}

Sunday, February 15, 2009

ކާމިޔާބު ލިބޭނީ ކާކަށް؟

އުމަރުގެފާނު އެކަލޭގެފާނު ޚަލީފާކަމުގެ ދުވަސްވަރު ޝާމަށް ދަތުރުފުޅެއް ކުރެއްވުމަށްޓަކައި އަބޫއުބައިދާއާއިއެކު ނުކުމެވަޑައިގެންނެވިއެވެ. މިދަތުރުފުޅުގެ މަގުމަތީގައި އެކަލޭގެފާނަށް ކޯރެއް ހުރަސްކުރައްވަންޖެހިވަޑައިގަތެވެ. އެހެންކަމުން އުމަރުގެފާނު އެކަލޭގެފާނުގެ ފައިވާންޖޯޑުކޮޅު ބާލުއްވާ އެކަލޭގެފާނުގެ ކޮނޑުފުޅުމަތީގައި ބޭއްވެވިއެވެ. އަދި ޖަމަލުގެ ލަގަނުގައި ހިއްޕަވައިގެން ކޯރަށް އެރިވަޑައިގެން ހިންގަވަންފެއްޓެވިއެވެ. އެހިނދު އަބޫއުބައިދާއަށް މިމަންޒަރު ފެނިވަޑައިގެން މުސްލިމުންގެ ޚަލީފާގެ ހާލުކޮޅާއިމެދު ކަންބޮޑުވެވަޑައިގެން ވިދާޅުވިއެވެ. "ކަލޭގެފާނު ތިގޮތުގައި ހުންނަވަނިކޮށް މިއަވަށުގެ އަހުލުވެރިންނަށް ފެނި ކަލޭގެފާނާމެދު ޤަދަރުކުޑަކޮށްފާނެކަމާމެދު ތިމަން ބިރުގަންނަމެވެ." އެހިނދު އުމަރުގެފާނު ވިދާޅުވިއެވެ. "އޭ އުބޭދާއެވެ! ކަލޭގެފާނުފަދަ ޢިލްމުވެރިބޭކަލަކު ތިޔަފަދަ ވާހަކަފުޅެއް ވިދާޅުވަނީތޯއެވެ. އަހަރެމެންނީ އިންސާނުންގެ ތެރެއިން އެންމެ ޤަދަރުކުޑަވެ މަލާމާތްލިބި ބަލިކަށިވެފައިވާ ބަޔަކަށްވެފައިވަނިކޮށް އިސްލާމްދީނުގެ ސަބަބުން މާތްﷲ ވަނީ އަހަރެމެންނަށް ގަދަރާއި މަތިވެރިކަން ދެއްވާފައެވެ. ނަމަވެސް މާތްﷲ ދެއްވި މަތިވެރިކަމާއި މާތްކަން ފިޔަވާ އެހެންބައެއްގެ ފަރާތުން އެ ޤަދަރު ހޯދަން އުޅެފިނަމަ އަނެއްކާވެސް މާތްﷲ އަހަރެމެން ކުރިންތިބި ހާލަތަށް ރުޖޫޢަކުރައްވަފާނެއެވެ."
މުސްލިމް އަޚުންނާއި އުޚްތުންނޭވެ. އަހަރެމެން އުންމީދުކުރާގޮތުގައި މާތްﷲ ވަޢުދުވެވޮޑިގެންފައިވާ ނަސްރާއި ކާމިޔާބު ލިބުުންވަނީ ވަރަށް ކައިރީގައެވެ. އެހެންނަމަވެސް އަހަރެމެންގެތެރެއިން ބައެއްމީހުން މާތްﷲ އިސްލާމްދީނަށް ނަޞްރާއި ކާމިޔާބުދެއްވާނޭކަން ހިތުގެއަޑިން ޤަބޫލެއްނުކުރެއެވެ. އަދި ބައެއް މީހުން ހީކުރާގޮތުގައި މާތްﷲގެ ހަޟްރަތުން ލިބޭނޭ މިނަސްރަކީ ހަމައެކަނި މުއުމިނުންގެ ތެރެއިން ވަކިބަޔަކަށް ލިބިގެންދާނޭ ނަޞްރެކެވެ. ނުވަތަ ތާރީޚްގެ ވަކި ދުވަސްވަރެއްގައި ލިބިގެންގޮސްފައިވާ ނަޞްރެކެވެ.

އެހެންނަމަވެސް އަޅުގަނޑުމެން ދެނެގަންނަންޖެހޭ ހަޤީޤަތަކީ އިސްލާމުންނަށް ލިބިގެންދާނޭ ނަސްރަކީ އިންސާނީ ވަޢުދެއް ނޫންކަމެވެ. އެ ވަޢުދު ކުރައްވާފައިވަނީ އުޑުތަކާއިބިންތަކުގެ ވެރި ޚާލިޤުވަންތަ މާތްﷲ ސުބުހާނަހޫވަތައާލާކަމެވެ. އަދި އެ ވަޢުދަކީ ހަމައެކަނި އާޚިރަތްދުވަހުގައި ލިބޭނޭ ކާމިޔާބާއި ނަސްރުގެ ވަޢުދެއް ނޫނެވެ. ނަމަވެސް މިދުނިޔޭގެ ދިރިއުޅުމުގައިވެސް މުސްލިމުންނަށް ލިބިގެންދާނޭ މަތިވެރި ނަސްރާއި ކާމިޔާބީގެ ވަޢުދެކެވެ. މާތްﷲ ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ރަސޫލުންނަށާއި، އީމާންވީމީހުންނަށް، ދުނިޔޭގެ ހަޔާތުގައްޔާއި، ހެކިންތަށް ތެދުވާދުވަހު (އެބަހީ: ޤިޔާމަތްދުވަހުގައި) ނަޞްރުދެއްވާ ހުށީމެވެ." (غَافر 51)
ނަމަވެސް މިދެންނެވުނު ނަޞްރާއި ކާމިޔާބު އަޅުގަނޑުމެންނަށް ލިބޭނީ ހިތުގެ އިޚްލާސްތެރިކަމާއެކު މާތްﷲ އަށާއި އެކަލާންގެ ރަސޫލާއަށާއި މުޢުމިނުންނަށް އީމާންވެގެންނެވެ. އަދި މާތްﷲ ފިޔަވާ އެހެންފަރާތްތަކެއްގެ ބަހަށް ކިޔަމަންވެ ހަވާނަފްސުގެ އެދެންތަކަށް ހެއްލުންތެރިވަމުންދާނަމަ މިއީ އަޅުގަނޑުމެންނަށް ލިބިގެންދާނޭ ނަޞްރެއްނޫނެވެ.
"ﷲ އާއި، އެކަލާންގެ ރަސޫލާއާއި، އީމާންވެގެންތިބިމީހުން އެއީ. އެހީތެރިންކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ގަދަވާނެބަޔަކީ ހަމަ ﷲގެ ޖަމާއަތެވެ." (المَائدة 56)
"ހަމަކަށަވަރުން، މުނާފިޤުންނަށް ވޭންދެނިވި އަޒާބު ހުރިކަމުގެ ޚަބަރު ކަލޭގެފާނު އެއުރެންނަށް ދެއްވާށެވެ!އެއުރެންނީ، މުޢުމިނުންފިޔަވައި، ކާފިރުން އެއީ އެހީތެރިންކަމުގައި ބަލައިގެން އުޅޭ މީހުންނެވެ. އެ ކާފިރުންގެ ގާތުން އިއްޒަތް ލިބިގަތުމަށް އެއުރެން އެދެނީހެއްޔެވެ؟ ފަހެ ހަމަކަށަވަރުން އެންމެހައި އިއްޒަތް މިލްކުވެވޮޑިގެންވަނީ ﷲ އަށެވެ." (النِّسَاء 139-138)
މާތްﷲ ވަޢުދުވެވޮޑިގެންފައިވާ މި ނަޞްރަކީ ހަމައެކަނި ޚިޔާލީ އަވާމެންދުރެއްކަމަށް ޤަބޫލުކޮށް އެގޮތަށް ބުނާމީހުން ތަކުރާރުކުރަމުންއެދަނީ މުނާފިޤުން މީގެކުރިން ތަކުރާރުކުރަމުންގޮސްފައިވާ ބަސްތަކެވެ. މާތްﷲ ވަނީ އެބައިމީހުންގެ މި ވާހަކަތަށް ކީރިތި ޤުރުއާނުގައި ބަޔާންކޮށްދެއްވާފައެވެ.
"އަދި މުނާފިޤުންނާއި، އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވާމީހުން ބުނާހިނދެވެ. ﷲއާއި، އެކަލާނގެ ރަސޫލާ، ތިމަންމެންނަށް ކެހިވެރި ވަޢުދަކުން މެނުވީ ވަޢުދެއް ނުކުރައްވަތެވެ." الاٴحزَاب 12)
ފަހެ މި ވަޢުދަކީ ހަމަ ޚިޔާލީ އަވާމެންދުރެއްހެއްޔެވެ؟ އޭ މުސްލިމް އަޚުންނާއި އުޚްތުންނޭވެ! އަހްޒާބު ހަނގުރާމައިގެ ހާދިސާއާއިމެދު ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅަށް ވިސްނާ ނަޒަރުހިންގާލައްވާށެވެ.
"ކާފިރުވީމީހުން އެއުރެންގެ ރުޅިވެރިކަމާއެކު ﷲ (އެއުރެން) ރައްދުކުރެއްވިއެވެ. އެއުރެންނަކަށް އެއްވެސް ހެވެއް ނުލިބުނެވެ. އަދި ﷲ، މުއުމިނުންނަށް ހަނގުރާމަކުރުން ފުއްދަވައިދެއްވައިފިއެވެ. (އެބަހީ: އެއުރެން ގަދަ ހަނގުރާމައެއްނުކޮށް އެކަން ނިމިއްޖެއެވެ.) އަދި ﷲ އީ، ބާރުވެރިވަންތަ، އަޒީޒްވަންތަ ރަސްކަލާނގެކަމުގައިވެއެވެ." (الاٴحزَاب 25)
އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ. މިދުނިޔެއާއި އާޚިރަތުގެ ނަޞްރާއި ނަސީބަށް އެދޭމީހާ މާތްﷲއަށް ކިޔަމަންގަތުމުގައި ސާބިތުވާށެވެ. އޭނާގެ އެދެން އެކަލާނގެ ފުރިހަމަކޮށްދެއްވާނެއެވެ. އެހެނީ މި ދިރިއުޅުމާއި އަންނަންއޮތް ދިރިއުޅުން މިލްކުވެވޮޑިގެންވަނީ ﷲ ސުބުޙާނަހޫވަތައާލާއަށެވެ. އެއީ އިއްޒަތްވަންތަ މަތިވެރި ރަސްކަލާނގެއެވެ. މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ކަލޭގެފާނު ވިދާޅުވާށެވެ! ވެރިކަން މިލްކުވެވޮޑިގެންވާ، ހައްދަވާބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް ވެރިކަން ދެއްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާމީހެއްގެ ކިބައިން ވެރިކަން ވަކިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު މަތިވެރިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާމީހަކު ނިކަމެތިކުރައްވަމުއެވެ. އެންމެހާ ހެޔޮކަންވަނީ، އިބަރަސްކަލާނގެ ޔަދުޤުދުރަތް ފުޅުގައެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ." (آل عِمرَان 26)
ރަސްކަމާއި، އަމީރުކަމާއި، ވަޒީރުކަމަކީ މިއަދުގެ ދުނިޔޭގައި އެމީހެއްގެ ޖާހާއި ޤަދަރުވެރިކަން ހާމަކޮށްދިނުމަށް ބޭނުންކުރެވޭ ބަސްތަކެކެވެ. އިންސާނުން ބޭނުންވަނީ މިދިނިޔޭގައި މިފަދަ މަތިވެރިކަމާއި މާތްކަން ހޯދުމަށެވެ. އެހެންކަމުން އެގޮތުގައި އެބައިމީހުންގެ ޢަމަލުތައް ބައްޓަންކުރަމުންދަނީ މިދެންނެވުނު ލަޤަބުތައް ހޯދުމަށެވެ.
ބައެއްމީހުން ފައިސާއިން މި ލަޤަބު ހޯދައިގަތުމަށް މަސައްކަތްކުރެއެވެ. ނަމަވެސް ހިއްސާގެ ބާޒާރު އިންދަޖެހުމުން އެބައިމީހުންގެ ދިރިއުޅުން ބަނގުރޫޓުވެ ބިކަހާލުގައި ޖެހިދެއެވެ. އަދި އެކަމުގެ ސަބަބުން ބައެއްމީހުން އަމިއްލައަށްފުރާނަ ދުއްވާލާތަންވެސް ފެންނަމުންދެއެވެ. އަނެއްބަޔަކު މި ލިޤަބާއި މަޤާމު ހޯދުމަށް މަސައްކަތްކުރަނީ ތިމާގެ ނެތްފެންވަރު ދެއްކުމާއި އެހެންމީހުންގެ މައްޗަށް ވެރިވެގަތުމުންނެވެ. އެހެންނަމަވެސް އެކަމުގެ ސަބަބުން ތިމާވެގެންދަނީ އެހެންމީހުންގެ ކުރިމަތީގައި އަގެއްނެތް ގަމާރުބައެއްކަމުގައެވެ. އަނެއްބަޔަކު މި ޢިއްޒަތް ހޯދުމަށް މަސައްކަތްކުރަނީ އަސްކަރީ ގަދަބާރުދައްކައިގެން ނުވަތަ ވެރިކަމުގެ ބާރުބޭނުންކޮށްގެންނެވެ. އެހެންނަމަވެސް އެބައިމީހުން އިށީންދެތިބި ގޮނޑިން ތެދުވާންޖެހޭހިނދު އެންމެ ނިކަމެތިހާލުގައިވާންޖެހޭ ބަޔަކީ އެބައިމީހުންކަމުގައި ވެދެއެވެ.
ހަޤީޤީ އިއްޒަތާއި ނަޞްރާއި ކާމިޔާބުލިބުންވަނީ ހަމައެކަނި މާތް ﷲއަށް އީމާންވުމުންނެވެ. އެހެނީ ހުރިހާ އިއްޒަތެއް މިލްކުވެވޮޑިގެންވަނީ ﷲ އަށެވެ.
"އެއުރެންބުނެތެވެ. ހަމަކަށަވަރުން، ތިމަންމެން އެނބުރި މަދީނާއަށް އަތުވެއްޖެނަމަ ހަމަކަށަވަރުން، އެންމެ އިއްޒަތްތެރިމީހާ، އެންމެދެރަ ނިކަމެތިމީހާ އެތަނުން ބޭރުކޮށްލާނެތެވެ. (އެހެނަކުންނޫނެވެ.) އިއްޒަތްވަނީ ﷲ އަށެވެ. އަދި އެކަލާނގެ ރަސޫލާއަށާއި، މުއުމިނުންނަށެވެ. އެހެނެއްކަމަކު މުނާފިޤުންނަކަށް (އެކަމެއް) ނޭންގެއެވެ." (المنَافِقون 8)
ފާފައިގެ އަހުލުވެރިންނާއި ބެހޭގޮތުން ތާބިޢީ ބޭކަލެއްކަމުގައިވާ އިމާމް އަލް ހަސަން އަލް ބަސްރީ ވިދާޅުވެފައިވެއެވެ. "އެބައިމީހުން އެޖަނަވާރުތަކުގެ މައްޗަށް ސަވާރުވެގެން ތިބޭއެބައިމީހުންގެ ސަވާރީތައް އެބައިމީހުންނާއިއެކު އެބައިމީހުން ދެއްކިމަގަކުން ދަތުރުކުރަމުން ދިޔަނަމަވެސް އަދި އެބައިމީހުންގެ ނަޢަމްސޫފިތައް އެބައިމީހުން އަމާންކަމާ ރައްކާތެރިކަމާއެކު ގެންދިޔަނަމަވެސް އެބައިމީހުންގެ ދިރިއުޅުންވާހުށީ ހުރިހާވަގުތެއްގައިވެސް ކާމިޔާބެއްލިބުންނުވާ ފާފަތަކެއްގެ މަތީގައެވެ. މާތްﷲ އަށް އީމާންނުވާމީހުންނަށް ހަލާކާއިގެއްލުންމެނުވީ އެކަލާނގެ އިރާދަނުކުރައްވާހުއްޓެވެ.
ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައަށް ވިސްނައިވަޑައިގަންނަވާށެވެ.
"އުޑުތަކާއި ބިމުގައިވާހާ ތަކެއްޗަކާއި ބައެއް އަދި އިރާއި ހަނދާއި ތަރިތަކާއި ފަރުބަދަތަކާއި ގަސްގަހާގެއްސާއި ޖަނަވާރުތަކާއި އަދި މީސްތަކުންގެ ތެރެއިން އެތައްބަޔަކު މާތް ﷲ ގެ ޙަޟްރަތަށް ކުއްތަންވެ ސަޖިދަޖަހާކަން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އަދި، (މީސްތަކުންގެ ތެރެއިން) އެތައްބައެއްގެ މައްޗަށް ކޯފާއާއި އަޒާބުވަނީ ހައްޤުވެފައެވެ. އަދި މާތް ﷲ އަށް ކިޔަމަންތެރިނުވާމީހާއަށް އުފާ ލިބިދެނިވި އެއްވެސްފަރާތެއް ނުވެއެވެ. ހަމަކަށަވަރުން މާތް ﷲ އީ އެކަލާނގެ އިރާދަކުރައްވާކަމެއް ކުރައްވާ ކަލާނގެއެވެ." (الحَجّ 18)
"އެކަލޭގެފާނު ކީއްކުރައްވަނީއޭ؟ ސަހަރާގައި ނަވެއް ބަންނަވަނީއޭ؟" ނޫޙްގެފާނުގެ ޤައުމުގެ މީހުން މިއީ ތެދުޚަބަރެއްތޯ ބެލުމަށް އަވަސްވެގަތެވެ. ތެދެކެވެ. އެކަލޭގަފާނު ހަމަ ނަވެއް ބަންނަވަނީއެވެ. ފެނުގެ ހިލަމެއްވެސް ނެތްތަނެއްގައި ބޮޑު ނަވެއް ބަންނަވަނީއެވެ. މިއީ ނޫޙްގެފާނަށް އެކަލޭގެފާނުގެ ޤައުމުގެ އަހުލުވެރިންގެ ކިބައިން އިވިގެންދިޔަ މަލާމާތުގެ ބަސްތަކެވެ. އެބައިމީހުން ހައްޤައް ފުރަގަސްދިނުމުން އެބައިމީހުންގެ މައްޗަށް ކުރިމަތިވުމަށް ތައްޔާރުވަމުންދާ އަޒާބުގެ ހިލަމެއްވެސް އެބައިމީހުންނަކަށް ކުރިއަކުން ކޮށްފައެއްނުވެއެވެ.
މިހާދިސާއަށް އިޝާރާތްކުރައްވާ މާތްﷲ ކީރިތި ޤުރުއާނުގެ ހޫދް ސޫރަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައަށް ވިސްނާބައްލަވާށެވެ.
"އަދި އެކަލޭގެފާނު ނާކޮޅު ބަންނަވަމުންގެންދެވިއެވެ. އެކަލޭގެފާނުގެ ޤައުމުގެ މީހުންކުރެ، ބޮޑުންގެ ބަޔަކު އެކަލޭގެފާނުންގެ އަރިހުންލާފައި ހިނގައްޖެ ކޮންމެ ފަހަރަކު، އެކަލޭގެފާނަށް މަލާމާތްކުރެއެވެ. އެކަލޭގެފާނު ވިދާޅުވެއެވެ. ތިޔަބައިމީހުން ތިމަންމެންނަށް މަލާމާތްކުރާނަމަ، ތިޔަބައިމީހުން މަލާމާތްކުރާފަދައިން، ހަމަކަށަވަރުން، ތިމަންމެންވެސް ތިޔަބައިމީހުންނަށް މަލާމާތްކުރާނަމެވެ." (هُود 38)
އެކަމަކު އެބައިމީހުން އެކަލޭގެފާނަށް މަލާމާތްކޮށް ފުރައްސާރަ ކުރުންމަތީ ދެމިތިއްބެވެ. އޭ މުސްލިމް އަޚުންނާއި އުޚްތުންނޭވެ. ނޫޙް ގެފާނަށް ފުރައްސާރަކޮށް މަލާމާތްކޮށް އުޅުނު މީހުންގެ ނިމުން އައީ ކިހިނެތްތޯއެވެ؟ އެބައިމީހުން މާތްﷲގެ ރަސޫލާ ނޫޙް އަލައިހިއްސަލާމް ދޮގުކޮށް އެކަލޭގަފާނު ގެނެސްދެއްވިރިސާލަތާއި 950 އަހަރުވަންދެން އިންކާރުކުރިއެވެ. އެކަމަކު އާޚިރުގައި ކާމިޔާބުލިބުނީ ކޮންބަޔަކަށްތޯއެވެ.؟ ފެނުގެ ހިލަމެއްވެސްނެތް ތަނެއްގައި ބެންނެވި ނައުކޮޅު ހަމަ އެތަނުންމެ މުޢުމިނުތަކުންނާއިގެން ސަލާމަތުގެ އައްސޭރިއަށް މާތްﷲ ގެ ކީރިތި ރަޙްމަތުން ގެންގޮސްދިނެވެ.
ޝައްކެތްނެތްގޮތުގައި އެންމެފަހުން މާތްﷲ ނޫޙްގެފާނަށް ނަޞްރާއި ކާމިޔާބު ދެއްވެވިއެވެ. ކީރިތި ޤުރުއާނުގައި ނޫޙްގެފާނުގެ ވާހަކަ ބާޔާންކޮށްދެއްވުމަށްފަހު މުއުމިނުންނަށް ނަޞްރުލިބިގެންދާނޭގޮތް މާތްﷲ ބަޔާންކޮށްދެއްވާފައިވެއެވެ.
"އެއީ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ވަޙީ ކުރައްވާ ޣައިބުގެ ޚަބަރުތަކުގެތެރެއިން ޚަބަރު ތަކެކެވެ. ކަލޭގެފާނަކަށްވެސް، އަދި ކަލޭގެފާނުގެ ޤައުމުގެ މީހުންނަކަށްވެސް، މީގެ ކުރިޔަކުން އެ ޚަބަރުތައް އެނގިވަޑައިގެންފައެއްނުވެއެވެ. ފަހެ، ކަލޭގެފާނު ކެތްކުރައްވާށެވެ! ހަމަކަށަވަރުން (ހެޔޮ) ނިމުންވަނީ ތަޤްވާވެރިންނަށެވެ" (هُود 49)
އިއްޒަތާއި ޖާޙް ހޯދުމަށް އިންސާނީތާރީޚްގައި އެބައިމީހުންކުރަމުންދިޔަ ބާޠިލް މަސައްކަތްތަކުގައި ޤަދީމީ ގްރީކްމީހުން އެބައިމީހުންނަށް ނަޞްރާއި ކާމިޔާބުހޯދައިދޭނޭ ކަލެއްކަމުގައި އަންހެން ކަލެއްގެ ރަމްޒެއް ކަނޑައެޅިއެވެ. މި ރަމްޒަކީ އެބައިމީހުންގެ ފަންނުވެރި ކުރެހުންތަކުގައި މަޝްހޫރު ރަމްޒަކަށް ވެގެންދިޔައެވެ. އެގޮތުން އެބައިމީހުން އެ ސިފަކޮށްފައިވަނީ ފިޔަގަނޑެއްލާފައިވާ އަންހެނެއްގެ ސިފައިގައެވެ. އަދި އޭނާގެބޮލުގައި ފަތުން ގަތާފައިވާ ތާޖެއްނުވަތަ ފަނުންވިޔެފައިވާ ތާޖެއް އަޅުވާފައިވެއެވެ. އެބައިމީހުން އޭނާއަށް ދީފައިވާ ނަމަކީ "ނައިކީ" އެވެ. މިއަދު އަޅުގަނޑުމެން މުސްލިމުންގެ ތެރެއިން ގިނަބަޔަކަށް އެބައިމީހުންގެ ފައިވާނާއި ބޫޓްތަކާއި ނުވަތަ ދަބަސްފަދަ ތަކެތީގައި ޝިރުކުގެ މިނިޝާން ލިޔެވިފައިވާތަން ފެންނާނެއެވެ. މިއީ ހިތާމަހުރިކަމެކެވެ.
ހަމަކަށަވަރުންވެސް އިސްލާމްދީނުގެ މިމަތިވެރި ހިދާޔަތް ދުވާލާއި ރޭގަނޑު ދައުރުވަމުންދާކޮންމެ ތަނަކަށްމެ ފޯރާނެކަމާއި މިދީނުގެ ހިދާޔަތް ރަޙްމަތާއި މަތިވެރިކަމާއިއެކު ނުވަތަ އެބައިމީހުން ނިކަމެތިކުރާހާލު މާތްﷲ ނުވައްދަވާނޭ އެންމެ ގެއެއްވެސް މިބިންމަތީގައި ނުވާނާކަމަށް މިއުންމަތުގެ މާތްރަސޫލާ މުޙައްމަދު ސައްލަﷲއަލައިހިވަސައްލަމަ ހަދީސްކުރައްވާފައިވެއެވެ. އެއިން ކޮންމެ ކަމެއްވެސް އެބައިމީހުންނަށް ކުރިމަތިވާހުށީ އެބައިމީހުންގެ އިމާންތެރިކަން ނުވަތަ އެބައިމީހުންގެ ކުފުރުގެ ސަބަބުންނެވެ.
މާތްﷲ އެކަލާނގެ ޞާލިޙް އަޅުތަކުންނަށް އެތައް ގޮތަކުން ނަސްރާއި ކާމިޔާބު ދެއްވައެވެ. ބައެއްމީހުންނަށް ކާމިޔާބު ލިބިގެންދަނީ އެބައިމީހުން މާތްﷲގެ މަގުގައި ކުރާ ޖިހާދުގައި ޝަހީދުވުމުގެ ސަބަބުންނެވެ. ކީރިތި ޤުރުއާނުގައި މާތްﷲވަނީ އެކަލާނގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވެގެންދާމީހުންނަކީ މަރުވެފައިވާބައެއްކަމުގައި ނުދެކުމަށް އަންގަވާފައެވެ. އަދި އެބައިމީހުންނަކީ ﷲގެ ހަޟްރަތުގައި ދިރިގެންވާބައެއްކަމުގައި އެކަލާންގެވަނީ އަންގަވާފައެވެ.
އަނެއްބަޔަކަށް އެކަލާނގެ ނަސްރާއި މަތިވެރިކަންދެއްވަނީ އެކަލާނގެ ދީން ފެތުރުމަށް އެބަޔަކުކުރާ މަސައްކަތްތަކުގެ ސަބަބުންނެވެ. ރަސްގެފާނާއި ޒުވާނާގެ ވާހަކައިން ކީރިތި މާތްރަސޫލާ މިކަމުގައިވަނީ އަޅުގަނޑުމެންނަށް މިސާލުދައްކަވާފައެވެ. ރަސްގެފާނު އެޒުވާނާގެ ގަޔަށް ތީރުޖަހާ މަރާލެވުމުގެ ސަބަބަކަށް ވީ އެޒުވާނާގެ ވެރި އަދި އާލަމްތަކުގެ ވެރި ﷲ ސުބުހާނަހޫ ވަތަޢާލާގެ އިސްމުފުޅުގެ މަތިން އެ ތީރު އެއްލުމުންނެވެ. އެކަމުގެ ބަދަލެއްގެ ގޮތުގައި އެކުއްޖާ ޝަހީދުވިނަމަވެސް އެ ސަހަރުގެ ހުރިހާ އެންމެންވަނީ އެކުއްޖާގެ ވެރި އަދި އާލަމްތަކުގެވެރި އިލާހަށް އީމާންވެފައެވެ. ތިމާގެ އީމާންކަން ފުރިހަމަގޮތުގައި ﷲއަށް ޚާލިސް ކުރެވިއްޖެނަމަ އޭގެބަދަލު އެތަކެއްގޮތްގޮތުން ތިމާއަށް ލިބިގެންދާނެއެވެ. އަދި ތިމާގެ އީމާންތެރިކަން ފުރިހަމަވެގެންދިއުމަށް އެތަކެއް ހެކިތަކާއި އިމްތިޚާންތަކެއް ތިމާއަށް ކުރިމަތިވެގެންދާނެއެވެ.
ސަފާ ފަރުބަދަމަތީގައި އިސްލާމީ ހިދާޔަތުގެ ދަޢުވަތު މިއުންމަތުގެ މާތް ނަބިއްޔާ ފެއްޓެވި ހާދިސާއަށް ވިސްނަވާލައްވާށެވެ. މާތް ނަބިއްޔާ އެންމެހާ މީސްތަކުންނަށް އިސްލާމީހިދާޔަތާއި އެއްކައުވަންތަ މަތިވެރި އިލާޙްގެ ވާހަކަތަކާއި ޤިޔާމަތްދުވަހުގެ ބިރުވެރިކަމުގެ ޚަބަރު ދެއްވިހިނދު ޚުދު އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫޖަހުލު އެނބުރި ފުރަގަސްދިނުމަށްފަހު އެކަލޭގެފާނަށް މަލާމާތްރައްދުކޮށް ޖަވާބުދިނީ ކިހިނެތްތޯއެވެ. އޭނާބުނިކަމުގައި ވިއެވެ. ކަލޭގެފާނަށް ހަލާކުހުއްޓެވެ. އަހަރުމެން އެއްކުރީ މިވާހަކަތަށް ދައްކަންހެއްޔެވެ؟" އެހިނދު އަބޫޖަހުލާއެކު އެތަނަށްއެއްވެތިބި ގިނަބަޔަކު މައިދާންދޫކޮށްދިޔައީ އިތުރު އެކަލޭގެފާނު ގިނިކަންޔާ ދޫކުރައްވާފައެވެ. ނަމަވެސް އޭގެ 20 އަހަރުފަހުން ހައްޖަތުލް ވަދާޢުގެ ވަދާއީ ހުތުބާގައި ހަމަ އެފަރުބަދަމަތީ އެކަލޭގެފާނު އެކަލޭގެފާނުގެ އުންމަތާއި މުހާތަބުކުރެއްވިއިރު މާތްﷲ ވަޢުދުވެ ވޮޑިގެންނެވި ނަޞްރުވަނީ އެކަލޭގެފާނަށް ލިބިވަޑައިގެންފައެވެ. މުޅިމައްކާވަނީ އެކަލޭގެފާނުގެ ހައްޤު ހިދާޔަތަށް އީމާންވެފައެވެ. މުޅިބިން ފުރިފައިވަނީ އެކަލޭގެފާނުގެ ކޮންމެ ގޮވާލުމަކަށް ފުރިހަމައަށް ބޯލެނބުމަށް ތައްޔާރަށްތިބި ޞާލިޙް މުސްލިމުންގެ ސަފުތަކުންނެވެ. އެހިނދު އެކަލޭގެފާނު ސަފާފަރުބަދަ މަތީ ހުންނަވާ މާތްﷲގެ ހުރުމަތްތެރިވެގެންވާ ކައުބާއާއި ކުރިމަތިލައްވާ ވިދާޅުވިއެވެ. "ﷲ މެނުވީ އިލާހަކު ނުވެއެވެ. އެކަލާންގެ ވަޢުދުފުޅު އެކަލާނގެވަނީ ހައްޤުގޮތުގައި ފުއްދަވައިދެއްވާފައެވެ. އެކަލާނގެ ޞާލިޙް އަޅުތަކުންނަށް ކާމިޔާބާއި ނަޟްރާއި މަތިވެރިކަން ދެއްވިއެވެ. އަދި އެކަލާނގެއަށް އުރެދުނު މީހުން އެކަލާނގެ ނިކަމެތިކޮށް ބަލިކުރެއްވިއެވެ.
(ނޯޓް: މި ލިޔުމަކީ މުޙައްމަދު އައްޝަރީފްގެ ހުތުބާއެއްގެ ދިވެހިތަރުޖަމާއެކެވެ. މުޙައްމަދު އައްޝަރީފްއަކީ މަދިނާގެ އިސްލާމިކް ޔުނިވަރސިޓީން ދީނީ ތަޢުލީމް ހާޞިލްކުރައްވާފައިވާ ލުބުނާނަށް އުފަން ދީނީ ޢިލްމުވެރިއެކެވެ.)

1 comment: