}

Sunday, November 1, 2009

ޤުރުއާނުގެ ވާހަކަތަކުން:



އަޅުވެރި ބަރްސީސާއާއި ޝައިޠާނާ


كَمَثَلِ الشَّيْطَانِ إِذْ قَالَ لِلإِنْسَانِ اكْفُرْ فَلَمَّا كَفَرَ قَالَ إِنِّي بَرِيءٌ مِنْكَ إِنِّي أَخَافُ اللَّهَ رَبَّ الْعَالَمِينَ (16)
فَكَانَ عَاقِبَتَهُمَا أَنَّهُمَا فِي النَّارِ خَالِدَيْنِ فِيهَا وَذَلِكَ جَزَاءُ الظَّالِمِينَ (17)

"ޝައިޠާނާގެ މިސާލުގައެވެ. އެކަލޭގެ އިންސާނާއަށް ކާފިރު ވާށޭ ބުނިހިނދެވެ. ފަހެ، އެ އިންސާނާ ކާފިރުވީހިނދު ޝައިޠާނާ ބުންޏެވެ. ހަމަކަށަވަރުން، ތިމަންވަނީ، ތިބާގެ ކިބައިން ބަރީއަވެގެންނެވެ. ހަމަކަށަވަރުން، ޢާލަމްތަކުގެވެރި ﷲ އަށް ތިމަން ބިރުގަނެތެވެ.
އެ ދެމީހުންގެ ނިމުމެއް ކަމުގައިވާނީ. އެ ދެމީހުން ނަރަކައަށް ވަނުމެވެ. އެތާނގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އަދި އެއީ އަނިޔާވެރިންގެ ޖަޒާއެވެ." (الحَشر 16-17)


އިބްނު ޖަރީރް ވިދާޅުވިއެވެ. އިސްވެ ލިޔެވުނު ކީރިތި ޤުރުއާނުގެ الحَشر ސޫރަތުގެ ދެ އާޔަތް އަބްދުﷲ އިބްނު މަސްޢޫދު ތަފްޞީރު ކޮށްދެއްވާފައިވެއެވެ.

އިބްނު މަސްޢޫދު (ރަޙިމުﷲ) ވިދާޅުވިއެވެ:

އެއްދުވަސްވަރެއްގައި ބަކައްޓާއި ކަންބަޅި ބަކަރި ހުއިހައްޕާ އަންހެނަކު ދިރިއުޅުނެވެ. އޭނާގެ ހަތަރު ބޭބެއިން ތިބެއެވެ. އެ އަންހެންމީހާ ދިރިއުޅެމުންދަނީ ވަކިން ހުރި މިސްކިތެއްފަދަ ތަނެއްގައިވާ ކުޑަ ކޮޓަރިއެއްގައެވެ. އެތަނުގެ ފާދިރީ ނުވަތަ އަޅުވެރި އިމާމް ޝައިޠާނާގެ އަވާގައިޖެހި ހެއްލިގެން އެ އަންހެންމީހާއާއި އެކު ޒިނޭކޮށްފިއެވެ. އަދި އެހިނދެ ޝައިޠާނާ އަނެއްކާވެސް އޭނާގެ ގާތައް އައިސް އެ އަންހެންމީހާ މަރާލުމަށް ވަސްވާސްދިނެވެ. (ޝައިޠާނާ ބުންޏެވެ. "އެ ނިކަމެތި އަންހެންމީހާއަށްޓަކައި ކަލޭގެ އަބުރާއި އިއްޒަތް ނަގާނުލާށެވެ. އެކަމަކު އޭނާ މަރާލުމަށްފަހު ވަޅުލާށެެވެ.)
ޝައިޠާނާގެ ވަސްވާހަށް ހެއްލި އޭނާ އެ އަންހެންމީހާ މަރާލުމަށްފަހު ވަޅުލިއެވެ.
އެހިނދު ޝައިޠާނާ އެ އަންހެން މީހާގެ ބޭބެއިން ނިދާފާވަނިކޮށް އެބައިމީހުންގެ ގާތައް ހުވަފެނުގައިގޮސް ބުންޏެވެ. ޞާލިޙް އަޅުވެރި ބަރްސީސް ކަލޭމެންގެ ކޮށްކޮއާއި އެކު ޒިނޭކޮށްފިއެވެ. އަދި އޭނާ ބަނޑުބޮޑުވުމުން އޭނާ މަރާލުމަށްފަހު މިވެނި އެވެނިތަނެއްގައި ވަޅުލައިފިއެވެ.
ހެނދުނުވުމުން އޭގެތެރެއިން އެކަކު ބުންޏެވެ. ﷲ ގަންދީ ބުނަމެވެ. ރޭގައި އަހަރެންނަށް ހުވަފެނެއް ފެނުނެވެ. އަހަރެން ކަލޭމެންނަށް އޭގެ ޚަބަރުތައް ކިޔައިދޭންވީކަމެއް ނުވަތަ ނޫންކަމެއް ނޭންގެއެވެ. އެމީހުން ބުންޏެވެ. ތިޔަވާހަކަ ކިޔައިދޭށެވެ. އޭނާ ހުވަފެނުގައި އޭނާއަށް ފެނުނު ފަދައިން އެވާހަކަ ކިޔައިދިނެވެ. އޭގެ ތެރެއިން އެކަކު ބުންޏެވެ. ﷲ ގަންދީ ބުނަމެވެ. އަހަރެންނަށްވެސް ހަމަ އެފަދައިން ހުވަފެނުގައި ފެނުނުވެ. އަނެއް ބޭބެވެސް ހަމަ އެފަދައިން ބުންޏެވެ. އަދި ހަތަރުވަނަ ބޭބެވެސް ހަމަ އެހުވަފެން އޭނާއަށް ފެނުނުކަމުގައި ބުނެފިއެވެ.
މި ސަބަބާހުރެ މިކަމުގައި ހަޤީޤަތެއް ވާނޭކަމަށް ތިންމީހުންނަށްވެސް ޤަބޫލުކުރެވުނެވެ. އަދި މި މައްސަލައާއިގެން ރަސްގެފާނުގެ ގާތައް ދިޔައެވެ. ރަސްގެފާނު އޭނާގެ ސިފައިން ފޮނުވައިގެން އަކަމުގެ ހަޤީޤަތް ހޯދާ ބަރްސީސް ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްގެން ބަރްސީސް ގެންދެވުނު މަގުމަތީގައި އަނެއްކާވެސް ޝައިޠާނާ އޭނާގެ ގާތައް އައިސް ވަސްވާސްދިނެވެ. ޝައިޠާނާ އޭނާގެ ކަންފަތް ބުޑުގައި ބުންޏެވެ. ކަލެއަށް ވަސްވާސްދީ ތިޔަ ހާލުޖެއްސީ އަހަރެންނެވެ. އަދި އަހަރެން ފިޔަވައި އެހެންމީހަކަށް ކަލޭތިޔަކަމުން ސަލާމަތްކޮށެއް ނުދެވޭނެއެވެ. ކަލޭ އެންމެފަހަރަކު އަހަރެންގެ ކުރިމަތީގައި އަހަރެންނަށް ސަޖިދަކުރާށެވެ. އޭރުން އަހަރެން ކަލޭ ތިޔަކަމުން ސަލާމަތްކޮށްދޭނަމެވެ. އެހިނދު، އޭނާ ޝައިޠާނާގެ އެދުންފުއްދައިދީ ޝައިޠާނާއަށް ސަޖިދަކޮށްފިއެވެ. އެންމެފަހުން އޭނާ ރަސްގެފާނުގެ ކުރިމަށްޗަށް ހާޟިރުކުރެވުމުން ޝައިޠާނާ ބުންޏެވެ. ކަލޭގެ އަމަލުތަކުން އަހަރެންވަނީ ބަރީއަވެގެންނެވެ. އަދި އެންމެ ފަހުން ރަސްގެފާނުގެ އަމުރުފުޅަށް އޭނާ ގަޠުލުކުރެވިއްޖެއެވެ.
ހަމަ މިވާހަކަ އެހެން އިބާރާތަކުން މުޢުމިނުންގެ އިމާމް އަލީ ބިން އަބީޠާލިބްވެސް ރިވާކުރައްވާފައިވެއެވެ.
އިބްނު ޖަރީރް ވިދާޅުވިއެވެ. އަބްދުﷲ އިބްނު ނާހިކުގެ ކިބައިން، އަބޫ އިސްހާޤްގެ ކިބައިން، ޝުއްބާޙްގެ ކިބައިން، އަބްދުﷲ އިބްނު ނާހިކު ރިވާކުރެއްވިކަމަށް ޚާއްލާދު އިބްނު އަސްލަމް ވިދާޅުވިއެވެ. އަލީގެފާނު ވިދާޅުވަނިކޮށް ތިމަން އަޑުއެއްސެވީމެވެ.
"ޞާލިޙް އަޅުވެރި އިމާމަކު 60 އަހަރު ވަންދެން ހަމައެކަނި މާތްﷲ އަށް އަޅުކަންކުރަމުން ދިޔައެވެ. ޝައިޠާނާ އޭނާ ހައްލާލުމަށް އެކި ގޮތްގޮތުން މަސައްކަތްކުރަމުން ދިޔައެވެ. ނަމަވެސް އޭނާއަށް ކާމިޔާބުވާގޮތެއް ނުވިއެވެ. އެންމެފަހުން ޝައިތާނާ އަންހެނެއްގެ ގާތައްގޮސް މި ނުބައި ރޭވުމާއިގެން އޭނާ ހައްލާލުމަށް އޭނާ ރުޅިއަރުވާ މޮޔަކޮށްލިއެވެ. މި އަންހެންމީހާގެ ބޭބެއިންތަކެއް ވެއެވެ. ޝައިޠާނާ ދެން އޭނާގެ ނުބައި ރޭވުމައިގެން އެ ބޭބެއިންގެ ގާތައްގޮސް އެ އަންހެން މީހާއަށް ފަރުވާކުރުމަށް އެ ޞާލިޙް އަޅުވެރިޔާގެ ގާތައް ގެންދިއުމަށް ވަސްވާސްދިނެވެ.
އެމީހުން އެ އަންހެންމީހާ ގޮވައިގެން ފަރުވާކުރުމަށް އެ އަޅުވެރިޔާގެ ގާތައް ގެންދިއުމުން އޭނާ އެ އަންހެންމީހާއަށް ފަރުވާކޮށްދިނެވެ. އަދި ދުވަސްކޮޅަކު އޭނަގެ ގޭގައިހުރި ވަކިކޮޓަރިއެއްގައި އެއަންހެންމީހާ ބެހެއްޓިއެވެ. އެހެން ހުންނަނިކޮށް މި އަޅުވެރިޔާ އެ އަންހެންމީހާއާއި ގާތްގުޅުމެއްއުފެދި އޭނާއާއިއެކު ޒިނޭކުރުުމުގެ ސަބަބުން އޭނާ ބަނޑުބޮޑުވެއްޖެއެވެ. ނަތީޖާއެއްގެގޮތުން އޭނާގެ މި ކުށް ފޮރުވުމުގެގޮތުން އެ އަންހެންމީހާ މަރާލައިފިއެވެ. ނަމަވެސް އެ އަންހެންމީހާގެ ބޭބެއިންނަށް މި ޚަބަރު ލިބިއްޖެއެވެ. އަނެއްކާވެސް ޝައިޠާނާ އެ އަޅުވެރިޔާގެ ގާތައް އައިސް ވަސްވާސްދޭންފެށިއެވެ. ޝައިޠާނާ ބުންޏެވެ. އަހަރެންމީ ކަލޭގެ ރަޙްމަތްތެރިއެކެވެ. އަހަރެން ކަލެއަށް މަގުދައްކައިދިނީ ކަލޭ ހަލާކުކޮށްލާކަށްނޫނެވެ. ވީމާ އަހަރެންނަށް ކަލޭ އިތުބާރުކުރާށެވެ. އޭރުން އަހަރެން ކަލޭ ސަލާމަތްކޮށްދޭނަމެވެ. އަދި ބުންޏެވެ. ކަލޭ އަހަރެންނަށް ސަޖިދަ ކުރާށެވެ. އޭރުން އަހެރެން ކަލޭ ތިޔަކަމުން ސަލާމަތްކޮށްދޭނަމެވެ. އެހިނދު އަޅުވެރިޔާ ޝައިޠާނާއަށް ސަޖިދަކޮށްފިއެވެ. ޝައިޠާނާ ބުންޏެވެ.: {" ހަމަކަށަވަރުން، ތިމަންވަނީ، ތިބާގެ ކިބައިން ބަރީއަވެގެންނެވެ. ހަމަކަށަވަރުން، ޢާލަމްތަކުގެވެރި ﷲ އަށް ތިމަން ބިރުގަނެތެވެ." – (الحَشر 16)} މިއީ ﷲ الحَشر ސޫރަތުގެ 16 އަދި 17 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވާ ވާހަކައިގެ ތަފްޞީރެވެ."

އިސްވެދެންނެވުނު ބަރްސީސާގެ ވާހަކަ ބައެއްބޭފުޅުން ތަފާތު އިބާރާތްތަކުން ލިއުއްވާފައިވެއެވެ. އެގޮތުން ބައެއް ބޭފުޅުން ބަރުސީސާ އެ ބަކަރި ހުއިހައްޕާ އަންހެންމީހާއާއިއެކު އެނުބައި އަމަލުކުރުމަށް މަގުފަހިވީގޮތުގެ ވާހަކަވެސް ބަޔާންކޮށްފައިވެއެވެ. އެގޮތުން ބަޔާންކުރެވިފައިވެއެވެ:
"ބަރްސީސާ ދިރިއުޅޭބަޔާއި ވަކިން ހަދާފައިވާ ކޮޓަރިއެއްގައި އެ އަންހެންމީހާ ހުރިހުރުމުގައި އޭނާއަށް ކާންދިނުމަށްޓަކައި ބަރުސީސާ އޭނާގެ ގޭގެ އޮޅިގަނޑުމަތީގައި ކާތަކެތި ބަހައްޓައެވެ. އަދި އެއަންހެންމީހާ އައިސް އެތަކެތި ގެންގޮސްގެން ކައިހަދައެވެ. ނަމަވެސް މިހެން ދުވަސްކޮޅަކު ކަންތައް ހިނގަނިކޮށް ޝައިޠާނާ ބަރްސީސާގެ ގާތަށްގޮސް އެގޮތަށް ކަންތައްކުރުމުން އެ އަންހެންމީހާ އެހެން މީހުންނަށްފެނި ނުބައިކަމެއް ހިނގާފާނެކަމުގެ ވަސްވާސްދިނެވެ. އަދި ބަރްސީސާގެ ގޭގެ ދޮށުގައި ކާތަކެތި ބެހެއްޓުމުގެ ބަދަލުގައި އެ އަންހެންމީހާގެ ގޭގެ ކުރިމަތީގައި ތަކެތި ބެހެއްޓުމަށް ވަސްވާސްދީ ހައްލުވާލިއެވެ. އެންމެފަހުން ބަރްސީސާ އެގޮތުގައި ދުވަސްކޮޅެއްވަންދެއް ކަންތައްކުރަނިކޮށް އަނެއްކާވެސް ޝައިޠާނާ އޭނާގެ ގާތަށް އައިސް ބުންޏެވެ. މިހާރުވެސް ބޭރުން އަންނަބަޔަކަށް އެކަނބުލޭގެ ފެނި އެކަނބުލޭގެ ރީތިކަން އެނގި ނުބައިކަމަކަށް މަގުފަހިވެދާނެއެވެ. ވީމާ އެކަނބުލޭގެ އެގޮތުގައި ވުމަށް ދޫނުކުރާށެވެ. އޭގެބަދަލުގައި ކާތަކެތި ގޭތެރެއަށް ވައްދާދޭށެވެ. ބަރްސީސާއަށްވެސް މިއީ ރަނގަޅުކަމެއްކަމުގައި ޤަބޫލުކުރެވުނެވެ. އެހެންކަމުން ކާތަކެތި ބޭރުގައި ބެހެއްޓުމުގެ ބަދަލުގައި ދޮރުގައި ޓަކިދީ އަންހެންމީހާ ދޮރުހުޅުވުމުން އެތެރޭގައި ކާތަކެތި ބަހައްޓަން ފަށައިފިއެވެ. މިގޮތުގައިވެސް ދުވަސްތަކެއް ވުމަށްފަހު ޝައިޠާނާ އަނެއްކާވެސް ބަރްސީސާގެ ގާތަށް ގޮސް ބުންޏެވެ. އެކަނބުލޭގެ އެކަނިމާއެކަނި އެހެން އިންނަން ދޫކޮށްލަނީތޯއެވެ. އެހެން އިންނަންވެއްޖެނަމަ އެކަނބުލޭގެ ފޫހިވެ ނުބައިކަމެއްކުރުމަށް ޝައުޤުވެރިކުރުވާފާނެއެވެ. ބޭރުގައި ހުރެގެން ކުޑަކޮށް އެކަނބުލޭގެއާ ވާހަކަ ދައްކާލިއަސް އެންމެ ރަނގަޅުވާނޭ ނޫންހޭބުނެ ވަސްވާސްދިނެވެ. ބަރްސީސާއަށްވެސް އެކަން ރަނގަޅުކަމެއްކަމުގައި ފެނި ކުޑަކޮށް އެކަނބުލޭގެއާއި ބޭރުގައި ހުރެގެން ވާހަކަދައްކާ ހަދަންފަށައިފިއެވެ. މިގޮތުގައި ދުވަސްކޮޅެއް ވީތަނާ ޝައިޠާނާ އަނެއްކާވެސް ބާރްސީސާ ގާތައް އައިސް ބުންޏެވެ. ތިޔަގޮތަށް ބޭރުގައި ހުއްޓާ މީހަކަށްފެނިއްޖެނަމަ ކަލޭގެފާނު ބޭޒާރުވެދާނެއެވެ. އެތެރޭގައި ދުރުގައި ތިބެގެން ވާހަކަ ދައްކާލިއަސް އެންމެ ރަނގަޅުވާނޭ ނޫންހެއްޔެވެ. ޝައިޠާނާގެ މި ނުބައި ވަސްވާހުގައިވެސް ބަރްސީސާ ރަނގަޅަށް ޖެހިއްޖެއެވެ. އަދި އެންމެފަހުން އެ އަންހެންމީހާއާއި އެކު އުފެދެމުން އައިގުޅުން ވަރުގަދަވެ ބަދަހިވެ، ފާހިޝް ޢަމަލުކުރުމަށް މަގު ފަހިވެގެން ދިޔައީއެވެ."


އިސްވެދިޔަ އާޔަތުގެ ތަފްޞީރުގައި ބަޔާންވެގެންދިޔަ ވާހަކައިންވެސް ޝައިޠާނާ އޭނާގެ މަޅީގައި އިންސާނާ ޖައްސަމުންދާ ކެހިވެރި ރޭވުންތެރިކަމުގެ މިސާލެއް ބަޔާންވެގެން ހިނގައްޖެއެވެ. ﷲ އަށް ހަމްދުހުއްޓެވެ. އެކަލާނގެ ޝައިޠާނާގެ އަމަލުތަކުން ރައްކާތެރިކަންދެއްވުމަށް އިންސާނާއަށް އެތަކެއް މަގުތަކެއް ދައްކަވާފައިވެއެވެ. މި ހުރިހާ މަގުތަކެއް ލިބިވާހިނދުވެސް އަޅުގަނޑުމެންގެ އީމާންތެރިކަމުގެ ބަލިކަށިކަމުން ޝައިޠާނާ އޭނާގެ މަޅީގައި އިންސާނުންގެންދަނީ ޖައްސަމުންނެވެ. އީމާންތެރިކަމަކީވެސް އަބަދަކު އެއްމިންވަރެއްގައި ހުންނަ އެއްޗެއްނޫނެވެ. އީމާންތެރިކަމަކީވެސް އިތުރުވެ ދައްވާ އެއްޗެކެވެ. އެހެންކަމުން އީމާންތެރިކަން ދަށްވެގެންދާ ވަގުތުތަކަށް އަޅުގަނޑުމެން ރައްކާތެރިވާންޖެހެއެވެ. އެފަދަ ވަގުތުތަކުގައި ޝައިޠާނާގެ ވަސްވާސްތަކަށް ފުރުޞަތުނުދީ ﷲގެ ތަނަވަސް ރަޙްމަތުން ރައްކާތެރިކަން އެދެންޖެހޭނެއެވެ.
އިސްވެ ދިޔަ ވާހަކައިގައިވެސް ޝައިޠާނާ އޭނާގެ ކެހިވެރިކަމުގައި ޖައްސާފައިވަނީ އެތަކެއް އަހަރުތަކެއް ވަންދެން މާތް ﷲ އަށް ތެދުވެރިކަމާއެކު އަޅުކަންކުރަމުންއައި ޞާލިޙް އަޅުވެރިއެކެވެ. އެއިން ދޭހަވަނީ ކިތަންމެ ޞާލިޙް އަޅުވެރިއެއް ނަމަވެސް ތަޤުވާގެ އައްޑަނަ ތިރިކޮށްލައިފިނަމަ ޝައިޠާނާ އެސޮރުގެ މަސައްކަތުގައި އެމީހެއްގެ މައްޗަށް ކުރިހޯދާނެކަމެވެ. ކޮންމެ ވަގުތެއްގައިވެސް ﷲ އަށް ފުރިހަމަގޮތުގައި ތަޤުވާވެރިވެ އެކަލާނގެ އަށް ބިރުވެތިވާބައެއް ކަމުގައި އަޅުގަނޑުމެން ވާންޖެހެއެވެ. އަދި ޝައިޠާނާގެ ކިބައިން އެކަލާނގެ ހަޟްރަތުން ރައްކާތެރިކަމަށް އެދެންޖެހޭނެއެވެ.

يَاأَيُّهَا النَّاسُ اتَّقُوا رَبَّكُمْ وَاخْشَوْا يَوْمًا لاَ يَجْزِي وَالِدٌ عَنْ وَلَدِهِ وَلاَ مَوْلُودٌ هُوَ جَازٍ عَنْ وَالِدِهِ شَيْئًا إِنَّ وَعْدَ اللَّهِ حَقٌّ فَلاَ تَغُرَّنَّكُمُ الْحَيَاةُ الدُّنْيَا وَلاَ يَغُرَّنَّكُمْ بِاللَّهِ الْغَرُورُ

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! އަދި އެދުވަހުގައި ބަފަޔަކަށް ދަރިޔެއްގެ މަތިން ކަމެއް ފުއްދައެއް ނުދެވޭނޭ، އަދި ދަރިޔަކަށްވެސް ބަފަޔަކަށް ކަމެއް ފުއްދައެއް ނުދެވޭނޭ ދުވަހަކަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! ހަމަކަށަވަރުން، ﷲ ގެ ވަޢުދު ފުޅަކީ ހައްޤު ތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! އަދި މަކަރުވެރި ޝައިޠާނާ، ތިޔަބައިމީހުން ﷲ އާމެދު ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ!" (لقمَان 22)

No comments: