގޭނަމަ (އެމީހުނަކަށް ތިޔަބައިމީހުން މަލާމާތެއް ނުކުރޫހެވެ.)

އީމާންވެގެންތިބި މީހުން (އެމީހުންކުރާ މަސައްކަތުގެ ދެރަކަމުން) އަހުރެން އެމީހުން ފަހައި ދުރަކަށް ނުލާނަމެވެ.

އަހުރެންނަކީ (ތިޔަބައިމީހުންނަށް، މޮޅުމީހުން ކަމުގައި ވިއަސް ދެރަ މީހުންކަމުގައިވިއަސް) ބަޔާންވެގެންވާ އިންޒާރަކުން އިންޒާރުކުރުމަށް (ފޮނުވިފައި) ވާ މީހަކު ކަމުގައި މެނުވީ ނުވަމުއެވެ.


މާތް ﷲ ނޫޙްގެފާނަށް ހިތާމަފުޅު ނުކުރެއްވުމަށް އެންގެވިއެވެ.

"ނޫޙް (عليةالسلام) އަށް ވަހީ ކުރެއްވުނެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ޤައުމުގެ ތެރެއިން މިހާރު އީމާންވެގެންހުރި މީހަކު މެނުވީ، އީމާނެއް ނުވާނެއެވެ. ފަހެ، އެބައިމޙުން ކަންތައް ކުރަމުންދާގޮތުގެ ސަބަބުން ކަލޭގެފާނުން ހިތާމަ ނުކުރައްވާށެވެ!" (سورة هود 36)

ނޫޙް (عليةالسلام) ގެ ދުޢާފުޅު

"ތިމަން ކަލޭގެފާނާއި އެބައިމީހުންނާއި ދެމެދުގައި ޙުކުމެއް ކުރައްވަވައި ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ އަރިހުގައިވާ މުއުމިނުތަކުން ސަލާމަތްކުރައްވާންދޭވެ! (سورة الشعراءِ 118)

"ދެން އެކަލޭގެފާނުން ހައްދަވައިބޮޑުކުރެއްވި ކަލާންގެ ކިބަޔަށް ދުޢާ ކުރައްވައި ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަން ވަނީ ދެރަކޮށްލެވިގެނެވެ. ފަހެ، ތިމަންނާއަށް ނަޞްރުދެއްވައިފާންދޭވެ" (سورة القمر 118)

"އެކަލޭގެފާނު ވިދާޅުވިއެވެ. ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ތިމަންކަލޭގެފާނުގެ ޤައުމަށް ރޭގަނޑާއި ދުވާލު އަންގަވާ ދަޢުވަތު ދެއްވައިފީމެވެ. ފަހެ ތިމަން ކަލޭގެފާނުގެ އެންގެވުމަކުން، އެބައިމީހުން އީމާންކަމުން ފިލުންނޫން އެހެންކަމެއް އިތުރެއްނުވެއެވެ." (سورة نوح 6-5)

"އެކަލޭގެފާނު ވިދާޅުވެ، ދުޢާކުރެއްވިއެވެ. ހައްދަވާބޮޑުކުރެއްވި ކަލާކޯއެވެ! އެބައިމީހުން ތިމަންގެ ބަސް ދޮގުކުޅަކަމަށްޓަކައި، ތިމަންއަޅާއަށް ނަޞްރުދެއްވާފާނދޭވެ!" (سورة الموُمنون 26)

"ނޫޙްގެފާނު ތިމަންސުވާމީންގެ ކިބައަށް (އެހީއަށްއެދި) ގޮވާލެއްވިއެވެ. އެކަލޭގެފާނަށް ފުރިހަމަ އިޖާބަ ދެއްވީ ތިމަންރަސްކަލާންގެއެވެ." (سورة الصافات 75)

ނޫޙް ގެފާނު ނައުކޮޅު ބެންނެވުން

"އަދި، ތިމަންރަސްކަލާނގެ ބައްލަވައި ވޮޑިގެންވުމާއެކު އަދި، ތިމަންރަސްކަލާނގެ ވަހީ (އަމުރުފުޅާއި) އެކު، އުޅަނދު (ނައުކޮޅު) ބަންނަވާށެވެ! އަދި، އަނިޔާވެރިވީ މީހުންނާއިމެދު، ތިމަންސުވާމީންގެ ޙަޞްރަތަށް ނުދަންނަވާށެވެ! ހަމަކަށަވަރުން އެބައިމީހުންނީ ޣަރަޤު ކުރެއްވޭނޭ ބައެކެވެ." (سورة هود 37)

ނޫޙް (عليةالسلام) ގެ ޤައުމުގެ މީހުން ޣަރަޤު ކުރައްވާ ނެތިކުރެއްވުން

"ދެންފަހެ އެބައިމީހުން އެކަލޭގެފާނު ދޮގުކުރީއެވެ. ދެން އެކަލޭގެފާނާއި އެކަލޭގެފާނުންގެ އަރިހުގައި ނަވުގައިވާ ބަޔަކު ތިމަންރަސްކަލާންގެ ސަލާމަތްކުރައްވައި، ތިމަންރަސްކަލާންގެ ފޮނުއްވި ސާފުހެކިތައް ދޮގުކޮށް އިންކާރުކުރި މީހުން (ޠޫފާނުން) ޣަރަޤު ކުރެއްވީމެވެ. އެމީހުންނީ (ޙައްޤުގެ މަގު ނުފެންނަ) ބަޔަކީއެވެ." (سورة الأعراف 64)

"ދެން އެއަށްފަހުގައި ތިބި އެންމެން (އިންސާނުންނާއި ޙައިވާނުން) ތިމަން ރަސްކަލާނގެ (ޠޫފާނުން) ޣަރަޤުކުރެއްވީމެވެ." (سورة الشعراء 120)

"ހަމަކަށަވަރުން ތިމަންރަސްކަލާނގެ ނޫޙްގެފާނު އެކަލޭގެފާނުންގެ ޤައުމަށް ރަސޫލެއްގެގޮތުން ފޮނުއްވެވީމެވެ. ފަހެ އެކަލޭގެފާނު އެބައިމީހުންގެ މެދުގައި ފަންސާސް އަހަރު ފިއަވައި އެއްހާސްއަހަރު ހުންނެވިއެވެ. ފަހެ އެބައިމީހުން އަނިޔާވެރިކަމާއި ޡުލްމުވެރިކަމުގައިވާ ޙާލު ޠޫފާނުގެ އަޒާބު އެބައިމީހުންނަށް ފޮނުއްވެވިއެވެ." (سورة العنكبوت 14)

"ދެން އެބައިމީހުން އެކަލޭގެފާނު ދޮގުކުރީއެވެ. ދެން އެކަލޭގެފާނާއި އެކަލޭގެފާނުގެ އަރިހުގައި ނާކޮޅުގައިވާ އެންމެން ތިމަން ރަސްކަލާނގެ ސަލާމަތް ކުރެއްވީމެވެ. އަދި އޭގެފަހުން (ބިމުގައި) އުޅޭނޭ ބައަކު ކަމުގައި އެމީހުން ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީހުން ތިމަންރަސްކަލާނގެ ޣަރަޤު ކުރެއްވީމެވެ. (ރަސޫލުން އިންޒާރުކުރެއްވުމަށްފަހު އިމާންނުވުމުން) އެ އިންޒާރު ކުރެވުނު މީހުންގެ ކަންތައް ނިމުނުގޮތް ނިކަން ދެކިވަޑައިގަންނަވާށެވެ." (سورة يونس 73)

ނޫޙް (عليةالسلام) ގެ ދަރިކަލުން ހަލާކުކުރެއްވުން


ނޫޙް ގެފާނާއި އެކަލޭގެފާނުންގެ ދަރިކަލުންނާއިދެމެދު ދެކެވިފައިވާ ވާހަކަފުޅުތަކެއް މާތްﷲ ވަނީ ޤުރުއާނުގައި ބަޔާންކޮށްދެއްވާފައެވެ.

"ފަރުބަދަތަކެއްފަދަ ރާޅުތަކެއްގެ ތެރޭގައި، އެބައިމީހުންނާއިގެން، އެނައުކޮޅު ދުވަމުންދެއެވެ. އަދި، ނޫޙް (عليةالسلام) އޭނާގެ ދަރިކަލުންނަށް ގޮވައިލައްވައި ވިދާޅުވިއެވެ. އޭރު ދަރިކަލުން ހުންނެވީ (ނައުކޮޅާއި) ދުރުގައެވެ. އޭ ދަރިފުޅާއެވެ! ތިމަންމެންނާއިއެކު، (ނައުކޮޅަށް) އަރާށެވެ! ކާފިރުންނާއި އެކުގައި ނުވާށެވެ. އެދަރިކަލުން ވިދާޅުވިއެވެ. ފެނުން ތިމަން ރައްކައުތެރިކުރާނޭ ފަރުބަދައަކަށް ތިމަން ހިނގައިދާހުށީމެވެ. ނޫޙް (عليةالسلام) ވިދާޅުވިއެވެ. ﷲގެ އަމުރުފުޅުން (އަޒާބުން) ރައްކައުތެރިކަން ދޭނޭ ފަރާތެއް، އެކަލާނގެ ރަޙްމަތްލެއްވި މީހަކަށް މެނުވީ މިއަދަކުނެތެވެ. އަދި (ދެބަފައިކަލުންގެ) ދެމެދުގައި ރާޅު ހުރަސްއެޅިއެވެ. އަދި ޣަރަޤުވެވުނު މީހުންގެ ތެރެއިން އެދަރިކަލުންވިއެވެ." (سورة هود 43-42)

މުޢުމިނުން ޣަރަޤުވުމުން ސަލާމަތްކުރެއްވުން

"ދެން އިންސާނުންނާއި ޙައިވާނުން) ބަރާވެފައިވާ ނައުކޮޅުގައި ތިމަންސުވާމީންގެ އެކަލޭގެފާނާއި އެކަލޭގެފާނުގެ އަރިހުގައިވާމީހުން ސަލާމަތްކުރެއްވީމެވެ." (سورة الشعراء 119)

"ފަހެ، ތިމަންރަސްކަލާންގެ އެކަލޭގެފާނާއި އެކަލޭގެފާނުންގެ ނާކޮޅުގެ އަހުލުވެރިން މިންޖުކުރައްވައި، ސަލާމަތްކުރެއްވެވީމެވެ. އަދި، އެއީ ޢާލަމްތަކަށް ޢިބްރަތްތެރި މުޢުޖިޒާތެއްކަމަށް ތިމަންރަސްކަލާންގެ ލެވެވީމެވެ." (سورة العنكبوت 15)

ފެންގަނޑު އުތުރި އަރައިގެން އައިގޮތް

"ދެން، ގަދަފަދަ އޮހުމަކުން އޮހިގަންނަ ފެނަށް އުޑުގެ ދޮރުތައް ތިމަންރަސްކަލާންގެ ހުޅުއްވެވީމެވެ. އަދި، ފެން އާރުތަކެއްގެގޮތުގައި ތިމަންރަސްކަލާނގެ ބިންގަނޑު ފެޅުއްވީމެވެ. ދެން، ނިޔާވެވިގެންވާކަމެއްގެ މައްޗަށް، ފެން – (އުޑުންވެހުނު ފެނާއި ބިމުން އެރިފެން) ބައްދަލުވިއެވެ. އަދި ފިލާތަކަކާއި މޮހޮރުތަކެއްގެވެރި އެއްޗެއްގެ މަތީގައި (ފިލާތަކަކުން ބަނދެވިފައިވާ ނަވެއްގައި) ތިމަންރަސްކަލާންގެ އެކަލޭގެފާނު އުފުއްލެވީމެވެ." (سورة القمر 13-11)

"ތިމަންރަސްކަލާނގެ އަމުރުފުޅުއައިސް އުނދުނުގެތެރެއިން ފެން އުތުރި އަރައިގެންފުމަށް ދާނދެނެވެ. (އެބަހީ ނޫޙް (عليةالسلام) ނައުކޮޅު ބެންނެވުމާއި ކާފިރުން މަލާމާތްކުރުމާއި، މިދެކަންތައް ފެންގަނޑު އުތުރިއަރައިގެންފުމަށް ދާނދެން ހިނގަމުންދިޔައެވެ.) އެހިނދު، ތިމަންސުވާމީންގެ އަންގަވައި ވަޙީ ކުރެއްވީމެވެ. ކޮންމެ އެއްޗަކުން، އަންހެން ފިރިހެން ދެވައްތަރުގެ ދޭއްޗާއި، އަދި، ހަލާކުވެ ނެތިދިއުމުގެ ބަސްފުޅު އެމީހަކާއިމެދު ހަމަޖެހި އިސްވެ ހިނގަޖެއްމީހަކު ފިޔަވައި، ކަލޭގެފާނުގެ އަހުލުވެރިންނާއި، އަދި، އީމާންވެގެންތިބިމީހުން، އެނައުކޮޅަށް ލައްވާށެވެ. މަދުމީހަކުމެނުވީ އެކަލޭގެފާނުންގެ އަރިހުގައި އީމާންވެގެންނުވެއެވެ.

ފަރުބަދަތަކެއްފަދަ ރާޅުތަކެއްގެ ތެރޭގައި، އެބައިމީހުންނާއިގެން، އެނައުކޮޅު ދުވަމުންދެއެވެ. އަދި، ނޫޙް (عليةالسلام) އޭނާގެ ދަރިކަލުންނަށް ގޮވައިލައްވައި ވިދާޅުވިއެވެ. އޭރު ދަރިކަލުން ހުންނެވީ (ނައުކޮޅާއި) ދުރުގައެވެ. އޭ ދަރިފުޅާއެވެ! ތިމަންމެންނާއިއެކު، (ނައުކޮޅަށް) އަރާށެވެ! ކާފިރުންނާއި އެކުގައި ނުވާށެވެ. އެދަރިކަލުން ވިދާޅުވިއެވެ. ފެނުން ތިމަން ރައްކައުތެރިކުރާނޭ ފަރުބަދައަކަށް ތިމަން ހިނގައިދާހުށީމެވެ. ނޫޙް (عليةالسلام) ވިދާޅުވިއެވެ. ﷲގެ އަމުރުފުޅުން (އަޒާބުން) ރައްކައުތެރިކަން ދޭނޭ ފަރާތެއް، އެކަލާނގެ ރަޙްމަތްލެއްވި މީހަކަށް މެނުވީ މިއަދަކުނެތެވެ. އަދި (ދެބަފައިކަލުންގެ) ދެމެދުގައި ރާޅު ހުރަސްއެޅިއެވެ. އަދި ޣަރަޤުވެވުނު މީހުންގެ ތެރެއިން އެދަރިކަލުންވިއެވެ." (سورة هود 42-40)

"ދެން، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވީމެވެ. ތިމަންސުވާމީންގެ ބައްލަވައި ވޮޑިގެންވުމާއެކު، އަދި ތިމަންސުވާމީންގެ އަމުރުފުޅަށް، ނައުކޮޅު" ބަންނަވައި، ހައްދަވާށެވެ. ދެން ތިމަންރަސްކަލާނގެ އަމުރުފުޅުއައިސް އުނދުނުގެ ތެރެއިން ފެން އަރައްޖެހިނދު، (އެއީ، ޠޫފާން އައުމުގެ ނިޝާނެއްގެގޮތުން މަތްﷲ، ނޫޙްގެފާނަށް ދެއްކެވި މުޢުޖިޒާތެކެވެ) ފަހެ، އެހިނދު، ކޮންމެ އެއްޗަކުން ޖޯޑެއް، (ދެޖިންސުން ދޭއްޗާއި) އަދި، އެބައިމީހުންނާއިމެދު ހަލާކުވުމުގެ އަމުރުފުޅު އިސްވެ ހިނގައްޖެމީހަކު މެނުވީ، ކަލޭގެފާނުގެ އަހުލުވެރީން (އަނބިދަރީން) ނާއި އެނައުކޮޅަށް ލައްވާށެވެ! އަދި، އަނިޔާވެރިވީ މީހުންނާއިމެދު، ތިމަންސުވާމީންގެ ރަސްކަންފުޅަށް ނުދަންނަވާށެވެ! ފަހެ އެބައިމީހުންނީ، ކަނޑުލައްވައި ޣަރަޤު ކުރެއްވޭނޭ މީހުންނެވެ." (سورة المومنون 27)

ނޫޙް ގެފާނުގެ ނައުކޮޅު އުސްބިމެއްގައި ބީހި މަޑުޖެހުން

އަދި އެންގެވުނެވެ. އޭބިމާއެވެ! ތިޔަ ބިމުގެ ފެންގަނޑު ދިރުވާލާށެވެ. އަދި، އޭ އުޑާއެވެ! ވެހުން ހުއްޓާލާށެވެ! ދެން ފެންގަނޑު ހިނދެމުންގޮސް ހިނދިއްޖެއެވެ. އަދި (ﷲގެ) އަމުރުފުޅު ނިޔާވެވި ނިމިއްޖެއެވެ. އަދި. ޖޫދީ ފަރުބަދައިގެ މައްޗަށް އެ (ނައުކޮޅު) ބީހި ހަމަޖެހިއްޖެއެވެ. އަދި، އެންގުނެވެ. އަނިޔާވެރީންނަށް ހަލަކާއި ނެތިދިޔުން ހުއްޓެވެ. (سورة هود 27)

ނޫޙް ގެފާނުގެ ގައުމަށް ކުރިމަތިވި ފެންބޮޑުވުމުގައި އިންސާނިއްޔަތައް ދެއްވާފައިވާ ފިލާވަޅުތައް

ހަމަކަށަވަރުން ފެންގަނޑު ބޮޑު ކުރެއްވިހިނދު، ތިއަބައިމީހުން (ނޫޙުގެފާނު ޤައުމުގެ އީމާންވި މީހުން) ނަވުގައި ޣަރަޤުވުމުން ސަލަމާތް ކުރެއްވެވީމެވެ.

އެ ސަލާމަތްކުރެއްވުމުން ތިއަބައިމީހުންނަށް ޢިބްރަތެއް ދެއްކެވުމަށްޓަކައެވެ. އިޙްސާސްވާ ކަންފަތްތަކަކަށް އެނގުމަށްޓަކައެވެ. (69: 12-11)

މާތްﷲ ނޫޙްގެފާނަށް ތަޢުރީފްގެ ބަސް ވަޙީކުރެއްވިއެވެ.

ޢާލަމްތަކުގައި ނޫޙްގެފާނުގެ މައްޗަށް (ތިމަންސުވާމީންގެ ކިބަފުޅުން) ސަލާމް ހުއްޓެވެ.

ހެޔޮކަންތައްކުރާ އިޙްސާންތެރީނަށް އެފަދައިން ތިމަންސުވާމީންގެ ޖަޒާދެއްވަމެވެ.

ހަމަކަށަވަރުން އެކަލޭގެފާނުވަނީ ތިމަންސުވާމީންގެ މުޢުމިނު އަޅުންގެ ތެރެއިންނެވެ. (سورة الصافات 81-79)

ނޫޙު ގެފާނުގެ ޤައުމަށް ކުރިމަތިވި ފެންބޮޑުވުމަކީ ހަމައެކަނި އެބައިމީހުންނަށް ކުރިމަތިވި ހާދިސާއެއްހެއްޔެވެ؟ ނުވަތަ މުޅި ދުނިޔެއަށް ކުރިމަތިވި ހާދިސާއެއްހެއްޔެވެ؟

ނޫޙުގެފާނުގެ ޤައުމު ހަލާކުކުރެއްވީ މިފަދަ ހާދިސާއަކުންކަން އިންކާރުކުރާ ފަރާތްތަކުން ބުނަމުންދަނީ މުޅި ދުނިޔެއަށް އާންމުވެގެންދާފަދައިން މިފަދަ ހާދިސާއެއްހިނގާ ދިއުމަކީ ވާނޭކަމެއް ނޫންކަމުގައެވެ. ނަމަވެސް އެބައިމީހުންގެ މިބުނުމަކީ އެބައިމީހުންގެ ކާފިރުކަމުގެ މައްޗަށް އިތުރު ހެކިލިބިގެންދާނޭފަދަ ބުނުމެއްކަން ޔަޤީނެވެ.

ޤުރުއާނަކީ މާތް ﷲ ބާއްވާލައްވާފައިވާ އެކަލާންގެ ކަލާންފުޅަށްވީ ހިނދު އެފޮތުން އަހަރެމެންނަށްލިބޭ ފިލާވަޅުތަކާއި ދެއްވާފައިވާ އިރުޝަދައް ބަލައިލާންޖެހެއެވެ. ނަޞާރާއިން އެމީހުންގެ ފޮތްކަމުގައިވާ ބައިބުލްގެ އޯލްޑް ޓެސްޓަމަންގެ ފުރަތަމަ ފަސްފޮތުގައި ބަޔާންކޮށްފައިވާގޮތުން ނޫޙުގެފާނުގެ ޤައުމުށް ކުރިމަތިވި ފެންބޮޑުވުމަކީ މުޅި ދުނިޔެއަށް ކުރިމަތިވެގެންދިޔަ ހާދިސާއެކެވެ. ނަމަވެސް ކީރިތި ޤުރުއާނުގައި އެހާދިސާގެ ވާހަކަ ބަޔާންކުރައްވާފައިވަނީ އެފަދައަކުން ނޫނެވެ. ޤުރުއާނުގައި މިހާދިސާ ހިނގި ކަމަށް ބަޔާންކުރައްވާފައިވަނީ ނޫޙުގެފާނުގެ ޤައުމުގެ މީހުންގެ މަގުފުރެދުން ބޮޑުވެ ނޫޙް ގެފާނު އެބައިމީހުންނަށް އިންޒާރުކުރެއްވުމަށްފަހު އެބައިމީހުން ހަލާކުކުރެއްވުމަށް އެބައިމީހުންގެ މައްޗަށްފޮނުއްވުނު އަޒާބެއްގެ ގޮތުގައެވެ.

ކީރިތި ޤުރުއާނާއި ނަޞާރާއިންގެ އޯލްޑް ޓެސްޓްމަންޓާއި އަޅާބަލާލާއިރު އެބައިމީހުންގެ ފޮތުގައި މިހާދިސާގެ ވާހަކަ ގެނެސްފައިވާއިރު އެއަށް އެތަކެއް އުނިއިތުރެއްގެނެވި އެފޮތުގައިވާ އަސްލުތައް މުޅިންހެން ބަދަލުކުރެވިފައިވާކަން ދޭހަވާނެއެވެ.

އެފޮތުގައި ނޫޙްގެފާނުގެ ޤައުމަށް ކުރިމަތިވި ފެންގަނޑުބޮޑުވުމުގެ ހާދިސާ ގެނެސްފައިވަނީ މާތްﷲ އަށް ބިމުގައި ތިބި އިންސާނުންގެ ނުބައިކަން ހައްދުފަހަނައަޅާދިޔަތަން ފެނުނުހިނދު އެކަލާންގެ ހެއްދެވި އިންސާނުންގެ ނުބައިކަމުން ނޫޙްގެފާނު ފިޔަވައި ބިމުގައިވާ އެކަލާންގެ ހެއްދެވި އިންސާނުންނައީ ޖަނަވާރުން ނެތިކޮށް ހަލާކުކުރެއްވީކަމުގައެވެ.

ނަމަވެސް ކީރިތި ޤުރުއާނުން އެނގި ސާބިތުވާގޮތުގައި މިހާދިސާ ހިނގާ ގޮސްފައިވަނީ ހަމައެކަނި ނޫޙްގެފާނުގެ ޤައުމުގެ މީހުންގެ މައްޗަށެވެ. އެއީ ހޫދު އަލައިހިއްސަލާމް ފޮނުއްވުނީ ހަމައެކަނި އާދުބާގައިގެ ޤައުމުގެ މީހުންގެ ގާތަށެވެ. (سورة هود 50)، ޞާލިޙް އަލައިހިއްސަލާމް ފޮނުއްވުނީ ސަމޫދު ބާގައިގެ މީހުންގެ ގާތަށެވެ. (سورة هود 61) އަދި މުޙައްމަދު ސައްލަﷲ އަލައިހިވަސައްލަމަގެ ކުރިން ފޮނުއްވުނު ކޮންމެ ނަބިއްޔަކާއި ރަސޫލަކުވެސް ފޮނުއްވިފައިވަނީ އެބޭކަލެއްގެ ޤައުމުގެ މީހުންގެ ގާތަށެވެ. އެގޮތުން ނޫޙް އަލައިހިއްސަލާމް ފޮނުއްވުނީ އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށެވެ. އަދި ފެންގަނޑު ބޮޑުވެ އިތުރިއެރުމުގެ ހާދިސާއިން ހަލާކުވެ ނެތިކުރައްވާފައިވަނީ ހަމައެކަނި ނޫޙްގެފާނުގެ ޤައުމުގެ މީހުންނެވެ.

ހަމަކަށަވަރުން، ނޫޙު (عليةالسلام) އޭނާގެ ޤައުމުގެ މީހުންގެ ގާތަށް ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. (ވިދާޅުވެއެންގެވުމަށެވެ.) ހަމަކަށަވަރުން ތިމަންނާއީ، ތިއަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ގާތައް އައި ބަޔާންކޮށްދޭ، ބަޔާންވެގެންހުރި ނަޒީރަކީމެވެ. (ނުކިޔަމަންތެރީންނަށް ބިރުވެރިކަމުގެ ޚަބަރުދޭ މީހަކީމެވެ.)

އެއީ، ﷲ ފިޔަވައި އެހެންފަރާތަކަށް ތިއަބައިމީހުން އަޅުކަންނުކުރާން އެންގުމަށެވެ. އެހެނީ ހަމަކަށަވަރުން ތިއަބައިމީހުންނާއިމެދު ވޭންދެނިވ ދުވަހެއްގެ އަޒާބަށް ތިމަން ބިރުވެތިވަމެވެ. (سورة هود 26-25)

ނޫޙު ގެފާނުގެ ޤައުމުގެ މީހުން ހަލާކުކޮށް ނެތިކުރެއްވުމުގެ ހާދިސާގައި ހަލާކުވެ ނެތިކުރައްވާފައިވަނީ ހަމައެކަނި އެކަލޭގެފާނު ގެނެސްދެއްވި ރިސާލަތައް އިމާންނުވެ އެކަލޭގެފާނަށް އިންކާރުކުރި މީހުންނެވެ. އެކަން އަންނަނިވި އާޔަތުގައި މާﷲ ވަޙީކުރައްވާފައިއެވަނީއެވެ.

ދެންފަހެ އެބައިމީހުން އެކަލޭގެފާނުން ދޮގުކުރީއެވެ. ދެން އެކަލޭގެފާނާއި އެކަލޭގެފާނުންގެ އަރިހުގައި ނަވުގައިވާ ބައަކު ތިމަންސުވާމީންގެ ސަލާމަތްކުރައްވައި، ތިމަންސުވާމީންގެ ފޮނުއްވި ސާފު ހެކިތައް ދޮގުކޮށް އިންކާރުކުރިމީހުން (ޠޫފާނުން) ޣަރަޤު ކުރެއްވީމެވެ. އެމީހުންނީ (ޙައްޤުގެ މަގު ނުފެންނަ) ކަނުބައަކީއެވެ. ((سورالأعراف 64)

ދެން އެބައިމީހުން އެކަލޭގެފާނު ދޮގުކުރީއެވެ. ދެން އެކަލޭގެފާނާއި އެކަލޭގެފާނުގެ އަރިހުގައި ނާކޮޅުގައިވާ އެންމެން ތިމަންސުވާމީންގެ ސަލާމަތްކުރެއްވީމެވެ. އަދި އޭގެފަހުން (ބިމުގައި) އުޅޭނޭ ބައަކު ކަމުގައި އެމީހުން ލެއްވީމެވެ. އަދި ތިމަންސުވާމީންގެ އާޔަތްތައް ދޮގުކުރިމީހުން ތިމަންސުވާމީންގެ ޣަރަޤު ކުރެއްވީމެވެ. (ރަސޫލުން އިންޒާރުކުރެއްވުމަށްފަހު އިމާންނުވުމުން) އެ އިންޒާރު ކުރެވުނު މީހުންގެ ކަންތައް ނިމުނުގޮތް ނިކަން ދެކިވަޑައިގަންނަވާށެވެ. (سورة يونس 61)

މިއާޔަތުން ދޭހަވާގޮތުގައި މާތްﷲ އެއްވެސް އުންމަތެއް އެބައިމީހުންގެ ގާތައް އިންޒާރުކުރުމަށް ބޭކަލަކު ނުފޮނުއްވާ ޙަލާކުކުރައްވާ ނެތިކުރައްވާފައެއްނުވެއެވެ. އެގޮތުން ކޮންމެ ބައެއްގެ ގާތައްވެސް އިންޒާރުކުރާނޭ ބޭކަލަކު ފޮނުއްވާ އެބައިމީހުން އެކަލޭގެފާނު ދޮގުކުރުމަށް ދާންދެން އަޒާބެއް ނުފޮނުއްވައެވެ.

އަދި، އިނބަގެ ވެރިރަސްކަލާންގެ، އެއްވެސް ރަށެއް އެއިން ކޮންމެ ރަށެއްގެ އަހުލުވެރިތަކުންނަށް، އަހުރެމެންގެ އާޔަތްތައް، ކިޔައިދޭނޭ ރަސޫލަކު، އެރަށަކަށް ފޮނުއްވާފައި މެނުވީ، ހަލާކުކޮށް ނުލައްވަތެވެ. އަދި، އެތަންތާނގެ އަހުލުވެރިތަކުން، އަނިޔާވެރިވެގަތީމައި މެނުވީ އަހުރެމެން، އެއްވެސް ރަށެއްގެ އަހުލުވެރިތަކުން، ހަލާކުކޮށް ނެތިކޮށްލާފައި ނުމެވޭމެއެވެ. (سورة القصص 59)


ޤުރުއާނުގައި މާތް ﷲ އަންގަވާފައިވާ ފަދައިން އެއްވެސް ޤައުމެއްގެ ބަޔަކު އެބައިމީހުންނަށް އިންޒާރުކުރާނޭ ބޭކަލަކު އެބައިމީހުންގެ ގާތައް ފޮނުއްވުމަށްފަހު އެބައިމީހުން އެބޭކަލަކު އިންކާރުކުރުމުން މެނުވީ ހަލާކުކުރައްވާފައެއްނުވެއެވެ. އެގޮތުން އެކަލޭގެފާނު ނޫޙުގެފާނު ފޮނުއްވީ އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށެވެ. އެހެންކަމުން އިންޒާރުކުރައްވާނޭ ބޭކަލަކުނުފޮނުއްވާ ބަޔަކު އެކަލާންގެ ހަލާކުކުރައްވާފައިނުވެއެވެ. އެކަމަކު އެކަލާނގެ ހަލާކުކުރައްވާ ނެތިކުރެއްވީ ނޫޙު ގެފާނުގެ ޤައުމުގެ މީހުންނެވެ.

ޤުރުއާނުގެ މިއާޔަތްތަކުން ދޭހަވާ ގޮތުގައި ނޫޙްގެފާނުގެ ޤައުމަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއަކީ ހަމައެކަނި އެޤައުމަށް ކުރިމަތިވެގެންދިޔަ ހާދިސާއެކެވެ.

ތާރީޚީ ހޯދުންތައް ހޯދާ ފަރާތްތަކުން މި ހާދިސާހިނގި ސަރަޙައްދުގައި ހިންގާފައިވާ ދިރާސާތަކުން މިކަން ޔަޤީންކޮށްދެއެވެ. މިގޮތުން އެ ފަދަ ހޯދުންތަކުން ދޭހަވާގޮތުގައި މިހާދިސާގެ އަސަރު ކޮށްފައިވަނީ ހަމައެކަނި މެސްޕޮޓޭމިއާގެ ސަރަހައްދަކަށެވެ.


ހުރިހާ ޖަނަވާރުތަށް ނޫޙްގެފާނުގެ ނަވަށް އެރުއްވިި ހެއްޔެވެ؟

ބައިބުލްގެ އަހުލުވެރިން ޤަބޫލުކުރާގޮތުގައި ދުނިޔޭގައިވާ ޖަނަވާރުތަކުގެ ނަސްލުތައް ނެތިވެދިއުމުން ސަލާމަތްވެފައިވަނީ ނޫޙުގެފާނުގެ ނަވަށް އެހުރިހާ ޖަނަވާރެއް އެރުވުމުން ކަމުގައެވެ. މި އަޤީދާގެ މައްޗަށް ބުރަވެ އެމީހުން ބުނަނީ ނޫޙްގެފާނު އެކަލޭގެފާނުގެ ނައުކޮޅަށް ދުނިޔޭގައި ލެއްވި ކޮންމެ ބާވަތެއްގެ ޖަނަވާރަކުން ޖޯޑެއް އެރުއްވިކަމަށެވެ.

ނަމަވެސް މިއަޤީދާ ޤަބޫލުކުރާ އަހުލުވެރިންނަށް މިކަމާއިގުޅޭގޮތުން ޖަވާބުދޭން އުނދަގޫ ސުވާލުތަކެއް ކުރިމަތިވެފައިވެއެވެ. އެގޮތުން އެ ނަވަށް އެރުވުނު ހުރިހާ ޖަނަވާރެއް އެނަވަށް އެރުވުނު ގޮތާއި، އެއަށް ކާންދީ ބެލެހެއްޓުނުގޮތާއި، އެއްބާވަތެއްގެ ޖަނަވާރު އަނެއްބާވަތެއްގެ ޖަނަވާރާއި ވަކިކުރެވިފައި ބޭތިއްބުނީ ކިހިނެއްކުންތޯ؟ މިއީ އުފެދޭ ސުވާލުތަކެކެވެ. އަދި މިއަށްވުރެ ބޮޑަށް ޙައިރާންވާންޖެހޭކަމަކީ ދުނިޔޭގެ ތަފާތު ބައްރުތަކުގައި ދިރިއުޅެމުންދާ ތަފާތު ޖަނަވާރުތަށް އެއްކުރެވުނު ގޮތެވެ. ބައެއް ޖަނަވާރުތަކަކީ ވަކި ޚާއްޞަ މާހައުލަކާއި ވެއްޓެއް ބޭނުންވާ ޖަނަވާރުތަކެކެވެ. އެގޮތުން ދުނިޔޭގެ ތުނޑުގައި ދިރިއުޅޭ މަންމަލި ޖަނަވާރުތަކާއި އޮސްޓްރޭލިއާގައި ދިރިއުޅޭ ކެންގަރޫ އެއްތަންކުރެވުނީ ކިހިނަކުންހެއްޔެވެ؟ އަދި މީގެ އިތުރަށް ހަރުފައާއި ނަގުލަންދާށިފަދަ ވިހަގަދަ ނުރައްކާތެރި ޖަނަވާރުތަކާއި، ވަލުޖަނަވާރުތަށް ހިފާ ނޫހުގެފާނުގެ ޤައުމު ހަލާކުކުރެވުނު ފެންބޮޑުވުމުގެ ހާދިސާ ނިމެންދެން އެ ނަވުގައި ގެންގުޅެ ބެލެހެއްޓިފައިވަނީ ކިހިނަކުންތޯ އުފެދޭ ސުވާލުތަކަކީ ޖަވާބުހޯދުމަށްދަތި ސުވާލުތަކެކެވެ.

ނަމަވެސް އިންސާނުން ބަދަލުގެނެސް ލިޔެފައިވާ ބައިބުލްގައި އެމީހުންބުނެފައިވަނީ ނޫޙުގެފާނު އެކަލޭގެފާނުގެ ނަވަށް މިހުރިހާ ޖަނަވާރުތަކުގެ ތެރެއިން ޖޯޑެއް އެރުއްވިކަމަށެވެ. ނަމަވެސް މާތް ﷲ ކީރިތި ޤުރުޢާނުގައި އެކަންއެގޮތަށް ހިނގާދިޔަކަމަށް ބަޔާންކުރައްވާފައެއްނުވެއެވެ. މިލިޔުމުގައި ކުރިން ފާހަގަކުރިފަދައިން ނޫހުގެފާނުގެ ޤައުމަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއަކީ ހަމައެކަނި އެކަލޭގެފާނުގެ ޤައުމަށް ބާއްވާލެއްވުނު މާތްﷲ ގެ އަޒާބަށް ވީހިނދު އެކަލޭގެފާނުގެ ނަވަށް އަރުއްވާފައިވަނީ ހަމައެކަނި އެ ޞަރަޙައްދުގައި ދިރިއުޅުނު ބާވަތްތަކުގެ ޖަނަވާރުތަކެވެ. ނުވަތަ އެކަލޭގެފާނުގެ ޤައުމަށް ނިސްބަތްވާ ބާވަތްތަކުގެ ޖަނަވާރުތަކެވެ.

ކަންމިހެން އޮތްނަމަވެސް ނޫހުގެފާނާއި އެކަލޭގެފާނުގެ ރިސާލަތަށް އީމާންވީ މަދު މީސްކޮޅަކަށް އެ ސަރަޙައްދުގައި ދިރިއުޅޭ ހުރިހާބާވަތެއްގެ ޖަނަވާރުތައް އެއްތަންކުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އެހެންކަމުން މާތްﷲ ކީރިތި ޤުރުއާނުގެ ހޫދު ސޫރަތުގެ 40 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވާ ޖަނަވާރުތަކަކީ އިންސާނީ ދަރިފަސްކޮޅުގެ ފައިދާއާއި މަންފާއަށްޓަކައި އާންމުކޮށް ބޭނުންކުރަމުންގެންދާ ބާވަތްތަކުގެ ޖަނަވާރުތައްކަމަށްވުމީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ގެރި ބަކަރިއާއި ޖަމަލުފަދަ ނާމްސޫފިތައް އެކަލޭގެފާނުގެ ނަވަށް އެރުއްވީކަމުގައިވުމީ އެކަށީގެންވާ ކަމެކެވެ. އެހެނީ އެނަވުގައި ތިބި މީހުން އަލުން ދިރިއުޅުމެއްފަށާއިރު އެފަދަ ޖަނަވާރުތަކަކީ އެބައިމީހުންގެ ދިރިއުޅުމަށް މުހިންމު ބާވަތްތަކަކަށް ވެގެންދާނޭތީއެވެ.

މިތަނުގައި ފާހަގަކޮށްލަންޖެހޭ ނުކުތާއަކީ މާތްﷲ ނޫހުގެފާނަށް ކުރައްވާފައިވާ އަމުރުފުޅަކީ ދުނިޔޭގައި ލެއްވި ހުރިހާ ޖަނަވާރެއްގެ ދަރިފަސްކޮޅު ރައްކާތެރިކުރުމުގެ ބަދަލުގައި ނޫޙު ގެފާނާއި އެކަލޭގެފާނަށް ތަބާވީމީހުންގެ ދިރިއުޅުން އަލުން ފެށުމަށް ބޭނުންވާނޭ މުހިންމު ނަޢާމްސޫފިތަށް ރައްކާތެރިކުރެއްވުމުގެ ގޮތުން ކޮށްފައިވާ އަމުރުފުޅެއްކަމެވެ. އަދި ފެންބޮޑުވެ ޣަރަޤު ކުރެއްވުމުގެ އަޒާބަކީ ހަމައެކަނި ނޫހުގެފާނުގެ ޤައުމުގެ މީހުންގެ ތެރެއިން އެކަލޭގެފާނަށް އީމާންނުވެތިބި މީހުންގެ މައްޗަށް ފޮނުއްވުނު އަޒާބަކަށް ވީހިނދު މުޅިދުނިޔޭގައިވާ ހުރިހާ ޖަނަވާރުތަކެއް ނެތިވެގެން ދިއުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. އަދި އެގޮތުން މަރުވެ ނެތިގެން ދިޔަ ޖަނަވާރުތައް ދުނިޔޭގެ އެހެނިހެން ޤައުމުތަކުން އެތަނަށް ޖަމާވެ އަލުން އާބާދުވާން ފަށާނެއެވެ. އެހެންކަމުން ނަވަށް އެރުއްވުނު ޖަނަވާރުތަކުގެ ބޭނުމަކީ ޠޫފާނަށްފަހު ނަވުގައި ތިބި މީހުންނަށް ދިރިއުޅުމާއިގެން ކުރިއަށް ދިއުމަށް ބޭނުންވާ މުހިންމު ނަޢާމްސޫފިތަށް ރައްކާތެރިކޮށްދިނުމެވެ.


ފެންގަނޑު އުފުލިގެން ދިޔައީ ކިހާ މައްޗަކަށް؟


ނޫޙު (عليةالسلام) ގެ ޤައުމުގެ މީހުން ހަލާކުކުރެވުނު ފެންބޮޑުވުމުގެ ހާދިސާގައި ފެންގަނޑު އުފުލިގެން ދިޔައީ ކިހާ އުސްމިނަކަށް ކަމީ ގިނަބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ. މި ޠޫފާނުގައި ފަރުބަދަތަށް ފޮރުވޭވަރަށް ފެންގަނޑު އުތުރި ބޮޑުވެގެން ދިޔަހެއްޔެވެ؟ ކީރިތި ޤުރުއާނުގައި މާތްﷲ ބަޔާންކޮށްދެއްވާފައިވާގޮތުގައި ނޫޙު ގެފާނުގެ ނައުކޮޅު ޠޫފާނަށްފަހު މަޑުޖެހިފައިވަނީ އަލް-ޖޫދީއޭ ކިއުނު ތަނެއްގައެވެ. "ޖޫދީ" މިބަހަކީ އާންމުގޮތެއްގައި ފަރުބަދަތަކެއް ހިމެނޭ ސަރަޙައްދަކަށް ކިޔޭ ނަމެކެވެ. އަރަބި ބަހުގައި "ޖޫދީ" މިބަސް ބޭނުންކުރެވެނީ އުސްބިން ނުވަތަ ތިރި ފަރުބަދައަށެވެ. އެހެންކަމުން ޤުރުއާނުގައި މިބަސް ބޭނުންކުރައްވާފައިވަނީ އުސްބިމެއްގައި މަޑުޖެހުނު ވާހަކަ ބަޔާންކޮށްދިނުމަށްކަމަށްވުމީ އެކަށީގެންވާކަމެކެވެ. އަދި ކީރިތި ޤުރުއާނުގައި "ޖޫދީ" މިބަސް ބޭނުންކުރައްވާފައިވަނީ ފެންގަނޑު ބޮޑުވެފައިވަނީ ފަރުބަދަތަކުގެ މައްޗާ ހަމައަށް ނޫންނަމަވެސް ވަކި އުސްމިނަކަށްކަން ބާޔާންކޮށްދެއްވުމަށް ކަމަށް ވުމީވެސް އެކަށީގެންވާ ކަމެކެވެ. އެގޮތުން ފެންގަޑު ބޮޑުވެ އުތުރި އަރައިގެންގޮސްފައިވަނީ ހުރިހާ ފަރުބަދަތަކެއްގެ މަތިން މުޅި ދުނިޔެއަށް ނޫންކަމާއި ވަކި ޚާއްޞަ ސަރަހައްދެއްކަން ދޭހަވެއެވެ.

މި ހާދިސާ ހިނގާފައިވާކަމަށް ބެލެވޭ ސަރަޙައްދު


މެސަޕޮޓޭމިއާގެ ބިމަކީ މިހާދިސާ ހިނގާފައިވާ ސަރަޙައްދުކަމަށް ބެލެވެއެވެ. މި ސަރަޙައްދަކީ ދުނިޔޭގައިދިރިއުޅެފައިވާ އިންސާނީނަސްލުގެ އެންމެ ދިގު ތާރީޚެއް ހިމެނިފައިވާ ސަރަޙައްދެވެ. ޓިގްރިސް ކޯރާއި އިފްރީތު ކޯރުގެ މެދުގައި ވުމުގެ އިތުރަށް މި ސަރަޙައްދަކީ މިފަދަ ހާދިސާއެއް ހިނގުމަށް ވަރަށް އެކަށީގެންވާ ކަންތައްތަކެއް ޖޯގްރަފީގެގޮތުން ހިމެނިފައިވާ ސަރަހައްދެކެވެ. މި ހާދިސާ ހިންގާފައިވާގޮތައް ބަލާއިރު އެންމެބޮޑަށް ޤަބޫލުކުރެވޭގޮތަކީ ކުރިން މިދެންނެވުނު ދެ ކޯރު ފުރި ބަންޑުންވެ އެ ސަރަޙައްދު ހަލާކުކުރެއްވީކަމެވެ.

މިހާދިސާ ހިނގާދިޔަ ސަރަހައްދަކީ އެއީ ކަމުގައި ބެލެވޭ އަނެއް ސަބަބަކީ ތާރީޚީ ހެކިތަކެވެ. އެސަރަހައްދުގައި ދިރިއުޅެފައިވާ އިންސާނީ އެތަކެއް ދަރިފަސްކޮޅުތަކުން އެސަރަހައްދުގައި ހިނގާ ގޮސްފައިވާ މިފަދަ ހާދިސާއެއްގެ ވާހަކަތައް ލިޔެފައިވެއެވެ. ނޫޙޫ ގެފާނުގެ ޤައުމު ހަލާކުކުރެއްވުނު ވާހަކަ މިގޮތައް އެ ދަރިފަސްކޮޅުތަކުގެ މީހުން ބަޔާންކޮށްފައިވަނީ އެހާދިސާގެ ބޮޑުކަމާއި އަޖައިބުތަކުގެ ސަބަބުންކަމުގައި ވުމީ އެކަށީގެންވާކަމެކެވެ. މިގޮތުން ބަޔާންވެގެންވާ މިފަދަ ވާހަކަތަކުގައި އެސަރަހައްދުކަމުގައި ފާހަގަކޮށްފައިވަނީ މެސަޕޮޓޭމިއާގެ ސަރަޙައްދެވެ. މިއަށްވުރެވެސް ބޮޑަށް މެސްޕޮޓޭމިއާއަކީ އެސަރަޙައްދުކަމަށް ބެލެވޭ ސަބަބަކީ އެސަރަޙައްދުން ފެނިފައިވާ ތާރީޚީ ހޯދުންތައް ނުވަތަ އާކިއޮލޮޖިކަލް ހޯދުންތަކެވެ. މިލިއުމުގައި މިގޮތުން ހޯދިފައިވާ ހޯދުންތަކުގެ މައްޗަށް އިތުރަށް ބަލާލާނަމެވެ. މިގޮތުން އާކިއޮލޮޖިސްޓުން އެސަރަޙައްދު ކޮނެގެން ހޯދާފައިވާ ހެކިތަކުން އެފަދަ ބޮޑު ޠޫފާނެއްގެ އަސަރުތައް އެތަނުންވަނީ ފެނިފައެވެ.

މެސްޕޮޓޭމިއާ ސަރަޙައްދުގައި ތާރީޚީ ދިރާސާކުރާފަރާތްތަކުން ކޮށްފައިވާ ދިރާސާތަކުންނާއި އެސަރަހައްދު ކޮނެގެން ހޯދާފައިވާ ހެކިތަކުން ޓިގިރިސް ކޯރާއި އިފްރީތް ކޯރު ފުރި ބަންޑުންވުމުގެ ސަބަބުން އެސަރަހައްދުގައި މިފަދަ ގުދުރަތީ ހާދިސާތަކެއް ހިނގާފައިވާ ކަމުގެ ހެކިތައް ފެނިފައި ވެއެވެ. އީސާގެފާނުގެ ދުނިޔެއަށް ވަޑައިގަތުމުގެ ދެގަރުނުކުރިން މެސްޕޮޓޭމިއާގެ ދެކުނުންއޮންނަ އޫރް ސަހަރުގައި ވެރިކަންކުރެއްވި އިއްބީ-ސިންގެ ވެރިކަމުގައި "އުޑާއި ބިމާއި ދޭތެރޭގައިވާ ހުރިހާއެއްޗެއް ހަލާކުވެ ނެތިކުރެވުނު ފެންގަނޑުއުތުރިއެރުމުން ސަލާމަތްވެއަލުން އާބާދުވުމުގެ އަހަރު" ގެ ގޮތުގައި އަހަރެއް ފާހަކޮށްފައިވާކަމަށް ތާރީޚުން އެނގެއެވެ. އަދި އީސާގެފާނުގެ 1700 އަހަރުކުރިން ބާބިލޯނުގެ ހައްމޫރާބީގެ ދުވަސްވަރުގައި "ފެންގަނޑު ބޮޑުވެ އުތުރިއެރުމުގެ ސަބަބުން އަޝްނޫނާ ސަހަރު ހަލާކުވުން" ފާހަގަކުރުމުގެ ގޮތުން އަހަރެއް ފާހަގަކޮށްފައިވެއެވެ.

މި ސަރަޙައްދަކީ މިފަދަ ކަންތައްތައް މިގޮތުގައި ހިނގާފައިވާ ސަރަހައްދަކަށް ވުމާއެކު ޤުރުއާނުގައި ބާޔާންކުރައްވާފައިވާ ގޮތުގެމަތިން މިފަދަ ހާދިސާއެއްގައި ނެތިކޮށް ހަލާކުކުރެއްވުނު ބަޔަކީ ނުވަތަ ނޫޙު ގެފާނުގެ ޤައުމަކީ އެ ސަރަހައްދުގެ އަހުލުވެރިންކަމުގައިވުމީ އެކަށީގެންވާ ކަމެކެވެ.

މިޙާދިސާ ހިނގާފައިވާ ކަމުގެ ތާރީޚީ ހެކިތައް

ކީރިތި ޤުރުއާނުގައި ހަލާކުކޮށް ނެތިކުރައްވާފައިވާކަމަށް ބަޔާންކޮށްދެއްވާފައިވާ ޤައުމުތަކުގެ އާސާރުތައް ތަފާތު ތާރީޚީ ހޯދުންތަކުން ފެންނަމުންދާކަމީ މއަދު އަޅުގަނޑުމެންގެ ލޮލުގެ ކުރިމަތިން ހާމަވަމުންދާ ހަޤީޤަތެކެވެ. މިގޮތުން ހެދިފައިވާ ދިރާސާތަކުން ދައްކާގޮތުގައި މިގޮތައް ކުއްލިއަކަށް ހަލާކުކުރެވި ނެތިކުރެވިގެންދާ ޤައުމުތަކާއި އުންމަތްތަކާ ބެހޭ އާސާރުތަކާއި ޚަބަރުތައް ފަހުން ފެނުމުގެ ފުރުޞަތު ވަރަށްބޮޑެވެ.

ޤައުމެއް ނުވަތަ އުންމަތެއްގެ ބަޔަކު އާދައިގެ ދިރިއުޅުމެއްގައި އުޅެނިކޮށް ކޮންމެވެސް ކަހަލަ ޤުދުރަތީ މުސީބާތެއް ޖެހިގެން ކުއްލިއަކަށް ނުވަތަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެބައިމީހުން މަރުވެ ނެތިގެން ހިނގައްޖެނަމަ އެބައިމީހުން ދިރިއުޅުނު ތަންތަނާއި ބޭނުންކުރި އާލާތްތަކާއި ސާމާނުތައް އެތަނެއްގައި ފޮރުވިފައި ހުރެއެވެ. މިގޮތުން ފޮރުވިފައިވާ ތަކެތި ވަޅުލެވުމުގެ ސަބަބުން ގިނަ ދުވަސްތަކެއްވަންދެއް ގެއްލުމެއް ނުލިބި ހުރުމަށް މަގުފަހިވެގެންދެއެވެ. އަދި ދިރާސާކޮށް ހޯދުންތައް ހޯދާ ފަރާތްތަކަށް މިފަދަ ތަކެތި ފެނުމުން އެތަނެއްގައި އުޅުނުމީހުންނާއިބެހޭ ގިނަ މަޢުލޫމާތުތަކެއް ލިބިގެން ދެއެވެ.

މިދެންނެވިފަދައިން ނޫޙު ގެފާނުގެ ޤައުމުގެ މީހުން ހަލާކުކުރެއްވުނު ހާދިސާގެ ވާހަކަތައްވެސް އަޅުގަނޑުމެންނަށް ވަނީ ތާރީޚީ ހޯދުންތައް ހޯދާފަރާތްތަކުގެ ފުށުން ލިބިފައެވެ. ސަލާމްލެއްވި ޢީސާގެފާނުގެ 300 ޤަރުނު ކުރިން ހިނގާދިޔަ މިހާދިސާގައި ކުއްލިއަކަށް އެބައިމީހުންގެ މައްޗަށް ބާއްވާލެއްވުނު ކޯފާގެ އަޒާބުގެ ސަބަބުން އެބައިމީހުންގެ މަތިންނާއި ދަށުން ފެންއަރާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުޅި ތަނުގެ ދިރުން ގެއްލިފަނާކުރެއްވިއެވެ. އަދި އެއަށްފަހު އެތަނުގައި މުޅިން އައު ހަޔާތެއްލައްވަވައި ބަޔަކު ވަޒަންވެރިކުރެވިގެންދިޔައެވެ. މި ހާދިސާގެ މުހިންމު ހަޤީޤަތްތައް ހާމަވާނޭ ހެކިތައް އެތަނުގައި ލައްވާފައިވަނީ އިންސާނުންނަށް އިބްރަތްތެރި ފިލާވަޅެއް ލިބިދިނުމަށްޓަކައެވެ. އަދި އިންޒާރުކުރެއްވުމަށްޓަކައެވެ.

މެސަޕޮޓޭމިއަންގެ ސަރަޙައްދަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއާއި ގުޅޭގޮތުން އެސަރަޙައްދު ކޮނެގެން ގިނަ ހޯދުންތަކާއި ދިރާސާތައް ކުރެވިފައިވެއެވެ. މިސަރަޙައްދުގެ މައި ހަތަރު ސަހަރެއްގައި ހޯދި ހޯދުން ތަކުން މިފަދަ ބޮޑު ހާދިސާއެއްގެ އަސަރުތައް ފެންނާންހުއްޓެވެ. މި ސަހަރުތަކަކީ މެސްޕޮޓޭމިއާގެ މުހިންމު މައި ސަހަރުތައް ކަމަށްވާ އޫރު، އެރެކް، ކިޝް އަދި ޝުރުއްޕަކްއެވެ.

މި ސަހަރުތަކުގައި ކުރެވުނު ދިރާސާ ތަކުން ދޭހަވާގޮތުގައި އީސާގެފާނުގެ 300 ޤަރުނު ކުރިން މިސަރަޙައްދުގައި ފެންބޮޑުވެ ނުރައްކާތެރި ހާދިސާތަކެއް ހިނގާފައިވެއެވެ.

އެންމެ ފުރަތަމައިން އޫރު ސަހަރު ކޮނެގެން ހޯދުނު ހޯދުންތަކަށް ބަލައިލާނަމެވެ.

މި ސަރަހައްދުން ހޯދުނު ހޯދުންތަކަށް ބަލާއިރު އެ ތަނުންފެނިފައިވާ އެންމެ ޒަމާންވީ ހަޟާރަތަކީ އީސާގެފާނުގެ 7000 އަހަރުކުރިން އުޅެފައިވާ ބައެއްކަމަށް ބެލެވޭ ހަޟާރަތެކެވެ. އެމީހުންގެ ނަމެއްގެ ގޮތުގައި ފަހުން ދެވިފައިވަނީ "ތަލް އަލް މުގައްޔަރު" އެވެ. އޫރަކީ އެންމެ ކުރީގެ ހަޟާރަތްތަކުގެ މީހުން ދިރިއުޅެފައިވާ ސަހަރަކަށް ވީހިނދު އެތަނުގައި އެތައް ހަޟާރަތެއް އެއްބަޔަކަށްފަހު އަނެއްބަޔެއް ދިރިއުޅެމުން ގެންގޮސްފައިވެއެވެ.

ތާރީޚީ ހޯދުންތަކުން ދައްކާގޮތުގައި އެބައިމީހުންގެ ދަރިފަސްކޮޅު ހަލާކުވެގެން ދިޔައީ އެބައިމީހުންނަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއަކުން ކަމެވެ. އަދި ފަހުން އެހެންބަޔަކު އެތަނުގައި ވަޒަންވެރިވެ ދިރިއުޅެން ފަށާފައިވެއެވެ. މިސަރައްހައްދު ކޮނެގެން ހިންގުނު އެންމެ ފުރަތަމަ ދިރާސާތައް ކޮށްފައިވަނީ ބްރިޓިޝް މިއުޒިއަމްގެ އާރ. އެޗް. ހޯލް އެވެ. އަދި ހޯލްއަށް ފަހު ލިއޮނާޑް ވޫލޭ އަމިއްލައަށް މިސަރަޙައްދު ކޮނެ ދިރާސާތައްހަދާފައިވެއެވެ. އަދި އޭނާވަނީ ބްރިޓިޝް މިއުޒިއަމްއާއި ޕެންސިލްވޭނިއާ ޔުނިވަރސިޓީ ގުޅިގެން މިސަރަޙައްދުގައި ހިންގާފައިވާ ހަރަކާތްތައް ހިންގުމުގައިވެސް ހަރަކާތްތެރިވެފައެވެ. މިގޮތުން ވޫލީ މިސަރަޙައްދުގައި 1922 އިން 1934 އަށް ހިންގާފައިވާ ދިރާސާތަކަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވެއެވެ.

ސަރ ވޫލީ އޭނާގެ ދިރާސާތައް ކުރިއަށް ގެންގޮސްފައިވަނީ ބަޤުދާދާއި ޕާޝިއަން ގަލްފްގެ ދެމެދުގައިވާ ސަހަރާގެ މެދުތެރޭ ސަރަހައްދެއްގައެވެ.

އޫރު ސަހަރުގައި އެންމެ ފުރަތަމަ ވަޒަންވެރިވެފައިވާކަމަށް ބެލެވެނީ މެސަޕޮޓޭމިއާގެ އުތުރުން އައިސް އެތަނުގައި ވަޒަންވެރިވެފައިވާ "އުބޭދިއަން" ނަމަކަށްކިޔާ ބައެކެވެ. މިގޮތުން އެސަރަޙައްދު ކޮނެގެން ކުރަންފެށި ދިރާސާތައް އެންމެފުރަތަމަ ބިނާކޮށްފައިވަނީ މިބައިމީހުންނާބެހޭ މަޢުލޫމާތު ހޯދުމުގެ މައްޗަށެވެ. ޖަރުމަނުގެ އާކިއޮލޮޖިސްޓް ވާނަރ ކެލާރ ވޫލޭގެ މި މަސައްކަތް ބަޔާންކޮށްދީފައިވަނީ މިފަދައިންނެވެ.

"އޫރު ގެ ރަސްރަސްކަލުންގެ ކައްވަޅުތައް" – ވޫލޭ އޭނާގެ ދިރާސާކޮށް ހޯދުމުގެ ޝައުޤުވެރިކަމުގައި އެބައިމީހުން އެމަސައްކަތައް ގެނައި އުދަލިތަކާއި ފަކީރާތަކުން އެ ހަނަފަސް ބިންގަނޑު ކޮންނަން ފެށިއެވެ. އެބައިމީހުންގެ އުދަލިތަކާއި ފަކީރާތައް ސުމޭރިއަނުންގެ އިއްޒަތްތެރިންގެ މަޤްބަރާތަކުގައި ޖެހެންދެން ކޮންނަމުން ދިޔައެވެ. މިގޮތުން އެފައްޅީގެ ދެކުނުގައިވާ 50 ފޫޓުގެ ޗަކަވެލިގަނޑު ކޮނެ ނިމުނުއިރު ދެމިގެންވާ ސަފުތަކަކަށް ކަނޑާނަގާފައިވާ މަހާނަގާތައް ފެންނާން ހުއްޓެވެ. ގަލުން ހަދާފައިވާ ފޮށިތަކަކީ އޭގައި ތަފާތު އަގުބޮޑު ޖަވާހިރުތަކުން ފުރިފައިވާ ފޮށިތަކެކެވެ. ރީތި ބައްޓަންތަކަށް ތައްޔާރުކުރެވިފައިވާ ގުޅިތަކާއި އުނބުތައްވެސް ފެންނާންހުއްޓެވެ. ލޮއި ކަންވާރާއި، މުތުގެ އުފެއްދުންތަކާއި ރިހި ވަނީ އެމީހުންގެ ހިރަފުހާއި ކިސަޑާއެކުވެފައިވާ ހަށިތަކުގެ ކައިރީގައެވެ. މިއުޒިކް ކުޅުމަށް ބޭނުންކުރާ ބައެއް އާލާތްތައްވެސް އެތަނުން ފެިނފައިވެއެވެ. "އެކަމަކު ހަމަ ކުއްލިއަކަށް" އޭނާ އޭނާގެ ޑައިރީގައި ލިޔެފައިވެއެވެ. "އަހަރެމެންގެ ހިތުގައި އުފެދެމުންދިޔަ ޝައްކުތަކަށް ޔަޤީންކަން ގެނެސްދިން ހޯދުމެއް ފެނުނެވެ. އޫރުގެ ރަސްކަލެއްގެ ކަންޒުގެ ކައިރިން އެދިމާ ދަށުން ލަކުޑިއާއި އަޅީގެ އިތުރުން ކިސަޑުން އެއްޗެތިތަކެއް ފެނުނެވެ. މިތަކެތީގައި ވާ ލިޔުމަކީ އެބައިމީހުންގެ މަގްބަރާތަކުގައިވާ ލިއުންތަކަށްވުރެ ކުރީގެ ލިޔުންތަކެކެވެ. މިލިޔުންތަކަށް ބަލާއިރު އެލިޔުންތަކަކީ އީސާގެފާނުގެ 3000 އަހަރު ކުރީގެ ލިޔުންތަކެއްކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން އެއީ މަޤްބަރާތަކަށްވުރެ ދޭއް ނުވަތަ ތިން ޤަރުނު ކުރިއެވެ.

މިސަރަހައްދު އިތުރަށް ކޮންނަމުންދިޔަ ވަރަކަށް އިތުރު ތަކެތި ފެންނަމުންދިޔައެވެ. އެގޮތުން ކުރިން ފެނުނު ތަށިތަކާއި ކަންވާރުތަކާއި ގުޅިތައްފަދަ ތަކެތި ފެނިފައިވެއެވެ. އެތަކެތީގެ ސިފައާއި ބާވަތަށް މާބޮޑެތި ބަދަލުތަކެއް އައިސްފައެއް ނުވެއެވެ. އެހެންކަމުން އެބައިމީހުންގެ ކުރިން އުޅުނު މީހުންނަކީވެސް ވަރުގަދަ އަދި މުއްސަނދު ހަޟާރަތެއްގެ ވެރި ބައެއްކަން ދޭހަކޮށްދެއެވެ.

އެތައް ދުވަހެއްގެ މަސައްކަތައްފަހު ވޫލޭގެ މަސައްކަތުމީހުން އޭނާއަށް ގޮވާ އެމީހުންނަށް އެސަރަހައްދުގެ އެންމެ އަޑިއަށް ފޭބިއްޖެކަމަށް ބުންޏެވެ. އެވަގުތު އޭނާ އެތަނަށް ފައިބާ ބަލައިލިއެވެ. އެތަނުން އޭނާއަށް ފުނުނީ ސާފު ވެއްޔެވެ. ފެނާއެކުވެގެން ނޫންގޮތަކަށް އެސަރަހައްދައް ނާންނާނޭފަދަ ސާފު ވެއްޔެވެ.

އެހިނދު އޭނާ އެތަން އިތުރައް ކޮންނަން ބޭނުންވިއެވެ. އެތަނުން އޭނާ ކޮންނަމުންދިޔަ ވަޅު ތިންފޫޓޫން ހަފޫޓުން ފުންކުރަމުން ގެންދިޔައެވެ. އޭރުވެސް ފެންނަމުންދިޔަޢި ތެތް ސާފު ވެއްޔެވެ. އެންމެފަހުން އޭނާ އެވަޅު ދިހަފޫޓުގެ ފުންމިނަށް ކޮނުނެވެ. އަދި ދިހަފޫޓޫ އަޑިއަށް ކޮނުމާއެކު ކުރިން ފެންނަމުންދިޔަ ތެތް ސާފުވެލިތައް އެންމެ ފުރަތަމަ އެ ބިން އޮތް ފަދައިން ފެނުން ހުއްޓުނެވެ. މިގޮތައް އެމީހުން ކޮންނަމުންދިޔަ ދިހަފޫޓުގެ ތެތް ސާފު ވެލިތަކުގެ ތެރެއިން އިންސާނީ ހަޟާރަތެއްގެ ސާފު ހެކިތައް ފެނިފައިވެއެވެ. އެތަނުން ފެނުނު ގުޅިތަކާއި ކަންވާރުތައް ތައްޔާރުކޮށްފައިވަނީ ވަރަށް ކަސްކޮށް އިންސާނުން ގެ ހުސް އަތުންކަން ދޭހަވެއެވެ. އަދި ދަނގަޑުފަދަ މައުދަންތައް އެއްވެސްވަރަކަށް ފެނިފައެއް ނުވެއެވެ. އެގޮތުން އެތަކެއްޗަކީ ސްޓޯން އޭޖައް ނިސްބަތްވާ ތަކެތިކަން ދޭހަވެއެވެ.

އިސްވެދިޔަ ހޯދުންތަކުން ދޭހަކޮށްދޭގޮތުގައި އެތަނުން ފެނުނު ދެ ހަޟާރަތު ވަކިކޮށްފައިވަނީ ފެނުގެ ޠޫފާނެއްކަން ދޭހަވެއެވެ. އެގޮތުން އެތަނުން ފެނުނު ވެލިގަޑުގެ ތެރެއިން ކަނޑުގައި ދިރިއުޅޭ ބައެއް ކުދި ދިރުންތަކުގެ ބައިތައް އެސަރަޙައްދުން ފެނިފައިވެއެވެ.

މައިކްރޮސްކޯޕިކް ހޯދުންތަކުން ދޭހަވާގަޮތުގައި އެތަނުގެ އަޑިން ފެނުނު ތެތް ވެލިތަކަކީ އެސަރަޙައްދައް ކުރިމަތިވެގެންގޮސްފައިވާ ފެންގަނޑު ބޮޑުވެ އުތުރިއެރުމުގެ ނަތީޖާއެވެ. އެފެންގަނޑަކީ މުޅި ސޫމާރީންގެ ހަޟާރަތް ނެތިކޮށް ހަލާކުކޮށްލާވަރުގެ ފެންބޮޑުވުމެއްކަންވެސް އެ ދިރާސާތަކުން ހާމަކޮށްފައިވެއެވެ. މި ތަނަކީ ނޫޙު އަލައިހިއްސަލާމްގެ ޤައުމަށް ކުރިމަތިވި އަޒާބުގެ ހެކިތައް އެހެންމީހުންނަށް ހުރި އިންޒާރެއްގެގޮތުގައި ފޮރުވިފައިވާ ތަނެވެ.

ވާނަރ ކެލަރ ސިފަކޮށްފައިވާ ގޮތުގައި ތެތް ވެލިތަކެއްގެ ދަށުގައި ފޮރުވިފައިވާ ސަހަރެއް ވާކަމީ އެ ތަނަށް ފެންބޮޑުވުމުގެ ޠޫފާނެއް ކުރިމަތިވެފައިވާ ކަމުގެ ހެއްކެކެވެ.

މި ޠޫފާނުގެ އަސަރު ކޮށްފައިވާ މެސަޕޮޓޭމިއާގެ އަނެއް ސަހަރަކީ "ސޫމާރީންގެ ކިޝް" އެވެ. މި ސަހަރު މަޝްހޫރުވެފައިވަނީ "ތަލް އަލް-އުހައިމަރު" ގެ ނަމުންނެވެ. އިހުގެ ސޫމާރީ މަސްދަރުތަކުން އެނގޭ ގޮތުގައި މި ސަހަރަކީ ފުރަތަމަ ޕޮސްދިލޫވިއަން ޑައިނާސްޓީގެ ރަސްކަމުގެ ކޮއިލެވެ.

މެސަޕޮޓޭމިއާގެ ދެކުނުގައިވާ ޝުރުއްޕަކް ނުވަތަ މިހާރުގެ ނަމުންނަމަ "ތަލް އަލް-ފަރަޙް" އަކީ ކުރިން ދެންނެވުނު ދެ ސަހަރުފަދައިން މި ފެންބޮޑުވުމުގެ އަސަރު ކޮށްފައިވާ ސަހަރެކެވެ. މިސަރަހައްދުގައި ހިންގުނު ތާރީޚީ ދިރާސާތައް ކުރިއަށް ގެންގޮސްފައިވަނީ ޕެންސިލްވޭނިއާ ޔުނިވަރސިޓީގެ ފަރާތުން އެރިކް ޝްމިޑް އެވެ. އެއީ މީލާދީން 1920 އިން 1930 ގެ ނިޔަލަށެވެ. މި ސަހަރުގައި ހޯދި ހޯދުންތަކުން ތިން ޙަޟާރަތެއްގެ އަސަރުފެނިފައިވެއެވެ. އެއީ ތާޜީޚް ލިޔަން ފެށުމުގެ ކުރީގެ ޙަޟާރަތަކުން ފެށިގެން އޫރްގެ ތިންވަނަ ރަސްކަމާ ހަމައަށް ފޯރާފައިވާ ހަޟާރަތްތަކެކެވެ. (2112 – 2004 އީސާގެފާނުގެ ކުރި) މިތަނުން ފެނުނު އެންމެ ފާހަގަކޮށްލެވޭ ތަންތަނަކީ ރީތިކޮށް ފުރިހަމައަށް ހަދާފައިހުރި އިމާރާތްތަކާއި އިދާރީ ލިޔުންތައް ލިޔެފައިވާ އެކިއެކި ގާގަލާއި އެމީހުން ބޭނުންކުރަމުން އައި ބަސްތަކުގެ ރިކޯޑްތަކެވެ. މި ހެކިތަކުގެ ސަބަބުން އެމީހުންނަކީ އީސާގެފާނު ވަޑައިގަތުމުގެ ހަތަރުވަނަ ޤަރުނުގެ ކުރިން އުޅެފައިވާ ތަހުޒީބު ބައެއްކަން ދޭހަކޮށްދެއެވެ.

މީގައި ފާހަގަކޮށްލަންޖެހޭ މުހިންމު ނުކުތާއަކީ އީސާގެފާނުގެ 2900 އާއި 3000 އަހަރު ކުރިން މިސަރަހައްދައް ފެނުގެ ޠޫފާނެއް އައިސްފައިވާ ކަމުގެ ހެކިތައް ފެންނަން ހުރިކަމެވެ.

No comments: